بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކުމުންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ކައުންސިލަރުންނާއި، މުއައްސަސާތަކުގެ އިސް ވެރިން، އަދި މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ބައްލަވަމުން އަދި އަޑުއައްސަވަމުން ގެންދަވާ އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، މި ރަށުގެ ރައްޔިތުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މި ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި، އަޅުގަނޑަށް ޔަޤީނުންވެސް، ކުރީގައި އެންމެ ބޮޑަށް އުޅެވިފައި ހުންނާނީ، މި ރަށުގެ ބަނދަރުގެ މައްސަލައިގައި. ކުރީގައި، ހައުސިންގ މިނިސްޓްރީ ހިންގުމުގައި އުޅުނުއިރުގައި، މި ރަށުގެ ބަނދަރު ހެދުމުގައި، ރައްޔިތުންނަށް އެ ދިމާވެގެންދިޔަ އުނދަގޫތަކާއި، ދަތިތައް ޙައްލުކުރުމުގައި، އެކިއެކި މަރުހަލާތަކުގައި، އެކި ކަންކަން ކުރުމުގައި އުޅެވިފައި ހުންނާނީ. އަދި އޭގެފަހުންވެސް، ތިޔަބޭފުޅުން ތިޔަ ވަޑައިގަންނަވަނީ، އެކި ބަދަލުތައް ގެނެސް، އެކަމަށް ދާއިމީ ޙައްލެއް، ރަނގަޅު ޙައްލެއް ނައިސްގެން. މިހާރު ބަނދަރު އޮތް ތަނުގެ ސަބަބުން، ޙަޤީޤަތުގައި އެކަން ޙައްލުނުވާކަން، އެއިން ވަރަށް ރަނގަޅަށް މިހާރު އެއޮތީ ޔަޤީންވެފައި. އެހެންވީމާ، މި މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމަކީ، އަޅުގަނޑުގެ އެންމެ އިސް ވާޖިބު އަދި ޒިންމާ. އަޅުގަނޑުމެން އެހެންވީމާ، މިހާރު މި ބަނދަރު އޮތްތަން ނޫން، ރައްޔިތުން ބޭނުންވާ ލޮކޭޝަންގައި، ތަނުގައި އިރާދަކުރެއްވިއްޔާ ރައްޔިތުން ބޭނުންވާ ގޮތަށް، މި ބަނދަރުގެ ޢަމަލީ މަސައްކަތް، ގިނަވެގެން ދެ މަސްދުވަހުގެ ތެރޭގައި ފަށާނެ ވާހަކަ ދަންނަވަން. އަދި އެގޮތަށް ފަށައިގެން ހުއްޓައިނުލާ، ބާރު ސްޕީޑްގައި މަޑުޖެހުމެއްނެތި ގެންގޮސް ނިންމައިދޭނެ ކަމުގެ ޔަޤީންކަންވެސް ތިޔަބޭފުޅުންނަށް އަރުވަން. މިއީ، ޙަޤީޤަތުގައިވެސް މި ރަށުގެ ތަރައްޤީއަށް ހުރި ކަންކަމަށް ބަލާއިރުގައި، އެންމެ ދަތިވެފައިވާ އެންމެ ބޮޑު މައްސަލަ. އެހެންވީމާ، އެކަމަށް އެންމެ އިސްކަމެއް ސަރުކާރުން ދޭނަން. އެ ޔަޤީންކަން މިދެނީ. ދެން، މި މައްސަލަ ޙައްލުކުރާއިރުގައި، ރަށުގައި މިކަމާ ގުޅިފައި ހުރި، ބައެއް އެހެން މައްސަލަތައްވެސް ޙައްލުކުރުމަށް އަޅުގަނޑުމެން ސަމާލުކަންދޭނަން.

އޭގެތެރެއިން ޚާއްޞަގޮތެއްގައި، މޫދަށްއެރޭ ސަރަޙައްދެއް. މޫދަށްއެރޭ ބީޗެއް، ސަރަޙައްދެއް ހެދުން، މި ބަނދަރުގެ މަޝްރޫޢު ކުރިޔަށްދާއިރުގައި ހިމަނައިގެން، އިރާދަކުރެއްވިއްޔާ ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން އަރުވަން.

