بسـم اللّـه الرّحمـن الرّحيـم

اَلْحَمـْدُلِلّـهِ رَبِّ العَـالَمِينَ، جَعَلَ الْعَدْلَ قِوَامَ الدِّيْنِ، وَالشُّورَى أَسَاسَ الْحُكْمِ الْمَتِينِ، وَالصَّلاَةُ وَالسَّلاَمُ عَلَى خَاتِمَ الأَنْبِيَاءِ وَالْمُرْسَلِينَ، أَقَامَ الْعَدَالَةَ وَالْمُسَاوَاةَ بَيْنَ النَّاسِ أَجْمَعِينَ، وَبَيَّنَ لَنَا حُقُوقَ الْحَاكِمِيْنَ وَالْمَحْكُومِينَ، وَسَنَّ لِأُولِى الأَمْرِاسْتِشَارَةَ أَهْلِ الْحَلِّ وَالْعَقْدِ فِى رِعَايَةِ مَصَالِحِﭐلدُّنْيَـاوَالدِّينِ.

ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން!

އެންމެހައި ނިޢްމަތްތަކުގެވެރި اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ކުރަމުން، މިއަދު ތިޔަ ޢިއްޒަތްތެރި މެންބަރުންގެ އަރިހަށް އަޅުގަނޑު މިއައީ، ޤާނޫނުގައިވާ ގޮތުގެމަތިން، ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތުގެ ޢާންމު ރިޕޯޓަކާއި، ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާކުރާގޮތް ރައްޔިތުންގެ މަޖިލިސަށް ހުށަހެޅުމަށް. އަދި އެއާއެކު، ރައްޔިތުންގެ މަޖިލިސް ހުޅުވައިދިނުމުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް.

ވޭތުވެދިޔަ އަހަރު ދައުލަތް ހިންގުމުގެ ކަންތައްތައް ގެންދިޔަގޮތާއި، ކުރިއަށް އޮތްތާނގައި އެކަންތައްތައް ގެންދަން ޤަޞްދުކުރާގޮތް، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ދެންނެވުމަށް މިފުރްސަތު ލިބޭކަމީ، ސަރުކާރާއި ރައްޔިތުންނާ ދެމެދުގައި އޮންނަންޖެހޭ ފުރިހަމަ އިތުބާރާއި އެއްބާރުލުން، ކޮންމެ އަހަރަކުވެސް އާވެ ހަރުދަނާވެގެންދާ ކަމެއްކަމުގައި މެނުވީ އަޅުގަނޑު ނުދެކެން. އަދި ދައުލަތް ހިންގުމުގެ ކަންތައްތަކާމެދު ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ފާޅުކުރައްވާ ޚިޔާލުފުޅުތަކާއި ދެއްވާ މަޝްވަރާތައް، އެއީ ރައްޔިތުންގެ މަޖިލީހުގެ ޝިޢާރު ކަމުގައިވާ "وَأَمْرُهُمْ شُورَى بَيْنَهُمْ"ގެ މަތިވެރި އުޞޫލު އަޅުގަނޑުމެންގެ ތެރޭގައި ދިރެމުން އަންނަކަމުގެ ދަލީލެއް ކަމުގައި މެނުވީ އަޅުގަނޑު ނުދެކެން. މިކަމުގެ ސަބަބުން، ޤައުމުގެ މަޞްލަޙަތަށާއި، ރައްޔިތުންގެ ޙައްޤުތަކަށް، އިތުރު ޙިމާޔަތާއި ސަލާމަތްކަން ލިބިގެންދާނޭކަން އަޅުގަނޑަށް ޔަޤީން.

އާދެ! ވޭތުވެދިޔަ 1991 ވަނަ އަހަރަކީ، ބައިނަލްއަޤްވާމީ މަސްރަޙުގައާއި، އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގައި، އަޅުގަނޑުމެންގެ ރާއްޖެ ތަފާތު އެތައް ތަޖުރިބާތަކެއް ކުރި އަހަރެއް. އެހެންކަމާއެކުވެސް، اللّـه سبحانه وتعالى ގެ ރަޙްމަތްފުޅުން، އެ އަހަރުވެސް ހިމެނިގެންދިޔައީ، ތަފާތު ރޮނގުރޮނގުން ރާއްޖެ ތަރައްޤީވެގެންދިޔަ އަހަރެއްކަމުގައި. ރާއްޖޭގެ ރައްޔިތުންނަށް އިތުރު ތިޔާގިކަމާއި ތަނަވަސްކަން ލިބުނު އަހަރެއްކަމުގައި. ޞުލްޙަވެރިކަމާއި އަމަންއަމާންކަންމަތީ ވޭތުކުރެވުނު އަހަރެއް ކަމުގައި.

                                                                           ދައުލަތް ހިންގުން

1991 ވަނަ އަހަރުގެ ތެރޭގައިވެސް، ދައުލަތް ހިންގުމުގެ އެންމެހައި ކަންތައްތައް ހިނގަމުން ގޮސްފައިވަނީ، އޮމާންކަމާއެކުގައި. ދައުލަތް ހިންގުމުގެ ކަންތައްތަކުގައި، ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރުތަކުގައި، ވެރިކަމުގެ ދާއިރާގެ ބައެއް އެހެން ފަރާތްތައްވެސް ޝާމިލްކުރުމުގެ ގޮތުން، ކޮންމެ މިނިސްޓަރަކަށްވެސް، އެ މިނިސްޓަރަކާ ޙަވާލުވެފައިވާ މިނިސްޓްރީގެ ކަންތައްތައް ހިންގެވުމުގެ އިޚްތިޔާރު ލިބިދޭގޮތަށް ޤާނޫނަށްވަނީ ބަދަލުގެނެވިފައި. އެހެންކަމުން، ޤާނޫނަށް ގެނެވިފައިވާ މި ބަދަލާ އެއްގޮތްވާ ގޮތުގެމަތީން ކަންތައްތައް ހިންގަވަމުން ގެންދެވުމަށްޓަކައި، އެކިއެކި ކަންކަމާމެދު ސަރުކާރުން ކަނޑައަޅާ ސިޔާސަތާއި އުޞޫލުތައް އެކަށައަޅައި، ބައެއް މިނިސްޓަރުންނަށް މިހާރުވަނީ ފޮނުވިފައި. މި މަސައްކަތް މިހާރުވެސް އަޅުގަނޑު ކުރަމުން އެބަގެންދަން. މިކަމުގެ ސަބަބުން ދައުލަތް ހިންގުމަށް އެކަށީގެންވާ ހަލުއިކަމެއް އަންނާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އޭރުގެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އޮނަރަބްލް އަލްފާޟިލް އަޙްމަދު މުޖުތަބާ، އަމިއްލަފުޅު ސަބަބުތަކަކަށްޓަކައި ސަރުކާރުން ވަކިވެވަޑައިގެންނެވި. އެ މަނިކުފާނާ ޙަވާލުކުރެވުނު ކޮންމެ މިނިސްޓްރީއެއްވެސް ހިންގަވާފައިވަނީ، ނުހަނު ޤާބިލްކަމާއި ހީވާގިކަމާއެކުގައިކަން އަޅުގަނޑު ހަނދާންކޮށް، އެ މަނިކުފާނު، ސަރުކާރަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތްތަކަށްޓަކައި ޝުކުރު ދެންނެވުމަށް މިފުރްޞަތުގެ ބޭނުންކުރަން.

ވޭތުވެދިޔަ އަހަރު ސަރުކާރުގެ އާ ދެތަނެއް އުފެއްދުނު. އެއްތަނަކީ، ސަރުކާރުގެ އޮފީސްތައް ހިންގުމާއި އިދާރީ ކަންކަމާ ބެހޭގޮތުން، ސަރުކާރުގެ ދާއިރާތަކަށް ބޭނުންވާ މުވައްޒަފުންނަށް ތަމްރީނު ދިނުމަށާއި، ފަންނީ ޚިދްމަތް ދިނުމަށްޓަކައި އުފެއްދުނު، މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން. އެ މަރްކަޒު އުފެދިގެން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް، ވަރަށް ބޭނުންތެރި ކޯސްތައް ހިންގައި، ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމާބެހޭ ތަމްރީނުތައް ދެވުނު.

މިދިޔަ އަހަރު އުފެއްދުނު އަނެއްތަނަކީ، އެންޓި-ކޮރަޕްޝަން ބޯޑު. އެއީ، ކުރީ އަހަރުގެ ޕްރެޒިޑެންޝަލް އެޑްރެހުގައި އަޅުގަނޑު އިޝާރާތްކުރި ފަދައިން، ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މުވައްޒަފުން، ސަރުކާރުގެ ފައިސާއަށާއި، ތަކެއްޗަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، މިބާވަތުގެ ކަންތައްތައް ހުއްޓުވުމަށްޓަކައި އުފެއްދި ތަނެއް. މި ބޯޑުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، 17 މައްސަލަ ބަލާފައިވޭ.

1991 ވަނަ އަހަރު ސަރުކާރުގެ ތަންތަނަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ ދަށުން ހިނގަމުންދާ ވަކި އޮފީހެއްގެ ގޮތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހަމަޖެއްސުން ހިމެނޭ.

1983 ވަނަ އަހަރު އުފައްދާފައިވާ ޒަކާތާބެހޭ އޮފީހުން ކުރަމުންއައި މަސައްކަތްތައް، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒުން ކުރަމުންގެންދާގޮތަށްވެސް މިދިޔަ އަހަރުގެ ތެރޭގައި ހަމަޖެއްސުނު.

ދައުލަތް ހިންގުމުގެ ދާއިރާގައި އެންމެ ބޮޑަށް ސަމާލުކަން ދެމުންގެންދާ ކަންތައް ކަމުގައިވާ، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ހިނގަމުންދިޔައީ އެދެވޭގޮތެއްގައި. ޝަރްޢީ ދާއިރާގެ އެންމެ އިސް ކޯޓު ކަމުގައިވާ ރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، ވޭތުވެދިޔަ އަހަރު 108 މައްސަލަ ނިންމާފައިވޭ. މާލެއާއި ރާއްޖެތެރޭގެ ކޯޓުތަކަށް މިދިޔަ އަހަރުގެ ތެރޭގައި 10,218 މައްސަލަ ހުށަހެޅި، 9170 މައްސަލަ ނިންމިފައިވޭ. މިއަދަދު އަޅުގަނޑު މި ދަންނަވާލީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި ލަސްވާކަމުގެ ޝަކުވާ ވަރަށް ގިނައިން އަޅުގަނޑަށް ލިބޭތީ، ކޯޓުތަކުން ކުރާ މަސައްކަތްތަކުގެ ބުރަކަން ތިޔަބޭފުޅުން ވަޒަންކޮށްލެއްވުމަށްޓަކައި. ރާއްޖެތެރޭގެ ކޯޓުތަކުގައި ނުނިމި ގިނަދުވަސްވެފައި ހުރި މައްސަލަތައް ނިންމުމަށްޓަކައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން ޚާއްޞަ ޝަރްޢީ ވަފްދުތައް ރާއްޖެތެރެއަށް ފޮނުވައިގެންވެސް މަސައްކަތް ކުރަމުން ގެންދެވުނު.

އަތޮޅުއޮފީސްތަކުގެ ބަޖެޓް، ވަކި ބަޖެޓެއްގެ ގޮތުގައި އެ އޮފީސްތަކުން ހައްދަވައިގެން ހިންގަވާގޮތަށް ހަމަޖެއްސި ހަމަޖެއްސުމަކީ، 1991 ވަނަ އަހަރު ދައުލަތް ހިންގުމުގެ ދާއިރާގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން. މީގެ ކުރިން އަތޮޅުއޮފީސްތަކުގެ ޚަރަދުތައް ހިމެނިފައި އޮންނަނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެ އަތޮޅާބެހޭ ރީޖަނަލް އޮފީހުގެ ބަޖެޓުގައި.


