بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މުލަކުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ހުރިހާ މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި މި ޖަލްސާ، އަޑުއައްސަވާ، ބައްލަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދު ހަވީރުގެ ވަގުތުގައި އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، ރިޔާސި އިންތިޚާބުގައި، ކެމްޕެއިންގައި އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކުރިން. ރައްޔިތުން އެދޭ މުހިންމު ކަންތައްތަކެއް އަޅުގަނޑަށް ތިޔަބޭފުޅުން ޙިއްޞާކުރެއްވި. އަދި އެކަންކަމުގެ ތެރޭގައި ހުރި މުހިންމު ކަންކަން ކޮށްދޭނެ ކަމުގެ ވަޢުދު އަޅުގަނޑުވިން. އަދި އޭގެފަހުންވެސް ތިޔަބޭފުޅުންނާ ބައްދަލުކުރިން. އެފަހަރުވެސް އަޅުގަނޑުވާނީ ތިޔަބޭފުޅުންގެ، މި ރަށުގެ ތަރައްޤީއަށް ހުރި ކަންކަން ކުރާނެ ކަމުގެ ވަޢުދުވެފައި. އާދެ، ސަރުކާރުން މިކުރާ މަސައްކަތަކީ، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް. އިރާދަކުރެއްވިއްޔާ، މިއަދު އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢާއި، އަދި ފެށިގެންދާ މަޝްރޫޢުތަކާއި، އަދި މާދަމާ ފަށާ މަޝްރޫޢުތަކާއި އަދި ދެން ކުރިއަށް ހުރި ހުރިހާ މަސައްކަތްތަކަކީ މިގޮތުން ކުރިއަށްދާ ކަންކަން.
އާދެ، އެގޮތުން ބަލާއިރުގައި، މި ރަށަކީ ވަރަށް ބޮޑަށް މަސްވެރިކަމުގެ ޞިނާޢަތަށް ވަރަށް ޚާއްޞަ އިސްކަމެއްދޭ ރަށަކަށްވާއިރުގައި، އެކަމުގައި ވަރަށް މުހިންމު ރަށެއް ކަމުގައިވާއިރުގައި، އަޅުގަނޑު އެކަމަށް ވަރަށް މުހިންމު ވަޢުދުތަކެއް ވެފައިވާނެ. އާދެ، މިރޭ މި ސޮއިކުރި އައިސް ޕްލާންޓުގެ މަސައްކަތަކީ، އިރާދަކުރެއްވިއްޔާ މީގެތެރެއިން ވަރަށް މުހިންމު މަސައްކަތެއް. އާދެ، ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށްޓަކައި ފެށިފައިވާ މަސައްކަތަށް ބަލާއިރުގައި، މި މަސައްކަތަކީ ބޭރުގެ ފަންޑެއްގެ ތެރެއިން ކުރާ މަސައްކަތެއް. މިކަމަށް ބޭނުންވާ ފަންޑު، ބޭރުގެ ފަންޑު ވަނީ ހަމަޖެހިފައި. އެކަމުގެ އެއްވެސް ދަތިކަމެއް އޮތްކަމެއް ނޫން. ބޭރުގެ ހިލޭ އެހީގައި މި މަސައްކަތް ކުރިއަށްދަނީ. އެހެންނަމަވެސް، ބޭރުގެ އެހީގައި ކުރާ މަސައްކަތްތަކަކީ ޙަޤީޤަތުގައި، އެ ބޭފުޅުންގެ ޕްރޮކިއުމަންޓް ޕްރޮސީޖަރއިން ކުރިއަށްދާ ކަންކަން. އެހެންވީމާ، އޮންނަ ސްޓެޕްތަކަކުން ފުރިހަމަވެގެން މަސައްކަތްތައް ދަނީ. ވަރަށް ގާތުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އެ މަސައްކަތާ އެކީގައި، އެ ފަރާތާއެކީގައި ދަނީ މަސައްކަތް ކުރަމުން. ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށުމާ ހަމައަށް މިހާރު އެވަނީ ގޮސްފައި. އެހެންވީމާ، ފަންޑުގެ އިޝޫއެއްވެސް ނެތް މަސައްކަތް ކުރިއަށްދިޔުމުގައި. މަސައްކަތްކުރާނެ ފަރާތެއްވެސް ވަނީ ހޮވިފައި. އެހެންވީމާ، ހުރިހާ ކަމެއް ހަމަޖެހިފައި ހުރީ. އެހެންވީމާ، އެއީ ހަމަ ދާދި އަވަހަށް ޢަމަލީގޮތުން ކުރިއަށްދާނެ އަދި ކުރިއަށްގޮސް، ފަންޑުގެ އެއްވެސް އިޝޫއެއްނެތި ނިމޭނެ ކަމެއް. އެކަމަކު، އޭގެ ޢަމަލީ މަސައްކަތަށް ދެވެންއޮތީ، މި ދެންނެވި މަރުޙަލާތަކުގެ ތެރެއިން ކަމުގައިވާތީ، އަޅުގަނޑުމެންނަށް އަދި ނުފެށިފައި މިއޮތީ. އެހެންވީމާ، އަޅުގަނޑު މިދޭ ޔަޤީންކަމަކީ، އެއްވެސް ކަހަލަ މައްސަލައެއް ނެތް، ފުރިހަމަކަމާއެކީގައި، ފަންޑުގެ އިޝޫއެއްނެތި ކުރިއަށްދާން އޮތް މަޝްރޫޢެއްކަން އެއީ.
މިތާ އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢަކީ، މި ދެންނެވި މަޝްރޫޢުގެ އިތުރަށް، އައިސް ޕްލާންޓެއް ގާއިމުކުރުމުގެ ކަންތައް. ދެން، ކައުންސިލުން ހަމަ ޔަޤީން، މިކަމަށް ބޭނުންވާ ޖާގަ ވަރަށް އަވަހަށް ހަމަޖައްސައިދެއްވާނެ. ހަމަޖެހުނުހާ އަވަހަކަށް، އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ފެށޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ދެ މަޝްރޫޢަކީ، މި ރަށުގެ މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ، އަދި މި އަތޮޅުގެ މަސްވެރިކަމަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ދެ ކަންތައް ކަމުގައިވާތީ، އަޅުގަނޑު މި ޔަޤީންކަން ދެނީ، އިރާދަކުރެއްވިއްޔާ މި ދެ މަޝްރޫޢުވެސް ވަރަށް ފުރިހަމަކަމާއެކީގައި، އަޅުގަނޑުމެން ކޮށްދީ ނިންމާނެކަން.
