بسـم اللّـه الرّحمـن الرّحيـم

اَلْحَمـدُلِلَّـهِ الَّذِى ارْتَضَى الْإسْلاَمَ دِينًا لِلْوَرَى، وَجَعَلَ أَمْرَهُمْ فِيمَا بَيْنَهُمْ شُوْرَى، وَالصَّـلاَةُ وَالسَّـلاَمُ عَلَى رَسُولِهِ الْمُصْطَفَى، الَّذِى أَقَامَ مَبْدَأَ الْعَدَالَةِ وَالْمُسَاوَاةِ بَيْنَ النَّاسِ بِالْحُسْنَى، وَعَلَى آلِهِ وَصَحْبِهِ الَّذِينَ كَــــانُواْ لِلْأُمَّةِ مُثُلاً عُلْيــَــا، وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الْجَزَاءِ الْأوْفَى.

ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މިއަދު އަނެއްކާވެސް އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މަޖްލިސްގެ ކުރިފުޅުމައްޗަށް އައިސް މިހުއްޓުނީ، ޤާނޫނުގައިވާ ގޮތުގެމަތިން، ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތުގެ ޢާންމު ރިޕޯޓެއް ހުށަހަޅައި، ކުރިޔަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާކުރާގޮތް ދެންނެވުމަށް. ކޮންމެ އަހަރަކުވެސް އަޅުގަނޑަށް ލިބޭ މިފުރްޞަތަކީ، އަޅުގަނޑު ދެކޭގޮތުގައި، ޤައުމުގެ ކަންތައްތައް ހިންގުމަށް ރައްޔިތުން އިސްކޮށްފައިވާ މީހާއާއި ރައްޔިތުންނާ ދެމެދުގައި އޮންނަންޖެހޭ ގުޅުމާއި އިތުބާރު ރަމްޒުކޮށްދޭ ފުރްޞަތެއް. ދެފަރާތުގެ ޛިންމާއާއި މަސްއޫލިއްޔަތު ހަނދާންކޮށްދޭ ފުރްޞަތެއް.

މިއަދު މިފުރްޞަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރު ދަންނަވަން. އަދި ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް މަރްޙަބާ ދަންނަވަމުން، މިފެށޭ އާ ދައުރުގެ ތަހްނިޔާއާއި ހެޔޮއެދުންތައް ރައްދުކުރަން.

                                                                           ދައުލަތް ހިންގުން

ވޭތުވެދިޔަ އަހަރު ދައުލަތް ހިންގުމުގެ ކަންތައްތައް ހިނގަމުން ގޮސްފައިވަނީ، ޢާންމުކޮށް ދަންނަވާނަމަ، ހިތްހަމަޖެހޭފަދަ ގޮތެއްގައި. އާދެ، އެއަހަރުގެ ތެރޭގައި ޤައުމުގެ ކަންތައްތައް އިޞްލާޙުކޮށް، ތަރައްޤީކުރުމުގެ މަގުގައި އިތުރު ފިޔަވަޅުތަކެއް އެޅިފައިވޭ. މިފިޔަވަޅުތައް އެޅުމުގައި ވަޒީރުންގެ މަޖްލިސްގެ މެންބަރުންގެ އިޚްލާޞްތެރި އެއްބާރުލެއްވުމާއި، އެހީތެރިކަން އަޅުގަނޑަށް ލިބެމުންދިޔަ. އޭގެއިތުރަށް، ސަރުކާރުގެ އޮފީސްތައް ހިންގެވުމާ ޙަވާލުވެވަޑައިގެން ތިއްބެވި ވެރީންގެ ފަރާތުންވެސް، އަދި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް، އަދި ލޮބުވެތި ޢާންމު ރައްޔިތުންގެ ފަރާތުންވެސް އަޅުގަނޑަށް އެހީތެރިކަން ލިބެމުންދިޔަ. އެކަމަށްޓަކައި އެހުރިހާ ފަރާތްތަކަކަށްވެސް ޝުކުރު ދެންނެވުމަށް މިފުރްޞަތުގެ ބޭނުންކުރަން.

1990 ވަނަ އަހަރު ދައުލަތް ހިންގުމުގެ ދާއިރާގައި ހިނގި އެންމެ މުހިންމު ކަމަކީ، ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުމުގެ ޖަމްޢިއްޔާ (ސާރކް)ގެ ޤައުމުތަކުގެ އެންމެމަތީ ވެރީންގެ ފަސްވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުން. މިހާގިނަ ޤައުމުތަކެއްގެ ވެރިން ރާއްޖެ ވަޑައިގެން ރާއްޖޭގައި މިފެންވަރުގެ ޖަލްސާއެއް ބޭއްވުނުކަމީ، ރާއްޖެއަށް ލިބުނު ވަރަށްވެސް މަތިވެރި ޝަރަފެއް. އެޖަލްސާގެ ސަބަބުން ސާރކްގެ މިއަހަރުގެ ރިޔާސަތު ރާއްޖެއާ ޙަވާލުވެގެންދިޔަކަން އެއީވެސް ރާއްޖެއަށް ލިބުނު ވަރަށްބޮޑު ޤަދަރެއް. އަދި ސާރކްގެ ސަމިޓް ޖަލްސާއެއް ނުބޭއްވި ދެއަހަރު ފާއިތުވުމަށްފަހު، ރާއްޖޭގައި ބޭއްވުނު ފަސްވަނަ ސަމިޓުން ފާސްކުރި މާލޭ ޑެކްލަރޭޝަންގެ ސަބަބުން، ސާރކްގެ މުސްތަޤްބަލަށްޓަކައި އާ އުންމީދުތަކަކާއި އިތުރު ޔަޤީންކަމެއް ގެނެސްދިން.

ޝައްކެއްނެތް، ފަސްވަނަ ސާރކް ސަމިޓް ރާއްޖޭގައި ބޭއްވުނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ވަރަށް މަތިވެރި ހިތްވަރާއި އެހީ ސަރުކާރަށް ލިބިގެން. ރާއްޖެއަށް ރީތިނަމާއި ޤަދަރު ހޯއްދަވައިދެއްވުމަށް ރައްޔިތުންގެ ހުރިހާ ދާއިރާއަކުން އެތައް ބުރަ މަސައްކަތްތަކެއް ކޮށްދެއްވައިގެން. އެކަމަށްޓަކައި މިމަގާމުގައިވެސް، އަޅުގަނޑު ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ޝުކުރާއި ތަޢްރީފު ރައްދުކުރަން.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދައުލަތް ހިންގުމުގެ ކަންތައްތައް އިޞްލާޙުކޮށް ހަރުދަނާކުރުމުގެ ގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، ވޭތުވެދިޔަ އަހަރު ރައްޔިތުންގެ މަޖްލިސް ހުޅުވައިދެމުން އަޅުގަނޑު ދެންނެވި ފަދައިން، ދައުލަތް ހިންގުމުގެ ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރުތަކުގައި، ބައެއް އެހެން ފަރާތްތައްވެސް ޝާމިލްވާނޭ ގޮތަށް ޤާނޫނަށް ގެނެވުނު އިޞްލާޙު. ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އެކިއެކި ކަންކަމާ ބެހޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ކޮންމެ މިނިސްޓަރަކަށްވެސް އެމިނިސްޓަރަކާ ޙަވާލުވެފައިވާ މިނިސްޓްރީން ހިންގާ ކަންތައްތައް ހިންގެވުމުގެ އިޚްތިޔާރު ލިބިދޭގޮތަށް މިހާރުވަނީ ޤާނޫނަށް ބަދަލުގެނެވިފައި. އަދި އެގޮތަށް ދައުލަތުގެ ކަންތައްތައް ހިންގަމުން ގެންދިޔުމަށްޓަކައި، އެކިއެކި ކަންކަމާމެދު ސަރުކާރުން ކަނޑައަޅާ ސިޔާސަތާއި އުޞޫލުތައް ވަރަށް ރަނގަޅަށް އެކަށައެޅި ބަޔާންކުރެވިފައި އޮންނަންވާނޭ ކަމަށް ފެންނާތީ، މިހާތަނަށް ކަންތައްތައް ހިނގަމުން އައިސްފައިވާ ގޮތާއި، މުސްތަޤްބަލަށް ބަލާއިރުވެސް އެންމެ ހަމަޖެހޭނޭ ކަމަށް ފެންނަ ގޮތްތަކެއްގެ މަތީން، މިހާރު މިގެންދަނީ އެސިޔާސަތާއި އުސޫލުތައް ކަނޑައަޅައި ލިޔަމުން. އިރާދުކުރެއްވިއްޔާ މާލަސްތަކެއްނުވެ އެމަސައްކަތް ނިމި، އޮފީސްތަކަށް ފޮނުވޭނެ. ވޭތުވެދިޔަ އަހަރު ޤާނޫނަށް ގެނެވުނު އިޞްލާޙުގައި، މިނިސްޓަރުންނަށްދޭ އިޚްތިޔާރުގެ ދާއިރާ ފުޅާވެގެންދިޔުމުގެ އިތުރަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މަސްއޫލިއްޔަތާއި ޛިންމާ ކުރިއަށްވުރެ ރަނގަޅަށް ޤާނޫނުގައި ބަޔާންކުރެވިގެންދިޔަ.

ދައުލަތް ހިންގުމުގެ ދާއިރާގައި ވޭތުވެދިޔަ އަހަރު އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި، މާލޭގެ އަވަށް އަވަށުގެ ކަންތައްތައް އެދެވޭ އުސޫލެއްގެ މަތިން ހިނގަމުންދާނޭ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ކޮންމެ އަވަށެއްގައި އަވަށުއޮފީހެއް ހުޅުވުނު. އަދި ތިމާވެށްޓާބެހޭ ކަންތައްތަކަކީ، ސަރުކާރުން މިހާރު ވަރަށް އިސްކަންދޭން ޖެހިފައިވާ ކަންތައްތަކެއް ކަމަށްވާތީ، ތިމާވެށްޓާ ބެހޭގޮތުން އެކިއެކި ކަންތައްތައް ބަލައި، ދިރާސާކުރާނޭ ޚާއްޞަ ޔުނިޓެއް މިދިޔަ އަހަރު މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން އުފެއްދުނު.

