بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ހިރިލަންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން، އަދި މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ އަޑުއައްސަވަމުން، ބައްލަވަމުން ގެންދަވާ، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު މި ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، ވަރަށް ހޫނު މަރުޙަބާއެއްވަނީ ވިދާޅުވެފައި. އާދެ، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ހިރިލަންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް މެހްމާންދަރީ ރަނގަޅު، ވަރަށް ހިތްހެޔޮ، ވަރަށް ގާތްގޮތެއް އަޅުގަނޑުމެންނާ ދޭތެރޭގައި ބަހައްޓަވަމުން ގެންދަވާކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް.

އާދެ، މި ރަށުގެ ތަރައްޤީއަށް ހުރި މުހިންމު ކަންކަމަކީ، އަޅުގަނޑު އެކަމަކަށްޓަކައި ވަޢުދުތައްވެފައި ހުރި ކަންކަން. މިއަދު މިތަނުގައި އަޅުގަނޑުމެން ސޮއިކުރި ބަނދަރުގެ މަޝްރޫޢަކީ، ހަމަ ޔަޤީނުންވެސް މިފަދަ މުހިންމު އެއް މަޝްރޫޢު. މި މަޝްރޫޢުގެ ދަށުން، ބަނދަރު ހެދިގެން ދިޔުމުން ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ މި މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ. ވަރަށް އިސްކަމެއްދީގެން، ވަރަށް ބާރު ސްޕީޑްގައި މި ޕްރޮޖެކްޓް ކުރިއަށް ގެންދާނަން.

ހަމަ އެފަދައިން، މިއަދު އަޅުގަނޑުމެން ރަސްމިއްޔާތުތައް ބޭއްވި، މަސައްކަތް ފެށުން ފާހަގަކުރި މަޝްރޫޢުތައްވެސް ހަމަ އެފަދައިން ކުރިއަށްދާނެ. މިއިން ކޮންމެ މަޝްރޫޢަކީވެސް މި ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތައް. އެއީ، މަގުހެދުން ކަމުގައިވިޔަސް، މިސްކިތް ޢިމާރާތްކުރުން ކަމުގައިވިޔަސް، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ކަމުގައިވިޔަސް، އަދި ކައުންސިލް ޢިމާރާތް އެޅުން ކަމުގައިވިޔަސް، މިއިން ކޮންމެ މަޝްރޫޢަކީވެސް ހަމަ ޔަޤީނުންވެސް އޭގެ ސަބަބުން ރަށުގެ ތަރައްޤީއަށް ކުރިއެރުން ލިބިގެންދާނެ މުހިންމު ކަންކަން. މި ހުރިހާ މަސައްކަތްތަކެއް، އެކަންކަމާ އެ ހަވާލުވެވަޑައިގެންނެވި ކުންފުނިތަކުން، މިނިސްޓްރީތަކުން، ވަރަށް ސަމާލުކަންދީގެން، ވަރަށް ގާތުން ބަލަމުން، ވަރަށް ހަލުވިމިނުގައި ކުރިއަށްގެންގޮސް ނިންމައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އިރާދަކުރެއްވީތީ އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، މީގެ އިތުރަށްވެސް މުހިންމު ބައެއް ކަންކަން އެބަހުރި. މީގެ ތެރޭގައި، ހިނގަމުންދާ ބައެއް މަޝްރޫޢުތައްވެސް އެބަހުރި. ސްކޫލްގެ މުހިންމު މަޝްރޫޢެއް، ޢިމާރާތްކުރުމުގެ މަޝްރޫޢެއް އެބަ ކުރިއަށްދޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް ގާތުން އެކަމުގެ މަސައްކަތްތައް އެބަ ބަލަން. އާ ދިރާސީ އަހަރު ފެށެންވާއިރަށް، މި ޢިމާރާތް ނިންމައި، ވަސީލަތްތައް ހަމަކޮށްދީ، ސްކޫލްގައި ބޭނުންކުރުމަށް، ލިބިގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

ހެލްތު ސެންޓަރުގެ މަސައްކަތްވެސް، ހަދަމުންދާ އިމާރާތުގެ މަސައްކަތްވެސް ހަމަ އެގޮތުން އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން ރަނގަޅަށް އެކަން ނިންމައިދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އާދެ، އިރާދަކުރެއްވިއްޔާ މިގޮތަށް މިހިރަ ހުރިހާ މަސައްކަތްތަކަކީ އަޅުގަނޑުމެން ވަރަށް އިސްކަންދީގެން، ވަރަށް ރަނގަޅަށް، ވަރަށް ގާތުން އެކަމާބެހޭ ހުރިހާ މިނިސްޓްރީތަކާއި ކުންފުނިތަކުން ގެންގޮސް ނިންމާނެ މަޝްރޫޢުތައް.

