بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މަކުނުދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ މުއައްސަސާތަކުގެ އިސްވެރިން، މި ރަށުގެ ޚިދުމަތްތެރި އިސްރަށްވެހިން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، އަޑުއައްސަވަމުން ގެންދަވާ އަދި ބައްލަވަމުން ގެންދަވާ، ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އަޅުގަނޑުމެންނަށް މި ރަށަށް މިއަދު އާދެވުނު ވަގުތު، ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، މަކުނުދޫގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ، މި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ ތެރޭގައި، އެންމެ މުހިންމު ކަމަކީ ހަމަ ޔަޤީނުންވެސް، އެއަރޕޯޓުގެ މަސައްކަތް ނިންމުން. އާދެ، ރިޔާސީ އިންތިޚާބުގައިވެސް އަދި ފަހުންވެސް އަޅުގަނޑު ވީ އެންމެ މުހިންމު ވަޢުދަކީ، މި މަޝްރޫޢު ކުރިއަށް ގެންދިޔުން. މި ރަށަކީ، ރާއްޖޭގައި އަތޮޅުތައް ބެހިފައި، ރަށްރަށް ބެހިފައި އޮންނަގޮތަށް ބަލާއިރު، ވަރަށް އެކަހެރިކޮށް، ހުޅަނގަށް އެންމެ ވަކިން އޮންނަ ރަށް. ދަތުރުފަތުރު ކުރުމުގައި އެންމެ އުނދަގޫ އެއްހިސާބު. އެހެންވީމާ، ދުރުރާސްތާއަށް، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުން ބަލާއިރުގައި، މި ރަށުގައި އެއަރޕޯޓެއް ޤާއިމުކުރުމަކީ ޒަރޫރީކަމެއް. ކޮންމެހެން ކުރަންޖެހޭ ކަމެއްގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަނީ. އެހެންވީމާ، އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަކީ، ވަރަށް މުހިންމު ކަމެއްގޮތުގައި އަޅުގަނޑު ދެކެން. އަދި އޭގެ ސަބަބުން، ދަތުރުފަތުރު ކުރުމަށް އެ ލިބޭ ކުރިއެރުމުގެ ސަބަބުން، މި ރަށް އިޤްތިޞާދީ ތަރައްޤީގެ އެހެން ހަރުފަތަކަށް، މަތީ ހަރުފަތަކަށް ގެންދިޔުމަށް، ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ވަސީލަތަކަށްވެ، ވަރަށް މުހިންމު ދޮރޯށްޓަކަށް މި އެއަރޕޯޓް ވާނެ. އެހެންވީމާ، ސަރުކާރުން މި މަޝްރޫޢަށް މި އިސްކަން މިދެނީ މި ވިސްނުމުގައި.

އާދެ، ބިން ހިއްކުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައި އޮތްއިރުގައި، އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް، އެމް.ޓީ.ސީ.ސީ.އާ އަޅުގަނޑުމެން ދެންމެ މި ހަވާލުކުރި މަޝްރޫޢުގެ ތެރެއިން އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ ކަންކަމަކީ، 1800 މީޓަރަށް ރަންވޭ އޮންނަވަރަށް ބިން ހިއްކުމާއި، އަދި މި ރަށުގެ ބޭނުންތަކަށް ގެދޮރުއެޅުމާއި، އެހެނިހެން ބޭނުންތަކަށް ރަށަށް ބޭނުންވާނެ ބިން އިތުރުކުރުމާ އެކީގައި، އަދި އެއަރޕޯޓުގެ ހުރިހާ އިންފްރާސްޓްރަކްޗަރއެއް ޤާއިމުކޮށް ނިމުމާއެކީގައި ކުރިއަށް ގެންދިޔުން. އެހެންވީމާ، މިއަދު ސޮއިކުރެވުނު މަޝްރޫޢު ނިމިގެންދާއިރުގައި، މި ދެންނެވި ހުރިހާ ކަމެއް، ފުރިހަމަވެފައި އޮންނާނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދެން.

