ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ ރަށުގެ ގިރާ ސަރައްހަދު ހިމާޔަތްކުރުމާއި، ކުނި ކޮށީގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅިގެންދާއިރު ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފައްޓަވައިދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ. ހަމައެއާއިއެކު ސްކޫލުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތް އަވަހަށް ނިންމަވައިދެއްވައި 24 ގައިޑިއިރު ޚިދުމަތްދޭ ތަނަކަށް ޞިއްޙީ މަރުކަޒު ބަދަލުކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. އަދި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށްވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.