بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވައިކަރަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ކައުންސިލަރުން، ރަށުގެ މުއައްސަސާތަކުގެ އިސްވެރިން، ޚިދުމަތްތެރި އިސްރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ރަށުގެ ވަރަށް ގިނަ ރައްޔިތުން ވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ވައިކަރަދޫގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

މި ރަށުގެ ތަރައްޤީގެ މަސައްކަތްތަކަށް ބަލައިލާއިރު، އެކި ދާއިރާތަކުން އެކިއެކި މަސައްކަތްތައް ހުރީ އެކި މަރުޙަލާގައި ފެށިފައި. އެކަންކަން ނިންމުމާއި، އަދި އާ މަސައްކަތްތައް ފެށުމާއި، އަދި ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަން އޮޅުންފިލުވައި، އެކަންކަމުގައި ކުލަޖައްސައިދީ ޙަޤީޤަތަކަށް ހަދައިދިނުން އެއީ، އަޅުގަނޑުގެ އެންމެ އިސް ޒިންމާ އަދި ވާޖިބު. މި ދަތުރުގައި އެކަމާ ގުޅޭގޮތުން ތިޔަބޭފުޅުންނާ، ރައްޔިތުންނާ ބައްދަލުކޮށް، ވާހަކަ ދައްކަން އަޅުގަނޑު މި ރަށަށް މިއައީ. އަދި މި ބައްދަލުވުމުގެ ކުރިން އަޅުގަނޑު ކައުންސިލާއި، މުއައްސަސާތަކާވެސް ބައްދަލުކުރިން. ވަރަށް ތަފްސީލުކޮށް އެ ވާހަކަތައް ދެކެވިފައިވޭ.

ރިޔާސީ އިންތިޚާބުގައިވެސް ބައެއް ވަޢުދުތައް، އަދި ފަހުންވެސް ބައެއް ކަންކަމުގައި އަޅުގަނޑު ވާނީ ވަޢުދުވެފައި. މިއަދު އަޅުގަނޑުމެން މި ސޮއިކުރި ބަނދަރަށް އިތުރު ބަދަލުތައް، ނޫނީވިއްޔާ އިތުރު ކުރިއެރުންތައް، މައްސަލަތައް ޙައްލުކުރުމަށްޓަކައި ސޮއިކުރި ސޮއިކުރުމަކީވެސް އޭގެތެރޭގައި ހިމެނޭ އެއްކަމެއް. އަޅުގަނޑު މިކަމުގައި ދޭން ބޭނުން ޔަޤީންކަމަކީ، ބަނދަރުގެ މަސައްކަތުގެ ސްކޯޕް، ނޫނީވިއްޔާ އެ މަސައްކަތް ކުރިއަށްގެންދާނެ ގޮތަކީ، ތިޔަބޭފުޅުން ބޭނުންވެވަޑައިގަންނަވާ ގޮތަށް އެކަމުގައި، ބަނދަރުގައި ހުރި ހުރިހާ މައްސަލަތަކެއް ޙައްލުވާގޮތަށް، އިރާދަކުރެއްވިއްޔާ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން.

ހަމައެއާއެކީގައި، އެ މަޝްރޫޢު ކުރިއަށްދާއިރުގައި، ރަށުގައި މޫދަށްއެރޭނެ ތަނެއްވެސް އިރާދަކުރެއްވިއްޔާ ހަދައިދޭނަން. މީގެއިތުރުން، ފަތާ ޓްރެކެއް، ވަކިން ޤާއިމުކޮށްދިނުމަކީވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭނެ ކަމެއް.

އާދެ، ކުޅިވަރުގެ ދާއިރާއިން، ދެންހުރި ކަންކަމަށް އަލިއަޅުވާލާނަން. ފަތާ ޓްރެކްގެ ވާހަކަ ދަންނަވާލަން. ފަތާ ޓްރެކްގެ މަސައްކަތުގެ އިތުރަށް، މި ރަށުގައި ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް އޮތީ ކުރަންޖެހިފައި. ނިންމަންވެފައި އޮތް މަސައްކަތަކަށްވާއިރުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް އިސްކަންދީގެން، ވަރަށް އަވަސްކޮށް، އެ މަޝްރޫޢު ކުރިއަށްގެންދަން، ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދާނަން. ފުޓްބޯޅަ ދަނޑު، އަދި ޖުމްލަކޮށް ހުރިހާ ދަނޑެއްވެސް އަޅުގަނޑުމެން މިހާރު ހަދާގޮތަކީ، ވަށައިގެން ފެންސްޖެހި، ފާރާއި ފެންސާއި ޖެހި، އަދި ލައިޓްވެސް ހަރުކުރެވިފައި ހުންނަގޮތަށް ފުޓްބޯޅަ ދަނޑުތައް ހަދަނީ.

