ޖަޕާނުގެ ޘަޤާފީ ސްޓައިލްގެ ހޮޓާތައް އަދި އިން ނުވަތަ ރަޔޮކަން، ހިންގާ ފަރާތްތަކުގެ ޖަމްޢިއްޔާ، "އޮކާމީ އެސޯސިއޭޝަން އޮފް ޖަޕަނީޒް ރަޔޮކަން"ގެ ވަފްދަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރަޔޮކަން އަކީ 1600 އާއި 1800ގެ ދެމެދުގެ އަހަރުތަކުގެ ޖަޕާނުގައި ޤާއިމް ކުރެވެންފެށި ހޮޓަލުގެ ވައްތަރެކެވެ. މިފަދަ ހޮޓާތައް އާއްމުގޮތެއްގައި ޤާއިމް ކުރެވިފައި ހުންނަނީ ފަރުބަދަ މަތީ ހިސާބުތަކުގަޔާއި، ޤުދުރަތީ ގޮތުން އުފެދިފައި ހުންނަ ހޮޓް ސްޕްރިންގްސްތަކާއި އަދި ކަނޑުގެ އައްސޭރި ހިސާބުތަކުގައެވެ. މިބާވަތުގެ ހޮޓާތަކަކީ، މިފަދަ ހޮޓާތައް ޤާއިމް ކުރެވިފައި ހުންނަ ސަރަޙައްދުތަކުގެ ތާރީޚާއި ޘަޤާފަތު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާތަންތަނެވެ. މިބާވަތުގެ ހޮޓާތަކުގެ ވެރިންގެ ގޮތުގަޔާއި ހިންގުމުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ޖަޕާނުގެ އަންހެނުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު މައިގަނޑުގޮތެއްގައި ބިނާވެފައި އޮތީ ޓޫރިޒަމް އިންޑަސްޓްރީގެ މައްޗަށް ކަމަށާއި، ވަރަށް ކުޑަ ގޮތަކަށް ރާއްޖެއަށް ތަޢާރަފްވެގެން އައި މި އިންޑަސްޓްރީ މިހާރު ވަރަށް ބޮޑަށް ފުޅާވެގެންގޮސްފައިވާކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ރާއްޖޭ ތަރައްޤީގައި ޖަޕާނުގެ ޙިއްޞާ ވަރަށް ބޮޑު ކަމުގައި ވިދާޅުވިއެވެ.

މިވަފްދުގެ ވެރިއެއްގެ ގޮތުން ވަޑައިގެންނެވި، ޖަޕާން އެޑިއުކޭޝަން ސެންޓަރ ފޮރ ހޮޓެލް އިންޑަސްޓްރީގެ ރައީސް އަދި ޖަޕާން ހޮޓެލް ސްކޫލްގެ ޕްރިންސިޕަން މިސްޓަރ ސުޓޮމޫ އިޝިޒޫކާ، މި ވަފްދު ރާއްޖެއަށް މިކުރާ ދަތުރުގެ ބޭނުމާއި، ޖަޕާނުގެ ޘަޤާފީ ސްޓައިލް ހޮޓާ ނުވަތަ ރަޔޮކަންއާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

އޮކާމީ އެސޯސިއޭޝަން އޮފް ޖަޕަނީޒް ރަޔޮކަންގެ ވަފްދުގެ މި ދަތުރަކީ، ޖަޕާނުން އަލަށް ފަށާ "ވާރލްޑް ހޮސްޕިޓޭލިޓީ އެކްސްޕީރިއެންސް ސީރީޒް"ގެ ތެރެއިން ކުރާ ދަތުރެކެވެ. މިއީ މިޕްރޮގްރާމްގެ ދަށުން ކުރާ ފުރަތަމަ ދަތުރެވެ. އަދި މިއީ ރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމަކަށް މި ޖަމްޢިއްޔާގެ ވަފްދެއް ކުރާ ފުރަތަމަ ދަތުރެވެ. މި ޖަމްޢިއްޔާގެ ފަރާތުން ހިންގި ޕްރޮގްރާމްގެ ތެރެއިން، މި ޖަމްޢިއްޔާގެ ވަފްދުތައް ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައިވަނީ ދުނިޔޭގެ 17 ޤައުމަކަށް ޒިޔާރަތް ކޮށްފައެވެ.

މި ވަފްދުގެ ވެރިޔާ މިސްޓަރ އިޝިޒޫކާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 40 އަހަރު ފުރުން ފާހަގަ ކުރުމަކީވެސް، މި ދަތުރުގެ ބޭނުމެއް ކަމުގައި ވިދާޅުވިއެވެ.