بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى سيِّدالمرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ! މިރޭގެ މި އުފާވެރި ޖަލްސާއަށް އައިސް، ރާއްޖޭގެ ޚިދުމަތްތެރި އަދި ހިންމަތްތެރި، ބޯޓުދަތުރުކުރާ މީހުންނާ ބައްދަލުކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް. ތިޔަބޭފުޅުންނަށް ދެންމެ އިވިވަޑައިގެންނެވި ފަދައިން، މިފަދަ ޖަލްސާއަކަށް މީގެކުރިން އަޅުގަނޑަށް އާދެވިފައި ނެތްނަމަވެސް، ބޯޓުދަތުރުކުރުމާއި އަދި ބޯޓުދަތުރުކުރާ މީހުންގެ ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑަށްވެސް ވަނީ ކޮންމެވެސްވަރަކަށް އުޅެވިފައި.

އާދެ، 1972 ވަނަ އަހަރު އަޅުގަނޑުހުރީ ސަރުކާރުގެ ޝިޕިންގ ޑިޕާޓްމަންޓްގެ ވެރިއެއްގެ ގޮތުގައި. އެހެންހުރި ހުރުމުގައި، ބޯޓުދަތުރުކުރުމާ ބެހޭގޮތުން ރާއްޖެއިން ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އަޅުގަނޑަށް އޮތީ ކުރަންޖެހިފައި. އަދި ބޯޓުދަތުރުކުރާ މީހުންނާބެހޭ ކަންތައްތައްވެސް، އޭރު ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ކުރިއަށްގެންގޮސް ތަރައްޤީކުރުމުގެ މަސްއޫލިއްޔަތުވެސް އަޅުގަނޑަށް އޮތީ އުފުލަންޖެހިފައި. އެހެންވީމާ، މި ދާއިރާއަކީ އެއްގޮތަކަށްވެސް އަޅުގަނޑަށް ބީރައްޓެހި ދާއިރާއެއް ނޫން. ކޮންމެވެސްވަރަކަށް އަޅުގަނޑަށް ޚިދްމަތް ކުރެވިފައިވާ ދާއިރާއެއް. އަދި އޭގެފަހުން، އަޅުގަނޑު މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަޤާމުގައި ހުރިއިރު، ބައިނަލްއަޤްވާމީ ގޮތުން، ބޯޓުދަތުރުކުރުމާ ބެހޭގޮތުން ކުރަންޖެހުނު ކަންތައްތަކެއްވެސް ކުރުމުގެ މަސްއޫލިއްޔަތު އަޅުގަނޑުގެ ކޮނޑުގައި އެޅިފައި އޮތް. އޭރުގެ ގޮތުން ދަންނަވަންޏާ "އިމްކޯ"ގެ ޖަލްސާއަކަށް 1977 ވަނަ އަހަރު ރާއްޖޭގެ ފަރާތުން އަޅުގަނޑު ދިޔައިން. އެ ޖަމާޢަތަކީ ބޯޓުދަތުރުކުރުމާ ބެހޭގޮތުން އުފެދިފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތް. އެހެންކަމުން، މިދާއިރާގައި ކޮންމެވެސްވަރަކަށް ހޭކިލުމުގެ އުފަލާއި ޝަރަފް އަޅުގަނޑަށް ލިބިފައިވާކަން މިފުރުޞަތުގައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން.