އާދެ، މީގެއިތުރަށްވެސް ހަމަ މުހިންމު ކަންކަން އެބަހުރި. މި ދެންނެވި ކަންކަމަކީ ހަމ ޔަޤީނުންވެސް މީގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ކަންކަން. މިސާލެއްގެ ގޮތުގައި ފާހަގަކުރަންޏާ، މިސްކިތް މި ޢިމާރާތްކުރަނީ އެންމެ ޒަމާނީ ކޮންސެޕްޓްގައި. މިހާރު އަޅުގަނޑުމެން އަޅާ މިސްކިތްތައް ސޯލަރ ޕަވަރ ކުރެވިފައި ހުންނާނީ. އޭސީ ކުރެވިފައި ހުންނާނީ. 500 މީހުންގެ ޖާގައިގެ މިސްކިތް، ކުލާސްރޫމް، ލައިބްރަރީ ހިމެނޭ ޒަމާނީ ކޮންސެޕްޓްގެ މިސްކިތްތައް މި އަޅަނީ. އެހެންވީމާ، މިގޮތަށް ހަމަ ކޮންމެ ތަނެއްވެސް ހުރީ. އަޅުގަނޑު ކޮންމެ މަޝްރޫޢެއްގެ ތަފްޞީލަށް ނުދަން. އެހެންނަމަވެސް، މިސާލެއް މި ދަންނަވާލީ. އެހެންވީމާ، ވަރަށް މަތީ ދަރަޖައެއް، އަޅުގަނޑުމެން ސްޓޭންޑަޑެއް ކަނޑައަޅައިގެން މިހާރު ކޮންމެ ދާއިރާއެއްގެވެސް މަޝްރޫޢުތައް ކުރިއަށްގެންދަނީ.

ދަނޑެއް އެޅިކަމުގައިވިޔަސް، ދަނޑު އަޅަނީ ރޭގަނޑުވެސް ކުޅެވޭގޮތަށް، ލައިޓްވެސް ޖަހައިގެން. އެހެންވީމާ، އެގޮތަށް ކުރިއަށް ގެންދާނީ. މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ މި ރަށުގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަން އަޅުގަނޑުމެން ގަސްދުކުރަން. އެގޮތަށް އެކަން ކުރިއަށް ގެންދަންވާނީ ނިންމާފައި. ހަމަ އެގޮތަށް، އިތުރު ކުޅިވަރުގެ މަޝްރޫޢުތައްވެސް ހުންނާނެ.

އާދެ، މަސްވެރިކަމަކީ، އަދި މަހާގުޅޭ އެކި ކަހަލަ މަސައްކަތްތައް ކުރުމަކީ، މި ރަށުގައި ވަރަށް ޚާއްޞަ ކަމެއް. އިންޑަސްޓްރިއަލް މަސައްކަތްތަކުގެ ޚާއްޞަ ރަށެއް. އެ ކަމަށް ސަރުކާރުން ވަރަށް އިސްކަންދެން. ވަރަށް އިސްކަންދޭ ކަމެއް އެއީ. އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓެއްގެ ވާހަކަ. ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށްޓަކައި މިހާރު މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރަމުންދާ، މި އަންނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން އޮންނާނީ ހިމަނާފައި. ހިމަނައިގެން ބަޖެޓް ފާސްވެގެން އައުމާ އެކީގައި، އަހަރުގެ އެންމެ ކުރީކޮޅު، ހަމަ އެންމެ ކުރީކޮޅު ޖަނަވަރީމަސް ހިސާބުގައި އަޅުގަނޑުމެން އެ މަޝްރޫޢުގެ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ، އެގޮތުގައި ފަށައި، ވަރަށް ހަލުވިމިނުގައި ކުރިއަށް ގެންގޮސް ނިންމައިދޭނަން. އެކަން އަޅުގަނޑު ތިޔަބޭފުޅުންނަށް، އެކަމުގެ ބޭނުންޖެހޭނެ ހުރިހާ ބޭފުޅުންނަށް، އެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

މީގެއިތުރަށްވެސް، މުހިންމު ކަންކަން އެބަހުރި. އާދެ، މަސްވެރިކަމުގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެން ދޫކުރަން ފެށި، އާރު.އެސް.ޑަބްލިޔު. ލޯނު ސްކީމަށް ބަލާއިރުގައި، މި ރަށުގެ ފަރާތްތަކަށް ނިސްބަތުން އެންމެ ގިނައިން، އެ ލޯނު ސްކީމުގެ ތެރެއިން، އެޕްލިކޭޝަން ކާމިޔާބުވެފައި ވަނީ. މިހާރު ހަތަރު ފަރާތަކަށް ޑިސްބަރސްމަންޓް ހަދަން ފަށާފައިވަނީ. ދެ ފަރާތަކަށް ދޫކުރަން ފަށަން ތައްޔާރުވެފައި ވަނީ. ޖުމްލަ ހަފަރާތް މިހާރުވެސް ހިމެނިފައިވޭ.

