بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވަންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ވަޑައިގެން ތިއްބެވި ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން އަޑުއައްސަވާ، ބައްލަވާ، ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، މި ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން ވަންދޫގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން މިއަދު މިތާ މި ސޮއިކުރި އެއްބަސްވުމަކީ، ހަމަ ޔަޤީނުންވެސް ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ، އުމްރާނީ ތަރައްޤީގެ މަސައްކަތެއް ކުރަން ސޮއިކުރެވުނު އެއްބަސްވުމެއް. އާދެ، ބަނދަރުގެ މަސައްކަތް މި ރަށުގެ ތަރައްޤީއަށް ވަރަށް ބޮޑަށް ބޭނުން.

ހަމައެއާއެކީގައި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ހިންގަންޖެހިފައިވާ މަޝްރޫޢުވެސް އެހާ މުހިންމު. އެހެންވީމާ، މިދެ މައްސަލަ އެކީގައި ހައްލުކުރުމަށްޓަކައި، އަޅުގަނޑުމެން މިއަދު މި ސޮއިކުރީ. އާދެ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޢަމަލީގޮތުން މަސައްކަތް ފެށި، ވަރަށް ހަލުވި ދުވެލީގައި ގެންގޮސް، މިދެ މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަން.

މި ރަށުގައި މިއަދު އަޅުގަނޑުމެން ބައެއް އެހެން ކަންތައްތައްވެސް ފަށައިފިން. މިއިން ކޮންމެ ކަމަކީވެސް ހަމަ ޔަޤީނުންވެސް، ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން. ކައުންސިލްގެ އިމާރާތަކީ، ކައުންސިލުން ޚިދުމަތް ދިނުމުގައި ބޭނުންކުރާ އޮފީސް. އެތަނުގެ ހާލަތު ހުރިގޮތުން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ވަރަށް އުނދަގޫ ތަނަކަށްވެފައި ވަނީ. ރާއްޖޭގައި ވަރަށް ގިނަ ރަށުގެ ކައުންސިލްތައް ހުރީ މި ހާލަތުގައި. އޮފީސްތައް ހުރީ. އަޅުގަނޑުމެން މިހާރު ދެ ޕްރޮގްރާމަކަށް ބަހާލައިގެން، ރާއްޖޭގެ 105 ކައުންސިލެއްގެ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން، މިހާރު މިއޮތީ ފެށިފައި. އެއް ޕްރޮޖެކްޓުގައި، 55 ރަށުގެ ކައުންސިލް އިމާރާތް މި އެޅެނީ. އޭގެތެރެއިން، މި ރަށުގައި މި އެޅެނީ. އަދި، 50 ރަށުގެ ކައުންސިލް އިމާރާތް، ޗައިނާގެ ހިލޭ އެހީގެ ދަށުން، އެޅުންވެސް އެކި މަރުޙަލާތަކުގައި އެބަ ކުރިއަށްދޭ. އޭގެ ދަށުން ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމެއް އެއީ.

ހަމައެއާއެކީގައި، ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒަކީވެސް ޒުވާނުންނަށް އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް، ވަރަށް ބޮޑު ފައިދާއެއް ވާނެ ތަނެއް. އެތަން އެޅުމުގެ މަސައްކަތް، ތަން ކްލިއަރ ކުރެވުނީމަ، ރުއްގަސް ސާފުކުރެވި، ސައިޓް ކްލިއަރ ވީހާ އަވަހަކަށް، ޢަމަލީގޮތުން ފެށޭނެ.

ހަމައެއާއެކީގައި، އޭ.ޓީ.އެމް.އަކީ، ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަ ލިބިގެންދާނެ ކަމެއް. އަތުންދާ ވަރަށް ބޮޑު ޚަރަދެއް ސަލާމަތްވެ، ހޭދަވާ ވަރަށް ގިނަ ވަގުތެއް، ވަރަށް ބޮޑު ތަކުލީފެއް، ލުއިވެގެންދާނެ ކަމެއް.

