بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ނޮޅިވަރަމްގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އެންމެހައި މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސްރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން ބައްލަވާ އަދި އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުން ނުކުމެވަޑައިގެން، ވިދާޅުވި ވަރަށްވަރަށް ހޫނު މަރުޙަބާއަށްޓަކައި، ނޮޅިވަރަމްގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ފަށްފަށުން ޝުކުރު ދަންނަވަން.
މި ރަށަށް އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، އަދި ފަހުންވެސް ވާނީ ބައެއް ކަންތައްތައް ކުރާނެ ކަމަށް، ކޮށްދޭނެ ކަމަށް ވަޢުދުތައްވެފައި. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މި ރަށުގެ މި އާބާދީއަށް ބޭނުންވާ ހުރިހާ ކަންކަމެއް، ވީ އެންމެ ފުރިހަމައަކަށް، ވީ އެންމެ އަވަސްމިނެއްގައި، ބާރު ސްޕީޑެއްގައި ކުރިއަށް ގެންދެވޭތޯ. އާދެ، ކުޅުދުއްފުށި ސިޓީ ނަގާފައި، މި އަތޮޅުގައި އޮތް، އާބާދީގެ ގޮތުން އެންމެ ބޮޑު ރަށް މިއީ. އެގޮތުން، ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އަދަދަށް ބަލާއިރުވެސް އާބާދީ އެންމެ ބޮޑު ރަށް. އަޅުގަނޑުމެންގެ ސިޔާސަތުތަކުގައި، މިގޮތަށް އާބާދީއާއި، އަދި ބިމުގެ ގޮތުން ބޮޑެތި ރަށްރަށުގައި ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި، އިސްކަންދޭ ކަންތައްތައް ހުރޭ. ހުރިހާ ރަށެއްގެ ރައްޔިތުންވެސް ހަމަހަމަ. އެންމެ ކުޑަރަށުގެ ރައްޔިތުންނަށްވެސް ކަންތައްތައް ފުރިހަމަކުރަމުން އަޅުގަނޑުމެން މިގެންދަނީ. އަޅުގަނޑު ވީ ވަޢުދުތައް، އެއްވެސް ތަފާތުކުރުމެއްނެތި ފުއްދަމުން މިދަނީ. ނަމަވެސް، ދެމެހެއްޓެނިވި ތަރައްޤީއަކީ އެއީ، އަޅުގަނޑުމެން ގަބޫލުކުރާ ފަލްސަފާ. އެކަމުގައި އާބާދީ ބޮޑު، ބިންބޮޑު ރަށްރަށަށް އިސްކަންދޭން ޖެހޭނެ. އާދެ، އެ ސިޔާސަތުގެ ދަށުން، މި ސަރުކާރުން މި ރަށުގެ ތަރައްޤީގެ ކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނީ.
އާދެ، މިގޮތުން ބައެއް ކަންކަން އަޅުގަނޑު ދަންނަވާލާނަން. މި ވިސްނުމުގައި މި ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް، މިއަދު މި ފެށޭ މަޝްރޫޢުތައް އަޅުގަނޑުމެން މި ފަށަނީ. ހުޅުވޭ ތަންތަން ހުޅުވަނީ. އަދި ސޮއިކުރަންޖެހޭ މަޝްރޫޢުތަކުގައި ސޮއިކުރީވެސް.
އާދެ، ބަނދަރުގެ މައްސަލައަކީ މި ރަށުގެ އެންމެބޮޑު، އެންމެދަތި، އެންމެގިނަ ނުރައްކާތެރި ކަންކަން އެންމެ ގިނަ ދުވަހު ހިނގާފައިވާ، ކުރިމަތިލާން ޖެހިފައިވާ، ޢުމްރާނީ ތަރައްޤީގެ ކަންތަކަށްވާއިރުގައި، އެ މައްސަލަ ޙައްލުކުރުމަށް އަޅުގަނޑު ވީ ވަޢުދު ފުއްދުމަށްޓަކައި، މިއަދު މި ސޮއިކުރީ. އެކަން އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް، ވަރަށްގާތުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަޕްގްރޭޑް ކުރުމުގެ، މި ދެންނެވީ، ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރުގެ ކަންކަން އިތުރަށް ފުރިހަމަކުރުމުގެ މަޝްރޫޢު.
