بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.
އާދެ، ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން ޢިމާރާތްކުރެވުނު އެފް.އޭ.އެމް.ހައުސް، މި ޢިމާރާތާއި އަދި އާޓިފިޝަލް ފުޓްބޯޅަ ދަނޑު ރަސްމީގޮތުން ހުޅުވައިދިނުމުގައި ބައިވެރިވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޝައްކެއްނެތް، މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވަރަށް މުހިންމު މުނާސަބަތެއް. ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައިވެސް ވަރަށް މުހިންމު ދުވަހެއް. އެހެންކަމުން، މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ކަމާބެހޭ ވަރަށް ގިނަ ބޭފުޅުންނަށާއި، ފަރާތްތަކަށް އަޅުގަނޑު، ދަންނަވަން. އޭގެ އެންމެ ފުރަތަމަ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިރޭގެ މި އުފާވެރި ޙަފްލާގައި ފީފާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ، ފީފާ ގޯލް ބިއުރޯގެ ޗެއަރމަން އަދި އޭ.އެފް.ސީ.ގެ ރައީސް މުޙަންމަދު ބިން ހައްމާމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވައި، ޝުކުރު ދަންނަވަން. ހަމައެއާއެކު، މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް އަލްފާޟިލް އިބްރާހީމް މަނިކަށާއި، ކުރީގެ ކުޅިވަރާބެހޭ ވަޒީރު ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނަށާއި، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޗެއަރމަން އަލްފާޟިލް ޢަބްދުއްޝަކޫރަށާއި، ފުޓްބޯޅަ އެސޯސިއޭޝަންގެ އެހެން ވެރިންނަށާއި، މިނިސްޓްރީ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، ރާއްޖޭގެ ހުރިހާ ކްލަބްތަކަށާއި، ފުޓްބޯޅަ ކުޅޭ ހުރިހާ ކުޅުންތެރިންނަށް މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން.
އާދެ، ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން މާލޭގައި އެފް.އޭ.އެމް. ހައުސްއާއި، އާޓިފިޝަލް ފުޓްބޯޅަ ދަނޑެއް ހައްދަވައި ދެއްވިކަން އެއީ، ފީފާގެ ފަރާތުންނާއި، އޭ.އެފް.ސީ.ގެ ފަރާތުން ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްޤީއަށް ވެދެއްވާ ވަރަށް ދީލަތި އަދި ވަރަށްބޮޑު އެހީއެއް. އެހެންކަމުން، އެކި ޤައުމުތަކުގައި ފުޓްބޯޅަ ތަރައްޤީކުރެއްވުމަށް ފީފާއިން ޚާއްޞަ މަޝްރޫޢެއް އެކުލަވައިލައްވައި، މި މަޝްރޫޢުގެ ދަށުން ރާއްޖެއަށް އެހީވެދެއްވާގޮތަށް ހަމަޖައްސަވައިދެއްވި ކަމަށްޓަކައި، ފީފާގެ ރައީސް ޖޯސެފް ބްލެޓަރަށާއި، ފީފާ ގޯލް ބިއުރޯގެ ޗެއަރމަން އަދި އޭ.އެފް.ސީ.