އާދެ، އައިސް ލިބުމާއެކީގައި، ތެލުގެ ދަތިކަންވެސް ޙައްލުކުރުމަކީ، އަޅުގަނޑު ވެފައި އޮތް ވަޢުދެއް. އާދެ، ޖުމްލަކޮށް މަސްވެރިކަމުގެ ޞިނާޢަތުގައި، މުޅި ރާއްޖޭގައިވެސް އައިސްއާއި ތެލަކީ ވަރަށް ބޮޑަށް ރައްޔިތުންނަށް، މަސްވެރިކަމުގައި އުޅޭ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިވާ ކަމެއް. އޭގެ ސަބަބުން، އެ ޞިނާޢަތް ވަރަށް ބޮޑަށް ހީނަރުވަމުން އައިސްފައި އޮތް ކަމެއް. އަޅުގަނޑުމެން ވާނީ، މިކަމަށްޓަކައިވެސް މަސައްކަތްތަކެއް ކޮށްފައި. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވަޢުދުވިން، އެސް.ޓީ.އޯ.ގެ ރޭޓުގައި ތެޔޮ ވިއްކޭނެ ނިޒާމެއް، އަޅުގަނޑުމެން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި ޤާއިމުކުރާނަމޭ. އާދެ، މި މަސައްކަތް އެސް.ޓީ.އޯ.އިން ވަރަށް ބާރަށް އެބަ ކުރިއަށްގެންދޭ. ފިއުލް ސްކިޑްތަކެއް ޤާއިމުކުރުމަށްޓަކައި، ބޭރުން އެ ބޭފުޅުން މިހާރު ޕްރީ ފެބްރިކޭޝަން މަސައްކަތް ވަރަށް ބޮޑަށް ނިމިއްޖެ. މިހާރު ޝެޑިއުލްގައި އެއޮތީ، ކުރިއަށް އޮތް ދޮޅުމަހެއް، ދެ މަހެއް ތެރޭގައި ރާއްޖެއަށް މި ތަކެތި ޝިޕްކުރާނެ. ކޮށްގެން، މި ދެންނެވިހެން، ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި މި ޤާއިމުކުރަނީ. މި އަތޮޅުގައި އޮތީ މި ރަށުގައި ޤާއިމުކުރަން. އެހެންވީމާ، ގޮސްފައި އޮތް ހިސާބަކީ، މި ދެންނެވި ހިސާބޭ. ތަކެތި ގެނައުން، މިހާރު ޝެޑިއުލް އަޅުގަނޑު މިރޭ މިއައީ ބަލާފައި. އެސް.ޓީ.އޯ. އިން ފޮނުވާފައި އޮތް ޝެޑިއުލް. މި ދެންނެވިހެން، މި ރަށުގައި އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ވިއްކާ، ފިއުލް ސްކިޑް ޤާއިމުކުރުމުގެ މަސައްކަތް ޖަނަވަރީ މަހުގެ ތެރޭގައި ޢަމަލީގޮތުން ފަށާގޮތަށް މިހާރު އެ ބޭފުޅުންގެ ޝެޑިއުލްގައި އޮތީ. މިއީ، އިރާދަކުރެއްވިއްޔާ މިކަންވެގެން ދިޔުމުން، މި މައްސަލަ ޙައްލުވާނެ ކަމެއް ކަމުގައިވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކަންވެސް އަޅުގަނޑު މި ދެންނެވި ގޮތަށް، ކާމިޔާބުކަމާއެކީގައި ކޮށްދީ ނިންމާނަން. އާދެ، މިއީ ރައްޔިތުންނަށް، މަސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑު، މުހިންމު ދެ މައްސަލަ.
އިރާދަކުރެއްވީތީ، މަސްކިރުމުގައި މިހާރު ދަތިކަމެއްނެތި، ބޯޓެއް އޮވެގެން އެކަން އެބަ ހިނގާ. އަދި، ބައެއްފަހަރު ބޭނުންވާއިރުގައި އިތުރު ބޯޓުވެސް އެބަ ފޮނުވާ. މިފްކޯގެ ފަރާތުން، ފިޝަރީޒް މިނިސްޓްރީން ވަރަށް ބޮޑަށް ގާތުން ބަލާ ކަންތައްތައް މި ހުންނަނީ. މަސްވެރިކަމުގެ ޞިނާޢަތަކީ، މުޅި ރާއްޖޭގައި އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ޞިނާޢަތެއް. ޓޫރިޒަމް ޞިނާޢަތް ނަގާފައި، އެންމެ ބޮޑު، އެންމެ މުހިންމު އިސްކަމެއްދޭ ޞިނާޢަތް. އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، ވަރަށް ބޮޑަށް ވަޅުޖެހިފައި އޮތް ޞިނާޢަތެއް. މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަރަށް ބޮޑު އަދަދަކުން، ގާތްގަނޑަކަށް 250 އަށްވުރެ ގިނަ މިލިއަން ރުފިޔާ ހުރީ ބެކްލޮގް ނުދީ. އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދިޔައީ، ރާއްޖޭގައި އިޤްތިޞާދީ ގޮތުން އޮތް ހާލަތުވެސް ބަލައި، އެއަށް ރިޢާޔަތްކުރަމުން، ވަރަށް އިސްކަމެއްދީގެން، ވަރަށް އަވަހަށް ގެންގޮސް، އެ ފައިސާ ދައްކައި ނިންމާލުމުގެ ގޮތުން. އެހެންވީމާ، އެ ބެކްލޮގްވެސް ކްލިއަރކޮށް، އަދި އަޅުގަނޑު ވަޢުދުވީގޮތަށް، 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަންވެސް، މިދިޔަ އަހަރުގެ ޑިސެންބަރު 10ން ފެށިގެން، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން، އެއްވެސް މެދުކެނޑުމެއްނެތި، އެއީ ބަންދެއް ކަމުގައިވިޔަސް، ކިތަންމެ ދިގު ބަންދެއް ކަމުގައިވިޔަސް، ހަފުތާ ބަންދެއް ކަމުގައިވިޔަސް، އެއްވެސް މެދުކެނޑުމެއްނެތި، މިދިޔަ އަހަރުގެ ޑިސެންބަރު 10ން ފެށިގެން، މިއަދާ ހަމައަށް މިއައީ އެއްވެސްވަރަކަށް މެދުނުކެނޑި، 48 ގަޑިއިރުގައި ފައިސާ ދެމުން. އެހެންވީމާ، ބެކްލޮގްވެސް ކްލިއަރކުރެވި، އަޅުގަނޑުމެންގެ ވަޢުދު ފުއްދަމުން މިދަނީ. އިރާދަކުރެއްވިއްޔާ އެގޮތަށް ކޮންޓިނުއަސް ވާނެ.
ދެން، އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ، އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، 20 ރުފިޔާގެ ރޭޓު، އެއަށް ދިޔުމަށް މަސައްކަތްކުރަމުން މިދަނީ. އެހެންވީމާ، މި ޞިނާޢަތް ނަގައި ކޮޅަށްޖެއްސުމަށްޓަކައި މިކުރާ މަސައްކަތް މިދަނީ ވަރަށް ބޮޑަށް އިސްކަންދީގެން، ވަރަށް ރަނގަޅަށް، ގާތުން އަޅުގަނޑުމެން ބަލަމުން. އަދި ވަރަށް ގާތުން މަސްވެރިންނާ އެކީގައި މަސައްކަތްކުރަމުން. އަދިވެސް ވަރަށް ގިނަ ކަންތައްތައް މިހިރީ ކުރަން. އައިސް ޕްލާންޓްތައް ޤާއިމުކުރުމާއި، ކޯލްޑް ސްޓޯރޭޖްތައް ޤާއިމުކުރުމާއި، ފެކްޓްރީތައް ޤާއިމުކުރުމާ، މިހުރިހާ ކަމެއްވެސް މިހިރީ ފެށިފައި، އެކި މަރުޙަލާތަކުގައި. ބޭރުގެ ފަންޑުތަކާ ގުޅިފައި ވަރަށް ގިނައިން އެބަހުރި މީގެ މަޝްރޫޢުތައް. މި ރަށް އޭގެތެރޭގައި މި ހިމެނެނީ. އަދިވެސް ގާތްގަނޑަކަށް ހައެއްކަ ރަށުގައި މިގޮތަށް އައިސް ޕްލާންޓްތަކާއި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުން، އަދި ފެކްޓްރީތައް ޤާއިމުކުރަން އެކިކަހަލަ ބޭރުގެ ފަންޑުތަކާ ގުޅިފައި އެހެރީ. ގުޅިގެން މަސައްކަތްތައް މިހިރީ ރޭވިފައި.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، ރާއްޖޭގައި ފިޝް ޕްރޮސެސިންގއާއި އަދި މި ދެންނެވިހެން، މި ދާއިރާއަށް ބޭނުންވާ ހުރިހާ ކަމަކަށް ކެޕޭސިޓީ ބިލްޑްކުރުން މިއޮތީ ވަރަށް ރަނގަޅަށް ތާވަލުކުރެވިފައި. ނޫނީވިއްޔާ ކުރިއަށް ދެވޭނެގޮތް ރޭވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމަކީ، އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން، އަޅުގަނޑު ވަޢުދުވީގޮތަށް، މި ސަރުކާރުން ކުރާނެ ކަންތައްތައް. މިއަދާ ހަމައަށް އައިއިރުވެސް މި މަސައްކަތްކުރީ މިގޮތަށް. އަދި ކުރިއަށްއޮތް ތަނުގައިވެސް އެކަންދާނީ އެހެން. މިސާލަކަށް، ކޫއްޑުއަށް ބެލިކަމުގައިވިޔަސް، ފެލިވަރަށް ބެލިކަމުގައިވިޔަސް، އަޅުގަނޑުމެން ކެޕޭސިޓީ ބިލްޑްކުރަންވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރަން. އެހެންވީމާ، މަސްވެރިންގެ ވާހަކަ ދައްކާއިރުގައި، މިކަން ހަމަ އަޅުގަނޑު މި ފާހަގަކޮށްލީ.