އާދެ! މިރޭގެ މި ޖަލްސާއަކީ "ބޭސިކް ސީމަންޝިޕް ޓްރޭނިންގ" ކޯހުގެ 50 ވަނަ ބުރުގެ ނަތީޖާ ފާޅުކުރުމާއި، އެ ބުރުގައި ފާސްވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ ޖަލްސާ. އާދެ، އަޅުގަނޑުގެ ވަރަށް އުފާވެރި ވާޖިބެއް، މި 50 ވަނަ ބުރުން ފާސްވެގެން ސެޓްފިކެޓް ހޯދި ހިންމަތްތެރި ދިވެހި ޒުވާނުންނަށް އާދެ، ބޯޓުދަތުރުކުރާ މީހުންނަށް، ނުވަތަ ބޯޓުދަތުރުކުރުމަށް ތައްޔާރުވާ މީހުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، މިރޭގެ މުނާސަބަތުގައި މަރްޙަބާއާއި ހެޔޮއެދުންތައް ފޮނުވުން. ވަކިން ޚާއްޞަކޮށް، މި 50 ވަނަ ބުރުން ވަރަށް ފުރިހަމަ 1 ވަނައެއް ހޯއްދެވި އަލްފާޟިލް ޢަލީ ޝަމީމް އިބްރާހީމް ޖޭމުގެ ޏ. ފޯއްމުލައް، އޭނާއަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، ސަރުކާރުގެ ނަމުގައި ވަރަށް ޚާއްޞަގޮތެއްގައި ތަހުނިޔާ އަދާކުރުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މިކޯސް މި ހިނގަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުން ލިބިގެން. ކޯސް ހިންގަވާ ފަރާތަކީ، ރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގ. އެހެންކަމުން، މިކޯސް ހިންގަވާ ފަރާތަށް އާދެ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގއަށް އަދި ޚާއްޞަކޮށް، އެ މިނިސްޓްރީ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒާހިރަށް، އޭނާ ރާއްޖޭގެ ދަތުރުފަތުރުކުރުމުގެ ދާއިރާ ތަރައްޤީ ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށްޓަކައި އަދި ބޯޓުދަތުރުކުރާ މީހުންނަށް ހޯއްދަވައިދެއްވަމުން ގެންދަވާ ފަސޭހަތަކަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެފަދައިން، މިކޯސް ހިންގެވުމުގައި އެހީތެރިވެދެއްވާ ހުރިހާ ފަރާތަކަށްވެސް ސަރުކާރުގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

ދިވެހިންނަކީ ޒަމާނުއްސުރެ ކަނޑުދަތުރުކުރަމުން އައިސްފައިވާ ބައެއް. އެމީހުންގެ ދިރިއުޅުން ބިނާވެފައި އޮންނަނީ ކަނޑުދަތުރުކުރުމުގެ މައްޗަށޭ ދެންނެވުމަކީ، އަޅުގަނޑު ހިތުން ކުށަކަށް ނުވާނެ. ރާއްޖެއަކީ ޖަޒީރާ ޤައުމެއް. އެއްޖަޒީރާއިން އަނެއް ޖަޒީރާއަށް ދަތުރުކުރަންޖެހެނީ ކަނޑުތައް ހުރަސްކޮށްފައި. ހަމައެފަދައިން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، އެނޫން ތަކެތި އަޅުގަނޑުމެންނަށް އަބަދުވެސް ޖެހެނީ ރާއްޖެއިން ބޭރުން ގެންނަން. އެތަކެތި ގެނެވެނީވެސް ކަނޑުގެ ވާސިޠާއިން. ކަނޑުދަތުރުކުރާ އުޅަނދުތަކުގައި.