އަޅުގަނޑު ހިތުން، ދެންހުރި ކަންކަމަކީ، މި ބަނދަރުގެ މައްސަލައާ ބަލާއިރު، އުނދަގޫވާ މިންވަރަށް ބަލާއިރުގައި، ކުދިކުދި ކަންކަން. އެހެންނަމަވެސް، ތަރައްޤީއަށް ހަމަ މުހިންމު ކަންކަން. މަގު ހެދުމުގެ މަޝްރޫޢަކީ ވަރަށް މުހިންމު މަޝްރޫޢެއް. ފެނާއި ނަރުދަމާ ނިމިފައި އޮތްއިރުގައި، މިފަދަ ބިން ބޮޑު ރަށެއްގައި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެންދިޔުމުން، ދުވަހުން ދުވަހަށް، ޑެއިލީ ލައިފްގައިވާ ފަސޭހައާއި، އަދި އިޤްތިޞާދީ ގޮތުން އެކިކަހަލަ ކުރިއެރުންތައް ރަށަށް ގެނައުމުގައި، ވިޔަފާރިތައް އިތުރުކުރުމުގައި، އިންވެސްޓަރުން ގެނައުމުގައި، މަގުތައް ރަނގަޅަށް ހެދިފައިއޮތުންވޭ، ޙަޤީޤަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމަކަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެއީ، ޔަޤީނުންވެސް މުހިންމު މަޝްރޫޢަކަށްވާނެ.

ހަމައެއާއެކީގައި، ސްކޫލްގެ އިންފްރާސްޓްރަކްޗްރ އިތުރުކުރުމަށް، މަލްޓި ޕަރޕަސް ހޯލު ހެދުމަށް މި ހަވާލުކުރެވުނު މަޝްރޫޢު، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި، ޢަމަލީ މަސައްކަތް، އެންމެ ގިނަވެގެން ކުރިއަށް އޮތް ދެތިންމަސް ތެރޭގައި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެ. އެއީވެސް ޙަޤީޤަތުގައި، ވަރަށް މުހިންމު މަޝްރޫޢަކަށް ވާނެ. އާދެ، މަލްޓި ޕަރޕަސް ހޯލު ހެދިގެންދާއިރު، އަޅުގަނޑުމެން އަމާޒުހިފާނީ، މި އަންނަ އަހަރު ބަޖެޓުގެ ތެރޭގައި ހިމަނައިގެން، ދެން އިތުރަށް، މި ރަށުގެ ސްކޫލަށް ބޭނުންވާ އިތުރު ޖާގަތައް ހިމެނޭހެން، މަސައްކަތްތައް ކުރަން. ވަށާފާރު ރޭނުން، ސައިންސް ލެބް، ސްޓާފް ރޫމް ފަދަ ކަންކަމަކީ، ބޭނުންޖެހިފައި ހުރި ކަންކަން. އެހެންވީމާ،\ މި ހިސާބުން ނިންމާނުލާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން. އިރާދަކުރެއްވިއްޔާ ސްކޫލަށް ބޭނުންވާ ދެންހުރި ވަސީލަތްތައް، މި އަންނަ އަހަރުގެ ތެރޭގައި ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާނަން.

އަޅުގަނޑުމެން މިއަދު މި ފެށި ޞިއްޙީ މަރުކަޒުގެ މަޝްރޫޢަކީ، އިރާދަކުރެއްވިއްޔާ ޞިއްޙީ ދާއިރާ ކުރިއެރުވުމުގައި، މި ރަށަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ.

އާދެ، ކުޅިވަރުގެ ދާއިރާއިން ބަލާއިރުގައި، ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް އެބަ ހިނގާ. އެ ދަނޑު އެއީ، ކުރީގައި ހަވާލުކުރެވިފައި، ނޫނީ ކުރިން ފެށިފައި އޮތް މަޝްރޫޢެއްވީމާ، މިހާރު އެ ހެދެނީ ފުލް ސްކޯޕަކު ނޫން އަދި. މާނައަކީ ފެންސާއި، ލައިޓާ ހިމެނިފައެއް ނެތް. މި ސަރުކާރުން މިހާރު ފަށާ ހުރިހާ ދަނޑުތަކެއް ހަދަނީ ފެންސުވެސްޖެހި، ވަށައިގެން ރައްކާތެރި ކުރެވި، ރޭގަނޑުވެސް ކުޅެވޭގޮތަށް ލައިޓްވެސްޖަހާފައި.