އާދެ، މި ރަށަށް ބޭނުންވާ ދެންހުރި ކަންކަމަށް ބަލައިލާއިރުގައި، އަޅުގަނޑުމެން މިއަދު މި ފެށީ ބަނދަރުގެ މަސައްކަތް. އާދެ، ބަނދަރު އޮތީ ސޮއިކޮށްފައި. އެހެންނަމަވެސް، ބަނދަރު ބޮޑުކޮށް، ބޭނުންވާ ސައިޒަށް، 1400 ފޫޓު، 350 ފޫޓަށް ބަނދަރު ހަދައިދޭނެކަމަށް އަޅުގަނޑު ވަޢުދުވިން. މިހާރު މި ފެށުނީ މަސައްކަތް. އިރާދަކުރެއްވިއްޔާ، ވަރަށް ބާރު ސްޕީޑްގައި ގެންގޮސް އެ މަސައްކަތް އަޅުގަނޑުމެން ނިންމައިދޭނަން.
ހަމަ އެގޮތަށް، ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުންވެސް. މިހާރު ހިލަ ގެނެވި، މަސައްކަތް ފެށުމަށް އެ ތައްޔާރުވީ. މިވެސް އަޅުގަނޑު ވަޢުދުވީ ކަމެއް. އެހެންވީމާ، އެމް.ޓީ.ސީ.ސީ.ގެ ފަރާތުން މި ދެ މަޝްރޫޢު ގެންދާނީ، ވަރަށް ބޮޑަށް އެކަމަށް އިސްކަމެއްދީގެން، ވަރަށް ބާރު ސްޕީޑްގައި. އެހެންވީމާ، ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމުގެ ވަޢުދުވެސް އަޅުގަނޑު ވަޢުދުވީ ގޮތަށް، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ފުރިހަމަކަމާއެކީގައި ޑެލިވަރކޮށްދޭނަން.
އާދެ، މަގު ހެދުން. އާދެ، އަޅުގަނޑުމެން މި ރަށަށް ކެމްޕެއިންގައި އައިއިރުގައިވެސް މަގު ހަދަން ފަށާފައި އޮތީ. މަގުތައް ހަދަންޖެހޭ. ވަރަށް ބޮޑަށް އޭގެ ދަތިކަން ރައްޔިތުންނަށް ވާކަމެއް މިއީ. މިހާރު މިއޮތީ މަގުގައި ތާރު އެޅުމާ ހަމައަށް، ގާތްގަނޑަކަށް ހުރިހާ ކަމެއް ނިމިފައި. އެހެންވީމާ، ދެންއޮތް މަރުޙަލާއަށް ދިޔުމަށްޓަކައި، އާރު.ޑީ.ސީ.ގެ ފަރާތުން އެދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ތަރުތީބުކުރަމުން. އިރާދަކުރެއްވިއްޔާ މިހާރު މިއޮތް ހިސާބުން، ދެންގޮސް ހުރިހާ މަސައްކަތެއް، ތާރުއެޅުމާ އެކީގައި ހުރިހާ މަސައްކަތެއް، މަގު ހެދުން ނިންމުމުގެ މަސައްކަތުގެ ތެރޭގައި އެދަނީ. އެހެންވީމާ، ދެންމިހިރަ ހުރިހާ މަސައްކަތެއްކޮށް ނިންމައި، މަގު ހެދުމުގެ މަޝްރޫޢު މިއަދުން ފެށިގެން އެންމެ ގިނަވެގެން، ހަތަރު މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމައިދޭނަން. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން.
އާދެ، ދެންހުރި ކަންކަންވެސް، ވަޢުދުތައް އަޅުގަނޑު ފާހަގަކޮށްލައިދޭނަން. މާދަމާ ހެނދުނު އަޅުގަނޑުމެން ޢަމަލީ މަސައްކަތް މި ފަށަނީ، ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް. މިއީ، އަޅުގަނޑު ވީ ވަޢުދެއް. ހޮސްޕިޓަލަކަށް ބަދަލުކުރީމަ، މި ރަށަށް އަދި މި ސަރަޙައްދުގައި، ޞިއްޙީ ދާއިރާއިން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދޭ އެބަ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާދަމާ މި ފެށޭ މަޝްރޫޢަކީ، އެއްވެސް ހުއްޓުމެއްނެތި، ވަރަށް ބާރު ސްޕީޑްގައި ގޮސް ނިމިގެންދާނެ މަޝްރޫޢެއް. އަޅުގަނޑު ވަޢުދުވީގޮތަށް، އިރާދަކުރެއްވިއްޔާ އެކަންވެސް ތިޔަބޭފުޅުންނަށް ކޮށްދޭނަން.
އާދެ، ކުޅިވަރުގެ ދާއިރާ. ކުޅިވަރުގެ ދާއިރާއަށް ބަލާއިރުގައި، ޔޫތު ސެންޓަރު، ނޫނީވިއްޔާ އަޅުގަނޑުމެން މިހާރު މި ކިޔަނީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ހެދުމުގެ މަސައްކަތަށް ބަލާއިރުގައި، މިވެސް ގާތްގަނޑަކަށް 60 އިންސައްތަ މިހާރު ނިމިފައިހުރި މަސައްކަތެއް. މިކަން ވަކި ހިސާބަކުން މަޑުޖެހިފައި، ނުހިނގާ އޮތީ. މިހާރު އަޅުގަނޑުމެން މިވަނީ އެ މަސައްކަތް ކުރަން ސަރުކާރު ކުންފުންޏަކާ ހަވާލުކޮށްފައި. އިރާދަކުރެއްވިއްޔާ މި މަސައްކަތަކީވެސް މިއަދުން ފެށިގެން، އެންމެ ގިނަވެގެން، ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމައި، ތިޔަބޭފުޅުންނާ، ޒުވާނުންނަށް ބޭނުންކުރަން ހަވާލުކުރާނެ ތަނެއް. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން.
އާދެ، ފުޓްބޯޅަ ދަނޑެއް އަޅުގަނޑުމެން ވާނީ ޓަރފް އަޅައިދީފައި. ފުޓްބޯޅަ ދަނޑުގައި ކުޅެވޭގޮތް މިހާރުވޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސްޓޭންޑަޑަކީ އެއެއްނޫން. އަޅުގަނޑުމެން މިހާރު ހުރިހާ ދަނޑެއް ހަދަނީ ފެންސުޖަހައި، ލައިޓްޖަހައި، ހުރިހާ ކަމެއް ނިންމާފައި. އެހެންވީމާ، ވަރަށް އަވަހަށް އަޅުގަނޑުމެން މި އަހަރު ތެރޭގައި، މި ދެންނެވި ފުޓްބޯޅަ ދަނޑު ފުރިހަމަކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެ މަސައްކަތް ފަށައިދޭނަން. އިރާދަކުރެއްވިއްޔާ އެކަން ވެގެންދާނީ، ރޭގަނޑު ކުޅެވޭގޮތަށް ފުރިހަމަވެގެންދާ ފުޓްބޯޅަ ދަނޑެއް ލިބިގެންދާނެ ކަމަކަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންވެސް އަޅުގަނޑުމެން މި ދެންނެވި ގޮތަށް ކޮށްދޭނަން.