ދައުލަތުގެ ކަންތައްތައް ހިންގުމުގެ ދާއިރާގައި، ސަރުކާރުގެ މަގާމުތައް ދަރަޖަތަކަކަށް ބަހައި، މަގާމުތަކުގެ އޮނިގަނޑެއް އުފެއްދުމަށް ކުރިއްސުރެ ކުރަމުންއައި މަސައްކަތްނިމި، 1990 ވަނަ އަހަރުވަނީ، ސަރުކާރުގެ މަގާމުތަކުގެ އާ އޮނިގަނޑަށް ޢަމަލުކުރަން ފެށިފައި. އަދި ސަރުކާރުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އެހެނިހެން އެހީތަކަށްވެސް މިދިޔަ އަހަރު ހެޔޮބަދަލުތަކެއް ގެނެވުނު. އޭގެތެރޭގައި، ފުރަތަމަ ފަހަރަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ދެވޭ މެޑިކަލް އެލަވަންސްގެ އެހީއެއް ދޭން ފެށުނު. މީގެއިތުރަށް، ހުސްވަގުތުތަކުގައި މުވައްޒަފުން ބައްދަލުކޮށްލައި، އެމީހުންގެ މެދުގައި ރަޙްމަތްތެރިކަން އާލާކޮށް، މުނިފޫހިފިލުވުމަށްޓަކައި ވޭތުވެދިޔަ އަހަރު "ސަރުކާރު މުވައްޒަފުންގެ ނާދީ" އެއް ހުޅުވުނު.

ސަރުކާރުގެ ދާއިރާގައި ބައެއް މުވައްޒަފުން ކުރަމުންގެންދާ ނޭދެވޭ ކަންތައްތައް ހުއްޓުވައި އިޞްލާޙުކުރުމުގެ މަސައްކަތަކީ، އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވީއްސުރެ ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުންގެންދާ ކަމެއް. މިދިޔަ އަހަރު މިކަމަށް އިތުރު ބާރެއްލެވިފައިވާކަން މިފުރްޞަތުގައި އަޅުގަނޑު ފާހަގަކުރަން. އޭގެތެރޭގައި، ސަރުކާރުގެ ދާއިރާގައި ހިނގާ ޚިޔާނާތާއި ނާޖާއިޒު ފައިދާ ހޯދުމުގެ ކަންތައްތައް ހުއްޓުވޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، ބޭނުންވާ ޤާނޫނެއްގެ ބިލް، އަޅުގަނޑުވާނީ ތިޔަ ޢިއްޒަތްތެރި މަޖްލިހަށް ހުށަހަޅާފައި.

ދައުލަތް ހިންގުމުގެ އެންމެ މުހިންމު އެއްބައި ކަމުގައިވާ ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައިވެސް، މިދިޔަ އަހަރު ފާހަގަކުރެވޭފަދަ ބައެއް ކަންތައް ކުރެވިފައިވޭ. އޭގެތެރޭގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުގައި 1979 ވަނަ އަހަރުން ފެށިގެން ހިނގަމުންއައި ފުލުސްކޯޓު އުވާލައި، އެކޯޓުން ބަލަމުންއައި މައްސަލަތައް، މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓުތަކުން ބަލަމުންގެންދާ ގޮތަށް ހަމަޖެއްސުނު. މިކަން މިގޮތަށް ސަރުކާރުން ނިންމީ، މިދިޔަ އަހަރުގެ ޕްރެޒިޑެންޝަލް އެޑްރެހަށް ތިޔަ ޢިއްޒަތްތެރި މަޖްލިހުން ޖަވާބު ދެއްވުމުގެ ކުރިންކަމުގައިވިޔަސް، ތިޔަ ޢިއްޒަތްތެރި މަޖްލިހުން ދެއްވި ޖަވާބުގައި، ދިވެހިރާއްޖޭގެ ހައިކޯޓު ފިޔަވައި، ޢަދްލު އިންޞާފު ޤާއިމުކުރާ ހުރިހާ ކޯޓުތަކަކީ އެއްދާއިރާއެއްގެ ދަށުން ހިނގާ ކޯޓުތަކެއް ކަމުގައި ހަމަޖެއްސުމާމެދު ސަރުކާރުން ވިސްނުމަށް އެދިވަޑައިގެންފައިވާކަން އަޅުގަނޑު ހަނދާންކުރަން.

1989 ވަނަ އަހަރު އަލުން އިންތިޒާމުކުރެވުނު، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖްލިސްގެ ޖަލްސާތައް މިދިޔަ އަހަރު ބާއްވައި، ބައެއް މުހިންމު ކަންތައްތަކާމެދު، ވަރަށް މިނިވަންކަމާއެކު ޚިޔާލުފާޅުކޮށް ހެދުނު. އިރާދުކުރެއްވިއްޔާ މިއަހަރުގެ ތެރޭގައިވެސް މަޝްވަރާ މަޖްލިސްގެ އިތުރު ޖަލްސާތައް ބޭއްވޭނެ.

                                                                           ދާޚިލީ ހިންގުން

ރާއްޖޭގެ ދާޚިލީ ހިންގުމަށް ބަލާއިރު، 1990 ވަނަ އަހަރު ހިމެނިގެންދާނީ، ވަރަށް ޚާއްޞަ އަހަރެއް ކަމުގައި. އެއަހަރަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 25 އަހަރު ފުރުން ފާހަގަކުރި އަހަރު. އަދި އެއަހަރަކީ، އަޅުގަނޑުމެންނަށް މިނިވަންކަމުގެ އާ އިޙްސާސްތަކެއް ވަޒަންކުރެވިގެންދިޔަ އަހަރެއް.

އާދެ! ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ރާއްޖޭގެ ރައްޔިތުންނަށް، އެމީހުންގެ ޚިޔާލުތަކާއި ޝުޢޫރުތައް ފާޅުކުރުމުގެ މިނިވަންކަން ވީހާވެސް ބޮޑަކަށް ދެވޭތޯ ސަރުކާރުން މަސައްކަތްކުރި. އޭގެތެރޭގައި، ޤާނޫނުލްޢުޤޫބާތުގެ 38ވަނަ މާއްދާއާމެދު ތިޔަ ޢިއްޒަތްތެރި މަޖްލިހުން ވިސްނަވައި، ގޮތެއް ނިންމެވުމަށް އަޅުގަނޑު ދެންނެވި ދެންނެވުމަށް 38 ވަނަ މާއްދާއަށް މަޖްލިހުން ގެންނެވި އިޞްލާޙަކީ، މިދެންނެވި ގޮތުން ކުރެވުނު އެންމެ ޚާއްޞަ އެއްކަންތައް ކަމަށް އަޅުގަނޑު ދެކެން. މިގޮތުން، ސަރުކާރުން ދެމުންގެންދިޔަ ފުރްޞަތުގެ ބޭނުން ރައްޔިތުންގެ ގިނަބަޔަކު ހެޔޮގޮތުގައި ހިފަމުން ގެންދިޔަކަން އުފަލާއެކު އަޅުގަނޑު ފާހަގަކުރަން. ނަމަވެސް، މަދުބަޔަކު އެމީހުންގެ އަމިއްލަ މަޤްޞަދުތަކެއް ޙާޞިލުކުރުމުގެ ގޮތުން، މިނިވަންކަމުގެ ނަމުގައި ނޭދެވޭ ކަންތައްތަކެއް ކުރަމުންގެންދިޔަ ވާހަކަ ހިތާމަޔާއެކު ދަންނަވަންޖެހޭ. އަދި ރާއްޖޭގެ ރައްޔިތުން ދެކެމުންއައި އަމާންކަމާއި ޞުލްޙަވެރިކަމަށް، އެފަދަ މީހުންގެ ޢަމަލުތަކުގެ ސަބަބުން ކުޑަނަމަވެސް ކިލަނބުކަމެއް މިދިޔަ އަހަރު އައިކަންވެސް ފާހަގަކޮށްލަންޖެހޭ.

1990 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 25 އަހަރު ފުރުނު އަހަރު ކަމަށްވުމާއެކު، އެއަހަރު ފެށުނީއްސުރެ ނިމެންދެން ރާއްޖޭގައި ފާހަގަކުރެވެމުންދިޔައީ "މިނިވަން 25"ގެ އަހަރުގެ ގޮތުގައި. އެއަހަރަށް ޚާއްޞަ ނިޝާނެއް ހަމަޖައްސައި، އަހަރުގެ ކޮންމެ މަހަކަށް ވަކި ޝިޢާރެއް ކަނޑައަޅައި، އަހަރުގެ ތެރޭގައި ޚާއްޞަ ކަންތައްތަކެއް ބާއްވައިގެން، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި މިނިވަންކަމުގެ ރޫޙު އާކޮށް އާލާކުރުމަށް މަސައްކަތް ކުރަމުން ގެންދެވުނު. އަދި، 1990 ވަނަ އަހަރު ނިމުނު ރޭ ބޭއްވުނު ޖަލްސާގައި، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި، ދިވެހި ޤައުމަށް އެކި ރޮނގުރޮނގުން ފާހަގަކޮށްލެވޭފަދަ ޚިދްމަތްތައް ކޮށްދެއްވި ފަރާތްތަކުން ކޮށްދެއްވާފައިވާ ޚިދްމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، މިނިވަން 25ގެ ޚާއްޞަ އިނާމުތަކެއް އެފަރާތްތަކަށް ދެވުނު.

މަޖްލިސްގެ ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު މިމަގާމާ ޙަވާލުވީއްސުރެ ދޭތެރެދޭތެރެއިން ރާއްޖެތެރެއަށްގޮސް ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް ބަލަމުން ގެންދަން. މިގޮތުން މިދިޔަ އަހަރުގެ ތެރޭގައިވެސް އަޅުގަނޑު ރާއްޖޭގެ ބައެއް އަތޮޅުއަތޮޅަށް ގޮސް، ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ޙާލު އަޙްވާލު ބަލައި ހެދިން. އަޅުގަނޑުގެ އިތުރަށް، ބައެއް މިނިސްޓަރުންނާއި، އޮފީސްއޮފީހުގެ ވެރީންވެސް ރާއްޖެތެރެއަށް ވަޑައިގެން، ސަރުކާރުން ރާއްޖެތެރޭގައި ހިންގާ މަޝްރޫޢުތަކާއި މަސައްކަތްތައް ބައްލަވައި ހެއްދެވި.

ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ރަށްރަށުގައި މިސްކިތްތައް ބިނާކޮށްދީ، އަދި ރަށުއޮފީހާއި، ރަށުކޯޓާއި، ރަށްވެހިގެ އެކުލެވޭ ޢިމާރާތްތައް އަޅައިދެވުނު. އަދި ރާއްޖެތެރޭގެ ރަށްރަށުގެ ފަޅު ފުންކޮށްދިނުމާއި، ނެރު ހަދައިދިނުމަށް ސަރުކާރުން ހިންގަމުންގެންދާ މަޝްރޫޢު، މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވިފައިވޭ. އަހަރު ނިމުނުއިރު، ތިން ރަށެއްގެ ފަޅު ފުންކޮށް ނިމި، އިތުރު ހަތަރު ރަށެއްގައި ފަޅު ފުންކުރުމުގެ މަސައްކަތް ކުރެވެމުންދޭ.

ރާއްޖޭގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް ހައުސިންގ ސްކީމެއްގެ ދަށުން ޢިމާރާތެއް ބިނާކޮށް، އެޢިމާރާތުގެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށްޓީވެސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި. އެމަޝްރޫޢުގެ ދެވަނަބައިގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފެށިގެން މިހާރު ހިނގަމުން އެބަދޭ. މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރުވެސް އިތުރަށް ކުރިއަށް ގެންދެވުނު. އެއަހަރުގެ ތެރޭގައި، ގާތްގަނޑަކަށް 2,000 މީޓަރުގެ މަގުހެދިފައިވޭ. އަދި 1988 ގައި ފެށުނު، މާލޭ ދެކުނުފަރާތު ކަނޑުތޮށިލުމުގެ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައި ނިމިގެންދިޔަ. މިމަޝްރޫޢުގެ ދަށުން 1,160 މީޓަރުގެ ތޮށިލެވިފައިވޭ.

މާލޭގައި ދިރިއުޅޭ މީހުން ގިނަވުމުގެ ސަބަބުން ދިމާވާ ބޮޑެތި މައްސަލަތައް ޙައްލުކުރެވޭތޯ ސަރުކާރުން ފަށާފައިވާ މަސައްކަތް ކުރިއަށް ގެންދާއިރު، އެކަށީގެންނުވާވަރަށް މީހުން ގިނަވަމުންދާ ބައެއް ރަށްރަށް ރާއްޖެތެރޭގައިވެސް ހުރުމާއެކު، އެރަށްރަށުގެ މައްސަލައަށްވެސް ޙައްލެއް ހޯދޭތޯ ސަރުކާރުން މިގެންދަނީ ދިރާސާތަކެއް ކުރަމުން. އޭގެތެރޭގައި، ރާއްޖެތެރޭގައި އަގުހެޔޮކޮށް ގެދޮރުއެޅުމުގެ މަޝްރޫޢުތަކެއް ހިންގޭނޭ ގޮތްތަކަކީ ކޮބައިތޯ ބެލުމާއި، ބިންހުރި ބޮޑެތި ރަށްރަށަށް ބަދަލުވާން އެދޭ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ކުރެވެންހުރި ކަންތައްތައް ބެލުން ހިމެނޭ. ރާއްޖެތެރޭގައި މިގޮތަށް ހުރި ރަށްރަށުގެ މައްސަލައަށް ޙައްލެއް ހޯދޭތޯ ބެލުމަކީ، މިދިޔަ އަހަރުގެ ޕްރެޒިޑެންޝަލް އެޑްރެހަށް ތިޔަ ޢިއްޒަތްތެރި މަޖްލިހުން ދެއްވި ޖަވާބުގައިވެސް ފާހަގަކުރައްވާފައިވާ ކަމެއް.

1990 ވަނަ އަހަރު ހިނގި މުހިންމު އަނެއްކަމަކީ، މުޅިރާއްޖޭގެ ބޯހިމެނުން. ބޯހިމެނި ހިސާބު ދައްކާގޮތުން، ރާއްޖޭގައި 1990 ވަނަ އަހަރުގެ މާޗްމަހު ތިބީ 213,215 މީހުން. މީގެކުރިން ބޯހިމެނި 1985ގެ ހިސާބާ އަޅައިބަލާއިރު، ރާއްޖޭގައި މީހުން އިތުރުވަމުން އައސްފައިވަނީ، އަހަރަކު ގާތްގަނޑަކަށް %3.5 ގެ ނިސްބަތުން. މިއީ، ދުނިޔޭގައި އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، ވަރަށްމަތީ އަދަދެއް ކަމަށްވާތީ، މިމައްސަލައަކީ ޤައުމީ ފެންވަރެއްގައި އަޅުގަނޑުމެން ސަމާލުކަން ދޭންޖެހިފައިވާ މައްސަލައެއްކަން، މިފުރްޞަތުގައި ތިޔަ ޢިއްޒަތްތެރި މަޖްލިސްގެ ސަމާލުކަމަށް އަޅުގަނޑު ގެންނަން.

ރާއްޖޭގެ ތަރައްޤީގެ ތިން އަހަރުގެ ދެވަނަ ޤައުމީ މަޝްރޫޢުވަނީ ވޭތުވެދިޔަ އަހަރުގެ ނިޔަލަށް ނިމިފައި. އަހަރު ނިމުނުއިރު އެމަޝްރޫޢުގައި ހިމެނިފައިވާ ކަންތައްތަކުގެ ބޮޑުބައެއް ވަނީ ކާމިޔާބު ކުރެވިފައި. މަޝްރޫޢުގައި ހިމެނިފައިވާ ބައެއް ކަންތައްތައް ނުކުރެވި ވަނީ، އެކަންތައްތައް ކުރުމަށް ބޭނުންވާ، ކަމަށް އެކަށީގެންވާ މީހުންނާއި، ބޭރުގެ އެހީ ނުލިބުމުގެ ސަބަބުން. 1990ގެ ނިޔަލަށް ހިންގުނު ތަރައްޤީގެ 2 ވަނަ ޤައުމީ މަޝްރޫޢު ނިމުމާއެކު، މިހިނގާ 1991 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢު އެކުލަވައިލުމުގައި ބައެއް މުހިންމު ބައިތަކުގެ މަސައްކަތް މިހާރުވަނީ ނިމިފައި.


އިޖްތިމާޢީ ޚިދްމަތް

ރާއްޖޭގެ ދާޚިލީ ހިންގުމުގައި ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތެއް ދެމުންގެންދަނީ، ރައްޔިތުންނަށް ދެވޭ އިޖްތިމާޢީ ޚިދްމަތްތަކަށް. ރާއްޖޭގެ ރައްޔިތުންނަކީ ގިނަ އަދަދެއްގެ ކުދި ރަށްތަކެއްގައި ދިރިއުޅެމުންދާ ބަޔަކަށްވާތީ، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ފަސޭހަތަކެއް ހުރިހާ ރަށަކަށް އެއްގޮތެއްގައި ދިނުމަކީ އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެދަތި އެއް މައްސަލަ. ކަންއޮތީ މިހެންކަމުގައިވިޔަސް، ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ ރާއްޖެތެރޭގައި ދެވޭ އިޖްތިމާޢީ ޚިދްމަތްތައް އިތުރުކޮށް، އެޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކުރެވޭތޯ.

ތަޢްލީމަކީ އިޖްތިމާޢީ ޚިދްމަތުގެ އެންމެ މުހިންމު އެއްބައި. އެހެންކަމުން، މިދިޔަ އަހަރުވެސް ތަޢްލީމީ ދާއިރާއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެވުނު. މިގޮތުން، ވޭތުވެދިޔަ އަހަރުވެސް، ތަޢްލީމުގެ ދާއިރާގައި އެންމެބޮޑަށް މަސައްކަތްކުރަމުން ގެންދެވިފައިވާ އެއްރޮނގަކީ، ރާއްޖޭގެ ދަރިންނަށް އުނގަންނައިދޭނޭ މުދައްރިސުން އުފެއްދުން.

ރާއްޖެތެރޭގައިވެސް ސެކަންޑްރީ ތަޢްލީމު ދިނުމުގެ ފުރްޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، މިދިޔަ އަހަރު، އެއް އަތޮޅެއްގެ ތަޢްލީމީ މަރްކަޒުގައި، ގްރޭޑް 8 އުފައްދައި، ސެކަންޑްރީ ތަޢްލީމުގެ ފުރަތަމަ އަހަރުގެ ކްލާސް ހިންގަން ފެށިފައިވޭ. އަދި ރާއްޖެތެރޭގައި ސަރުކާރުން ޢިމާރާތްކުރާ ފުރަތަމަ ސެކަންޑްރީ ސްކޫލް، އައްޑުއަތޮޅު ހިތަދޫގައި ޢިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުވަނީ ފެށިފައި. މިއަހަރު 5 އަތޮޅެއްގެ ތަޢްލީމީ މަރްކަޒުގައި ގްރޭޑް 8 އުފައްދައި، އެ 5 އަތޮޅުގައި މިހާރު ސެކަންޑްރީ ތަޢްލީމު ދެވެމުން އެބަދޭ. މި ތަޢްލީމު ދެނީ، އެފެންވަރަށް ކިޔަވައިދޭނޭ ބިދޭސީ ޓީޗަރުން އެއަތޮޅުތަކަށް ފޮނުވައިގެން.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި 3 އަތޮޅެއްގެ ތަޢްލީމީ މަރްކަޒުގައި އިތުރު ކްލާސްތައް ހަދައިދެވުނު. އަދި ސްކޫލްތަކުގެ ފެންވަރު ރަނގަޅުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން 26 ސްކޫލަކަށް އެހީދެވުނު. މިއަހަރު ރާއްޖެތެރޭގެ ސްކޫލްތަކަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި، އާބާދީގެގޮތުން އިސްކަންދޭ 20 ރަށެއްގެ ސްކޫލްތަކުގެ ގޮނޑިމޭޒުގެ ފެންވަރު ރަނގަޅުކޮށްދިނުމާއި، އެ ސްކޫލްތަކުގައި އިނގިރޭސިބަހުން ކިޔަވައިދިނުމަށްޓަކައި ބިދޭސީ ޓީޗަރުން ހޯދައިދިނުން ހިމެނޭ. އަދި ރާއްޖެތެރޭގެ އަތޮޅުތަކުގައި ކިޔަވައިދޭ މުދައްރިސުންގެ ފެންވަރު މަތިކުރުމަށްޓަކައި، ޓީޗަރ އެޑިޔުކޭޓަރުން ފޮނުވައިގެން ޕްރޮގްރާމްތަކެއް ހިންގުމަށްވެސް ވަނީ ޤަޞްދުކުރެވިފައި.

ރާއްޖެތެރޭގެ ތަޢްލީމީ މަރްކަޒުތައް ހުންނަ ރަށްރަށަށް ކިޔަވަން އަންނަ އެހެން ރަށްރަށުގެ ކުދިން ތިބޭނޭ ދަނާލެއް ހެދުމަށް ސަރުކާރުން ޤަޞްދުކޮށް، އެކަން ތަޖްރިބާކުރުމުގެ ގޮތުން ހެދި ފުރަތަމަ ދަނާލު ވޭތުވެދިޔަ އަހަރުގެ ތެރޭގައި ވަނީ ހުޅުވިފައި.

ދުރުންދޭ ތަޢްލީމުގެ ކަންތައްތައް ރާއްޖޭގައި ހިންގުމަށްޓަކައި، މިދިޔަ އަހަރު ކަމާބެހޭ ބައެއް ފޮތް ޗާޕުކުރެވުނު. މި ތަޢްލީމުގެ ދާއިރާ މިހާރަށްވުރެ ފުޅާކުރުމަށްޓަކައި، މިހިނގާ އަހަރު އާ މަޝްރޫޢެއް ހިންގަން ފަށާގޮތަށްވަނީ ހަމަޖެހިފައި. އަލަށް މިފެށޭ މަޝްރޫޢުގެ ދަށުން، ދުރުންދޭ ތަޢްލީމާބެހޭ މީހުން ތަމްރީނުކުރުމަށާއި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ މީހުންނަށް ތަމްރީނު ދިނުމަށާއި، ތަފާތު ކޯސްތައް ހިންގުމަށް ވަނީ ޤަޞްދުކުރެވިފައި.