                                                                           ދާޚިލީ ހިންގުން

މިދިޔަ އަހަރުގެ މެއި މަހުގެ އެންމެފަހު ދެތިންދުވަހާއި ޖޫންމަހުގެ ކުރީކޮޅު ރާއްޖެއަށް ކުރި، ގަދަ ވިއްސާރައިގެ ސަބަބުން، ޢާންމުކޮށް މުޅި ރާއްޖެއަށް، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު. އެ ވިއްސާރައިގައި، اللّـه سبحانه وتعالىގެ ހެޔޮ ރަޙްމަތްފުޅުން، އެއްވެސް މީހެއްގެ ފުރާނައަކަށް ގެއްލުމެއް ނުލިބޭ. އެހެންނަމަވެސް، ވަރަށް ގިނަ ގޭގެއަށް ގެއްލުން ލިބި، ވަރަށްގިނަ އަދަދެއްގެ ރުއްގަސް ވެއްޓުނު. އަދި ރާޅާއި އުދައެރުމުގެ ސަބަބުން، ބައެއް ރަށްރަށުގެ ފާލަންތައް ހަލާކުވެ، ރުއްގަސް ހައްދާފައިވާ ބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު. ވިއްސާރައިގައި ލިބުނު ގެއްލުމުގެ އަގު ގާތްގަނޑަކަށް 300 މިލިޔަން ރުފިޔާވަރު ވާނެކަމަށް ލަފާކުރެވޭ.

ވިއްސާރައިގައި ލިބުނު ގެއްލުންތަކާ ގުޅިގެން، ސަރުކާރުން އަޅަންޖެހުނު ފިޔަވަޅުތައް އެޅުމަށްޓަކައި ވަޒީރުންގެ ކޮމިޓީއެއް އުފެއްދުނު. އަދި އެކަމަށް ސަރުކާރުގެ ވަކި ޔުނިޓެއް އުފައްދައިގެން، އެ ޔުނިޓުގެ މަސައްކަތްތައް ވަރަށް ހަލުއިކޮށް ހިންގަންޖެހުނު. އޭގެތެރޭގައި، ވިއްސާރައިން އެންމެ ބޮޑަށް އަސަރުކުރި ރާއްޖެތެރޭގެ ރަށްރަށަށް، ހެލިކޮޕްޓަރުގެ ޛަރީޢާއިން ކާޑުގެ ތަކެއްޗާއި ބޭސް ފޮނުވައިދިނުން ހިމެނުނު. ވިއްސާރައިގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި، ވަރަށް ދީލަތިގޮތެއްގައި އެހީތެރިކަން ފޯރުވައިދިން އެކުވެރި ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ޝުކުރު އަދާކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. އަދި ރާއްޖެއަށް ކުރިމަތިވި މި ހިތްދަތި ދަނޑިވަޅުގައި، ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކުންނާއި، ރާއްޖެއަށް ހެޔޮއެދޭ ބޭރުގެ ބައެއްމީހުން ވެދިން އެހީތައް ފާހަގަކޮށްލުމަކީވެސް ކޮންމެހެން ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކެން.

1991 ވަނަ އަހަރު ފެށުނުއިރު ދުނިޔޭގެ މަސްރަޙަށް ވެރިވެފައިވާ ގަލްފު ހަނގުރާމައިގެ އަސަރުތައް ރާއްޖެއަށްވެސް ވަރަށް ބޮޑަށް އިޙްސާސް ކުރަންޖެހުނު. ގަލްފުގައި ހަނގުރާމައެއް ނުފެށިނުދާނެކަމުގެ މަޢުލޫމާތު ލިބެން ފެށުމާއެކު، ހަނގުރާމައެއް ފެށިއްޖެނަމަ، އެ ހަނގުރާމައިން ރާއްޖެއަށް ފޯރާނެ އަސަރުތައް އެންމެ ކުޑަވާނެ ގޮތަކަށް، ރާއްޖެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ވަޒީރުންގެ ކޮމިޓީއެއް އުފައްދައި، އަދި އެ ކޮމިޓީގެ ބެލުމުގެ ދަށުން، ޓާސްކްފޯހެއް އުފައްދައިގެން، ސަރުކާރުން ކުއްލިގޮތެއްގައި އަޅަންޖެހިދާނެ ފިޔަވަޅުތަކަކަށް ތައްޔާރުވަމުން ގެންދެވުނު. ގަލްފުގައި ހަނގުރާމަ ފެށުމާއެކު، އެވަގުތަށް ބޭނުންވި ފިޔަވަޅުތައް އަޅަމުންގެންދިޔައީ، ވަޒީރުންގެ ކޮމިޓީގެ ބެލުމުގެ ދަށުން. މިގޮތުން އެޅުނު ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ކާޑުގެ ބައެއް ތަކެއްޗާއި، ތެލުގެ ބާވަތްތައް، ހަމައެކަނި ސަރުކާރުން އިމްޕޯޓްކުރަމުން ގެންދާގޮތަށް ހަމަޖައްސަން ޖެހުނު.

1991 ވަނަ އަހަރު ރާއްޖޭގެ ދާޚިލީ ހިންގުމުގެ ދާއިރާގައި، އެންމެމަތީ ސަމާލުކަމެއް ދެވުނު އެއްކަމަކީ، ރާއްޖެތެރެއާބެހޭ ކަންތައްތައް. އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އަތޮޅުވެރިންނާއި، މަންދޫބުންނާއި، ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތައް ބައިވެރިވާ ގޮތެއްގައި ބޭއްވުނު އަތޮޅުވެރިންގެ 6 ވަނަ ބައްދަލުވުމުގައި، ރާއްޖެތެރެއާ ބެހޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނު. މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި، އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ރާއްޖެތެރެ ތަރައްޤީ ކުރުމަށްޓަކައި ކުރަން ބޭނުންވާ ކަންތައްތަކާއި، ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހައިން އެ މީހުންގެ ޢާންމު ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް އެމީހުންނަށް ފޯރުވައިދިނުމުގައި އުނިކަމެއް އޮތްކަމަށްވާނަމަ، އެކަންކަން ހަމަޖެއްސުމުގައި، އިދާރީގޮތުން ކޮށްދެވެންހުރި ކަންތައްތައް ބެލުން ހިމެނޭ.

ރާއްޖޭގެ ރަށްރަށުގައި ހިނގަމުންދާ، ރަށްކުރިއެރުވުމަށް އެހީވާ ކޮމިޓީތަކާއި، އަތޮޅުއަތޮޅުގެ އަތޮޅު ކުރިއަރުވާ ކޮމިޓީތަކުގެ މަސްއޫލިއްޔަތު، މިދިޔަ އަހަރުގެ ތެރޭގައި ފުޅާކުރެވުނު. އޭގެތެރޭގައި، ރަށްރަށުން އަލަށް ގޯތި ދޫކުރާނެ ސަރަޙައްދު ކަނޑައެޅުންފަދަ ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ކަންތައްތައް ވެރިކަމުގެ ފަރާތުން ނިންމުމުގައި، ރަށްކުރިއަރުވާ ކޮމިޓީގެ މަޝްވަރާ ހޯދުން ފަދަ ކަންތައްތައް ހިމެނޭ. މީގެއިތުރަށް، މިފަދަ ކޮމިޓީތަކަކީ، 1992 ވަނަ އަހަރުން ފެށިގެން، ރައްޔިތުން އިންތިޚާބުކުރާ ކޮމިޓީތަކެއް ކަމުގައިވެސް މިދިޔަ އަހަރު ހަމަޖެއްސުނު.

ރާއްޖޭގެ ރައްޔިތުންގެ ޙާލު އަޙްވާލު ބެލުމަށްޓަކައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް، އަޅުގަނޑު ބައެއް އަތޮޅުތަކަށް ޒިޔާރަތްކޮށް، އެތަންތާނގެ ރައްޔިތުންނާ ބައްދަލުކުރިން. އަދި ބައެއް ވަޒީރުންނާއި އޮފީސްއޮފީހުގެ ވެރިންވެސް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި، އެކި އަތޮޅުތަކުގައި ހިނގަމުންދާ، ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގަމުންދާގޮތް ބައްލަވައި ހެއްދެވި.

ފަޅުގެގޮތުން ދަތިވެފައިވާ ރަށްރަށުގެ ފަޅު ފުންކުރުމަށްޓަކައި، މީގެ ހަ އަހަރު ކުރިއްސުރެ ފެށިގެން ކުރަމުންގެންދާ މަސައްކަތް، 1991 ވަނަ އަހަރު 8 ރަށެއްގައި ކުރަމުން ގެންދެވުނު. އެ އަހަރުގެ ތެރޭގައި، ދެރަށެއްގެ މަސައްކަތް މުޅިންނިމި، އިތުރު 4 ރަށެއްގައި މަސައްކަތް ފެށިފައިވޭ. މިދިޔަ އަހަރުގެ ތެރޭގައިވެސް، ރާއްޖޭގެ ރަށްރަށުގައި 15 ރަށުއޮފީހާއި، 15 ރަށުކޯޓާއި، 1 ރަށްވެހިގެއާއި، ދެ އަތޮޅެއްގެ އަތޮޅުއޮފީސް އިތުރަށް ޢިމާރާތްކޮށްދެވުނު. އަދި 16 މިސްކިތް އަލަށް ބިނާކޮށްދެވުނު. މީގެއިތުރަށް، ބޮޑެތި ބައެއް ރަށްރަށުގެ މަގުތައް ހެދުމުގެ ކަންތައްތައް، ސަރުކާރުގެ ބަޖެޓުން ކުރާގޮތަށް ހަމަޖެއްސުނު. އަދި ބައެއް ރަށްރަށުގައި ފާލަން އަޅައިދޭން ފެށިފައިވޭ.

މާލޭގައިވެސް، 1991 ވަނަ އަހަރުގެ ތެރޭގައި، އާ މަޝްރޫޢުތަކެއް ފެށުނު. އެއީ ސޯޝަލް އެޑިޔުކޭޝަން ސެންޓަރުގެ ޢިމާރާތް ބިނާކުރުމާއި، ވިޔަފާރި ބަނދަރުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތާއި، މާލޭގެ ހުޅަނގު ދެކުނުކޮޅުގައި ހަދާ ބަނދަރު ހެދުމުގެ މަސައްކަތް. މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށްޓަކައި ކުރެވެމުންދާ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވުނު.

މާލޭގައި ދިރިއުޅޭ މީހުން ގިނަވުމުގެ ސަބަބުން، ދިމާވަމުންދާ ބޮޑެތި މައްސަލަތައް ޙައްލުކުރެވޭތޯ، ސަރުކާރުން ފަށްޓާފައިވާ މަސައްކަތުގެ ދަށުން، މާލެއަތޮޅު ވިލިނގިލިން ފުރަތަމަ ދޫކުރާ 300 ގޯތި ދޫކުރާނެ މީހުން، ޤުރްޢަތުން ހޮވުން މިދިޔަ އަހަރު ބޭއްވުނު. އަދި މީގެކުރިން ގޯތި ދޫކުރެވިފައިވާ މާފިލާފުށީގައި، މީހުން ދިރިއުޅެން ފަށަންވާއިރަށް، ބޭނުންވާނެ މިސްކިތާއި، ޞިއްޙީ މަރްކަޒާއި، މަދަރުސާފަދަ މުހިންމު ތަންތަން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހަދައި ނިމިފައި.

ރާއްޖެތެރޭގައި މީހުންއުޅޭ ރަށްރަށުގެ ތެރެއިންވެސް، މީހުން ގިނަވުމުގެ ސަބަބުން، ބިމުގެގޮތުން ދަތިވަމުންދާ ރަށްރަށާމެދު، ސަރުކާރުން ވިސްނަމުން ގެންދާތާ ދުވަސްކޮޅެއްވެއްޖެ. މިގޮތަށް ހުރި ބައެއް ރަށްރަށުގެ ކައިރީގައި ހުރި ފަޅުރަށްރަށް، މީހުން އުޅޭ ރަށްރަށަށް ބަދަލުކުރުމަށްޓަކައި، އަހަރު ނިމުނުއިރު އެރަށްރަށުގެ ޗާޓު ކުރެހުމުގެ މަސައްކަތް ހިނގަމުންދޭ. އަދި ވަރަށް ކައިރި މުސްތަޤްބަލެއްގައި އެ ރަށްރަށުގައި މީހުން ދިރިއުޅެން ފަށާނެކަމަށް އުންމީދުކުރެވޭ.

1990ގެ ނިޔަލަށް ހިންގުނު ތަރައްޤީގެ 2 ވަނަ ޤައުމީ މަޝްރޫޢު ނިމުމާއެކު، ތަރައްޤީގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށްޓަކައި އެކުލަވައިލެވުނު، ރާއްޖޭގެ ތަރައްޤީގެ 3 ވަނަ މަޝްރޫޢަށް 1991 ވަނަ އަހަރުވަނީ ޢަމަލުކުރަން ފެށިފައި. މި މަޝްރޫޢުގައިވެސް އިޖްތިމާޢީ، އަދި އިޤްތިޞާދީ ތަރައްޤީގެ ލަނޑުދަނޑިތަކެއް ފާހަގަކުރެވިފައިވޭ. ޢާންމުކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ޚާއްޞަކޮށް، މާލެއާއި ރާއްޖެތެރޭގެ ތަފާތު ކުޑަކޮށް، ޤައުމުގެ ތަރައްޤީގެ މައިދާންތަކުގައި ދެމެހެއްޓެނިވި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔުމުގެ ޢަޒުމްތައް އާކުރެވިފައިވޭ.

