بســم اللّـه الرّحمـن الرّحيــم
الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين. سيِّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.
ސަރުކާރުގެ ޚަރަދުގައި މާލޭގައި ފުރަތަމަ ބެހެއްޓޭ، ލޮނުން ފެން ހަދާ މެޝިން ހުޅުވައިދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރގެ ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މިނިސްޓަރުގެ ނާއިބު ޑޮކްޓަރ ޢަބްދުއްސައްތާރު ޔޫސުފް މި ޖަލްސާގައި ވަޑައިގެން ނެތްކަމުގައިވިޔަސް، އޭނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، މިއަދުގެ މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެންމެ އިސްބައެއް ކުޅުއްވަމުން ގެންދަވާ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑޮކްޓަރ ނާއިލާ އިބްރާހީމްދީދީއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި، އެމް.ޑަބްލިޔޫ.އެސް.އޭ.ގެ ވެރިންނަށް، އަދި ޚާއްޞަކޮށް، އެތާނގެ ޑިރެކްޓަރ، ދެންމެ އަޅުގަނޑުމެންނާ އެ މުޚާޠަބުކުރެއްވި ޑިރެކްޓަރަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.
މިއަދު މި އިފްތިތާޙުކުރެވޭ، ލޮނުން ފެން ހަދާ މެޝިނަކީ މާލޭގައި މިހާރު ދިމާވެފައިވާ ބޯފެނުގެ ދަތިކަމަށް މިވަގުތަށް ޙައްލެއް ގެނެސްދެވޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން. އާދެ، މާލޭގެ ބޯފެނުގެ މައްސަލައަކީ އިތުރަށް ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، މިވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި މާލޭގައި ދިރިއުޅޭ އެންމެންނަށް ވަރަށް ޚާއްޞަ ގޮތެއްގައި އިޙްސާސް ކުރެވެމުން ގޮސްފައިވާ ކަމެއް. ޚާއްޞަކޮށް، އިރުވައި މޫސުމުގައި އާދެ، އަހަރުގެ ކުރީކޮޅު، ޖެނުއަރީން ފެށިގެން ތިންހަތަރު މަހެއްހާ ދުވަސްވަންދެން، މާލޭގައި ދިރިއުޅޭ މީހުން ފެނުގެ މައްސަލައިގައި އުޅެންޖެހެނީ ވަރަށްދަތި ގޮތަކަށް. މިކަން ޙައްލުކުރެވޭތޯ މީގެ އެތައް އަހަރެއް ކުރިން ފަށައިގެން ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. އެހެންނަމަވެސް، އެކަށީގެންވާ ރަނގަޅު ޙައްލެއް އަދިވެސް ވަނީ ނުފެނިފައި. އެހެންކަމުން، މިކަމަށް ވަރަށްބޮޑު އިސްކަމެއްދީގެން، މާލޭގެ ފެނުގެ ދަތިކަން ޙައްލުކުރެވޭތޯ ސަރުކާރާއި، ސަރުކާރުގެ ތަފާތު ފަރާތްތަކާ ގުޅިގެން އަދި ބޭރުގެ ފަރާތްތަކުގެ މަޝްވަރާއާއި އެހީތެރިކަންވެސް ހޯދައިގެން އެ މަސައްކަތް މިހާރު މިގެންދަނީ ކުރަމުން.
ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، މިއަހަރު ރައްޔިތުންގެ މަޖްލިސް ހުޅުވައިދެމުން އަޅުގަނޑު އިއްވި ޕްރެޒިޑެންޝަލް އެޑްރެސްގައިވެސް، މާލޭގެ ބޯފެނާއި ފާޚާނާގެ މައްސަލައަކީ ވަރަށްދަތި މައްސަލައެއް ކަމަށްވާތީ، އެކަންތައްތައް ޙައްލުކުރުމަށްޓަކައި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާކަމަށްވާނީ ދަންނަވާފައި.
