ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިޔާގެ މިނިވަން ދުވަހާ ގުޅުވައިގެން، ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނާއި އިންޑިޔާ ކްލަބް ގުޅިގެން ބޭއްވި "އިންޑިޔާ-މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލް 2010" ނިންމުމުގެ ރަސްމިއްޔާތު، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޝަރަފްވެރި ކޮށްދެއްވައިފިއެވެ.

ރޭ ދަރުބާރުގޭގައި އޮތް މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމަށްވެސް އެއް ޤައުމަށް އަނެއް ޤައުމުގެ ފަރާތުން ހޯދައިގަނެވިދާނެ ވަރަށް ގިނަ ފިލާވަޅުތަކެއް އެބަހުރިކަމުގައި ވިދާޅުވިއެވެ. މިގޮތުން ޓުއަރިޒަމް އިންޑަސްޓްރީ ތަރައްޤީކުރުމާއި، ޑިމޮކްރެޓިކް މުޖްތަމަޢެއް ބިނާކުރުމާއި، އަދި ތިމާވެށްޓާ ރައްޓެހި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލު ކުރުންފަދަ ދާއިރާތަކަކީ، ދެޤައުމުގެ ދެމެދުގައި ތަޖުރިބާ ޙިއްޞާކޮށް، އެއްޤައުމަށް އަނެއް ޤައުމުގެ ފަރާތުން ފިލާވަޅު ހޯދޭނެ ދާއިރާތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު ޘަޤާފީ ގޮތުންނާއި، ސްޓްރެޓީޖިކް ދާއިރާތަކުން ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައިވާ ކަމުގައިވެސް ވިދާޅުވިއެވެ. މިގޮތުން ވިޔަފާރީގެ ދާއިރާއިން، އިންޑިޔާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އިންޑިޔާގައި ތަޢުލީމް ޙާޞިލް ކުރަންދާ ދިވެހި ކުދިން ކުރިއަށްވުރެ އިތުރުވެފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އުޅޭ އިންޑިޔާ ރައްޔިތުން އިސްނަގައިގެން ކޮންމެ އަހަރަކު މިބާއްވާ ފެސްޓިވަލަކީ، ދިވެހި ރައްޔިތުންނާއި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ފެސްޓިވަލެއް ކަމުގައި ވިދާޅުވިއެވެ. މިއަހަރުގެ ފެސްޓިވަލްގެ ސަބަބުން އިންޑިޔާގެ ޘަޤާފަތް، މީގެކުރިން ދިވެހިންނަށް ތަޖުރިބާ ކުރެވިފައި ނުވާފަދަ ގޮތަކަށް ތަޖުރިބާ ކުރެވިގެން ގޮސްފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުލައި މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިފްތިތާޙްކޮށް ދެއްވި މިއަހަރުގެ އިންޑިޔާ-މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލްގައި، އިންޑިޔާގެ ފަންނާނުންނާއި، ފިލްމީ ތަރިންނާއި، އެކި ދާއިރާތަކުގެ ޢިލްމް ވެރިންނާއި ތަޖުރިބާ ކާރުންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުން ބައިވެރިވެފައިވެއެވެ. މިއީ، އިންޑިޔާ-މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލް ބޭއްވުނު ދެވަނަ ފަހަރެވެ. މި ފެސްޓިވަލް ފުރަތަމަ ބާއްވާފައިވަނީ އިންޑިޔާގެ މިނިވަން ދުވަހާ ގުޅުވައިގެން 2009 ވަނަ އަހަރުއެވެ.