އެހެންވީމާ، ފުރިހަމަކުރެވިގެންދާ ދަނޑަކާއި، އަދި އޭގެއިތުރަށް، މިހާރު ކުރިއަށްދާ، ކުރިއަށްގޮސް ނުނިމިހުރި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ނިންމުމާއި، އަދި އޭގެއިތުރަށްވެސް، މި ރަށުގައި ކުޅިވަރާ ގުޅޭ އެކިއެކި ކަންކަން ހިމެނޭނެ ގޮތަށް އަޅުގަނޑުމެން މަޝްރޫޢުތައް ކުރިއަށްގެންދަން ނިންމާފައި މިވަނީ.

އެގޮތުން، ހޭންޑްބޯލް ކޯޓެއް ޤާއިމުކުރުމާއި، އައުޓްޑޯ ޖިމްއެއް ޤާއިމުކުރުމާއި، މިކަންކަން އެބައޮތް. އެހެންވީމާ، މި ހުރިހާ ކަމެއް އަޅުގަނޑުމެން މީގެތެރެއިން ފެށިފައި ހުރި ކަންކަން، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ނިންމައިދޭނަން. އަދި ހޭންޑްބޯލް ކޯޓުގެ މަސައްކަތް މި އަހަރު ފަށައިދޭނަން.

އާދެ، ތަޢުލީމީ ދާއިރާއަށް ބަލާއިރުގައި، ލައްކަ ޒަމާންވެއްޖެ، މި ރަށުގައި މި މައްސަލައަށް ޙައްލެއް ގެންނަންއުޅޭތާ. 12 ކްލާސްރޫމެއްގެ މަސައްކަތް ފެށިފައި އޮންނަތާ އެތައް އަހަރެއް. މިހާރު މަލްޓި-ޕާރޕަސް ހޯލު ނިމެމުން އެދަނީ. އިރާދަކުރެއްވިއްޔާ، ދެ މަހެއްހާ ދުވަހުގެ ތެރޭގައި، އެންމެ ގިނަވެގެން ދެތިންމަސް ތެރޭގައި ނިމޭނެ. ވަރަށްބާރަށް އެދަނީ.

އާދެ، މިކަމާ ގުޅޭގޮތުން އަޅުގަނޑު ކުރިއަށް ދިޔުމުގެ ކުރީގައި، މި ރަށަށް އައިމާ އަޅުގަނޑަށް ލިބުނު މަޢުލޫމާތެއް ދަންނަވާލާނަން. އަޅުގަނޑުމެންގެ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މީގެ 37 އަހަރު ކުރިން، ތިމަންނައަކީ މި ސްކޫލްގެ ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅާއޭ. އޭރުގައިވެސް ހުރީ މި ހޯލޭ. އެހެންވީމާ، ލައްކަ ޒަމާންވެއްޖެ ދޮގެއްތޯ؟ މި ތަނަށް އެއްވެސް ތަރައްޤީއެއް ނައިސް މިހުރީ މި ސްކޫލަށް.

އެހެންވީމާ، މި ސްކޫލަށް މި ބޭނުންވާ ކްލާސްރޫމްތައް، މިހާރު އެ ހުއްޓިފައި ހުރި މަޝްރޫޢު މި އަހަރުގެ ތެރޭގައި، އެކީގައި ކޮމްޕްލީޓް ކޮށްދޭނަން. ކޮށްދީ، ދެން ސްކޫލް ދިރާސީ އާ އަހަރަށް، ޖަނަވަރީގައި ހުޅުވޭއިރުގައި، އެތަން ބޭނުންކުރެވޭވަރު ވާނެ. އެ ފުރިހަމަ ޔަޤީންކަން، ފުރިހަމަ ޔަޤީންކަން މި ދެނީ އިރާދަކުރެއްވިއްޔާ. އެކަން ކުރާނަން.

އާދެ، މި ރަށުގައި ވަރަށްގިނަ ކަންކަން ޙަޤީޤަތުގައިވެސް ކުރިއަށްގެންދަން އެބަހުރި. ކުރިއަށްގެންދަން ބޭނުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ ހުރިހާ ކަމަކަށްވެސް އެއްވަރަކަށް ސަމާލުކަންދީގެން ގެންދާނަން.

ދީނީ ދާއިރާއިން ބަލާއިރުގައި، ޙަޤީޤަތުގައި މި ރަށަކީ، ދީނަށް ލޯބިކުރާ ރައްޔިތެއްވެސްމެ. ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީވެސް ދީނަށް ލޯބިކުރާ ރައްޔިތުން. މި ރަށުގައި ވަކިން ޚާއްޞަކޮށް، އަޅުގަނޑަށް ފާހަގަކުރެވޭ ކަންކަން އެބަހުރި. ޤުރްއާނަށް ލޯބިކުރާ، ޤުރްއާން ކިޔަވަން އެނގޭ ޤާރީންވެސް ވަރަށް އެބަތިބި. އެހެންވީމާ، ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދޭން، ކައުންސިލްގެ ރައީސާއި، ކައުންސިލާއި، މުއައްސަސާތަކާ އެކީގައި ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައިވޭ. މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި އަޅުގަނޑު އެކަންތައް ހިމަނައިގެން، މި އަންނަ އަހަރުގެ ކުރީކޮޅު، އިރާދަކުރެއްވިއްޔާ އެކަން ޤާއިމުކޮށްދޭނަން.

އާދެ، ކުޅިވަރުގެ ދާއިރާއިން އަޅުގަނޑަށް އެއްކަމެއް ވައްޓާލެވިފައި ދެވުނީ. އަޅުގަނޑު ވެފައި އޮތް ވަޢުދެއް. ވަޢުދު ހަނދާނެއްނުނެތޭ. އެކަމަކު ދެންމެ ދަންނަވާލަން ހަނދާންނެތުނީ. ސްކޭޓިންގ ޕާކެއް ހަދައިދޭން އަޅުގަނޑު އޮންނާނީ ވަޢުދުވެފައި. މިހާރު އެ މަޝްރޫޢު ގޮސްފައި އޮތް ހިސާބަކީ، އެމް.ޓީ.ސީ.ސީ.އާ އަޅުގަނޑުމެން މި މަޝްރޫޢު ހަވާލުކުރަނީ. އެމް.ޓީ.ސީ.ސީ.އިން މި ރަށުގައި މަޝްރޫޢު ކުރިއަށް ގެންދަން، ޢަމަލީ މަސައްކަތް ފެށުމަށް މިހާރު އެވަނީ، އެމް.ޓީ.ސީ.ސީ.އަށް އެސައިން ކުރެވިފައި. ދެން ޑިޒައިނިންގ މަސައްކަތް މިހާރު ނިންމާލުމަށްޓަކައި، އެ މަސައްކަތް ދަނީ ބާރު ސްޕީޑްގައި. ކައުންސިލްގެ ފަރާތުން ބިންވެސް ހަމަޖެހިއްޖެ. އެހެންވީމާ، ދާދި އަވަހަށް، ދާދި އަވަހަށް އޭގެ މާނައަކީ، ގިނަވެގެން މި އަންނަ މަސް ނިމުމުގެ ކުރީގައި، ސެޕްޓެންބަރު މަސް ނިމުމުގެ ކުރީގައި، ސްކޭޓް ޕާކުގެ މަސައްކަތް ފަށައިދޭނަން.

އާދެ، އަޅުގަނޑު ދެން ބައެއް ކަންކަން އިތުރަށް ދަންނަވާލާނަން. މި ރަށުގައި ދަނޑުވެރިންނަށް ވަރަށް ބޮޑަށް ދަތިވެފައި އޮތް ކަމެއް އެބައޮތް. ވަރަށް ގިނަ ދަނޑުވެރިން، ސަތޭކަ ފަންސާހެއްހާ ބޭފުޅުން އެ މަސައްކަތް ކުރައްވާއިރުގައި، ދަނޑުވެރިން މުދާ އުފުލަން މިޖެހޭގޮތް ވަރަށްދަތި. މި ރަށުގައި މުދާ ފެރީ ދަތުރުކުރަން މި އޮންނަ ރޫޓުގެ ސަބަބުން، ދަނޑުވެރިންނަށް އެކަމުން ވަރަށް ބޮޑެތި ގެއްލުންތައްވެސް އެބަވޭ. އެހެންވީމާ، މިކަން ޙައްލުކޮށްދިނުމަށްޓަކައި، އިރާދަކުރެއްވިއްޔާ މި ރަށަށް ޚާއްޞަ، މި ރަށުން ފުރާ، މި ރަށަށް ޚާއްޞަ ކުރެވިގެންދާގޮތަށް، މުދާ ފެރީ މި ރަށުން ފުރާގޮތަށް، ނޫނީ މި ރަށަށް ޚާއްޞަ ގޮތެއް އަޅުގަނޑު ހަމަޖައްސައިދޭނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ހަމަޖެހިގެންދާނެ. މާގިނަ ދުވަސްތަކެއްނުވެ، އިރާދަކުރެއްވިއްޔާ އެކަން ހަމަޖައްސާނަން. އެކަމުގެ ސަބަބުން، ދަނޑުވެރިންނަށް މިހާރު މި ދިމާވާ ހުރިހާ ލަސްވުމަކުން، ގެއްލުމަކުން އިރާދަކުރެއްވިއްޔާ އަރައިގަތުމަށް ފަސޭހަވާނެ.