އާދެ! އެ ދެންނެވި ދެންނެވުމާ އެއްގޮތްވާ ގޮތުގެމަތިން، މަސައްކަތް ކުރެވެމުން މިދަނީ. މިއަދު މިހުޅުވޭ ފެން ޕްލާންޓަކީ ވަރަށް އަވަސްގޮތެއްގައި އެ ޕްލާންޓް ގަތުމާއި، މާލެ ގެނައުމާއި، މާލޭގައި ބެހެއްޓުމާއި އަދި އިފްތިތާޙުކުރުމާ، މިކަންތައްތައް ހަމަޖެހިގެންދާ ޕްލާންޓެއް. އާދެ، މިއީ އެންމެ 6 މަސްދުވަހުގެ ތެރޭގެ މަސައްކަތޭ އަޅުގަނޑަށް ދަންނަވަންޖެހޭ. ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔައީ އެއަށްވުރެވެސް އަވަހަށް މިކަން ކުރެވޭތޯ. އެއީ، މި ވޭތުވެދިޔަ ދުވަސްތަކުގެތެރޭގައި، އާދެ! މިއަހަރުގެވެސް އިރުވައި މޫސުމުގެ ތެރޭގައި ވާރޭނުވެހި ގިނަދުވަސްތަކެއް ދިޔުމުން ނުކުންނާނެ ދަތިތައް ޙައްލުކުރުމަށްޓަކައި. އެދުވަސްވަރަށް މި ޕްލާންޓް ގެނެސް، އޭގެ މަސައްކަތް ފެށޭތޯ ސަރުކާރުން މަސައްކަތް ކުރަމުންގެންދިޔައީ. އެހެންނަމަވެސް، އެވަރަށް އެކަން ނުކުރެވުނު ކަމުގައިވިޔަސް، މިއަދު މި ޕްލާންޓް ހުޅުވޭކަން އަޅުގަނޑުހިތުން އެއީ އަޅުގަނޑުމެން މާލޭގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ވަރަށްވެސް ބޮޑު ހިތްހަމަޖެހުމެއް.
އާދެ، މި މެޝިން ގަތުމާއި، މާލެއަށް އެތެރެކުރުމާއި އަދި ބެހެއްޓުމާއި، އެކަމަށް ބޭނުންވާ ކަންތައްތައް ކުރުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަންވަނީ ލިބިފައި. އެހެންކަމުން، އެ ހުރިހާ ފަރާތްތަކަކަށްވެސް ޝުކުރު ދެންނެވުމަކީ މިއަދު އަޅުގަނޑު އަދާކުރަންޖެހޭނެ އުފާވެރި ވާޖިބެއްކަމުގައި ދެކެން. މި ޕްލާންޓް ގަތުމުގެ މަސައްކަތް، ސަރުކާރުގެ ފަރާތުން ކޮށްދެއްވީ އަލްފާޟިލް ޢަލީ ޢުމަރުމަނިކު. އޭނާއަކީ މިކަހަލަ ކަންކަމުގައި ސަރުކާރުން އެދޭ ކޮންމެ އެދުމަކަށް ވަރަށް އަވަސްގޮތެއްގައި އިޖާބަދެއްވައި، ވަރަށް އިޚްލާޞްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް. އެހެންކަމުން، މި ޕްލާންޓްގެ ވާހަކަ ދެންނެވުމުން، އޭނާ ވަރަށް އަވަސްގޮތެއްގައި، ކަމާބެހޭ ކުންފުނިތަކާ ވާހަކަފުޅު ދައްކަވައިގެން، މިކަންތައްތައް ކޮށްދެއްވި. ދެންމެ ތިޔަ އެއްސެވިފަދައިން، މި ޕްލާންޓަކީ ސިންގަޕޫރުގެ އެކްއާޓެކް އިންޖިނިއަރިންގ އެންޑް ސަޕްލައިޒް ޕްރައިވެޓް ލިމިޓެޑް ކުންފުނިން އުފައްދާފައިވާ ޕްލާންޓެއް. އަދި އެ މާލެ ގެނައުމާއި ބެހެއްޓުމުގެ ކަންތައްތައްވެސް ކޮށްދީފައިވަނީ އެ ކުންފުނީގެ ފަރާތުން. އެ ކުންފުނީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންފައި ވަނީ އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ މިސްޓަރ ރިޗަޑް ޔަންގ. އެހެންކަމުން، އޭނާއަށާއި އެ ކުންފުންޏަށްވެސް މިއަދުގެ މުނާސަބަތުގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް ކަމުގައި ދަންނަވަން. މި މަސައްކަތް މިހާ ހަލުވިގޮތެއްގައި ކުރިއަށްގެންދިޔުމުގައި މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރގެ ވެރިންނާއި މުވައްޒަފުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ. ހަމައެފަދައިން، އެމް.ޑަބް.ލިޔޫ.އެސް.އޭ.ގެ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ރަޝީދުވެސް ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައި. އަދި އެ އޮތޯރިޓީގެ ސީނިއަރ އިންޖިނިއަރ އަލްފާޟިލް މުޙަންމަދު ރަޝީދު ބާރީއާއި، ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލް އަޙްމަދު ޢައްޒާމް މި މަސައްކަތުގައި ކޮށްދެއްވާފައިވާ މިންނަތް ޚިދްމަތް އުފަލާއެކު އަޅުގަނޑު ފާހަގަކުރަން.
