بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދިއްގަރުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ރަށުގެ ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން، ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، އަޑުއައްސަވަމުން ގެންދަވާ އަދި ބައްލަވަމުން ގެންދަވާ، ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދުގެ ހެނދުނުގެ ވަގުތު، އަޅުގަނޑުމެން މި ރަށަށް އައި ވަގުތު ތިޔަބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ދިއްގަރުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މި ރަށުގެ ތަރައްޤީއަށް މުހިންމު ގިނަ ކަންތައްތަކެއް ކުރުމަށް އަޅުގަނޑުމެން ވާނީ ވަޢުދުވެފައި. އޭގެތެރެއިން، ވަރަށް މުހިންމު މަސައްކަތެއް ކުރުމުގެ އެއްބަސްވުމުގައި ދާދި ދެންމެއަކު ސޮއިކުރެވިގެން އެދިޔައީ. އާދެ، ހޮސްޕިޓަލްގެ މަޝްރޫޢަކީ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވަޢުދުވީ އެންމެ މުހިންމު ކަންތައް. މި މަޝްރޫޢުގެ ދަށުން، 30 އެނދުގެ ހޮސްޕިޓަލެއް، ހޮސްޕިޓަލްގެ ހުރިހާ ކަމެއް ފުރިހަމަވެގެންދާ ގޮތަށް، މި ރަށުގެ ޞިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމު ވަރުގަދަވެގެންދާނެ ހޮސްޕިޓަލެއް އެޅިގެން މިދަނީ. ވަރަށް އިސްކަންދީގެން، ވަރަށް ގާތުން، ސަރުކާރުގެ ކަމަބެހޭ ވުޒާރާއިންނާއި ކުންފުނިން މިކަމުގައި ވަރަށް އަވަހަށް މަސައްކަތްތައް ކުރިއަށް ގެންދާނެ.

އާދެ، މީގެއިތުރަށްވެސް، ގިނަ ކަންތައްތަކެއް ފެށިގެންގޮސް، އަދި ކުރިއަށް އޮތް ތަނުގައި ކުރަން ފަށަންވެފައި އޮތީ. އާދެ، އިރާދަކުރެއްވިއްޔާ މީގެތެރެއިން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި، ހައުސިންގ މަޝްރޫޢު ކުރިއަށް ގެންދިޔުން އެބައޮތް. އާދެ، ކުރިން ސޮއިކުރެވިފައި އޮތް މަޝްރޫޢުގެ ތެރެއިން، އެކި ސަބަބުތަކާ ހެދި ނުފެށިފައި އޮތް މަޝްރޫޢެއް އޮތް. އާދެ، މިހާރު އެކަމުގައި ވާންޖެހޭ ހުރިހާ ކަންތައްތަކެއް، ތައްޔާރީތަކެއް ވެވިފައި އޮތް ކަމެއްވީމާ، ދާދި އަވަހަށް، މި އަހަރު ތެރޭގައި، މި މަޝްރޫޢުގެ ތެރެއިން މަސައްކަތް ފެށިގެންދާނެ. އިރާދަކުރެއްވިއްޔާ އެއީ، މި ރަށުގައި ގެދޮރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ހިންގޭ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން ފުރަތަމަ މަޝްރޫޢު. އާދެ، 75 ޔުނިޓު އެޅުމަށްޓަކައި، އެމް.ޓީ.ސީ.ސީ.އާ އެކީގައި ސޮއިކޮށްފައިވާ މަޝްރޫޢުގެ ތެރެއިން ފަށާ މަޝްރޫޢު، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި، ބާކީއޮތް މުއްދަތުގެ ތެރޭގައި ޢަމަލީގޮތުން ފެށިގެންދާނެ.

އާދެ، މި މަޝްރޫޢު ނިމުމުގެ ކުރިން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރު 75 ޔުނިޓު އެޅުމުގެ މަޝްރޫޢެއް ފަށަން ގަސްދުކުރަން. އެކަމަށްޓަކައިވެސް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން އެދަނީ މަސައްކަތްތައް ކުރަމުން. އެހެންވީމާ، ކުރިއަށް އޮތީ އިރާދަކުރެއްވިއްޔާ، ހައުސިންގގެ ދާއިރާއިން ރަށުގެ ތަރައްޤީއަށް އަދި އާބާދީ އެއްފަސްކުރުމަށްވެސް މުހިންމު ދުވަސްތަކެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.