އާދެ، ވަރަށްވަރަށް އުނދަގޫވެފައި އޮތް ކަމެއް، މި ރަށުގެ އިންޖީނުގޭގެ މައްސަލައަކީ. ވަރަށް ގިނަދުވަސްވީ މައްސަލައެއް. ތިރީހަކަށް އަހަރު ދުވަސްވީ ބޮޑު މައްސަލައެއް. މިހާރު ހުރި ތަނުން ބަދަލުނުކުރެވި، އެދާ ދިޔުމުގެ ސަބަބުން ލިބޭ ގެއްލުން. ވަރަށް ގިނަ ރަށްތަކުގެ އިންޖީނުގެތައް، ޕަވަރހައުސްތައް ބަދަލުކުރަންޖެހޭ. ޕަވަރ ކޭބަލް، ނޫނީވިއްޔާ ކޭބަލް ބާވެގެން، ނޫނީވިއްޔާ އޭގެ ފެންވަރު ދަށްވެގެން އަޕްގްރޭޑް ކުރަން، ބަދަލުކުރަންވެސްޖެހޭ. މި ރަށުގައި މި ހާލަތު މިއޮތީ، މިހެން ބަލާއިރުވެސް، ގިނަ ރަށްތަކާ ބަލާއިރުގައި، ވަރަށް ސިވިއަރ، ވަރަށް ކްރިޓިކަލް ހާލަތުގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެންމެ އިސްކަމެއްދީގެން، މި މައްސަލަ ޙައްލުކޮށްދޭ އެއް ރަށަށް މި ރަށް ވާނެ. މި ރަށް ހަދައިދޭނަން. އިރާދަކުރެއްވިއްޔާ ފެނަކައިން އެ މަސައްކަތް، ވަރަށް ވަރަށް އަވަހަށް ގެންގޮސް ނިންމައިދޭނެ. މި އަހަރު ތެރޭގައި، މި މައްސަލަ އެކީގައި ޙައްލުކޮށްދޭނަން. އިރާދަކުރެއްވިއްޔާ، މި އަހަރު ނިމުމުގެ ކުރީގައި.

އާދެ އެހެންވީމާ، މައިގަނޑު ގޮތެއްގައި މިހިރަ ކަންތައް އަޅުގަނޑު ދަންނަވާލާފައި، ދެން، މި އަންނަ އަހަރަށް އަޅުގަނޑުމެން ތާވަލުކުރާ ކަންކަމުގެ ތެރޭގައި، މި ރަށުގައި އާ، ރީތި، ޒަމާނީ މިސްކިތެއް އެޅުން ބަޖެޓްކޮށްދޭނެ ވާހަކަ ދަންނަވަން. ހަމައެކަނި ބަޖެޓްކުރަނީކީ ނޫން، ބަޖެޓްކޮށްފައި އެ މަޝްރޫޢު ފަށައިގެން، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. މި ރަށަށް ރީތި، ޒަމާނީ މިސްކިތެއް އަޅުގަނޑުމެން އަޅައިދޭން، މި ދެންނެވި ގޮތަށް ގެންދާނަން. އާދެ، އިރާދަކުރެއްވިއްޔާ އެކަންކަން އެހެންވެގެން ދިޔުމުން، ރައްޔިތުންނަށް ވަރަށް ހިތްހަމަޖެހުން ލިބިގެންދާނެ.

ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، ޞިއްޙީ މަރުކަޒަށްވެސް ކަންކަން ކުރަންޖެހިފައި އޮތީ. ޞިއްޙީ މަރުކަޒަށް އަޅުގަނޑުމެން މުވައްޒަފުން އިތުރުކުރަންޖެހޭ، އަދި ވަސީލަތްތައް އިތުރުކުރަންޖެހޭ. އެހެންވީމާ، އެއީވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ސަމާލުކަންދޭނެ ކަމެއް. މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓް ހަދާއިރުގައި، ހެލްތް ސެންޓަރ އަޕްގްރޭޑް ކުރުމަށްޓަކައި ޕްރޮޖެކްޓެއް ހިމަނާނަން. ހިމަނައިގެން، އިރާދަކުރެއްވިއްޔާ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢެއް، މި އަންނަ އަހަރު ކުރިއަށް ގެންގޮސްދޭނަން.

