بســم اللّـه الرّحمـن الرّحيــم

السَّلامُ عَلَيْكُم.

މިރޭގެ މި އުފާވެރި ބައްދަލުކޮށްލުމަކީ، ރާއްޖޭގައި ސިފައިން އުފެދުނުތާ 100 އަހަރުވުމުގެ މުނާސަބަތުގައި ބޭއްވުނު އެކިއެކި ރަސްމިއްޔާތުތަކުގައި އަދި ޚާއްޞަކޮށް، ގަލޮޅު ދަނޑުގައި ބޭއްވުނު ކުޅިވަރުތަކުގެތެރޭގަޔާއި، އޭގެފަހުން، ޖުމްހޫރީ މައިދާނުގައި ބޭއްވުނު ކުޅިވަރު ޕްރޮގްރާމްގައި ބައިވެރިވެލެއްވި، ސިފައިންގެތެރޭގައި ކުރިން އުޅުއްވި ބޭކަލުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޭއްވުނު ބައްދަލުކޮށްލުމެއް.

އާދެ، މި ތާރީޚީ ޤައުމީ މުނާސަބަތުގައި، ސިފައިންގެތެރޭގައި ކުރިން އުޅުއްވާފައި، އެކިއެކި ސަބަބުތަކާހުރެ ވަކިވެލެއްވި ބޭކަލުން ވަރަށް ފުރިހަމަގޮތެއްގައި ބައިވެރިވެލެއްވި. އަދި އެބޭކަލުން އަޅުގަނޑުމެންގެ ކުރިމަތީގައި އެ ހާމަކޮށްދެއްވި މަންޒަރުތަކަކީ، އަޅުގަނޑުމެން ވަރަށް ބަލާހިތްވި އަދި ޢާންމުންގެ ފަރާތުންވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަ މަންޒަރުތަކެއް.

އާދެ، މިކަމުން ދޭހަކޮށްދެނީ، ސިފައިންގެތެރޭގައި ކުރިން އުޅުއްވާފައި، މިހާރު ވަކިވެލައްވާފައިވާ ބޭކަލުންގެ ހިތްތަކުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާ ދޭތެރޭގައި އަދި ޤާނޫނާއި ސަރުކާރާއި ރައްޔިތުން ސަލާމަތްކުރުމަށް ތިބޭ ސިފައިންނާ ދޭތެރޭގައި އޮތް އިޚްލާޞްތެރިކަމުގެ ބޮޑުކަން.

ޝައްކެއްނެތް، މިކަމަކީ ޤައުމުގެ އެންމެން ފާހަގަކުރާނެ ކަމެއް. އަދި ފާހަގަކުރި ކަމެކޭވެސް އަޅުގަނޑަށް ދެންނެވިދާނެ. ސަރުކާރުންވެސް އެކަން ފާހަގަކުރީ އެގޮތަށް. އަދި ސިފައިންގެ އެންމެންވެސް، މިވަގުތު ސިފައިންގެތެރޭގައި ތިއްބެވި އޮފިސަރުންނާއި، އެން.ސީ.އޯ.އިންނާއި، ޕްރައިވެޓުންނާއި އަދި ސިފައިންގެ ފިރިހެން ބޭކަލުންނާއި، އަންހެން ބޭކަނބަލުންނާ، މިހުރިހާ އެންމެންވެސް، ތިޔަބޭކަލުންގެ ތިޔަ އެއްބާރުލެއްވުމާއި އެހީތެރިކަމާއި، ތިޔަބޭކަލުން ތިޔަ ބައިވެރިވެލެއްވި ބައިވެރިވެލެއްވުން ދެކެފައިވަނީ ވަރަށްވެސް އުފާވެރިކަން، އެބޭކަލުންނާއި އެބޭކަނބަލުންގެ ހިތްތަކަށް ގެނެސްދިން ގޮތެއްގައި.