ގެ ރައީސް އަދި މިރޭ އަޅުގަނޑުމެންގެ ވަރަށް ޢިއްޒަތްތެރި މެހްމާނެއް ކަމުގައިވާ، މިސްޓަރ މުޙަންމަދު ބިން ހައްމާމަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. މި ފުރުޞަތުގައި، ކުރީގެ މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނަށާއި، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޗެއަރމަންގެ މަޤާމުގައި ކުރިން ހުންނެވި އަދި މިހާރުގެ މިނިސްޓަރ އޮފް ޔޫތު އަލްފާޟިލް އިބްރާހީމް ޙުސައިން މަނިކަށްވެސް ޝުކުރު ދަންނަވަން. އަދި ފީފާ ޑިވެލޮޕްމަންޓް އޮފިސަރ ދާތޯ ޕޯލްމަނީ ސެމިއުލަށާއި، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، އަމިން ކޮންސްޓްރަކްޝަންގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ މުޙަންމަދަށާއި، ކޮންސަލްޓެންޓް ގްރޫޕް އެކްސަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، މިރޭގެ މި އިޙްތިފާލުގައި ފީފާގެ ފަރާތުން، ފީފާ ގޯލް ބިއުރޯގެ ޗެއަރމަން އަދި އޭ.އެފް.ސީ.ގެ ރައީސް މިސްޓަރ މުޙަންމަދު ބިން ހައްމާމް ބައިވެރިވެވަޑައިގަންނަވާކަން އެއީ، މި އިޙްތިފާލަށް ލިބޭ ވަރަށްބޮޑު ފުރިހަމަ ކަމެއް. އާދެ، މިސްޓަރ މުޙަންމަދު ބިން ހައްމާމަކީ، ފީފާގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަދި މިހާރުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެއް. ޤަޠަރުގެ ފުޓްބޯޅަ ތަރައްޤީ ކުރެއްވުމަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވައި، އެކަމުގެ ކާމިޔާބީ ޙާޞިލްކުރައްވާފައިވާ ބޭފުޅެއް. އާދެ، ޤަޠަރުގެ ރައްޔާން ކްލަބްގެ ރައީސަކަށް އޭނާ ހުންނެވި ދުވަސްވަރު، އެ ކްލަބުންވަނީ އެ ޤައުމުގެ ލީގް ޗެމްޕިއަންޝިޕް، ވަރަށް ގިނަ އަހަރުތަކެއް ވަންދެން ހޯދާފައި. އަދި 1980ގެ އަހަރުތަކުގެ ތެރޭގައި އަޅުގަނޑު ޤަޠަރަށް ކުރި ރަސްމީ ޒިޔާރަތުގައި އަޅުގަނޑަށްވަނީ، މިސްޓަރ ހައްމާމާ ބައްދަލުވުމުގެ އުފާ ލިބިފައި. އަދި އޭނާއަކީ، އޭރުއްސުރެ އަޅުގަނޑު ދަންނަ ބޭފުޅެއް. އަޅުގަނޑަށް ދަޢުވަތު ދެއްވައިގެން، އޭނާ ހިންގަވާ ކްލަބަށްދިޔަ ހަނދާން އަޅުގަނޑު އެބަހުރި. އެތާނގައި އެދުވަހު ކްރިކެޓް މެޗެއްވެސް ބޭއްވި. ކޮންމެއަކަސް، މިސްޓަރ މުޙަންމަދު ބިން ހައްމާމަކީ، އެ ސަރަހައްދުގަޔާއި، އަދި ދުނިޔޭގައި މިހާރު ވަރަށް ގިނަ މީހުން ދަންނަ، ކުޅިވަރާބެހޭ ވަރަށް ވަރުގަދަ ޝަޚްޞިއްޔަތެއް. އޭނާގެ ޚިދުމަތް މިހާރު މިދަނީ މުޅި ސަރަޙައްދަށް ލިބެމުން. ހަމައެހެންމެ، ފީފާއަށްވެސް ލިބެމުން.
ރާއްޖޭގެ ފުޓްބޯޅަ އެއްދުވަހުން އަނެއްދުވަހަށް މިދަނީ ތަރައްޤީވަމުން، ކުރިއަރަމުން. ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީވަމުންދާ ދިޔުމުގައި، ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ ކްލަބްތަކާއި، ރާއްޖޭގެ ކުޅުންތެރިންނާއި އަދި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނާއި އަދި ރާއްޖޭގެ ސަރުކާރުން އެ ވަމުންގެންދާ ޙިއްޞާއަކީ ވަރަށް މުހިންމު ޙިއްޞާތަކެއް. ހަމައެހެންމެ، ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރުމަށްޓަކައި، ފީފާގެ ފަރާތުންނާއި އަދި އޭ.އެފް.ސީ.ގެ ފަރާތުން ލިބެމުންމިދާ އެހީތަކަކީވެސް އަޅުގަނޑުމެން ފުޓްބޯޅަ ތަރައްޤީކުރުމުގައި ވަރަށް ބޮޑު ބާރަކަށް ވެގެންދާ ކަމެއް.