އާދެ މީގެއިތުރަށްވެސް، އުމްރާނީ ތަރައްޤީގެ އެހެނިހެން މަސައްކަތްތައްވެސް ކުރަންޖެހިފައި އެބަހުރި. މިސާލެއްގޮތުގައި ދަންނަވަންޏާ، ބަނދަރުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި. ބަނދަރުގެ ހަލާކުވެފައި ހުރި ތަންތަނާއި، ބަނދަރުގެ ޖާގައިގެ ގޮތުންނާއި، ރަނގަޅުކުރަންހުރި، އަޕްގްރޭޑް ކުރަންހުރި މަސައްކަތްތައް އެބަހުރި. އެހެންވީމާ، މިއީވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން، ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ މަޝްރޫޢެއް. މާލަސްތަކެއްނުވެ، މި އަންނަ އަހަރުގެ ކުރީކޮޅު މި މަޝްރޫޢު ފެށުމަށް އަޅުގަނޑުމެން ނިންމާފައި ވަނީ.

އަދި ހަމައެއާއެކީގައި، މި ސްކޫލަށް ޖާގަ އިތުރުކުރުމަށްޓަކައި، އިތުރު މަލްޓި ޕަރޕަސް ހޯލަކާއެކީގައި، 9 ކްލާސްރޫމް ހިމެނޭ ސްކޫލް އިމާރާތެއް އެޅުމަށްވެސް މި އަންނަ އަހަރުގެ ބަޖެޓު ތެރެއިން، ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމާފައިވަނީ.

ހަމައެއާއެކީގައި، ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތާއި، އަދި އިތުރު ބައެއް އެހެން މަޝްރޫޢުތައްވެސް ކުރިއަށް ގެންދަން ރޭވިފައިވަނީ. ހިނގަމުންގޮސް މިހާރު ހުއްޓިފައި އޮތް ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ކުރުމަށާއި، އަދިވެސް މިފަދަ ބައެއް ކަންތައްތައް އެބަ ކުރިއަށްދޭ. ވޮލީ ކޯޓުގެ މަސައްކަތާ، މިފަދަ ކަންތައްތައް.

އެހެންވީމާ، ޖުމްލަކޮށް ދަންނަވަންޏާ، ހުރިހާ ދާއިރާއަކުން، ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ކުޅިވަރުގެ ދާއިރާއިން، އުމްރާނީ ވަސީލަތްތަކުގެ ދާއިރާއިން، ގެދޮރުގެ ދާއިރާއިން، މިހިރަ ހުރިހާ ދާއިރާތަކުން، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފުތާތަކުގައި، މަސްތަކުގައި ފެނިގެންދާނީ، ޢަމަލީގޮތުން ވަރަށް ގިނަ ކަންތައްތައް ހިނގަމުންދާތަން. އަދި ނިމެމުންދާތަން.

އާދެ، މި ރަށަކީވެސް ވަރަށް ބޮޑަށް މަސްވެރިކަމުގެ ރަށެއް. އާދެ، މަސްވެރިކަމަކީ އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ޞިނާޢަތެއް. ޓޫރިޒަމް ނަގާފައި، ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑަށް އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން، އިޤްތިޞާދީ ސިޔާސަތުގެ ތެރޭގައި ސަމާލުކަންދޭ ދާއިރާ. އެހެންވީމާ، ޖުމްލަކޮށް މުޅި ރާއްޖޭގައި މަސްވެރިކަމަށް ގެންނަ ކުރިއެރުމުގެ ތެރެއިން ހަމަ ޔަޤީނުންވެސް މި ރަށުގެ މަސްވެރިންނަށްވެސް ކުރިއެރުންތައް އަންނާނެ.

އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމުގައި، ވަރަށް އިސްކަންދީގެން، ވަރަށް ގިނަ މަސައްކަތްތަކެއް މިއަދާ ހަމައަށް އައިއިރުވެސް މިވަނީ ކުރެވިފައި. ވަކިން ޚާއްޞަކޮށް، މިގޮތުން ބަލާއިރުގައި، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ވަޢުދު، އިރާދަކުރެއްވިއްޔާ، މިހާރު އަހަރު ދުވަސްވާން މިދަނީ އެއްވެސް މެދުކެނޑުމެއްނެތި، ފައިސާ ދެމުންދާތާ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ފެށިގޮތަށް. މިއަދާ ހަމައަށް އައިއިރު، އިރާދަކުރެއްވީތީ ބަދަލެއްނައިސް، މެދުކެނޑުމެއްނެތި، މިދަނީ ފައިސާ ދެމުން.