އާދެ، ތިޔައިގެތެރެއިން ގިނަ ބޭކަލުންނަކީ، ސިފައިންގެތެރޭގައި ވަރަށް ގިނަ ދުވަހު އުޅުއްވާފައި ތިއްބެވި ބޭކަލުން. ބައެއް ބޭކަލުން 37 އަހަރު ނުވަތަ 35 އަހަރު، 30 އަހަރު ނުވަތަ އެއަށްވުރެ ކުރުނަމަވެސް، ވަރަށް ދިގު މުއްދަތެއްވަންދެން އިޚްލާޞްތެރިކަމާއެކު ސިފައިންގެ ޚިދުމަތުގައި އުޅުއްވި ބޭކަލުން. އަދި އޭގެއިތުރުން، ސިފައިންގެ ފިޔަވައި ސަރުކާރުގެ އެހެން ދާއިރާތަކުގައިވެސް ތިޔައިގެތެރެއިން ބައެއް ބޭކަލުން އިޚްލާޞްތެރިކަމާއެކު ވަނީ ޚިދުމަތް ކޮށްދެއްވާފައި. އަދި ތިޔައިގެތެރޭގައި ހިސާބަކަށް ޢުމުރުން ދުވަސްވީ ބޭކަލުންނާއި، ހަރުބޭކަލުންނާއި، އަދި ވަރަށް ޒުވާން ބޭކަލުންވެސް އެބަ ތިއްބެވި. ކޮންމެއަކަސް، ތިޔަ ހުރިހާ ބޭކަލުންގެ ފަރާތުން މި މުހިންމު މުނާސަބަތުގައި ފެނިގެން އެދިޔަ ޤައުމީ ރޫޙަށްޓަކައި އަދި އިޚްލާޞްތެރިކަމަށްޓަކައި، އަޅުގަނޑު މިއަދު މިހުރި މަޤާމުގެ ޙައިޘިއްޔަތުން، އާދެ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި މީހާގެ ގޮތުންނާއި، ސިފައިންގެ ވެރިޔާގެ މަޤާމުގައި ހުރި މީހާގެ ގޮތުން، ތިޔަ ހުރިހާ ބޭކަލުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ އެފަދައިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ހިންގުމާ ޙަވާލުވެ ހުރި މީހާގެ ޙައިޘިއްޔަތުންނާއި، އެ މިނިސްޓްރީގެ އިސްވެރިންގެ ފަރާތުންނާއި އަދި މިހާރުގެ އެން.އެސް.އެސް.ގެ އޮފިސަރުންނާއި، އެން.އެސް.އެސް.ގެ އެންމެންގެ ފަރާތުންވެސް ތިޔަ ބޭކަލުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى ތިޔަ ހުރިހާ ބޭކަލުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވުން. ތިޔަ ބޭކަލުންގެ ޢުމުރު ދަންމަވައި، ތިޔަ ބޭކަލުންނަށް ހުރިހާގޮތަކުންވެސް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ދެއްކެވުން. އަދި ތިޔަ ބޭކަލުންނާއި ތިޔަ ބޭކަލުންގެ ޢާއިލާގެ އެންމެންވެސް ފުރިހަމަ ޞިއްޙަތުގައި އަދި އުފާވެރިކަމުގައި ޙަޔާތް ވޭތުކުރަމުންދިޔުމުގެ މަގު ﷲ ތަނަވަސްކުރެއްވުން. އަދި ތިޔަ ބޭކަލުން ކުރިން ސިފައިންގެ ތެރެއަށް އެ ކޮށްދެއްވި ޚިދުމަތާއި އަދި މިހާރުވެސް ޤައުމަށް ތިޔަ ބަހައްޓަވާ އިޚްލާޞްތެރިކަމުގެ ހެޔޮޖަޒާ اللهُ سُبْحَانَهُ وَتَعَالَى ތިޔަ ބޭކަލުންނަށް ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.