އާދެ. މިޞްރާ ބެހޭގޮތުން ގްރީސްގެ މަޝްހޫރު މުއައްރިޚަކު، ހެރޮޑޮޓަސް ކިޔާ ބޭކަލަކު ބުނުއްވާފައިވާ ބުނުއްވުމެއްގައި ވަނީ "މިޞްރަކީ ނީލަކޯރުގެ ހަދިޔާއެކޭ." ރާއްޖޭގެ ކަންތައްތައް ހުރިގޮތުގެ މައްޗަށް ބަލައިލާއިރު، އަޅުގަނޑަށް ދެންނެވެން އަންނަނީ، ދިވެހިރާއްޖެއަކީ ކަނޑުގެ ހަދިޔާއެކޭ. އާދެ، ރާއްޖޭގެ ދެމިއޮތުމާއި، ރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ ކުރިއެރުން ބިނާވެފައި މިއޮންނަނީ ކަނޑާ ގުޅިފައިވާ މަސައްކަތްތަކެއްގެ މައްޗަށް. އެންމެ ފުރަތަމަ މަސްވެރިކަން. ރާއްޖޭގެ ރައްޔިތުންގެ ކާނާ، އޭގެ އެންމެ މުހިންމުބައި އެއީ، ކަނޑުން ލިބޭ އެއްޗެއް. އަދި މަސްވެރިކަމަކީ އަޅުގަނޑުމެންނަށް އޭގެ ސަބަބުން ކާންބޯން ލިބުމުގެ އިތުރަށް، ވަރަށްގިނަ އާމްދަނީވެސް ލިބޭ ކަމެއް. ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއްބައި. ދެންއޮތީ ޓޫރިޒަމް. ޓޫރިޒަމަކީވެސް ކަނޑާ ގުޅިފައިވާ އަދި ކަނޑާ ގުޅިފައިވާ މޫދުތަކާ ގުޅިފައިވާ އަދި އެ މޫދުތަކާ ގުޅިފައިވާ ހިތްގައިމު ރީތި ގޮނޑުދޮށްތަކާ ގުޅިފައިވާ ވަރަށް މުހިންމު މަސައްކަތެއް. އެގޮތުންވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އިޤްތިޞާދަށް ލިބޭ ފައިދާތައް ގުޅިފައި މިވަނީ ކަނޑާ. ވިޔަފާރިވެސް މިއޮތީ ކަނޑާ ގުޅިފައި. ރާއްޖޭގެ ވިޔަފާރިއަކީ ބޭރުން އަޅުގަނޑުމެން ރާއްޖެއަށް އެތެރެކުރާ އެކިބާވަތްބާވަތުގެ މުދަލުގެ މައްޗަށް ބިނާވެފައިވާ ކަމެއް. އެ މުދާ އަޅުގަނޑުމެން އެތެރެކުރަނީ ރާއްޖެއިން ބޭރުން ކަމަށްވާތީ، އެ މުދާ އަޅުގަނޑުމެންނަށް އަންނަނީވެސް ކަނޑުގެ ވާސިޠާއިން. އެހެންވީމާ، އެކަންވެސް ގުޅިފައި އެއޮތީ ކަނޑާ.

އާދެ! މިރޭ އެބައެއްގެ ޝަރަފްގައި އަޅުގަނޑުމެން މިޖަލްސާ ބާއްވާ މީހުން، ކަނޑުދަތުރުކުރާ މީހުން ނުވަތަ ބޯޓުދަތުރުކުރާ މީހުން، އެމީހުންނަކީވެސް ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑު ޙިއްޞާއެއް މިހާރު އަދާކުރަމުންގެންދާ ބައެއް. ދެންމެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، އެމީހުން ރާއްޖެއަށް ހޯދައިދޭ އާމްދަނީއަކީ ވަރަށްބޮޑު އެއްޗެއް. އެންމެ 2400 މީހުން ގާތްގަނޑަކަށް 14 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި އެބަހޯދާ. އެ ހޯދާ 14 މިލިއަން ޑޮލަރުގެ ތެރެއިން ވަރަށްބޮޑު ބައެއް ރާއްޖެއަށް އާދޭ. އެހެންކަމުން، އެމީހުންގެ މަސައްކަތްވެސް އެއީ ކަނޑާ ގުޅިފައިވާ މަސައްކަތަކަށްވާތީ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑަށް ވިސްނޭގޮތުގައި، ރާއްޖޭގެ ދެމިއޮތުމާއި ތަރައްޤީއަކީ ކަނޑާ ގުޅިފައިވާ އެއްޗެއް. އަދި ރާއްޖެއަކީ ޙަޤީޤަތުގައި ކަނޑުގެ ހަދިޔާއެއް.