މި ޕްލާންޓް ބެހެއްޓުމުގައި ދިމާވި ޓެކްނިކަލް މައްސަލަތައް ޙައްލުކޮށްދެއްވުމުގައި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ވެރިންނާއި މުވައްޒަފުން ކޮށްދެއްވި މަސައްކަތްވެސް ފާހަގަކޮށްލަންޖެހޭ. ޚާއްޞަކޮށް، އެ ބޯޑުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވި، މިނިސްޓަރ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނާއި، އަދި އޭނާގެ ބެއްލެވުމުގެ ދަށުން އެމް.އީ.ބީ.ގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތް ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑު ހަނދާންކުރަން.
އާދެ، މި ޢިމާރާތްކުރުމާއި އަދި މާލޭގައި ކުރަންޖެހުނު އިތުރު މަސައްކަތްތައް ކުރުމުގައި، އެމް.އެން.އެސް.އެމް.އެލް.ގެ މުވައްޒަފުންނާއި، އެތާނގެ ވެރިން ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަންވެސް އަޅުގަނޑު ޝުކުރުވެރިކަމާއެކު ފާހަގަކުރަން. ޚާއްޞަކޮށް، އަލްފާޟިލް ޢަލީ ވަޙީދު މިކަހަލަ ބޮޑެތި މަސައްކަތްތަކުގައި ބަހައްޓަވާ ޚާއްޞަގޮތާއި، އެކަން ކޮށްދެއްވިލެއް ފުރިހަމަކަމަށްޓަކައި އޭނާއަށާއި އަދި އޭނާގެ މުވައްޒަފުންނަށްވެސް މިއަދު މި މުނާސަބަތުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިއަދުގެ މި އިޙްތިފާލަށް ތައްޔާރުވުމުގައިވެސް އެ ހުރިހާ ފަރާތްތަކެއްގެ ޚިދުމަތްވަނީ ލިބިފައި. އާދެ، މިނިސްޓްރީ އޮފް ހެލްތު އަދި މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ. އޭގެއިތުރުން، އެމް.އީ.ބީ، އެމް.އެން.އެސް.އެމް.އެލް. މިހުރިހާ ފަރާތްތަކެއްގެ އެހީއާއި އެއްބާރުލުން ލިބިގެން މިއަދު މިހާފުރިހަމަގޮތެއްގައި މިއަދުގެ މި ރަސްމިއްޔާތު މި ބޭއްވެނީ. އެހެންކަމުން، މި ހުރިހާ ކަމަކަށްޓަކައި އަޅުގަނޑު މިދެންނެވި ހުރިހާ ފަރާތްތަކަކަށް ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރި ޝުކުރެއް އަޅުގަނޑު ދަންނަވަން.
އާދެ، ދެންމެ ޑިރެކްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، މިއަދު މި އިފްތިތާޙުކުރެވޭ، ލޮނުން ފެންހަދާ މެޝިނަކީ މާލޭގައި މިހާތަނަށް ބެހެއްޓޭ އެންމެ ބޮޑު މެޝިން. މީގެކުރިން ބޭރުގެ އެހީއާއެކީގައި، ސަރުކާރުން މާލޭގައި ހަތަރު މެޝިނެއް ބަހައްޓާފައިވޭ. އާދެ އެއީ، 200 މެޓްރިކްޓަން އުފައްދާ ދެ މެޝިނާއި، 270 މެޓްރިކްޓަން އުފައްދާ ދެ މެޝިން. ޖުމްލަ 940 ޓަނުގެ ފެން އުފެއްދޭވަރުގެ ހަތަރު މެޝިން ވަނީ މީގެކުރިން ބެހެއްޓިފައި. މިއަދު މި ބަހައްޓާ މެޝިންގެ ކެޕޭސިޓީއަކީ 500 މެޓްރިކްޓަން. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން މިވަގުތަށް ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ކަމެއް. އަދި މިއަދާ ހަމައަށް، އިރުވައި މޫސުމުގެ ކަންތައްތައް ވަމުންދާގޮތަށް ބަލާއިރު، މިއަދު މި ހުޅުވޭ މެޝިން ހުޅުވި، އޭގެ ޚިދުމަތް ފުރިހަމައަށް ލިބެން ފެށުމުން، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުތަކުގައި، ވާރޭ ނުވެހޭ މޫސުމުގައި، މީގެކުރިން އަޅުގަނޑުމެން ކުރިމަތިލާންޖެހުނުފަދަ ދަތިތަކަކާ ދެން ކުރިމަތިލާކަށެއް ނުޖެހޭނެ.