އާދެ، އާރު.އެސް.ޑަބްލިޔު. ސިސްޓަމަކީ، ވަރަށް ޒަމާނީ ސިސްޓަމެއް. އައިސް ހޯދުމަށް ހުރި ދަތިތައް ޙައްލުވެގެންދޭ، ދޯނީގައި މި ނިޒާމު ޤާއިމުކުރެވިގެން ދިޔައީމަ. އަޅުގަނޑުމެން މިހާރު މިދަނީ، އޭގެ އާ ފޭސްއެއް ފަށަން، ނޫނީވިއްޔާ އިތުރު ލޯނުތައް ދޫކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، މި އަހަރު ތެރޭގައި، ކުރިއަށް އޮތް މަސްވެރިންގެ ދުވަހުގެ ކުރިއަށް، އަޅުގަނޑުމެން އިތުރު 200 ފަރާތަކަށް، އާރު.އެސް.ޑަބްލިޔު. ލޯނު ދޫކުރުމުގެ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ، އޭގެ ސަބަބުންވެސް، ޖުމްލަ ގާތްގަނޑަކަށް ތިންސަތޭކައެއްހާ ފަރާތަށް އެގޮތުން، އާރު.އެސް.ޑަބްލިޔު. ލޯނު ދޫކުރެވިގެންދާނެ. އެއީ، އިރާދަކުރެއްވިއްޔާ މަސްވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ.

މި ރަށަކީ، އަޅުގަނޑު ހަމަ އަދިވެސް ދަންނަވާލާނަން، ވަރަށް އިންޑަސްޓްރިއަލް މަސައްކަތުގައި، ވަރަށް މަސައްކަތްތެރި ރަށެއް. މަސައްކަތް ކުރުމަށް ބޭނުންވަނީ ބިން. އިމާރާތްކުރުމަށް، ބޯހިޔާވަހިކަމަށް، ހުރިހާ ކަމަކަށްވެސް ބިން. ބިން އިތުރުކުރެވިފައި ކޮންމެވެސްވަރަކަށް މިއޮތީ. ނަމަވެސް، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވިން، ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގައިދޭނެ ކަމަށް. އެއީ، މިހާރު މި އިތުރުކުރެވިފައި އޮތް އަދަދުން، އެކަށީގެންވާވަރެއްނުވޭ. މި ރަށުގައި މި ހިނގާ އިންޑަސްޓްރިއަލް ސްކޭލްގައި، މި ރަށުގައި މަސައްކަތްތެރި ކަމަށް ބަލާއިރުގައި. އެހެންވީމާ، އެ ވަޢުދު އޮންނާނީ ވެފައި. އެހެންވީމާ، އަޅުގަނޑު ވަޢުދުވީ ގޮތަށް، އިރާދަކުރެއްވިއްޔާ ހަމަ މި ދައުރު ތެރޭގައި، ވީހާވެސް އަވަހަކަށް، އަޅުގަނޑުމެން އެ މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައި އޮތްކަމުގެ ޔަޤީންކަން ދެން. އަދި އެހެންނަމަވެސް، އަޅުގަނޑަށް މިތަނުގައި މި ފެށޭ ތާރީޚެއް ނުދެންނެވުނަމަވެސް، އެ ވަޢުދު ތަކުރާރުކޮށް، އިރާދަކުރެއްވިއްޔާ މި ރަށަށް އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް، ބިން އިތުރުކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން، ތަކުރާރުކޮށް ތިޔަބޭފުޅުންނަށް ދަންނަވާލަން.

އާދެ، އޭރުން ތިޔަބޭފުޅުންނަށް މަސްވެރިކަމާ ގުޅޭ ކަންކަމުގައި، އެކިކަހަލަ ކަންކަމަށް ޖާގަ އިތުރުކުރުމަށް، ޔަޤީނުންވެސް ލޭންޑްޔޫސް ޕްލޭންގެ ތެރެއިން ޖާގަ ކަނޑައެޅިގެންދާނެ. އެހެންވީމާ، އެގޮތަށް ތިޔަބޭފުޅުންގެ މަސައްކަތްތައް ޕްލޭންކުރެއްވުމަކީ، އަޅުގަނޑު ހަމަ މަރުޙަބާ ކިޔާނެކަމެއް. ބިން އިތުރުވެގެންދާނެ ކަމަށް ބަލައިގެން. އެއީ، ވެދާނެ ކަމަކަށްވުރެ ބޮޑަށް، ވާނެކަމެއް ގޮތުގައި ޔަޤީންކަމުގައި، ތިޔަބޭފުޅުން މަސައްކަތް ކުރެއްވީމަ، އެއަކު ނޯންނާނެ އެއްވެސްވަރަކަށް ކަންބޮޑުވާންޖެހޭނެ ކަމެއް. އެގޮތަށް އަޅުގަނޑުމެން އެ މަޝްރޫޢު ކުރިއަށް ގެންދާނަން. އެހެންވެ އެ ވަޢުދު ތަކުރާރު މިކޮށްލީ.

