ޕްރެޒެންޓަރ:

އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އަޅުގަނޑުމެންގެ ޕްރޮގްރާމްގައި ދީނީ މަޢުލޫމާތުކޮޅެއް ދެއްވުމަށް ވަޑައިގެން ދެއްވީތީ، އެ މަނިކުފާނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، މައުޟޫޢާއިގެން ކުރިއަށްދާނަން.

އާދެ، އަޅުގަނޑުމެންގެ ފުރަތަމަ ސުވާލަކީ، އިސްލާމްދީނުގައި އިޖްތިހާދަކީ ކޮބައިތޯ؟ އެހެންވީމާ، އިޖްތިހާދުގެ މާނައަކީ ކޮބައިކަން ވިދާޅުވެދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޢަރަބިބަހުގައި އިޖްތިހާދުގެ މާނައަކީ، ގަދައަޅައި މަސައްކަތްކުރުން. އެއީ ބަހުގެ މާނަ. އެހެންނަމަވެސް، އިސްލާމީ އުޞޫލަށް ބަލާއިރު، އިޖްތިހާދުގެ މާނައަކީ، މައްސަލައަކާ ބެހޭގޮތުން އިސްލާމީ ޙުކުމެއް ހޯދުމަށްޓަކައި، އެކަމަށް ހަމަޖެހިފައިވާ އުޞޫލުތަކުގެ މަތިން ގަދައަޅައި މަސައްކަތްކުރުން. އެއީ އިޖްތިހާދުގެ މާނަޔަކީ.

ޕްރެޒެންޓަރ:

ދެން އިޖްތިހާދުގެ މާނަ އަޅުގަނޑުމެންނަށް ވިދާޅުވެ ދެއްވައިފިން. އަޅުގަނޑު ހިތަށްއަރާ ސުވާލެއް އެބައޮވޭ. އެއީ އިޖްތިހާދު ކުރުމަކީ، ކޮންމެކޮންމެ މީހަކަށްވެސް އޮތް ކަމެއްބާވައޭ، ނުވަތަ އިޖްތިހާދު ކުރެވޭނީ ވަކި ޚާއްޞަ ބަޔަކަށްބާވައޭ. ކީކޭތޯ މި ސުވާލުގެ ޖަވާބުގައި ވިދާޅުވާނީ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޝައްކެއްނެތް، އިޖްތިހާދު ކުރެވޭނީ ޚާއްޞަބަޔަކަށް. އެކަމުގެ ޝަރުޠުތައް ފުރިހަމަވެފައިވާ މީހުންނަށް. އިޖްތިހާދަކީ ވަރަށްބޮޑު މަސައްކަތެއް. އެއީ، ކީރިތި ޤުރްއާނާއި، މާތްރަސޫލާގެ ސުންނަތަށް ވިސްނާފައި އަދި ދެންވެސް ހުރި ޝަރްޢުގެ އެހެން ދަލީލުތަކާ ދޭތެރޭގައި ވިސްނާފައި، މައްސަލައަކާ ބެހޭގޮތުން ދީނުގެ ޙުކުމް ބަޔާންކުރުން. އެއީ ވަރަށްބޮޑު ކަމެއް. ވަރަށް މުހިންމު މަސްއޫލިއްޔަތެއް.

އެހެންވީމާ، އެ މަސްއޫލިއްޔަތު އަދާކުރެވޭނީ އެކަމަށް ތައްޔާރުވެފައި ތިބޭ މީހުންނަށް. މި ދެންނެވީ ޢިލްމީގޮތުން، ވަކިފެންވަރަކަށް ކިޔަވައިގެން ތިބޭ މީހުންނަށް. ކީރިތި ޤުރްއާނުގައިވާ ޙުކުމްތަކާބެހޭ އާޔަތްތައް ރަނގަޅަށް ދަންނަންޖެހޭނެ. ކީރިތި ރަސޫލާގެ ސުންނަތުގައިވާ ޙުކުމްތަކާބެހޭ ޙަދީޘްތައް ރަނގަޅަށް ދަންނަންޖެހޭނެ. ދަންނަބޭކަލުން އިޖްމާޢު ކުރައްވާފައިވާ ކަންތައްތައް ދަންނަންޖެހޭނެ. އަދި ޤިޔާސްގެ އުޞޫލުވެސް، އެއީ، ކިހިނެއް ކުރެވޭ ކަމެއްކަން، އަދި ޝަރްޢުގެ އެހެން ދަލީލުތައްވެސް، އެ ބޭނުންކުރާ އުޞޫލުތައް ރަނގަޅަށް ދަންނަންޖެހޭނެ. އަދި ޢަރަބިބަސްވެސް ވަރަށް ފުރިހަމަޔަށް ދަންނަންޖެހޭނެ. އެއީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތް އަޅުގަނޑުމެންނާ ހަމައަށް ވާރިދުވެފައި މިވަނީ ޢަރަބިބަހުން.