3 ނޮވެމްބަރ 1988 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައާ ގުޅިގެން، ރާއްޖޭގެ ހިތްވަރުގަދަ ސިފައިންކުރި ޖިހާދާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުން ސާބިތުވެތިއްބެވި ހަރުދަނާކަމާއި، މިކަންކަމުން ރާއްޖެއަށް ލިބުނު މަތިވެރި ނަޞްރުގެ ޛިކްރާ އާކުރުމަށްޓަކައި 1991 ވަނަ އަހަރުވެސް ނަޞްރުގެ ދުވަސް ފާހަގަކުރެވުނު. އެ ދުވަހު ބޭއްވުނު ރަސްމީ ޖަލްސާގައި، ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލައާ ގުޅިގެން، ޢާންމު ރައްޔިތުންގެ ތެރެއިން ފާހަގަކޮށްލެވޭފަދަ ޚިދްމަތްތައް ކޮށްފައިވާކަމުގެ މަޢުލޫމާތު، އިތުބާރުހުރި ގޮތެއްގައި ސަރުކާރަށް ލިބިފައިވާ ފަރާތްތަކަށް، ސަރުކާރުން ޝަރަފުދެވުނު. އަދި އެ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި ޝަހީދުވީ މީހުންގެ ނަމަށްވެސް ޝަރަފުދެވުނު. މީގެއިތުރަށް، ސަރުކާރުގެ ތަންތަނުގެ ތެރެއިން،
އެ ޢުދުވާނީ ޙަމަލައާ ގުޅިގެން، ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭފަދަ ޚިދްމަތްތައް ކޮށްފައިވާ ތަންތަނަށާއި، ފާހަގަކޮށްލެވޭފަދަ ޚިދްމަތްތައް ކޮށްފައިވާ މުވައްޒަފުންނަށްވެސް ޝަރަފުދެވުނު.


                                                                           އިޖްތިމާޢީ ޚިދްމަތް

ރާއްޖޭގެ ދާޚިލީ ހިންގުމުގެ ކަންތައްތަކުގައި އެންމެބޮޑު ސަމާލުކަމެއް ސަރުކާރުން ދެމުން މިގެންދަނީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ގޮތުން ދެވޭ ޚިދްމަތްތަކަށް.

1991 ވަނަ އަހަރު، އިޖްތިމާޢީ ޚިދްމަތުގެ ގޮތުން އެޅުނު އެންމެ މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެނީ، ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ތިޔަ ޢިއްޒަތްތެރި މަޖިލީހުން ފާސްކުރައްވައި، އެ އަހަރުގެ ތެރޭގައި އެ ޤާނޫނު ރާއްޖޭގައި ހިންގަން ފެށުނުކަން. 1991 ވަނަ އަހަރު ރާއްޖޭގައި ފާހަގަކުރީ، ދިވެހިރާއްޖޭގެ ކުޑަކުދީންގެ އަހަރުގެ ގޮތުގައި.
އެ އަހަރު ކުޑަކުދިންނާބެހޭ ޤައުމީ ޖަލްސާއެއް ރާއްޖޭގައި ބޭއްވުނު. އެ ޖަލްސާއިން، ކުޑަކުދިންގެ ދިރިތިބުމާއި ޙިމާޔަތާއި ތަރައްޤީއާބެހޭ ޤަރާރެއް ފާސްކޮށް، ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ފިޔަވަޅު އަޅަމުން ގެންދާނޭގޮތުގެ ޕްލޭނެއް އެކަށައެޅުނު. އަދި ކުޑަކުދިންނަށް އެހީވުމަށް ފަންޑެއްވެސް އެ އަހަރު އުފެއްދުނު.

ރާއްޖޭގެ ދަރިންނަށް ތަޢުލީމު ޙާޞިލުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެތެރޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ފުރަތަމަ ސެކަންޑްރީ ސްކޫލް އައްޑުއަތޮޅު ހިތަދޫގައި ޢިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ނިމުނުއިރުވަނީ ގާތްގަނޑަކަށް ނިމިފައި. މި މަހުގެ 17 ވަނަ ދުވަހު އެ ސްކޫލް ހުޅުވުމުން، ރާއްޖެތެރޭގައި ސަރުކާރުގެ ފަރާތުން ހިންގާ 41 ސްކޫލް ހުންނާނެ. ވޭތުވެދިޔަ އަހަރުވެސް، ރާއްޖޭގެ 4 ރަށެއްގައި ސަރުކާރުގެ ފަރާތުން ޢިމާރާތްކޮށްދޭ 4 މަދަރުސާގެ މަސައްކަތް ފެށިފައިވޭ. މީގެއިތުރަށް، ބައެއް އަތޮޅުގައި ހުރި ތަޢުލީމީ މަރްކަޒުތަކަށް ޢިމާރާތް އިތުރުކޮށްދެވުނު.

ރާއްޖޭގެ ތަޢުލީމަށް، އަދި ވަކީން ޚާއްޞަކޮށް، ރާއްޖެތެރޭގެ ތަޢުލީމަށް، ސަރުކާރުން އިތުރު އަހަންމިއްޔަތެއް ދިނުމުގެ ގޮތުން، ރާއްޖެތެރޭގައި ހިނގަމުންދާ އަމިއްލަ ސްކޫލްތަކަށް ސަރުކާރުން ވެދޭ އެހީ، މިދިޔަ އަހަރު އިތުރުކޮށްދެވުނު ވާހަކަ އުފަލާއެކު ދަންނަވަން.

ތަޢުލީމީ ދާއިރާގައި ސަރުކާރުން ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި، ސްކޫލްތަކުގައި ކިޔަވައިދޭނޭ ފޮތްތައް ހެދުމާއި، އެ ފޮތްތައް ޗާޕުކުރުން ހިމެނޭ. އަދި ކިޔަވައިދޭނޭ މުދައްރިސުން އުފެއްދުމުގެ މަސައްކަތްވެސް ހިމެނޭ. ވޭތުވެދިޔަ އަހަރު ދިވެހިބަހުން ކިޔަވައިދޭ 90 މުދައްރިސުންނާއި، އިނގިރޭސިބަހުން ކިޔަވައިދޭ 41 މުދައްރިސުންނަށް ތަމްރީނު ދެވުނު.

ބޮޑެތި މީހުންނަށް ތަފާތު ރޮނގުރޮނގުން އުނގަންނައިދިނުމަށްޓަކައި، ނުރަސްމީ ތަޢުލީމު ދިނުމުގެ ދާއިރާއިން ވޭތުވެދިޔަ އަހަރު ކުރި މަސައްކަތްތަކުގެ ތެރޭގައި، ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުން ދެވުނު ޢަމަލީ މަސައްކަތުގެ ތަމްރީނާއި، ރޭޑިޔޯއާއި ޓެލެވިޜަންގެ ޛަރީޢާއިން ދެވެމުންދިޔަ މަޢުލޫމާތުގެ ޕްރޮގްރާމްތައް ހިމެނޭ. 1991 ވަނަ އަހަރު ނިމުނުއިރު، ލިޔަންކިޔަން ދަސްކުރަންޖެހޭ ޢުމުރުގެ %98.2 މީހުންނަކީ ލިޔަންކިޔަން ދަންނަ މީހުންނަށްވާކަން، އެއީ ތަޢުލީމީ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބީއެއް ކަމުގައި އަޅުގަނޑު ދެކެން.

ރާއްޖޭގެ ދަރިންނަށް ތަޢުލީމު ޙާޞިލުކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުންގެންދާ އަނެއް ރޮނގަކީ، ރާއްޖެއިން ބޭރަށް ފޮނުވައިގެން ކިޔަވައިދިނުމާއި ތަމްރީނުކޮށްދިނުން. ވޭތުވެދިޔަ އަހަރުގެ ތެރޭގައި، 398 ކުދިން ރާއްޖެއިން ބޭރަށް ފޮނުވުނު. އަދި ތަޢުލީމު ޙާޞިލުކުރުމަށްފަހު 325 ކުދިން ރާއްޖެއަށް އެނބުރި އައިސްފައިވޭ.

ޞިއްޙީ ރޮނގުން ރައްޔިތުންނަށް ދޭ ޚިދްމަތް އިތުރުކޮށް ހަރުދަނާކުރުމަށްޓަކައި، 1991 ވަނަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެތެރޭގައި އިތުރު 4 ޞިއްޙީ މަރްކަޒު ޢިމާރާތްކުރުމާއި، އިތުރު ރަށެއްގައި ޞިއްޙީ މަރްކަޒު ޢިމާރާތްކުރަން ފެށުމާއި، ރީޖަނަލް ހޮސްޕިޓަލްތަކުގައި ލެބޯރެޓަރީގެ އާ ޚިދްމަތްތައް ދޭން ފެށުން ހިމެނޭ. ސެންޓްރަލް ހޮސްޕިޓަލްގައި ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރެވޭތޯވެސް މިދިޔަ އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވުނު.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މާލޭގައި ލޮނު ފެނަށް ހަދާ، އާ ދެ ޕްލާންޓް ބަހައްޓައި، އޭގެ ޚިދްމަތް ލިބެންފެށި. އެއީ، ޑެންމާރކް ސަރުކާރުގެ އެހީގެ ދަށުން ލިބުނު، ދުވާލަކު ގާތްގަނޑަކަށް 700 ކޮޑިމީޓަރުގެ ފެންހަދާ ޕްލާންޓަކާއި، ފަރަންސޭސި ސަރުކާރުގެ އެހީގެ ދަށުން ލިބުނު، ދުވާލަކު 200 ކޮޑިމީޓަރުގެ ފެންހަދާ ޕްލާންޓެއް. މާލޭގެ އާބާދީ ހަލުއިކަމާއެކު އިތުރުވަމުން ދިޔުމުގެ ސަބަބުން، ބިމުން ފެންނެގޭ މިންވަރު، ބިމަށް ފެން ހިންދޭ މިންވަރަށްވުރެ އެތައް ގުނައެއް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، މާލޭގެ ގިނަ ހިސާބުތަކުގެ ފެން މިހާރުވަނީ ލޮނުވެފައި. އެހެންކަމުން، މާލޭގެ ފެނުގެ މައްސަލައަކީ، މިހާރު ވަރަށް ބޮޑަށް ވިސްނައި، ގޮތެއް ހޯދަން ޖެހިފައިވާ މައްސަލައެއް. މިކަމާ ގުޅޭގޮތުން، ވަރަށް ޚާއްޞަ ގޮތެއްގައި ސަރުކާރުން މިގެންދަނީ މަސައްކަތްތަކެއް ކުރަމުން.

ވޭތުވެދިޔަ އަހަރު ރާއްޖެތެރޭގައި، 10,000 ލީޓަރުގެ ފެންއަޅާ 76 ތާނގީ ހަދައިދެވުނު. އަދި ދިގު މުއްދަތެއްގެ ތެރޭގައި، އަގު އަދާކުރާގޮތަށް، ގޭގޭގައި ފެންއަޅާ ތާނގީ ހަދައިދިނުމުގެ ޕްރޮގްރާމެއް، މިދިޔަ އަހަރު ރާއްޖެތެރޭގައިވެސް ހިންގުނު. މީގެއިތުރަށް، ބައެއް ރަށްރަށުގައި، ޢާންމު ފާޚާނާހޮޅި ވަޅުލުމުގެ މަސައްކަތް ފެށްޓުމަށްޓަކައި، ތަޖުރިބާކުރުމުގެ ގޮތުން، ފެލިދުއަތޮޅު ރަކީދޫގައި ކަމާބެހޭ ސަރވޭ މިދިޔަ އަހަރު ކުރެވުނު.

