بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ނިލަންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ކައުންސިލަރުން، މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މި ރަށަށް އަޅުގަނޑުމެންނަށް މިރޭ އާދެވުނު ވަގުތު، ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ނިލަންދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މައިގަނޑު ގޮތެއްގައި އެއް ވާހަކަ، އެންމެ މުހިންމު ކަމެއް ގޮތުގައި. އެއީ، އަޅުގަނޑު ރައްޔިތުންނަށް، ތިޔަބޭފުޅުންނަށް ވީ ވަޢުދުތައް، ހުރިހާ ވަޢުދެއް ފުރިހަމައަށް، ޢަމަލީގޮތުން އަދާކޮށްދީ، ތިޔަބޭފުޅުންނަށް ނިންމައިދޭނެ ކަމުގެ ޔަޤީންކަން.
އެގޮތުން ބަލާއިރުގައި އެންމެ މުހިންމު ވަޢުދަކީ، 1 ން 10 އަށްވެސް އެއަރޕޯޓު. އާދެ، އެއަރޕޯޓު އެޅުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢު ފެށިގެން، މިހާރު ވަރަށް ބޮޑުބައި ނިމިއްޖެ. އާދެ، މި މަޝްރޫޢު އެމް.ޓީ.ސީ.ސީ.އިން މިހާރު ގޮސްފައިވާ ހިސާބުން، އެއީ ގާތްގަނޑަކަށް 1500 މީޓަރަށް ދިގުމިނުގެ ރަންވޭއަކަށް ވާވަރަށް ހިއްކައި އެ ނިމެނީ. މިހާރު އަޅުގަނޑުމެން ވާނީ އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްފައި، އިތުރު 300 މީޓަރު އިތުރުކުރަން. އެހެންވީމާ، ނިމޭއިރުގައި 1800 މީޓަރުގެ ރަންވޭއެއް އެޅިގެން އެދަނީ. ރަންވޭއެއް އެޅުމަށް ބޭނުންވާ ބިން ހިކިގެން އެދަނީ. އެމް.ޓީ.ސީ.ސީ.ގެ މަސައްކަތުގެ ތެރޭގައި، ސްކޯޕްގައި މިއޮތީ، މި ހިއްކޭ ބިން ހިއްކުމާއި، އަދި އެ ހިއްކިގެންދާ ބިން ރައްކާތެރިކުރުމާއި، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް. އެ މަސައްކަތް އެމް.ޓީ.ސީ.ސީ.އިން ކުރާނީ.
އަޅުގަނޑުމެން މިތަނުގައި ދެން މި ސޮއިކުރީ، އެއަރޕޯޓުގެ މަސައްކަތް. ސިވިލް އިންފްރާސްޓްރަކްޗަރ ހުރިހާ މަސައްކަތެއް ކުރުމަށް، އަދި އޮޕަރޭޓް ކުރުމަށް. ހުރިހާ ކަމެއް އޭގައި ހިމެނޭގޮތަށް ސޮއިކުރެވުނު މަޝްރޫޢު. އެއީ، އެއަރޕޯޓްސް ކޮމްޕެނީއާ އެކީގައި ސޮއިކުރެވިގެންދިޔަ މަޝްރޫޢު. އާދެ، މި މަޝްރޫޢުގެ ތެރެއިން، މި މަޝްރޫޢާ އެކީގައި މި ސޮއިކުރެވުނު އެއްބަސްވުމުގެ ތެރެއިން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން، މި ރަށުގައި އެންމެ ޒަމާނީ ފެންވަރުގެ ފުރިހަމަ އެއަރޕޯޓެއް ބިނާކުރުމުގެ މަސައްކަތް ކުރާނެ. މިއަދުން ފެށިގެން، އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، ދެ އަހަރާ ބައި، އެންމެ ގިނަވެގެން ދެ އަހަރާ ބައި ތެރޭގައި، މި އެއަރޕޯޓު ނިންމައި، ތިޔަބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން. އެހެންވީމާ، ބައްލަވާ އެއަށްވުރެވެސް އަވަސްވާނެ ކަމަށް. އެއީ، އެންމެ ލާސްޓް، އެންމެ ގިނަވެގެން ވާނެ މުއްދަތު. އާދެ، މި އެއަރޕޯޓަކީ، ހަމަ ޔަޤީނުންވެސް މި ރަށުގެ ތަރައްޤީއަށް، މި އަތޮޅުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ އެއަރޕޯޓެއް.
އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތެއް. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު އިޢުލާނުކުރި މެނިފެސްޓޯގައި އޮންނާނީ، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް އިޢުލާނު ކުރެވިފައި. އޭގެތެރޭގައި، ކަނޑައެޅޭ ވަކި ރަށްތަކެއް އެއީ އަރބަން ސެންޓަރުތަކެއް ގޮތުގައި ކަނޑައަޅައި، އެ ފެންވަރަށް ތަރައްޤީ ކުރުމުގެ ސިޔާސަތެއް. މިއީ، އެގޮތުން އަޅުގަނޑު އިޢުލާނުކުރި އެއް ރަށް. އާދެ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދު، ރައްޔިތުންނަށް އަޅުގަނޑު ދެއްކި މަންޒަރު، ޢަމަލީގޮތުން ޙަޤީޤަތަކަށް ހަދައިދިނުމުގެ މަސައްކަތް. ޓާގެޓެއް ފުރަތަމަ މި އިޢުލާނުކުރަނީ. އެ ޓާގެޓަށް ވާސިލުވުމަށްޓަކައި ދެން މިކުރަނީ މަސައްކަތްތައް. މި ރަށުގައި އެއަރޕޯޓު އެޅިގެން މިދިޔުން އެއީ، މީގެތެރޭގައި ހިމެނޭ އެންމެ މުހިންމު މަސައްކަތް. އަރބަން ސެންޓަރެއް ގޮތުގައި މި ރަށް ތަރައްޤީ ކުރުމުގައި، އެންމެ މުހިންމު މަސައްކަތް. އެހެންވީމާ، އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ނިންމީ.
އެއާއެކީގައި، ވަރަށް ގިނަ އެހެން މަސައްކަތްތައް ކުރެވިގެން މިދަނީ. ތިޔަބޭފުޅުންނަށް އެންމެ ދަތި މައްސަލަ، ނަރުދަމާގެ މައްސަލަ. މި މައްސަލަ ޙައްލުކުރުމަށްޓަކައި، މިހާރު ޢަމަލީގޮތުން މަސައްކަތް ފެށިގެން މިދަނީ ގްރެވިޓީ ނިޒާމުގެ ތެރެއިން. ނިޒާމުގެ ބޭނުންކޮށްގެން. ނަރުދަމާގެ ނެޓްވަރކް އެޅުމުގެ މަސައްކަތް. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަސްމީކޮށް މާދަމާ ފެށިގެންގޮސް، އެންމެ ގިނަވެގެން 24 މަސް، ދެ އަހަރު ދުވަސް ތެރޭގައި ނިމިގެންދާނެ. ނިމެންދެންވެސް މިހާރު އޮތް ނިޒާމު، މިހާރަށްވުރެ ރަނގަޅު ގޮތުގައި، ތިޔަބޭފުޅުންނަށް މިހާރު ދިމާވާ ދަތިތައްވެސް ވީވަރަކުން ޙައްލުކުރުމުގެ މަސައްކަތްވެސް، އެމް.ޑަބްލިޔު.އެސް.ސީ.އިން ކުރިއަށް ގެންދާނެ. އެހެންވީމާ، ދެ އަހަރު ދުވަސް އެންމެ ގިނަވެގެން ނަގައި ގްރެވިޓީ ފްލޯރ، ނަރުދަމާގެ ނިޒާމު ނިމިގެން ދާއިރުގައި، އެ މައްސަލަ ދާއިމީކޮށް އެ ޙައްލުވަނީ. ޙައްލުވަންދެކަށްވެސް، މިހާރުގެ ނިޒާމު ބޭނުންކުރަން އެބަޖެހޭ. އެހެންވީމާ، ދާއިމީގޮތެއްގައި ނަރުދަމާ ނިޒާމުގެ މައްސަލަ މި ރަށުގައި ޙައްލުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަން މި ފަށަނީ. މި ދެންނެވި ގޮތަށް އެކަން ތިޔަބޭފުޅުންނަށް ކޮށްދީ އިރާދަކުރެއްވިއްޔާ ނިންމާނަން. އެ ޔަޤީންކަން އަރުވަން.