އާދެ، ހޭންޑްބޯލް ކޯޓު މިއީ އަޅުގަނޑުމެން މިހާރު ވަރަށް ގިނަ ރަށްތަކުގައި ހަދާ އެއްޗެއް. ވަރަށް ގިނަ ރައްޔިތުން، ޚާއްޞަކޮށް އަންހެން ބޭފުޅުން ކުޅޭ ކުޅިވަރެއް. އަދި ކުރިއަރުވަން އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކުރާ ކުޅިވަރެއް. ހޭންޑްބޯލް ކޯޓު އަޅައިދިނުމުގެ ޕްރޮގްރާމެއް މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި، ވަރަށް ގިނަ ރަށްތަކުގައި ގެންދިޔުމަށް އަޅުގަނޑުމެން މިހާރު މިއޮތީ ނިންމާފައި. މި މަޝްރޫޢަކީ ބޮޑު މަޝްރޫޢަކަށް މިވަނީ، ގިނަ ރަށްތަކަކުން މިކަން ބޭނުންވާތީވެ. އެހެންވީމާ، އަޅުގަނޑުމެން މި އަންނަ އަހަރަށް ބަޖެޓު ހުށަހަޅާއިރުގައި، ނިއު ޕޮލިސީ އިނީޝިއޭޓިވް ގޮތުގައި، ނޫނީވިއްޔާ އާ މަޝްރޫޢުތަކުގެ ތެރޭގައި ހިމަނާ އެއް މަޝްރޫޢަކީ، ކުޅިވަރުގެ ދާއިރާއިން، ހޭންޑްބޯލް ކޯޓު އެޅުން. އެހެންވީމާ، މި ޕްރޮގްރާމްގެ ތެރެއިން، މި ރަށުގައިވެސް އިރާދަކުރެއްވިއްޔާ ހޭންޑްބޯލް ކޯޓެއް، މި އަންނަ އަހަރުގެ ކުރީކޮޅު އެޅުމުގެ މަސައްކަތް ފަށައިދޭނަން.
އާދެ، އިރުމަތީފަރާތުގެ ޖެޓީ ޤާއިމުކުރުމަކީވެސް އަޅުގަނޑު ވަޢުދުވީ ކަމެއް. އެކަންވެސް މި އަންނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެން މިހާރުވާނީ ލާފައި. އެހެންވީމާ، ބަޖެޓު ފާސްވެގެން އައިސް، އަޅުގަނޑުމެން ތަންފީޒުކުރަން ފަށާއިރުގައި، އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން ފެބުރުވަރީ، މާރިޗު ހިސާބުގައި، އެ ޢަމަލީ މަސައްކަތްވެސް ފެށިގެންދާނެ.
އާދެ، ދެން އަޅުގަނޑު ފާހަގަކޮށްލަން، މިހާރުން މިހާރަށް ވަރަށް އިސްކަމެއްދޭންޖެހޭ، ކަރަންޓުގެ މައްސަލަ ޙައްލުކުރަން. މިހާރު ފެނަކައިން އެކަމަށް ވަރަށް އިސްކަމެއްދީގެން، އެގެންދަނީ ޖެންސެޓް ގެނައުން، ޓްރާންސްފޯމަރ، ކޭބަލް އަޕްގްރޭޑިންގ، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި، ތިޔަބޭފުޅުންނަށް އެކަމުގެވެސް ދަތިކަން ފިލައިގެންދާނެ. އެހެންވީމާ، އެކަންވެސް އަޅުގަނޑު މި ފާހަގަކޮށްލީ.
އާދެ، ސްކޫލްގެ މަޝްރޫޢުވެސް ހުރީ ކުރިއަށްދާންވެފައި. ވަރަށް ކުޑަ މަސައްކަތަކުން ނިމޭ ހިސާބުގައި ހުރި، ސްކޫލެއްގެ އިމާރާތެއްގެ މަސައްކަތެއް މިއީ. މި މަޝްރޫޢު ނިންމައި، އިރާދަކުރެއްވިއްޔާ އާ ދިރާސީ އަހަރު ފެށެންވާއިރަށް ހުރިހާ ކަމެއް ނިމި، އެތަން ބޭނުންކުރެވޭވަރު ކޮށްދޭނަން. އެ ޔަޤީންކަން އަރުވަން.
އާދެ، ސްކޫލްގެ ރޫމްތަކާއި، ސްކޫލްގައި ބޭނުންކުރާ ހޯލުތައް އޭސީކުރުމަކީ އަޅުގަނޑުމެންގެ ޕްރޮގްރާމެއް މިހާރު ހިނގާ. ކޫލް ސްކޫލް ޕްރޮޖްކްޓްގެ ތެރެއިން، ދެން މި ރަށުގެ ބައެއް ކްލާސްރޫމްތައް އޭސީ ނުކުރާ ވާހަކައެއް ނޫން. ނޫނީވިއްޔާ، އެކަން ބައެއް ބޭފުޅުން ނުކުރައްވާ ވާހަކައެއް ނޫން.
މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ، އަޅުގަނޑުމެންގެ ފުރަތަމަ ފިޔަވައްސަކީ، ކްލާސްރޫމްތަކާއި، ސްޓާފުން ބޭނުންކުރާ ރޫމްތައް އޭސީ ކުރުން. އެއީ ފުރަތަމަ މަރުޙަލާ. މި އަހަރުގެ ޑިސެންބަރުގެ ނިޔަލަށް، ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ ސްކޫލެއްގެ މި ދެންނެވި ކްލާސްރޫމްތަކާއި ސްޓާފް ރޫމްތައް އޭސީކޮށް މި ނިންމަނީ.
ދެވަނަ ފޭސްއެއްގެ ގޮތުގައި، މި އަންނަ އަހަރު އަޅުގަނޑުމެން މި ފަށަނީ، ހޯލުތައް އޭސީކުރަން. ޖާގަބޮޑު ތަންތަން ކަމުގައިވާތީ، މިލީ ދެވަނަ ފޭސްއަކަށް. އެހެންވީމާ، މި ރަށުގައި ސްކޫލް ހޯލް އޭސީކުރުން، އަޅުގަނޑުމެން ކުރިއަށް ގެންދާނަން، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން. މި އަހަރު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ކްލާސްރޫމްތަކާއި ސްޓާފް ރޫމްތައް އޭސީކުރުން. އަޅުގަނޑަށް އެނގޭ ވަރަށް ދަތިވާ މައްސަލައެއްކަން އެއީ. އެހެންވީމާ، އެކަން އަޅުގަނޑުމެން ކުރިއަށްގެންދަން ނިންމާފައި އޮތްގޮތަކީ، ހަމަ ވީހާވެސް އަވަހަކަށް އަހަރުގެ ކުރީކޮޅު އޭސީކުރުމުގެ މަސައްކަތް، ހޯލުތައްވެސް ފަށާގޮތަށް. އެހެންވީމާ، ބެލެނިވެރިންނަށާއި، ކުދިންނަށާއި، ހަމަ ސްކޫލްގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިކަން ހަމަ ޔަޤީންކަމާ އެކީގައި މި ދަންނަވާލީ.