އާދެ، މިގޮތުން ބަލާއިރުގައި، ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިން ހިއްކޭނެ. އަދި އެއަރޕޯޓުގެ ހުރިހާ ކަމެއް ފުރިހަމަވާނެ. އެހެންވީމާ، ވަރަށް އިސްކަމެއްދީގެން، މި މަޝްރޫޢު ކުރިއަށްދާނެ. އަދި މި މަޝްރޫޢު ކުރިއަށްދާއިރުގައި، މިކަމާ ދެން ހަވާލުވާނެ ފަރާތް އެއީ، އެމް.އޭ.ސީ.އެލް. އެއަރޕޯޓް އޮޕަރޭޓް ކުރުމަށް ހަވާލުވާނީ، އެއަރޕޯޓްސް ކޮމްޕެނީއާ. އެހެންވީމާ، އެމް.އޭ.ސީ.އެލް.ގެ ފަރާތުން މިހާރުން ފެށިގެން، އެމް.ޓީ.ސީ.ސީ.އާއި، ސަރުކާރުގެ ކަމާބެހޭ ވުޒާރާއާ އެކީގައި، ވަރަށްގާތުން މަސައްކަތްތައް ކުރަން ފަށާނަން. އަޅުގަނޑު އެންމެ އިސްކަމެއްދޭނީ، ވީ އެންމެ އަވަހަކަށް، ވަރަށް އަވަސްމިނެއްގައި، ވަރަށް ބާރުމިނެއްގައި، މި މަޝްރޫޢު ކުރިއަށް ގެންދަން. ސަރުކާރުގެ ތެރެއިން އެންމެ އިސްކަމެއްދީގެން، ހުރިހާ ކަމެއް ނިންމުމަށް. އެހެންވީމާ، އަޅުގަނޑު އެ ޔަޤީންކަން ދެން. އިރާދަކުރެއްވިއްޔާ، މި މަޝްރޫޢު ވަރަށް ކާމިޔާބުކަމާއެކީގައި، ވަރަށް ބާރަށް ގެންގޮސް ނިންމައިދޭނަން. އެ ޔަޤީންކަން ދެން.

އާދެ މީގެއިތުރަށް، ދެން މަގު ހެދުމުގެ މަޝްރޫޢުގައި އަޅުގަނޑުމެން ދެންމެ މި ސޮއިކުރީ. މަގުތައް ހެދުމަކީވެސް މި ރަށުގެ ތަރައްޤީއަށް އަސާސީ ކަމެއް ގޮތުގައި، ޒަރޫރީކަމެއް ގޮތުގައި އަޅުގަނޑުމެން ދެކެން. ފެނާއި ނަރުދަމާ ގާތްގަނޑަކަށް ނިމިފައި މިއޮތީ. މަގުތައް ހެދުނީމަ، އިޤްތިޞާދީ ގޮތުން އިންވެސްޓްކުރާ ފަރާތްތަކާއި، އަދި ޢާންމުކޮށް ރަށުގައި ދިރިއުޅޭ އެންމެންނަށް ދުވަހުން ދުވަހަށް ވަރަށް ބޮޑެތި ފަސޭހަތައްވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންވެސް ކުރިއަށްދާނީ ވަރަށް ރަނގަޅަށް.

ދެން، އަޅުގަނޑުމެން މިއަދު މި ފެށި ބައެއް މަޝްރޫޢުތަކަކީވެސް އެގޮތުން ބަލާއިރުގައި، ވަރަށްވަރަށް މުހިންމު މަޝްރޫޢުތައް. ފުލުހުންގެ ޚިދުމަތް ޤާއިމުކުރުން. ކުޅިވަރުގެ މަރުކަޒެއް އެޅުން، ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒު. އެއީވެސް ވަރަށް މުހިންމު މަޝްރޫޢެއް. އަދި ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށްޓަކައި މިއަދު މި ފެށި މަޝްރޫޢަކީވެސް އެފަދަ މަޝްރޫޢެއް. އާދެ، މި ރަށުގައި މި ޤާއިމުވެގެންދަނީ، އެންމެމަތީ ފަންތީގެ ޞިއްޙީ މަރުކަޒެއް. ލެވެލް 4.