ފެނުގެ ނެޓްވަރކްގައި މިހާރު ގޮސްފައިވާ ހިސާބުން، ދެންހުރީ ކަނެކްޝަންސްތަކާއި އަދި ބައެއް ޕްލާންޓް ބެހެއްޓުމާ، މިކަހަލަ ކަންތައްތައް، އެކަންވެސް އެބަ ހިނގާ. ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް ނިމިފައި މިހާރު މިހިރީ. އެހެންވީމާ، އަޅުގަނޑުމެން އަންދާޒާ ކުރަނީ ދެ މަހެއްހާ ދުވަހޭ އެންމެގިނަވިޔަސް ވާނީ. ކޮންމެގޮތެއްވިޔަސް، މި އަހަރު ތެރޭގައި ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ނިމޭނެ. އެހެންވީމާ، އެވެސް އެ ޙައްލުވަނީ. އެކަން ޙައްލުވެގެން ކުރެވޭ އެތައް ކަމެއްވެސް އެބަހުރި.
ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތްދޭންވެސް ވަނީ ތައްޔާރުވެފައި. އެހެންނަމަވެސް، ރަނގަޅު ފެންވަރުގައި ފެނުގެ ނިޒާމު ނެތީމަ، އެކަން ފެށްޓޭގޮތް ނުވެފައި މިއޮތީ. އާދެ، މިކަންކަމުގެ އިތުރަށް، މިއަދު އަޅުގަނޑުމެން މިތާ މި ސޮއިކުރި ކޮންމެ މަޝްރޫޢަކީވެސް މި ރަށުގެ ތަރައްޤީއަށް ހަމަ ކޮންމެހެންވެސް ބޭނުންވާ ކަންތައްތައް. އަދި އަޅުގަނޑު ވަޢުދުވެފައި ހުރި ކަންކަން.
މަގު ހެދުމުގެ މަޝްރޫޢު. ތިޔަބޭފުޅުންނަށް ޤަބޫލުކުރެއްވޭނެ، ފެނާއި ނަރުދަމާ އެއީ، މަގު ހެދުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއް. އެހެންވީމާ، ފެނުގެ މަސައްކަތް ނިމެނީ. ނަރުދަމާ ދާއިމީ ޙައްލުގެ މަސައްކަތް މި ފެށެނީ. އެހެންވީމާ، މަގު ހެދުމަށްޓަކައި މި ސޮއިކުރެވުނީ. އެހެންވީމާ، ޑީޓެއިލް ޑިޒައިން ކުރުމާއި، ދެންހުރި މަރުޙަލާތަކަށް ދެން ދާނެ. ދެން ޢަމަލީގޮތުން ކުރެވެންހުރި މަސައްކަތެއް، ފެށެން އޮތް އެންމެ އަވަހަކަށް ފެށިގެންދާނެ. ފެނާއި ނަރުދަމާއާއި މިއާ ގުޅިލާމެހިގެންދާ ކަންކަންވީމާ. ދެފަރާތުގެ ސައިޑްވަރކްސް ކަމުގައިވިޔަސް. ދެންހުރި ކަންކަންވިޔަސް. ކުރިއަށްއޮތް ދުވަސްތަކަކީ، މިހާރު މި ސޮއިކުރެވުނު މަޝްރޫޢު ތަންފީޒުވާނެ ދުވަސްތައް.
ހަމަ އެގޮތަށް، އަޅުގަނޑުމެން މި ސޮއިކުރި އަނެއް މަޝްރޫޢަކީ، އަޅުގަނޑު މި ރަށަށް ވީ ވަޢުދެއް. ފިޝް ކޭނިންގ ފެކްޓްރީއެއްގެ މަސައްކަތް. ދަޅުގައި މަސް ބަންދުކުރުމަށްޓަކައި، ފެކްޓްރީއެއް އެޅުމަށްޓަކައި ވާނީ ބަޔަކާ މިހާރު އީ.ޕީ.ސީ. ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި، ބޭރުގެ ފަރާތަކާ. އެކަމަށް ބޭނުންވާ އެންމެ މުހިންމު އެއް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށްޓަކައި، އެކަމަށް ބޭނުންވާ ބިމާއި ބަނދަރު ޤާއިމުކުރުމަށްޓަކައި މިއަދު މި ސޮއިކުރީ އެމް.ޓީ.ސީ.ސީ.އާ. ސަރުކާރުގެ ޚަރަދުގައި އެކަން ކުރިއަށް މި ގެންދަނީ. އެހެންވީމާ، މިއީ މިކަމަށް ބޭނުންވާ އެންމެ މުހިންމު، އެންމެ ފުރަތަމަ މައިގަނޑު މަސައްކަތް. މިވެސް އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ކާމިޔާބު މަޝްރޫޢެއް ގޮތުގައި ކުރިއަށްދާނެ. އެއީ، މި ފެކްޓްރީ އެޅުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއް މަސައްކަތް. އެހެންވީމާ، ވަރަށް ތަރުތީބު ކުރެވިގެން، ވަރަށް ރަނގަޅަށް މިހުރިހާ ކަމެއް ކުރިއަށް މިގެންދަނީ.
އާދެ، މަސްވެރިންނަށް ޚާއްޞަކޮށް، އަދި ޖުމްލަކޮށް ރައްޔިތުންނަށް އަޅުގަނޑު ވީ ވަޢުދެއް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، މަދުވެގެން އެއް ރަށުގައި، އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމު ޤާއިމުކޮށްދޭނަމޭ. އެހެންވީމާ އެގޮތުން، އެސް.ޓީ.އޯ.އާ ހަވާލުކުރެވުނު މަޝްރޫޢުގެ ތެރެއިން، މިހާރު ކަނޑައެޅިފައި ހުރި ހުރިހާ ރަށެއްގައި، މި ފިއުލް ސްކިޑްތައް ޤާއިމުކުރުމަށްޓަކައި، ރާއްޖެއިން ބޭރުން އެ ބޭފުޅުން ބަޔަކާ ހަވާލުކޮށްގެން، ޕްރީ ފެބްރިކޭޝަން މަސައްކަތް ކުރިއަށް އެގެންދަނީ. ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިވަނީ. ނޮވެންބަރު މަސް ތެރޭގައި، ނޮވެންބަރު މަހުގެ ތެރެއިން ފެށިގެން ޑެލިވަރ ކުރެވިގެން، އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ. އެހެންވީމާ، މި ރަށުގައި ފިއުލް ސްކިޑް ޤާއިމުކުރުމަށް ބޭނުންވާ ސިވިލް ވަރކްސް ކުރުމަށް އެ ހަވާލުކުރެވުނީ. މިހާރު ތާވަލުކުރެވިފައި އޮތްގޮތުން، މި އަންނަ އަހަރުގެ މާރިޗު މަހާ ހަމައަށްދާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި މި ދެންނެވީ، މިކަމަށް ކަނޑައެޅުނު ހުރިހާ ރަށެއްގައި އެއީ، ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށް. ބައެއް އަތޮޅުތަކުގައި ދެ ރަށްވެސް އެބަހުރި ހަމަޖެހިފައި. އެއީ، މަސްވެރިކަމަށް ވިސްނާފައި، ބައެއް އަތޮޅުގައި ދެ ރަށް ހިމެނޭނެ. އެހެންވީމާ، މި ހުރިހާ ރަށެއްގައި މި މަޝްރޫޢު ކުރިއަށް ގެންގޮސް ނިމޭނެ. އެހެންވީމާ، މި ސޮއިކުރެވުނު މަޝްރޫޢަކީ، މި ރަށުގެ މަޝްރޫޢު. މިއީ، މަސްވެރިކަމަށް، އަދި ޖުމްލަކޮށް ރައްޔިތުންނަށް ހެޔޮއަގުގައި ތެޔޮ ދިނުމަށްޓަކައި، ފޯރުކޮށްދިނުމަށްޓަކައި ސޮއިކުރެވުނު މަޝްރޫޢެއް.