ހަމައެއާއެކީގައި، އަޅުގަނޑުމެން މަގުހެދުމަށްޓަކައި މި ސޮއިކުރި މަޝްރޫޢު އެއީވެސް އަޅުގަނޑު އިންތިޚާބުގައި ވީ ވަޢުދެއް. މި ރަށުގެ މަގުތައް ހެދުމަކީ، މި ރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ އަސާސީ ކަމެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރަން. ފެނާއި ނަރުދަމާ ނިމި، މިހާރު ކޮމިޝަން ކުރުމުގެ މަރުޙަލާގައި އުޅޭތީ، ކުރިއަށް އޮތް މަހެއް، ދެމަހެއްގެ ތެރޭގައި އެ ހުރިހާ ކަމެއް ނިމި، އޮޕަރޭޓިންގ ލައިސަންސް ލިބި، އިރާދަކުރެއްވިއްޔާ އެކަން ކުރިއަށްދާނެ. ދާއިރުގައި، މަގުހެދުމަކީ މިހާރު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. އެހެންވީމާ، އެ މަޝްރޫޢުގައިވެސް މި ސޮއިކުރީ.
ރަށް ގިރުމުގެ މައްސަލައަކީވެސް އެކަށީގެންވާ ޙައްލެއް ގެންނަންޖެހޭ ކަމެއް. މިއަދު މި ސޮއިކުރި މަޝްރޫޢުގެ ތެރެއިން، އިރާދަކުރެއްވިއްޔާ އެކަންވެސް ވަރަށް ބާރު ސްޕީޑްގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އާދެ، ޢުމްރާނީ ތަރައްޤީގެ މުހިންމު ދެތިން މަޝްރޫޢެއްގައި ސޮއިކުރެވިގެން މިދިޔައީ. އޭގެއިތުރަށްވެސް، މި ރަށުގައި ވަރަށް މުހިންމު ކަންތައްތައް ކުރަން އެބަހުރި. އަދި ރިޔާސީ އިންތިޚާބުގައިވެސް، އަދި ފަހުންވެސް އަޅުގަނޑު ވެފައިހުރި ބައެއް ވަޢުދުތައް، އޭގެތެރޭގައި ހިމެނޭނެ.
އެގޮތުން، ބައެއް ކަންކަން އަޅުގަނޑު ފާހަގަކޮށްލާނަން. ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، މި ރަށުގައި ޞިއްޙީ ދާއިރާ ތަރައްޤީކުރުމަކީ، ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. އަޅުގަނޑު ވާނީ އެކަމަށް ވަޢުދުވެފައި. އެހެންވީމާ، މިކަން ކުރިއަށްގެންދަން ނިންމާފައިވާ ގޮތް އަޅުގަނޑު ދަންނަވާލާނަން.