އާދެ، މީގެއިތުރަށްވެސް، އަޅުގަނޑު ފާހަގަކޮށްލަން ހުރި ކަންކަން އެބަހުރި. ދެންމެ އަޅުގަނޑުމެން މި ހަވާލުކުރި ރަށަކީ، އިޤްތިޞާދީ ފުދުންތެރިކަން، ނޫނީވިއްޔާ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް، ކައުންސިލާ ހަވާލުކުރި ރަށެއް. އެހެންވީމާ، އެ ރަށުގެ ބޭނުން އެގްރީމަންޓުގައި ވާގޮތަށް ކުރީމަ، ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ވާނެ. އަދި މި އެގްރީމަންޓް އިތުރަށް ތަރައްޤީކޮށް، ނޫނީ އެއަށް އިތުރު ލުއި ބަދަލުތައް، ރަނގަޅު ހެޔޮ ބަދަލުތައް ގެނެވެން އޮތްތޯ ބަލައި، އިތުރު ފައިދާތައްވެސް، އެ ރަށުގެ ބޭނުންކޮށްގެން ހިފޭނެގޮތްތައް އޮތްތޯ އަޅުގަނޑުމެން ބަލާނަން. އެހެންވީމާ، އެއީވެސް އަޅުގަނޑު ހިތުން، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް، ކައުންސިލާ ހަވާލުކުރެވިގެންދިޔަ މުހިންމު ތަނެއް. އާދެ، މީގެތެރޭގައި، އެކި ފަރާތްތަކަށް ކުއްޔަށްދެވޭނެ ޖާގަ އިތުރުކުރުމާ، މިފަދަ ކަންކަންވެސް، ވީ އެންމެ ރަނގަޅަކަށް، އެއަށް ގެނެވޭނެ ހެޔޮ ބަދަލުތަކެއް ހުރިތޯ އަޅުގަނޑުމެން ބަލާނެ ވާހަކަ ދަންނަވަން.

އާދެ އޭގެއިތުރަށް، ހިނގަމުންދާ ބައެއް މަޝްރޫޢުތައްވެސް، ވީ އެންމެ އަވަހަކަށް ނިންމުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރިއަށް ގެންދަން. މިސްކިތުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، އެދާގޮތަށް ވަރަށް ރަނގަޅަށް ގެންގޮސް، މިހާރު އަޅުގަނޑުމެންނަށް އަންދާޒާކުރެވޭ، މި އަންނަ އަހަރުގެ ފެބުރުވަރީއަށް ދާންވާއިރަށް، ރޯދަމަސް ފެށެންވާއިރަށް ނިމޭނެކަމަށް.

ހަމައެއާއެކީގައި، ފުޓްސަލް ދަނޑު މިއީ، ޒުވާނުންނަށް އެންމެ މުހިންމުވެފައިވާ، ޒުވާނުން ކުޅެން ބޭނުންވާ ދަނޑު. އާދެ، ފުޓްސަލް ދަނޑުގެ މަސައްކަތް ސަރުކާރުން މިހާރު އޮންނާނީ، ފެނަކައާ ހަވާލުކޮށްފައި. އެތަނުގައި ޓަރފްއެޅުމާއި، ލައިޓްޖެހުމުގެ މަސައްކަތް. ކައުންސިލުން ބާކީހުރި އެހެން މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް، ކައުންސިލުން އަޅުގަނޑުމެންނަށް މަޢުލޫމާތު އެބަ ދެއްވާ. އެހެންވީމާ، ދެބައި މީހުން ގުޅިގެން، މިކަން ވަރަށް ރަނގަޅަށް ގެންދެވޭނެ ކަމަށް، އަޅުގަނޑު ޔަޤީންކުރަން. ސަރުކާރުން އިރާދަކުރެއްވިއްޔާ، ޓަރފް އެޅުމުގެ ކަންތަކާއި، ލައިޓްޖެހުމުގެ ކަންތައް މި އަހަރު ތެރޭގައި ނިންމާނަން. ދެން، ކައުންސިލުން ކުރާ މަސައްކަތްވެސް އެކުގައި، އެއާއެކީގައި ނިމިއްޖިއްޔާ، ހަމަ ޔަޤީނުންވެސް މި އަހަރު ނިމޭއިރަށް، އެ ދަނޑު ނިމޭނެ. އެހެންވީމާ، އެކަން އަޅުގަނޑު އުންމީދުކުރަނީ، އެގޮތަށް ދާނެކަމަށް.