އޭގެކުރިން އަޅުގަނޑުމެންނަށް ދުވަސްތަކެއް ނެގި، އަހަރެއްހާ ދުވަސް ނެގި މިކަން އެ ޓްރެކަށް އަޅުވަން. ސަބަބަކީ، އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، ދުއިސައްތަ ފަންސާހެއްހާ މިލިއަން ރުފިޔާގެ ބެކްލޮގެއް، ނޫނީ ނުދީހުރި ފައިސާވެސް ހުރި. ދެން އެ ފައިސާ ދެމުން، އަނެއްކާވެސް ދުވަސްކޮޅެއް، ދެތިންމަސް ނަގާފާނެ، އެ ނިންމަން. ނިންމާއިރު އަނެއްކާ މި އޮންނަނީ، ބެކްލޮގްވެފައި. މިހެންގޮސް އަބަދުވެސް ފަހަތުގައި އުޅެންޖެހިފައި އޮތީ. އެހެންވީމާ، މިކަންކަން ހައްލުކުރަން ނެގި އަހަރެއްހާ ދުވަސް. އެހެންނަމަވެސް، މިހާރު އެކަން ރަނގަޅުކުރެވި، ވަޢުދުވީގޮތަށް ކުރިއަށް ގެންދިޔުމުގެ މަރުޙަލާގެ ތެރެއިން މިހާރު އަހަރެއްހާ ދުވަސް މިވަނީ.

ދެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، ދެން އަޅުގަނޑުވީ އެންމެ މުހިންމު އެއް ވަޢުދު، 20 ރުފިޔާގެ ވަޢުދު. އެއީވެސް ހަމަ ސަސްޓޭނަބަލްކޮށް، މެދުނުކެނޑި ކުރިއަށްގެންދަން ބޭނުންކަމެއް. ހަމަ ނަމެއްގައި، މާދަމާއިން ފެށިގެން 20 ރުފިޔާއޭ ބުނީމަކާ އަދި އެކަމެއް ނުއެއްވޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންވެސް ހާސިލުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އިންޑަސްޓްރީތެރޭގައި، މިނިސްޓްރީންނާއި، އަދި މިފްކޯއާއި، ދެން ކަމާގުޅޭ ހުރިހާ ފަރާތްތަކާ އެކީގައި ސަރުކާރުން މިދަނީ މަސައްކަތްކުރަމުން. އެއީވެސް އަޅުގަނޑުމެން ހާސިލުކުރާނެ ކަމެއް. އެކަމަށްޓަކައި، ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމެއް. ކުއްލިއަކަށް ފުރަތަމަ ދުވަހު ފަށައިގަނެވޭގޮތަށް ހުންނަ ކަންކަމެއްނޫން ބައެއް ކަންކަމަކީ. މި ދެންނެވިހެން ހުރި ތަފްޞީލުތަކަށް ދިޔައިމާ، ވަރަށް ބޮޑަށް ސާފުވެގެންދޭ، ކޮންމެ ކަމެއްވެސް ކީއްވެތޯ މިހެންވެގެން، މިވެނިގޮތަކަށް ދަނީ. އެއްވެސް ހާލެއްގައި ވަޢުދު ނުފުއްދުމެއްނޫން އެއީކީއެއް. މި ދެންނެވިހެން 48 ގަޑިއިރުގެ ވަޢުދުވެސް، އަހަރެއްހާ ދުވަސްދިޔަ ހަމަ އެގޮތަށް ނުފެށި. އެއީކީ ވަޢުދު ނުފުއްދީކީ ނޫނޭ. އޭގެ ތަފްޞީލުތައް ދެންމެ މި ދަންނަވާލީ.

ހަމަ އެގޮތަށް، މި 20 ރުފިޔާގެ ކަންތައްވެސް މިދަނީ ތަރުތީބު ކުރަމުން. އިރާދަކުރެއްވިއްޔާ އެކަންވެސް ހަމަޖެހިގެންދާނެ. ހަމަޖައްސަން މި މަސައްކަތް ކުރަނީ، މެދުނުކެނޑި ދެން ދާނެ ގޮތަކަށް. އެހެންވީމާ، އެކަމަށް މަސައްކަތް ކުރަމުންދާ ވާހަކަ، މަސްވެރިކަމުގެ ޚާއްޞަ ރަށެއްވީމާ، އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ދޭ މަޢުލޫމާތެއްގެ ގޮތުގައި އަޅުގަނޑު މި ދަންނަވާލީ.