އާދެ، ރާއްޖޭގައި ބޯޓުދަތުރުކުރަން ފެށިފައިވަނީ ވަރަށް ކުރިއްސުރެ. ދެންމެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަން އަލްފާޟިލް އަޙްމަދު ޝާކިރުގެ ވާހަކަފުޅުގައި ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވި ފަދައިން، ވަރަށްކުރީ ޒަމާނުއްސުރެ ރިޔާނެގި އުޅަނދުތަކުގައި ދިވެހިން އައީ ދަތުރުކުރަމުން. އޭގެފަހުން، 1950ގެ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ބޯޓުދަތުރުކުރާ ކުންފުންޏެއް އުފެދި، އެކުންފުނިން ބޯޓުފަހަރު ގަނެ، އެބޯޓުފަހަރު ދުއްވުމުގެ މަސައްކަތް ކުރަންފެށި. ކުރީކޮޅުގައި ބޭނުންކުރީ ބިދޭސީން ކަމުގައިވިޔަސް، އޭނާ އެ ވިދާޅުވެދެއްވި ޙާދިޘާއާ ގުޅިގެން، ދިވެހިން ބޯޓުފަހަރުގައި ދަތުރުކުރުމަށް ތައްޔާރުކުރެވި، މިހާރު ވަރަށްގިނަ ޢަދަދަކަށް ދިވެހިން ބޯޓުދަތުރުކުރަމުން އެބަގެންދޭ. އެމީހުން އެ ދަތުރުކުރާ ބޯޓުފަހަރަކީ، ރާއްޖޭގެ ސަރުކާރުގެ ކުންފުނި ކަމުގައިވާ އެމް.އެން.އެސް.އެމް.އެލް.ގެ ބޯޓުފަހަރާއި އަދި ރާއްޖޭގައި އުފެދިފައިވާ އަމިއްލަ ބޯޓުދުއްވާ ކުންފުނިތަކުގެ ބޯޓުފަހަރާއި އަދި ބޭރު ކުންފުނިތަކުގެ ބޯޓުފަހަރު. އެހެންވީމާ، އަޅުގަނޑުމެންގެ މިދާއިރާވެސް މިހާރު އޮތީ ވަރަށްބޮޑަށް ފުޅާވެގެން އައިސްފައި.

މިވާހަކަ މިހެން ދައްކާއިރު، ރާއްޖޭގެ ޝިޕިންގ ސެކްޓަރުގެ ނުވަތަ ބޯޓުދަތުރުކުރުމާ ބެހޭ ދާއިރާގެ ބާނީ ކަމުގައިވާ އަލްފާޟިލް ޢަލީ ޢުމަރުމަނިކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާނުލައި، އަޅުގަނޑަކަށް އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދެވޭކަށް ނެތް. އާދެ، އަލްފާޟިލް ޢަލީ އުމަރުމަނިކުގެ ހީވާގި މަސައްކަތްޕުޅުގެ ސަބަބުން، ރާއްޖޭގެ ޤައުމީ ޝިޕިންގ ލައިނަށް ވަރަށްބޮޑު ކުރިއެރުމެއްވަނީ މީގެކުރިން ލިބިފައި. 1980ގެ ކުރީކޮޅުގައި ސަރުކާރުގެ 44 ބޯޓު އޮތް ދުވަސްވަރެއްދިޔަ. 1000 މީހުންނަށްވުރެން ގިނަ ޢަދަދަކަށް ދިވެހިން އެ ބޯޓުފަހަރުގައި މަސައްކަތްކުރި ދުވަސްވަރެއްދިޔަ. އަދި އެ ކުންފުނީގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށްގިނަ ޢަދަދަކަށް ފައިސާ ލިބެމުންދިޔަ ދުވަސްވަރެއްވެސްދިޔަ. އެ މަސައްކަތްތައް އެހެންވެގެން އެދިޔައީ، އެ ދާއިރާއަކީ ރާއްޖެއަށް މުޅިން އާ ދާއިރާއެއް ކަމުގައިވިޔަސް، ވަރަށް ވިސްނުންތެރިކަމާއި، ވަރަށް ހީވާގިކަމާއެކީގައި ދިވެހި ޒުވާނުންކޮޅެއް ކުރި މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން. އޭގެތެރޭގައި، އެންމެއިސްކޮށް އޭރު ހުންނެވީ އަލްފާޟިލް ޢަލީ ޢުމަރުމަނިކު. އަދި މިހާތަނާ ޖެހެންދެންވެސް ސަރުކާރުގެ ބޯޓުފަހަރު ދުއްވުމާބެހޭ ބައިގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ އޭނާ. އެހެންކަމުން، ރާއްޖެއަށް ބޯޓުދަތުރުކުރުމުގެ ގޮތުންނާއި، ބޯޓުފަހަރު ދުއްވުމުގެ ގޮތުން އައިސްފައި މިވާ ތަރައްޤީގެ ވަރަށްބޮޑު ބައެއް ޙިއްޞާކުރައްވާފައި ވަނީ އޭނާ ކަމަށްވާތީ، މިފަދަ މުނާސަބަތެއްގައި އޭނާގެ ނަންފުޅު ފާހަގަކޮށް، އޭނާއަށް ޝުކުރު އަދާކުރުމަކީ އަޅުގަނޑުހިތުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އާދެ! ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، ރާއްޖޭގައި މިހާރު މިކަން ކުރަނީ ހަމައެކަނި ސަރުކާރަކުންނެއް ނޫން. އެއީ އެކަންވާންވެސް ވީގޮތް. މިޒަމާނަކީ އަމިއްލަ ފަރާތްތަކުން ޤައުމުގެ އިޤްތިޞާދަށް މަތިވެރި ޙިއްޞާތަކެއް އަދާކުރަމުންދާ ޒަމާނެއް، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދީ ހުރިހާ ދާއިރާއެއްގައިވެސް މިހާރު އަމިއްލަ ފަރާތްތަކުން ޙަރަކާތްތެރިވަމުން އަންނަނީ ވަރަށް އެކަށީގެންވާ ގޮތެއްގައި. ޓޫރިޒަމްގެ ދާއިރާގައިވެސް، މަސްވެރިކަމުގެ ދާއިރާގައިވެސް، ވިޔަފާރީގެ ދާއިރާގައިވެސް އަދި ބޯޓުދަތުރުކުރުމާއި، ބޯޓުފަހަރު ދުއްވުމުގެ ދާއިރާގައިވެސް. އެހެންކަމުން، އެ ފަރާތްތަކުން އެ ކުރައްވާ މަސައްކަތާއި، މުޅި ދިވެހި ޤައުމަށް އެ ހޯއްދަވައިދެއްވާ އާމްދަނީއާއި ކުރިއެރުން އެއީ، އަޅުގަނޑުހިތުން މިފަދަ ޖަލްސާއެއްގައި އަޅުގަނޑުމެން ފާހަގަކޮށް، އެކަމުގައި އެ އުޅުއްވާ ހުރިހާ ފަރާތްތަކަކަށް ޝުކުރު ދަންނަވަންޖެހޭނެ ކަމެއް. އާދެ، މިރޭގެ މި ޖަލްސާގައިވެސް ރާއްޖޭގެ ބޯޓުފަހަރު ދުއްވާ އޭޖެންސީތަކާއި، ކުންފުނިތަކާއި އަދި ބޯޓުދަތުރުކުރަން ފޮނުއްވާ ރާއްޖޭގެ އެޖެންސީތަކުގެ ބޭފުޅުން އެބަތިއްބެވި. އެހެންވީމާ، އެބޭފުޅުން ދިވެހިންގެ ދިރިއުޅުން ތަރައްޤީކުރުމަށާއި، ދިވެހި ޒުވާނުންތަކަކަށް ވަޒީފާ ހޯއްދަވައިދެއްވުމަށާއި އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދެވުމަށް އެ ކުރައްވާ ބުރަ މަސައްކަތްތަކަށްޓަކައި، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ! އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ފަރާތުން އެ ހިންގަވާ ބޭސިކް ސީމަންޝިޕް ޓްރޭނިންގ ކޯހަކީ ވަރަށް މުހިންމު މަޢުލޫމާތުތަކެއް، މިކޯހުގެ ބައިވެރިންނަށް ލިބިދޭ ކޯހެއް. އޭގެތެރޭގައި ކަނޑުދަތުރުކުރުމާބެހޭ ޤަވާޢިދުތަކާއި އަދި ބޯޓުފަހަރުގައި ދިމާވާ އެކި ކަންކަމުގައި ޢަމަލުކުރަންވީ ގޮތާއި، ބޯޓުފަހަރުގައި ހުންނަ މެޝިނަރީ ހިންގާނެ ގޮތާއި، މުދާއަރުވައި ބޭލުމާބެހޭ ކަންތައްތަކާއި، މިހެންގޮސް ބޯޓުދަތުރުކުރާ ބަޔަކަށް އެނގެންޖެހޭނެ ވަރަށްގިނަ މަޢުލޫމާތުތަކެއް މިކޯހުން، މިކޯހުގެ ބައިވެރިންނަށް ދަސްވޭ. ޝައްކެއްނެތް، ކޮންމެ ކަމެއް ކުރަން ފަށާއިރުވެސް އެކަމަކާބެހޭ މަޢުލޫމާތު ލިބުމަކީ ވަރަށް މުހިންމު ކަމެއް. މަޢުލޫމާތު ލިބިގެން ނޫނީ، އެ ފަންނުގައި އެއްވެސް މީހަކަށް ކުރިއަކަށް ނުދެވޭނެ. އެހެންކަމުން، 1980ގެ މެދެއްހާ ހިސާބުން ފެށިގެން ސަރުކާރުން މި ހިންގާ ކޯހުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ގިނަ ޢަދަދެއްގެ ޒުވާނުންތަކަކަށް ބޯޓުފަހަރުދުއްވުމާއި އަދި ބޯޓުދަތުރުކުރުމާބެހޭ މަޢުލޫމާތު ލިބި، އެ މަޢުލޫމާތުގެ ސަބަބުން އެމީހުންނަށް ވަޒީފާ ލިބި، އެމީހުންގެ އާމްދަނީ އިތުރުވެ އަދި އެމީހުންގެ ޢާއިލާތަކަށް އިތުރު ތަނަވަސްކަން ލިބެމުންދާކަމީ ޝައްކެއްނެތްގޮތުގައި، ވަރަށް އުފާކުރުން ޙައްޤުކަމެއް.

ރާއްޖޭގެ، ބޯޓުދަތުރުކުރަންދާ މީހުންގެ ތެރެއިން ގިނައީ ރާއްޖެތެރޭގެ ޒުވާނުންކަން އަޅުގަނޑު ފާހަގަކޮށްލަން. އާދެ، އެއީ ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން. އެހެން މިދެންނެވީ، ދެންމެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، ރާއްޖެތެރެއަށް އަންނަމުންދާ ކުރިއެރުމާއި ތަރައްޤީގެ ވަރަށްބޮޑު ބައެއް ޙިއްޞާކުރާ ފަރާތަކީ ބޯޓުދަތުރުކުރާ މީހުން ކަމަށްވާތީ. އެމީހުންނަށް ލިބޭ އާމްދަނީން ފައިސާގެ ގޮތުންނާއި ތަކެތީގެ ގޮތުން، ރާއްޖެއަށް ގެނެސް އެމީހުންގެ ގެދޮރު، ރަށްރަށުގައި ކުރިއަށްވުރެ ރަނގަޅު ފެންވަރަކަށް އަޅާ. އަދި ރަށްރަށުގެ ތަރައްޤީއަށް އެމީހުންގެ ފަރާތުން ލިބެމުންދާ އެހީތަކަކީ ޝައްކެއްނެތްގޮތުގައި، ރާއްޖެތެރޭގެ ކުރިއެރުމަށް އިތުރު ދިރުމެއް ލިބެމުންދާ ކަމެއް. ހަމައެއާއެކީގައި، އެމީހުންގެ ޢާއިލާތަކަށް އެ ލިބޭ ތަނަވަސްކަމާއި އަދި މިނިސްޓަރ ވިދާޅުވި ފަދައިން، ޙައްޖަށްދިޔުން ފަދަ މުހިންމު ކަންކަމުގައި ބޯޓުދަތުރުކުރާ މީހުންގެ އާމްދަނީން އެކަން ހަމަޖެހެމުންދާކަން އެއީވެސް އަޅުގަނޑުހިތުން ދިވެހި ރައްޔިތުންނަށް އަދި ޚާއްޞަކޮށް، ރާއްޖެތެރޭގައި ދިރިއުޅޭ މީހުންނަށް ލިބެމުންދާ ވަރަށްބޮޑު އެހީއެއް.