1990 ވަނަ އަހަރު ރާއްޖޭގެ ތަޢްލީމީ ދާއިރާގައި ސަމާލުކަން ދެވުނު އަނެއްކަމަކީ، ސަރުކާރުން ހިންގާ ސްކޫލްތަކާއި މަދަރުސާތަކުގައި ދީނީ ތަޢްލީމު ދިނުމާއި، ކުދިންގެ ތަރުބިޔަތުގެ މައްޗަށް އިތުރު އަހަންމިއްޔަތެއް ދިނުން. މިރޮނގުން ސަރުކާރުގެ ދެ ސްކޫލަކާއި އަމިއްލަ ބައެއް މަދަރުސާތަކުގައި ޤުރްއާން ކިޔަވައިދޭ އިތުރު ކްލާސްތަކެއް ފެށުނު. އަދި ބައެއް ސްކޫލްތަކުގައި ދީނީ ނަޞޭޙަތް އިއްވުމުގެ ޕްރޮގްރާމްތަކެއް ހިންގުނު. މާލެއާއި ރާއްޖެތެރޭގެ މަދަރުސާތަކުގައި ބޭނުންވާ އަދަދަށް ޓީޗަރުން ނެތުމާއި، ބައެއް މަދަރުސާތަކުގެ ޢިމާރާތުގެ ޖާގަ ކުޑަކަމާއި، މިނޫނަސް ޙައްލުކުރަން ޖެހިފައިވާ ދަތިމައްސަލަތަކެއް، ތަޢްލީމީ ދާއިރާގައި ހުރިކަން މިފުރްޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން.

ތަޢްލީމީ ދާއިރާގައި ސަރުކާރުންދޭ މުހިންމު އަނެއް ޚިދްމަތަކީ، ބޭރުގެ ތަންތަނަށް ފޮނުވައިގެން ރާއްޖޭގެ ދަރިންނަށް އެކިއެކި ރޮނގުރޮނގުން ތަމްރީނު ހޯދައިދިނުމާއި، މަތީ ތަޢްލީމު ޙާޞިލުކުރުމުގެ ފުރްޞަތު ހޯދައިދިނުން. ބޭރުގެ އެކިއެކި ޤައުމުތަކުންނާއި، ޖަމާޢަތްތަކުން އެހީގެ ގޮތުގައި ލިބޭ ސްކޮލަރޝިޕްތަކުގެ އިތުރަށް، ވާރލްޑް ބޭންކުން ލޯނުގެ އެހީއެއް ހޯދައިގެންވެސް، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ބައެއް ދަރިންވަނީ ތަޢްލީމު ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވިފައި. މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ތަޢްލީމު ޙާޞިލުކުރުމަށްޓަކައި 323 ކުދިން ސަރުކާރުން ފޮނުވި. މީގެ ތެރެއިން 42 ކުދިންނަކީ މަތީތަޢްލީމު ޙާޞިލުކުރުމަށް ފޮނުވި ކުދިން.

ރާއްޖޭގެ ޒުވާނުންނަށް ތަފާތު ފަންނުތައް އުނގަންނައިދިނުމުގެ ޕްރޮގްރާމް މާލޭގައާއި ރާއްޖެތެރޭގައި މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވިފައިވޭ. މިގޮތުން، ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުން ތަފާތު މަސައްކަތްތައް ދަސްކޮށްދޭ 10 ކޯސް ހިންގުނު. އަދި ޒުވާނުންގެ މަރްކަޒުން ހަތަރު ކޯހެއް ހިންގުން.

ރާއްޖޭގެ ރައްޔިތުންނަށް ޢާންމު މަޢްލޫމާތާއި، އެކިއެކި ރޮނގުރޮނގުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވައިދީ އުނގަންނައިދިނުމުގެ އެންމެ ފާޅުކަންބޮޑު އެއް ވަސީލަތަކީ ރޭޑިޔޯއާއި ޓެލެވިޜަން. މިދެވަސީލަތުގެ ބޭނުންކޮށްގެން، މިދިޔަ އަހަރުގެ ތެރޭގައިވެސް، ވަރަށްގިނަ ތަޢްލީމީ ޕްރޮގްރާމްތައް ފޮނުވިފައިވޭ.

ރާއްޖޭގެ ކިޔަވާ އުމުރުގެ ގިނަ އަދަދެއްގެ ކުދިން ސްކޫލްތަކުގައި ތަޢްލީމު ޙާޞިލުކުރަމުންދިޔަ ކަމުގައިވިޔަސް، މައިންބަފައިންނަށާއި، ބެލެނިވެރިންނަށް ނުކިމަންތެރިވެ، މީހުންނަށް އުނދަގޫކޮށް، ޤާނޫނާއި ގަވާއިދާ ޚިލާފު ކަންތައްތައް ކޮށް ހަދާ ކުދިންތަކެއްވެސް މާލޭގައާއި ރާއްޖެތެރޭގެ އެކި ރަށްރަށުގައި އުޅެމުންގެންދޭ. މިފަދަ ކުދިން ޤައުމަށް ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި، އެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމަށް، މާލެއަތޮޅު މާފުށީގައި 1979 ވަނަ އަހަރު ހުޅުވުނު ކުޑުކުދިންގެ އިޞްލާޙިއްޔާގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާކުރުމަށްޓަކައި ވޭތުވެދިޔަ އަހަރު ބޭރުގެ ކަމާބެހޭ ތަޖުރިބާކާރަކު ހޯދިފައިވޭ.

ތިޔަ ޢިއްޒަތްތެރި މަޖްލިސަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ކިޔަވާ ޢުމުރުގެ ކުދިންނާއި ޒުވާނުންނަކީ ރާއްޖޭގެ އާބާދީގެ ވަރަށްބޮޑު ބައެއް. ވީމާ، ރާއްޖޭގެ ކިޔަވާކުދިންނާއި ޒުވާނުންނަކީ، ޤައުމަށް ފައިދާހުރި ހަރުދަނާ މުވާޠިނުންތަކަކަށް ހެދޭތޯ މަސައްކަތްކުރުމަކީ ކުރިއަށްވުރެ މިހާރު މާބޮޑަށް ސަމާލުކަންދޭން ޖެހިފައިވާ ކަމެއްކަމަށް އަޅުގަނޑު ދެކެން. އެހެންކަމުން، ރާއްޖޭގެ ކިޔަވާކުދިންނާއި ޒުވާނުން ރަނގަޅު އުސޫލަކުން ތަރުބިޔަތުކޮށް އިޞްލާޙުކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ މިއަހަރު ފަށަން ޤަޞްދުކުރާ ވާހަކަ ދަންނަވާލަން.

މިއަހަރު މިފެށޭ ދިހަ އަހަރަކީ ބައިނަލްއަޤްވާމީ ގޮތުން ކުޑަކުދީންގެ ދިހަ އަހަރު. އެހެންކަމަށްވުމާއެކު، ރާއްޖޭގެ ކުޑަކުދީންގެ ކަންތައްތައް ރަނގަޅުކޮށް، އެކުދީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ ޤަޞްދުކޮށްފައި. މިގޮތުން، 1991 ވަނަ އަހަރަކީ ރާއްޖޭގެ ކުޑަކުދިންގެ އަހަރު ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައި. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ޤާނޫނީ ބިލެއް މިއަހަރުގެ ތެރޭގައި ސަރުކާރުން ތިޔަ ޢިއްޒަތްތެރި މަޖްލިހަށް ހުށަހެޅުމަށްވެސް ވަނީ ޤަޞްދުކުރެވިފައި. މީގެއިތުރަށް، ރާއްޖޭގެ ކުޑަކުދިންގެ ޙިމާޔަތާއި، ތަރައްޤީއާއި، ދެމިތިބުމަށް ބޭނުންވާ ކަންތައްތަކުގެ މައްޗަށް، ޤައުމީ ފެންވަރުގައި އެކުލަވައިލެވޭ އެކްޝަން ޕްލޭނެއް އެކަށައެޅުމަށްޓަކައި، ރާއްޖޭގެ ކުޑަކުދިންނާބެހޭ ޤައުމީ ޖަލްސާއެއް މިއަހަރު ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައި.

އިޖްތިމާޢީ ޚިދްމަތުގެ މުހިންމު އަނެއް ދާއިރާ ކަމުގައިވާ ޞިއްޙީ ރޮނގުން 1990 ވަނަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، އިތުރު ހަތަރު އަތޮޅެއްގައި އާ ޞިއްޙީ މަރްކަޒު ހުޅުވައިދެވުނު. މީގެއިތުރަށް، ދެ އަތޮޅެއްގައި ޞިއްޙީ މަރްކަޒު ޢިމާރާތްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. ވޭތުވެދިޔަ އަހަރު ނިމުނުއިރު، ރާއްޖެތެރޭގައި 4 ރީޖަނަލް ހޮސްޕިޓަލާއި، 21 ޞިއްޙީ މަރްކަޒު ހިނގަމުންދޭ. ރާއްޖެތެރޭގެ ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދްމަތުގެ ދާއިރާ ފުޅާކުރުމަށްޓަކައި، މިއަހަރު ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި، އައްޑުއަތޮޅު ރީޖަނަލް ހޮސްޕިޓަލްގައި އޮޕަރޭޝަން ތިއޭޓަރަކާއި، މީހުން ބައިތިއްބާނޭ އިތުރު ދެވޯޑު ޢިމާރާތްކުރުން ހިމެނޭ. އަދި ރާއްޖެތެރޭގައި އިތުރު ތިން ޞިއްޙީ މަރްކަޒު ޢިމާރާތްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށްވެސް ވަނީ ޤަޞްދުކުރެވިފައި.

ބޯފެނުގެ މައްސަލައަކީ ޞިއްޙީ ދާއިރާގައި ވަރަށްބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ މައްސަލައެއް. އެހެންކަމުން، ވޭތުވެދިޔަ އަހަރުވެސް ރާއްޖެތެރޭގެ ރަށްރަށުގައި ބޯފެންއަޅާ ތާނގީ ހަދައިދިނުމުގެ މަޝްރޫޢުތަކެއް ހިންގިފައިވޭ. އަދި މާލޭގެ ފެން އެއްދުވަހުން އަނެއްދުވަހަށް ލޮނުވަމުންދާތީ، މާލޭގައި ލޮނުފެނަށް ހަދާ އިތުރު ދެމެޝިނެއް ބެހެއްޓުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފެށިގެން ހިނގަމުން އެބަދޭ. މިއީ، ދުވާލަކު 500 ކޮޑި މީޓަރުގެ ފެން ތައްޔާރުކުރެވޭވަރުގެ މެޝިނަކާއި، ދުވާލަކު 200 ކޮޑިމީޓަރުގެ ފެން ތައްޔާރުކުރެވޭވަރުގެ މެޝިނެއް.

ސަރުކާރުން ރައްޔިތުންނަށް ދޭ ޞިއްޙީ ޚިދްމަތްތަކުގެ ތެރޭގައި، އަމިއްލައަށް ބޭސްކުރެވޭފަދަ ތަނަވަސްކަން ނެތް މީސްމީހުންނަށް ސަރުކާރުގެ އެހީގައި ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ބޭސްކޮށްދިނުމުގެ ކަންތައް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވުނު. އެއާއެކު، މާލޭ ސެންޓްރަލް ހޮސްޕިޓަލްގައާއި، ރާއްޖެތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގައި ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް މަސައްކަތް ކުރެވިފައިވޭ. އެ މަސައްކަތްތަކުގެ ތެރޭގައި، ރީޖަނަލް ހޮސްޕިޓަލްތަކުގައި ބައެއް ލެބޯރެޓަރީ ޓެސްޓްތައް ކުރެވޭނެގޮތް ހެދުން ހިމެނޭ.

ކުޑަކުދިން ބަލިބަލިން ދިފާޢުކުރުމަށްޓަކައި ދޭންޖެހޭ ވެކްސިން، 1990 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ދެވޭތޯ ސަރުކާރުން ކުރި މަސައްކަތް ވަރަށް އެދެވޭގޮތެއްގައި ކުރެވުނު. އަހަރު ނިމުނުއިރު، ރާއްޖޭގެ ކުޑަކުދިންގެ %96 އަށް ވަނީ ހުރިހާ ބާވަތެއްގެ އިންޖެކްޝަންދީ ނިމިފައި.

ރައްކާތެރި މައިވަންތަކަމާބެހޭ ޤައުމީ މަޝްވަރާ ޖަލްސާއެއް ރާއްޖޭގައި މިދިޔަ އަހަރު ބޭއްވުނު. މިޖަލްސާގައި، އަންހެނުން ބަލިވެއިނުމުގެ ތެރޭގައާއި، ވިހެއުމުގެ ތެރޭގައި މަރުވާ އަދަދު، ﷲގެ ވާގިފުޅާއެކު މަދުކުރުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުނު. އަދި މިކަމާ ގުޅޭގޮތުން ރާއްޖޭތެރޭގެ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އާ ޞިއްޙީ ޕްރޮގްރާމްތަކެއް ހިންގުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު.

މާލޭ ސެންޓްރަލް ހޮސްޕިޓަލަކީ، މީގެ ފަންސަވީހަކަށް އަހަރު ކުރިން ހެދިފައިވާ ތަނަކަށްވެފައި، އެތަން ކުޑަކަމާއެކު، މިހާރަށް ނުފުދޭތީ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި މާލޭގައި 200 އެނދުގެ އާ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް ފެށުނު.

ރާއްޖޭގައި ޞިއްޙީގޮތުން ދެވޭ ޚިދްމަތްތައް ކުރިއާ އަޅައިބަލާއިރު، ވަރަށްބޮޑުތަން ކުރިއަށް ގެންދެވިފައިވާ ކަމުގައިވިޔަސް، ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ބޮޑެތި ބަލިބައްޔަށް ރާއްޖޭގައި އެކަށީގެންވާ ފަރުވާއެއް ދެވޭކަށް އަދި ނެތް. މާލޭ ސެންޓްރަލް ހޮސްޕިޓަލުގައިވެސް، އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް، ފުދޭވަރަށް ޑޮކްޓަރުންނާއި ނަރުހުންނެއްވެސް ނެތް. މިކަންކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން މިގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން.

އިޖްތިމާޢީ ޚިދްމަތުގެ ދާއިރާގައި ސަރުކާރުން ކުރަމުންގެންދާ ކަންތައްތަކުގެ ތެރޭގައި، ޢާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ސުންނަތުގެ އަލީގައި ދީނުގެ ޙުކުމްތައް މީސްތަކުންނަށް އޮޅުންފިލުވައިދިނުމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތައް މިދިޔަ އަހަރުވެސް އެދެވޭގޮތެއްގައި ހިނގަމުންދިޔަ.

1410 ވަނަ އަހަރަކީ، އިސްލާމީ ތަރިކަ ރައްކާތެރި ކުރުމުގެ އަހަރު ކަމަށްވާތީ، އެއަހަރު ފާހަގަކުރުމުގެ ގޮތުން ކުރެވުނު ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގައި ހުރި 100 އަހަރަށްވުރެ ގިނަދުވަސްވީ ލިޔުންތައް ހޯދުމާއި، އިސްލާމީ ތަރިކައާ ބެހޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނޭ.

 ރާއްޖޭގެ އިޤްތިޞާދިއްޔަތު

1990ވަނަ އަހަރަކީ، އޭގެކުރީ އަހަރުތަކެކޭ އެއްފަދައިން، އިޤްތިޞާދީ ގޮތުން ރާއްޖެއަށް އައި ރަނގަޅު އަހަރެއް. އެއަހަރު ޤައުމުގެ އިޤްތިޞާދީ އުފެއްދުންތެރިކަން ވަނީ %10.7 ކުރިއަށް ގޮސްފައި. މިއީ ކުރީ އަހަރު ކުރިއަށްދިޔަވަރަށްވުރެ %1.4 މަތީ އަދަދެއް.

މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި މިދިޔަ އަހަރުވެސް ސަރުކާރުން މަސައްކަތްތައް ކުރަމުން ގެންދިޔަ. މިރޮނގުން، ވާރލްޑް ބޭންކުގެ އެހީގައި ހިންގި ދެ މަޝްރޫޢުގެ މައިގަނޑު ކަންތައްތައް ނިމިފައިވާތީ، ތިންވަނަ މަޝްރޫޢެއް ފެށުމަށްޓަކައި ވާރލްޑް ބޭންކުގެ އެހީ ހޯދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވަނީ ފެށިފައި.

ރާއްޖޭގައި އުޅޭ މަހުގެ ދަތުރުކުރުން ހުންނަގޮތް ބެލުމަށްޓަކައި، މަހުގައި ފާހަގަޖެހުމުގެ ޕްރޮގްރާމެއް މިދިޔަ އަހަރު ހިންގުނު. މީގެއިތުރުން، ރާއްޖޭގައި އުޅޭ ފަރުމަހުގެ ބާވަތްތަކާބެހޭ މަޢްލޫމާތު ހޯދުމަށް ކުރެވޭ މަސައްކަތްތަކެއްވެސް ވަނީ ފެށިފައި. މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުމުގެ ޕްރޮގްރާމާއި، ރާއްޖޭގެ އެކި ހިސާބުގައި ކަނދުފަތިލައިދިނުމުގެ ޕްރޮގްރާމް މިދިޔަ އަހަރުވެސް ކުރިއަށް ގެންދެވިފައިވޭ. އަދި މިހިނގާ އަހަރުގެ ތެރޭގައިވެސް އިރާދަކުރެއްވިއްޔާ މި ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ. އަދި މީގެއިތުރަށް، އެންދަމާ ދަލާއި ދޮށި ރާއްޖެއިން ބޭރުންގެނެސް، ފަސޭހައިން ލިބެން ހުންނާނެ ގޮތެއް މިއަހަރު ހަމަޖެއްސުމަށްވެސް ވަނީ ޤަޞްދުކުރެވިފައި.

މަސްވެރިކަމުގެ ދާއިރާގައި، ސަރުކާރުން އެންމެބޮޑު ސަމާލުކަމެއްދޭ އަނެއްކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމާއި، އެސަރަޙައްދުގެ ބޭނުން ރާއްޖެއަށް ފައިދާހުރިގޮތެއްގައި ކުރެވޭނެގޮތްވޭތޯ މަސައްކަތްކުރުން. ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ކޯސްޓްގާޑްގެ ލޯންޗުތަކުން ސަރަޙައްދު ބެލެހެއްޓުމުގެ އިތުރަށް، މަތިންދާބޯޓުގެ ވަސީލަތުންވެސް، ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވަނީ ފެށިފައި.

1990 ވަނަ އަހަރު ރާއްޖޭގެ ޓޫރިޒަމްވެސް ވަނީ އިތުރަށް ކުރިއަށްގޮސްފައި. އޭގެތެރޭގައި، މީގެ ތިންއަހަރު ކުރިއްސުރެ ސަރުކާރުން އަލަށް ތަރައްޤީކުރަން ކަނޑައެޅި އަރިއަތޮޅު ޒޯންގައި އަމިއްލަ ތިންފަރާތަކުން 3 ރިޒޯޓެއް ހަދައި، މިދިޔަ އަހަރު ހުޅުވާފައިވޭ. 1990 ވަނަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދުވަނީ 195,000 އަށް އަރާފައި. މިއީ ކުރީ އަހަރަށްވުރެ %23 އިތުރު އަދަދެއް. ޓޫރިޒަމްގެ ދާއިރާއަށް އަންނަމުންދާ ތަރައްޤީގެ ބޮޑުބައި ރައްދުވަނީ، އަމިއްލަ ފަރާތްތަކުން ކުރަމުންގެންދާ ބުރަ މަސައްކަތްތަކަށްކަން އަޅުގަނޑު މި ފާހަގަކުރަނީ، އެފަރާތްތަކަށް ތާރީފާއި ޝުކުރު ރައްދުކުރަމުން.

ރާއްޖެއަށް އެންމެބޮޑު އާމްދަނީއެއް ލިބޭ އެއްދާއިރާއަކީ ޓޫރިޒަމް ކަމަށްވިޔަސް، ޓޫރިސްޓް ރިޒޯޓުތައް ހަދާފައިވާ ރަށްރަށުން ސަރުކާރަށް ނެގޭ ކުލީގެ ކަންތައް އަދި އޮތީ މުޅިން އެއް އުޞޫލަކަށް ހަމަޖެހިފައެއް ނޫން. އެހެންކަމުން، ޓޫރިސްޓް ރިޒޯޓު ހަދާފައިވާ ހުރިހާ ރަށްތަކަކުންވެސް އެއް އުސޫލަކުން ސަރުކާރަށް ކުލި ލިބޭނެގޮތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. ރާއްޖޭގައި ޓޫރިސްޓް ރިޒޯޓު ހަދާފައިވާ ހުރިހާ ރަށްތަކާމެދު އެއް އުސޫލެއް ހަމަޖެހުމަކީ، ތިޔަ ޢިއްޒަތްތެރި މަޖްލިހުން އެދިވަޑައިގަންނަވާ ކަމެއްކަމުގައި މިދިޔަ އަހަރުގެ ޕްރެޒިޑެންޝަލް އެޑްރެހަށް މަޖްލިހުން ދެއްވި ޖަވާބުގައި ވަނީ ވިދާޅުވެފައި.