އެހެންވީމާ، ޢަރަބިބަހުގެ ލަފްޒުގެ މާނަތަކާއި، ޢަރަބިބަހުގެ ޢިބާރާތް ކުރެވޭގޮތުން އެ މާނައަށް އަންނަ ބަދަލާއި، މިހެންގޮސް ބަހުގެ އަދަބާއި ބަލާޣަތުގެ ހުރިހާ ކަމެއްވެސް، އެމީހަކަށް ވަރަށް ރަނގަޅަށް އެނގެންޖެހޭނެ. މި ހުރިހާ ޝަރުޠު ފުރިހަމަވެފައިވާ މީހަކަށް ނޫނީ، އިޖްތިހާދު ކުރުމުގެ ޙައްޤެއް ނޯންނާނެ.

ޕްރެޒެންޓަރ:

ދެން ޤައުމެއްގައި ވަކި މަޛްހަބަކަށް ކަންތައްތައް، ދީނީ ކަންތައްތައް، ޚާއްޞަކޮށް، އަޅުކަމުގެ ކަންތައްތައް ހިނގަމުންދާއިރުގައި، އިޖްތިހާދުކޮށްގެން އެހެން މަޛްހަބަކަށް ތަބަޢަވެ، އެ މަޛްހަބާ އެއްގޮތަށް ކަންތައް ގެންދިޔުމާ ބެހޭގޮތުން ވިދާޅުވަނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޞްލުގައި މަޛްހަބަކީ ޢިލްމުވެރިންގެ ރައުޔު. މިވެނި ކަމެއްގައި މިވެނި ބޭފުޅެއްގެ މަޛްހަބަކީ، މިއޭ ބުނެވޭ ބަހުގެ މާނައަކީ، އެކަމެއްގައި އެބޭކަލަކު ދެކެވަޑައިގެންނެވި ގޮތް. އެބޭކަލެއްގެ ރައުޔު ނުވަތަ ޚިޔާލުފުޅު. އެހެންވީމާ، އެއީ މަޛްހަބަކީ. އަޅުގަނޑުމެން ވަކި މަޛްހަބަކަށް ތަބަޢަވާންޖެހެނީ، އެއީ ގިނަ މީހުންނަށް އެނގެނީ އެގޮތް ކަމަށްވާތީ. ޢިލްމުވެރިންގެ މެދުގައި އަޅުކަމުގެ ކަންތައްތަކުގައިވެސް ތަފާތު ހުންނަ، ވަރަށް ގިނަ މައްސަލަތައް ހުރޭ. އެހެންނަމަވެސް، ކޮންމެ އިމާމަކުވެސް އެބޭފުޅެއްގެ ޙުކުމް ނަންގަވާފައި އެވަނީ ކީރިތި ޤުރްއާނުން ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުން. އެހެންވީމާ، އެއިން ކޮންމެ ޙުކުމެއް ރައްދުވަނީ، މި ދެންނެވި ދެ އަޞްލުންކުރެ އަޞްލަކަށް. އެކަން އެހެންއޮތްއިރު، ކޮންމެ މަޛްހަބަކީވެސް ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވެފައި މިވާ ފިޤްހީ ހަތަރު މަޛްހަބަކީ ހަމަ ޞައްޙަ މަޛްހަބުތަކެއް. އެހެންނަމަވެސް، ޢާއްމުންނަށް އެނގެނީ، މިސާލަކަށް، އެއް މަޛްހަބު ކަމަށްވަންޏާ، ހުރިހާ ގޮތަކުންވެސް ފަސޭހަވެފައި މައްސަލަ ކުޑަވާނެ، އެ މަޛްހަބަކަށް ކަންތައްތައް ކުރަމުން ގެންދިޔައިއްޔާ.

އެހެންވީމާ، ރާއްޖޭގައިވެސް ހަމަޖެހިފައި މި އޮންނަގޮތަކީ، ޢާންމު ތަންތާނގައި ނަމާދުކުރާއިރު، ޝާފިޢީ މަޛްހަބުގައިވާ ގޮތަށް ނަމާދުކުރުން. އެއީ، ގިނަ މީހުންނަށް އެނގެނީ އެ މަޛްހަބު ކަމަށްވާތީ. ފަހަރެއްގައިވެސް އެއީ، ޝާފިޢީ މަޛްހަބަކީ، އެހެން ހުރިހާ މަޛްހަބަކަށްވުރެ މާމޮޅު މަޛްހަބެއް ކަމަށް ބަލައިގެނެއް ނޫން. ހުރިހާ މަޛްހަބުތައްވެސް އެއްވަރު. ހުރިހާ މަޛްހަބުތަކެއްވެސް ނެގިފައި މިވަނީ ޤުރްއާނުންނާއި ސުންނަތުން. އެކަމަކު އަމިއްލައަށް މީހަކު ގޭގައި ނަމާދުކުރާއިރު، އެމީހަކަށް އެނގިހުރި މިންވަރަކުން، އެނގިހުރި ގޮތަކަށް ކުރީމާ ޞައްޙަވާނެ. ކުރިންވެސް ދެންނެވިފަދައިން، އެއިން ކޮންމެގޮތަކީވެސް ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ގޮތެއް.