މި ރަށުގައި އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި، ޢަމަލީ މަސައްކަތް އަޅުގަނޑުމެން ފަށާނަން، 30 އެނދުގެ ހޮސްޕިޓަލެއްގެ މަސައްކަތް. އެ މަޝްރޫޢު ކުރިއަށްދަންދެން އަދި ނިމެންދެންވެސް، މިހާރު ހުރި މަރުކަޒު އަޕްގްރޭޑް ކުރުން ނޫނީވިއްޔާ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަން އަޅުގަނޑުމެން ކުރާނަން. އެގޮތުން އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރެއް ބެހެއްޓުމަށާއި، އަދި މިތަނަށް މިހާރު ގެނެވިފައި ހުރި އެކްސް-ރޭ މެޝިން ބޭނުންކުރެވޭނެ ގޮތާއި، އަދި ދަތުގެ ފަރުވާ ދިނުމަށްޓަކައި ބޭނުންވާ ކަންކަމަށް އަދި މެޝިން ބޭނުންކުރުމުގައި އިންސާނީ އިތުރު ވަސީލަތްތައް ބޭނުންވޭ. އެކި ކަންކަން ކުރަން އެބަހުރި. އަދި ބަޖެޓުގެ ތެރެއިން ފުރިހަމަކޮށްދޭންޖެހޭ ކަންކަން އެބަހުރި. މިކަންކަން ކުރިއަށްގެންދަން މިހާރު ވާނީ، ފިނޭންސް މިނިސްޓްރީން ކަމާބެހޭ ވުޒާރާއަށް އަޅުގަނޑުމެން ހުއްދަދީފައި. އެހެންވީމާ، އެކަން ކުރިއަށްދާނެ. އަދި ހަމައެއާއެކީގައި، މިވަގުތަށް ކުރެވެންހުރި އިތުރު ކަންކަންވެސް، އިރާދަކުރެއްވިއްޔާ ޞިއްޙީ މަރުކަޒަށް އަޅުގަނޑުމެން ކުރާނަން. އެހެންވީމާ، 30 އެނދުގެ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފެށި، ނިމެން އޮންނާނެ އަދި ދުވަސްކޮޅެއް ކޮންމެގޮތެއްވިޔަސް. އެ މަޝްރޫޢު ނިމެންދެންވެސް، މިހާރުގެ ޚިދުމަތްތައް ވަރުގަދަކުރަން އަޅުގަނޑު ބޭނުން. އެއީ، އަޅުގަނޑުގެ ރިޔާސީ އިންތިޚާބުގެ ވަޢުދާވެސް ދިމާވާނީ އެގޮތަށް.
އެހެންވީމާ، އަޅުގަނޑު މިދޭ ޔަޤީންކަމަކީ، މިހާރަށްވުރެ ފެންވަރު ރަނގަޅުވާނެކަން ކުރިއަށް އޮތް ތަނުގައި. މި ދެންނެވިހެން، އިންސާނީ ވަސީލަތުގެ ގޮތުން، އަދި އިތުރު އެހެނިހެން ރިސޯސްތައް ފުރިހަމަކޮށްދީގެން، މިހާރު އަޅުގަނޑުމެންނަށް ގެނެވެންހުރި އަޕްގްރޭޑިންގއެއް އިރާދަކުރެއްވިއްޔާ ގެންނާނަމޭ. އަދި އޭގެއިތުރަށް، މި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފެށި، ނިމިގެންދިޔައީމަ، މި ރަށުގެ އާބާދީއަށް ބޭނުންވާ، ވަރަށް މުހިންމު ކަމެއް ޤާއިމުވެގެން އެދަނީ.
ދެން، ތަޢުލީމީ ދާއިރާ. ތަޢުލީމީ ދާއިރާއަށް އަޅުގަނޑު ވަޢުދުވިން، މި ރަށުގައި ވަރަށް މުހިންމު މަޝްރޫޢުތަކެއް ގެންދަން. ފެށިފައި ހުރި މަލްޓި ޕަރޕަސް ހޯލަކުންނެއް އެކަމެއް ނުއެއްވާނެ. ފުދިގެންނުދޭ. ކޮންމެވެސްވަރެއްވަނީ. އަޅުގަނޑުމެން ކުރިއަށްގެންގޮސް އެ މަޝްރޫޢާ ގުޅިގެން، އެ އިމާރާތާ ގުޅިގެން، އިތުރު އެކްސްޓެންޝަން ބައިތައް އިތުރުކޮށް، އިމާރާތް ބޮޑުކޮށް، އިރާދަކުރެއްވިއްޔާ މަދުވެގެން 12 ކްލާސްރޫމް އިތުރުވެގެންދާ ގޮތަށް، ސައިންސް ލެބާއި، ކޮމްޕިއުޓަރ ލެބާއި، ލައިބްރަރީ ފަދަ ވަސީލަތްތައް ޤާއިމުވެގެންދާ ގޮތަށް. އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ނިންމައިދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.