އާދެ! އެންމެފަހުން މިދެންނެވި ހަތަރު މެޝިން، އޭގެ އެންމެ ފުރިހަމަގޮތުގައި މަސައްކަތްކުރަމުން ދިޔައިރުވެސް، ދުވާލަކު އުފެއްދެނީ ގާތްގަނޑަކަށް 750 ޓަނުގެ ފެން. ހަމަ އެހާ ފެން ދޫކުރަންޖެހޭ، ޢާންމު ރައްޔިތުންނަށްޓަކައި. އެހެންވީމާ، އެ ހަތަރު މެޝިނުން ފެން އުފައްދާފައި، ބާކީކުރެވޭ އެއްވެސް ފެނެއް ނުހުރޭ. އެއީ، ވަރަށް ބޮޑު މައްސލައަކަށް އޮންނަނީ ވެފައި. އެހެންވީމާ، މިފަދަ މެޝިނެއް ބަހައްޓައިގެން ދުވާލަކު މާލެއަށް ބޭނުންވާ ފެނުގެ އަދަދަށްވުރެ އިތުރަށް ފެން އުފެއްދޭ ކަމަށްވަންޏާ، ކޮންމެ ދުވަހަކުވެސް އެކަށީގެންވާ އަދަދަކަށް، މުސްތަޤްބަލަށްޓަކައި ފެން ތައްޔާރުކުރެވޭނެ. އެގޮތުން، މިއަދުގެ މެޝިންގެ މަސައްކަތް ރަނގަޅަށް ހިނގައިގަތުމުން، މުސްތަޤްބަލްގައި އިރާދަކުރެއްވިއްޔާ މީގެކުރިން އަޅުގަނޑުމެން ކުރިމަތިލާންޖެހުނު ފަދަ ދަތިތަކަކާ ދެން ކުރިމަތިލާކަށް ނުޖެހޭނެ.
އާދެ، ލޮނުން ފެން ހެދުމަކީ ރާއްޖޭގެ ނިސްބަތުގައި، އޭގެ ޒާތުގައި ފެނުގެ މައްސަލައަށް ޙައްލެއް އަންނާނެ ކަމެކޭ އަޅުގަނޑަކަށް ދެންނެވޭކަށް ނެތް. އެއީ، މި މެޝިންގެ އަގު ބޮޑުކަމާއި، ބެލެހެއްޓުމުގެ ޚަރަދު ބޮޑުކަމުން. ހަމަ އެފަދައިން، މިއިން މެޝިނަކަށް ގެއްލުމެއް ލިބިއްޖިއްޔާ ނުވަތަ އެއަށް ބޭނުންވާ ކަރަންޓް ނުލިބޭގޮތް ދިމާވެއްޖިއްޔާ ދިމާވާނެ ދަތިތަކެއް ހުރުމާއެކީގައި. އިލެކްޓްރިކް ކަރަންޓުގެ މައްސަލައާއި، ބޯފެނުގެ މައްސަލައަކީ ވަރަށް ތަފާތު ދެ މައްސަލައެއް. ކަރަންޓާނުލައި ދަތީގައި ނަމަވެސް އަޅުގަނޑުމެންނަށް ދިރިއުޅެވިދާނެ. ފުޅިބައްތި ދިއްލައިގެންވެސް، އެނޫން ގޮތްގޮތުން އަލިކޮށްގެންވެސް ހިފެހެއްޓިދާނެ. އެހެންނަމަވެސް، ބޯފެނާނުލައި އަޅުގަނޑުމެންނަކަށް ދިރިއެއްނޫޅެވޭނެ. އެކަން އެހެން އޮތުމާއެކީގައި، އަޅުގަނޑުމެން ހަމައެކަނި ލޮނުން ފެންހަދާ މެޝިންތަކެއް ބަހައްޓައިގެން، އެއަށް ބުރަވެތިބެގެން އަޅުގަނޑުހިތުން ދެކޮޅުޖެއްސޭކަށެއް ނޯންނާނެ. އަޅުގަނޑު ދެކޭގޮތުގައި، ﷲގެ ރަޙްމަތްފުޅުން އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށްގިނައިން ވާރޭވެހޭ. އެ ވާރޭފެނުގެ ބޭނުން ހެޔޮގޮތުގައި ކުރެވޭނެ އިންތިޒާމުތަކެއް އަޅުގަނޑުމެންނަށް ހަމަޖެހިއްޖެނަމަ ނުވަތަ ހަމަޖެއްސިއްޖެނަމަ، އަޅުގަނޑުމެންނަށް މި ދިމާވާ ދަތި މައްސަލަތަކުން ޙައްލެއް ހޯދިދާނެ.
އާދެ، މާލެއަށް މި ވެހޭ ވާރޭފެނުގެ ބޮޑުބައެއް ރައްކާކުރެވޭނެ ގޮތެއް ހޯދިއްޖެނަމަ، އަޅުގަނޑުހިތުން މިފަދަ އަގުބޮޑު މެޝިންތައް ގެނެސްގެން، އެ މެޝިންތަކުގެ ބޭނުންކުރާކަށެއް ނުޖެހޭނެ. އެހެންނަމަވެސް، އަޅުގަނޑު މިދަންނަވާ ވާހަކަ ޙަޤީޤަތަކަށް ހެދުމަކީވެސް މާފަސޭހަކަމަކަށް ނުވާނެކަން އަޅުގަނޑުވެސް ޤަބޫލުކުރަން. މިހާރުވެސް މާލޭގައި ބޯފެން ރައްކާކުރާނެ، ވަރަށް ގިނަ ތާނގީތަކެއް އެބަހުރި. އޭގެތެރޭގައި، ސަރުކާރުން ހަދާފައި ހުރި، ވަރަށް ގިނަ ތާނގީ އެބަހުރި، މިހާރުވެސް ހެދިފައި. ބޮޑެތި ދިހަ ތާނގީ އެބަހުރި. އޭގައި އަށާރަހާސް މެޓްރިކްޓަނުގެ ފެން ރައްކާކުރެވޭ. މީގެއިތުރުން، ގޭގޭގައި މީސްމީހުން އަމިއްލައަށް ހަދާފައި ހުންނަ ތާނގީތަކާއި އަދި ކުރިން ހިންގި، މާލޭގެ ވޯޓަރ ސަޕްލައިޒް ޕްރޮޖެކްޓްގެ ދަށުން ހަދާދެވިފައިވާ ތާނގީތަކާ، މިތާނގީތަކުގައިވެސް ގާތްގަނޑަކަށް ބާރަހާސް މެޓްރިކްޓަނުގެ ފެން ރައްކާކުރެވޭކަމަށް އަޅުގަނޑަށް އެނގިފައިވަނީ.
އެހެންވީމާ، ޖުމްލަ ތިރީސްހާސް ޓަނުގެ ފެން ރައްކާކުރެވޭގޮތަށް މިހާރު މާލޭގައި ތާނގީ ހެދިފައި އެބަހުރި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ތަޖްރިބާއިން އެނގެނީ، އެ ތާނގީތަކުގައި އެވާ ފެން އެއީ، އަދި އަޅުގަނޑުމެންނަށް ފުދޭވަރުގެ ފެނަކަށް ނުވާކަން. އެހެންކަމުން، މިހާރުވެސް އިތުރު ތިން ތާނގީއެއް، ސަރުކާރުގެ ޚަރަދުގައި ހެދުމުގެ މަސައްކަތް ކުރެވެމުން އެބަދޭ. އެ ތިން ތާނގީ ހެދުމުން ދިހަހާސް އަށްސަތޭކަ ފަންސާސް ޓަނުގެ ފެން އިތުރަށް އަޅުގަނޑުމެންނަށް، އިރާދަކުރެއްވިއްޔާ ރައްކާކުރެވޭނެ. ލަފާކުރެވޭގޮތުގައި މި މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރުހާ ތާނގައި ނުވަތަ ލަސްވެގެން އޮކްޓޯބަރުހާ ތާނގައި ނިމޭނެ.
އަޅުގަނޑު ހިތަށްއަރަނީ އަދިވެސް އަޅުގަނޑުމެން ބޮޑަށް މަސައްކަތްކުރަންވީ، އަޅުގަނޑުމެން ފެން ރައްކާކުރެވޭނެ ޖާގަ އިތުރުކުރުމަށޭ. މިހެން ދަންނަވާއިރު، އަޅުގަނޑަށްވެސް އެނގޭ، އަމިއްލަ މީސްމީހުންގެ ގޭގޭގައި އެއްވެސް ޖާގައެއް މިހާރަކު ނޯންނަކަން. އެހެންނަމަވެސް، ކޮންމެވެސް ގޮތްތަކެއް ހޯދައިގެން، މާލޭގައި ފެން ނެގެންހުރި ފުރާޅުތަކުން ފެންނެގޭނެ އިންތިޒާމުތަކަކާއި އަދި ޢާންމު ތަންތާނގައި އިތުރުގޮތްތައް ހޯދައިގެން، އިތުރަށް ތާނގީ ހަދައިގެން ތާނގީގައި ފެން ރައްކާކުރުމުން، އަޅުގަނޑު ދެކޭގޮތުގައި މިކަމަށް މުސްތަޤްބަލްގައި ޙައްލެއް ގެނެވިދާނެ. މިކަންކަމަކީ ވަރަށް ބޮޑެތި މަސައްކަތްތައް، އޭގައި އެކުލެވިގެންވާންޖެހޭނެ ކަންތައްތަކެއް. އަދި ވަރަށް ގިނަ އަދަދަކަށް ޚަރަދުވެސް ހިނގާނެ ކަންތައްތަކެއް. އެހެންނަމަވެސް، ބޯފެނުގެ މައްސަލައަކީ އެހެން ހުރިހާ މައްސަލައަކަށްވުރެ އިސްކުރަންޖެހޭ މައްސަލައަކަށްވާތީ، އެ މަސައްކަތްތައް ނުކޮށް ނުވަތަ އެ ޚަރަދުތައް ނުކޮށް ފަރުޖެއްސޭކަށެއް ނޯންނާނެ. މިހާރު އަޅުގަނޑު ދެންމެ މިދެންނެވި، އިތުރަށް ހަދާ ތިންތާނގީ ހަދަންވެސް ދިހަ މިލިޔަނަށްވުރެ ގިނަ ޢަދަދަކަށް ދިވެހިރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭ. އަދި މީގެކުރިން ހަދާފައިވާ ތާނގީތަކަށްވެސް ވަރަށްގިނަ ޢަދަދަކަށް ވަނީ ފައިސާ ޚަރަދުވެފައި. ކުރިން ބަހައްޓާފައި ހުރި، ލޮނުން ފެންހަދާ ހަތަރު މެޝިން ބެހެއްޓުމަށްވެސް ހަތްމިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިންވަނީ ޚަރަދުވެފައި. މިކަންކަމަކީ ވަރަށް ޚަރަދުބޮޑު ކަމެއްކަން އަޅުގަނޑުމެން މިހާރު ވަޒަންކުރަން އެބަޖެހޭ. އެހެން ކަންއޮތުމާއެކީގައި، އަޅުގަނޑުމެން ވިސްނަންވީ ފެން ބޭނުންކުރާއިރުވެސް، އެކަމަށް އޮންނަ އެންމެ ހެޔޮ އުޞޫލަކުން އެކަން ކުރުމަށް އިސްކަންދޭން.
އާދެ، ފެނުން އިސްރާފުކުރުމަކީ މިވަގުތު އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް ނޫން. މީގެ އެތައް އަހަރެއް ކުރިން މިކަހަލަ އެއްވެސް މައްސަލައެއް މާލޭގައި ނުޖެހޭއިރު، ވަޅުފެން ބޭނުންކޮށްގެން އަޅުގަނޑުމެން ގިނަ ކަންތައްތައްކޮށް އުޅުނުއިރު، ފެން ބޭނުންކުރުމުގައި އެއްވެސް ބެލުމެއްނެތި އެކަން ކުރެވެމުން އައިކަމުގައިވިޔަސް، މިއަދު އެއްގޮތަކަށްވެސް އެކަން އެހެން ކުރެވޭކަށެއް ނެތް. ފެނަކީ ވަރަށް އަގުބޮޑު އެއްޗަކަށްވެއްޖެ. އަދި އަޅުގަނޑުމެން ބޭނުންހާގޮތަކަށް، ބޭނުންއިރަކު، ބޭނުންވަރަކަށް ލިބެންހުރި އެއްޗަކަށްވެސް އެ މިހާރަކުނުވޭ. އެއީ، އަޅުގަނޑުމެން މިހާރު ވިސްނަންވީ އެންމެބޮޑު ކަމަކީ.