ރާއްޖޭގެ ޞިއްޙީ ދާއިރާގައި ހިތާމައާއެކު ފާހަގަކޮށްލަންޖެހޭފަދަ ކަމެއް، މިދިޔަ އަހަރުގެ ތެރޭގައި ހިނގާފައިވޭ. އެއީ، މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ވަބާ ކަމުގައިވާ އެއިޑްސް ބައްޔަށް ވާރުތަކޮށްދޭ ޖަރާސީމު، ދިވެހި ރައްޔިތެއްގެ ލެއިން ފެނުނުކަން. މީގެކުރިންވެސް، މި ނުރައްކާތެރި ބައްޔާ ބެހޭގޮތުން ރާއްޖޭގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ސަރުކާރުންވަނީ މަސައްކަތްކުރަމުން އައިސްފައި. އޭގެއިތުރަށް، ރާއްޖޭގައި އެއިޑްސް ބަލި ދިފާޢުކޮށް، ކޮންޓްރޯލް ކުރުމަށްޓަކައި، ކުރު މުއްދަތުގެ ޕްލޭނެއް، މިދިޔަ އަހަރު ތައްޔާރުކޮށް، އެ ޕްލޭން ހިންގަން ފެށުނު.

މީގެކުރިން ރާއްޖޭގައި ތަމްރީނުކުރެވޭވަރަށްވުރެ ރަނގަޅު ފެންވަރަކަށް ނަރުހުން އުފެއްދުމަށްޓަކައި، ނަރުސްކަމުގެ ރޮނގުން ޑިޕްލޮމާ ޙާޞިލުކުރެވޭ ފެންވަރުގެ ކޯހެއް، ވޭތުވެދިޔަ އަހަރު ރާއްޖޭގައި ހިންގަން ފެށުނު.

ރާއްޖޭގެ އަންހެނުންގެ ކަންތައްތައް ތަރައްޤީ ކުރުމަށްޓަކައި، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، ވޭތުވެދިޔަ އަހަރު ރާއްޖޭގެ ތަރައްޤީގެ ޤައުމީ މަޝްރޫޢުގައި، އަންހެނުންނާބެހޭ ޚާއްޞަ ބައެއް ހިމެނުނު. އަދި ރާއްޖޭގެ އަންހެނުންގެ ޙާލަތު ހުރިނެތްގޮތް ބެލުމަށްޓަކައި، އަންހެނުންނާ ބެހޭ ސަރވޭއެއް، މިދިޔަ އަހަރުގެ ތެރޭގައި ކުރަން ފެށުނު. މީގެއިތުރަށް، ތަރައްޤީގެ މަސައްކަތްތަކުގައި އިސްނަގައިގެން ޙަރަކާތްތެރިވާނެ އަންހެނުން އުފެއްދުމާބެހޭ ޚާއްޞަ މަޝްރޫޢެއް މިދިޔަ އަހަރު މިލަދުންމަޑުލު ދެކުނުބުރީގައި ހިންގަން ފެށިފައިވޭ.

ރާއްޖޭގެ ޒުވާނުންގެ ކަންތައްތައް ތަރައްޤީކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޤަޞްދުކޮށް، މިހިނގާ 1992 ވަނަ އަހަރަކީ، ދިވެހިރާއްޖޭގެ ޒުވާނުންގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރު ކަމުގައި މިހާރުވަނީ ހަމަޖެހިފައި. އަދި ޒުވާނުންގެ އަހަރު ފާހަގަކުރުމުގެ ގޮތުން ކުރަންވީ ކަންތައްތައް ރާވައި، އެކަންކަން ހިންގުމަށް އުފެއްދި އިސްބޭފުޅުންގެ ކޮމިޓީއާއި، ކޯޑިނޭޓިންގ ކޮމިޓީގެ މަސައްކަތް މިހާރު ފެށިގެން ހިނގަމުން އެބަދޭ. އަދި މި އަހަރުގެ ކުރީކޮޅުގައި، ޒުވާނުންނާ ބެހޭގޮތުން ޤައުމީ ފެންވަރުގެ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައި. ކޮމަންވެލްތު ޤައުމުތަކުގެ ޒުވާނުންނާބެހޭ މިނިސްޓަރުންގެ ފުރަތަމަ ޖަލްސާ، އަންނަ މެއިމަހު ރާއްޖޭގައި ބޭއްވުމުގެ ތައްޔާރީތައްވެސް މިހާރު ހިނގަމުން އެބަދޭ.

ޒުވާނުން އިޞްލާޙުކޮށް ތަރައްޤީކުރުމުގައި ކުޅިވަރުގެ ރޮނގަކީ، ވަރަށް މުހިންމު ބައެއް އަދާކުރާ ރޮނގެއް ކަމަށްވާތީ، ރާއްޖޭގައި ކުޅިވަރުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި، 1991 ވަނަ އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު. ބޭރުގެ ކޯޗުން ރާއްޖެއަށް ގެނެސްގެން، އެކިއެކި ކުޅިވަރުތައް ދަސްކޮށްދިނުމުގެ އިތުރަށް، އެކިއެކި ކުޅިވަރު ކުޅޭ ޓީމުތައް، ބޭރު ޤައުމުތަކަށް ފޮނުވައިގެން ތަމްރީނު ހޯދައިދެވިފައިވޭ. މިގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 1991 ވަނަ އަހަރު ބޭއްވުނު ފަސްވަނަ ސައުތު އޭޝިއަން ފެޑެރޭޝަން ގޭމްސްގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު، މުބާރާތުގެ 2 ވަނަ މަޤާމު ޙާޞިލުކޮށްގެން، ރާއްޖެއަށް ރިހިމެޑެލްގެ މަތިވެރި ކާމިޔާބީ ހޯދައިދީފައިވޭ.

ތިމާވެށްޓާބެހޭ މައްސަލަތަކަކީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގައިވެސް، އަދި ރާއްޖޭގައިވެސް، ވަރަށްބޮޑު ސަމާލުކަމެއް ދެމުން ގެންދެވިފައިވާ މައްސަލަތަކެއް. އެހެންކަމާއެކު، ސާރކް ޤައުމުތަކުގައި ހިންގުމަށް ރާއްޖޭގެ ފަރާތުން ތައްޔާރުކުރެވުނު ތިމާވެށްޓާބެހޭ ޚާއްޞަ އެކްޝަން ޕްލޭނެއް މިދިޔަ އަހަރު އެކުލަވައިލެވިފައިވޭ. އަދި މި އަހަރު އެ ޕްލޭނަށް ޢަމަލުކުރަން ފެށުމަށްވެސް ވަނީ ކަނޑައެޅިފައި. މި ފުރްޞަތުގައި ހަނދާންކޮށްލުން އެކަށީގެންވާ ފަދައިން، މިހިނގާ 1992 ވަނަ އަހަރަކީ، ދިވެހިރާއްޖެއިން ހުށަހަޅައިގެން، ސާރކް ޤައުމުތަކުގައި، ސާރކްގެ ތިމާވެށްޓާބެހޭ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ އަހަރު.

ތިމާވެށްޓާބެހޭ މާލޭ ޑެކްލަރޭޝަންގެ ދަށުން އުފެދިފައިވާ އެކްޝަން ގްރޫޕްގެ ފުރަތަމަ ޖަލްސާއާއި، ސާރކް ޤައުމުތަކުގެ ތިމާވެށްޓާބެހޭ ބައެއް ޖަލްސާތައް މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު. އަދި ވޭތުވެދިޔަ އަހަރު ކޮމަންވެލްތު ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޖަލްސާއާއި، އިސްލާމީ ޤައުމުތަކުގެ ވެރިންގެ ޖަލްސާގައި އަޅުގަނޑު ބައިވެރިވެ، ތިމާވެށީގެ ގޮތުން ރާއްޖެއަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ މައްޗަށް ދުނިޔޭގެ ސަމާލުކަން އިތުރަށް ހޯދުމަށް މަސައްކަތް ކުރެވިފައިވޭ.

ރާއްޖޭގެ ރަށްރަށް އުފެދިފައިވާ ގޮތުން، ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލަށާއި، ފަރުތަކުގެ ސަލާމަތަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ވަނީ ދޭންޖެހިފައި. އެހެންކަމުން، ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތައް ވަޒަންކުރާ އިކްވިޕްމަންޓް މިހާރު ބަހައްޓާފައިވާ ތަންތަނުގެ އިތުރަށް، އެފަދަ ތަކެތި ބަހައްޓާނެ އިތުރު ތަންތަން ފާހަގަކުރުމުގެ މަސައްކަތާއި، ގިނަ ޢަދަދަކަށް ގާނެގުމުގެ ސަބަބުން، ހަލާކުވެފައި ހުންނަ ފަރުފަރުގައި މަޞްނޫޢީ ގާ ބަހައްޓައިގެން، ފަރުތަކަށް އަލުން ދިރުން ގެނެވިދާނެތޯ ބެލުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރެވުނު.

މި ހިނގާ 1992 ވަނަ އަހަރަކީ، ދުނިޔޭގެ ޤައުމުތަކުގެ އެންމެމަތީ ވެރިންގެ ފެންވަރުގައި ތިމާވެށްޓާއި ތަރައްޤީއާބެހޭ އ.ދ.ގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ އަހަރު. ވީމާ، ޚާއްޞަ ކޮމިޓީއެއް އުފައްދައިގެން، ރާއްޖެ މި ޖަލްސާއަށް ތައްޔާރުވުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން މިގެންދަނީ ކުރަމުން.

ރާއްޖޭގެ އިޤްތިޞާދިއްޔަތު

ވޭތުވެދިޔަ ތޭރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ދަތުރުކުރަމުން އައިސްފައިވަނީ، ވަރަށް ހަލުއިކޮށްކަން، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ. ވޭތުވެދިޔަ އަހަރުވެސް، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ގާތްގަނޑަކަށް ހަމަ އެ ބާރުމިނުގައި ހިފެހެއްޓިފައިވޭ. އާދެ! ރާއްޖޭގެ އިޤްތިޞާދީ އުފެއްދުންތެރިކަމުގެ ހިސާބަށް ބަލާއިރު، 1990 ވަނަ އަހަރަށްވުރެ 1991 ގައި %8 އިތުރުވެފައިވޭ.

މަސްވެރިކަމުގެ ރޮނގުން ބަލާއިރު، 1990 ވަނަ އަހަރު ރާއްޖެއަށް ބޭނި މަހަށްވުރެ، 1991 ވަނަ އަހަރު ރާއްޖެއަށް ބޭނިމަހުގެ އަދަދު ގާތްގަނޑަކަށް %10 އިތުރުވެފައިވޭ. އަދި ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މަހުގެ ބާވަތްތަކަށް ލިބުނު ފައިސާގެ އަދަދުވެސް، އޭގެ ކުރީ އަހަރަށްވުރެ %6.8 އިތުރުވެފައިވޭ.

މަސްވެރިކަން ކުރިއެރުވުމަށްޓަކައި، ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫޢުތަކުގެ ތެރެއިން، އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫޢުގައި، 1991 ވަނަ އަހަރު ރާއްޖޭގެ 7 ދިމާއެއްގައި އޮއިވާލި ކަނދުފަތި ހަރުކޮށްދެވިފައިވޭ. ދިގު މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާގޮތަށް އިންޖީނު ބެހެއްޓި މަސްދޯނިފަހަރު ދޫކުރުމާއި، މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުމުގެ މަޝްރޫޢުވެސް، މިދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވުނު. ރާއްޖޭގައި ކުރާ ތަފާތު ބާވަތްތަކުގެ މަސްވެރިކަން ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން، މީގެ ކުރިއާ ޚިލާފަށް، އެކިވައްތަރުގެ މަސްވެރިކަން ކުރާ ދޯނިފަހަރުގައިވެސް އިންޖީނު ބަހައްޓައިދޭގޮތަށް، މިދިޔަ އަހަރުގެ ތެރޭގައި ހަމަޖެއްސުނު. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި، ޖަޕާނު ސަރުކާރުގެ އެހީގައި ހޯދުނު އިތުރު 100 އިންޖީނު، މިހިނގާ އަހަރުގެ ކުރީކޮޅު ލިބޭގޮތަށްވަނީ ހަމަޖެހިފައި.