ލެވެލް 4ގެ ޞިއްޙީ މަރުކަޒެއް ޤާއިމުވެގެންދާއިރުގައި، މި ރަށުގައި ވަރަށް ގިނަ ޚިދުމަތްތައް، އޭގެތެރެއިން އިތުރުވެގެންދާނެ. މި ދެންނެވީ، ޖާގަ އިތުރުކުރެވި، ވަސީލަތްތައް ޤާއިމުކުރެވި، އަދި އިންސާނީ ވަސީލަތް، ހިއުމަން ރިސޯސް އިތުރުކުރެވިގެންދާނެ. އެކިއެކި ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުން ތިބޭނެ. އެތެރެހަށީގެ ޑޮކްޓަރުން، އަންހެނުންގެ ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން. މިފަދަ މުހިންމު އެކިއެކި ދާއިރާތަކުން ޚިދުމަތްދޭނެ ސްޕެޝަލިސްޓުން އިތުރުކުރުމާއި، އެކްސްރޭ ސަރވިސް އަދި ސްކޭނިންގ ސަރވިސް، މިކަންކަން ޤާއިމުކުރުން، އޭގެތެރޭގައި ހިމެނޭ. އަދި ޑަޔަލިސިސް ޚިދުމަތް ހިމެނޭނެ.

އެހެންނަމަވެސް، މަޝްރޫޢު ފެށިގެންގޮސް ނިންމުމަށް، މިކަންކަން ޤާއިމުވާން ވަގުތުކޮޅެއް ނަގާނެ. އެހެންވީމާ، މިހާރު ހުރި ފެސިލިޓީ ތެރޭގައި، ޖާގައިގެ ގޮތުން އިތުރުކުރެވޭނީ ކޮން ޖާގައެއްތޯ، ނޫނިވިއްޔާ ގެނެވޭނީ ކޮން ބަދަލެއްތޯ ބަލާނަން. މިނިސްޓްރީއާއި، ހެލްތު ސެންޓަރާއި، ކައުންސިލާ ގުޅިގެން އެކަން ބަލައި، މިހާރު ހުރި ޖާގައިގެ ތެރެއިން އަޅުގަނޑުމެންނަށް މި ދެންނެވި ބައެއް ޚިދުމަތްތައް އިތުރުކުރެވެން ހުރި ކަމަށްވަންޏާ، މިސާލަކަށް، ޚާއްޞަގޮތެއްގައި ޑަޔަލިސިސް ޚިދުމަތް، އަދި އެކްސްރޭ، އަދި ސްކޭނިންގ ކަންތައްތައް. މިއިން އެއްވެސް ކަމެއް ޤާއިމުކުރެވޭގޮތަށް އަޅުގަނޑުމެންނަށް އެޖެސްޓްމެންޓް ގެނެވޭކަމަށްވަންޏާ، ވަރަށް އިސްކަމެއްދީގެން މި އަހަރުގެ ބަޖެޓުގެ ތެރެއިންވެސް އެކަން ހަމަޖައްސައިދޭނަން. ހަމަޖައްސައިގެން، މީގެތެރެއިން އިތުރުކުރެވެން ހުރި ކޮންމެ ކަމެއްވެސް ވަރަށް އިސްކަމެއްދީގެން، ސްޕެޝަލިސްޓް ޑޮކްޓަރުން ގެނެސް، މިތަނުގައި ޚިދުމަތް ދިނުމަށްޓަކައި، ޖާގައިގެ ތެރޭގައި އަޅުގަނޑުމެންނަށް ފުރުޞަތު އޮތިއްޔާ، އެކަންވެސް ކުރާނަން. އެހެންވީމާ، މި ދެންނެވި ކަންކަމަށް ވަރަށް އިސްކަމެއްދީގެން މިހާރުން ފެށިގެންވެސް މަސައްކަތް ކުރިއަށްދާނެކަން ތިޔަބޭފުޅުންނަށް ދަންނަވަން.

