ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު ވޭމަންޑޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. މި ގޮތުން ކައުންސިލުން ވަނީ ރަށުގައި ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، މިހާރު ރަށުގައި ހިނގަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ. ހަމައެއާއިއެކު މިސްކިތުގެ މަސައްކަތް އަވަސް ކޮށްދެއްވައި، ރަށުގެ މަގުތަކުގެ މައްސަލަ ހައްލުކޮށްދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ. އަދި ސްކޫލުގެ ފަރާތުންވަނީ، ސުކޫލުގެ ޖާގައިގެ މައްސަލައާއި، ކުޅިވަރު ކުޅޭނެ ރަނގަޅު ވަސީލަތްތައް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.