ރާއްޖޭގެ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށްޓަކައި ހިންގުނު ފުރަތަމަ މަޝްރޫޢާއި ދެވަނަ މަޝްރޫޢަކީ، ވަރަށް ފައިދާހުރި ދެ މަޝްރޫޢު ކަމަށްވުމާއެކު، މަސްވެރިކަމުގެ 3 ވަނަ މަޝްރޫޢެއް ހިންގުމަށްޓަކައި، ދުނިޔޭގެ ބޭންކުގެ އެހީ ހޯދުމަށް ކުރެވުނު މަސައްކަތްތައް، މިދިޔަ އަހަރުގެ ތެރޭގައި ކާމިޔާބު ނިމުމަކަށް ގެނެވުނު. ދުނިޔޭގެ ބޭންކާއި، އޯޕެކް ފަންޑާއި، ނޯޑިކް ޤައުމުތަކުގެ އެހީގައި ހިންގާ މި މަޝްރޫޢުގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށޭނެ. މި މަޝްރޫޢުގައި، ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑޫގައި ފިނިކުރިމަސް ރައްކާކުރާނޭ ތަނެއް ހެދުމާއި، އެ ރަށުގެ ބަނދަރު ހެދުން ހިމެނޭ. އަދި މަސްގަންނަ އިތުރު ބޯޓު ތައްޔާރުކުރުންވެސް ހިމެނޭ. ޖަޕާނު ސަރުކާރުގެ އެހީގައި ހައްދުންމަތީ މާންދޫގައިވެސް، ފިނިކުރިމަސް ރައްކާކުރާނޭ ތަނެއް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ވޭތުވެދިޔަ ފަނަރަވަރަކަށް އަހަރު ކަންތައްތައް ހިނގާފައިވާގޮތް ބަލައި، މަސްވެރިކަމުގެ ކަންތައްތައް ތަރައްޤީކުރުމަށްޓަކައި، އަޅަން ފެންނަ ފިޔަވަޅުތައް ފާހަގަކުރުމުގެ ގޮތުން ތައްޔާރުކުރެވުނު ފިޝަރީޒް ސެކްޓަރ ސްޓްރޭޓެޖީ ސްޓަޑީއެއް، ވޭތުވެދިޔަ އަހަރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ފުރިހަމަކުރެވިފައިވޭ. މި ދެންނެވި ސްޓަޑީން ދައްކާގޮތުގައި، 1980ގެ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަން އެވްރެޖް ގޮތެއްގައި އަހަރަކު %10 ކުރިއަށް ގޮސްފައިވޭ. އަދި މަސްވެރިކަމުގެ މި ޒަމާނުގެ އާ ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގެ މަސްވެރިކަން މިހާރަށްވުރެ ވަރަށްބޮޑުތަން ކުރިއަށް ގެންދިޔުމުގެ ފުރްޞަތުވެސް އެބައޮތްކަން ހާމަކޮށްފައިވޭ. އެ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންތައްތަކާމެދު މިހާރު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ގެންދަނީ ވިސްނަމުން.

މަސްވެރިކަމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި، ސަރުކާރުން ކުރަމުންދާ ތަފާތު ތަޙްލީލުތަކުގެ މަސައްކަތްވެސް، 1991 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވުނު. މިގޮތުން، ފަރުމަހުގެ މަސްވެރިކަމާ ބެހޭގޮތުންނާއި، ގާހަކައާއި، ހުއިފިލަނޑާގެ މަސްވެރިކަމާ ބެހޭގޮތުން، މުހިންމު ހޯދުންތަކެއް ހޯދުނު. މި ހޯދުންތައް ދައްކާގޮތުން، މި ދެންނެވި ބާވަތުގެ ތަކެތި، ވަކި އުޞޫލުތަކެއްނެތި ރާއްޖެއިން އެކްސްޕޯޓް ކުރަމުން ގެންގޮސްފިނަމަ، ރާއްޖެއިން އެފަދަ ތަކެތި މުޅީން ހުސްވެދާނެކަމަށް ފެންނާތީ، ގާހަކަ އެކްސްޕޯޓް ކުރުން މިދިޔަ އަހަރުވަނީ ހުއްޓާލަންޖެހިފައި.

ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމަކީ، މަސްވެރިކަމުގެ ރޮނގުން ވަރަށް ޚާއްޞަ ގޮތެއްގައި ސަރުކާރުން ސަމާލުކަންދޭ ކަމެއް. މިރޮނގުން ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ފަރާތުން ވޭތުވެދިޔަ އަހަރު ކުރި މަސައްކަތުގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ތެރެއަށް ގަވާއިދާ ޚިލާފަށް ވަދެގެން އުޅުނު، ބޭރުގެ މަސްހިފާ 18 ބޯޓު އަތުލުން ހިމެނޭ.

ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ އެންމެ މުހިންމު އަނެއްބައި ކަމުގައިވާ ޓޫރިޒަމްވެސް 1991 ވަނަ އަހަރުގެ ތެރޭގައިވަނީ ކުރިއަށް ގޮސްފައި. 1991 ވަނަ އަހަރު ފެށުނުއިރު، ގަލްފުގެ ސަރަޙައްދުގައި ހިނގަމުންދިޔަ ކަންތައްތަކުގެ ސަބަބުން، އެ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ ޢަދަދު، ކުރީ އަހަރަށްވުރެ މާބޮޑުތަން އިތުރުވެގެން ނުދިޔަނަމަވެސް، ކުރީ އަހަރަށްވުރެ އިތުރުވިކަން އެއީ ފާހަގަކޮށްލަންޖެހޭ ކަމެއް. މިހެން މި ދެންނެވީ، މިދިޔަ އަހަރު ބައެއް އެހެން ޤައުމުތަކަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ކުރީ އަހަރަށްވުރެ މަދުކަމަށް އެނގިފައިވާތީ. އަދި ޓޫރިޒަމްގެ މަސައްކަތުން 1991 ވަނަ އަހަރު ޤައުމަށާއި ސަރުކާރަށް ލިބުނު އާމްދަނީވެސް ވަނީ އޭގެ ކުރީ އަހަރަށްވުރެ އިތުރުވެފައި.

ޓޫރިސްޓް ރިޒޯޓުތައް ހަދާފައިވާ ރަށްރަށުން ސަރުކާރަށް ލިބޭ އާމްދަނީ، އެއް އުޞޫލަކުން ހަމަޖެއްސުމާ ބެހޭގޮތުން މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުންވަނީ ދިރާސާތަކެއް ކޮށްފައި. އަދި އެކަމާ ބެހޭގޮތުން ތައްޔާރުކުރެވިފައިވާ ރިޕޯޓެއް މިހާރުވަނީ ވަޒީރުންގެ މަޖިލީހަށް ހުށަހެޅިފައި. މިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންވެސް ޝައުޤުވެރިވެވަޑައިގެން، މި މައްސަލައާމެދު ވިސްނާވަޑައިގަންނަވަމުން ގެންދަވާކަން އަޅުގަނޑު މިފުރްޞަތުގައި ފާހަގަކޮށްލަން. 

ރާއްޖޭގެ ޢާންމު ވިޔާފާރީގެ ދާއިރާއަށް ބަލާއިރުވެސް ދަންނަވަންޖެހެނީ، 1991 ވަނަ އަހަރަކީ، ވިޔަފާރި ކުރިއަށް ގޮސްފައިވާ އަހަރެއް ކަމުގައި. އެ އަހަރުގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވަނީ، އޭގެކުރީ އަހަރަށްވުރެ %26 އިތުރުވެފައިވާ އަދަދެއް. ހަމައެފަދައިން، އެ އަހަރު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގުވެސް، އޭގެ ކުރީ އަހަރަށްވުރެ %8 އިތުރުވެފައިވޭ. ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމާއި، ރާއްޖެއިން މުދާ އެކްސްޕޯޓް ކުރުމުގައިވެސް އެ އިތުރުވުން އައިސްފައިވަނީ، ސަރުކާރުން ކުރާ މަސައްކަތްތަކުގެ އިތުރަށް، އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ކުރިއަށްދިޔުމުންކަން، މި ފުރްޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން. ނަމަވެސް، ރާއްޖެއިން މުދާ އެކްސްޕޯޓް ކުރާވަރުގެ ތިންގުނައާ ގާތަށް ރާއްޖެއަށް މުދާ އިމްޕޯޓް ކުރެވެމުންދާ ދިޔުމަކީ، އެކަމުން ނުނިކުމެނުދާނޭ އިޤްތިޞާދީ މައްސަލަތަކާމެދު މިއަދު އަޅުގަނޑުމެން ވިސްނަން ޖެހިފައިވާ ކަމެއް.

ރާއްޖޭގައި އުފައްދާ ތަކެތި އިތުރުވެ، އެކްސްޕޯޓްކުރާ ތަކެތީގެ އަދަދު ގިނަވަމުންދިޔުމާއެކު، އެކްސްޕޯޓްކުރާ ތަކެތީގެ ފެންވަރު ރަނގަޅުކޮށް ބެހެއްޓުމަކީ، ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަށް، ބޭރުގައި ރަނގަޅު އަގު ލިބުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ކޮލިޓީ ކޮންޓްރޯލް ބޯޑެއް މިދިޔަ އަހަރުގެ ތެރޭގައިވަނީ އުފެއްދިފައި.

1991 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ބަލައިލާއިރުވެސް ދަންނަވަންޖެހެނީ، ދައުލަތަށް ލިބުނު އާމްދަނީ، އޭގެ ކުރީ އަހަރަށްވުރެ %23 އިތުރުވެފައިވާ ކަމަށް. ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، ސަރުކާރުގެ ކެޕިޓަލް ވަކިކުރި ތަންތަނުގެ ފައިދާ އިތުރުކުރެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތްކުރަމުން. މިގޮތުން، އެސް.ޓީ.އޯ.ގެ ވިޔަފާރި ރަނގަޅުކޮށް ހަރުދަނާކުރުމުގެ ގޮތުން، މިހާރަށް ގެންނަން ފެންނަ ބަދަލުތައް މިދަނީ ގެންނަމުން. އޭގެތެރޭގައި، އެސް.ޓީ.އޯ.ގެ ސުޕަރމާކެޓެއް މި އަހަރުގެ ތެރޭގައި ހުޅުވުމަށް ޤަޞްދުކުރެވިފައިވޭ.

ސަރުކާރުގެ ފަރާތުން ހިންގާ އާގުބޯޓު ދުއްވުމުގެ މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑުންވެސް މިދިޔަ އަހަރުވަނީ ފައިދާވެފައި. އެ ފައިދާއިން ދައުލަތުގެ އާމްދަނީއަށް އެ އަހަރުގެ ތެރޭގައި އެއްޗެއް ލިބިފައި ނެތްކަމުގައިވިޔަސް، އެ ކުންފުނި ހިންގުމަށްޓަކައި ހޯދާފައިވާ ލޯނުތައް އަދާކުރުމަށް އެ ފައިދާގެ ބޭނުންކުރެވެމުންދާކަން މި ފުރްޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން.

1991 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވިޔަސް، ދައުލަތުން ކުރަންޖެހުނު ޚަރަދުތައްވެސްވަނީ، އޭގެ ކުރީ އަހަރަށްވުރެ ގާތްގަނޑަކަށް %21 އިތުރުވެފައި. އެހެންކަމުން، 1991 ވަނަ އަހަރުވެސް ނިމިގެންދިޔައީ، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އެއްޗަކަށްވުރެ ޚަރަދު ބޮޑުވެފައިވާ އަހަރެއްގެ ގޮތުގައި.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ދައުލަތުގެ ބަޖެޓް ޑެފިސިޓް ބަޖެޓެއްގެ ގޮތުގައި ނިމިގެންދިޔުމާއެކު، ދައުލަތުގެ ޚަރަދުތައް ވީހާ ކުޑަކުރެވޭތޯ މިދިޔަ އަހަރުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެވުނު.

ދައުލަތަށް ލިބުނު ބޭރު ފައިސާ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި %4.08 އިތުރުވެފައިވޭ. އަދި ވޭތުވެދިޔަ އަހަރު ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓްކޮށް ދެއްކި ކަމުގައިވިޔަސް، އޯވަރޯލް ބެލެންސް ދައްކަނީ ރާއްޖެއަށް ފަހިކޮށް ނިމުނު އަހަރެއްގެ ގޮތުގައި.

ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ މުހިންމު ރޮނގެއް ކަމުގައިވާ ދަނޑުވެރިކަމުގެ މަސައްކަތް ކުރިއެރުވުމުގެ ގޮތުން، 1991 ވަނަ އަހަރުވެސް މަސައްކަތް ކުރެވުނު. ޚާއްޞަކޮށް، މިދިޔަ އަހަރު ރާއްޖެއަށްކުރި ގަދަ ވިއްސާރައިގައި ރާއްޖޭގެ ދަނޑުވެރިކަމަށް ލިބުނު ގެއްލުން ފޫބެއްދޭތޯ، ބޭރުގެ އެހީއާއެކު ވަރަށްގިނަ ބާވަތްތަކުގެ ގަސްތައް ރާއްޖޭގެ އެތައް ރަށެއްގައި އިންދުނު. އިތުރު ރަށްރަށުގައި ނާރސަރީ އުފައްދައި، އެތަންތަނުން މުޑުވަކާއި، ގަހަށްޖެހޭ ބަލިބައްޔަށް ބޭނުންވާކަހަލަ ބޭސް ދޫކުރަމުން ގެންދެވުނު.

