އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންގެ ބައްޕާފުޅު އިއަން ކެމަރަން އަވަހާރަވުމާ ގުޅިގެން، ބޮޑުވަޒީރު ކެމަރަންއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ކެމަރަންއަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ ސިޓީފުޅުގައި، ބޮޑުވަޒީރު ކެމަރަންގެ ލޮބުވެތި ބައްޕާފުޅު ވަރަށް ކުއްލިގޮތަކަށް އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައިކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އިޚްލާޞްތެރި ތަޢުޒިޔާ ބޮޑުވަޒީރުގެ ކެމަރަންއަށާއި އެމަނިކުފާނުގެ ޢާއިލާއަށް ފޮނުއްވާފައިވެއެވެ.

އިއަން ކެމަރަން އަވަހާރަވީ، ފަރަންސޭސިވިލާތުގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނިކޮށް ސްޓްރޯކެއް ޖެހިވަޑައިގެން، ފަރުވާދެމުން ދަނިކޮށް، ފަރަންސޭސި ހޮސްޕިޓަލެއްގައި އިއްޔެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 77 އަހަރެވެ.

އިއަން ކެމަރަން އަވަހާރަވުމާ ގުޅިގެން، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުވެސް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަންއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.