ރާއްޖޭގެ މުވާޞަލާތުގެ ދާއިރާގައި، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާ ބެހޭގޮތުން 1990 ވަނަ އަހަރު ކުރެވުނު ކަންތައްތަކުގެ ތެރޭގައި، މަތިންދާބޯޓުން ދަތުރުކުރާ ފަސިންޖަރުންނަށް ކާނާ ތައްޔާރުކޮށްދޭ ތަނެއް ހުޅުވުން ހިމެނޭ. އަދި ވައިގެ ބަނދަރު އިތުރަށް ތަރައްޤީކުރުމަށް ރޭވިފައިވާ 26 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުގެ ދަށުން، އިންސްޓްރޫމަންޓް ލޭންޑިންގ ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ފެށުންވެސް ހިމެނޭ. މި މަޝްރޫޢުގެ ދަށުން، ވައިގެ ބަނދަރުގެ ރަންވޭއާއި އޭޕްރަން ބޮޑުކުރުމާއި، ވައިގެ ބަނދަރާ ގުޅޭ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، ހުޅުލޭ ކަނޑުތޮށްޓާއި އެއްގަމުތޮށީގެ މުހިންމު ހިސާބުތައް ޝީޓްޕައިލް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށްވަނީ ހަމަޖެހިފައި.

މުވާޞަލާތުގެ ރޮނގުން 1990 ވަނަ އަހަރު ކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ވައިގެ ބަނދަރެއް ހުޅުވުން. މިވައިގެ ބަނދަރު ހުޅުވުމުން، ރާއްޖޭގައި ވައިގެ މަގުން ދަތުރުކުރެވޭނެ 4 ވައިގެ ބަނދަރު ހެދުނީ. ހަނިމާދޫގެ ވައިގެ ބަނދަރު ހުޅުވުމުގެ އިތުރަށް، ހައްދުންމަތީ ކައްދޫގައި އޮންނަ ވައިގެ ބަނދަރުގެ ރަންވޭ ދިގުކުރުމުގެ މަސައްކަތާއި، އައްޑުއަތޮޅު ގަމުގައި އޮންނަ ވައިގެ ބަނދަރުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކުރަމުން ގެންދެވުނު. ރާއްޖެތެރޭގައި ކުރެވޭ ވައިގެ ދަތުރުފަތުރު މިހާރަށްވުރެ ހަރުދަނާކޮށް އަދި ހަލުވިކުރުމަށްޓަކައި، 1989 ވަނަ އަހަރު ހޯދިފައިވާ ޑޯނިއަރ މަތިންދާ ބޯޓުގެ އިތުރަށް، މިދިޔަ އަހަރުގެ ތެރޭގައިވެސް އާ ޑޯނިއަރ މަތިންދާބޯޓެއް ހޯދުނު. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި ހެދިފައިވާ ވައިގެ ބަނދަރުތަކަށް ކުރެވޭ ދަތުރުތައް، ކުރީ އަހަރަށްވުރެ މިދިޔަ އަހަރު ވަރަށްބޮޑުތަން އިތުރުވެގެންދިޔަ. އަދި މިދަތުރުތައް ކުރުމުގެ އިތުރަށް، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގައި އެޅުނު، ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި މިކަން ހިމެނުނު.

މުވާޞަލާތުގެ ދާއިރާގައި، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ތެލެފޯނުގެ ޚިދްމަތް ފޯރުވައިދެވޭނެގޮތް ހެދުމަކީ ސަރުކާރުން އަހަންމިއްޔަތު ދޭކަމެއް. މިގޮތުން، މިދިޔަ އަހަރުގެ ތެރޭގައި އަރިއަތޮޅުގެ އެންމެ މީހުން ގިނަ 9 ރަށަށް ތެލެފޯނުގެ ޚިދްމަތް ދޭން ފެށުނު.

އުތުރުގެ އަތޮޅުތަކަށް ތެލެފޯނުލުމުގެ މަސައްކަތް 1990 ވަނަ އަހަރުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށް އުންމީދުކުރާ ވާހަކަ މިދިޔަ އަހަރުގެ ޕްރެޒިޑެންޝަލް އެޑްރެހުގައި އަޅުގަނޑު ހާމަކޮށްފައިވާނެ. އެހެންނަމަވެސް، އެމަޝްރޫޢު ހިންގުމަށް ބޭނުންވާ ބޭރުގެ އެހީ އަދި ނުލިބިވުމާއެކު، މިމަޝްރޫޢުގެ މަސައްކަތްވަނީ އަދި ނުފެށި.

ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ބަލާއިރު، ވިޔަފާރީގެ ދާއިރާގައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔައީ، ރާއްޖޭގެ ވިޔަފާރީގައި އަމިއްލަ ވިޔަފާރިވެރިންގެ ޙިއްޞާ ފުޅާކުރުމަށް އިތުރު ފުރްޞަތު ހޯދައިދެވޭތޯ. މިގޮތުން، ކާޑުގެ ބާވަތްތައް ފިޔަވައި އެހެން މުދަލުގެ އަގު ކޮންޓްރޯލް ކުރުން ދޫކޮށްލެވުނު. އަދި ކުރިއްސުރެ ސަރުކާރުން އެކްސްޕޯޓް ކުރަމުންދާ ރޯކަނޑުމަސް އަމިއްލަ ފަރާތްތަކުންވެސް އެކްސްޕޯޓް ކުރުމުގެ ފުރްޞަތު ދެވުނު.

ރާއްޖޭގެ އިމްޕޯޓް-އެކްސްޕޯޓަށް ބަލާއިރު، 1990 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ އަގު އޭގެ ކުރީއަހަރަށްވުރެ %28 އިތުރުވެފައިވޭ. ހަމައެފަދައިން، ރާއްޖެއިން ބޭރަށް ފޮނުވުނު މުދަލުގެ އަގުވެސް ކުރީ އަހަރަށްވުރެ ވަނީ %25 އިތުރުވެފައި.

ވޭތުވެދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ބަލާއިރު، ދައުލަތަށް ލިބޭ އާމްދަނީ ވިދިވިދިގެން ތިންއަހަރު، ހިނގާ ޚަރަދަށްވުރެ އިތުރުވަމުން އައުމަށްފަހު، 1990 ވަނަ އަހަރު ދައުލަތުގެ ބަޖެޓް ނިމިފައިވަނީ، ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ހިނގާފައިވާ ޚަރަދު އިތުރުވެގެން. އެކަން އެހެންއެވީ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުގެ ކެޕިޓަލް ޚަރަދު އިތުރުވެގެންދިޔުމުގެ ސަބަބުންނާއި، ވަރަށް ޚާއްޞަ ދެ މުނާސަބަތެއް އެއަހަރުގެ ތެރޭގައި ފާހަގަކުރުމަށްޓަކައި ސަރުކާރުން ހޭދަތަކެއް ކުރަންޖެހުމުގެ ސަބަބުން. އެހެންކަމުން، މިއަހަރު ފެށުމާއެކު، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއްވަނީ އަޅަންފަށާފައި.

އިޤްތިޞާދީ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ދެމުންގެންދާ ޚިދްމަތްތަކުގެ ތެރޭގައި، ވޭތުވެދިޔަ އަހަރު ރާއްޖޭގެ ބައެއް ރަށްރަށުގައި ނަމޫނާ ދަނޑުތަކެއް ހެއްދުމާއި، ބައެއް ރަށްރަށުގެ މީހުންނަށް ދަނޑުވެރިކަމާބެހޭ އިރުޝާދު ދިނުމާއި، އެމީހުންނަށް ބޭނުންވާ މުޑުވައް ދޫކުރުމާއި، ގަސްގަހަށްޖަހާ ބޭސްދިނުން ހިމެނޭ. އަދި މީދަލާއި ވާލާއި ރުކުމަޑިފަދަ ރުއްގަހަށް ގެއްލުންދޭ އެއްޗެތި މަދުކުރުމަށް އެހީވެދިނުންވެސް ހިމެނޭ.

އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއެރުވުމަށް ލިބިފައިވާ ޤުދްރަތީ ވަސީލަތްތަކުގެ އެންމެ ބޮޑު އެއްބަޔަކީ، ރާއްޖޭގެ ފަޅުރަށްތައް. އޭގެތެރެއިން، އިޤްތިޞާދީ ގޮތުން މިހާރަށްވުރެ އިތުރު ފައިދާތައް ލިބިދާނެ ރަށްރަށް ދިރުވައި ތަރައްޤީކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށްވާތީ، މިފަދަ މަސައްކަތްތަކަށް ރަށްރަށް ދޫކުރާނެ އުސޫލެއް ރޭވުމަށް، ސަރުކާރުގެ ކަމާބެހޭ ފަރާތާ މިހާރުވަނީ ޙަވާލުކުރެވިފައި. މިކަމަކީވެސް މިދިޔަ އަހަރުގެ ޕްރެޒިޑެންޝަލް އެޑްރެހަށް ތިޔަ ޢިއްޒަތްތެރި މަޖްލިހުން ދެއްވި ޖަވާބުގައި ފާހަގަކޮށްލައްވާފައިވާ ކަމެއް.

ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މިވަގުތަކީ ދުނިޔެ ވަރަށް ނުރައްކާތެރި ހަނގުރާމައެއް ތަޖްރިބާ ކުރަމުންދާ ވަގުތެއް. އާދެ، މިއީ ގަލްފު ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދިއްޔަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ވަގުތެއް. ގަލްފު ހަނގުރާމަ ހިނގަމުންދާ ސަރަޙައްދަކީ ގިނަ އަދަދަކަށް ތެޔޮއުފައްދާ ޤައުމުތަކެއްހުރި ސަރަޙައްދެއް. އެހެންކަމުން، މިހަނގުރާމައިގެ ސަބަބުން، މުޅިދުނިޔޭގެ އިޤްތިޞާދަށް ދަނީ ނޭދެވޭ އަސަރުތަކެއް ކުރަމުން. ވަކިން ޚާއްޞަކޮށް، ރާއްޖެފަދަ، ޤައުމަށް ބޭނުންވާ ހުރިހާ އެއްޗެއްހެން ބޭރުން ގެންނަންޖެހިފައިވާ ކުޑަޖަޒީރާ ޤައުމެއްގެ އިޤްތިޞާދިއްޔަތަށް މިފަދަ ހަނގުރާމައަކުން ކުރާ ނޭދެވޭ އަސަރު މާބޮޑުވާނެ. އާދެ، ގަލްފު ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެންގެ ޓޫރިޒަމަށް މިހާރުވެސް ވަނީ ސީދާ އަސަރު ފޯރާފައި. އަދި މިއަސަރު ފިލުވައިލެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. މީގެއިތުރަށް، ގަލްފުގެ ސަރަޙައްދުގައި ހިނގަމުންދާ، ކަނޑަށް ތެޔޮދޫކުރުމާއި، ތެޔޮވަޅުތަކުގައި ރޯކުރުންފަދަ ކަންތައްތަކަކީ ދުނިޔޭގެ ތިމާވެށްޓަށް ވަރަށްބޮޑެތި ގެއްލުންތައް ލިބޭކަހަލަ ކަންތައްތަކެއް. އެހެންވީމާ، މި ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެން ކުރިމަތިލާން ޖެހިދާނެ ތިމާވެށީގެ މައްސަލަތަކާ ދޭތެރޭގައިވެސް މިހާރުވަނީ ވަރަށް ބޮޑަށް ވިސްނަންޖެހިފައި.

މިކަންތައްތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިންގުމަށް ހުރަސްތަކެއް ކުރިމަތިވުމުގެ އިތުރަށް، މިއަހަރު ރާއްޖޭގެ އިޤްތިޞާދީ އުފެއްދުންތެރިކަމުގެ ކުރިއެރުމުގެ ނިސްބަތް، މީގެކުރީ އަހަރުތަކަށްވުރެ ކުޑަވުން އެކަށީގެންވޭ. މިކަމަކީ، މިދަނޑިވަޅުގައި އަޅުގަނޑުމެން ހަނދާންބެހެއްޓުން އެދެވިގެންވާ ކަމެއް. މިއާއެކު، އަޅުގަނޑުމެންގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމުގެ މައްޗަށް އިތުރު ސަމާލުކަމެއް ދިނުމަކީ ކުރިއަށްވުރެވެސް މިހާރު މާ މުހިންމު ކަމެއްކަމަށް ވެއްޖެކަން މިފުރްޞަތުގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭ.

އެހެންކަމުން، ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި ރާއްޖޭގެ މުއްސަނދިކަން އިތުރުކޮށް، އެ މުއްސަނދިކަން ރާއްޖޭގެ ރައްޔިތުންގެ މެދުގައި އިންޞާފުވެރިގޮތަކަށް ބެހިގެންދާނެގޮތް ހޯދުމަކީ، ސަރުކާރުން އިސްކަންދޭ ކަމެއް.

ރައްޔިތުންގެ މަޖްލިސް

ރާއްޖޭގެ ރައްޔިތުންގެ މަޖްލިސްގެ ތާރީޚުގައި ވޭތުވެދިޔަ އަހަރު ހިމެނިގެންދާނީ، ވަރަށް ޚާއްޞަ އަހަރެއްގެ ގޮތުގައި. އެއީ ހަމައެކަނި އެއަހަރުގެ ތެރޭގައި ބޭއްވުނު ޖަލްސާތަކުގެ އަދަދު ގިނަވުމާއި، ފާސްކުރެވުނު ބިލްތަކުގެ ގިނަކަމަކުންނޫން. އޭގެއިތުރަށް، ފާސްކުރެވުނު ބިލްތަކުގެ މުހިންމުކަމާއި، އެބިލްތައް ފާސްކުރެއްވުމުގައި މަޖްލިސްގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުންވެސްމެ.

ރާއްޖޭގެ ސިޔާސީ އަދި ޤައުމީ ޙަޔާތުގައި ރައްޔިތުންގެ މަޖްލިހުން އަދާކުރައްވާ ބައި މިހާރަށްވުރެ ތަރައްޤީވުމަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކޭ ވާހަކަ، މިދިޔަ އަހަރުގެ ޕްރެޒިޑެންޝަލް އެޑްރެހުގައި އަޅުގަނޑު ދަންނަވާފައި ވާނެ. އާދެ، އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް ތަރައްޤީވަމުންދާއިރު، އެއާ އެއްވަރަށް އަޅުގަނޑުމެންގެ ޤާނޫނީ އޮނިގަނޑުވެސް ފުރިހަމަކުރަންޖެހޭ. ތަފާތު ދާއިރާތަކާ ގުޅޭ އިތުރު ޤާނޫނުތައް ހަދަންޖެހޭ. ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މަޖްލިސްގެ މެންބަރުން މިގޮތުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާކަން ޝުކުރުވެރިކަމާއެކު އަޅުގަނޑު ޤަބޫލުކުރަން. އެހެންނަމަވެސް، ވަރަށް މުހިންމު ދާއިރާތަކަކާބެހޭ ޤާނޫނުތަކެއްގެ ބިލްތައް މިދިޔަ އަހަރު ސަރުކާރުން ތިޔަ ޢިއްޒަތްތެރި މަޖްލިހަށް ހުށަހަޅައި، އަހަރު ނިމުނުއިރު، އެބިލްތަކާމެދު މަޖްލިހުން ގޮތެއް ނުނިންމެވިވާކަން ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ.

އެހެންކަމުން، މަޖްލިސްގެ މަސައްކަތްޕުޅުތައް މިހާރަށްވުރެ ހަލުވިކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ރާއްވަވައިގެން ނަމަވެސް، ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމަށް ކުރެވޭ މަސައްކަތްތައް އެކަށީގެންވާ ގޮތަކަށް ކުރިއަށް ގެންގޮސްދެއްވުމަކީ ބޭނުންތެރި ކަމެއް ކަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ދަންނަވާލަން.

ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށްޓަކައި އެއްކުރެވިފައިވާ ރައްޔިތުންގެ ޚާއްޞަ މަޖްލިސްގެ މަސައްކަތްތައްވެސް 1990 ވަނަ އަހަރު އާ ދިރުމަކާއެކު ފެށިގެން ކުރިއަށްދިޔަ. ޚާއްޞަ މަޖްލިސްގެ ގިނަ އަދަދެއްގެ މެންބަރުން އާވެފައިވުމާއެކު، އެކުލަވައިލެވިފައިވާ ޤާނޫނުއަސާސީގެ ދެލިކޮޕީ އަލުން މުރާޖަޢާކުރުމަށް މަޖްލިހަށް ފެނިވަޑައިގެން، އަހަރުގެ ތެރޭގައި ކުރެވެމުންދިޔައީ އެމަސައްކަތް. ވަރަށްބުރަކޮށް މަސައްކަތް ކުރައްވައިގެން، ވީހާއަވަހަކަށް އާ ޤާނޫނުއަސާސީ އެކުލަވައިލެއްވޭތޯ ޚާއްޞަ މަޖްލިހުން ބައްލަވަމުން ގެންދަވާކަން އަޅުގަނޑު ހިތްހަމަޖެހުމާއެކު ފާހަގަކޮށްލަން.

                                                                           ޚާރިޖީ ހިންގުން

ރާއްޖޭގެ ޚާރިޖީ ހިންގުމުގެ ދާއިރާގައި 1990 ވަނަ އަހަރު ހިނގި އެންމެ މުހިންމު ކަމަކީ، އަޅުގަނޑުގެ މިއެޑްރެސް ފަށަމުންވެސް ފާހަގަކޮށްލިފަދައިން، ސާރކްގެ ޤައުމުތަކުގެ ވެރިންގެ 5 ވަނަ ޖަލްސާ ރާއްޖޭގައި ބޭއްވުން.

1990 ވަނަ އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުނު އަހަރު ކަމަށްވާތީ، ބޭރުގެ ވަރަށްގިނަ ޤައުމުތަކުގެ ޢިއްޒަތްތެރިން ރާއްޖެއަށް ޒިޔާރަތްކުރައްވައި، އަޅުގަނޑުމެންގެ ޤައުމީ އުފަލުގައި މިދިޔަ އަހަރު ބައިވެރިވެވަޑައިގެންދެއްވި.

ވޭތުވެދިޔަ އަހަރު ބޭއްވުނު ދުނިޔޭގެ ކުޑަކުދިންނާބެހޭ ސަމިޓް ޖަލްސާއެއްގައި ބައިވެރިވުމަށް އަޅުގަނޑު ނިއުޔޯރކަށް ޒިޔާރަތްކުރިން. އެދަތުރުގައި ކުޑަކުދިންނާބެހޭ ސަމިޓްގައި ރާއްޖެ ތަމްޘީލުކުރުމުގެ އިތުރަށް، އ.ދ.ގެ ޖެނެރަލް އެސެމްބްލީގެ 45 ވަނަ ދައުރުގެ ޖަލްސާގައި ވާހަކަދެއްކުމުގެ ފުރްޞަތުވެސް އަޅުގަނޑަށް ލިބުނު. މިދިޔަ އަހަރު ޖަޕާނުގެ އާ އެމްޕެރަރ ރަސްކަމަށް އިސްކުރުމުގެ ރަސްމީ އިޙްތިފާލުގައި ބައިވެރިވުމަށްޓަކައި، ޖަޕާނު ސަރުކާރުގެ ދަޢްވަތަކަށް ޓޯކިޔޯއަށްވެސް އަޅުގަނޑު ދަތުރުކުރިން. އަޅުގަނޑުގެ އިތުރަށް، ބައެއް ވަޒީރުންނާއި ސަރުކާރުގެ މަތީދަރަޖައިގެ ވެރިން ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ބޭރުޤައުމުތަކަށް ޒިޔާރަތްކުރައްވައި، ރާއްޖެއާއި އެޤައުމުތަކާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރެއްވުމުގެ މަސައްކަތް ކުރައްވާފައިވޭ.

1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު، ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ސަބަބުން ގެއްލުން ލިބިދާނޭ ކުދި ޤައުމުތަކުގެ ޖަލްސާއިން ފާސްކޮށްފައިވާ، މާލޭ ޑެކްލަރޭޝަންގައިވާ އެކްޝަން ގްރޫޕް މިދިޔަ އަހަރު އުފެއްދުނު. އަދި އެކްޝަން ގްރޫޕްގެ ފުރަތަމަ ޖަލްސާ މިއަހަރު ކުރީކޮޅު ރާއްޖޭގައިވަނީ ބޭއްވިފައި.

1990 ވަނަ އަހަރު ރާއްޖެ އިތުރު 4 ޤައުމަކާ ސިޔާސީ ގުޅުން އުފައްދާފައިވޭ. ވޭތުވެދިޔަ އަހަރު ނިމުނުއިރު ރާއްޖެ ސިޔާސީގޮތުން ގުޅިފައިވާ ޤައުމުތަކުގެ އަދަދަކީ 101. މިދިޔަ އަހަރު ރާއްޖެ އިތުރު ބައިނަލްއަޤްވާމީ ޖަމާޢަތަކާވެސް ގުޅުނު. އަދި ބައެއް އިތުރު ބައިނަލްއަޤްވާމީ ކޮންވެންޝަންތަކުގައިވެސް މިދިޔަ އަހަރު ބައިވެރިވެފައިވޭ.