އާދެ! މިއަދު އަޅުގަނޑުމެން ޤަބޫލުކުރަން ޖެހިފައިވާ ގޮތުގައި، ރާއްޖެ ކުރިއަށްދާނީ ރާއްޖޭގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ތަރައްޤީކޮށްގެން އަދި ރާއްޖޭގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތައް ދަސްކޮށް، އެމަސައްކަތްތަކުގައި ކުރިއަށްގޮސްގެން. ބޯޓުދަތުރުކުރުމަކީ އަދި ބޯޓުފަހަރު ދުއްވުމަކީ، ރާއްޖޭގެ ޠަބީޢަތާއި، ޖުޣުރާފީގޮތުން ރާއްޖެ އޮންނަގޮތާއި، ރާއްޖޭގެ މާޙައުލާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. އަދި އެކަމުގައި ކުރިއަށްދިޔުމަކީ، މިދެންނެވި ކަންތައްތައް އެގޮތަށް ހުރުމުގެ ސަބަބުން ދިވެހިންނަށް މާ ދަތިކަމަކަށްވެސް ނުވާނެ. އެހެންކަމުން، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަށް ގެންދިޔުމުގައި އަދި އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކޮށް، އެމީހުންގެ ދިރިއުޅުން، އެއްދުވަހުން އަނެއްދުވަހަށް ތަނަވަސްކުރުމުގައި ބޯޓުދަތުރުކުރުމާއި، ބޯޓުފަހަރު ދުއްވުމުގެ މުހިންމުކަން މިއަދު އަޅުގަނޑުމެން ވަޒަންކުރަންޖެހޭނެ. މިރޮނގުން ކުރިއަށްދެވޭނީވެސް އެރޮނގުގެ ކަންތައްތައް ރަނގަޅަށް ދަސްކޮށްގެން. ބައިނަލްއަޤްވާމީ ގޮތުންވެސް އެދާއިރާގައި ގެންގުޅެންޖެހޭ އުޞޫލުތައް އަޅުގަނޑުމެންނަށް އެނގިގެން، އެ އުޞޫލުތަކާ އެއްގޮތަށް ކަންތައްތައް ކޮށްގެން. ހަމައެއާއެކީގައި، އަޅުގަނޑުމެންގެ ފަރާތުން އެމަސައްކަތްކުރާ މީހުންނަށް އެކަމުގެ ހުނަރުވެރިކަމާއި ޤާބިލިއްޔަތު ހޯދައިދެވިގެން. އެކިއެކި ކޯސްތައް ހިންގެވުމުގެ ބޭނުމަކީ އެއީ. ހަމައެފަދައިން، ބައިނަލްއަޤްވާމީ ގޮތުން ކުރަންޖެހޭ ކަންތައްތައް، އެ ކުރަން އޮންނަ އުޞޫލަކުން ކޮށްގެން.