ދާދިފަހުން ހެދުނު ސާރވޭއެއް ދައްކާގޮތުގައި، މާލޭގައި ދުވާލެއްގެ މައްޗަށް މީހަކަށް 106 ލީޓަރުގެ ފެން ބޭނުންކުރެވޭ. އަޅުގަނޑުމެންގެ އަވަށްޓެރި އެހެން ޤައުމުތަކަށް ބަލާއިރު، މި ޢަދަދަކީ އެ ޤައުމުތަކުގައި ފެން ބޭނުންކުރާވަރަށްވުރެ މާބޮޑު ޢަދަދެއް. އެހެންވީމާ، އެއީވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއެއް. ފެނަކީވެސް އަގުބޮޑު އަދި މަދު އެއްޗަކަށްވުމުން، އެ ބޭނުންކުރުމުގައި އަޅުގަނޑުމެން އިސްރާފު ނުކުރުމަށާއި، އެ ބޭނުންކުރުމުގައި ރަނގަޅު އުޞޫލުތަކެއް ހިފުމުގެ އާދަ އެއީ، އަޅުގަނޑުމެން ދަސްކުރަންވެއްޖެ އެއްޗެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހެނީ.
އާދެ، ފެނުގެ މައްސަލައަކީ ހަމައެކަނި މާލެއަށް ދިމާވެފައިވާ މައްސަލައެއް ނޫން. ރައްކާތެރި ބޯފެން ލިބުމަކީ ޢާންމު ރައްޔިތުންގެ އެންމެންނަށް ބޭނުންވާ ކަމެއް. މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ސަރުކާރުން ހިންގި ބޯފެނުގެ މަޝްރޫޢުތަކުގެ ސަބަބުން، ފެނުގެ ޛަރީޢާއިން ޖެހޭ ބަލިތައް ވަރަށް ބޮޑަށް މަދުވެގެން ހިނގައްޖެކަން އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަންޖެހޭ. ޚާއްޞަކޮށް، ބޭރަށް ހިންގުމުގެ ރޯގާތައް މިހާރު މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް، ކުރިން އެ ރޯގާތައް ފެތުރިގެން ގޮސްފައިވާ ގޮތަކަށް ފެތުރިގެނެއްނުދޭ. އެއީ، އަޅުގަނޑުމެން އެކަމަށްޓަކައި ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަންޖެހޭނެ ކަމެއް. އޭގެ އެންމެ ބޮޑު ސަބަބަކީ ރައްކާތެރި ބޯފެން ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމުތަކެއް ކޮންމެވެސްވަރަކަށް ހަމަޖެއްސުނުކަން. މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް. ރާއްޖެތެރޭގައި ފެނުގެ ކަންތައްތަކަށް ބަލާއިރު، މާލޭގެ ފެން މިހާރު ގޮސްފައިވާ ދަތި ހިސާބަކަށް ރާއްޖެތެރޭގައި އެކަން ގޮސްފައެއް ނެތް. އާދެ، އަދި އެއްވެސް ރަށެއްގައި ލޮނުން ފެންހަދާ މެޝިން ބަހައްޓާ ހިސާބަކަށް ކަންތައްތައް ގޮސްފައެއް ނެތް. އެހެންކަމުން، މިވަގުތު ސަރުކާރުން އަހަންމިއްޔަތުދެނީ ރައްކާތެރި ބޯފެން ރާއްޖެތެރޭގެ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާރޭފެން ނަގާނެ ތާނގީތައް ރަށްރަށުގައި ހަދައިދިނުމުގެ މައްޗަށް. މިކަމަކީ ވަރަށް ކުރިއްސުރެ ފަށައިގެން ހިނގަމުންދާ ކަމެއް. ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު ވަރަށްގިނަ ޢަދަދަކަށް ވާރޭފެން ނަގާ ތާނގީތައްވަނީ ހަދައިދެވިފައި. އެއީ، ބޭރުގެ އެހީވެސް ލިބިގެން. ޔޫ.އެން.ސީ.ޑީ.އެފް.އާއި، ޔުނިސެފްގެ އެހީ ވަރަށްމަތީ ދަރަޖައަކަށް ލިބިގެން. އަދި އެކިއެކި އައި.އޭ.ޑީ ޕްރޮޖެކްޓްތައް ހިންގުމަށް އެހީވެދޭ ބޭރުގެ ފަރާތްތަކުގެ އެހީވެސް ލިބިގެން މިކަންތައްތައް ކުރެވެމުން މިދަނީ. އެ ބޭރުގެ ފަރާތްތަކާ ގުޅިގެން އެމް.ޑަބް.ލިޔޫ.އެސް.އޭ.އާއި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވައިގެން، އެ ފެންތާނގީތައް ރާއްޖެތެރޭގައި ބެހެއްޓެމުން މިދަނީ.
