بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ދަރަނބޫދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި އެކިއެކި ޢިއްޒަތްތެރިން، މި ޖަލްސާ، އަޑުއައްސަވަމުން ގެންދަވާ އަދި ބައްލަވަމުން ގެންދަވާ، ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދުގެ ހެނދުނުގެ މި ވަގުތު ތިޔަބޭފުޅުން ވަޑައިގެން، އަޅުގަނޑުމެން މި ރަށަށް އައުމުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ދަރަނބޫދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ތިޔަބޭފުޅުންނަށް އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ފުއްދައިދިނުމަށް އަދި އިތުރު މަސައްކަތްތައް ކޮށްދިނުމުގައި، ވަރަށް އިސްކަންދީގެން މަސައްކަތް ކުރަމުން ގެންދާނަން. މިއަދު އެގޮތުން މިވަނީ ބައެއް މަސައްކަތްތައް ޢަމަލީގޮތުން ފެށިފައި. މީގެތެރޭގައި، އަޅުގަނޑު ވެފައިހުރި ބައެއް ވަޢުދުތައް ފުއްދުމުގެ މަސައްކަތްވެސް އެވަނީ ފެށިފައި. އަދި އިތުރު މަސައްކަތްތައް ކުރުންވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އެބައޮތް.
އާދެ، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް އަޅުގަނޑު ވީ ވަޢުދުގެ ތެރެއިން މި އިތުރުކުރެވޭ އިމާރާތުން، އިރާދަކުރެއްވިއްޔާ މި ރަށުގެ ޞިއްޙީ މަރުކަޒަށް ބޭނުންވެފައި ހުރި ހުރިހާ ކަންތައްތަކެއް ފުރިހަމަކޮށްދިނުމުގެ ޖާގަ އަދި ވަސީލަތް އިތުރުވެގެންދާނެ. އަދި އެއާއެކީގައި، އެތަން ނިމިގެން، އެތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭއިރުގައި، 16 ގަޑިއިރަށް ޚިދުމަތް ބަދަލުކުރުމަކީ، އަޅުގަނޑުމެން ކޮށްދޭނެ ކަމެއްކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވަން. އަދި އެތަން ނިމެންދެން މަޑުނުކޮށް މިހާރުވެސް، މި އަހަރު ތެރޭގައިވެސް ތިޔަބޭފުޅުންނަށް އިތުރަށް ޞިއްޙީ ޚިދުމަތް ވަރުގަދަކޮށްދިނުމަށްޓަކައި، ނަރުހެއް އިތުރުކުރުމަށްޓަކައި، ދާދި އަވަހަށް ކުރިއަށް އޮތް ހަފުތާ ތެރޭގައި، ސަރުކާރުން ދޭންޖެހޭ ހުއްދަދޭނަން، ނަރުހެއް ނެގުމަށް އިޢުލާނުކުރަން. އެހެންވީމާ، އިޢުލާނު ކުރެވުނީމަ، ދެން ނަރުހެއް ލިބިއްޖިއްޔާ، ތިޔަބޭފުޅުންނަށް ނަރުހެއް އިތުރުވީ. ސަރުކާރުން އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން. ހުއްދަ ލިބިގެން އިޢުލާނުކުރީމާ، ތިޔަބޭފުޅުންނަށް ރަނގަޅު ނަރުހެއް ލިބޭނެކަމަށް އަޅުގަނޑު އުންމީދުކުރަން. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން.
ދެން މިއޮތީ، ތަޢުލީމީ ދާއިރާގެ ވާހަކަ. ޙަޤީޤަތުގައި މިކަން މިއީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވިން، މަލްޓި ޕަރޕަސް ހޯލެއް ހަދައިދޭނަމޭ. އަދި އަޅުގަނޑުމެންނެއް އެއްވެސް ފަރާތަކާ މި މަޝްރޫޢެއް ހަވާލެއް ނުއެއްކުރަން. މިތަނަށް، ސްކޫލަށް ބޭނުންވޭ ރަނގަޅު ފެންވަރުގެ ހޯލެއް. އަދި އެ ހޯލު ހެދިގެންދާއިރުގައި، ތިން ކްލާސްރޫމް އިތުރުކުރެވިގެންދާ ގޮތަށް، ޒަމާނީ ފެންވަރަކަށް ހޯލު ހަދަން މި ސްކޫލުން ބޭނުންވޭ އަދި ރައްޔިތުން ބޭނުންވޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ޢަމަލީގޮތުން މި މަސައްކަތް ފަށައިދޭނަން.
އާދެ، އެއީ އަޅުގަނޑު ތިޔަބޭފުޅުންނަށް ވީ ދެވަނަ އެންމެ މުހިންމު ވަޢުދަކީ. ކުޅިވަރުގެ ދާއިރާއިންވެސް ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނޑު ވަޢުދުވެފައި އޮންނާނެ. އެއީ، ފުޓްބޯޅަ ދަނޑު ހެދުން. ވޮލީ ކޯޓެއް އެޅުން. ޔޫތު ސެންޓަރެއް ހެދުން. މި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަން ނިންމައި، އެ މަސައްކަތް ފެށިގެން މިދަނީ.