އެހެންވީމާ، މިހާރު އެ ކުރިއަށްދާ މަޝްރޫޢު، އެމް.ޓީ.ސީ.ސީ.ގެ ފަރާތުން ކުރިއަށް ގެންދާއިރު، އިތުރަށް އެ ބޭނުންވާ ކުރެހުންތަކާއި، ބަޖެޓާއި، ހުރިހާ ކަމެއް ފުރިހަމައަށް ވަރަށްގާތުން، ވަރަށް ބާރަށް އަޅުގަނޑުމެން ގެންދާނަން. ބަޖެޓުގެ އިޝޫއެއް އެއަކު ނާންނާނެ. އެހެންވީމާ، މަޝްރޫޢު ވަރަށް ފުރިހަމައަށް ގެންގޮސް އަޅުގަނޑުމެން ނިންމައިދޭނަން، ވަރަށް އިސްކަންދީގެން. އެކަން ކުރުމަކީ، މި ރަށަށް ކޮންމެހެން ބޭނުންޖެހިފައިވާ ކަމެއް. އެއް ދަންފަޅިއަށް ކިޔަވައިދިނުމުގައި، އަދި އެއާ ގުޅިގެން، މި ތަނުގައި ވަޒީފާގައި އުޅޭ ސްކޫލްގެ ޓީޗަރުންނާއި، އަދި ބެލެނިވެރިންނާ ހުރިހާ އެންމެންނަށްވެސް، އެ ލިބިގެންދާ ލުއިފަސޭހަކަމާއި، އަދި ކުދިންނަށް އެ ލިބޭ ހިތްހަމަޖެހުމާއި، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނާލީމާ މި ހުރިހާ ކަމެއް ވަރަށް ފަސޭހައިން އެނގޭނެ. އެނގިވަޑައިގަންނަވާނެ، އެއީ، ވަރަށް މުހިންމު ކަމެއްކަން، އެ ކަންކަން ކުރުން، އެ ކަންކަން ފުރިހަމަކޮށްދިނުމަކީ. އެހެންވީމާ، ތަޢުލީމީ ދާއިރާއިންވެސް މި ދެންނެވި ގޮތަށް، އިރާދަކުރެއްވިއްޔާ މި މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އާދެ، އޭރުން މައިގަނޑު ގޮތެއްގައި، މި ރަށުގެ އެންމެ މުހިންމު، އިޖުތިމާޢީ ދާއިރާތަކުގައި އޮތް ދެ މައްސަލައަށް އަޅުގަނޑުމެންގެ ޙައްލު އަންނާނެ. ތަޢުލީމީ ދާއިރާ އަދި ޞިއްޙީ ދާއިރާ.
ދެން، އެއާއެކީގައި މިއޮތީ ކުޅިވަރުގެ ދާއިރާ. ކުޅިވަރުގެ ދާއިރާއިން ބަލާއިރުގައި، މި ރަށުގައި އޮތް ދަނޑު، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި، ފީފާ ސްޓޭންޑަޑްގެ ފުޓްބޯޅަ ދަނޑަކަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނަން. މާނައަކީ، ރޮސްޓްރަމް ހަދައި، ލައިޓްޖަހައި، ފީފާ ސްޓޭންޑަޑްގައި ހުންނަންޖެހޭ ސްޓޭންޑަޑަށް، އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ގެންދާނަން. އެހެންވީމާ، އެ މަސައްކަތް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ވަރަށް އަވަހަށް، ޢަމަލީގޮތުން ފަށާނެ. އެއީ، އަޅުގަނޑުމެން ފުޓްބޯޅައަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢަކީ.
