ފެލިދެއޮތޮޅު ފެލިދޫގައި އައި.ޑީ ކާޑުގެ ޚިދުމަތް ޤާއިމުވެގެންދިއުމާއެކު، ހުރިހާ އަތޮޅެއްގައި އެ ޚިދުމަތް ޤާއިމުކުރެވިގެންދިއައީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ފެލިދޫގައި ވަނީ އައި.ޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީގޮތުން އިފްތިތާޙުކުރައްވާފައެވެ. މިއާއެކު، ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް، މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އައި.ޑީ ކާޑުގެ ޚިދުމަތް ޤާއިމުވެގެންދިއައީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިފަދަ ޚިދުމަތްތައް ލާމަރުކަޒުކުރެއްވުމުގެ މަޤްޞަދަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުން ކަމުގައެވެ. ރަށްރަށުގައި އޭ.ޓީ.އެމް ޤާއިމުކުރުމުގެ މަސައްކަތާ ގުޅުވައިގެން އެމަނިކުފާނަށް މަލާމާތް ރައްދުވަމުންދާކަން އެނގިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، އެފަދަ އަސާސީ ޚިދުމަތްތައް މަރުކަޒުވެފައި ހުރުމުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފާއި، އެ ޚިދުމަތްތައް ލާމަރުކަޒުކުރުމުން ލިބޭ ލުއިފަސޭހަކަން އެނގިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، އެފަދަ ޚިދުމަތްތައް ފޯރުކޮށްދެއްވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައްޔިތުންގެ ލުއިފަސޭހައަށް ކުރާ ކަންކަމުގެ މަންފާ ރައްޔިތުންނަށް ލިބުނަ ނުދޭން، ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކުރާ ކަންކަން ކާމިޔާބުވިޔަ ނުދެއްވާނޭކަމަށް ވިދާޅުވެ، އެފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން އަޅުއްވާފައިވާ ކާމިޔާބު ފިޔަވަޅުތައް އެމަނިކުފާނު ތަފްޞީލުކޮށްދެއްވިއެވެ. އަދި ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކަންކަން ކުރަމުންދާއިރު، މި ސަރުކާރުން ލޯމަރައިގެން ނުތިބޭނޭ ކަމަށާއި، ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުޞަތު ނުދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފެލިދޫގެ ތަރައްޤީއަށްޓަކައި ރާއްވަވާފައިވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، މާދަމާ ޢަމަލީ މަސައްކަތް ފަށާ ހޮސްޕިޓާ ނިމިގެންދާނީ، 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ ރަށުގައި ހަދާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްޤީކުރައްވާނީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ގޮތުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިތުރު ވަޞީލަތްތަކާއެކު، ސްކޫލް ޢިމާރާތުގެ މަސައްކަތްވެސް މި އަހަރު ފައްޓަވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަންނަ އަހަރު، އެ ރަށުގައި 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނޭ ކަމަށާއި، ރާއްޖޭގެ ސީ- އެމްބިއުލާންސް ފްލީޓަށް އުޅަނދުތައް އިތުރުކުރައްވައި، ފެލިދެއަތޮޅުގައިވެސް އެ ޚިދުމަތް ޤާއިމުކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.