އެހެންވީމާ، މިހާރު މި ހިނގާ ފުޓްބޯޅަ ދަނޑުގެ މަޝްރޫޢު، މި ދެންނެވީ އިތުރަށް ހުރި މަސައްކަތްތައް އެހެން ފަރާތަކާ ހަވާލުކޮށްގެން، މި ރަށުގައި މަސައްކަތްކުރާ ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން، މިހާރު އެ ހިނގާ މަސައްކަތް ނިމެންވާއިރަށް، ދެން ހުރި މަސައްކަތްތައް ފެށޭގޮތަށް، ތަރުތީބުކޮށްދީގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ދަނޑު ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން ދެން.

ދެން ދަނޑުގެ ކައިރީގައި ފުޓްސަލް ދަނޑު މިއޮތީ ހަލާކުވެފައި. ފުޓްސަލް ދަނޑު މިއީ މި ރަށުގައި ވަރަށް ގިނައިން ކުދިން ކުޅޭ ދަނޑެއް. އެހެންވީމާ، އެ ތަނުގެ ޓަރފް އާކޮށްދީ، އެ ދަނޑަށް ބޭނުންވާ ތަރައްޤީގެ އިތުރު ކަންކަން އަޅުގަނޑުމެން ގެނެސްދޭން، މަޝްރޫޢެއް ކުރިއަށް ގެންދާނަން. އެ ކަމަށްޓަކައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބަލާނީ، ހަމަ ވީހާވެސް އަވަހަކަށް އެކަން ފެށޭނެގޮތެއްވޭތޯ. ބަޖެޓުގެ ތެރެއިން އަޅުގަނޑުމެންނަށް ހަމަނުޖެއްސޭނަމަ، އެންމެ ލަސްވެގެން، ދެން އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގައި އަޅުގަނޑުމެން ހިމަނާނަން. އެކަމަކު، މިހާރު ހިނގާ މަޝްރޫޢުގެ ތެރެއިން، ނޫނީވިއްޔާ އަޅުގަނޑުމެން މި ރަށުގައި ހިންގާ އެއްވެސް މަޝްރޫޢެއްގެ ތެރެއިން، އަޅުގަނޑުމެންނަށް އެކަމަށް ޖާގަ ހަމަޖެއްސެންޏާ، މިއަހަރަށްވެސް އެ މަސައްކަތަށް އިސްކަންދޭނަން. އެހެންވީމާ، އެއީ އިރާދަކުރެއްވިއްޔާ ކުރިއަށްދާން އޮތް މަޝްރޫޢެއް.

ދެން އެއާއެކީގައި، އިރާދަކުރެއްވިއްޔާ ދެން އިތުރު ކުޅިވަރުތައް ކުޅެވޭ ވަސީލަތްތައް ޤާއިމުކުރުމަށް، މިސާލަކަށް، ހޭންޑްބޯލް ކޯޓު އެޅުމަކީ، މި އަންނަ އަހަރަށް އަޅުގަނޑުމެން ވަރަށް ބޮޑު މަޝްރޫޢެއްގެ ގޮތުގައި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގަން ނިންމާފައި އޮތް މަޝްރޫޢެއް. މި ރަށުގައިވެސް އޭގެތެރެއިން، ހޭންޑްބޯލް ކޯޓެއް އެޅުން ހިމެނޭނެ. އަދި ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ދެ އަހަރަށް ބަހާލައިގެން، ހޭންޑްބޯލް ކޯޓު އެޅުމުގެ ބޮޑު، ބިޔަ ޕްރޮގްރާމެއް ފަށަން ނިންމާފައި މި އޮތީ.

އަދި މިއަދު މި ފެށިގެންދިޔަ ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒަކީވެސް، އިރާދަކުރެއްވިއްޔާ އޭގެ ސަބަބުން ފިޓްނަސް އަދި ރިކްރިއޭޝަން އެކިކަހަލަ އިންޑޯ ކުޅިވަރުތައް ކުޅުމުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަންކަން. އެހެންވީމާ، މި ހުރިހާ ކަމެއް މިގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ހަމަ އެއާއެކީގައި، ވޮލީކޯޓާއި މި ހުރިހާ ކަންކަމެއް ހިމެނޭހެން، މި އަންނަ އަހަރުގެ ތެރޭގައި، ބަޖެޓުގައި ހިމަނަން އަޅުގަނޑުމެން ނިންމާފައި ހުރި ކަންކަން އެއީ.

އާދެ، އަޅުގަނޑު މި ހުރިހާ ކަމެއް މި ފާހަގަކޮށްލީ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް، އެންމެ އިސްކަމެއްދީގެން، ބަނދަރުގެ މައްސަލަ ޙައްލުކުރުމަށް އަޅުގަނޑުމެން ސަމާލުކަންދީގެން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެން.

