بســم اللّـه الرّحمـن الرّحيــم
اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
އާދެ، އެސް.ޓީ.އޯ.ގެ ސުޕަރ މާކެޓް ހުޅުވައިދިނުމަކީ، މި އަހަރުގެ މިނިވަންދުވަހުގެ އިޙްތިފާލާ ގުޅިގެން ކުރެވޭ ކަމަކަށްވުމާއެކު، އަދި މިކަމަކީ އެސް.ޓީ.އޯ.ގެ ވިޔަފާރި ކުރިއަރައި ތަރައްޤީވަމުންދާ ދިޔުމުގެ ރަމްޒަކަށްވާތީއާވެސްއެކު، މިއީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް އިޙްސާސް ކުރެވޭ ކަމެއް. އާދެ، އެސް.ޓީ.އޯ. ހިންގެވުމާ ހަވާލުވެ ހުންނެވި އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން ދެންމެ އެ ވިދާޅުވި ފަދައިން، މި ބާވަތުގެ ވިޔަފާރިއަކީ ދުނިޔެއަށްވެސް އާކަމެއް. އަދި އަޅުގަނޑުމެން ކަހަލަ ޤައުމަކަށް އެއަށްވުރެވެސް މާބޮޑަށް އާކަމެއް. އެހެންކަމާއެކު، މިފަދަ ތަޖުރިބާއެއް ފަށާއިރު، އަޅުގަނޑުމެންގެ ހިތްތަކުގައި ތަފާތު ޝުޢޫރުތައް އުފެދިގެންދާނެ. ކޮންމެ ތަޖުރިބާއަކީވެސް ކާމިޔާބު ތަޖުރިބާއަކަށް ވުމަށް، އެ ތަޖުރިބާކުރާ ބަޔަކު އެދޭނެ. އެހެންކަމުން، ސަރުކާރުންވެސް އަދި އެސް.ޓީ.އޯ.ގެ ވެރިންނާއި މުވައްޒަފުންވެސް މިއަދުގެ މި އިޙްތިފާލު އަދި މި އިޙްތިފާލުގައި މި ހުޅުވޭ އެސް.ޓީ.އޯ.ގެ އާ ތަޖުރިބާއަކީ، ކާމިޔާބު ތަޖުރިބާއަކަށް ވުމަށް އެދޭނެކަމާމެދަކު ޝައްކެއްނެތް.
އާދެ، މިތަން މި ހުޅުވެނީ ޢާންމު ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައޭ އަޅުގަނޑަށް ދަންނަވަން ކެރިދާނެ. އާދެ، ރާއްޖޭގެ އެހެން ހުރިހާ ކަމެއްވެސް ތަރައްޤީވަމުންދާ ފަދައިން، ވިޔަފާރިވެސް މިދަނީ އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުން. ވިޔަފާރިއަކީ ވަރަށްފުޅާ ދާއިރާއެއްގައި ކުރެވޭ ކަމެއް. އޭގައި ތަފާތު ގޮތްގޮތަށް ކުރެވޭ ވިޔަފާރި ހިމެނޭ. ތަފާތު މަސައްކަތްތައް ހިމެނޭ. އެހެންކަމުން، އެ ފުޅާ ދާއިރާގެ ތެރޭގައި، އެ ދާއިރާ ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރުމަކީވެސް ތަފާތު ގޮތްގޮތަށް ކުރެވިދާނެ ކަމެއް.
އާދެ، ރައްޔިތުންނަށް ފަސޭހަވާނެކަމަށް އަޅުގަނޑު މި ދެންނެވީ، މި ބާވަތުގެ ތަނެއް، ވަކި، ސަރުކާރުގެ ފަރާތަކުން ހުޅުވާތީއެއް ނޫން. އަމިއްލަ ފަރާތަކުން ހުޅުއްވި ކަމުގައިވިޔަސް، ޢާންމުންނަށް ފަސޭހައިން އެމީހުން ބޭނުންވާ ތަކެތި ލިބޭގޮތަކަށް ހަމަޖެހިފައި އޮތުމަކީ ޝައްކެއްނެތްގޮތުގައި، ޢާންމުންނަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް.