އާދެ، އަޅުގަނޑު ހަމަ ލިސްޓެއް ކިޔަމުން މިދަނީ. ދެން އެކަމަކު، ލިސްޓުގެ އެންމެ ފަހަތަށް އަޅުގަނޑު ބައެއް ކަންކަން ލާފައި އަދި އެބަހުރި. ކުދިކުދި ކަންކަމާއި، ތަންކޮޅެއް ބޮޑެތި ކަންކަން. އާދެ، މިތާނގައި އަޅުގަނޑުމެން ފުލުހުންގެ ޚިދުމަތް އެބަދެން. ފުލުހުންގެ ޚިދުމަތް ދިނަސް، ފުލުހުންގެ މަރުކަޒެއް އެޅިކަމުގައިވިޔަސް، ޙަޤީޤަތުގައި އެންމެ ބޭނުންވާގޮތަކަށް އަދި ޚިދުމަތް ޤާއިމުވެފައެއް ނެތް. މި ދެންނެވީ، ފުލުހުން ބޭނުންކުރާނެ ވެހިކަލްއެއް މިތާކުނެތް. ވަރަށްދަތިވާ ކަމެއް. ފުލުހުންނަށްވެސް އެ ޚިދުމަތް ދިނުމުގައި ދަތިވާކަމެއް. އަދި ރައްޔިތުންނަށްވެސް އޭގެ ސަބަބުން ވަރަށް ދަތިވާކަމެއް މިއީ. އެތައް އަހަރެއްވެއްޖެ ރައްޔިތުން އެކަމަށް އުންމީދު ކުރަމުންދާތާ. އަދި ސަރުކާރުގައި އެދެމުންދާތާ.
އާދެ، އަޅުގަނޑަށް މަޢުލޫމާތު ލިބުނުގޮތުގައި، ސާދަވަރަކަށް އަހަރުވެއްޖެ މިކަމަށް އެދެމުންދާތާ. ފުލުހުންނަށް ވެހިކަލްއެއް މި ރަށަށް ގެނެސްދިނުމަށް. އާދެ، މިކަން އަޅުގަނޑުމެން ނިންމައިދޭނަން. މި ފެށޭ އޮކްޓޫބަރުމަސް ނިމުމުގެ ކުރީގައި، މި ރަށަށް ފުލުހުންގެ ވެހިކަލްއެއް އަޅުގަނޑުމެން ގެނެސްދީ، އޮޕަރޭޝަނަށް ނެރެދޭނަން.
އެމްބިއުލެންސަށް ބަލާއިރުގައި، އަޅުގަނޑުމެން އެބަ ގެންނަން، ގާތްގަނޑަކަށް ފަންސާހަކަށް ރަށަށް ބޭނުންވާވަރަށް އެމްބިއުލެންސް. އަދި ރަށްތައް ފައިނަލްނުކޮށް ހުރީ. އެމްބިއުލެންސް ގެނައުމަށް މިހާރު ސަރުކާރުގެ ކަމާބެހޭ ކުންފުންޏަކުން އެ މަސައްކަތް ފަށައިގެން ކުރިއަށް އެބަގެންދޭ. މި އަހަރުގެ ތެރޭގައި ޑެލިވަރ ކުރުމަށް. އެ ރަށްތަކުގެ ތެރޭގައި، މި ރަށް އަޅުގަނޑުމެން ހިމަނާނަން. އިރާދަކުރެއްވިއްޔާ ރަނގަޅު އެމްބިއުލެންސެއްވެސް މި ރަށަށް ލިބިގެންދާނެ.
ފަހުކަމަކަށް ގެދޮރު. އާދެ، ގެދޮރަކީ އެންމެ މުހިންމު ކަންތައް. އެންމެ މުހިންމު ކަންތައް ޚާއްޞަކޮށް މިފަދަ ރަށްރަށުގައި. މާލޭގައި ހަމަ އެންމެ ބޮޑު ކަންތައް. އާބާދީ ބައިބޯ ހުރިހާ ރަށެއްގައިވެސް އެންމެ ބޮޑު ކަންތައް. ގެދޮރުވެރިކަން ހައްލުކޮށްދިނުމަކީ އަޅުގަނޑު ވީ ރިޔާސީ އެންމެ ބޮޑު ވަޢުދު، ތަރައްޤީގެ ދާއިރާއިން. އެކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ފުރަތަމަ ދުވަހުން ފެށިގެން ފަށައިގެން މިއަދާ ހަމައަށް މިއައީ.
އާދެ، މި ރަށުގައި އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި، ޢަމަލީގޮތުން 50 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ފަށައިދޭނަން. އާދެ، އެއީ އަދި ނިމުމެއްނޫން. އެއީ ފެށުމެއް. އިރާދަކުރެއްވިއްޔާ މި ދެންނެވި ކަންތައް މި އަހަރު ފަށާނެ.
އާދެ، މި ރަށުގައި ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން މި ފަށާ ކަންކަމާއި އަދި ފެށިފައި ހުރި ކަންކަން ނިމެމުންދާނެ ގޮތުގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އަދިވެސް އިތުރު ކަންކަން ހުންނާނެ ކުރަން. މައިގަނޑު ގޮތެއްގައި އަޅުގަނޑު އިސްކަން މިދިނީ އަޅުގަނޑު ރިޔާސީ އިންތިޚާބުގައާއި އަދި ފަހުންވީ ވަޢުދުތައް ފުއްދުމަށް. އަދި ތިޔަބޭފުޅުންނަށް މުހިންމުވާ ކަންކަން ތަރުތީބުކޮށްގެން، އެކަންކަން ހާސިލުކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، ކުންފުނިތަކުން މަސައްކަތް ކުރަމުންދާނީ، މި ދެންނެވި ކަންކަން ތިޔަބޭފުޅުންނަށް ކޮށްދީ ނިންމުމަށް. އެއްވެސްވަރަކަށް މިކަންކަމުގައި ފަރުވާކުޑައެއްނުވާނެ. ވަރަށް އިސްކަންދީގެން، ވަރަށް ފުރިހަމަކަމާއެކީގައި މި ހުރިހާ ކަމެއް ކޮށްދީ އަޅުގަނޑުމެން ނިންމާނަން. ފުރިހަމަ ޔަޤީންކަމާއެކީގައި އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ. ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކަކީ، ތިޔަބޭފުޅުންނަށް، ކުރިފުޅުމަތިން މިކަންކަން ފެނިގެންދާނެ ދުވަސްތައް. މިހާރު މި ފެށިގެންދާ ކަންކަމާއި، އަޅުގަނޑު މި ދެންނެވި ގޮތަށް، ކުރިއަށް ހުރި ކަންކަން ނިމިގެންދާނީ.
އާދެ، އަޅުގަނޑު ހަމަ އަދިވެސް އެއްފަހަރު ޔަޤީންކަންދެން، މުލަކުގެ ރައްޔިތުންގެ ތަރައްޤީއަކީ، ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް. ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްޤީއަކީވެސް ހަމަ އެފަދަ ކަމެއް. އަޅުގަނޑުމެންނަށް، މި ސަރުކާރަށް، ހުރިހާ ރައްޔިތުންވެސް ހަމަހަމަ. އަޅުގަނޑުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށްވެސް ފުރިހަމަކަމާއެކީގައި، އެންމެ އިސްކަންދީގެން، ހަމަހަމަކަމާއެކީގައި، ކަންކަން ފުރިހަމަކޮށްދިނުން. އެގޮތުން އަޅުގަނޑުމެން މަސައްކަތްތައް ކުރަމުން މިދަނީ.