އާދެ، މި ރާއްޖޭގެ ރައްޔިތުން، އަދި ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ މީހުންނާއި، ކްލަބްތަކާއި، ފުޓްބޯޅަ ކުޅުންތެރިންނާއި، އެސޯސިއޭޝަނާއި، ސަރުކާރާއި އަދި ޚަބަރުފަތުރާ ވަސީލަތްތަކާ، މި ހުރިހާ ފަރާތްތަކެއް ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރަމުން މި ގެންދާ މަސައްކަތުގެ ނަތީޖާއަކަށްވަނީ މިއަދު އަޅުގަނޑުމެންނަށް ކޮންމެވެސްވަރެއްގެ ކާމިޔާބީތަކެއް، މި ސަރަޙައްދުގައި ޙާޞިލްވަމުންދިޔުން. ޝައްކެއްނެތް، މިކަމަކީ މިހާރު މި ސަރަޙައްދުގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމެއް. ރާއްޖޭގެ ޤައުމީ ޓީމަކީ، މި ސަރަޙައްދުގެ ޤައުމުތަކުގެ ޓީމުތަކާ އަޅައިބަލާއިރު، އެ ޓީމުތަކާ ވާދަކުރެވޭވަރުގެ ޓީމަކަށްވަނީ ވެފައި. އަދި ވަރަށް ގިނަ މެޗްތަކުގައި އެފަދަ ޓީމުތައް ބަލިކޮށް، ކާމިޔާބީތަކެއް ހޯދާފައިވާ ޓީމަކަށްވެސް މިހާރުވަނީ ވެފައި. ފީފާގެ އެންމެފަހުގެ ތަރުތީބު އާދެ، ފުޓްބޯޅަ ރޭންކިންގ ބުނާގޮތުގައި، ރާއްޖެ މިހާރު ހިމެނެނީ މި ސަރަޙައްދުގެ ޤައުމުތަކުގެ އެންމެ ކުރީގައި. އާދެ، މި ސަރަޙައްދުގެ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށްވުރެ ކުރީގައި. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތައް، އާދެ، ވަރަށް އާބާދީބޮޑު، ވަސީލަތްތައް ގިނަ، ފުޓްބޯޅަ ތަރައްޤީކުރުމަށް ރާއްޖެއަށްވުރެން ހުރިހާ ގޮތަކުންވެސް މަގުފަހިވެފައިވާ ޤައުމުތަކަށްވުރެ، ރާއްޖެ މިއަދު މިވަނީ ފީފާ ރޭންކިންގގައި ކުރި ހޯދާފައި. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި މި ކާމިޔާބީ ރާއްޖެއަށް ޙާޞިލްކޮށްދެއްވި ހުރިހާ ފަރާތްތަކަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، އިއްޔެ 2006 ވަނަ އަހަރުގެ ވާރލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު މެޗްގައި، ކޮރެއާގައި ކުޅުނު މެޗްގައި، ރާއްޖެ ބަލިވިކަމުގައިވިޔަސް، އަޅުގަނޑު ހިތުން އެ މެޗްގެ ނަތީޖާއަކީ އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ ނަތީޖާއެއް. އެއީ، ކުރިއަރާފައިވާ އެފަދަ ޤައުމެއްގައި ކުޅެ، އަދި މޫސުމުގެ ގޮތުންވެސް އެހާ ތަފާތު ތަނެއްގައި ރާއްޖޭގެ ޤައުމީ ޓީމު ކުޅެ، އެފަދަ ހިތްވަރެއްކުރިކަމީ، އަދި އެންމެ ދެގޯލުގެ ތަފާތަކުން ކޮރެއާ މޮޅުވިކަން އެއީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އެހެންވީމާ، މިފަދަ ކާމިޔާބީތައް ޙާޞިލްވަމުން މިދަނީ ރާއްޖޭގެ ކްލަބްތަކާއި، ކުޅުންތެރިންނާއި، އެސޯސިއޭޝަނާއި އަދި ޚަބަރުފަތުރާ ވަސީލަތްތަކާއި، ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށްވާތީ، އެ ހުރިހާ ފަރާތްތަކަކަށް މިކަމުގެ ތަޢުރީފު ޙައްޤުވާކަމުގައި އަޅުގަނޑު ދެކެން.