އާދެ! އެގޮތަށް އަޅުގަނޑުމެން ޢަމަލުކުރަމުން ގެންދާކަމަށްވަންޏާ ޝައްކެއްނެތްގޮތުގައި، މި މުހިންމު މަސައްކަތްވެސް އަޅުގަނޑުމެންނަށް އިތުރަށް ތަރައްޤީކުރެވިދާނެ. އަދި އޭގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށާއި، ރާއްޖޭގެ އިޤްތިޞާދަށް މިހާރަށްވުރެ ބޮޑެތި ފައިދާތަކެއް ހޯދިދާނެ.

އަޅުގަނޑުގެ އިލްތިމާސަކީ އަދި އެދުމަކީ ރާއްޖެއިން ބޯޓުދަތުރުކުރަންދާ މީހުން، އަޅުގަނޑު މިދެންނެވި ނުކުތާތަކުގެ މައްޗަށް ސަމާލުކަން ދެއްވައިގެން، އެބޭކަލުން އެ ކުރައްވާ މަސައްކަތް ތަރައްޤީކުރައްވައި އަދި އެބޭކަލުންނަށް އެ ލިބިލައްވާ މަޢުލޫމާތު ފުރިހަމައަށް ބޭނުންކުރައްވައިގެން، ފިސާރި ހީވާގިކަމާއެކީގައި މަސައްކަތް ކުރައްވަމުން ގެންދެވުން. އަދި ތިޔަ ކުރައްވާ މަސައްކަތުން ރާއްޖެއަށް ރީތިނަމެއް ލިބިގެންދިޔުން. މިހާރުވެސް ރާއްޖެއަށްވަނީ ބޯޓުދަތުރުކުރުމުގެ ދާއިރާގައި ވަރަށް ރީތި ނަމެއް ލިބިފައިކަން އަޅުގަނޑުމެން ފާހަގަކުރަންޖެހޭ. ދިވެހިންނަކީ މަސައްކަތަށް ފަރުވާބަހައްޓާ، ވަރަށް މުރާލި ހީވާގި ބައެއްކަން ބޭރުމީހުންވެސް ޤަބޫލުކުރޭ. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅޭ ކަހަލަ މަސައްކަތެއްގައި އާދެ، އެއީ ބޯޓުފަހަރުގެ މަސައްކަތްކުރުން ކަހަލަ މަސައްކަތެއްގައި އަޅުގަނޑުމެންނަށް ރީތިނަމެއް ހޯދުމަކީ މާދަތިކަމަކަށްވެސް ނުވާނެ. އެހެންކަމުން، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވާހަކަފުޅުގައި އެ ވިދާޅުވިކަހަލަ މައްސަލަތަކުގެތެރެއަށް އަޅުގަނޑުމެން ނުވަދެ، ރާއްޖެއަށް ރީތިނަމެއް ހޯދައިދެވޭތޯ އަދި މިމަސައްކަތުގައި އުޅޭ މީހުންނަށް އިތުރު ތަނަވަސްކަމާއި ތަރައްޤީ ލިބޭ ގޮތެއްގެމަތިން، އެ ހުރިހާ ބޭކަލުންވެސް މަސައްކަތް ކުރައްވަމުން ގެންދެވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ އަދިވެސް އެއްފަހަރު، މިރޭ މިތަނަށް އާދެވުނުކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވާލަމުން. އަދި ރާއްޖޭގެ މުރާލި އަދި ހީވާގި ޒުވާން ބޯޓުދަތުރުކުރާ މީހުންނަށާއި، ރާއްޖޭގައި ބޯޓުދުއްވާ ކުންފުނިތަކަށާއި އަދި ބޯޓުދަތުރުކުރަން ރާއްޖެއިން ފޮނުއްވާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އެ ހުރިހާ ފަރާތްތަކަކުން އެ ކުރައްވާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ރާއްޖޭގެ ހަމަޖެހުމަށާއި ތަރައްޤީއަށް އިތުރު ފައިދާތަކެއް ލިބޭނެމަގު އެކަލާނގެ ތަނަވަސްކޮށްދެއްވުން އެދި ދުޢާކުރަމުން.

والسّلام عليكم ورحمـة اللّـه وبركاته.