ޕްރެޒެންޓަރ:

ދެން އަދި އަޅުގަނޑު ހިތުގައި އުފެދޭ އެހެން ސުވާލެއް އެބައޮތް. އެއީ، ދީނުގައި އިޖްތިހާދު ކުރުން އެބައޮވޭ. އޮންނައިރު ކޮންމެކޮންމެ މައްސަލައެއްގައިވެސް އިޖްތިހާދު ކުރެވިދާނެބާއޭ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ނޫން. ކޮންމެ ކޮންމެ މައްސަލައެއްގައި އިޖްތިހާދެއް ނުކުރެވޭނެ. އިޖްތިހާދު ކުރެވޭނީ، ޤުރްއާނުގެ ޞަރީޙަ ޢިބާރާތުން، ނުވަތަ ކީރިތި ރަސޫލާގެ ޞައްޙަ ޙަދީޘެއްގެ ޞަރީޙަ ޢިބާރާތުން ވަކިގޮތަކަށް އަންގަވާފައި ނުވާ ކަންތައްތަކުގައި. ޤުރްއާނުގައި ކަނޑައެޅިގެން ވަކިގޮތަކަށް އަންގަވާފައިވާ ކަމެއްގައި އިޖްތިހާދު ކުރުމެއް ނޯންނާނެ. މިސާލަކަށް، ނަމާދު އެއީ ވާޖިބު އެއްޗެއްކަން، ރޯދަ ވާޖިބުކަން، މީހުން ޤަތުލުކުރުން، ޙައްޤަކާނުލައި ޤަތުލުކުރުން އެއީ، ޙަރާމް ކަމެއްކަން، ރިބާކެއުން ޙަރާމްކަން، ރާބުއިން ޙަރާމްކަން. މި ކަންތައްތައް މިހިރީ ކީރިތި ޤުރްއާނުގެ ނައްޞުން ނުވަތަ ޞަރީޙަ ޢިބާރާތުން އެނގެން.

އެހެންވީމާ، އެކަމާ ދޭތެރޭގައި އިޖްތިހާދު ކުރުމެއް ނޯންނާނެ. ހަމައެފަދައިން ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ޞަރީޙަ ޢިބާރާތުން އެނގެން ހުންނަ ކަންތައްތަކާ ދޭތެރޭގައިވެސް އިޖްތިހާދު ކުރުމެއް ނޯންނާނެ. މިސާލަކަށް، ނަމާދުގެ ރަކްޢަތްތަކުގެ ޢަދަދު ޤުރްއާނަކު ނެތް. ރަސޫލާގެ ސުންނަތުން މި އެނގެނީ މެންދުރު ނަމާދުގައި އޮތީ ހަތަރު ރަކްޢަތްކަން. ޢަޞްރު ނަމާދުގައި ހަތަރު ރަކުޢަތްކަން. ފަތިސް ނަމާދުގައި ދެ ރަކްޢަތްކަން އެނގެނީ ރަސޫލާގެ ސުންނަތުން. ޞަރީޙަ ޢިބާރާތުން އެއްވެސް ޚިލާފެއްނެތި އެނގެން އެބައޮތް. އެހެންވީމާ، އެކަމާ ދޭތެރޭގައި އިޖްތިހާދެއް ނުކުރެވޭނެ. އިޖްތިހާދު ކުރެވޭނީ ޤުރްއާނުން ނުވަތަ ސުންނަތުން ޞަރީޙަ ޢިބާރާތުން އެނގެން ނުހުންނަ ކަންތައްތަކާ ދޭތެރޭގައި.

ޕްރެޒެންޓަރ:

އާދެ! ޝުކުރިއްޔާ. އަޅުގަނޑުމެންގެ މި ޕްރޮގްރާމްގެ ބެލުންތެރިންނަށް، ދީނީގޮތުން މަޢުލޫމާތުކޮޅެއް ގެނެސްދެއްވީތީ، އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން އަދިވެސް އެއްފަހަރު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޝުކުރިއްޔާ.