بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيِّدنا محمّد وعلى آلـه وَصَحْبِـهِ أجمعـين.

ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން، "ދީމާ" ގްރޫޕާ ގުޅިވަޑައިގެން، މިއަހަރު ޙައްޖަށް ވަޑައިގަންނަވާ އެންމެހާ އަޚުންނާއި އުޚްތުންނާ ބައްދަލުކޮށްލުމުގެ މި އުފާވެރި ފުރުޞަތު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. ޙައްޖުވެރިންނާ ބައްދަލުކުރުމަކީ ނުވަތަ ޙައްޖަށްދާން ޤަޞްދުކޮށްގެން އެކަމަށް ކުރިމަތިލާ މީހުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް އަބަދުވެސް ވަރަށްބޮޑު އުފަލެއް ލިބޭ ކަމެއް. މިރޭ ތިޔަބޭފުޅުންނާ އަޅުގަނޑަށް މި ބައްދަލުކޮށްލެވެނީ، ދީމާ ގްރޫޕްގެ ވެރިން އަޅުގަނޑަށް ދެއްވި ދަޢުވަތެއްގެ ސަބަބުން. އެހެންކަމުން، މި އުފާވެރި ފުރުޞަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި، ދީމާ ގްރޫޕްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިހާރު ހުންނެވި އަޅުގަނޑުގެ ގާތް އަޚް، އަލްފާޟިލް ރެޑިއަމް މުޙަންމަދުދީދީއަށް، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމަ އެއާއެކީގައި، މި ގްރޫޕްގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އެހެން އިސް ބޭފުޅުންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ދެންމެ މި ގްރޫޕްގެ އެންމެ ޙަރަކާތްތެރި އެއްބޭފުޅަކު ކަމުގައިވާ، އަލްފާޟިލް މަންދު މުޙަންމަދު ވަޙީދު އެ ދެއްކެވި ވާހަކަފުޅުން، މި ގްރޫޕްގެ މަސައްކަތް ކުރިން ކުރެވެމުން އައިގޮތާއި، އެ ގްރޫޕްގެ މަސައްކަތަށް އެކިފަހަރުމަތިން އައި ބަދަލުތަކާއި، މިހާރު މިކަން ހަމަޖެހިފައިވާ ގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އޮޅުންފިލައިފި. އާދެ، އޭނާ އެ ވިދާޅުވިފަދައިން، ދީމާ ގްރޫޕްގެ ނަމުގައި ނޫންނަމަވެސް، މި ގްރޫޕްގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން، އެންމެ ފުރަތަމަ ޙައްޖުގެ ކަންތައްތައް ހަމަޖައްސަވަމުން ގެންދެވީ، އަޅުގަނޑުގެ ޢިއްޒަތްތެރި އަޚް، އަލްފާޟިލް ޢައްބާސް އިބްރާހީމްގެ މަޝްވަރާއާއި ލަފާގެ މަތިން. އަދި އެ ދުވަސްވަރު ހުރިހާ ކަމެއް ހިންގެވުމަށް އިސްވެ ހުންނެވީ އޭނާ. އަދި އޭނާގެ އަނބިކަނބަލުން، އަލްއުޚްތު ޒަޢީމާ ޙަސަންދީދީ. އެހެންކަމުން، އެ ދެކަނބަލުންނަށްވެސް މި ފުރުޞަތުގައި ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހަމަ އެއާއެކީގައި، މިދެންނެވި ބޭފުޅުންގެ އިތުރުން، މި ގްރޫޕަށް ޚިދުމަތްކުރައްވާ، ވަރަށްގިނަ ޢިއްޒަތްތެރިންތަކެއް އެބަތިއްބެވި. އެ ހުރިހާ ބޭފުޅުންގެ ނަންފުޅުތައް އަޅުގަނޑު ނުދެންނެވި ކަމުގައިވިޔަސް، ތިޔަބޭފުޅުންނަށް އަޅުގަނޑު މިދެންނެވި ބޭފުޅުންކޮޅު ސްޓޭޖްމަތިން ފެނިވަޑައިގަންނަވާނެ. އެހެންކަމުން، އެ ހުރިހާ ބޭފުޅުންނަށްވެސް މި މުނާސަބަތުގައި، އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ އިޚްލާޞްތެރި ޝުކުރުގެ ޝުޢޫރުތައް ރައްދުކުރަން.

އާދެ، ތިޔަބޭފުޅުން ތިޔަ ކުރިމަތިލައްވަނީ، ވަރަށްމާތް ދަތުރަކަށް. އެއީ، ޙައްޖުގެ ދަތުރު. ޝައްކެއްނެތް، ޙައްޖަކީ އިސްލާމްދީނުގެ ފަރުޟުތަކުގެ ތެރެއިން ވަރަށް ޚާއްޞަ، ވަރަށް މާތް ފަރުޟެއް. އެ ފަރުޟު އަދާކުރުމަކީ، އަޅުގަނޑުހިތުން މުސްލިމުންނަށް ލިބޭނެ އެންމެބޮޑު އުފާ. އެކަން އެހެން އޮތުމާއެކީގައި، ތިޔަބޭފުޅުންނަށް މިފަދަ ފުރުޞަތެއް ﷲ މެދުވެރިކޮށްދެއްވީތީ، އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމުން، މި މުހިންމު ފުރުޞަތު ތިޔަބޭފުޅުންނަށް ލިބިވަޑައިގަތްކަމަށްޓަކައި، ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ވަރަށް ޚާއްޞަގޮތެއްގައި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ، ރާއްޖެއިން ޙައްޖަށްދާ މީހުން އެއްއަހަރުން އަނެއްއަހަރަށް ދަނީ ވަރަށް ބޮޑަށް އިތުރުވަމުން. އަދި ރާއްޖެފަދަ ކުޑަކުޑަ ޤައުމަކަށް ބަލާއިރު، މިހާގިނަ އަދަދެއްގެ މީހުން ރާއްޖެއިން ޙައްޖަށްދާގޮތް އެ ދިމާވަނީ، ވަރަށްގިނަ ފަރާތްތަކެއްގެ ޚިދުމަތް އެމީހުންނަށް ލިބިގެން. އާދެ، ސަރުކާރުން ކޮށްދޭ ކަންތައްތަކުގެ އިތުރަށް، އަމިއްލަ ޖަމާޢަތްތަކަކުން އިސްނަގައިގެން، މި ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާތާ ވަރަށްގިނަ އަހަރުތަކެއް ވެއްޖެ. އެހެންކަމުން، ރާއްޖޭގެ ޙައްޖުވެރިންނަށް މިފަދަ މަތިވެރި ފުރުޞަތެއް މިހާ ޚަރަދުކުޑަގޮތެއްގައި، އަދި މިހާ ފަސޭހަގޮތެއްގައި ހޯއްދަވައިދެއްވާތީ، އެ ހުރިހާ ޖަމާޢަތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

އާދެ، މިއަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތެއް، މީގެކުރިންވެސް އަޅުގަނޑަށް ލިބިއްޖެ. އާދެ، އެއީ އަތަމާ ޙައްޖު ގްރޫޕްގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތު. އެރޭ އަޅުގަނޑު ދެއްކި ވާހަކައިގައިވެސް، ރާއްޖޭގެ ފަރާތުން މީހުން ޙައްޖަށް ގެންދެވުމަށްޓަކައި އެކިއެކި ޖަމާޢަތްތަކުން އެ ކުރައްވާ މަތިވެރި ޚިދުމަތް، އަޅުގަނޑު ފާހަގަކޮށް ޝުކުރު ދެންނެވިން. އެހެންކަމުން، މިރޭވެސް މި އުފާވެރި ޖަލްސާގައިވެސް، އެ ހުރިހާ ގްރޫޕްތަކަކަށް، އެހުރިހާ ޖަމާޢަތްތަކަކަށް، ރާއްޖޭގެ މުސްލިމް ރައްޔިތުންގެ ފަރާތުންނާއި، ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފަރާތުންނާއި އަދި ސަރުކާރުގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ކުރިންވެސް ދެންނެވި ފަދައިން، ރާއްޖެއިން ޙައްޖަށްދާ މީހުންގެ ޢަދަދު ދަނީ އެއް އަހަރުން އަނެއް އަހަރަށް ގިނަވަމުން. 1979ން ފެށިގެން މިއަހަރާ ޖެހެންދެން އާދެ، މިއަހަރުވެސް ލައިގެން، މި 15 އަހަރުދުވަހުގެ ތެރޭގައި، ރާއްޖެއިން ޙައްޖަށްދިޔަ މީހުންގެ އަދަދަކީ 11,700. ޝައްކެއްނެތް، އެއީ ވަރަށްވެސް ބޮޑު ޢަދަދެއް. އަޅުގަނޑުމެންގެ އާބާދީގެ ނިސްބަތަށް ބަލާއިރު، އެއީ އަޅުގަނޑުމެންގެ އާބާދީގެ ސަތޭކައަކުން ފަހެއް. އަޅުގަނޑުހިތުން އެއީ، އަޅުގަނޑުމެންގެ ރާއްޖެފަދަ، މީސްކޮޅު މަދު ޤައުމަކުން ފަޚްރުވެރިވުން ޙައްޤުކަމެއް. ދުނިޔޭގައި ވަރަށް ގިނަ ޢަދަދަކަށް މުސްލިމުން އުޅޭ، ވަރަށް ބޮޑެތި އެހެން ޤައުމުތައް އެބަހުރި. ސަތޭކަ މިލިޔަނަށްވުރެ ގިނަ މުސްލިމުން ދިރިއުޅޭ ޤައުމުތައް ދުނިޔޭގައި އެބަހުރި. އެ ޤައުމުތަކުން، އެ ޤައުމުތަކުގެ އާބާދީގެ ނިސްބަތުން ސަތޭކައަކުން ފަހެއް ޙައްޖަށް ގޮސްފައިވުމީ، އަޅުގަނޑުހިތުން ވަރަށް ނާދިރުކަމެއް. އެކަން އެހެންވެފައެއް ނޯންނާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ މި ސަތޭކައިންސަތޭކަ މުސްލިމް ދިވެހިރާއްޖެއިން މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި، މިހާގިނަ ޢަދަދަކަށް މީހުން ޙައްޖަށް ގޮސްފައިވާކަން އެއީ، އިސްލާމީ ކަންތައްތަކަށް އިސްކަން ދިނުމުގައި އަޅުގަނޑުމެންނަށް ލިބޭ ވަރަށް މަތިވެރި ފަޚްރެއް ކަމުގައި ނޫނީ އަޅުގަނޑު ނުދެކެން.

އާދެ، ޙައްޖަށްދިޔުމަކީ ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، ވަރަށްމާތް ކަމެއް. ވަރަށް މަތިވެރި ޘަވާބާއި، ﷲގެ ގިނަގުނަ ރަޙްމަތާއި ދަރުމަ ލިބެނިވިކަމެއް. އެހެންނަމަވެސް، އެކަމާދޭތެރޭގައި، މިރޭ މާދިގުކޮށް އަޅުގަނޑު ވާހަކަ ދައްކާކަށްނެތިން. އެއީ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، ތިޔަބޭފުޅުންނާ މުޚާޠަބުކުރައްވައި، އެކަމާ ބެހޭގޮތުން ވަރަށް އެކަށީގެންވާ ބޭފުޅަކު ވާހަކަފުޅު ދައްކަވާނެ. އެހެންކަމުން، ޙައްޖާއި ޢުމްރާގެ ކަންތައްތަކާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް އަޅުގަނޑު ކޮންމެހެން މިރޭ ދެއްކުމުގެ މާނައެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. އެހެންނަމަވެސް، ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނާ މުޚާޠަބުކޮށްލުމުގެ މިފަދަ އުފާވެރި ފުރުޞަތެއް ލިބުނީތީ، މި ފުރުޞަތުގެ ބޭނުންކޮށްގެން، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ދެތިން ވާހަކައެއް ދަންނަވާލުމަށްޓަކައި، އަޅުގަނޑުގެ ވާހަކަ ކުރިއަށްގެންދަން.

އާދެ، އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންނަށް ތިޔަ ލިބިވަޑައިގެންނެވި ފުރުޞަތުގެ އަގު ވަޒަންކުރައްވައްޗޭ. އާދެ، އަޅުގަނޑަށްވެސް އެނގޭ، ތިޔަބޭފުޅުން ތިޔަ ވަޑައިގަންނަވަނީ، ތިޔަބޭފުޅުންގެ އަމިއްލަ މަސައްކަތުން ހޯއްދެވި، އަމިއްލަ އާމްދަނީން ބައެއް އެކަމަށް ހޭދަކުރައްވައިގެން. އާދެ އެއީ، ޝައްކެއްނެތް ގޮތުގައި، ވަރަށް މުހިންމު ކަމެއް. އެހެންނަމަވެސް، އަދި ތިޔަބޭފުޅުންނަށް މިހާރު ތިޔަ ޚަރަދުކުރައްވަން ޖެހިވަޑައިގަތް މިންވަރު ޚަރަދުކުރައްވައިގެން، ގިނިކަންޏާ ޙައްޖަށް ވަޑައިގަންނަވާ ބޭފުޅަކަށް ޚަރަދުތައް ހަމައެއްނުޖެއްސެވޭނެ. އެހެންކަމުން، އެހެން ފަރާތްތަކެއްގެވެސް އެހީއާއި ޚިދުމަތް މިކަމުގައި ހިމެނިގެން، އެހާ ފަސޭހަގޮތެއްގައި، އެހާ ކުޑަ ޚަރަދަކުން ތިޔަބޭފުޅުންނަށް މި މާތް ބޮޑު އަޅުކަން ތިޔަ އަދާކުރެއްވެނީ. އެހެންކަމުން، ތިޔަބޭފުޅުންނަށް ތިޔަ ލިބިވަޑައިގެންނެވި މަތިވެރި ފުރުޞަތުގެ އަގު، ވަރަށް ރަނގަޅަށް ވަޒަންކުރައްވައި، އެކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَى އަށް ތިޔަބޭފުޅުން ޙަމްދުކުރައްވަންޖެހޭނެ.

ހަމައެއާއެކުގައި، ޙައްޖުގެ އަޅުކަމަކީ، އޭގައި ވަރަށް ޚާއްޞަ ތަކުލީފުތަކެއް އެކުލެވިގެންވާ އަޅުކަމަކަށްވާތީ، ދިމާވާ ދަތިތަކެއް ހުންނާނެކަންވެސް ތިޔަބޭފުޅުން ޤަބޫލުކުރައްވަންޖެހޭނެ. ވަރަށްދިގު ދަތުރެއްކުރައްވާފައި ތިޔަ ވަޑައިގަންނަވަނީ. އަދި ވަޑައިގެން، ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި، އަޅުގަނޑުމެންގެ ދީނުގައި މާތްކުރައްވާފައިވާ ބިމެއްގައި، ތިޔަބޭފުޅުން ގިނަދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ. އަދި އެއަށްފަހު، އިރާދަކުރެއްވިއްޔާ، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތާއެކު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ. މި ދިގު ދަތުރާއި، އަދި އެ ދަތުރުމަތީގައި ދިމާވާ ކަންތައްތަކާއި، ޙައްޖުގައި އުޅުއްވާއިރު، ޙައްޖުގެ އަޅުކަމުގައި އުޅުއްވާއިރު ދިމާވާ ކަންތައްތަކުގެ ސަބަބުން، ކޮންމެވެސްވަރެއްގެ ދަތިތަކެއް އިޙްސާސް ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެހެންނަމަވެސް، ތިޔަބޭފުޅުން ޖެހޭނީ، އެ ދަތިތައް ވަރަށް ޚާއްޞަގޮތެއްގައި ތަޙައްމަލް ކޮށްލައްވަން. އާދެ އެ ދަތިތަކަކީ، ތިޔަބޭފުޅުން ތިޔަ ޙާޞިލްކުރައްވަން ބޭނުންފުޅުވާ މަޤްޞަދާ އަޅައިބަލާއިރު، އެއްވެސްކަހަލަ ދައްޗެއް ކަމުގައި ތިޔަބޭފުޅުން ހީފުޅުނުކުރައްވާށޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. ހަމައެއާއެކީގައި، އެއްބޭފުޅަކު އަނެއްބޭފުޅަކަށް އެހީތެރިވެވަޑައިގަތުމަކީވެސް، މިފަދަ މާތް ދަތުރެއްގައި އުޅުއްވާއިރު، ވަރަށް ބޭނުންތެރިކަމެކޭ އަޅުގަނޑަށް ދަންނަވަންޖެހެނީ.

އާދެ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އެކަކު އަނެކަކަށް އަބަދުވެސް އެހީތެރިވާންޖެހޭނެ. އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވާންޖެހޭނެ. އިޙްސާންތެރިވާންޖެހޭނެ. ޚާއްޞަކޮށް، މިފަދަ މާތް އަޅުކަމެއްގެ މަތީގައި އުޅޭއިރު، އެ އަޅުކަން އަދާކުރުންމަތީ އަޅުގަނޑުމެން ދެމިތިބޭއިރު، އަޅުގަނޑުމެން އެކަކު އަނެކަކަށް ކަމޭހިތައި، އެކަކުވެސް އަނެކަކަށް އުނދަގޫވާޒާތުގެ ކަމެއްނުކޮށް، އަދި އެންމެން އެންމެންނާ އެކުވެގެން، އެއްބައިވެގެން، އެހީތެރިވެގެން ކަންތައްތައް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތަށް އެކަން ގެންދަވައިފީވިއްޔާ އިރާދަކުރެއްވިއްޔާ، އެއްވެސް މައްސަލައެއް ނުޖެހި، އެއްވެސް ދަތިކަމެއް މެދުވެރިނުވެ، ވަރަށް އޮމާން އަދި އަމާން ޖައްވެއްގައި ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުން ތިޔަ ޤަޞްދުކުރައްވާފައިވާ މަތިވެރި އަޅުކަން އަދާކުރައްވައިގެން، އުފަލާއި ހިތްހަމަޖެހުމާއެކީގައި، އެނބުރި ތިޔަބޭފުޅުންގެ ޤައުމަށް ވަޑައިގެންނެވޭނެ.

ދެން، އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ނުކުތާއަކީ، ޙައްޖު ދަތުރަކީ ނުވަތަ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަކީ، ޙަޔާތުގެ އާ ފެށުމެއް ކަމުގައި ބަލަމާތޯއޭ. އާދެ، ގިނަ މީހުންނަށް ޙައްޖަށްދެވެނީ ޢުމުރުގެ ތަންކޮޅެއް ފަހުކޮޅުގައި. ވަރަށްގިނަ މަސައްކަތްކޮށްގެން، ފައިސާކޮޅެއް އެއްކޮށްގެން، އޭގެ ބޭނުންކޮށްގެން. އެހެންކަމުން، ގިނަމީހުންނަށް ހީވެފައި އޮންނަނީ، ޙައްޖުވުމަކީ ޢުމުރުގެ އެންމެފަހު ބައިގައި ކުރަން އޮންނަ ކަމެކޭ. ނުވަތަ ކުރެވޭ ކަމެކޭ. އެހިސާބުން ކަންތައްތައް ނިމުނީއޭ. އެހެނެއްނޫން. އަޅުގަނޑުމެން ދެކެންވީ ޙައްޖަކީ އާފެށުމެއް ކަމުގައި. ޙައްޖަކީ އާފެށުމެއް ކަމުގައި ނުވާންވީ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެންގެ ޙަޔާތް ފެށެނީ، އަޅުގަނޑުމެން ދުނިޔެއަށް އަންނަ ވަގުތުން. އެހެންނަމަވެސް، އަޅުގަނޑުމެން ދުނިޔެއަށް އަންނަ ވަގުތު، އަޅުގަނޑުމެންނަށް މި އާދެވެނީ ކޮންތަނަކަށް ކަމެއްނޭނގޭ. އަޅުގަނޑުމެންނަކީ ކޮންބައެއްކަމެއް ނޭނގޭ. އަޅުގަނޑުމެންގެ ވާޖިބުތަކަކީ ކޮބައިކަމެއް ނޭނގޭ. އެކަހަލަ ނޭނގުމެއްގެ ތެރޭގައި ތިބެގެން އަޅުގަނޑުމެން ދުނިޔެއަށް އަންނަނީ. އެހެންވީމާ، އެހިސާބުން ފެށިގެން ކުރިއަށްދާންވީ ގޮތެއް އަޅުގަނޑުމެންނަކަށް އޮޅުމެއްނުފިލާ. އަޅުގަނޑުމެންނަށް ހޭވެރިކަންވަނީ ނުވަތަ ކަމެއް ވިސްނެނީ، ޢުމުރުން ގިނަ އަހަރުތަކެއްވުމަށްފަހުގައި. އެހެންނަމަވެސް، އަޅުގަނޑުމެން ޙައްޖަށްދާއިރު މި ތިބެނީ ތަޞައްރުފް ފުދިފައި. އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ހުރެގެން މިދަނީ. އަޅުގަނޑުމެންގެ ސިކުނޑީގެ ނިޢުމަތުގެ ބޭނުން އަޅުގަނޑުމެންނަށް ފުރިހަމައަށް ލިބިލިބިހުއްޓާ އަޅުގަނޑުމެން މިދަނީ. ކަންތައްތަކާ ދޭތެރޭގައި ވިސްނައި ޚިޔާލުކުރުމުގެ ހުރިހާ ބާރެއް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވަނިކޮށް، އަޅުގަނޑުމެން ޙައްޖަށް މިދަނީ.

އެހެންވީމާ، އަޅުގަނޑުމެން ދުނިޔެއަށް އަންނައިރު، އެ ފެށޭ ފެށުމާއި، އަޅުގަނޑުމެން ޙައްޖަށްދާއިރު، އެއިން އަޅުގަނޑުމެންގެ ޙަޔާތުގެ އާފެށުމެއް ފަށަންވެއްޖެނަމަ، އެ ފެށޭ ފެށުމާ ވަރަށް ތަފާތު. ޙަޤީޤީ ފެށުމަކީ މިއީ. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ޙައްޖަށްދާއިރު ނުވަތަ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ވިސްނަންވީ، ޙަޔާތުގެ އާޞަފްޙާއަށް ކުރިމަތިލާށޭ. ވޭތުވެދިޔަ ތާނގައި، ކޮންމެގޮތަކަށް އުޅެވިފައިވީކަމުގައިވިޔަސް، އެކަމާ ދޭތެރޭގައި ހިތާމަކޮށް، ތައުބާވެ، ކުރިއަށް އޮތްތާނގައި އެގޮތަށް ނޫޅުމަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅައި، އާ ރޮނގަކުން އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙުކޮށް، ﷲ ރުހިވޮޑިގެންވާގޮތުގެ މަތިން ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންޖެހޭނެއޭ.

އާދެ، އެއީ އަޅުގަނޑު މިދަންނަވާ ވާހަކައަކީ. ތިޔަބޭފުޅުން ޙައްޖަށް ވަޑައިގަތުމަށްފަހުގައި، ތިޔަބޭފުޅުންގެ އުޅުއްވުމާއި، އަޚްލާޤާއި، ވިސްނުންފުޅާއި، ސުލޫކާ މުޅިން ބަދަލުކޮށްލައްވާށޭ. ކުރިން އުޅުއްވިގޮތަށް، އާދެ، ނުދަންނަވަން، ހުރިހާ ބޭފުޅުން އުޅުއްވަނީ ގޯސްކޮށެކޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ އިންސާނުން ކަމަށްވީތީ، އަޅުގަނޑުމެންނަށް ހުންނާނެ ގޯސްކަންތައް ކުރެވިފައި. ފާފަކުރެވިފައި. ކޮންމެ އިންސާނަކަށްވެސް އެކަން އޮންނާނީ ވެފައި. އެހެންނަމަވެސް، އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެން ޙައްޖަށްދާ ދުވަހުން ފެށިގެން، އެފަދަ ކަމަކަށް އަޅުގަނޑުމެން ކުރިމަތިނުލުމަށް. އަދި އަޅުގަނޑުމެންގެ ފަރާތުން އެފަދަ ގޯހެއް، ނުވަތަ ވިޔާނުދާ ކަމެއް، ނުވަތަ ފާފައެއް ނުކުރެވޭނެ ގޮތެއްގެ މަތިން، އަޅުގަނޑުމެން ޢަޒުމް ކަނޑައަޅައިގެން ކުރިއަށްދާންވީ. އެއީ، އަޅުގަނޑު ހިތުން މާ ދަތިކަމަކަށް ނުވާނެ.

ދެން، އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، އެހާގިނަ ބަޔަކު އުޅޭ ތަނަކަށް އަޅުގަނޑުމެން ގޮސްއުޅޭއިރު، ތަފާތު ގޮތްގޮތަށް ކަންތައްކުރާ މީހުން ފެންނާނެއޭ. އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މާތްވެގެންވާ އިސްލާމްދީނުގައި، ބައެއް ކަންތައްތައް ތަފާތު ގޮތްގޮތަށް ކުރެވޭ. ތަފާތު މަޛްހަބުތަކުގައި، ތަފާތު ގޮތްގޮތަށް ހުރޭ. ނަމާދުކުރާއިރުވެސް، ތަފާތު ގޮތްގޮތަށް ކުރެވޭ ކަންތައްތައް އަޅުގަނޑުމެންނަށް ފެނޭ. އަދި އެނޫން ކަންތައްތަކުގައިވެސް، މުސްލިމުންގެ މެދުގައި ތަފާތު ގޮތްގޮތަށް ކަންތައް ކުރެވޭ. އެހެންނަމަވެސް، އެއީ އެއްވެސް ޙާލެއްގައި ގޯސްގޮތަކަށް ކުރެވޭ ކަމެއްކަމުގައި އަޅުގަނޑުމެން ހީކޮށްގެނެއްނުވާނެ. ހުރިހާ މަޛްހަބުތަކުގެ އިމާމުންވެސް، އެބޭކަލުންގެ މަޛްހަބު ބިނާކުރައްވާފައިވަނީ، ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ސުންނަތުގެ މައްޗަށް. "وكلّهم من رسول الله ملتمس." "އެހުރިހާ ބޭފުޅުންނަކީ
رســول اللّـهގެފާނުގެ އަރިހުން މަގުހޯއްދަވައި، ކަންކަމުގެ ޙުކުމް ހޯއްދަވާ ބޭފުޅުންނޭ." އެހެންކަމުން، އަޅުގަނޑުމެން އެކަހަލަ ތަނަކަށްގޮސްގެން އުޅޭއިރު، އިސްލާމްދީނުގައި އެންމެން ޤަބޫލުކުރާ ޞައްޙަ މަޛްހަބުތަކުގެތެރެއިން، ތަފާތު މަޛްހަބުތަކުގެ މީހުން ފެންނާނެ. ނަމާދުކުރާއިރު ހުންނަ، ބައެއް ތަފާތުތައްވެސް ފެންނާނެ. އަދި އެނޫން ކަންކަމުގައި، އެމީހުންނާ އަޅުގަނޑުމެންނާ ދޭތެރޭގައި ހުންނަ ތަފާތުވެސް ފެންނާނެ. އެއީ، ފަހަރެއްގައިވެސް އަޅުގަނޑުމެންގެ މެދުގައި ޚިލާފެއް އުފެދުމަށް ނުވަތަ އަޅުގަނޑުމެންގެ މެދުގައި ބައިބައިވުމެއް އުފެދުމަށް، އަޅުގަނޑުމެންނަށް ކުރިމަތިވާ ސަބަބެއް ކަމުގައި ނުދެކެމާތޯއޭ. އިސްލާމްދީނުގައި ބައެއް ކަންތައްތައް ތަފާތު ގޮތްގޮތަށް ކުރުން ވަނީ ހުއްދަކުރައްވާފައި. އެއީ، މުސްލިމުންނަށް ފަސޭހަކޮށްދެއްވުމަށްޓަކައި. އެހެންވީމާ، ވަކިގޮތަކަށް ވަކި މީހަކު ކަމެއްކުރުން އެއީ، ޞައްޙަ ދަލީލެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަމުގައިވަނީނަމަ، އެއީ ގޯސްގޮތެއްކަމުގައި އަޅުގަނޑުމެން ހީކޮށްގެންނުވާނެ. ޤުރްއާނުގެ ދަލީލަކުން ނުވަތަ ޞައްޙަ ޙަދީޘެއްގެ މައްޗަށް ބިނާވެގެން ކުރެވޭ ކޮންމެ ކަމެއްވާނީ ޞައްޙަ ކަމަކަށް. އެކަން އެއީ، އަޅުގަނޑުމެން ކުރާގޮތާ ތަފާތުގޮތަކަށް ކުރެވުނު ކަމެއްކަމުގައިވިޔަސް.

އެހެންވީމާ، އަޅުގަނޑުމެން އެއްގޮތަކަށްވެސް އެކަހަލަ ކަންތައްތަކާ ދޭތެރޭގައި ވިސްނާއިރު އެއީ، އެއްގޮތަކަށްވެސް މުސްލިމުންގެ މެދުގައި ހަމަނުޖެހުން އުފެދޭފަދަ ގޮތަކަށް ހިނގާ ކަމެއްކަމުގައި އަޅުގަނޑުމެން ބަލައިގެނެއްނުވާނެ. އޭގެ ބަދަލުގައި، އަޅުގަނޑުމެން ދެކެންޖެހޭނީ، އެއީ އިސްލާމްދީނުގެ ލުއިފަސޭހަކަން ކަމުގައި. އިސްލާމްދީނުގެ ކަންތައްތައް ފަސޭހަކޮށްދެއްވާފައިވާތީ، އެކިގޮތްގޮތަށް ބައެއް ކަންތައްތައް އެ ހުންނަނީ.

އަޅުގަނޑުގެ ބޭނުމަކީ، މިދެންނެވިފަދަ މަޛްހަބީ ޚިލާފެއްގެ ސަބަބުން، ތިޔަބޭފުޅުންގެ މެދުގައި އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައިވެސް، އެއްވެސްކަހަލަ ފިތުނައެއް ނުއުފެދުން، އެއްވެސްކަހަލަ ހަމަނުޖެހުމެއް ނުއުފެދުން. އެހެނީ، އަޅުގަނޑުމެން އެންމެންނަކީ އަޚުން. اللهُ سُبْحَانَهُ وَتَعَالَى އަންގަވަނީ "وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ". (آل عمران 103) "ތިޔަބައިމީހުން އެކަތިގަނޑަކަށްވެ ތިބެގެން، ﷲގެ ދީނުގައި ހިފަހައްޓާށޭ. އަދި ތިޔަބައިމީހުން ވަކިވަކިނުވާށޭ. ބައިބައިނުވާށޭ." ﷲގެ މަގުގައި ހިފަހައްޓަންވީ، ވަކިވަކިން ތިބެގެންނެއްނޫން. ﷲގެ މަގުގައި ހިފަހައްޓަންވީ، އެކަތިގަނޑަކަށްވެގެން ތިބެގެން. އެއީ، ﷲ ވަޙީކުރައްވަނީ ހަމައެކަނި "وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ." އެހިސާބަކަށް ނޫން. "ތިޔަބައިމީހުން ﷲގެ މަގުގައި ހިފަހައްޓާށޭ. ނުވަތަ ﷲގެ ދީނުގައި ހިފަހައްޓާށޭ." އެހިސާބަކަށް ނޫން. "وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا." "އެންމެން އެކަތިގަނޑަކަށް ވެގެން، ތިޔަބައިމީހުން ﷲގެ ދީނުގައި ހިފަހައްޓާށޭ." "وَلَا تَفَرَّقُوا۟ ۚ." ."އަދި ތިޔަބައިމީހުން ބައިބައިނުވާށޭ." ހަމައެފަދައިން، ﷲ ވަޙީކުރައްވާ، "إِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا۠ رَبُّكُمْ فَٱعْبُدُونِ." (الأنبياء 92) "ހަމަކަށަވަރުން، ތިޔަބައިމީހުންގެ މިއުންމަތަކީ އެއް އުންމަތެއް ކަމުގައިވާ އުންމަތެކޭ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެއޭ. ފަހެ، ތިމަންރަސްކަލާނގެއަށް ޚާލިޞްކޮށް، ތިޔަބައިމީހުން އަޅުކަންކުރާހުށިކަމޭ." އަދިވެސް ﷲ ވަޙީކުރައްވާ، "وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ." (الأنفال 46) "ﷲ އާއި އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށޭ. އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށޭ. ތިޔަބައިމީހުން ދެބަސްވެ އަރާރުންވާނަމަ، ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުތައް ނެތިހިނގައިދާނޭ. އަދި ތިޔަބައިމީހުން ކެތްކުރާށޭ. ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައޭ." މިފަދަ މަތިވެރި އިރުޝާދުތައް ކީރިތި ޤުރްއާނުގައި ދެއްވާފައިވާއިރު، އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ފިތުނައެއް، ހަމަނުޖެހުމެއް، ޚިޔާލުތަފާތުވުމެއް އުފެދުމަކަށް އަޅުގަނޑުމެން ތަންދީގެނެއްނުވާނެ. އަދި ޚާއްޞަކޮށް، އަޅުގަނޑުމެން މިފަދަ މާތް ދަތުރެއްގައި ގޮސްއުޅޭއިރު، އަދި ޙައްޖާއި ޢުމްރާ ފަދަ މާތް އަޅުކަމެއް ކުރުންމަތީ ދެމިތިބޭއިރު، އަޅުގަނޑުމެންނަށް ފެންނަ ކަމެއްގެ ސަބަބުން، އަޅުގަނޑުމެންގެ ތެރެއަށް ބައިބައިވުމެއް ނުވަތަ ވަކިވަކިވުމެއް އަޔަދީގެނެއް ނުވާނެ. އެންމެން ތިބެންޖެހޭނީ އެކަތިގަނޑަކަށް ވެގެން. އެއްޖަމާޢަތެއްގެ ގޮތުގައި. ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ، "من خرج عن الطّاعة وفارق الجماعة ومات فميتته ميتة جاهليّة." "ކިޔަމަންތެރިކަމުން ބޭރުވެ، އެއީ، އިމާމާގެ ނުވަތަ ވަލިއްޔުލްއަމްރުގެ ކިޔަމަންތެރިކަމުން ބޭރުވެ، ޖަމާޢަތުން ވަކިވެހުރެ މަރުވާމީހާ އެ މަރުވަނީ، ޖާހިލިއްޔަ މަރެކޭ." އާދެ، ވިސްނަވާ! ޖާހިލިއްޔަ މަރަކީ ކޮންކަހަލަ މަރެއްކަން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ދީނުގެ ހިދާޔަތެއް ނުލިބި، ޝިރުކުގެ އަނދިރިކަންމަތީ ތިބެގެން މަރުވާމީހުން، އިސްލާމްދީން އައުމުގެ ކުރިން މަރުވެފައި އެވަނީ ޖާހިލިއްޔަ މަރަކުން. އެއްވެސްކަހަލަ ދިންނެވުމެއްނުވާ މަރަކުން. އެހެންވީމާ، ކިޔަމަންތެރިކަމުން ނުކުމެ، އަދި ޖަމާޢަތުން ވަކިވެހުންނަ މީހާ، އެ މަރުވާ މަރުވުމަކީ، އެފަދަ ސުންޕާ މަރެކޭ ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް އެ އަންގަވަނީ. އެހެންވީމާ، އެފަދަ ކަންތައްތަކުން އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ. ކިޔަމަންތެރިކަންމަތީ ދެމިތިބެންޖެހޭނެ. އަދި ޖަމާޢަތުން ވަކިވެގެން ގޮސްގެނެއްވެސް ނުވާނެ. އަދިވެސް ރަސޫލާ ޙަދީޘްކުރައްވާ، "ولاتباعضوا ولاتحاسدوا ولاتدابروا ولاتقاطعوا وكونوا عبادالله إخوانا." "ތިޔަބައިމީހުން އެކަކު އަނެކަކުދެކެ، އެއްބަޔަކު އަނެއްބަޔަކު ދެކެ ރުޅިނުވާށޭ. އަދި ތިޔަބައިމީހުން އެކަކު އަނެކަކުދެކެ، އެއްބަޔަކު އަނެއްބަޔަކުދެކެ ޙަސަދަވެރިނުވާށޭ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް، އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސްނުދޭށޭ. އަދި ތިޔަބައިމީހުން އެކަކު އަނެކަކާ އޮންނަ ގުޅުން، އެއްބަޔަކު އަނެއްބަޔަކާ އޮންނަ ގުޅުން ކަނޑައިނުލާށޭ. ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައިވާށޭ. ތިޔަބައިމީހުންނީ ﷲގެ އަޅުންކަމުގައިވާށޭ." މިފަދަ މަތިވެރި އިރުޝާދުތައް ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ހިނދެއްގައި، އަޅުގަނޑުމެންގެ މެދުގައި އެކަލޭގެފާނު އެ ނަހީކުރައްވާ އެއްވެސް ކަމެއް އޮވެގެނެއްނުވާނެ. އެއްވެސްކަމަކާހުރެ، އެއްވެސް މުސްލިމަކު އަނެއް މުސްލިމަކު ދެކެ ރުޅިއައިސްގެނެއް ނުވާނެ. އެއްވެސްކަމަކާހުރެ، އެއް މުސްލިމަކު އަނެއް މުސްލިމަކާ ދޭތެރޭގައި ޙަސަދަވެރިވެގެނެއް ނުވާނެ. އެއްވެސް ކަމެއްގައި، އެއް މުސްލިމަކު އަނެއް މުސްލިމަކަށް ފުރަގަސްދީގެނެއް ނުވާނެ. އެއްވެސް ސަބަބަކާހުރެ، އެއް މުސްލިމަކާ އެހެން މުސްލިމުންނާ ދޭތެރޭގައި އޮންނަ ގުޅުން ކަނޑާލައިގެނެއް ނުވާނެ. އެންމެން ވާންޖެހޭނީ، ﷲގެ އަޅުންތަކެއް ކަމުގައިވީތީ، އަދި މުސްލިމުން ކަމުގައިވީތީ، އަޚުންތަކެއް ކަމުގައި. އެއްބަނޑުއެއްބަފާ ބައެއްކަމުގައި.

މި މަތިވެރި ނަބަވީ އިރުޝާދުތައް އަޅުގަނޑުމެންގެ ހިތްމައްޗަށް އަބަދުވެސް ގެންނަންވާނެ. އަދި އޭގެކުރިން، އަޅުގަނޑު ދެންނެވި އާޔަތްތަކުގައި ހިމެނިފައި އެވާ މަތިވެރި އިލާހީ އަމުރުފުޅުތައް، އަޅުގަނޑުމެން ދުވަހަކުވެސް ހަނދާންނައްތާލައިގެން ނުވާނެ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރަނީ، ﷲ އަންގަވާފައިވާ އެންގެވުންތަކަށް ޙުރްމަތްތެރިކޮށްހިތައި އަދި އެކަލާނގެ ރަސޫލާ އަޅުގަނޑުމެންނަށް ދައްކަވާފައިވާ މަގުގައި ފައިތިލަސާބިތުކޮށްގެން ތިބެގެން ކަމުގައިވަނީނަމަ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކާމިޔާބުވާނެ. ދުނިޔޭގައިވެސް އަޅުގަނޑުމެންނަށް ﷲ ދައްކަވާނީ ހެޔޮގޮތްތައް. އެކަލާނގެ މިންވަރުކުރައްވާނީ ނިޢުމަތާއި ބާއްޖަވެރިކަން. އަދި އާޚިރަތުގައި ﷲ އަޅުގަނޑުމެންނަށް ދެއްވާނީ، ސުވަރުގޭގެ ނިޢުމަތާއި، އެކަލާނގެ ރަޙްމަތާއި، މަޣްފިރަތާއި، ޘަވާބު.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބުން ކުރުކޮށްލަނީ، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އުފާވެރި، ސަލާމަތް، ނިޔާމަ ދަތުރަކަށް އެދެމުން. ތިޔަ ދަތުރުފުޅުގެމަތީގައި، ޙައްޖާއި ޢުމްރާގެ ހުރިހާ ކަމެއް، ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން، އެންމެ ފުރިހަމަގޮތުގައި އަދާކުރެއްވުމުގެ މަތިވެރި ތައުފީޤު، ތިޔަ ހުރިހާ އަޚުންނާއި އުޚްތުންނަށް ދެއްވުން އެދި، ކީރިތި ﷲގެ ހަޟްރަތުގައި އަޅުގަނޑު ދަންނަވަން. ހަމަ އެއާއެކީގައި، އެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހުގައި، ފުރިހަމަ ޞިއްޙަތާއެކީގައި، ސަލާމަތް ދަތުރަކަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، ތިޔަބޭފުޅުންގެ ލޮބުވެތި ޢާއިލާގެ މެންބަރުންނާއި، މައިންބަފައިންނާއި، އަޚުންނާއި އުޚްތުންނާއި އަދި ދަރިންނާ ބައްދަލުކުރެއްވުމުގެ މަތިވެރި ނިޢުމަތް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.