ރާއްޖޭގެ ފަޅުރަށްރަށުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނޭ ގޮތެއް ހަމަޖެއްސުމަށްޓަކައި، 1991 ވަނަ އަހަރު ފަޅުރަށްރަށުގެ ވަރުވާއަށް އެދެވޭ ބަދަލެއް ގެނެވުނު. އިޤްތިޞާދީ ގޮތުން ފައިދާހުރި މަސައްކަތް ކުރެވިދާނެ ފަޅުރަށްރަށް، މިހާރަށްވުރެ ފައިދާހުރިގޮތެއްގައި ބޭނުންކުރެވޭނޭ އުޞޫލެއް ހަމަޖެއްސުމުގެ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރަމުން ގެންދެވުނު. އަދި މީހުން އުޅޭ ރަށްރަށުގައި ހުންނަ ގޮއި، ފާލައްބަ، ހިންނަ ފަދަ ތަންތަން، އެންމެމަތީ ވަރުވާއަކަށް ހިފާ ފަރާތަކަށް ދޫކުރާ އުޞޫލު މިދިޔަ އަހަރުގެ ތެރޭގައިވަނީ ތަޢާރުފު ކުރެވިފައި.

މުވާޞަލާތުގެ ކަންތައްތައް ތަރައްޤީކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވަރަށް ޚާއްޞަ މަސައްކަތެއް، 1991 ވަނަ އަހަރު ފެށުނު. އެއީ، ހުވަދުއަތޮޅު ދެކުނުބުރީ ކާޑެއްދޫގައި އެއަރޕޯޓެއް ހެދުން. ލަފާކުރެވޭގޮތުގައި، މި އަންނަ އަހަރު، މާތް اللّـه ގެ ވާގިފުޅާއެކު، އެ އެއަރޕޯޓް ނިމޭނެ. މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުވެސް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް، މިދިޔަ އަހަރުގެ ތެރޭގައި ފެށިގެން ހިނގަމުން އެބަދޭ. މި މަސައްކަތްތަކުގެ ތެރޭގައި، ރަންވޭއާއި އޭޕްރަން ބޮޑުކުރުމާއި، ހުޅުލޭ ކަނޑުތޮށްޓާއި، އެއްގަމުތޮށީގެ މުހިންމު ހިސާބުތައް ޝީޓްޕައިލް ކުރުން ފަދަ ކަންތައްތައް ހިމެނޭ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީ ކުރަމުން ގެންދާއިރު، އެބަނދަރަށް އަންނަ ފްލައިޓްތައްވެސް ދަނީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އަދި ރާއްޖެތެރޭގައި ހެދިފައިވާ ވައިގެ ބަނދަރުތަކަށް ކުރާ މަތިންދާ ބޯޓް ދަތުރުތަކާއި، ދަތުރުކުރި މީހުންގެ އަދަދުވެސް، ކުރީ އަހަރަށްވުރެ އިތުރުވެފައިވޭ.

ތެލެފޯނުގެ ޚިދުމަތް އަދި ލިބިފައިވަނީ، ރާއްޖޭގެ ވަރަށް މަދު ރަށަކަށް ކަމަށްވާތީ، އިތުރު ރަށްރަށަށް ތެލެފޯނު ލައިދިނުމަށްޓަކައި ސަރުކާރުން ކުރަން ޤަޞްދުކޮށްފައިވާ މަސައްކަތް އަދި ފެށޭގޮތެއްނުވޭ. މިކަން ނުފެށިވަނީ، އެކަމަށް ވަރަށް ބޮޑު އިންވެސްޓްމަންޓެއް ބޭނުންވާތީ، ފައިސާ ލިބޭނެގޮތެއް އަދި ހަމަނުޖެހޭތީ. ސަރުކާރުން މިވަގުތު މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް އެ ޚިދުމަތް ފޯރުވައިދެވޭތޯ. ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް މިހާރު ދެމުންދާ ތެލެފޯނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކަންތައްތައް ހަމަޖެހެމުންދިޔަވަރަކުން، ރާއްޖޭގެ އިތުރު ރަށްރަށަށް ތެލެފޯނު ލުމަށްވެސް ސަރުކާރުންވަނީ ޤަޞްދުކޮށްފައި.

ކަރަންޓުގެ ޚިދުމަތަކީ، ދިރިއުޅުން ތަރައްޤީކުރުމާއި، އިޤްތިޞާދީ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ކޮންމެހެން ބޭނުން ޚިދުމަތެއް. އެހެންކަމުން، މާލޭގެ ކަރަންޓުގެ ކަންތައްތައް ރަނގަޅުކުރުމަށާއި، ރާއްޖޭގެ އިތުރު ރަށްރަށުގައި ސަރުކާރުގެ ފަރާތުން ކަރަންޓް ލައިދިނުމަށް ކުރަމުންގެންދާ މަސައްކަތްތައް، ވޭތުވެދިޔަ އަހަރުވެސް ކުރިއަށް ގެންދެވުނު. މިގޮތުން، މާލޭގައި ހަދާ އާ އިންޖީނުގެ، މިދިޔަ އަހަރު ނިމި، އެ އިންޖީނުގެއިން ކަރަންޓް ދޫކުރަން ފެށުނު. އަދި އައްޑުއަތޮޅުގައި ސަރުކާރުން ކަރަންޓް ލައިނުދެވި ހުރި ރަށްރަށާއި، ފޯއްމުލަކަށާއި ހަނިމާދުއަށް ކަރަންޓް ލައިދިނުމުގެ މަސައްކަތް، މިދިޔަ އަހަރު ކުރަމުން ގެންދެވުނު. ރާއްޖޭގެ ރަށްތަކަކީ، ވަކިވަކިން ހުންނަ ކުދިކުދި ޖަޒީރާތަކަކަށްވާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ކަރަންޓް ލައިދިނުމަކީ، އެއްފަސްގަނޑަކަށް އޮންނަ ޤައުމުތަކާ އަޅައިބަލާއިރު، ވަރަށް ބުރަ، އަދި ވަރަށް ޚަރަދުބޮޑު ކަމެއް. އެހެންކަމުން، ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، މީހުން ގިނަ ރަށްރަށަށާއި، އިޤްތިޞާދީ މަސައްކަތްތައް ކުރިއެރުވުމުގެ ފުރްޞަތު ބޮޑު ތަންތަނަށް އިސްކަންދީގެން.

އިޤްތިޞާދީ ގޮތުން މިދިޔަ އަހަރު އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅަކީ، ރާއްޖެތެރޭގެ ތަރައްޤީއާބެހޭ ބޭންކުގެ ޚިދުމަތުގެ ބިންގާއެޅުން. މި ޚިދުމަތް ފެށުނީ، އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީއާއެކު، ބޭންކް އޮފް މޯލްޑިވްސްގައި. މި ޚިދުމަތް ދިނުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ހުޅުވުނު. އަދި މި އަހަރުގެ ތެރޭގައި ބައެއް އިތުރު އަތޮޅުތަކުގައިވެސް އެ ބޭންކުގެ ގޮފިތައް ހުޅުވުމަށްވަނީ ޤަޞްދުކުރެވިފައި. ރާއްޖޭގައި ހިނގަމުން އައި އެއް ބޭންކް ކަމުގައިވާ، ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާރސް އިންޓަރނޭޝަނަލް، މިދިޔަ އަހަރު ބަންދުކުރަންޖެހުނުކަމީ، ސަރުކާރަށާއި، އެ ބޭންކުގެ ތެރެއިން ވިޔަފާރި ހިންގަމުން އައި ދިވެހިންނަށް ކުރިމަތިވި ވަރަށް ބޮޑު ގެއްލުމެއް. މިހާރުވެސް ސަރުކާރުން މިގެންދަނީ، މިކަމުން ނުކުތް ބޮޑެތި މައްސަލަތައް ޙައްލުކުރެވޭނެ މަގެއް ފެނޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން.

ރައްޔިތުންގެ މަޖިލިސް

1991 ވަނަ އަހަރަކީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ވަރަށް އެދެވޭ ގޮތެއްގައި ހިނގަމުންދިޔަ އަހަރެއްކަމުގައި އަޅުގަނޑު މި ދަންނަވަނީ، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ތާރީފާއި، އިޚްލާޞްތެރި ޝުކުރު ރައްދުކުރަމުން. ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މަޖިލީހުގެ 38 ޖަލްސާ ބާއްވަވާފައިވޭ. އެ ޖަލްސާތަކަށް އެ އަހަރުގެ ތެރޭގައި ހުށަހެޅުނު ދައުލަތުގެ ބަޖެޓާއި، 17 ބިލާއި، 5 މައްސަލައާ ބެހޭގޮތުން މަޖިލީހުގެ މެންބަރުން ޚިޔާލުފާޅުކުރައްވަމުން ގެންދަވާފައިވަނީ ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް އިޚްލާޞްތެރިވެވަޑައިގަތުންމަތީ ދެމިތިއްބަވައިގެން. އަދި މަޖިލީހުން ހޮއްވަވާފައިވާ ތަފާތު ކޮމިޓީތަކުގެ ވަރަށްގިނަ ޖަލްސާތަކެއްވެސް ކުރައްވައިގެން، ނުހަނު ހީވާގިކަމާއެކުގައި. 1991 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން 10 ޤާނޫނު ފާސްކުރައްވާފައިވޭ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މަޖިލީހުގެ މެންބަރުންގެ މަޢުލާމޫތާއި ތަޖުރިބާ އިތުރުކުރެއްވުމުގެ ގޮތުން، މަޖިލީހުގެ އެކިއެކި ވަފްދުތައް އަވަށްޓެރި ޤައުމުތަކަށް ޒިޔާރަތް ކުރައްވައި، އެތަންތާނގެ ރައްޔިތުންގެ މަޖިލިސް ނުވަތަ ޕާލަމެންޓުގެ ކަންތައްތައް ހިނގަމުންދާގޮތް ބައްލަވައި ހެއްދެވިކަން، މި ފުރްޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން.

ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި އިންތިޚާބު ކުރެވިފައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތާ ބެހޭގޮތުން ދަންނަވަންޖެހެނީ، 1991 ވަނަ އަހަރުގެ ތެރޭގައި، ކަންދިމާވިގޮތުން، އެ މަޖިލީހުގެ ޖަލްސާއެއް ބޭއްވިފައިނުވާ ކަމުގައި.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙުކުރެއްވުމުގެ މަސައްކަތް ފެށްޓެވިފަހުން މިހާރު 12 އަހަރުވެއްޖެ. އެ މަސައްކަތުގެ ބޮޑުކަމާއި ބުރަކަމުން، އަދި އެ މަސައްކަތަކީ ވަރަށްބޮޑަށް ވިސްނަވައިގެން ކުރައްވަންޖެހޭ މުހިންމު މަސައްކަތަކަށް ވުމާއެކު، މިހާރު ގެންދަވާގޮތަށް މުޅި ޤާނޫނުއަސާސީ އިޞްލާޙުކުރައްވައި ނިންމެވުމަށް އަދިވެސް އެތައް އަހަރުތަކެއް ވުމަކީ އެކަށީގެންވާ ކަމެއް. މިހެން މިކަން އޮތްއިރު، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ފެށުނުފަހުން މިވީ ބާރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ކަންތައްތަކަށްވަނީ، ބޮޑެތި ބަދަލުތަކެއް އައިސްފައި. އެބަދަލުތައް އައުމުގެ ސަބަބުން، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައިވާ ބައެއް ކަންތައްތަކަށް އިޞްލާޙު ގެނައުން އަވަސްކުރުމުގެ ބޭނުންތެރިކަންވެސް، މިހާރުވަނީ ކުރިއަށްވުރެ އެތައްތަނެއް ބޮޑުވެފައި.

ވީމާ، މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބުން، މިހާރުން މިހާރަށް ބަދަލުގެންނަވަން ފެނިވަޑައިގަންނަވާ މާއްދާތަކެއް އެކަނި އިޞްލާޙު ކުރައްވައިގެންނަމަވެސް، ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމުގެ މަސައްކަތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މި އަހަރުގެ ތެރޭގައި ނިންމަވައިދެއްވުމަކީ، އަޅުގަނޑު އެދޭ ކަމެއް.

                                                                           ޚާރިޖީ ހިންގުން

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން!