އާދެ، ރާއްޖޭގެ ފުޓްބޯޅަ ކުރިއަރަމުންދާ ދިޔުމުގައި، ރާއްޖޭގެ ކްލަބްތަކުގެ ޙިއްޞާ ވަރަށްބޮޑު. އެހެންވީމާ، އެ ކްލަބްތަކުން އެ ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ކްލަބްތަކުގެ މަސްއޫލުވެރިންނަށާއި، ހިންގަވާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، މިރޭ މި ހުޅުވޭ އެފް.އޭ.އެމް. ހައުސްގައި، 1 ވަނަ ޑިވިޜަންގެ ކޮންމެ ކްލަބަކަށް މިޒަމާނުގެ އޮފީހަކާއި، އޮފީސް އެޑްމިނިސްޓްރޭޓަރެއް ދޭގޮތަށް ވަނީ ހަމަޖެހިފައި. އަދި 1 ވަނަ ޑިވިޜަންގެ ކްލަބްތަކަށް މި ޚިދުމަތްތައް ދޭން ސަރުކާރުން ނިންމީ، ރާއްޖޭގައި ފުޓްބޯޅަ ތަރައްޤީކުރުމުގައި، ސަރުކާރުގެ ޙިއްޞާއާ އެއްވަރުގެ ޙިއްޞާއެއް ކްލަބްތަކުން ނުލިބި ފުޓްބޯޅަ ކުރިއެރުމަކީ ދަތިކަމަކަށްވާނެތީ. އެހެންކަމުން، ކްލަބްތަކުގެ ހިންގުން ހަރުދަނާކޮށް، ފުޓްބޯޅަ ކުރިއެރުވުމުގައި ކްލަބްތައް ފުރިހަމައަށް ބައިވެރިވުމުގެ މުހިންމުކަން ސަރުކާރަށް ވަޒަންކުރެވޭތީ. މިކަން މިހެން އޮތުމާއެކު، ކްލަބްތަކުން މި އޮފީސްތަކުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ކްލަބްތަކުގެ ހިންގުން ހަރުދަނާވަމުންދިޔަވަރަކަށް، ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު އެ ހިންގަވާ ޒުވާނުން ތަރައްޤީކުރުމުގެ ޕްރޮގްރާމްތަކުގެ މަސްއޫލިއްޔަތުން ބައެއް، ކްލަބްތަކާވެސް ޙަވާލުކުރާގޮތަށްވަނީ ޤަޞްދުކުރެވިފައި. އަދި މިފަދަ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ފައިސާއާއި ތަކެތީގެ އެހީ، ކޮންމެ އަހަރަކުވެސް ކްލަބްތަކަށް ވަކި އުޞޫލެއްގެ މަތިން ދިނުމަށްވެސް މިހާރުވަނީ ޤަޞްދުކޮށްފައި. ކްލަބްތަކަށް މިހާރު ދިމާވެފައިވާ ފައިސާގެ ދަތިކަން ޙައްލުކުރުމުގައި ސަރުކާރުންދަނީ ވިސްނަމުން. މިހާރުވެސް ކްލަބްތަކަށް ސަރުކާރުން ފައިސާގެ އެހީ ވަމުންގެންދޭ. އެހެންނަމަވެސް، މިހާރު ވަމުންގެންދާ އެހީތަކުން ކްލަބްތަކުގެ ޚަރަދުތަކުން ބައެއްވެސް ފޫނުބެއްދޭތީ، އެކަމާ ދޭތެރޭގައި މިހާރު ސަރުކާރުން މިގެންދަނީ ފުންކޮށް ވިސްނަމުން. މި ދަނޑިވަޅުގައި ކްލަބްތަކުންވެސް ޚަރަދުކުރުމުގައި ހަރުދަނާ މިންގަނޑެއް ގެންގުޅުއްވައި، އެ މިންގަނޑުގެ ދަށުން ޚަރަދުކުރައްވަމުން ގެންދެވުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އިނގިރޭސި ބަހުން ކޮންމެވެސް އެއްޗެއް ދަންނަވާލަން ބޭނުންވާކަމަށް އަޅުގަނޑަށް ފެނޭ. އެއީ، އަޅުގަނޑުމެންގެ ޢިއްޒަތްތެރި މެހްމާނަކަށް އަޅުގަނޑުމެން މި ދައްކާ ބަހުން، މި ދައްކާ ވާހަކަ މާރަނގަޅަކަށް ވިސްނިވަޑައެއްނުގަންނަވާނެ. އެހެންވީމާ، ދެތިންބަހެއް ނަމަވެސް، އިނގިރޭސި ބަހުން ދަންނަވާލުމަށް އަޅުގަނޑު ކުރިމަތިލަން.