އޭގެއިތުރަށްވެސް، އަޅުގަނޑުމެން މި ރަށުގައި އަޅާނީ ހަމައެކަނި އެހެން ރަށްރަށުގައި މި އަޅާކަހަލަ، ސްޓޭންޑަޑް ފިޓްނަސް ރިކްރިއޭޝަން ސެންޓަރެއް ނޫން. އެއީވެސް ވަރަށް ފުރިހަމަ މަރުކަޒެއް. 63 ރަށެއްގައި އަޅުގަނޑުމެން އެބަ އަޅަން އެ މަރުކަޒުތައް. ވަރަށް ގިނަ ކުޅިވަރުތައް ކުޅެވޭ، ވަރަށް ފުރިހަމަ، ޒަމާނީ ސްޓޭޓް އޮފް ދަ އާޓް މަރުކަޒެއް މި އަޅަނީ. ފިޓްނަސް އެންޑް ރިކްރިއޭޝަން. އެ މަރުކަޒު އެއަށްވުރެ ފުޅާކޮށް، އެއަށްވުރެ ގިނަ ކުޅިވަރުތައް ކުޅެވޭ، އިންޑޯކޮށް ކުޅެވޭ ވަރަށް ފުރިހަމަ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ގޮތުގައި، އެ މަޝްރޫޢު އަޅުގަނޑުމެން މި ރަށުގައި މިއަދު މި ފަށާ، ބިންގާ މި އަޅާ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދާނީ، އިންޑޯ ކޮމްޕްލެކްސްއެއްގެ ގޮތުގައި ކަމުގެ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
އާދެ އެހެންވީމާ، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، އަދި ކުޅިވަރުގެ ދާއިރާއިން، މި ދެންނެވި ގޮތަށް ކަންކަން ދާނެ. މި އިންޑޯ ކޮމްޕްލެކްސްގެ ތެރޭގައި ވަރަށް ގިނަ ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ލިބޭނެ. އެހެންވީމާ، އެއީ އިރާދަކުރެއްވިއްޔާ މި ރަށުގެ ކުޅިވަރުގެ ދާއިރާ މުޅިން ފުރިހަމަވެގެންދާނެ ކަމެއް ކަމަށްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.
އާދެ އެހެންވީމާ، މިއަދު އަޅުގަނޑުމެން މި ފަށާ މަޝްރޫޢުތަކާއި އަދި ބިންގާއެޅުމަށް ހަމަޖެހިފައި މިވާ މަޝްރޫޢުތަކާ އެކީގައި، ބިންގާއެޅުމަށް، ނޫނީވިއްޔާ ޢަމަލީގޮތުން ފުލުހުންގެ މަރުކަޒެއްގެ މަސައްކަތް ފަށަން އެބައޮތް. ކައުންސިލް އިމާރާތް އެޅުން އެބައޮތް. އަދި ޚިދުމަތް ދިނުމަށް އޭ.ޓީ.އެމް. ވަނީ ތައްޔާރުވެފައި. އެހެންވީމާ، މިކަންކަމަކީ މި ރަށުގެ ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ލިބިގެންދާ، ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާ ކަންކަމަށް ވެގެން އެބަދޭ. އަޅުގަނޑު ދޭ ޔަޤީންކަމަކީ، އަދި ސަރުކާރުން މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ދޭނެ ޔަޤީންކަމަކީ، މިއަދު މި ސޮއިކުރި ހުރިހާ މަޝްރޫޢުތަކާއި، އަދި އަޅުގަނޑު މި ދެންނެވި ގޮތަށް ފަށަން ނިންމިފައި ހުރި ހުރިހާ މަޝްރޫޢުތަކާއި، މިއަދު މި ފެށިގެންދާ، ބިންގާ އެޅިގެންދާ މަޝްރޫޢުތަކަށް ވަރަށްބޮޑު އިސްކަމެއްދީގެން، އިރާދަކުރެއްވިއްޔާ ވަރަށްވަރަށް ބާރަށް ކުރިއަށް ގެންދާނަމޭ. އެގޮތަށް ގެންގޮސް ނިންމައިދޭނަމޭ.