އަދި ހަމައެއާއެކީގައި، ދެން އަޅުގަނޑުމެން ސޮއިކުރި އަނެއް މަޝްރޫޢަކީ، ކުނި މެނޭޖް ކުރުމަށްޓަކައި، ރަނގަޅު ފެންވަރެއްގައި މެނޭޖް ކުރުމަށް ވެމްކޯއާ ހަވާލުކުރަން މި ނިންމީ. އެހެންވީމާ، ކައުންސިލާއި ވެމްކޯއާ އެކީގައި މި ސޮއިކުރި އެއްބަސްވުމުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި، ރަނގަޅު ފެންވަރެއްގައި ކުނި މެނޭޖްކުރަން ފެށިގެން މިދަނީ.
އާދެ އޭގެއިތުރަށްވެސް، މާދަމާ އަޅުގަނޑުމެން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް އެބަ ފަށަން. ފުލުހުންގެ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމަށް ފުލުހުންގެ މަރުކަޒެއް، ޕޮލިސް ސްޓޭޝަނެއް އެޅުމުގެ ޢަމަލީ މަސައްކަތް އެބަ ފަށަން.
އަދި ކައުންސިލް އިދާރާ ވަރަށް ބޮޑަށް ވީރާނާވެފައި ހުރީމަ، ރަނގަޅު ފެންވަރެއްގެ ކައުންސިލް އިދާރާއެއް އެޅުމުގެ މަސައްކަތްވެސް ފެށޭނެ. އެހެންވީމާ، މިހެންގޮސް ވަރަށް ގިނަ މަސައްކަތްތައް މި ރަށުގައި އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން ފެށިގެން މިދަނީ. އަދި ސޮއިކުރެވިގެން މި ދިޔައީ. އާދެ، މީގެއިތުރަށްވެސް ކަންތައްތައް އެބަހުރި.
އަޅުގަނޑު ވަޢުދުވިން، ގެދޮރުގެ ވާހަކަވެސް. އަދި މި އަހަރު ބަޖެޓުގައި ހިމަނާފައި އޮންނާނެ، 200 ހައުސިންގ ޔުނިޓު އެޅުމަށްވެސް. އެހެންވީމާ، އެކަމަށްވެސް މިދަނީ މަސައްކަތްތަކެއް ކުރަމުން. އަޅުގަނޑުމެން އިޢުލާނުވެސް ކުރިން އެކަމަށް ފަރާތްތައް ހޯދަންވެސް. އެހެންވީމާ، އެ ޕްރޮސެސްވެސް އެބަ ހިނގާ.
އެހެންވީމާ، އަޅުގަނޑުމެން މިތަނުގައި މި ސޮއިކުރެވުނު ކަންކަމާއި، ޢަމަލީގޮތުން މި ފެށޭ ކަންކަމުގެ އިތުރަށްވެސް މިހިރީ ބަޖެޓް ކުރެވިފައި ހުރި ކަންކަން. އަދި މި އަންނަ އަހަރަށް ބަޖެޓުގައި ހިމަނާނެ ބައެއް މަޝްރޫޢުތައްވެސް ހުންނާނެ. އެހެންވީމާ، މިއީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާ ކަންކަން.
މި އަންނަ އަހަރަށް މިސާލަކަށް، އަޅުގަނޑުމެން ކުރިއަށް ގެންދަން ވިސްނާ އެއް މަޝްރޫޢަކީ، މި ރަށުގައި ރަނގަޅު ފެންވަރުގައި، ރީތި އިސްލާމިކް ސެންޓަރެއް ޤާއިމުކުރުން. އެކަން އަޅުގަނޑުމެން މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މަސައްކަތް އިރާދަކުރެއްވިއްޔާ ފަށާނަން.
ހަމައެއާއެކީގައި، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ އެންމެ މުހިންމު އަނެއް މަޝްރޫޢަކީ، އަރބަން ސެންޓަރެއްވީމާ، މިތަނުގައި ހުންނަންޖެހޭ ފެންވަރުގެ ކުޅިވަރުގެ މަރުކަޒެއްގެ މަޝްރޫޢު. އެއީ، ގިނަ ތަންތާނގައި މިއެޅެނީ، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތަކެއް. ދެން އަދި އޭގެއިތުރަށް ދެން ހުންނަނީ، އައުޓްޑޯކޮށް ހުންނަ ބައެއް ކުޅިވަރު ކުޅޭ ތަންތަން. އެހެންނަމަވެސް، ސްޕޯޓްސް ކޮމްޕްލެކްސެއް ގޮތުގައި، އެއީ، 1200 މީހުންގެ ބެލޭގޮތަށް ހުންނަ، ބެލެން ފެސިލިޓީތައް ޤާއިމުކުރެވިފައި ހުންނާނެ. އަދި އިންޑޯކޮށް ކުޅޭ ހުރިހާ ކުޅިވަރެއްވެސް ކުޅެވޭގޮތަށް ހެދިފައި ހުންނަ ތަނެއް. ރާއްޖޭގައި މިގޮތަށް ސްޕޯޓްސް ކޮމްޕްލެކްސް މި ހަދަނީ، ހުރިހާ އަރބަން ސެންޓަރުތަކުގައާއި، އަދި ކުޅިވަރުގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ބައެއް ރަށްރަށުގައާއި، ސްޕެސިފިކް ބައެއް ރަށްތަކުގައި. އެހެންވީމާ، މި އަންނަ އަހަރު ބަޖެޓުގެ ތެރޭގައި ހިމަނައިގެން، އަހަރުގެ ކުރީކޮޅު ފަށާ އެއް މަޝްރޫޢަކީ، މި ދެންނެވި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް. އެއީ، ފިޓްނަސް ސެންޓަރެއްގައި ހުންނަ ހުރިހާ ކަމެއް ހިމެނޭގޮތަށް، އަދި ދެންހުރި އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް. ކުޅިވަރު ބަލަން ތިބެވޭގޮތަށް. މި ދެންނެވިހެން، 1200 މީހުންގެ ޖާގައާއެކީގައި. އެހެންވީމާ، މި ސްޕޯޓްސް ކޮމްޕްލެސްގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، ޢަމަލީގޮތުން މި އަންނަ އަހަރު ކުރީކޮޅުގައި ފެށިގެންދާނެ. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން.
އާދެ، ކުޅިވަރުގެ މި ދެންނެވި ކަންކަމުގެ ކުރިން، އަޅުގަނޑުމެން ވަކިން ހޭންޑްބޯލް ކޯޓެއް ޤާއިމުކޮށްދިނުމަށް ނިންމާފައި އޮންނާނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، މި އަހަރު ތެރޭގައި އަޅުގަނޑުމެން ހޭންޑްބޯލް ކޯޓެއް ޤާއިމުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރާނަން.
އާދެ، މި ހުރިހާ މަސައްކަތްތަކެއް މިއީ އިރާދަކުރެއްވިއްޔާ ވަރަށް އިސްކަމެއްދީގެން، ކަމާބެހޭ ކޮންމެ ވުޒާރާއަކުން، ކަމާބެހޭ ކޮންމެ ކުންފުންޏަކުން ވަރަށް އިސްކަމެއްދީގެން ކުރިއަށް ގެންދާނެ މަސައްކަތްތަކެއް. އަޅުގަނޑު ވަޢުދުވީ ގޮތަށް، އަރބަން ސެންޓަރެއްގެ ޙަޤީޤީ ކުލަ، މިއިން ކޮންމެ މަޝްރޫޢެއް ނިންމައިދީ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޖައްސައިދޭނަން. އެ ޔަޤީންކަން އަނެއްކާވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. އެހެންވީމާ، އެކަންކަމުގެ ޢަމަލީ މަސައްކަތް ފެށިގެން މިދަނީ.
އާދެ އެހެންވީމާ، މިރޭ މި ސޮއިކުރެވުނު އެއަރޕޯޓު މަޝްރޫޢާ އެކީގައި، ތިޔަބޭފުޅުންގެ ހުރިހާ އުންމީދުތަކެއްގައި ކުލަޖެހިގެން އެދަނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް އިސްކަންދީގެން މި ދެންނެވި ކަންކަން ގެންދާނަން. އާދެ، އަޅުގަނޑު މި ލިސްޓުކޮށްލި ކަންކަމަކީއެއްނޫން ހަމައެކަނި ކުރަންހުރި ކަންކަމަކީ. މި ދެންނެވި ކަންކަން އެއީ ބައެއް ކަންކަން. އެހެންވީމާ، އަދި ހުންނާނެ މި އަންނަ އަހަރުގެ ބަޖެޓުތެރެއިން އަޅުގަނޑުމެން ކުރިއަށްގެންދާނެ އެހެން ބައެއް މަޝްރޫޢުތައްވެސް. ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއާ ގުޅިފައި ހުންނަ މަސައްކަތްތައް.
ޞިއްޙީ ދާއިރާގެ ވާހަކަ އަޅުގަނޑަށް ދަންނަވާނުލެވިފައި އޮތީ. އެއީ، ބަޖެޓު ހަމަޖެހިފައި އޮތް ކަމެއް. މިއީ، އަޅުގަނޑުމެން ބޭރުގެ ފަންޑަކަށް އެލޮކޭޓް ކޮށްފައި އޮތް މަޝްރޫޢެއް. ސަޢޫދީ ފަންޑުގެ ތެރެއިން، ސަޢޫދީ ފަންޑު ހަމަޖެހިފައި، ކޮންފަރމް ވެފައި އޮތް މަޝްރޫޢެއް. 50 އެނދުގެ ފުލް ފްލެޑްޖް ފުރިހަމަ ހޮސްޕިޓަލެއް އެޅުމަށް ފަންޑް ހަމަޖެހިފައި އޮތީ. ނަމަވެސް، އަޅުގަނޑުމެންނަށް ޢަމަލީ މަސައްކަތަށް އަދި ނުދެވެނީ، ބޭރުގެ މަޝްރޫޢެއްވީމާ، ބޭރުގެ ފަންޑުތަކުގައި ހުންނަ ތަރުތީބުން އެ ޕްރޮސީޖަރ ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުންނާތީވެ. މިހާރު އެ މަޝްރޫޢު އެ ހިނގަނީ، މި ދެންނެވި މަރުޙަލާގެ ތެރޭގައި. ލިޔެކިޔުމާއި، ރިޕޯޓުތައް ހެދުމާއި، ސްޓަޑީތައް ހެދުމާއި، ކުރެހުންތައް ހެދުމާއި، މިހެންގޮސް ވަރަށް ގިނަ ކަންކަން ހިމެނޭ، ބޭރުގެ ފަންޑުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކުގެ ތެރޭގައި. އެހެންވީމާ، އެއްވެސްވަރަކަށް ކަންބޮޑުވެނުލައްވާތި، މިކަމުގައި ފަންޑު ފުލީ ކޮންފަރމްޑް ޕްރޮޖެކްޓެއް. 50 ބެޑުގެ ޒަމާނީ ހޮސްޕިޓަލެއް. އާންމުކޮށް މިކަހަލަ މަޝްރޫޢުތަކުގައި ނަގަނީ 8-10 މަންތްސް. ގާތްގަނޑަކަށް އެންމެ ގިނަވިޔަސް 10 މަސް. މިހާރު އޭގެތެރެއިން މަހެއްހާ ދުވަސް ހިނގައިފި.
އެހެންވީމާ، އަޅުގަނޑުމެންގެ އަމިއްލަ ފުލް ކޮންޓްރޯލެއް ނޯންނާނެ، އެއްވެސް ޤައުމެއްގެ އެއްވެސް ސަރުކާރެއްގައި، މިހެން ހުންނަ ބޭރުގެ ފަންޑުތަކަށް އެލޮކޭޓްކުރާ މަޝްރޫޢުތަކުގައި. އެހެންވީމާ، އަވަސްވެސް ވެދާނެ. އެކަމަކު މި ދެންނެވި މުއްދަތަށްވުރެ މިހާތަނަކަށް ނެތް އެއްވެސްވަރަކަށް ލަސްވެފައެއް.
އެހެންވީމާ، އަޅުގަނޑު މި ދެންނެވީ، އަޅުގަނޑު މިތާނގައި މި ނަންކީ މަޝްރޫޢުތައް އެކަންޏެއްނޫނޭ ހުރީ. ހަމަ މި ދަންނަވާލިހެން، ޞިއްޙީ ދާއިރާއަށް މި އޮތީ ވަރަށް މުހިންމު މަޝްރޫޢެއް ކުރިއަށް. ތަޢުލީމީ ދާއިރާއަށް މި ތަނުގައި ސްކޫލެއް، ތަރައްޤީގެ އިތުރު އިންފްރާސްޓްރަކްޗަރ ކަންކަން ކުރުންވެސް އެބައޮތް. އާދެ، އެހެންވީމާ، ޖުމްލަކޮށް ހަމަ އަޅުގަނޑު މި ދަންނަވާލި ތަފްޞީލު މި ދިން ސަބަބަކީ ހަމަ އަޅުގަނޑު ފަށްޓަމުން ދެންނެވިހެން، އަޅުގަނޑު ވީ ވަޢުދުތައް ފުރިހަމައަށް އިރާދަކުރެއްވިއްޔާ އަދާކޮށްދޭނަމޭ. އެކަން ސާބިތުކޮށްދިނުމަށް، ނޫނީވިއްޔާ އެކަން ތިޔަބޭފުޅުންނަށް ތަފްޞީލުކޮށްދިނުމުގެ ގޮތުން.
އާދެ، ކުރިއަށް އޮތް ދުވަސްތަކަކީ، މި ދެންނެވިހެން ޢަމަލީގޮތުން މިކަންކަން ތިޔަބޭފުޅުންނަށް ފޯރުކޮށްދީގެން ދާނެ ދުވަސްތައް. އެއްވެސްވަރަކަށް، ހަމަ އެއްވެސްވަރަކަށް އަޅުގަނޑުމެންނެއް ނުކުރެވޭނެ ކަމެއްގެ ވަޢުދެއް ނުވަން. ނުވެސްވާނަން. ނުކޮށްދިނުމަށް، ނޫނީވިއްޔާ ނުކުރުމުގެ އެއްވެސްކަހަލަ ވިސްނުމެއްވެސް އަޅުގަނޑުމެންގެ ނޯންނާނެ. އަޅުގަނޑު ކޮންމެ ވާހަކައެއްވެސް ރައްޔިތުންގެ ގާތުގައި ދަންނަވަނީ، އެކަން ކުރުމުގެ ހުރިހާ ކަންކަމާ މެދުގައި ވިސްނާފައި. އަދި ކުރެވޭނެ ގޮތް އަޅުގަނޑުމެންގެ ތެރޭގައި ޕްލޭންކޮށްފައި. ވަޢުދުވަނީ އެ ވަޢުދު ފުއްދޭނެގޮތާ އެކީގައި.
އެހެންވީމާ، މި ރަށުގައިވެސް މި ސޮއިކުރެވުނު ހުރިހާ މަޝްރޫޢުތައް މިއީ ކުރިން އަޅުގަނޑު ވީ ވަޢުދުތައް. އެހެންވީމާ، މި ވަޢުދުތައް ފުއްދުމަށްޓަކައި މި ސޮއިކުރެވުނު ކޮންމެ މަޝްރޫޢަކީ، ހަމަ މި ދެންނެވިހެން ބާރު ސްޕީޑްގައި ދާނެ ކަންކަން. އެހެންވީމާ، ނިލަންދޫގެ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން، މި ހުރިހާ ކަމެއް ފެށިގެންދާތީ. އަދި ޔަޤީންކަންދެން، މި ފެށިގެންދާ ހުރިހާ ކަމެއް، އަދި އިތުރަށް ހުރި ކަންކަމާ އެކީގައި ތިޔަބޭފުޅުންނަށް އުފާފާގަތިކަން އަޅުގަނޑުމެން ގެނެސްދޭނެކަން. އެ ޔަޤީންކަން އަދިވެސް އެއްފަހަރު ދެން.
