މިދިޔަ އޯގަސްޓް މަހުގެ 29 ވި އާދިއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 35 ވަނަ ޖަލްސާއިން ފާސްކުރެއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މި އިޞްލާޙަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ) އުނިކުރުމުގެ އިޞްލާޙެވެ. އެ މާއްދާގެ (ށ) ގައިވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޤުދުރަތީ ގޮތުން އެއްރަށެއްގެ ގޮތުގައި އޮންނަ ރަށެއްގެ ދެބަޔަކީ މީހުން ދިރިއުޅޭ ވަކިވަކި ދެރަށުގެ ގޮތުގައި އިދާރީގޮތުން ވަކިވަކިން ހިންގަމުންދާ ދެރަށެއްނަމަ އެދެރަށް ހިންގާނީ އެއް ރަށު ކައުންސިލަކުން ކަމަށެވެ. އަދި ކުރިން ދެރަށުގެ ގޮތުގައި ވަކިވަކީން ހިންގަމުންދިޔަ ރަށްރަށް ހިންގާނީ މިގޮތުން އުފެއްދޭ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން އުފައްދާ އަވަށު ބޯޑަކުން ކަމަށެވެ.