އަދިވެސް ވަރަށް ގިނަ ކަންކަން އެބަ ހިނގާ. ވަރަށް ގިނަ މަޝްރޫޢުތައް. އެކަށީގެންވާ ވަރަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އައިސް ލިބޭނެގޮތް ޤާއިމުކުރުމާއި، އެސް.ޓީ.އޯ. ރޭޓުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެޔޮލިބޭނެގޮތް ޤާއިމުކުރުމާއި، ކޯލްޑް ސްޓޯރޭޖްތައް ޤާއިމުކުރުމާއި، ޕްރޮސެސިންގ ޕްލާންޓްތައް ޤާއިމުކުރުމާއި، ވަރަށް ގިނަ މަސައްކަތްތައް ހަމަ އެކި ކަންކޮޅުތަކުގައި، އެކި ރަށްރަށުގައި، އެކި ކަހަލަ ފަންޑިންގ މެކޭނިޒަމްތަކުގެ ތެރެއިން ހަމަޖެހިގެން، އެކި މަރުޙަލާތަކުގައި މިދަނީ ކުރިއަށް.

އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވީގޮތަށް، މަސްވެރިކަމަކީ ވަރަށް ޔަޤީންކަމާއެކީގައި އަޅުގަނޑުމެން ފުއްދަމުންދާ ކަމެއް. އަދި އެގޮތަށް ހަމަ ދާނެވެސް ކަމެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ، އިތުރު އުފާވެރި ދުވަސްތައް. މިސާލަކަށް، މަސްވެރިންގެ ދަފްތަރުވެސް އަޅުގަނޑުމެން ޤާއިމުކުރިން. އިރާދަކުރެއްވީތީ ވަރަށް ކާމިޔާބު. އޭގެތެރެއިން މަސްވެރިންނަށް ބޭންކުންނާއި، އެކި ތަންތަނުން ލޯނުތަކާއި، ކްރެޑިޓް ފެސިލިޓީ ލިބުމުގެ މަގުވެސް ފަހިވެފައި، އަދި އެކަންވެސް ކުރިއަށް އެބަދޭ. އަދި އެކި ކަހަލަ ލޯނުތައް ދޫކުރުމުގެ ކަންކަންވެސް ފެށިފައި.

މިސާލަކަށް، އާރު.އެސް.ޑަބްލިޔު. ލޯނު. ދޯނީގައި އައިސްކުރެވޭ ނިޒާމު ޤާއިމުކުރުމާއި، މިކަންވެސް އިތުރަށް ފުޅާކުރުމުގެ މަސައްކަތްވެސް އެބަ ހިނގާ. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި ތަފްޞީލުތައް ލިބެމުންދާނެ. އިރާދަކުރެއްވިއްޔާ މަސްވެރިންނަށް އޮތީ އުފާފާގަތިކަން. އުފާވެރި ދުވަސްތައް ކުރިއަށް.

އާދެ، އަޅުގަނޑު ހަމަ މި ވާހަކަ މި ދަންނަވާލީ މި ރަށުގައި، މިކަމަށް ޚާއްޞަ ރަށެއް ކަމުގައިވާތީ. އާދެ، ޖުމްލަކޮށް ހަމަ އަދިވެސް ވަރަށްގިނަ މަޝްރޫޢުތައް، ތަރައްޤީގެ ގިނަ ކަންކަން މި ރަށުގައި ކުރަން އެބަހުރި. ހަމައެކަނި އަޅުގަނޑު ވަޢުދުވީ ކަންކަމެއްނޫން. އޭގެ އިތުރަށްވެސް އެބަހުރި ކުރަންޖެހޭ ކަންކަން.

އެހެންވީމާ، ޖުމްލަކޮށް، ހަމަ ހުރިހާ މަޝްރޫޢުތަކެއް ހުރިހާ ކަމެއްގައި ވަރަށް އިސްކަމެއްދީގެން، ވަރަށް ސަމާލުކަންދީގެން، ސަރުކާރުގެ ހަމަ ހުރިހާ ވުޒާރާތަކާއި، ކުންފުނިތަކުން މި ރަށުގެ ތަރައްޤީއަށް ކަންކަންދާނީ ކުރަމުން. ވަރަށް ބާރުމިނުގައި، ވަރަށް ގާތުން އަޅުގަނޑުމެން އެކަން ބަލަމުން ގެންދާނަން.

އަދިވެސް އެއްފަހަރު، ދިއްގަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ރާއްޖެއަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.