                                                                           ދައުލަތުގެ ސިޔާސަތު

ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ކުރިއަށްއޮތް އަހަރުވެސް ދައުލަތުގެ ސިޔާސަތު ބިނާކުރަމުން ގެންދާނީ، ވޭތުވެދިޔަ އަހަރުތަކުގައިވެސް ދައުލަތުގެ ސިޔާސަތު ބިނާކުރަމުން އައިސްފައިވާ އަސާސްތަކުގެ މައްޗަށް. އޭގެ އެންމެ މުހިންމު އެއް އަސާސަކީ، ރާއްޖޭގެ ފަޚްރެއް ކަމުގައިވާ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން. އަނެއް އަސާސަކީ، އަޅުގަނޑުމެންގެ ހެޔޮ ނަޞީބު ކަމުގައިވާ އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތަކުގެ މަތީން، އަޅުގަނޑުމެންގެ މުޖްތަމަޢުގެ ކަންތައްތައް އިޞްލާޙުކުރަމުން ގެންދިޔުން. މިދެންނެވި މައިގަނޑު ދެ އަސާސްގައި ސާބިތުވެ ތިބުމާއެކު، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގެމަތިން ރާއްޖޭގެ ކަންތައްތައް ތަރައްޤީކުރުމަށް މަސައްކަތްކުރުން އެއީވެސް ދައުލަތުގެ ސިޔާސަތުގެ ވަރަށް މުހިންމު އަސާސެއް. ހަމައެހެންމެ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާ އެކަށީގެންވާ މިންވަރުން ކަންތައްތަކުގައި ބައިވެރިވެ، ރާއްޖެއަށް ރީތިނަމާއި ޝަރަފު ލިބޭނޭގޮތަށް ޙަރަކާތްތެރިވަމުންދިޔުމަކީވެސް ދައުލަތުގެ ސިޔާސަތުގެ މުހިންމު އަސާސެއް.

މިއަސާސްތަކުގެ މައްޗަށް ބިނާކުރެވޭ ސިޔާސަތެއްވާނީ، ތިޔަ ޢިއްޒަތްތެރި މަޖްލިސްގެ ތާއީދާއި ތަރްޙީބު ލިބޭނޭ ސިޔާސަތަކަށްކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން. އަދި އެފަދަ ސިޔާސަތެއްވާނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އެއްބާރުލެއްވުން ލިބޭނޭ ސިޔާސަތަކަށްކަމާމެދަކުވެސް، އަޅުގަނޑުގެ ހިތުގައި ސުވާލެއް ނުއުފެދޭ.

ދައުލަތް ހިންގުމުގެ ދާޚިލީ ސިޔާސަތެއް ކަމުގައި ކުރިއަށް އޮތް އަހަރުވެސް ވާނީ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޢަދްލު އިންޞާފު ޤާއިމުކޮށް، ޤާނޫނުގައިވާ ގޮތުގެމަތިން، ރައްޔިތުންނަށް ލިބިފައިވާ އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުން. އަދި އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރިއަށްދިޔުމުގެ އިތުރު ފުރްޞަތުތައް ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރުން.

ދައުލަތުގެ ދާޚިލީ ސިޔާސަތުގެ އަނެއްބަޔަކަށްވާނީ، ރާއްޖޭގެ ރައްޔިތުންނަކީ، ދީނަށް ޙުރްމަތްތެރިކޮށްހިތާ، ވަޒަންދެކެ ލޯބިވާ، އިޖްތިމާޢީގޮތުން ހޭލުންތެރިކަން އުފެދިފައިވާ، އިޤްތިޞާދީ ގޮތުން ކެރިފޯރާ ބަޔަކަށް ހެދޭތޯ މަސައްކަތްކުރުން. اللّـه سبحانه وتعالى އަޅުގަނޑުމެން ދިވެހީންނަށް ދެއްވާފައިވާ އެންމެ މަތިވެރި ނިޢްމަތް، އާދެ! އެއްބަހަކުން ވާހަކަދައްކާ، އެއް ނަސްލަކުން އައިސްތިބި، އެއްދީނެއްގެ އަހުލުވެރީން ކަމަށްވުމުގެ ނިޢްމަތަށްޓަކައި އެކަލާނގެ ޙަޟްރަތަށް ޝުކުރުކޮށް، ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަން ދެމެހެއްޓުމަށް މަސައްކަތް ކުރުން. އަދި އެމަތިވެރި ނިޢްމަތަށް ގެއްލުން ދިނުމަށްޓަކައި، ރާއްޖޭގެ ބޭރުންނަމަވެސް، ނުވަތަ އެތެރޭން ނަމަވެސް، އަތުވެދާނެ ޙަމަލާއަކުން ދިފާޢުވުމަށްޓަކައި އަޅަންވީ ފިޔަވަޅުތައް އަޅަމުންގެންދިޔުން.

ކުރީ އަހަރުތަކެކޭ އެއްފަދައިން، މިއަހަރުވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއްބަޔަކަށްވާނީ، ވަކިފަރާތަކަށް ނުޖެހުން. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރްމަތްތެރިކޮށްހިތުމާއެކު، ރާއްޖެއާ ރަޙްމަތްތެރިކަން އުފައްދަން އެދޭ ޤައުމުތަކާ އެކުވެރިކަން އުފެއްދުން. ޚާއްޞަކޮށް، އިސްލާމީ ޤައުމުތަކާއި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުން.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަނެއްބަޔަކަށްވާނީ، ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މިނިވަންކަމަށްޓަކައި މަސައްކަތްކުރާ މީހުންނަށް ތާއީދުކުރުން. ޚާއްޞަގޮތެއްގައި، ފަލަސްޠީނުގެ ރައްޔިތުން، އެމީހުންގެ ޙައްޤުތައް ހޯދުމަށް ކުރާ މަސައްކަތްތަކަށާއި، ޢަރަބީން އަތުން އިޒްރޭލް ހިފާފައިވާ ބިންތައް މިނިވަންކުރުމަށް ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުން ކުރާ މަސައްކަތްތަކުގައި މަޢުނަވީގޮތުން ބައިވެރިވުން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޞުލްޙައާއި ޢަދްލު އިންޞާފު ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ތާއީދުކުރުން.

 ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ވޭތުވެދިޔަ އަހަރު ދައުލަތުގެ ކަންތައްތައް ހިނގިގޮތާއި ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާކުރަން ޤަޞްދުކުރާގޮތް، ދެންމެ މިދެންނެވީ.

މިފުރްޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޤައުމުގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ކުރިއަރައި ތަރައްޤީވަމުންދިޔުމުގެ ވަސީލަތަކީ، ހަމައެކަނި ކަނޑައެޅޭ ސިޔާސަތެއް ނޫނޭ. އޭގެއިތުރަށް، އެކަމަށް ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތަކަށް ވާނީ، ޤައުމުގައި އޮންނަ ހަމަޖެހުމާއި ޞުލްޙަމަޞްލަޙަތު ދެމެހެއްޓުންކަން އަޅުގަނޑުމެން ޤަބޫލުކުރަންވާނެއޭ. ކަން މިހެން ހުރިއިރު، އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ޚިޔާލުގެ ތަފާތުވުންތައް އެއީ، މުޅި ޤައުމުގައި ހަމަނުޖެހުން އުފެދޭ ކަންތައްތަކަކަށް ވިޔަނުދިނުމަށްޓަކައި، އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަންވާނެ. އަދި އެފަދަ ކަންތައްތަކަކީ، ބޭރުމީހުންނާއި ބޭރުގެ ޖަމާޢަތްތަކާއި ބޭރުގެ ސަރުކާރުތަކާ ހަމައަށްނުގޮސް، އަޅުގަނޑުމެން އަމިއްލައަށް އޭގެ ޙައްލެއް ހޯދާ ކަންތައްތައް ކަމުގައި ވާންވާނެ. މިދެންނެވި ކަންތައްތަކަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ދެމެހެއްޓުމުގައި ކޮންމެހެން ބޭނުން ކަންތައްތަކެއް ކަމުގައި އަޅުގަނޑު ދެކެން.

ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ދިވެހި ފަސްގަނޑަކީ، އެންމެހައި ދިވެހި ރައްޔިތުން ދިރިއުޅެން އޮތްތަން. އެ ފަސްގަނޑު ހިމެނިގެންވާ ޤައުމުގައި ދިވެހި ކޮންމެ ރައްޔިތެއްގެ ޙައްޤުވެސްވޭ. އަދި އެފަސްގަނޑަކީ، އެތަނެއްގައި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތައް ބާއްޖަވެރި ޙަޔާތެއް ޤާއިމުކޮށް، ﷲ މިންވަރު ކުރައްވާ ގޮތެއްގެމަތިން އެމީހެއްގެ އަޖަލު ހަމަވުމުން މަރުވެގެން ދާންވެސް އޮތްތަން. އެހެންކަމުން، މި ދިވެހި ފަސްގަނޑަށްޓަކައި ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ވަރަށް ޚާއްޞަ ލޯތްބެއް އޮންނަންވާނެ ކަމަށް އަޅުގަނޑު ދެކެން. އަދި ޤައުމު ބިނާކޮށް ތަރައްޤީކުރުމުގައި ކޮންމެ ދިވެއްސަކުވެސް އެމީހެއްގެ ޙިއްޞާ ފުރިހަމައަށް އަދާކުރަންވާނެކަމަށް އަޅުގަނޑު ދެކެން.

އަޅުގަނޑުމެންގެ މި ދިވެހި ޤައުމުގެ ލޮބުވެތި ރައްޔިތުންގެ މެދުގައި ޞުލްޙަވެރިކަމާއި މަޞްލަޙަތު އަބަދުވެސް ދަމަހައްޓައި، ޚިޔާލުގެ ތަފާތުވުންތަކާއި ދެބަސްވުންތަކުގައިވެސް އަމިއްލަގޮތް ދޫކޮށްލައި، ޤައުމުގެ އެއްބައިވަންތަކަމަށް އިސްކަންދިނުމަށް ބޭނުންވާ ހެޔޮވިސްނުމާއި ތައުފީޤު، ތިޔަ ޢިއްޒަތްތެރި މަޖްލިސަށާއި، ދިވެހި ރައްޔިތުންނަށާއި، އަޅުގަނޑަށް ދެއްވުން އެދި، މާތްﷲގެ ޙަޟްރަތަށް ދުޢާކުރާ ޙާލު،

އެކަލާނގެ އިސްމުފުޅުގެ ބަރަކާތުން، ޤާނޫނު ނަންބަރު 1/68ޖ. ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 1991 ވަނަ އަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމުގެ އުފަލާއި ޝަރަފު ލިބިގަންނަން.

رَبَّـنَا آتِنَـا مِن لَّدُنْكَ رَحْمَةً وَهَـيِّءْ لَنَا مِنْ أَمْرِنَا رَشَدًا. رَبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ اْلمَصِيرُ.

وَالسَّلاَمُ عَلَيكُمْ وَرَحْمَةُ اْللَّـهِ وَبَركَاتُهُ.