ހަމައެއާއެކީގައި، އިތުރު ކަންކަމަށް ބަލާއިރުގައި، ޞިއްޙީ މަރުކަޒު. ޞިއްޙީ މަރުކަޒަށް ވަރަށް ގިނަ ފެސިލިޓީޒްތައް އިތުރުވެގެންދާނެ އާ އިމާރާތެއް އެޅުމަށް، މިހާރު ޓެންޑަރ މަރުޙަލާ ނިމުމަކާ ހަމައަށް ގޮސްފައިވަނީ، ފަރާތަކާ ހަވާލުކުރުމަށް. އިރާދަކުރެއްވިއްޔާ، މި ޞިއްޙީ މަރުކަޒުގެ މަސައްކަތްވެސް، ޢަމަލީގޮތުން ހަމަ މި އަހަރު ތެރޭގައި ފެށިގެންދާނެ. އިރާދަކުރެއްވިއްޔާ، އެކަންވެސް އޮތީ ކުރިއަށް.

ހަމައެއާއެކީގައި، ސްކޫލުގެ އިމާރާތްވެސް، ސްކޫލަށްވެސް އިތުރު އިމާރާތެއް އެޅުމުގެ މަސައްކަތް، އަޅުގަނޑުމެން މި އަހަރު ތެރޭގައި ފަރާތަކާ ހަވާލުކުރުމަށްޓަކައި، ހުރިހާ މަސައްކަތެއް ނިމުމަކާ ހަމައަށް އެބަދޭ. އެހެންވީމާ، އެއީވެސް މި އަހަރު ތެރޭގައި، ޢަމަލީގޮތުން ފެށިގެންދާނެ މަޝްރޫޢެއް. އެހެންވީމާ، މި ކަންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ޔަޤީންކަމާއެކީގައި، ހަމަ ދަންނަވާލަން ބޭނުންވީ.

އާދެ، ދެން ހަމަ އެގޮތަށް، ދެންހުރި ބައެއް މަޝްރޫޢުތައްވެސް އެބަހުރި، މި އަންނަ އަހަރަށް އަޅުގަނޑުމެން ޕްލޭންކުރާ. މައިގަނޑު ގޮތެއްގައި، މަގު ހެދުން. މި ރަށަށް ވަރަށް މުހިންމު، މަގުތައް ފެން ނުހެދޭގޮތަށް ތަރައްޤީވެގެން ދިޔުން. އާދެ، މި އަންނަ އަހަރު ބަޖެޓުގައި، އިރާދަކުރެއްވިއްޔާ ފެން ރަނގަޅަށް ހިނދޭ ނިޒާމު ގާއިމުކުރެވިފައި އޮންނަ، ރަށުގެ ރައްޔިތުން ބޭނުންވާ ކޮންސެޕްޓުގައި، މަގު ހެދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަން، އަޅުގަނޑުމެން ބަޖެޓުގައި ހިމަނާނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެއީ، ރަށުތެރޭގައި ރައްޔިތުންނަށް ހިނގާބިނގާވެ އުޅެން ފަސޭހަވެގެންދާނެ ކަމަކަށްވާނެ.

މީގެއިތުރަށްވެސް، އަޅުގަނޑުމެން ކޮންމެ ރަށެއްގައި ކުރާ މަސައްކަތްތައް، ތަރައްޤީގެ މަޝްރޫޢުތައް މި ރަށުގައިވެސް ކުރިއަށްދާނެ. މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ، ޗިލްޑްރަންސް ޕާކަށް ސަރުކާރުގެ ފަރާތުން ތަކެތި ފޯރުކޮށްދިނުމާއި، އަދި އައުޓްޑޯ ޖިމް ގާއިމުކުރުމާއި، މި ކަންކަންވެސް މި ރަށުގައިވެސް އޮތީ ކުރިއަށް.

އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު ހަމަ ބައެއް ކަންކަން މި ލިސްޓުކޮށްލައިދިނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ބޮޑެތި މަޝްރޫޢުތަކާއި، ސައިޒުގެ ގޮތުން، ނޫނީވިއްޔާ ޚަރަދުގެ ގޮތުން ކުދި މަޝްރޫޢުތަކާއި، މި ހުރިހާ މަޝްރޫޢުތަކަކީވެސް ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތައް ވާނެ ކަންކަމޭ. ސަރުކާރުން ތިޔަބޭފުޅުން ބޭނުންވާގޮތަށް، މި ހުރިހާ ކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން އަރުވަމުން، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ވަކިވެލާނަން. އަނެއްކާވެސް، މާލަސްތަކެއްނުވެ ބައްދަލުކޮށްލެވޭނެ ކަމަށް އުންމީދުކުރަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.