ބައެއް ރަށްރަށަކީ އާބާދީ ކުދިކުދި ރަށްރަށް . އެ ރަށްރަށަށް އަޅުގަނޑުމެން މި ކޮށްދޭ ކަންކަމަކީ، އެ ރަށެއްގައި އެ ރައްޔިތުން ތިބޭހާ ދުވަހަކު އެ ރަށަކަށް ބޭނުންވާނެ ހުރިހާ ކަމެއް، އެ ރަށެއްގެ ނިސްބަތުން ފުރިހަމކޮށްދިނުން. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ތެރެއިން އާބާދީއާއި ތަރައްޤީ އެއްފަސްވުމަށް، އެ ރައްޔިތުންނަށް ފުރުޞަތު ދިނުން. ބައެއް ރަށްރަށަށް ހިޖުރަކުރުމާއި ބަދަލުވުމަށް، ފުރުޞަތު ހުޅުވާލުން. މިފަދަ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް އަޅުގަނޑުމެން ތަންފީޒު މިކުރަނީ، އެއީ، ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެންމެ ފުރިހަމަގޮތުގައި ޚިދުމަތް ދިނުމަށްޓަކައި. މިކަން ހާސިލުކުރުމަށްޓަކައި އަޅުގަނޑު ވެފައި އޮތް ވަޢުދު އެއީ، 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭނެއް، ތަރައްޤީގެ ޕްލޭނެއް، ރައްޔިތުން ބޭނުންވާގޮތަށް ހެދުން. އެ މަސައްކަތްވެސް ފަށައިގެން މިހާރު ވަރަށް ބާރަށް ކުރިއަށް އެބަދޭ. މި ރަށަށްވެސް ޓީމު އަންނާނެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އެ ޓީމު އައިސް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާނެ.
ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ނުހޯދައި އަޅުގަނޑުމެންނެއް ނުނިންމާނަން. އަޅުގަނޑު ވަޢުދުވީ އެގޮތަށް. ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ ރައްޔިތުންގެ ޚިޔާލު ހޯދާނެ. މި ކަމުގައި ހަމަ ކޮންމެގޮތެއްވިޔަސް، ހުރިހާ ރަށެއްގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ ކައުންސިލް އަދި މުއައްސަސާތައް. ރައްޔިތުންގެ ސީދާ ޚިޔާލާއި އަދި ސްޓޭކް ހޯލްޑަރުންނާއި، މި ދެންނެވިހެން ކައުންސިލްތަކުގެ ބައިވެރިވުން ފުރިހަމައަށް ލިބިގެން މިކަން ހިނގާނީ. އިރާދަކުރެއްވިއްޔާ، މި މަސައްކަތް ބާރަށްގޮސް މި ނިންމަނީ.
މީގެ ބޭނުމަކީ، ރައްޔިތުން ބޭނުންވާ މިސްރާބަށް ރާއްޖޭގެ ތަރައްޤީ ކަށަވަރުކުރުން. ކުރީގައި މިދިޔަހެން، ސިޔާސީގޮތުން އަންނަ ބަދަލަކާ ގުޅިގެން، ރައްޔިތުންގެ ތަރައްޤީ އެކޮޅުކޮޅުންޖެހޭކަށެއް އަޅުގަނޑު ބޭނުމެއްނޫންވާކަށް ދެނެއް. އަޅުގަނޑު ބޭނުންވަނީ، ރައްޔިތުން ބޭނުންވާގޮތް ރައްޔިތުން ކަނޑައަޅަން. ކަނޑައަޅާފައި، ފޮތެއްގައި، ޕްލޭނެއްގައި ލިޔަން. ލިޔެފައި އަދި އެ ޕްލޭން ޤާނޫނަކުން ހިމާޔަތްކުރަން. އެއީ އަޅުގަނޑު ވީ ވަޢުދު. މިހާރު 20 އަހަރުގެ މާސްޓަރ ޕްލޭނާ ބެހޭ ޤާނޫނެއްވެސް ޑްރާފްޓް ކުރަމުން މިދަނީ.
މީގެ ބޭނުމަކީ، ކުރިއަށް އޮތް ދުވަސްތަކަށް، ކުރިއަށް އޮތް ވިއްސަކަށް އަހަރަށް، ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރުވެގެންދާނެ، ރާއްޖޭގައި ކޮންމެކަހަލަ ބަދަލެއް ސިޔާސީގޮތުން އަޔަސް، ރާއްޖޭގެ ރައްޔިތުން ބޭނުންވާގޮތަށް، ރާއްޖޭގެ ތަރައްޤީ އޮތީ ކަނޑައެޅިފައިކަން. ދެން އަންނާނީ ކުދިކުދި ބަދަލުތައްކަން. މައިގަނޑު މިސްރާބު އޮތީ ކަނޑައެޅިފައިކަން.
އަޅުގަނޑު ޔޫ.އެން.ގައި މިދިޔަ އަހަރު ވާހަކަ ދައްކަމުން، ޖެނެރަލް އެސެމްބްލީގައި ވާހަކަދައްކަމުން އިޢުލާނު ކުރިން، އަޅުގަނޑުމެން ދެކެން ބޭނުންވަނީ، މި ދެންނެވި 20 އަހަރަށް ދާއިރުގައި އަންނާނެ 2040. 2040އާ ހަމައަށް ދާއިރުގައި، މި ރާއްޖެއަކީ ތަރައްޤީވެފައި އޮތް ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމަކަށް ހަދަން އަޅުގަނޑުމެން ބޭނުންވެއޭ. މިކަމުގައި އިންޓަރނޭޝަނަލް ކޮމިއުނިޓީގެ އެހީތެރިކަން އަޅުގަނޑުމެން ވަރަށްބޮޑަށް ބޭނުންވެއޭ. އެކަން އަޅުގަނޑު އިޢުލާނު ކުރިން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެ މިސްރާބަށް ދާން. ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނެންޏާ، މިހެންހުރި ކޮންމެ ރަށެއް ތަރައްޤީވާންޖެހޭ. ކޮންމެ ރަށެއް ތަރައްޤީވާންޖެހޭނެ. ހުރިހާ ދިމާއަކުން. ތަޢުލީމީ ދާއިރާއިން، ޞިއްޙީ ދާއިރާއިން، ކުޅިވަރު، ދެންހުރި ހުރިހާ ދާއިރާއަކުންވެސް. އެކަން ހާސިލުވުމާއެކީގައި، މިހާރު ބަވަނަވެފައި މިއޮތް ދުނިޔޭގައި އޮތް، ތަރައްޤީގެ ޙަޤީޤަތްތަކާ ގުޅިލާމެހިގެން، އެންމެ ކުރީ ސަފުގައި ތިބެގެން ދާންޖެހެނީ. އެހެންވީމާ، މޯލްޑިވްސް 2.0ގެ ނަމުގައި އަޅުގަނޑުމެން ވަރުގަދަ ޕްރޮގްރާމެއް ފަށައިގެން، ޑިޖިޓަލައިޒްޑް ކުރުމަށްވެސް މުޅި ރާއްޖޭގެ ކަންކަން މިގެންދަނީ.
ކުރިއަށް އޮތް ދުވަސްތަކަކީ، އަދި މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ހަދާއިރުގައި، ވަރަށް އިސްކަމެއް އެބަދެން، މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްވެސް. އެއީ، މިފަދަ ރަށްރަށުގައި ކައުންސިލްތަކުންނާއި، އަދި ހުރިހާ މުއައްސަސާތަކުންދޭ ޚިދުމަތްތައްވެސް، ސަރުކާރުގެ މިނިސްޓްރީތަކާއި، ބޭންކްތަކާއި، ކުންފުނިތަކާއި، ޖުޑީޝަރީއާ، ދެން ކިޔާނެކަމެއް ނެތް. ދައުލަތުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ދެނީ، ދެފުށް ފެންނަ ގޮތެއްގައިތޯ ޔަޤީންކުރުމާއި، އަވަސްކޮށް، ވަރަށް އެފިޝަންޓްކޮށްތޯ ޔަޤީންކުރުމާއި، ކޮންމެ ރައްޔިތަކަށް، އެ ރައްޔިތެއްގެ ޑޭޓާ އަމިއްލައަށް ކޮންޓްރޯލް ކުރުމުގެ ފުރުޞަތު ލިބުމާއި، މި ހުރިހާ ކަމެއް ޔަޤީންވާގޮތަށް ކަންކަން ބައްޓަންކުރުމަށް. މީގެ އެންމެ ބޮޑު ނަތީޖާއަކަށްވާނީ، ކޮރަޕްޝަން ނެތިގެންދިޔުން. މިހާރު ކިހިނެއްތޯ މިވަނީ؟ ހިއުމަން އިންޓަރވެންޝަން، ނޫނީވިއްޔާ އަމިއްލައަށް، އިންސާނަކު އަމިއްލައަށް ކަންތައްތައް ކުރުމަށް ފުރުޞަތުދީފައި އޮތީމާ ކިހިނެއްތޯ މިވަނީ؟ ހަމަ ވަރަށްގިނަފަހަރު މަގާމުގެ ބޭނުން، ނުފޫޒުގެ ބޭނުންކުރަނީ. ނޫނީ އެހެން ކަންކަން ކުރަނީ.
