ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު މަޑިފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު މަޑިފުށީ ސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުންވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުގެންދަވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ. ހަމަމިއާއިއެކު ކައުންސިލުންވަނީ މިއަދު އައު ސުކޫލުގެ ބިންގާއެޅިގެންދިއުމަކީ މުޅި ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމަކާއި އުފަލެއްކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުންވެސް ރަށުގެ ތަރައްޤީއަށް މިހާރު އެންމެ ބޭނުންވާ ކަންކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ. މި ގޮތުން ހެލްތުސެންޓަރުގެ މުވައްޒަފުން މަދުކަމާއި، ފުލުހުންގެ ވެހިކަލެއް ނެތުމުން ދިމާވާ ދަތިތަކާއި، ހުއްޓިފައިވާ އައިސް ޕްލާންޓްގެ މަސައްކަތް އަވަހަށްނިންމަވައި ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.