އެހެންވީމާ، އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން ބެއްލެވުން، މީގެ ތެރެއިން ކަންކަންދާ ގޮތް. ކައުންސިލުން އަދި ހެލްތު ސެންޓަރުން ތިޔަބޭފުޅުންނަށް އެ މަޢުލޫމާތު ދެއްވާނެ. ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ވަރަށް އިސްކަމެއްދީގެން، މި ދެންނެވި ގޮތަށް، މިހާރު ހުރި މަރުކަޒުގެ ތެރެއަށް އިތުރުކުރެވޭނެ ކަމެއް ބަލައި، ވީ އެންމެ އަވަހަކަށް އެކަންކަންވެސް ކުރިއަށް ގެންދާނަން. އެހެންވީމާ، އަޅުގަނޑުމެން ބަލާނީ މިހާރުން މިހާރަށްވެސް މީގެތެރެއިން ބައެއް ކަންކަން ފެށޭނެގޮތެއް މި އަހަރުގެ ތެރޭގައިވޭތޯ. ކޮންމެގޮތެއްވިޔަސް މި މަރުކަޒުގެ މަޝްރޫޢު ނިމިގެންދާއިރުގައި، ވަރަށް ފުރިހަމަ، އެންމެ މަތީ ފަންތީގެ މަރުކަޒެއް މި ޤާއިމުވަނީ.

ހަމަ އެއާއެކީގައި، އިރާދަކުރެއްވިއްޔާ ސްކޫލްގެ މިހާރު އެ ނިމޭ މަލްޓި-ޕާރޕަސް ހޯލަކީ ދެން މަހެއްހާ ދުވަހުގެ ތެރޭގައި، ނޫނީވިއްޔާ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ނިމޭއިރުގައި، ވަރަށް ގިނަ ފުރުޞަތުތައް، އޭގެތެރޭގައި އެކުލެވިގެންވާ ގޮތަށް ހެދިގެންދާ ތަނެއް. އިރާދަކުރެއްވިއްޔާ އެއީވެސް ތަޢުލީމީ ދާއިރާއިން ވަރަށް ބޮޑެތި ކުރިއެރުންތަކެއް މި ރަށަށް ލިބިގެންދާނެ ކަމަކަށްވާނެ.

އާދެ، އެހެންވީމާ، މި ދެންނެވި މަސައްކަތްތައް އަޅުގަނޑުމެން ވަރަށް ގާތުން، ކުރިއަށްގެންދާނަން. އިރާދަކުރެއްވިއްޔާ، އޭގެ ސަބަބުން، މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ.

އާދެ، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، މި ރަށުގައި ދެންހުރި ކަންކަންވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދިޔުމަށް. ޚާއްޞަކޮށް، ބިން ހިއްކައި ނިމިގެން ދިޔުމުން، ހައުސިންގ މަޝްރޫޢުތައް ހިންގުމަށްވެސް އަޅުގަނޑުމެން ގަސްދުކުރަން. މި ރަށަށް ގެދޮރުވެރިކަމުގެ ޚާއްޞަ މަޝްރޫޢެއް ހިންގަން އަޅުގަނޑުމެން އިސްކަން ދެން. އެހެންވީމާ، އަޅުގަނޑުމެން ކުރިއަށް އޮތް އަހަރަށް ޕްލޭންކުރާއިރުގައި، މި ރަށުގައި ހައުސިންގ މަޝްރޫޢެއް ހިންގުމަށް، އަޅުގަނޑު ގަސްދުކުރަން. އެހެންވީމާ، އެއީ ދެން މި ރަށުގައި އަޅުގަނޑުމެން ކުރިއަށްގެންދާނެ، އަލަށް ފަށާނެ އެންމެ މުހިންމު އެއް މަޝްރޫޢަށް ވާނެ. އިރާދަކުރެއްވިއްޔާ، އެކަން އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދަން ގަސްދުކުރާ ވާހަކަ ދަންނަވަން.