އާދެ އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު މިކަންކަން މި ފާހަގަކޮށްލީ. މައިގަނޑު ކަންކަމުގެ ގޮތުގައި ހުރީ މިކަންކަން ކަމުގައިވާތީ. މިއަދު މި ސޮއިކުރެވިގެން ފެށޭ ބަނދަރާއި، އަދި ޢަމަލީ މަސައްކަތުގެ ގޮތުގައި މި ފެށިގެންދިޔަ ކޮންމެ މަޝްރޫޢަކާއި، އަދި މި ދެންނެވި ގޮތަށް ހިނގަމުންދާ، ނިންމަންޖެހޭ މަޝްރޫޢުތަކާއި، މި ދެންނެވި ގޮތަށް ހަމަ ވަރަށް ރަނގަޅަށް، އަޅުގަނޑުމެން ގާތުން ބަލައި، މަސައްކަތްތައް އަވަސްކޮށް، ނިންމައިދޭނަން. އަދި މި ދެންނެވި ގޮތަށް، އިތުރު މުހިންމު މަޝްރޫޢުތައްވެސް ކުރިއަށް އޮތީ.

އާދެ، އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. ތިޔަ ބަހައްޓަވާ ގާތްކަމާއި، އަދި ދެއްވާ ތަރުޙީބަށް. ސަރުކާރުން މަސައްކަތް ކުރަމުންދާނީ، ރައްޔިތުން އެދޭގޮތަށް. ރައްޔިތުން ގާތަށް މި އަންނަނީ އެހެންވެގެން. ރައްޔިތުންގެ އަޑު، ގާތުން އަޑުއަހަންވެގެން. ސިޓީބިޓީއަކުން، ނޫނީވިއްޔާ މާލެއަށް ކައުންސިލް ގެންގޮސްގެން، މުއައްސަސާތައް ގެންގޮސްގެން، ކަންކަމުގެ ވާހަކަ އޮޅުންފިލުވައިގެން ކުރާގޮތަކަށް އަޅުގަނޑު ބޭނުމެއްނޫން ކުރާކަށް.

އެހެންވީމާ، ހުރިހާ ރަށަކަށް، ދައުރުގެ ތެރޭގައި މަދުވެގެން ދެ ފަހަރު ދާނެ ކަމަށް އަޅުގަނޑު ވަޢުދުވީވެސް. މިހާރު، ފުރަތަމަ ރައުންޑް ގާތްގަނޑަކަށް މި ނިމެނީ. މި ރަށަށް އެއްފަހަރު އާދެވުނަސް، ބައެއް ރަށްތަކަށް މިހާރު އަޅުގަނޑު ވަޢުދުވީ ގޮތަށް، ދެފަހަރު ދެވިއްޖެ. ދެން، މި އަންނަ މަސް ނިމި، ގާތްގަނޑަކަށް ނޮވެންބަރާ ހަމައަށް ދާއިރުގައި، އަޅުގަނޑަށް ހަމަ ހުރިހާ ރަށަކަށް އެއްފަހަރު ދެވިފައި އޮންނާނެ. އަދި ވަރަށް ގިނަ ރަށްތަކަށް ދެވަނަފަހަރުވެސް ދެވޭނެ. މިއިން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭ. އެ ފަސޭހައަކީ، އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއް ފުއްދުމުގައި، ރައްޔިތުން ބޭނުންވާ ގޮތް ވަރަށް ގާތުން އެނގިގެންދާތީވެ. އެއީ، އަޅުގަނޑު ބޭނުންވަނީ، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ކުރަން. އެކަން އަޅުގަނޑަށް ފަސޭހަ މިވަނީ، ރައްޔިތުން ބޭނުންވާގޮތް ގާތުން އަޑުއިވުނީމަ. އެހެންވީމާ، ރައްޔިތުން މިކަމަށް ދެއްވާ އެއްބާރުލެއްވުމަށް، ތަރުޙީބަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމަށް އުފާ ފާގަތިކަން މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.