އާދެ، އެސް.ޓީ.އޯ.އަކީ މިހާތަނަށްވެސް ތަފާތު ރޮނގުރޮނގުގައި ވަރަށް ޚާއްޞަކޮށް ފާހަގަކުރެވޭ ކަހަލަ ކުރިއެރުންތަކެއް ހޯއްދަވާފައިވާ ފަރާތެއް. އެސް.ޓީ.އޯ.ގެ ތަޢާރުފަކަށް ތިޔަބޭފުޅުން ބޭނުންފުޅެއް ނުވާނެ. އެސް.ޓީ.އޯ.އަކީ ސަރުކާރުގެ ވިޔަފާރި ހިންގާ އެންމެ މުހިންމު ފަރާތް. އެސް.ޓީ.އޯ.އިން ކުރާ ވިޔަފާރީގެ ބޭނުމަކީ، ސަރުކާރަށް އާމްދަނީއެއް ހޯދައިދިނުން. ސަރުކާރުން ކުރަންޖެހޭ، ވަރަށް ގިނަ ޚަރަދުތަކެއް ހުރުމާއެކީގައި އަދި ސަރުކާރުން ޢާންމު ރައްޔިތުންނަށް ހަމަޖައްސައިދޭންޖެހޭ، ވަރަށް މުހިންމު ޚިދުމަތްތަކެއްވެސް ހުރުމާއެކު، ސަރުކާރަށް އާމްދަނީ ލިބޭ ގޮތްތަކެއް ހަމަޖެހިފައި އޮތުމަކީ، ހަމަ ކޮންމެހެން ބޭނުންކަމެއް. އެގޮތުން، އެސް.ޓީ.އޯ.އިން ކުރައްވާ ތަފާތު މަސައްކަތްތަކުގެ ތެރޭގައި، ޢާންމު ވިޔަފާރިވެސް ހިމެނިގެން ގޮސްފައިވަނީ. ފަހަރެއްގައިވެސް އެއީ، ރާއްޖޭގައި ހުޅުވައިލެވިފައިވާ ވިޔަފާރީގެ ސިޔާސަތަށް އުނިކަމެއް ލިބޭނެ ކަމެއްނޫން. ޒަމާނުއްސުރެ މިކަން ހަމަޖެހިފައި އޮތްގޮތް. މިފަދަ ސުޕަރ މާކެޓްތައް ހުޅުވައި ހިންގުމަކީވެސް ހަމަ އެންމެންނަށްވެސް ހުޅުވިފައި އޮތް ކަމެއް. އެކަމުގެ ޤާބިލިއްޔަތާއި ހުނަރުވެރިކަން ހުރި ކޮންމެ ފަރާތަކަށް އެކަމުގައި ބައިވެރިވެވިދާނެ.
އާދެ، މިއަދު އަޅުގަނޑު މި މަޤާމުގައި ހުރެ މާގިނަ ވާހަކަތަކެއް ދައްކާކަށް ޤަޞްދެއްނުކުރަން، އެހެންނަމަވެސް، މި އާ ތަޖުރިބާ ފެށްޓެވުމުގައި، އެސް.ޓީ.އޯ.ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި، އެސް.ޓީ.އޯ.ގެ ޑިރެކްޓަރުންނާއި، އެސް.ޓީ.އޯ.ގެ އެހެނިހެން ވެރިންނާއި މުވައްޒަފުން ކުރައްވާފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ ހުރިހާ ފަރާތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އެސް.ޓީ.އޯ.އަކީ ސަރުކާރުގެ ވަރަށް މުހިންމު ފަރާތަކަށް ވުމާއެކު، ސަރުކާރުގެ ތާއީދާއި އެއްބާރުލުން އަބަދުވެސް އެސް.ޓީ.އޯ.އާ އެކީގައި އޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެ ބޭފުޅުންނަށްވެސް އަދި ދިވެހި ރައްޔިތުންނަށްވެސް އަޅުގަނޑު އަރުވަން.
އާދެ، އަޅުގަނޑުގެ ހުރިހާވެސް އުންމީދަކީ، މިއަދު މި ހުޅުވޭ ސުޕަރ މާކެޓްގެ ސަބަބުން ދިވެހިރާއްޖޭގެ ވިޔަފާރިއަށް އިތުރު ކުރިއެރުމެއް ލިބުން. ރާއްޖޭގެ ޢާންމު ރައްޔިތުންނަށް ކަންތައްތައް ފަސޭހަވެގެންދިޔުން. ހަމައެއާއެކު، އެސް.ޓީ.އޯ.އަށްވެސް އިތުރު ކުރިއެރުމަކަށްވުމާއެކީގައި، ސަރުކާރަށް އެކަމުން ކުރާ ފައިދާތައްވެސް އިތުރުވެގެންދިޔުން.
މި ކުރުކުރު ވާހަކަކޮޅު ދައްކާލުމަށްފަހުގައި، އެސް.ޓީ.އޯ.ގެ ސުޕަރ މާކެޓް ހުޅުވައިދިނުމުގެ އުފާ މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން އަޅުގަނޑު ލިބިގަންނަން.