އާދެ، މިއަދު އަޅުގަނޑުމެން މި ފެށި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އެއީ، ޔޫތު ސެންޓަރު. އެ ތަން ހެދިގެންދާއިރުގައި، އެ މަޝްރޫޢާ އެކީގައި، އައުޓްޑޯ ވޮލީ ކޯޓެއްވެސް އެޅިގެންދާނެ. އެހެންވީމާ، އެ ދެކަންތައް އެކުގައި އެ ކުރިއަށްދަނީ. އަދި ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ. އެހެންވީމާ، މި ތިން މަޝްރޫޢު މި އަހަރު ތެރޭގައި، ޢަމަލީގޮތުން އެކުއެކީގައި ހިނގާނެ. ފުޓްބޯޅަ ދަނޑު ހެދިގެންދާއިރުގައި، ފުޓްބޯޅަ ދަނޑު އަޅުގަނޑުމެން މި ހަދަނީ، ހުރިހާ ދަނޑެއްވެސް މިހާރު ހަދަނީ، ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓްޖަހާ، ހަމަ ވަރަށް ފުރިހަމަކޮށް. މި ރަށުގައި އެތުލީޓުން ގިނަވީމާ، އަދި ވަރަށް ރަނގަޅު ފެންވަރެއްގައި ވާދަކުރާ ކުދިން ތިބީމައާއެކީގައި، ރައްޔިތުން އެދޭ، ވަރަށް މުހިންމު ކަމަކަށްވާތީ، ދުވާ ޓްރެކްވެސް ހިމެނޭގޮތަށް ފުޓްބޯޅަ ދަނޑު ހެދިގެންދާނީ.
އެހެންވީމާ، ތިން މަޝްރޫޢު އެކުއެކީގައި، މި އަހަރު ޢަމަލީގޮތުން ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަރުވަން. އެހެންވީމާ، އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވަޢުދެއް، އެ ތިން ދާއިރާއިން އެ ފުދިގެން އެދަނީ.
އާދެ، މީގެ އިތުރަށްވެސް މުހިންމު ބައެއް ކަންތައްތައް އެބަހުރި. މި ރަށަކީ ބެޑްމިންޓަން ކުޅުމުގެ ވަރަށް ޝައުޤުވެރިކަން ހުންނަ ރަށަކަށްވާއިރުގައި، ހުރި ބެޑްމިންޓަން ކޯޓުގެ ޖާގައިގެ އިތުރަށް ކޯޓު އިތުރުކުރުމާއި، ފެންވަރު ރަނގަޅުކުރުމަކީވެސް ހަމަ ކުރިއަށްދާނެ މަޝްރޫޢެއް. އެހެންވީމާ، ވަކި މަޝްރޫޢެއްގެ ގޮތަށް އަޅުގަނޑުމެން އިޢުލާނު ނުކުރި ނަމަވެސް، ބެޑްމިންޓަން ކުޅުމަށްޓަކައި ބޭނުންވާ ކަންކަމުގައިވެސް އެހީތެރިކަންދޭނެ.
އަދި އޭގެ އިތުރަށްވެސް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން، ފުލުހުންގެ ޚިދުމަތް ދިނުމުގައި، ފުލުހުންގެ މަރުކަޒެއް އެޅުން، މި ރަށުގައި އަދި ފެށިފައެއް ނެތް. އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށެއްގައި، އެއްކަމަކަށް މި އަހަރު މި ހާސިލުކުރާ ކަމަކީ، ރިޔާސީ ބަޔާނުގައި މި އަހަރު ފެބުރުވަރީގައި އަޅުގަނޑު އިޢުލާނުކުރިން، އެއްވެސްވަރަކަށް ފުލުހުންގެ ޚިދުމަތް ނެތް، 39 ރަށެއް އޮތް މި އަހަރު ފެށުނުއިރުގައި. އެ 39 ރަށުގައި ޤާއިމުކުރުން. އެކަން އެބަ ކުރިއަށްދޭ. އޭގެ އިތުރަށް، ކުއްޔަށް ނަގައިގެންނާއި، އެކި ގޮތްގޮތުން ބޭނުންކުރަމުންދާ ވަރަށް ގިނަ ތަންތަން، 100އަށްވުރެ ގިނަ ރަށްރަށް އެބަ ހިމެނޭ. އޭގެތެރެއިން، ހަމަ ހުރިހާ ރަށެއްގައި، ވީހާވެސް ގިނަ ރަށްތަކުގައި، ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމުގެ މަސައްކަތް މިހާރު އެދަނީ ބާރު ސްޕީޑްގައި.
