ރައީސުލްޖުމްހޫރިއްޔާކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށާއި، ރިޓަޔަރމަންޓް ޕެންޝަން އިނާޔަތްތަކަށް އިޞްލާޙު ގެންނަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރެއްވުމަށްޓަކައި، ކަމާ ގުޅުންހުރި ޤާނޫނުތައް އިޞްލާޙުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަކުރެއްވުމަށްޓަކައި، ޤާނޫނުތަކާއި ޤަވާއިދުތަކަށް އިޞްލާޙު ގެނައުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، އެ ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ޤަވާއިދުތައް އިޞްލާޙުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.