އާދެ، ސަރުކާރުން ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް މިގެންދަނީ މިގޮތަށް. އަޅުގަނޑު ވަރަށް ގިނަ ރަށްތަކަށް މިހާރު ގޮސްފިން. ވަރަށް ގިނަ ރައްޔިތުންނާ ބައްދަލުކޮށްފިން. އަދި ކުރިއަށްވެސް އެބައޮތް، ނުދެވިހުރި ބައެއް ރަށްތަކަށް ދިޔުންވެސް. މިހާރު ތާވަލުކުރެވިފައި އޮތްގޮތުން، އިރާދަކުރެއްވިއްޔާ މި އަންނަ މަސް ނިމޭއިރުގައި، އެންމެ އަތޮޅެއް ފިޔަވައި ހުރިހާ ރަށަކަށް އަޅުގަނޑަށް، ހުރިހާ އަތޮޅަކަށް އެބަދެވޭ. ހުރިހާ ރަށަކަށް އެބަދެވޭ. ނޮވެންބަރުމަހުގެ ކުރީކޮޅުގައި، މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ދެވޭނެ އިރާދަކުރެއްވިއްޔާ. މިހާރު އޮތް ތާވަލު އޮތްގޮތުން. ބަދަލެއް ނާންނަންޏާ.
މިއަދު މި ރަށުގެ ކައުންސިލާ ބައްދަލުވެގެން ދިޔައިމާ، އަޅުގަނޑަށް ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރުމުގެ ތެރެއިން، މިހާރު ހުރިހާ ކައުންސިލަކާ ބައްދަލުވެފައި މިއޮތީ. އޭގެއިތުރުން، ދެވަނަ ބުރަށް ބައްދަލުކުރަން ފަށައިގެންގޮސް މިރޭ މި ރަށުގެ ކައުންސިލާ ބައްދަލުވީމާ، ދެވަނަފަހަރަށް 86 ކައުންސިލާ މި ބައްދަލުކުރެވުނީ.
ދޮޅު އަހަރު، ދެ އަހަރު ވެގެންދާއިރު، އަޅުގަނޑުމެން މި ގެންގުޅެނީ ޢަމަލީގޮތުން ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުން. ޢަމަލީގޮތުން. އަޅުގަނޑުމެން މި އަންނަނީ ކައުންސިލްތައް ގާތަށް. ރައްޔިތުން ގާތަށް. މާލެއަކަށް ކައުންސިލެއް ނުގެންނަން. އަމިއްލަފުޅަށް ކައުންސިލްތައް މާލެ ވަޑައިގެންފާނެ. އެއީ، އެ ބޭފުޅުންގެ އިޚްތިޔާރުގައި އޮތް ކަމެއް. އެހެންނަމަވެސް، އަޅުގަނޑު އަދި ވަޒީރުން، ކުންފުނިތަކުގެ ވެރިން، މި އަންނަނީ ކައުންސިލްތައް ގާތަށް. ރައްޔިތުންގެ ގާތަށް. އެއްބުރު ނިންމައި ދެވަނަ ބުރަށް. އެހެން މި ދެންނެވީ، މި އަންނަ ނޮވެންބަރުމަސް މެދުތެރޭ، ނޫނީވިއްޔާ ފުރަތަމަ ހަފްތާ ނިމޭއިރުގައި، ރާއްޖޭގެ ހުރިހާ ކައުންސިލަކާއި، ހުރިހާ ޑަބްލިޔު.ޑީ.ސީ.އަކާ ދެވަނަފަހަރަށް އަޅުގަނޑާ ބައްދަލުވެ ނިމޭނެ. އަދި ވަރަށް ތަފްޞީލުކޮށް، މިއިން ކޮންމެ ބައްދަލުވުމެއްގައި ރައްޔިތުން ބޭނުންވާ ކަންކަން އެބަ މަޝްވަރާކުރެވޭ. ހުރިހާ މުއައްސަސާތަކެއްވެސް ބައިވެރިވެގެން.
އެހެންވީމާ، ޢަމަލީގޮތުން ލާމަރުކަޒީކޮށް، ޤައުމު ހިންގުން އަޅުގަނޑުމެން މި ތަންފީޒު ކުރަނީ. އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ. އަޅުގަނޑު އެ ނިޒާމުގެ ތެރޭގައި ރައްޔިތުންނަށް ޚިދުމަތްކުރި ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ. އެ ނިޒާމުގެ ފުރިހަމަކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޢަމަލީގޮތުން މަސައްކަތްކޮށްފައި ހުރި މީހެއް. އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ، އަދި އޭގެ ފުރިހަމަކަމާއެކީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް މަސައްކަތްކޮށްފައި އޮތް ނިޒާމެއް. އެހެންވީމާ، އެހާބޮޑަށް މި މަސައްކަތް ކުރަނީ ރައްޔިތުންނަށް މި ނިޒާމުގެ ތެރެއިން ރައްޔިތުންގެ ގާތަށް އައިސްގެން، ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ އަމާޒަށް ކަންތައްތައް ކޮށްދޭން.
ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށްޓަކައި، ކުރެވޭ ކަންކަމުގެ ތެރޭގައި، އެންމެ އިސްކަމެއްދޭ އެއްކަމަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަ ކަންތައްތައް ކޮށްދޭން. މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެން ވާނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ ޢިނާޔަތް ލިބޭގޮތާއި، މިފަދަ ބައެއް ކަންކަން، ޤާނޫނީ ނިޒާމުގެ ތެރެއިން، ހަމަޖައްސައިދީފައި. މިއީ، މީގެކުރީގައިވެސް ކުރެވެންހުރި ކަންކަން. އެކަމަކު އޭގެ ކުރިން އެއްވެސްއިރަކު ނުކޮށް، ދޫކޮށްލާފައި އޮތް ކަމެއް. އަންހެނުން ބާރުވެރިކުރުވުމަކީ އަޅުގަނޑުގެ ވަރަށް މުހިންމު ސިޔާސަތެއް. މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް، ޢަމަލީގޮތުން ތަންފީޒުކުރާ ސިޔާސަތެއް.
މިހާރު ކުރިއަށް އޮތް ބަޖެޓަށް އަޅުގަނޑުމެން މި ހުށަހަޅާ ބަދަލުތަކުގެ ތެރެއިން، އަދި ކުރިއަށް އޮތް އަހަރުތަކުގައި، އެގޮތަށް ކުރިއަށްދާނެ އެއްކަމަކީ މިހާތަނަށް ޤާނޫނުގައި އޮންނަގޮތުން ޑަބްލިޔު.ޑީ.ސީ.އަށް މިދެނީ، ކައުންސިލްގެ ބަޖެޓުގެ ފަސް އިންސައްތަ. ކައުންސިލަށް މިދޭ ބަޖެޓުގެ ތެރެއިން، ފަސް އިންސައްތަ މިދެނީ ޑަބްލިޔު.ޑީ.ސީ.އަށް. މީގެ ސަބަބުން މިވާގޮތަކީ، ޑަބްލިޔު.ޑީ.ސީ.ތަކަށް ހަރަކާތްތަކެއް ނުހިންގޭ. މުސާރަ ދީފައި، ނޫނީވިއްޔާ އެލަވަންސް މިދެނީ. އެލަވަންސް ދީފައި މާބޮޑުކަމެއް ނުކުރެވޭ. އަދި ބައެއް ޑަބްލިޔު.ޑީ.ސީ.ތަކުގެ އެލަވަންސް ހުސްވޭ ޖުލައި، އޮގަސްޓާ ހިސާބަށްދާއިރު. އެއްގޮތަކަށްވެސް ޢަމަލީގޮތުން ބާރުވެރިއެއްނޫން ކޮށްދެވިފައި އެއޮތީ.
އަޅުގަނޑުމެން މި ގެންނަ ބަދަލަކީ، މި ފަސް އިންސައްތަ ދެގުނަކޮށް، ކައުންސިލްގެ ބަޖެޓުގެ ތެރެއިން، ފަސް އިންސައްތަ ދިނުމުގެ ބަދަލުގައި، ދިހަ އިންސައްތައަށް ބަދަލު މިކުރަނީ. މި އަންނަ އަހަރުން ފެށިގެން އެ ބަދަލު މި ގެންނަނީ. އޭގެ ސަބަބުން ޑަބްލިޔު.ޑީ.ސީ.ތަކަށް ވަރަށް ގިނަ މަސައްކަތްތައް، އަންހެނުންގެ ތަރައްޤީއަށްޓަކައި ރަށުގައި ކުރެވޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެކަންވާނެ. އެކަމަށްޓަކައި އަންހެނުންގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.
ހަމައެއާއެކީގައި، ރޯދަ ޢިނާޔަތް ޑަބްލިޔު.ޑީ.ސީ.ގެ ބަޖެޓުން ނުދީ، މުޅި ކައުންސިލްގެ ބަޖެޓުން ދޭގޮތަށް މި ކަނޑައަޅަނީ. ޑަބްލިޔު.ޑީ.ސީ.ގެ ބަޖެޓުން، އެ ކުޑަކުޑަ ބަޖެޓުގެ ތެރެއިން ރޯދަ ޢިނާޔަތް ދިނީމާ، އަނެއްކާވެސް ކުރާނެ މަސައްކަތް މަދު. ކުރެވޭ މަސައްކަތް މަދުވެގެން އެބަދޭ. ހަމަ އޭގެ އިތުރަށް، ޑަބްލިޔު.ޑީ.ސީ.ގެ ރައީސާއަކަށް ހުންނަ މީހަކީ، ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ މީހަކަށް މި ހަދަނީ. ކައުންސިލްގެ ރައީސް ހުންނަގޮތަށް. އަދި އެ މަގާމަކީ، ފުލްޓައިމް މުސާރަ ލިބޭ މަގާމަކަށް މި ހަދަނީ. މި ވެސް އަންހެނުން ބާރުވެރިކުރުވުމަށްޓަކައި، ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރަން ކުރާ މަސައްކަތެއް.
އަޅުގަނޑު ޔަޤީންކުރަން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ޑަބްލިޔު.ޑީ.ސީ.ތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން އަދި ކުރިއަށް އޮތް އިންތިޚާބުގައި ކުރިމަތިލައްވަން ތިއްބެވި ބޭފުޅުން މިކަމުގައި ވަރަށް ބޮޑަށް ޝައުޤުވެރިކަމާއެކީގައި ދެން ބައިވެރިވާނެ. އަޅުގަނޑު ބޭނުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރަން. އަދި ކަމަށް ޤާބިލް، ކިޔަވައިގެން ތިބި، ތަޖުރިބާހުރި އަންހެން ބޭފުޅުން ރަށުގެ ތަރައްޤީގައި ބޮޑު މަސައްކަތްތަކެއް ކުރަން ކުރިމަތިލުން.
ހަމަ އޭގެއިތުރަށް، ކައުންސިލްތަކަށްވެސް ވަރަށް ގިނަ ކަންކަން އިރާދަކުރެއްވީތީ މިހާތަނަށް އައިއިރުވެސް ވަނީ ކޮށްދީފައި. ކުރިއަށް އޮތް އަހަރުން ފެށިގެން، މި އަންނަ ޖަނަވަރީ 1ން ފެށިގެން ކައުންސިލްގެ ބަޖެޓުގެ ތެރެއިން، ކުރާ ޚަރަދެއް ކުޑަކުރުމަށްޓަކައިވެސް ވަރަށް މުހިންމު ކަމެއް ކުރަން ނިންމައި އިޢުލާނު ކޮށްފައި އޮންނާނެ.
މަގުމަތީގައި ދިއްލާ ބައްތިތައް، އަދި އާންމު ސަރަޙައްދުތައް ދިއްލަން ކައުންސިލްގެ ބަޖެޓުން ޚަރަދުކުރަނީ. އެކަމަކު، ވަރަށް ބޮޑު ރޭޓެއް، ސަރުކާރުގެ ރޭޓު ކިޔާ ބޮޑު ރޭޓެއް މި އޮންނަނީ. އެހެންވީމާ، ކައުންސިލްގެ ބަޖެޓުން ވަރަށް ބޮޑު އެއްޗެއް ހޭދަވޭ. އެހެންވީމާ، އެ ރޭޓު ކުޑަކޮށް، ޑޮމެސްޓިކް ރޭޓަށް މި ބަދަލުކުރަނީ. އެހެންވީމާ، ނަތީޖާއަކަށްވާނީ، މިހާތަނަށް އެންމެ ކުޑަ ޚަރަދެއް ކައުންސިލްތަކުން ކުރާނީ މި އަންނަ އަހަރު ޖަނަވަރީ 1ން ފެށިގެން އާންމު ތަންތަން ދިއްލަން. އެކަންވެސް މި ކޮށްދެނީ ކައުންސިލަށް ބޮޑު އެއްޗެއް ސަލާމަތްކުރުމުގެ ފުރުޞަތު ދޭން. ރައްޔިތުންގެ ތަރައްޤީއަށް، ޤާނޫނުގައި ކަނޑައަޅާފައި ހުރި މުނިސިޕަލް ކަންކަން، ދެންހުރި ކަންކަމަށް މަސައްކަތް ކުރުމަށް ފުރުޞަތުދޭން.
އެކަންކަން އަޅުގަނޑު މި ދަންނަވާލާ ސަބަބަކީ، އަޅުގަނޑުމެން މިހާ ފާޅުކަންބޮޑު ގޮތެއްގައި، މިހާ ދެފުށްފެންނަ ގޮތެއްގައި، ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރަން މި ކުރާ މަސައްކަތް ކުރަމުންދާއިރުވެސް، މިކަންކަން މިހެން ނޫންކަން އޮތީ ބަޔާންކުރަން، ބައެއް ފަރާތްތަކުން ޙަޤީޤަތާ ޚިލާފުވާ ވާހަކަތަކެއް ދައްކަވާތީ. އެހެންވީމާ، އަޅުގަނޑު ގަސްދުކުރަނީ، މިކަންކަން އޮތްގޮތް ރައްޔިތުންނަށް ސާފުކޮށް ބުނެދޭން. އަޅުގަނޑުމެން ބޭނުންވަނީ، ރައްޔިތުންނަށް ކަންކަން ވީހާވެސް ފުރިހަމައަކަށް ކޮށްދިނުމަށް ކައުންސިލްތަކަށް ފުރުޞަތު ދޭން. އެއީ، މި ޤައުމުގައި ތަރައްޤީ ފުރިހަމަކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީ.
އާދެ، އަޅުގަނޑުމެން ތަރައްޤީ މި ގެންނަނީ، ވަށައިޖެހޭ ތަރައްޤީއެއްގެ ގޮތަށް. އިންފްރާސްޓްރަކްޗަރ ޤާއިމުކޮށްދިނުމާއި، މުހިންމު ސޯޝަލް ޕްރޮގްރާމްތައް ހިންގުމާއި، ޤައުމުގެ ކަންކަން ހަމަޖެހުމަކަށް ގެނައުމަށްޓަކައި ކުރެވޭ ކަންކަމާއި، ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމާ އެކީގައި.
އެންމެ ބޮޑު އެއް މައްސަލައަކީ ކޮބައިތޯ؟ ބޭރުމީހުންގެ މައްސަލަ. ނުގަވާއިދުން އުޅޭ ބޭރުމީހުންގެ މައްސަލަ. މިއީ، އަބަދުވެސް ދައްކަމުން އައި ވާހަކައެއް. އެއްވެސް ސަރުކާރަކުން އެކަމެއް ހައްލެއްނުކުރޭ. އެއްވެސް ކަމެއް ނުކުރޭ. ހަމަ އެކިއެކި ގޮތްގޮތުން ރާއްޖެއަށް، އެކި ގޮތްގޮތުން މީހުން އެތެރެކޮށްފައި، އެކަމަކު އެ މައްސަލަ ޙައްލުކުރާކަށް އެއްވެސް ބަޔަކު ނޫޅޭ.
އެހެންނަމަވެސް، އަޅުގަނޑުމެން ވަނީ އެކަމަށްޓަކައިވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައި. ވަރަށް މުހިންމު މަސައްކަތްތަކެއް ފެށިން. އެ މަސައްކަތްތަކަކީ، ރާއްޖޭގައި އުޅެނީ ކޮންބައެއްތޯ ބެލުން. ބޭރު އެތައް ބަޔަކު އެބައުޅޭ. އުޅޭތަނެއް، ކާކުކަމެއްވެސް ނޭނގޭ. ފުރަތަމަ އެކަން ސާފުކުރެވިގެންތާ އެ މައްސަލަ ހައްލުކުރެވޭނީ.
އެހެންވީމާ، އަޅުގަނޑުމެން މި ފެށީ ވަރަށް ޚާއްޞަ ޕްރޮގްރާމެއް. އަޅުގަނޑުމެންގެ ސަރުކާރު ފެށުނު ހިސާބުން ''ކުރަނގި'' ޕްރޮގްރާމްގެ ގޮތުގައި. އެ ނަމުގައި ފެށި ޕްރޮގްރާމްގެ ތެރެއިން، ނުގަވާއިދުން އުޅޭ މީހުންނާއި، ގަވާއިދުން އުޅޭ ހުރިހާ ބޭރުމީހުންގެ ހުރިހާ ރެކޯޑްސްތަކެއް މި ނަގަންފެށީ. 10 އިނގިލީގެ ނިޝާނާ އެކީގައި، ހުރިހާ މަޢުލޫމާތެއް. މިކަން ކުރީމާ، އެ މީހާ ހުރި ތަނާއި، އެއީ ކާކުކަމާއި، ހުރިހާ އެއްޗެއް އެބަ ސާފުވޭ.
އެގޮތުން މިއަދާ ހަމައަށް އައިއިރުގައި، މިދިޔަ ދެ އަހަރެއްހާ ދުވަސްވާން ދާއިރުގައި، އަޅުގަނޑުމެން އެއްލައްކަ ހަތްދިހަ އަށްހާސް ނުވަސަތޭކަ އަށްޑިހަ ދެ ބޭރުމީހުންގެ މަޢުލޫމާތު ނަގައިފިން. މިއީ ވަރަށް ބޮޑު އަދަދެއް. އެބަ އެނގޭ އެހެންވީމާ، ރާއްޖޭގައި ދެ ލައްކައެއްހާ ބޭރުމީހުން އެބައުޅޭކަން. އެކަމަކު މިއޮތްހާ ދުވަސްވީއިރުގައި ނޭނގޭ މިކަމެއް. ދެން މީގެތެރެއިން ނުގަވާއިދުން އުޅޭ މީހުން ޑީޕޯޓުވެސް ކުރަނީ ކުރީގައި ނަމަކަށް.
އެހެންނަމަވެސް، އަޅުގަނޑުމެން މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް، އަށްހާސް ހަސަތޭކަ ނުވަ މީހުން ޑީޕޯޓުވެސް ކޮށްފިން. އަށްހާސް ހަސަތޭކަ ނުވަ މީހުން ރާއްޖެއިން ފޮނުވައިވެސްލައިފިން. މިވެސް ވަރަށް ބޮޑު މަސައްކަތެއް. އަދިވެސް އަޅުގަނޑުމެން މި މަޢުލޫމާތު އެއްކޮށްގެން، ގިނަ މީހުން މި ފޮނުވައިލަނީ. ބޭރުމީހުންގެ މައްސަލަ މިއީ އެންމެ ބޮޑު އެއް މައްސަލަ. މިކަމުގެ ސަބަބުން، އާންމު ރައްޔިތުން، ދިވެހި ރައްޔިތުން ކުރާ ވިޔަފާރިތަކަށްވެސް އެބަ ހުރަސްއެޅޭ. ކުދި ވިޔަފާރިތަކަށްވެސް މި މީހުން ނުގަވާއިދުން ވަންނަނީ. މަގުމަތީގައި ތަންތަން ހުޅުވައިގެން، ނުގަވާއިދުން އެކިކަހަލަ ގުދަންތައް ހަދައިގެން، އެއްޗެހި ވިއްކާ، މި ހުރިހާ ކަމެއްވެސް ކުރަނީ. މާލޭގައި ޚާއްޞަކޮށް. ދެން އާބާދީ ބޮޑެތި ހުރިހާ ރަށެއްގައި އެކަން އެބަ ހިނގާ.
އެހެންވީމާ، މި ހުރިހާ ކަމެއް ހުއްޓުވުމަށްޓަކައި، މި ކުރަނގި އޮޕަރޭޝަނުން މި މީހުންގެ މަޢުލޫމާތު ފުރަތަމަ މި އެއްކުރަން ފެށީ. އަޅުގަނޑުމެން ފަށާފައި ހުރި، މިއަދާ ހަމައަށް އައިއިރުގައި އޮތް، އެންމެ މުހިންމު މަސައްކަތަކީ، މި ދެންނެވިހެން ނުގަވާއިދުން ހިންގާ ވިޔަފާރިތައް ހުއްޓުވުން. މިކަންވެސް އެތައް ހަރުފަތެއް މައްޗަށް ޖައްސައި، މާދަމާއިން ފެށިގެން ނޭޝަންވައިޑްކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަކޮށް، އާބާދީ ބޮޑެތި ރަށްތަކުގައި، މި ދެންނެވި ގޮތަށް ނުގަވާއިދުން ހިންގާ ވިޔަފާރިތައް ހޯދައި، އެ ތަންތަން ވަގުތުން ބަންދުކޮށް، އެ ފަރާތްތައް ޑީޕޯޓްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް އެބަ ފަށަން.
މީގެ ނަތީޖާއަކަށްވެސް ވާނީ، ދިވެހި ރައްޔިތުންނަށް ވިޔަފާރި ކުރުމަށް، އެ އޮންނަ ފުރުޞަތުތައް، ޙައްޤު ފުރުޞަތުތައް އަނބުރާ ހޯދައިދިނުން. ޙައްޤު ފުރުޞަތު. އެއީ، ދިވެހި ރައްޔިތުންގެ ވިޔަފާރީގެ ފުރުޞަތުތައް. އެ ފުރުޞަތުތަކުގެ ތެރެއަށް މި ވަންނަނީ، ނުގަވާއިދުން ބޭރުމީހުން. ދެން ގިނަފަހަރު ހަމަ ކޮންމެވެސްވަރަކަށް ދިވެހީންވެސް އެއަށް ފުރުޞަތުދޭތީ އެކަން ވަނީވެސް. އަޅުގަނޑު ގޮވާލަން ހަމަ ލޮބުވެތި ދިވެހި ރައްޔިތުންނަށްވެސް، އެ ފުރުޞަތު ނުގަވާއިދުން އުޅޭ ބޭރު މީހުންނަށް ނުދޭށޭ. ދިވެހި ރައްޔިތުން މިތިބީ ވަޒީފާގެ ފުރުޞަތު ބޭނުންވެފައި. ޒުވާނުން ވަރަށް ބޮޑަށް ވަޒީފާގެ ފުރުޞަތު ބޭނުންވޭ. އެހެންވީމާ، މި މައްސަލަތައް ހައްލުކުރެވޭނީ، އެންމެން ގުޅިގެން. އެންމެން ގުޅިގެން ކުރާ މަސައްކަތުން މިކަން ހައްލުވާނީ.
މިފަދަ އަނެއް މައްސަލައަކީ ޑުރަގުގެ މައްސަލަ. ދުވަހަކު ހައްލުވީ ކަމެއްނޫން. އެހެންނަމަވެސް، އަޅުގަނޑުމެން މިކަމަށްޓަކައިވެސް ހަމަ އެއްވެސް މީހެއްގެ މޫނަކަށް، ކަނދުރާއަކަށް ނުބަލައި، މިކަމުގެ އަޑިއަށް މިދަނީ. މިކަމުގެ އަޑިއަށް މިދަނީ. އަޅުގަނޑުމެން އެމީހާއަކީ ކާކުތޯއެއް ނުބަލަން. މިއަދު ފެނިވަޑައިގަންނަވާނެ، 130 ކިލޯގެ ޑުރަގް އެތެރެކުރި މީހެއް، އަޅުގަނޑުމެން ނިޒާމުގެ ތެރެއިން ހިފައި ހައްޔަރުކޮށް، ޤާނޫނުގެ ކުރިމައްޗަށް ގެންދިޔައިމާ، މިއަދު އެވަނީ ޙުކުމް ކޮށްފައި ޖުޑީޝަރީގެ ފަރާތުން. މީގެކުރިން މި ކަހަލަ ކަންތައްތަކުގައި އަބަދުވެސް ފަހަތުފަޔަށް، ސަރުކާރުގެ ނިޒާމުގެ ތެރެއިން އޮންނަނީ ބުރަވެފައި. ފުލުހުންގެ އިދާރާވިޔަސް، އެހެން ބައެއްވިޔަސް، އެ މީހާއަށް ބަލާފައި އެހެންގޮތެއް ހަދަނީ. އެހެންނަމަވެސް، މި ސަރުކާރަކުން ނަހަދާނެ އެހެނެއް.
އަޅުގަނޑުމެން މިހާރު ޑްރަގާބެހޭ މައްސަލަ އިތުރަށް ވަރުގަދަކޮށް ބެލުމަށްޓަކައި ކަމާބެހޭ ޤާނޫނުވެސް އިޞްލާޙުކުރަން ފަށާފައި އެއޮތީ. މަސްތުވާތަކެތީގެ ޤާނޫނު. ދެން މަޖިލިސް ހުޅުވޭއިރުގައި، އެ ބިލު ވަންނާނެ، އެ އިޞްލާޙު. އެކަން އަޅުގަނޑުމެން ކުރާނީ އެއްވެސްވަރަކަށް ދޫނުދީ. އެއްވެސްވަރަކަށް ދުލެއްނުދޭނަން އެކަމަކަށް. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެން މިކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަނީ. އެއީ އިޚްލާޞްތެރިކަމާއެކީގައި، އަޅުގަނޑުމެން މަސައްކަތްކުރާތީ އެގޮތަށް ކުރަނީ.
ހަމަ އެގޮތަށް، ގޭންގުތަކުގެ މައްސަލަވެސް. ދާދިފަހުން އަޅުގަނޑުމެން ވާނީ މިކަމާ ގުޅޭ ޤާނޫނެއްވެސް ތަޞްދީޤުކޮށްފައި، ޢަމަލުކުރަން ފަށާފައި. ގޭންގު ކުށްކުރާ ފަރާތްތަކާއި، ތޫނު ހަތިޔާރު ގެންގުޅުމާއި، މި ހުރިހާ ކަމެއްވެސް މި ރާއްޖޭގައި ހަމަ ހިނގާ ކަންކަން. ހުއްޓުވާކަށް އެއްވެސް ބަޔަކު ނޫޅޭ. އެހެންނަމަވެސް، އަޅުގަނޑުމެން އެކަމަށްވެސް އެއްވެސްވަރަކަށް ދުލެއްނުދީ، އެއީ ކޮންބައެއްތޯ ނުބަލައި، އެ މައްސަލަ ހައްލުކުރަން ފަށާފައި މިވަނީ.
އެހެންވީމާ، މައިގަނޑު ތިންކަމެއް މިއޮތީ. ޑްރަގުގެ މައްސަލަ، ގޭންގުތަކުގެ މައްސަލަ، ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ. މިއީ ޤާނޫނީ އިމުގެ ތެރެއިން ބޭރަށް، އެކިއެކި ފަރާތްތަކުން، އެ ފަރާތްތަކުގެ އަމިއްލަ މަންފާތަކަށްޓަކައި ދޫކޮށްލައިގެން، ފޭދިގެންގޮސް ބޮޑުވެފައި، ވަރަށް ބޮޑަށް މޫލާފައި ހުރި މައްސަލަތަކެއް. އެހެންނަމަވެސް، އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ، މި ހުރިހާ ކަމެއް ހުއްޓުވުމަށް. ޤާނޫނުގެ ވެރިކަން މިތާ ހިންގަން. ރޫލް އޮފް ލޯ ހިންގަން. އެކަމުގައި އަޅުގަނޑުމެންނަށް އެއްވެސްވަރަކަށް މުހިންމެއްނޫން އެއީ ކޮން ބައެއްތޯ ބަލާކަށް. އަޅުގަނޑުގެ ކުރިމަތީގައި ދިވެހި ރައްޔިތުން ހަމަހަމަ. ހުރިހާ ރައްޔިތުންނަކީ އެއްވަރުގެ ރައްޔިތުން. ތަފާތު އެކަކުވެސް ނެތް.
އެހެންވީމާ، ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތުގައި ކަންކަން ކޮށްދިނުމުގައި ޤާނޫނުގެ ވެރިކަން ހިންގަންޖެހޭ. އެހެންވީމާ، މިހެން ހުރި ބޮޑެތި މައްސަލަތައް އަޅުގަނޑުމެން ހައްލުކުރަނީ އެހެންވެގެން. އެއީ މި ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ.
މިއަދާ ހަމައަށް އައިއިރުގައި، މި ޤައުމުން ޢަމަލީގޮތުން ފެންނާނެ، ހަމަޖެހުން ޤާއިމުކުރަމުންދާތަން. އެއްވެސް ތަފާތުކުރުމެއްނެތި، އެއްވެސް ސިޔާސީ ވިސްނުމެއް ޖުޑީޝަރީ ތެރެއަށް ނުވައްދާ، އެއްވެސްވަރެއްގެ ސިޔާސީ ވިސްނުމެއް ފުލުހުންގެ ތެރެއަށް ނުވައްދާ، ސިފައިންގެ ތެރެއަށް ނުވައްދާ، އެކިއެކި ކަންކަން މި ހިންގަނީ. ފުރިހަމަކަމާއެކީގައި، ޕްރޮފެޝަނަލްކަމާއެކީގައި.
އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތުގައި އަޅުގަނޑުމެން ޤައުމުގެ ކަންކަން ކުރިއަށް ގެންދާނީ. ރައްޔިތުންގެ ކިބައިން މި އެދެނީ، މި ކަންކަން މި ހިނގަނީ ކިހިނެއްކަން، ރައްޔިތުން އަމިއްލަ ސިކުނޑިން ވިސްނަވައި، އަމިއްލަ ލޮލުން ބައްލަވައި، އަމިއްލަ ކަންފަތްޕުޅުން އަޑުއައްސަވާށޭ. އެހެންބަޔަކު ދައްކާ ވާހަކައަކަށް، ބަރޯސާނުވާށޭ. ތެދު ޙަޤީޤަތް އަމިއްލައަށް އޮޅުންފިލުވާށޭ. އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެކޭ އެއީ. އޭރުން އިރާދަކުރެއްވިއްޔާ ޤައުމުގެ ކަންކަން ދާނީ ރަނގަޅަށޭ.
އޭގެ ނަތީޖާއަކަށްވާނީ، އަޅުގަނޑު ކުރިން ދެންނެވި ވަށައިޖެހޭ ތަރައްޤީ އަޅުގަނޑުމެންނަށް ހާސިލުވެގެންދިޔުން. މި ސޮއިކުރެވުނު ފަދަ މަޝްރޫޢުތައް ކިތަންމެވަރަކަށްވެސް އަޅުގަނޑުމެންނަށް ހިންގިދާނެއޭ. އެކަމަކު މި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީކުރަން އަޅުގަނޑުމެން ކަނޑައަޅާ ހިސާބުންނޭ، ޙަޤީޤީ ވަށައިޖެހޭ ފުރިހަމަ ތަރައްޤީއެއް އަޅުގަނޑުމެންނަށް ލިބިގެންދާނީ. އެއީ އަޞްލު ޙަޤީޤީ ދެމެހެއްޓެނިވި ކުރިއެރުމަކީ.
އާދެ، އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށް މި ފެށުނު މަސައްކަތްތައް ކުރިން ދެންނެވިފަދައިން، އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން ޙަޤީޤަތަކަށް ހަދައިދޭނަން. އަރބަން ސެންޓަރެއްގެ ގޮތުގައި ކަނޑައެޅި ކަނޑައެޅުން، ޢަމަލީގޮތުން ތިޔަބޭފުޅުންނަށް ޑެލިވަރ ކޮށްދޭނަން. އެންމެ މުހިންމު ކަމެއްގެ ގޮތުގައި، 1ން 10 އަށް ހަމަ އެއަރޕޯޓު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ނިންމައިދޭނަން. އަދި ދެން މި ފެށި ހުރިހާ މަސައްކަތްތައްވެސް، ސޮއިކުރެވުނު ހުރިހާ ކަމެއްވެސް ހަމަ ފުރިހަމަކަމާއެކީގައި އިރާދަކުރެއްވިއްޔާ ކޮށްދީ ނިންމާނަން. އިރާދަކުރެއްވިއްޔާ ނިލަންދޫ ރައްޔިތުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސައިދޭނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.