އާދެ، ދެންހުރި ކަންކަމަކީވެސް މި ރަށުގެ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ބޭނުންވާ އެކިކަހަލަ އެހީތެރިކަން ދިނުމުގެ ކަންކަން. ދަނޑުވެރިކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުން. މި ރަށުގައި ކަރަންޓުގެ މައްސަލައަށް ދިމާވެފައިވާ ކަންކަން ޙައްލުކޮށްދިނުން. ކުނި މެނޭޖް ކުރުމަށް ދިމާވެފައި ހުރި މައްސަލަތައް ޙައްލުކޮށްދިނުން. މިއީ އަޅުގަނޑުމެން ކުރަންހުރި ކަންކަން. އެކަންކަމުގެ ތަފްޞީލު އަޅުގަނޑުމެންނަށް މީގެ ކުރިން އޮތް ބައްދަލުވުމުގައިވެސް ވަނީ ވަރަށް ތަފްޞީލުކޮށް ޙިއްޞާކޮށްދެއްވާފައި. އެހެންވީމާ، އަޅުގަނޑުމެން އެކަންކަމަށްވެސް ދާނީ ސަމާލުކަންދީގެން މަސައްކަތްތައް ކުރަމުން.

އާދެ، މި ވާހަކައާ އެކީގައި، މި ދެންނެވި ވާހަކައާ އެކީގައި، އަޅުގަނޑު މިއަދު ދެން ތިޔަބޭފުޅުންނާ ވަކިވެލާނަން. އަޅުގަނޑުމެން މި އަތޮޅަށް މިކުރި ދަތުރު، މި ރަށަށް އައުމާއެކީގައި، ހުރިހާ ރަށަކަށް މި ދެވުނީ.

ހދ.ގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް، ޖުމްލަކޮށް މި ރަށް ހިމެނޭހެން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހުރިހާ ރަށެއްގައިވެސް ދެންނެވި ވާހަކަތަކުގެ ޚުލާޞާއެއްގެ ގޮތުގައި. މި އަތޮޅުގެ ހުރިހާ ރަށެއްގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަން، އަޅުގަނޑު ވަޢުދުވެފައި ހުރި ކަންކަމާއި، އަދި ވަޢުދުވެފައި ހުރި ކަންކަމުގެ އިތުރަށް، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވެފައި ހުރި ކަންކަން ފުރިހަމަކޮށްދިނުމުގައި، އަޅުގަނޑުމެން ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން ބޭނުންވާ އަމާޒަށް، އެކަންކަން ހާސިލުކޮށްދޭނަމޭ. އަޅުގަނޑުމެން ވަޢުދުވީ ގޮތަށް، އަޅުގަނޑު މިދިޔަ ހުރިހާ ރަށެއްގައި، ރައްޔިތުންގެ ގާތުގައި ދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ އެކަންކަން ގެންދާނަމޭ. އަޅުގަނޑު ދެންނެވި އެއްވެސް ކަމެއް، އެއްވެސް ރަށެއްގެ ޖަލްސާއެއްގައި އެއީ، އެކަން ކުރެވޭނެ ގޮތަށް އަޅުގަނޑު ފުރިހަމަ ޔަޤީންކަން އޮވެގެން، ކުރެވޭނެގޮތް ހަމަޖެހިގެން، ކުރާނެ ގޮތް ކަނޑައެޅިގެން ނޫނީވިއްޔާ ދަންނަވާފައި ހުރި ވާހަކައެއްނޫން. އެކަންކަން ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަމާ އެކީގައި، އަދި ކުރުމުގެ އިންތިޒާމުތަކަށް އަޅުގަނޑުމެންނަށް ކަންކަން ފުރިހަމަކުރެވިގެން، ނިންމައިގެން އަޅުގަނޑު ދަންނަވާފައި ހުރި ވާހަކަތައްވީމަ. މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ތަކުރާރުކޮށް، ޔަޤީންކަން އަރުވަމުން، ތިޔަބޭފުޅުންނަށްވެސް މި ރަށުގެ ބަނދަރުގެ މައްސަލަ ދެންމެ މި ދެންނެވި ގޮތަށް، ދެ މަސްތެރޭގައި ފެށުމާއި، ދެން ހުރި ކަންކަންވެސް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެމުން އަޅުގަނޑު ވަކިވެލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމުގެ އުފާފާގަތިކަން ހޯދައިދިނުމުގައި އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.