މިއީ، ސަރުކާރުތަކުގައި، ސަރުކާރުގައި ހަމަ އަބަދުވެސް އެކި ލެވެލްތަކުގައި، އަދި ހަމައެކަނި ސަރުކާރެއް ނޫން. ޕްރައިވެޓް ސެކްޓަރ ތެރޭގައިވެސް، މިކަން ހިނގާގޮތް. އެހެންވީމާ، ޑިޖިޓަލައިޒް ކުރެވި، އަޅުގަނޑުމެން މިކަންކަން، ޚިދުމަތްތައް ދިނުން، އަމިއްލަ އަތުން ކުރަންޖެހޭ ކަންކަން މަދުކުރިވަރަކަށް، އޮޓޮމޭޓް ކުރާވަރަކަށް، މި ދެންނެވި ކޮރަޕްޝަން ދާނީ މަދުވަމުން. ނެތެމުން. އެއީ މިކުރާ ކަމަކީ. ދެ ފުށް ފެންނަގޮތް ހެދުމާއި، ކޮރަޕްޝަން ނައްތާލުމާއި، ޚިދުމަތް އަވަސްކުރުމާ. މިކަމަކީ ރައްޔިތުން މިކަން ބަލައިގަންނަންޖެހޭ ކަމެއްގެ ގޮތުގައިވެގެން ޙަޤީޤަތަކަށްވާނީ. މި ވާހަކަ މި ފާހަގަކުރީ ކީއްވެތޯ؟
މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ހުށަހަޅާއިރުގައި، ވަރަށް ބޮޑު އިންސައްތައެއް، ދެން ހުރިހާ އޮފީސްތަކެއްގެ އައި.ޓީ. ބަޖެޓުގެ ތެރެއިންނާ އެކީގައި އެޖެސްޓްވެސް ކުރާނަން. ކޮށްގެން އެބަ ކަނޑައަޅަން މިކަމަށް. އެއީ، އަޅުގަނޑުމެން މި ކަނޑައަޅަނީ، މި އަންނަ އަހަރާއި، 2027 އާ. މި ދެ އަހަރު އަދި 2028ގެ ދެތިންމަސް ހިމެނޭގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ސަރވިސްއެއް ޑިޖިޓަލައިޒްކޮށް ނިންމަން. އެކަމުގައި ކޮންމެ ރައްޔިތެއްވެސް ޝާމިލުވޭ. އެއީ، ކިހިނެއްތޯ؟ ތިޔަބޭފުޅުންގެ އައި.ޑީ. މިހާރު އަތުގައި ތިޔަ އޮންނަ އައި.ޑީ.ކާޑު، ފިޒިކަލް އައި.ޑީ.ކާޑެއް ހަމަ އޮންނާނީ. އޮތަސް، އެއީ ފުލީ ޑިޖިޓަލައިޒް އައި.ޑީ.ކާޑަކަށް ބަދަލުވާނެ. ހުރިހާ ޚިދުމަތެއް ހޯދުމުގައި ތިޔަބޭފުޅުން ޝާމިލުވާނީ އެ ނިޒާމުގެ ތެރެއިން. ވަރަށް ބޮޑު މަސައްކަތެއް. ސަރުކާރުން އަދި އަމިއްލަ ފަރާތްތަކުން ގުޅިގެން ކުރަންޖެހޭނެ ކަމެއް. އެކަމުގައި ހަމަ ވަރަށް ބޮޑަށް އެންމެން ބައިވެރިވެގެން، އެންމެންނަށްޓަކައި ކުރާ ކަމަކަށް މިކަން ވާންޖެހޭ ކަމެއް.
މިކަން މި ފާހަގަކުރީ ކީއްވެގެންތޯ އަޅުގަނޑު މިއަދު؟ މިކަން މިއަދު މި ފާހަގަކުރީ، ކުރިއަށް އޮތީ ބަޖެޓު ހުށަހެޅުމުގެ ދުވަސްވަރު. އަޅުގަނޑު ބޭނުން، ވަރަށް ޓްރާންސްޕޭރަންޓްކޮށް މިކަން ދާގޮތް ބަޔާންކުރަން. ތަރައްޤީގެ ވާހަކަ ދައްކާއިރުގައި، ދާ ޕްލޭން، ދާ ޑައިރެކްޝަން، ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭނެ. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުން ބޭނުންވާގޮތަށް ތަރައްޤީ ގެންނަން.
އެހެންވީމާ، ކޮންމެ ރަށެއްގެ ރައްޔިތުން، ރައްޔިތުން ބޭނުންވާގޮތް އެންޑޯސްކޮށްގެން، ތަރައްޤީގެ ޕްލޭނެއް 20 އަހަރަށް ހެދިގެންދާއިރު އެއީ، ޑިޖިޓަލައިޒްޑް ރާއްޖެއެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅި، 2040އާ ހަމައަށްދާއިރުގައި ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން ދާން. އަދި އެއީ ޤާނޫނަކުން ހިމާޔަތް ކުރެވިފައިވާ ތަރައްޤީގެ ޕްލޭނަކަށްވާން ކުރާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއްވީމާ، އެކަން އަޅުގަނޑު މި ފާހަގަކުރީ.
އޭގެ ނަތީޖާއަކަށްވާނީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންގެ މުސްތަޤްބަލަށް ހަމަޖެހޭ، އަޅުގަނޑުމެން ހިތްހަމަޖެހޭކަހަލަ، ގޮތްތަކެއް ކަނޑައެޅިއްޖެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ލިބިގެންދިޔުން. އަޅުގަނޑު ބޭނުން، އަޅުގަނޑުމެންގެ ޤައުމަކީ، އަޅުގަނޑުމެން ގަބޫލުކުރާފަދަ، ހަމަޖެހިގެން ދިރިއުޅޭ ޤައުމަކަށްވެގެންދާން. ހުރިހާ މާނައެއްގައިވެސް ހަމަޖެހިގެން ދިރިއުޅޭ ޤައުމަކަށްވާން. މިހާރު މި ހިނގާ އާންމުކޮށް، ޚާއްޞަކޮށް ކުރީގައި ހިނގާ ސިޔާސީ އެކިކަހަލަ ވިޝަސް، އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާ، އެކިކަހަލަ ނުބައި އާދަތައް ހިނގާ، ބަދަލުހިފުމާއި، މިކަހަލަ ކަންކަމާއި، ޖަލަށްލުމާއި، އަނިޔާ ދިނުމާއި، މިކަންކަން ނެތިފައި އޮތް، ހަމަޖެހިގެން އުޅޭ، އެކަކު އަނެކަކަށް ރެސްޕެކްޓް ކުރާ، އިޙްތިރާމުކުރާ، އެކަކު އަނެކަކުގެ އަބުރު އަނެކަކު ނަގަހައްޓާ، ރީތިބަހުން ވާހަކަދައްކާ، ރިވެތި އަޚުލާޤެއްގައި ތިބި، އިސްލާމްދީނަށް ލޯބިކުރާ، ޢަމަލުކުރާ، ސިކުނޑި ތަރައްޤީވެފައިވާ، ޢުމްރާނީގޮތުން ތަރައްޤީވެފައިވާ، ވަށައިޖެހޭ ތަރައްޤީއެއް ހާސިލުވެފައި އޮތް ޤައުމަކަށް ހަދަން. މިކަން ކުރެވޭނީ ހަމަ ކޮންމެ ރައްޔިތަކުވެސް މިކަން ބޭނުންވެގެން. އަޅުގަނޑު އަމިއްލައަށް ކުރެވޭނެ ކަމެއް ނޯންނާނެ. ސަރުކާރުން ކިތަންމެ ކުރަން އުޅުނަސް ނުވާނެ ރައްޔިތުން ބޭނުންނުވަންޏަކާ. އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާނީ މިގޮތް.