އެހެންވީމާ، މި އަހަރުގެ ތެރޭގައި، މި ރަށުގައިވެސް އިރާދަކުރެއްވިއްޔާ، ފުލުހުންގެ ޚިދުމަތް ދިނުމަށް، ފުލުހުންގެ އަމިއްލަ މަރުކަޒެއް އެޅުމުގެ ޢަމަލީ މަސައްކަތް އަޅުގަނޑުމެން ފަށްޓައިދޭނަން. އެކަންވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތްކުރަނީ، މިގޮތަށް ހުރި ހުރިހާ ރަށެއްގައި، މި އަހަރުގެ ތެރޭގައި، އަދި ބާކީ ގާތްގަނޑަކަށް ފަނަރަވަރަކަށް ރަށް އެބައުޅޭ. ހުރިހާ ރަށެއްގައި ޢަމަލީގޮތުން ފުލުހުންގެ މަރުކަޒެއް އެޅުމުގެ މަސައްކަތް ފަށަން.
ސަބަބަކީ އަޅުގަނޑުމެން ބޭނުން، ރައްޔިތުންނަށް މިހާގާތުން ޚިދުމަތްދޭ މުއައްސަސާއަކަށް، އެ މުއައްސަސާއަށް ބޭނުންވާ ފެންވަރުގައި، ޚިދުމަތްދެވޭނެގޮތް ފަހިކޮށްދޭން. އަމިއްލަ އިމާރާތެއް ހުރެގެން، އެއްވެސް ފަރާތަކަށް އެކަމުގެ ސަބަބުން، ފުލުހުންނަށްވެސް އެކަމުގައި ޚިދުމަތްދިނުމަށް އުނދަގޫތަކެއް، ނޫނީވިއްޔާ ހުރަސްތަކެއް ކުރިމަތިނުވާގޮތަށް، ވީހާވެސް ފުރިހަމައަކަށް ޚިދުމަތްދެވޭގޮތް، ރައްޔިތުންނަށްވެސް އެއިން އެންމެ ރަނގަޅު ނަތީޖާ ނުކުންނާނީ އެހެންކަމަށްވާތީ އެކަން ކުރަން. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ، އެގޮތަށް ކުރިއަށްދާނެ.
އާދެ، މިކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ. ދެން މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން މުހިންމު މަޝްރޫޢެއްގެ ގޮތުގައި ހިމަނާނަން، މި ރަށުގައި މި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ކަންތައްތަކެއް ކުރަން. މިކަމަކީ ރަނގަޅަށް ދިރާސާކުރަންޖެހޭ ކަމެއް. ތަންކޮޅެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމެއް. އެހެންވީމާ، އެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން، ކައުންސިލާ ގުޅިގެން ރަނގަޅަށް ބަލައި ހަދާފައި، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި އަޅުގަނޑުމެން ހިމަނާނަން އެ މަޝްރޫޢު. އެއީ، އިންފްރާސްޓްރަކްޗަރ ދާއިރާއިން އަޅުގަނޑުމެން ކުރިއަށް ގެންދަން ކަނޑައަޅާނެ މުހިންމު މަޝްރޫޢެއް. އެހެންވީމާ، މިގޮތަށް އިރާދަކުރެއްވިއްޔާ، ކަންކަން ތަރުތީބު ކުރެވިގެންދާނެ.
އާދެ، އަޅުގަނޑު ހަމަ މައިގަނޑު ގޮތެއްގައި މިކަންކަން މި ފާހަގަކޮށްލީ. މީގެ އިތުރަށްވެސް، މުހިންމު ބައެއް މަޝްރޫޢުތައް ހުންނާނެ. ކައުންސިލް އިމާރާތް ޤާއިމުކުރުމާއި، މިހެން ގޮސް ބައެއް ކަންކަން އަދި ކުރިއަށް އޮތީ. އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދަން.
އާދެ، މި ދަންނަވާލި ގޮތަށް، އިރާދަކުރެއްވިއްޔާ ދަރަނބޫދޫގެ ތަރައްޤީ އަޅުގަނޑުމެން ޔަޤީންކޮށްދޭނަން. މި ހުރިހާ މަސައްކަތްތަކެއް ރަނގަޅު ފެންވަރުގައި، ބާރު ސްޕީޑްގައި ކުރިއަށްގެންގޮސް ނިންމާނަން. މި އަހަރުގެ ތެރޭގައި މިއަދު މި ފެށިގެންދިޔަ މަޝްރޫޢުތަކާއި، މި އަހަރު ފަށާނެކަމަށް، ދެންމެ އަޅުގަނޑު މި ދެންނެވި ކަންކަން ހަމަ އެގޮތުގައި ކުރިއަށް ފެށިގެންދާނެ. އަދި ނުހުއްޓި ކުރިއަށްދާނެ.
އެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެމުން އަޅުގަނޑު ވަކިވެލާނަން. އަނެއްކާވެސް ތިޔަބޭފުޅުންގެ ގާތަށް، މީގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް ނިމި، އެކަން ފާހަގަކުރުމުގައި ބައިވެރިވުމުގެ އުންމީދުގައި އެނބުރި އައުމަށް އުންމީދުކުރަމުން ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ އެންމެހައި މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ދިވެހިރާއްޖެއަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.