ވޭތުވެދިޔަ 1991 ވަނައަހަރަކީ، ޚާރިޖީ ދުނިޔޭގައި ވަރަށް އާދަޔާ ޚިލާފު ޙަރަކާތްތަކެއް ހިނގި އަހަރެއް. އަހަރު ފެށުނުއިރު ދުނިޔެއާ ކުރިމަތިވެފައިވަނީ، ގަލްފު ހަނގުރާމައިގެ ނުރައްކާތެރި ބިރުވެރިކަން. އޭގެ ދުވަސްކޮޅެއް ފަހުން އައީ، ދުނިޔޭގެ މުހިންމު ދެބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ޔޫ.އެސް.އެސް.އާރު ރޫޅިގެންދިޔުން. އޭގެ ބަދަލުގައި އުފެދުނީ، އެ ޔޫނިއަންގައި ބައިވެރިވާ ޖުމްހޫރިއްޔާތައް ވަކިވަކި މިނިވަން ޤައުމުތަކެއްގެ ގޮތުގައި ގުޅިގެން، އާ ކޮމަންވެލްތެއް. އިރުމަތީ ޔޫރަޕްގެ ބައެއް ޤައުމުތަކަށް ބޮޑެތި ބަދަލުތައް އަންނަމުންދިޔައިރު، މެދުއިރުމައްޗާއި ގަލްފު ސަރަޙައްދުގެ ޤައުމުތަކުގެ ސިޔާސަތަށްވެސް، މުހިންމު ބަދަލުތަކެއްދިޔައީ އަންނަމުން. މިފަދަ ގޮތަކަށް ދުނިޔޭގެ ކަންތައްތައް ބަދަލުވަމުންދިޔަކަމުގައިވިޔަސް، ރާއްޖޭގެ ޚާރިޖީ ހިންގުމުގެ ދާއިރާގެ ކަންތައްތައް ހިނގަމުންދިޔައީ، ހަރުދަނާކަމާއެކުގައި. ރާއްޖެއަށް ރީތި ނަމާއި ޤަދަރު ލިބޭފަދަ ގޮތެއްގައި.

1991 ވަނަ އަހަރު އަޅުގަނޑުމެންގެ ރާއްޖެ އަދާކުރަމުންދިޔައީ، ދެކުނު އޭޝިއާ ޤައުމުތަކުގެ ސަރަޙައްދީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ރިޔާސަތު ޙަވާލުވެފައިވާ ޤައުމުގެ ބުރަ މަސްއޫލިއްޔަތު. އެހެންކަމުން، އެ އަހަރުގެ ތެރޭގައި ސާރކްގެ ކަންތައްތައް ހިންގުމުގައި ރާއްޖޭގެ ފަރާތުން ވަރަށް ބޮޑަށް ޙަރަކާތްތެރިވާން ޖެހުނު. ސާރކްގެ ޗެއަރމަންގެ ޙައިޘިއްޔަތުން، އަޅުގަނޑު އެ އަހަރުގެ ތެރޭގައި ސާރކްގެ ހުރިހާ ޤައުމަކަށް ޒިޔާރަތްކުރިން. އަދި އަހަރުގެ ފަހުކޮޅުގައި، ކޮޅުނބުގައި އޮތް 6 ވަނަ ސާރކް ސަމިޓްގައި ބައިވެރިވުމަށްޓަކައި ޝްރީލަންކާއަށްވެސް ދަތުރުކުރިން. މި ދަތުރުތަކުގައި، ސާރކްގެ ކަންތައްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން އެ ޤައުމުތަކުގެ ލީޑަރުންނާ އަޅުގަނޑު މަޝްވަރާ ކުރިން. އަދި އެ ޤައުމުތަކާ ދިވެހިރާއްޖެއާ ދެމެދުގެ ގުޅުން ބަދަހިކުރުމުގެ ގޮތުންވެސް އަޅުގަނޑު ޚިޔާލު ބަދަލުކުރިން. ރާއްޖޭގެ ޚާރިޖީ ވަޒީރާއި، ބައެއް އެހެން ވަޒީރުންވެސް ބޭރު ޤައުމުތަކަށް ޒިޔާރަތްކުރައްވައި، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ރާއްޖެއާ ދެމެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރެއްވި.

ޚާރިޖީ ހިންގުމުގެ ދާއިރާގައި، ވޭތުވެދިޔަ އަހަރު ހިނގި އެންމެ މުހިންމު އެއްކަމަކީ، ކުދި ޤައުމުތަކުގެ ރައްކާތެރިކަމާއި ސަލާމަތާ ބެހޭގޮތުން އ.ދ. މަޖިލީހުގެ ޢާންމު ޖަލްސާއިން ފާސްކުރާނޭ ޤަރާރެއް ހުށަހެޅުމުގައި، ރާއްޖޭގެ ފަރާތުން އިސްނަގައިގެން ކުރި މަސައްކަތް. މިކަމާ ބެހޭގޮތުން ރާއްޖެ އިސްނަގައިގެން، އަދި ވަރަށްގިނަ އެކުވެރި ޤައުމުތަކުގެ ފުރިހަމަ އެއްބާރުލުމާއެކު، އ.ދ. މަޖިލީހަށް ހުށަހެޅި ޤަރާރު، އ.ދ. މަޖިލީހުގެ 46/43 ޤަރާރުގެ ގޮތުގައި، މުޅި މަޖިލީހުގެ އިއްތިފާޤުން ފާސްވިކަން ހިމެނޭނީ، ޝައްކެއްނެތްގޮތުގައި، ބައިނަލްއަޤްވާމީ ދަނޑުގައި ރާއްޖެއަށް ލިބުނު ވަރަށްވެސް މަތިވެރި ކާމިޔާބީއެއް ކަމުގައި.

ވޭތުވެދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ޖަލްސާތަކުގެ ތެރޭގައި، ސާރކްގެ ކައުންސިލް އޮފް މިނިސްޓަރސްގެ 9 ވަނަ ޖަލްސާއާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ 9 ވަނަ ޖަލްސާ ހިމެނިގެންދިޔަ.

1991 ވަނަ އަހަރުވެސް، ރާއްޖެ އިތުރު ދެ ޤައުމަކާ ސިޔާސީ ގުޅުން އުފައްދާފައިވޭ. އެ ދެ ޤައުމަކީ، މާރޝަލް އައިލެންޑްސްއާއި، މައިކްރޯނީޝިޔާ. މި ދެ ޤައުމާއެކު، މިހާރު ރާއްޖެ 101 ޤައުމާ ސިޔާސީ ގުޅުން އުފައްދާފައިވޭ.

1991 ވަނަ އަހަރު ނިމިގެންދިޔައިރު، ސާރކްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޤާބިލުކަމާއެކު ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވި ބޭފުޅަކު ކަމުގައިވާ، ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ނާއިބު އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ ހޮވިގެންދިޔަކަމީ، ރާއްޖެއަށް ލިބުނު ފަޚުރެއް. އަދި ރާއްޖޭގެ ދަރިން، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ މިފަދަ މަސްއޫލު މަގާމުތަކަށް ހޮވެމުންދާކަން، އެއީ ޚާރިޖީ ދާއިރާގައި ރާއްޖޭގެ ތަޞައްވުރު އުޖާލާވަމުންދާކަމުގެ ދަލީލެއް ކަމުގައި އަޅުގަނޑު ދެކެން.

                                                                           ދައުލަތުގެ ސިޔާސަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން!

ކުރިއަށް އޮތް އަހަރުވެސް ދައުލަތުގެ ސިޔާސަތަކަށްވާނީ، ކުރީ އަހަރުތަކެކޭ އެއްފަދައިން، ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާލިބެނިވި ގޮތްތަކުން ރާއްޖޭގެ އެންމެހައި ކަންތައްތައް ތަރައްޤީކުރުމަށްޓަކައި މަސައްކަތްކުރުމުގެ ސިޔާސަތު. ރާއްޖޭގެ މިނިވަންކަމާއި، އަމިއްލަ ވެރިކަމުގެ އާރާއި ބާރު ރައްކާތެރިކޮށް، ދެމެހެއްޓުމުގެ ސިޔާސަތު. މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތައް ކުރިއަށްނެރެ، ރައްޔިތުންގެ މެދުގައި ޢަދްލު އިންޞާފު ޤާއިމުކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ ސިޔާސަތު. ރައްޔިތުންގެ ހިތްތަކުގައި، ޤައުމީ ރޫޙާއި އެއްބައިވަންތަކަމުގެ ޝުޢޫރުތައް އާކޮށް، ހަރުދަނާ ދިވެހި މުޖްތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ ސިޔާސަތު. ބޭރުގެ ދުނިޔޭގައި ރާއްޖޭގެ ޤަދަރު އުފުލި، ޤައުމުތަކުގެ އެކުވެރިކަމާއި އެއްބާރުލުން ލިބެނިވިގޮތެއްގައި ގުޅުންތައް ބެހެއްޓުމުގެ ސިޔާސަތު.

މިހިނގާ 1992 ވަނަ އަހަރަކީ، ރާއްޖޭގައި ސިފައިން އުފެދުނުތާ 100 އަހަރު ފުރުން ފާހަގަކުރާ އަހަރު. އެހެންކަމުން، އެ އަހަރުގެ ތެރޭގައި، ރާއްޖޭގެ ސިފައިންގެ ކަންތައްތައް މިހާރަށްވުރެ ހަރުދަނާކޮށް، ސިފައިންގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށާއި ސަރުކާރަށް ލިބިދޭ ޚިދްމަތްތައް އިތުރުކޮށް ރަނގަޅުކުރުމުގެ މައްޗަށް ސަމާލުކަން ދިނުމަކީވެސް، މި އަހަރު ވަރަށް ޚާއްޞަގޮތެއްގައި ކުރަންޖެހޭނެ ކަމެއް. ޝައްކެއްނެތް، ސިފައިންނަކީ، ބޭރުގެ ނުރައްކާތަކުން ރާއްޖެ ދިފާޢުކުރުމަށް ތިބި ބަޔަކަށްވުމުގެ އިތުރަށް، ރާއްޖޭގެ ދާޚިލީ ކަންތައްތަކުގައި ވަރަށް މުހިންމު ބައެއް އަދާކުރާ ބަޔެއް. ސަރުކާރުން ހަމަޖައްސާ އުޞޫލުތަކެއްގެ މަތިން، ޤާނޫނުތައް ހިފެހެއްޓުމާއި، އަމަން ރައްކާތެރިކުރުމާއި، ރައްޔިތުންނަށް ދިމާވާ ކުއްލި ނުރައްކާތަކުގައި އަވަސް އެހީތައް ވެދިނުމާއި، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ބަލަހައްޓައި ޙިމާޔަތްކުރުމަކީ، އެ މީހުންގެ ބުރަ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް. އެހެންކަމުން، ސިފައިންގެ ޤާބިލިއްޔަތު އިތުރުކޮށް ތަރައްޤީކުރުމަކީ، ދައުލަތުގެ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް.

މި އަހަރަކީ ރާއްޖޭގެ ޒުވާނުންގެ އަހަރު ކަމަށްވުމާއެކު، ޒުވާނުން ކުރިއަރުވައި، އެމީހުންގެ ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީކުރުމަށް މަސައްކަތް ކުރުމަކީވެސް، ރާއްޖޭގެ ދާޚިލީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމުގައިވާނެ. އާދެ! މިއަދު ރާއްޖޭގެ ރައްޔިތުންގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންނަކީ ޒުވާނުން ކަމަށްވާއިރު، އެމީހުންނަކީ ޤައުމުދެކެ ލޯބިވާ، ޒިންމާ އުފުލާ، އަދި އުފެއްދުންތެރި ބަޔެއްކަމުގައި ވުމަކީ، ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަން، އަޅުގަނޑެކޭ އެއްފަދައިން، ތިޔަ ޢިއްޒަތްތެރި މަޖިލީހުންވެސް ޤަބޫލުކުރައްވާނެ.

ސަރުކާރު ހިންގުމުގެ ދާއިރާގައި ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އިތުރަށް ކުރެވެންހުރި ކަންތައްތައް ކޮށްދިނުމަކީވެސް، ކުރިއަށް އޮތް އަހަރު ދައުލަތުގެ ދާޚިލީ ސިޔާސަތުގެ މުހިންމު އަނެއްބައި. މިކަމަށްޓަކައި ސަރުކާރުގެ އޮފީސް އޮފީހުން ކުރަމުންދާ ކަންތައްތަކުގެ ތެރޭގައި، ރައްޔިތުންނަށް ދަތިވާގޮތަށްހުރި ކަންތައްތައް ބެލުމާއި، އަދި މިހާރަށްވުރެ ފަސޭހަކޮށް ކަންތައްތައް ކޮށްދެވެންހުރި ގޮތްތައް ފާހަގަކުރުމުގެ މަސައްކަތް، މިދިޔަ އަހަރުއްސުރެވަނީ ފެށިފައި. މިހިނގާ އަހަރުގެ ތެރޭގައި، އޭގެތެރެއިން މިވަގުތަށް ކުރެވެންހުރި ކަންތައްތަކަށް އިރާދަކުރެއްވިއްޔާ ޢަމަލީ ސިފަ ގެނެވޭނެ.

ރާއްޖޭގެ ދާޚިލީ ސިޔާސަތުގެ އެންމެ މުހިންމު އަނެއް ބަޔަކަށްވާނީ، ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް ރައްކާތެރިވުން ފުރިހަމަގޮތުގައި ދެމެހެއްޓުން. އަޅުގަނޑުމެންގެ ރާއްޖެއަކީ، ވަރަށް ކުރިއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިފައިވާ ޤައުމަކަށްވުމުން، މިއީ އަޅުގަނޑުމެން އަބަދުވެސް ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުން އައިސްފައިވާ، އަދި މިހާރުވެސް ދެމުންގެންދާ ކަމެއް. އެހެންކަމާއެކު، ކުރިއަށް އޮތް އަހަރުވެސް ސަރުކާރުން މަސައްކަތް ކުރަމުންދާނީ، އިސްލާމްދީނުގެ އުޞޫލުތަކާއި، ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ސިޔާސަތު ދެމެހެއްޓުމަށް.

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޒުވާނުންނަށް މަގުއޮޅުވާލައި، އެ ޤައުމުތަކުގެ ކުރިއެރުމަށް ހުރަސްއެޅުމަށްޓަކައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ނަމުގައި ބޭރުގެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން މަދުބަޔަކުނަމަވެސް ހެއްލިގެންދާކަމީ، މި ފުރްޞަތުގައި ހިތާމައާއެކު އަޅުގަނޑު ފާހަގަކުރާ ކަމެއް. ޤައުމުގައި ހަމަޖެހުން އޮތުމަކީ، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންކަމަކަށްވާއިރު، ތަންތާނގައި ރޯކޮށް، މީހުންގެ ގެދޮރަށާއި މުދަލަށް ބޮޑެތި ގެއްލުންތައް ދިނުންފަދަ ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ މީހުންގެ ޢަމަލުތައް، އެއީ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކެއް ކަމަކަށް އެފަދަ ފަރާތްތަކަކުން ނުދެކޭ. އެއާޚިލާފަށް، އެފަދަ ނުރައްކާތެރި ޢަމަލުތައް ހުއްޓުވުމަށް، އެކަންކަން ހިންގާ ޤައުމުތަކުގެ ސަރުކާރުން ޤާނޫނީގޮތުން ފިޔަވަޅެއް އަޅައިފިނަމަ، އެ ޖަމާޢަތްތަކުން ދެކެނީ، އެބަޔަކާމެދު އިންސާނީ ޙައްޤުތަކާ ޚިލާފަށް ސަރުކާރުން ކަންތައްތަކެއް ހިންގަނީ ކަމުގައި. މިކަމުގައި އެ ޖަމާޢަތްތަކުން ޢަމަލުކުރަމުން އެގެންދާ ފަދައިން، އެއްކަމެއްގައި ދެ އުޞޫލަކުން ކަންތައް ކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް ހަމަނުޖެހޭ ކަމެއް.

ދައުލަތް ހިންގުމުގެ ޚާރިޖީ ސިޔާސަތަކީ، އަޅުގަނޑު ދެކޭގޮތުގައި، ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ސިޔާސަތެއް. ދުނިޔޭގެ މަސްރަޙަށް ވޭތުވެދިޔަ އަހަރު އައިސްފައިވާ، އަދި މިހާރުވެސް އަންނަމުންދާ ބަދަލުތަކަށް ވިސްނާއިރުވެސް، އަޅުގަނޑުމެންނަށް ޤަބޫލުކުރަންޖެހެނީ، މިހާތަނަށް ރާއްޖެއިން ގެންގުޅެމުން އައި ޚާރިޖީ ސިޔާސަތަކީ، އަޅުގަނޑުމެންފަދަ ޤައުމަކަށް އެންމެ އެދެވޭ ސިޔާސަތު ކަމުގައި. އެ ސިޔާސަތު ބިނާވެފައިވަނީ، އެއްވެސް ޤައުމެއްގެ ދާޚިލިއްޔަތާ ނުބެހުމުގެ މައްޗަށް. ދޭދޭ ޤައުމުގެ ދެމެދުގައި ހިނގަމުންދާ މައްސަލަތައް، ބާރުގެ ބޭނުންކުރުމެއްނެތި، ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ތާއީދުކުރުމުގެ މައްޗަށް. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރްމަތްތެރިކޮށްހިތާ ކޮންމެ ޤައުމަކާވެސް ރަޙްމަތްތެރިކަން އުފައްދައި، ގުޅުން އިތުރުކުރުމުގެ މައްޗަށް. އަދި ބައިނަލްއަޤްވާމީ މައިދާނުގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދުނިޔޭގެ ޞުލްޙައަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއާ އެކަށީގެންވާ މިންވަރަކުން ބައިވެރިވެ، އިންޞާފާއި ޙައްޤުގެއަޑު އުފުލުގެ މައްޗަށް.

އިސްވެދެންނެވި ހަމަތަކާއި އުޞޫލުތަކުގެ މަތިން ބިނާކުރެވޭ ދައުލަތުގެ ދާޚިލީ ސިޔާސަތާއި ޚާރިޖީ ސިޔާސަތަކީ، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ ތާއީދު ލިބިގެންވާ ސިޔާސަތަކަށް ވާނޭ ކަމުގައި އަޅުގަނޑު ޔަޤީންކުރަން. އަދި އެފަދަ ސިޔާސަތަކީ، ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ތަރްޙީބާއި އެއްބާރުލެއްވުން ލިބޭނޭ ސިޔާސަތަކަށް ވާނޭ ކަމާމެދަކުވެސް އަޅުގަނޑު ޝައްކެއްނުކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން!

ވޭތުވެދިޔަ ދޮޅަހަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖެ ދެކެފައިވަނީ، ވަރަށް ބޮޑެތި ތަރައްޤީތަކެއް. މި ދެންނެވި ތަރައްޤީތަކުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ އިޖްތިމާޢީ ކަންތައްތަކަށްވެސް، ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުން. މިގޮތުން އަންނަމުންދާ ބަދަލުތަކަކީ، ޤައުމަށް ފައިދާހުރި، ރައްޔިތުންނަށް މަންފާކުރަނިވި ބަދަލުތަކެއްތޯ އަޅުގަނޑުމެން ބަލަންޖެހޭނެ. މިކަމަށް އަޅުގަނޑުމެންނަށް ޣާފިލުވެވިއްޖެނަމަ، އަޅުގަނޑުމެންގެ މުސްތަޤްބަލަކީ، އަޅުގަނޑުމެން އުންމީދުކުރާހާ އުފާވެރި މުސްތަޤްބަލަކަށް ނުވާނެކަން ކަށަވަރު. އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއަށް އަންނަމުންމިދާ ބަދަލުތަކަށް، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޒުވާނުންނަށް އަންނަމުންދާ ބަދަލުތަކާމެދު، މިއަދުވަނީ ވަރަށް ބޮޑަށް ވިސްނަންޖެހިފައި.

އަޅުގަނޑުމެންގެ ތެރެއަށް މި އަންނަ ބަދަލުތަކަށް ވިސްނާއިރު، ހިތާމަޔާއެކު ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ތަފާތު މަސައްކަތްތަކުގައި ބިދޭސީން ގެންގުޅެމުންދާ އަދަދު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން. އަޅުގަނޑުމެން ގެންގުޅޭ ގިނަ ބިދޭސީންނަކީ، ތަޢުލީމީ ގޮތުން، ނުވަތަ ހުނަރުވެރިކަމުގެ ގޮތުން، ވަކި ޚާއްޞަ ކަންތައްތަކެއް ހުރެގެން ގެންނަންޖެހޭ ބަޔަކަށްވެސް ނުމެވޭ. ހަމައެކަނި، އެކަންތައްތައް ކުރާނެ ދިވެހިން އަޅުގަނޑުމެންގެ ތެރެއިން ނުލިބިގެން، ބޭރުމީހުން ގެންނަންޖެހެނީ. އޭގެ ނަތީޖާއަކަށްވަނީ، އަޅުގަނޑުމެންގެ ތެރޭގައި، އުފެއްދުންތެރި މަސައްކަތެއް ނުކޮށްއުޅޭ ދިވެހިން އިތުރުވަމުންދިޔުން. މިކަހަލަ ބަދަލުތަކުން، އަޅުގަނޑުމެންގެ އިޖްތިމާޢީ މާޙައުލަށް ކުރަމުންދަނީ، ވަރަށްވެސް ނޭދެވޭ އަސަރުތަކެއް. އަދި މިކަމުގެ ސަބަބުން، މުސްތަޤްބަލުގައި އެކިއެކި ހަމަނުޖެހުން އުފެދޭގޮތްވުމަކީވެސް އެކަށީގެންވާ ކަމެއް. މިއީ، މިއަދު އަޅުގަނޑުމެން ޙައްލުކުރަން ޖެހިފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ.

މި ދަނޑިވަޅުގައި އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް، އަދި ތިޔަބޭފުޅުން މެދުވެރިކޮށް، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް މި ގޮވާލަނީ، ޤައުމީ ޚިދުމަތުގައި އަދި ޤައުމީ އުފެއްދުންތެރިކަމުގެ މަސައްކަތުގައި، ދިވެހިންގެ ޙިއްޞާ މިހާރަށްވުރެ ބޮޑުކުރުމަށް. އަދި މިއަދުގެ ދިވެހިންނަކީ، މަސައްކަތް ކުރަން ކެރޭ، އުފެއްދުންތެރި، އަދި ހީވާގި ބަޔެއްކަން މިހާރަށްވުރެ ބޮޑަށް ސާބިތުކޮށްދިނުމަށް. އަދި ދިވެހިންނަކީ، މީގެކުރިންވެސް އެމީހުންގެ ކަންތައްތައް، އެމީހުން އަމިއްލައަށް ކުރަމުން އައިސްފައިވާ ބަޔަކަށްވާފަދައިން، ކުރިއަށް އޮތް ތާނގައިވެސް ދިވެހިންނަކީ، ތަފާތު މަސައްކަތްތައް ކުރަން ދަންނަ، އަދި އެމީހުންގެ އަމިއްލަ ހިންމަތާއި މިންނަތުން ކުރިއަރަމުންދާ ބަޔެއްކަން، ދުނިޔެއަށް ހާމަކޮށްދިނުމަށް.

ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި، ރާއްޖެއަށް އަންނަމުންދާ ބަދަލުތަކުން، އަޅުގަނޑުމެންގެ ކަންތައްތަކަށް ފޯރަމުންދާ އަސަރުތަކުގެ ހެޔޮނުބައި ވަޒަންކޮށް، ނުރަނގަޅު އަސަރުތައް ކުރުވާފަދަ ބަދަލުތަކުން އަޅުގަނޑުމެންގެ މުޖްތަމަޢު ސަލާމަތްކޮށް، ދިވެހިންނަކީ، ޤައުމީ ޚިދުމަތުގައި ހީވާގިކަމާއެކު މަސައްކަތްކުރާ، ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމުގެ ޤާބިލިއްޔަތު ލިބިފައިވާ ބައެއްކަމުގައި ވުމުގެ ހެޔޮ ތައުފީޤު، ދިވެހިންނަށް ދެއްވުންއެދި، اللّـه سبحانه وتعالى އަށް ދުޢާކުރާޙާލު،

އެކަލާނގެ އިސްމުފުޅުގެ ބަރަކާތުން، ޤާނޫނު ނަންބަރު 1/68 ޖ.ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 1992 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ އުފަލާއި ޝަރަފު ލިބިގަންނަން.

رَبَّـنَا آتِنَـا مِنْ لَّدُنْكَ رَحْمَةً، وَهَـيِّءْ لَنَا مِنْ أَمْرِنَا رَشَدًا. رَبَّنَا عَلَيْكَ تَوَكَّلْنَا، وَإِلَيْكَ أَنَبْنَا، وَإِلَيْكَ اْلمَصِيرُ.

وَالسَّلاَم عَلَيْكُمْ وَرَحْمَةُ اْللَّـهِ وَبَركَاتُهُ.