އަދި އެންމެފަހު ކަމަކަށް، އެންމެ ބޮޑު އެއް ކަންތައް އަޅުގަނޑު ހަމަ ބޭއްވީ. ހައުސިންގ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން ހައުސިންގ މަޝްރޫޢުތައް ހިންގަން އެކި ފަރާތްތަކާ ހަވާލުކުރަމުން މިހާރު މިދަނީ. މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓް ހަދާއިރުގައި، މި އަންނަ އަހަރުވެސް، އާ މަޝްރޫޢުތައް ބައެއް ރަށްރަށުގައި ހިމަނަން އަޅުގަނޑުމެން ނިންމާފައި މިވަނީ. އެގޮތުން، މި ރަށުގައި 50 ހައުސިންގ ޔުނިޓު ޤާއިމުކުރުމަށް ހިމަނައި، މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އާދެ، އަޅުގަނޑު ބައެއް ކަންކަން މި ދަންނަވާލީ އިނގޭތޯ. މިއީ ހަމައެކަނި އަޅުގަނޑު ފާހަގަކުރި ބައެއް ކަންކަން. އެހެން ކަންކަން ނުކުރާނެ ވާހަކައެއް ނޫން. މި ރަށުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑު ވެފައިހުރި ވަޢުދުތަކުގެ އިތުރަށް، އެތައް ކަމެއް އެބަހުރި ކުރިއަށްގެންދަން.

މިސާލަކަށް، ކުނި މެނޭޖްކުރާ މަރުކަޒުގެ މައްސަލަވެސް އޮތީ ޙައްލުކުރަން ޖެހިފައި. އެ މައްސަލަ ދިމާވެފައި އެބައޮތް، ވިއްސަކަށް ރަށުގައި. މި ރަށުގެ މި ޕްރޮޖެކްޓަށް ދިމާވެފައި އޮތް މައްސަލަ. އެ ޕްރޮޖެކްޓްގައި ހިމެނޭ ވިއްސަކަށް ރަށް އެބައޮތް. އަދި މި އަތޮޅާއި، ހއ. ގައި މި މައްސަލަ އޮތީ. އެ 20 ރަށް ހިމެނެނީވެސް. އެހެންވީމާ، އެ ޕްރޮޖެކްޓަށް ދިމާވެފައި އޮތް މައްސަލަ ޙައްލުކުރުމަށް، ވަރަށް ގިނަ ކަންކަން އެބަ ކުރަން. އެކަން ޙައްލުވީމާ، އެ ހުރިހާ ރަށެއްގައި، މި ރަށް ހިމެނޭހެން އެ މަސައްކަތް ހިނގައިގަންނާނެ. އެހެންވީމާ، މިކަހަލަ އިތުރު ބައެއް މަޝްރޫޢުތައް އެބަހުރި، އަޅުގަނޑަށް މިތާ އަދި ތަފުޞީލުތައް ދަންނަވައިނުލެވުނަސް.

އެހެންވީމާ، ޖުމްލަކޮށް، ވައިކަރަދޫގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ ހުރިހާ ކަމެއްގައި، އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން، ދެންމެ މި ދެންނެވި ހުރިހާ ކަމެއް، އަޅުގަނޑުމެން މި ދެންނެވި ގޮތަށް ގެންދާނަން. ގެންގޮސް، ރައްޔިތުންގެ ތަރައްޤީގައި އުފާ ފާގަތި ދުވަސްތަކެއް ހޯދައިދީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުފާވެރިކަން ގެނެސްދޭނަން.

އަޅުގަނޑު އުންމީދުކުރަން، މާ ލަސްތަކެއްނުވެ އަނެއްކާވެސް ތިޔަ ލޮބުވެތި ރައްޔިތުން އަރިހަށް އެނބުރި އަންނަން. އެކަމަކު ދެން އަޅުގަނޑު އަންނަން ބޭނުންވަނީ، މީގެތެރެއިން ބައެއް ކަންކަން ނިންމައި، އެކަންކަމުގެ އުފަލުގައި ބައިވެރިވާން. ސްކޫލާއި، މިހެންގޮސް ބައެއް ކަންކަން ނިންމައި، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވާން އައުމުގެ އުންމީދުގައި، އަޅުގަނޑު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.