It is a great pleasure for me to welcome Mr. Mohammed bin Hammam, who is the chairman of FIFA Goal Bureau as well as the President of the Asian Football Confederation. I would like to extend a very warm welcome to him, on behalf of all football loving people of this country. And also on behalf of the Government and the football association and the players.
Mr. Mohammed bin Hammam is a dynamic sporting personality. Well known in the region, as well as internationally. His efforts to develop football in his own country, Qatar and sports in general in that brotherly country have contributed towards promoting football and sports in Qatar.
We know that Qatar is a very advanced country, regionally in football. They have a very strong team and they have achieved many successes in the International arena. I am sure that Mr. Hammam’s efforts have contributed a great deal towards achieving that success. I would like to thank Mr. Mohammed bin Hammam personally for his involvement in promoting football in this country, and for providing assistance to us from FIFA to implement FIFA Goal project in this country. And also I would like to thank him for his efforts as the President of the Asian Football Confederation. I am sure that he is going to have a very successful tenure as President of the AFC, and as an executive member of FIFA. I wish him good fortune and luck in his important duty.
Mr. Mohammed bin Hammam is an old friend of mine. I don’t mean that he is old. As you can see, he is in the prime of his youth. What I mean is that I have known him for many many years. When I visited Qatar some twenty years ago I met him. And he was kind enough to invite me to his club, the Rayyan Sports Club. And I watched a cricket match being played there, under the chairmanship of Mr. Mohammed bin Hammam. His club achieved the championship of Qatar League for many years, and in fact, not only football, but other sports activities in Qatar has benefited from his services. As I mentioned just now, his club plays cricket as well as football. Cricket is a game that is loved by many people in this region. But it is not a popular game in the Gulf area. But now it is becoming popular because of efforts of people like Mr. Mohammed bin Hammam.
So I would like to thank Mr. Mohammed bin Hammam for taking his time off to come from his very busy schedule to visit us in Male’, and to share with us his views and to express his hopes for our success in football and also to participate in this very important ceremony tonight.
Thank you, Mr. Mohammed bin Hammam.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ދިވެހިރާއްޖޭގެ ފުޓްބޯޅައަށް އިތުރު ކުރިއެރުމަށް އުންމީދުކުރަމުން، އެދެމުން. އަދި ރާއްޖޭގެ ކްލަބްތަކަށާއި، ފުޓްބޯޅަ ކުޅުންތެރިންނަށް، ކުރިއަށްއޮތްތާނގައި އިތުރު ކާމިޔާބީތައް ހޯދުމުގެ މަގުފަހިވުން އެދެމުން. ހަމައެހެންމެ، ރާއްޖޭގެ ކުޅިވަރު އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުންދާ ތަން ފެނުމުގެ އުންމީދު ތިޔަ އެންމެ ބޭފުޅުންނާ ޙިއްޞާކޮށްލަމުން.
والسّلام عليكم ورحمـة اللّـه وبركاته.