އަތުން ހިފޭ ތަރައްޤީ ހޯދާއިރު، އަތުން ނުހިފޭ ތަރައްޤީއަށްވެސް އެވަރުގެ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާ، އެއީ އަޅުގަނޑުމެންގެ އުޅުމާއި، ގުޅުމާއި، އަޚްލާޤުގެ ތަރައްޤީކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހަށް އިޝާރާތްކުރައްވަމުންނެވެ.
ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ވޭމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމް ދީން ނެގެހެއްޓުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމާއި، އެކަންކަން ހާސިލުކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިއަދަކީ ރާއްޖެ އިސްލާމްވީތާ 899 އަހަރު ފުރުނު ދުވަސްކަން ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ ދުވަސްތަކުގައި އެކުވެރި، އެއްބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އުޅެވިފައި އޮތީ އިސްލާމްދީނުގެ ސަބަބުންކަން ހަނދާންކޮށްދެއްވާފައެވެ. އެހެންކަމުން ކާބަފައިންނާ އަބުޠާލުންގެ ޖިހާދުން އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދީފައިވާ އިސްލާމްދީން، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޢަޒުމަކަށް ހަދަންޖެހޭކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަން ވާންއޮތީ އަޅުގަނޑުމެންގެ ސިކުނޑިތައް ހެޔޮގޮތުގައި ތަރައްޤީކޮށްގެންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްޤީގެ ލިސްޓުގައި ހުރި ކިތަންމެކަމެއްވެސް ކުރެވިދާނެކަމަށާ، ނަމަވެސް އަޅުގަނޑުމެންގެ އަމިއްލަ ވިސްނުން ހެޔޮގޮތުގައި ބައްޓަންނުކުރާކަމުގައިވާނަމަ އެކަމުގެ ބޭނުމެއް ނެތްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަޅުގަނޑުމެންގެ ހިތާ ސިކުނޑީގައި އިސްލާމްދީނުގެ ބިންވަޅު ނެގެންޖެހޭ ކަމަށާ، މި ޤައުމަށް ލިބިފައިވާ އެންމެ ބޮޑު ފަޚްރަކީ އިސްލާމްދީންކަމުގައި ޤަބޫލުކޮށް، އިސްލާމްދީނަށް ނަސްރުދީ، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމަށް ޢަޒުމުކަނޑައެޅުމަށް އިލްތިމާސްކުރައްވާފައެވެ.
ހަމަމިއާއެކު، އިސްލާމްދީނަށް ނަސްރުދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުގައި ފާހަގަކުރެއްވިއެވެ. މިރޮނގުން، ރައްޔިތުންގެ އެއްބާރުލުމާއެކު ފަޚްރުވެރި ގިނަ މަސައްކަތްތަކެއް، މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެއްވިފައިވާކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. ޒަމާނަށް ފެތޭގޮތަށް، ވަރުގަދައަށް އިސްލާމްދީން އުނގަންނައިދެއްވަން ބޭނުންފުޅުވާކަމަށާ، އެގޮތުން އިސްލާމީ ޔުނިވަރސިޓީގެ ގޮފިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވި، ޤުރުއާންގެ ދާއިރާ ކުރިއެރުވުމަށްޓަކައިވެސް މިމޭރުމުން މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ދިވެހި ޤައުމު، އިސްލާމްދީން މަތީ ތާއަބަދުމެލެހެއްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.