ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޢައްޔަނުކުރައްވައިފިއެވެ.

މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ތިން ބޭފުޅުންނަކީ މ. ފަލްކަންގެ، މުޙައްމަދު ނާޞިޙާއި، ދަފްތަރު. ނަންބަރު 1325، ޑޮކްޓަރ ޙުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑޮކްޓަރ ދީބާ މޫސާއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، ތިން ބޭފުޅުން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ތިން މެންބަރުންނާ، އެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.