އެހެންވީމާ، މިގޮތަށް ދިޔުމުގައި އަޅުގަނޑު ހިތުން، އެއްވެސްވަރެއްގެ ޚިޔާލުތަފާތުވުމެއް ނޯންނާނެ. އަޅުގަނޑުމެންނަކީ މީސްކޮޅު މަދު ޤައުމެއް ކަމުގައިވިޔަސް، ފަޚުރުވެރި ޤައުމެއް. އެންމެ ބޮޑަށް ފަޚުރުވެރިވަނީ ކޮންކަމަކަށްތޯ؟ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ޤައުމަކަށްވާތީ. ސައްތައިންސައްތަ އިސްލާމީ ޤައުމެއް. މި ދުނިޔޭގައި މިފަދަ އެހެން ޤައުމެއް ނެތް. އެއްބަހަކުން ވާހަކަ ދައްކަނީ. އެއް ދީނަކަށް ނިސްބަތްވަނީ. އެއް ނަސްލަކަށް ނިސްބަތްވަނީ. އެއްބައެއްވަންތަ، އެއްބައިވަންތަ ޤައުމެއް. މިކަން ނެތިކޮށްލަން އެއްވެސް ބަޔަކަށް އަޅުގަނޑުމެން ފުރުޞަތުދީގެން ނުވާނެ. މިކަން ނެތިކޮށްލަން ކުރާ މަސައްކަތްތައް އެބަ ހިނގާ އަޅުގަނޑުމެންނަށް ނޭނގިވެސް އެތައްވަރަކަށް. އެތައް ދިމާއަކުން އެ ޙަމަލާތައް އާދޭ. ބަވަނަވެފައި އޮތް މި ދުނިޔޭގައި އެކަން އަންނާނެ. އަޅުގަނޑުމެން ވެގެންނުވާނެ، އެކަންކަމަށް ފުރުޞަތުދޭ ބަޔަކަށް. އެކަން ކުރާނީ ހިތާއި ސިކުނޑީން އަޅުގަނޑުމެން މި ކަމަށް ސަމާލުކަންދީގެން.
އެހެންވީމާ، އަޅުގަނޑުމެން އެބަވާންޖެހޭ، މި ވިސްނުމުގައި، މި ޤައުމިއްޔަތުގެ މި ވަރުގަދަ ވިސްނުމުގައި ކުރިއަށްދާ ބަޔަކަށް. އެގޮތަށް އަޅުގަނޑުމެންނަށް ކުރިއަށް ދެވިއްޖެނަމަ، މިގޮތަށް މި ރަށްރަށުގައި މި ގެންނަ ތަރައްޤީއެއްގެ ފޮނިމީރުކަން އަޅުގަނޑުމެންނަށް ލިބިގެންދާނެ. އެހެންނޫނީވިއްޔާ، ކިތަންމެވަރަކަށް މަގުހެދިޔަސް، ކިތަންމެވަރަކަށް އައިސްޕްލާންޓް ބެހެއްޓިޔަސް، ކިތަންމެވަރަކަށް ކޯލްޑް ސްޓޯރޭޖް ހެދިޔަސް، އަދި ހޮސްޕިޓަލް ހެދިޔަސް، އެހެން ކަމެއް ކުރިޔަސް، އޭގެ ބޭނުމެއް ނެތް. އޭގެ ބޭނުމެއް ނެތް. އެ ކީއްވެތޯ އޭގެ ބޭނުމެއް ނެތީ؟
އަޅުގަނޑުމެންނަކީ އެއްވެސްކަހަލަ ވިސްނުމެއް ނެތް، ބުއްދިއެއް ދެއްވާފައިނުވާ، އެހެން މަޚްލޫގުންނާ އަޅުގަނޑުމެންނާ ނެތެއްނޫންތޯ އޭރުން ތަފާތެއް. އަޅުގަނޑުމެންގެ ސިކުނޑިން އަޅުގަނޑުމެން ނުވިސްނާނަމަ. އެހެންވީމާ، މިގޮތަށް އޮންނަ ޖަލްސާތަކުގައި އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ދައްކާ ވާހަކައެއް މިއީ. އެއީ އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީގައި މަސައްކަތްކުރަން. ރައްޔިތުން އަޅުގަނޑު އިތުބާރުކޮށްފައި، މި ޒިންމާ، މި މަސްއޫލިއްޔަތު، މި އަމާނާތް ހަވާލުކުރީ އިޚްލާޞްތެރިކަމާއެކީގައި މަސައްކަތްކުރަން. ﷲ ގަންދީ އަޅުގަނޑު ހުވާކުރީ އެ މާނައިގައި. ޙަޤީޤަތުގައި އެ މީންކޮށްފައި އެ ވަޢުދު، ނޫނީވިއްޔާ ﷲ ގަންދީ ހުވާކުރީ. ރައްޔިތުންނަށްޓަކައި އިޚްލާޞްތެރިކަމާއެކީގައި ޚިދުމަތްކުރަން.
އެހެންވީމާ، އަޅުގަނޑު ބޭނުން، މާނަހުރި ގޮތެއްގައި ރާއްޖެ ތަރައްޤީވެގެންދާން. ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވެގެންދާން. އެކަންވާނީ ސިކުނޑިތައްވެސް ތަރައްޤީވެގެން. އަޅުގަނޑުމެންގެ ވިސްނުން މި ދެންނެވި ގޮތަށް ބައްޓަންކޮށްގެން. އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެން ކުރިއަށްގެންދާނީ. އަޅުގަނޑުމެން ބަދަލުނުވާހާ ހިނދަކު، ޤައުމު ބަދަލެއްނުވާނެ. މި ޤައުމުގައި އަފުރާދުންގެ ވިސްނުމުގައި، ސިކުނޑީގައި މި ބަދަލު ގެނައުމުގެ، މި ހެޔޮ ކުރިއެރުން ގެނައުމުގެ ވިސްނުން ނެތިއްޔާ، މި ޤައުމަކަށް ކުރިއެރުމެއް ނާންނާނެ، ކިތަންމެވަރަކަށް މެޓީރިއަލިސްޓިކް ކުރިއެރުން ގެނަޔަސް.
އެހެންވީމާ، އަޅުގަނޑު ހަމަ ތަކުރާރުކޮށް ލޮބުވެތި ދިވެހި ރައްޔިތުންގެ ކިބައިން އެދެނީ، މި ހެޔޮ ވިސްނުމުގައި އަޅުގަނޑުމެން ކުރިއަށްދަމާ ހިނގާށޭ. އޭރުން އަޅުގަނޑުމެންނަށް ލިބޭނީ ފަލާޙާއި ކާމިޔާބު. އަޅުގަނޑުމެންގެ ކުރިމަތީގައި އޮންނާނީ އުފާފާގަތިކަން. އެއީ އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ދަރިންނަށްވެސް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކަށްވާނެ. އަދި އެ ދަރިން ބޮޑުވެގެން، އެ ދަރިންގެ ދަރިންނަށްވެސް އުފާފާގަތި ރާއްޖެއެއް ފޯރުކޮށްދެވޭނީ މިއަދު އަޅުގަނޑުމެން މި ވިސްނުމުގައި މަސައްކަތް ކޮށްފިއްޔާ.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މި ޤައުމު އުފާފާގަތިކަންމަތީގައި ކުރިއަށް ގެންދިއުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.