އާދެ، ޖުމްލަކޮށް މި ދެންނެވި ހުރިހާ ކަމެއް، އަދި އޭގެ އިތުރަށްވެސް، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަ ކަންކަމުގައި، އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާނަން.

މި ރަށުގައި އައިސް ޕްލާންޓެއް ހިންގަމުންދޭ. އެ އައިސް ޕްލާންޓަކީ، ވަރަށް އިސްކަމެއްދީގެން އަޅުގަނޑުމެން ބޭނުން، އެ ތަނަކީ ފުރިހަމައަށް ހިނގާ ތަނަކަށް ހަދަން. އެހެންވީމާ، އެތަން މިފްކޯއާ ހަވާލުކުރެވޭނެ ގޮތެއް އޮތްތޯ މިނިސްޓްރީން މިހާރު އެ ގެންދަވަނީ ބައްލަވަމުން. އެހެންވީމާ، އެކަން ވީހާވެސް އަވަހަކަށް ފުރިހަމަކުރުމަކީ، އަޅުގަނޑުމެން ގަސްދުކުރާ ގޮތް. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވެގެންދާނެ.

ހަމައެއާއެކީގައި، ސްޕޯޓްސް ބޮއިއެއް އެޅުމަށްޓަކައިވެސް މިހާރު މިނިސްޓްރީން އެދަނީ މަސައްކަތް ކުރަމުން. މި ސަރަޙައްދުގެ ބައެއް ރަށްރަށުގައި އެކަން ކުރިއަށްދާނެ. އެހެންވީމާ، މިހިރަ ކަންކަމަކީ އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ޢަމަލީގޮތުން ކުރިއަށްދާނެ ކަންކަން.

އާދެ، ޖުމްލަކޮށް މި ވާހަކަތައް އަޅުގަނޑު މި ދަންނަވާލީ. އެންމެ މުހިންމު ކަންތައް، އެއަރޕޯޓުގެ މަޝްރޫޢަށް ވަރަށް ބޮޑު އިސްކަމެއްދީގެން، އަޅުގަނޑުމެން ވަރަށް ބާރު ސްޕީޑްގައި ގެންގޮސް ނިންމައިދިނުމުގެ ކަންތައްތަކުގައި، ވަރަށް ބޮޑު ޔަޤީންކަމެއް މިދެނީ. އިރާދަކުރެއްވިއްޔާ އެކަން ނިމިގެންދާނެ.

އާދެ، އަޅުގަނޑު އުންމީދުކުރަނީ، މި ދެންނެވި ގިނަ މަޝްރޫޢުތައް ނިންމައިލެވި، އެ ކަންކަން ފާހަގަކުރުމަށްޓަކައި، މާލަސްތަކެއްނުވެ އަނެއްކާވެސް ތިޔަބޭފުޅުންގެ އަރިހަށް އަންނަން. އަޅުގަނޑުގެ އުންމީދަކީ، އެއަރޕޯޓް ނިންމައި، އެއަރޕޯޓް ހުޅުވަން ދެން އަންނަން. ވީހާވެސް އަވަހަކަށް އެކަން ނިންމާލެވުނީމާ، ދެން އަޅުގަނޑަށް އާދެވޭނީ. އެހެންވީމާ، އަޅުގަނޑު ބަލާނަން، ވީހާވެސް އަވަހަކަށް އެކަން ނިންމައިދެވޭތޯ.

އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތްތައް ނިންމައި، ތިޔަބޭފުޅުންގެ މިކަންކަމުގައި ކުލަޖައްސައިދޭނަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.