ކޮންމެއަކަސް ބޯފެނަކީ އެއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން ދޭންޖެހިފައިވާ ކަމެއް. ހަމައެކަނި ބޯފެނެއް ނޫން. ބޯފެނަކީ އެހާ މުހިންމު އެއްޗެއް ކަމުގައިވިޔަސް، ބުއިމަށްނޫން އެހެން ކަންތައްތަކަށްވެސް ފެން ބޭނުންވާތީ، އެކަށީގެންވާ އަދަދަކަށް ފެން ލިބެންހުރުމަކީ ދިރިއުޅުން ތަރައްޤީކުރުމުގައި ކޮންމެހެން ބޭނުންވެފައިވާ ކަމެއް. އެހެންކަމުން، އެކަމާދޭތެރޭގައި ސަރުކާރާއި ޢާންމު ރައްޔިތުންނާ ވަރަށް ބޮޑަށް ފިކުރުކޮށް، ވިސްނައި، ޚިޔާލުކޮށް، އެކަށީގެންވާ ރަނގަޅު ޙައްލުތަކެއް ހޯދޭތޯ ބަލަންޖެހޭނެކަމަށް އަޅުގަނޑު ދެކެނީ.
އާދެ، މާލޭގެ ފެނުގެ ޙާލަތަށް ވިސްނާއިރު، މާލޭގައި ގޭގެއަށް ފެން ވާސިލްވާގޮތަށް ފެންހޮޅިލުމަކީވެސް ވަރަށް ބޭނުންތެރި ކަމެއްކަމުގައި ސަރުކާރަށް ޤަބޫލުކުރެވޭ. އެހެންކަމުން، އެކަމާބެހޭ ދިރާސާތަކެއްވެސް މިހާރު މިގެންދަނީ ކުރަމުން. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، މިދިޔަ އަހަރު ވަޒީރުންގެ މަޖްލިހުން ނިންމާފައިވަނީ މާލޭގައި ފެން ހޮޅިލުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ބޭރުގެ ބައެއް ފަރާތްތަކާ ގުޅައިގެން، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް. މިގޮތުން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބޭރުގެ ކަމާބެހޭ ފަރާތްތަކާ ގުޅުއްވައިގެން އެކަން ކުރިއަށް ގެންދެވޭތޯ އެބަ މަސައްކަތްކުރައްވާ. އަޅުގަނޑަށް އެނގިފައިވާގޮތުގައި، މިހާތަނަށްވެސް ބޭރުގެ ދެފަރާތަކުން އާދެ، އިނގިރޭސިވިލާތުގެ ދެކުންފުންޏަކުން ހުށަހެޅުން ލިބިފައިވޭ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެ ހުށަހެޅުންތައް މިހާރު ގެންދަވަނީ ބައްލަވަމުން. އަދި މީގެއިތުރުން، ބައެއް އެހެން ފަރާތްތަކުންވެސް މިކަމަށް ޝައުޤުވެރިކަން ހުރިކަންވަނީ ހާމަކޮށްފައި.
އެހެންވީމާ، މުސްތަޤްބަލަށްޓަކައި ވިސްނާއިރު، މާލޭގައި ފެންހޮޅިލުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމުގައިވާތީ، އިރާދަކުރެއްވިއްޔާ އެ މަސައްކަތްވެސް އެކަމާބެހޭ ތައްޔާރީތަކާއި އަދި ކުރަންޖެހޭ ދިރާސާތައްކޮށް، އެކަން ކުރިއަށް ގެންދެވޭތޯ ބަލަމުންދާ ވާހަކަ މި ފުރްޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.
އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ހުރިހާ ދަތި މައްސަލަތަކެއް ޙައްލުކުރުމުގެ މަގު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވުން. ސަރުކާރާއި ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކައި އަދި ރައްޔިތުންގެ ތަރައްޤީއަށްޓަކައި ކުރެވޭ ހުރިހާ މަސައްކަތެއްގައި، އެކަލާނގެ ބަރަކާތްލައްވައި، އެކަލާނގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވުން.
އާދެ، މިއަދުގެ މުނާސަބަތުގައި، މާލޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވަރަށް އިޚްލާޞްތެރި ތަހުނިޔާއަކާއި މުބާރިކްބާދީއެއް އަޅުގަނޑު ދަންނަވަން. އަދި މިކަމުގައި އިސްވެ އުޅުއްވި ހުރިހާ ފަރާތްތަކަކަށް އަދިވެސް އެއްފަހަރު، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.
والسّلام عليكم ورحمـة اللّـه وبركاته.