ހަމަ އެގޮތަށް، ރަށުގެ ކަރަންޓުގެ މައްސަލަވެސް. ޕަވަރ އަޕްގްރޭޑިންގ، ޕަވަރ ވޯލްޓޭޖް ފެއިލްވާ މައްސަލައާއި، މި ހުރިހާ މައްސަލައެއް މީގައި އެބައޮތް. ޕަވަރހައުސް ހުރިތަނުން ރީ-ލޮކޭޓް ކުރަންޖެހޭ. އެހެންވީމާ، ކަރަންޓާ ގުޅިފައިވާ މި ހުރިހާ ކަމެއް ހައްލުކުރަންޖެހޭ. ދަނޑުބިންތަކަށް އެކަށީގެންވާ ވަރަކަށް ކަރަންޓެއް ނުލިބޭ. އެހެންވީމާ، ކޭބަލް އިތުރަށް އަޅައިގެންނާއި، މިހާރު ހުރި އިންޖީނުގޭ ރީ-ލޮކޭޝަނާއި، މި ހުރިހާ ކަމެއް ހިމެނޭގޮތަށް، އެކަންވެސް ކުރަން އަޅުގަނޑުމެން ނިންމާފައި މިއޮތީ.
އެހެންވީމާ، ފެނަކައިން އެންމެ އިސްކަމެއްދޭ އެއް ރަށެއް ގޮތުގައި، އެންމެ އިސްކަންދޭ، ޓޮޕް ޕްރިއޮރިޓީ ރަށެއްގެ ގޮތުގައި، މި ރަށުގައި އެ މަސައްކަތްތައް ގެންދާނެ. ސަރުކާރުގެ ތެރެއިން، އެކަމުގައި ކަމާގުޅޭ ހުރިހާ މުއައްސަސާތަކުން، މިނިސްޓްރީތަކުން ދޭންޖެހޭ ހުރިހާ ސަޕޯޓެއް ލިބޭނެ ފެނަކައަށް. ފިނޭންސް މިނިސްޓްރީގެ ތެރެއިން، އެނަރޖީ މިނިސްޓްރީގެ ތެރެއިން ލިބެންޖެހޭ ހުރިހާ ސަމާލުކަމެއް، ސަޕޯޓެއްވެސް ލިބޭނެ. އެހެންވީމާ، މި ރަށުގައި މިއޮތް ޕަވަރ އިޝޫވެސް އިރާދަކުރެއްވިއްޔާ ޙައްލުވެގެންދާނެ. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ދެން. އިރާދަކުރެއްވިއްޔާ ގިނަވެގެން 6 މަސްދުވަސްވާނީ. ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ޙައްލުކުރާނަން. އެއީ، ޓާގެޓަކީ.
ދެން އަޅުގަނޑު ނިންމާލުމުގެ ކުރިން އެއްކަމެއް ދަންނަވާލާނަން. މި ރަށަކީ ދަނޑުވެރިކަމުގެ ވަރަށް ބޮޑު ރަށެއް. ދަނޑުބިންތައް އެއީ، މި ރަށުގެ އިންޑިވިޖުއަލް ޢާއިލާތަކަށް، އޭގެ ނަފާ އެންމެ ގިނައިން ލިބޭ ކަންތައް. ސަރުކާރުން މިއަދު މި ފެށި މަޝްރޫޢުގެ ސަބަބުން، ހަމަ ޔަޤީނުންވެސް މިއަދު ސޮއިކުރި މަޝްރޫޢުގެ ތެރެއިން، ދަނޑުވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް، ކުރިއެރުމެއް އެބަ ލިބޭ.
އޭގެއިތުރަށް، އަޅުގަނޑު ކައުންސިލްގެ ކިބައިން އެދެން އޮތް ކަމަކީ، ސަރުކާރުން ބޭނުންވާގޮތް މި ދަންނަވަނީ. މި ރަށުގެ ދަނޑުބިންތަކުން ކައުންސިލަށް ފީ ނުނަގާގޮތަށް ބަދަލުކޮށްދޭށޭ. އޭރުން ދަނޑުވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެއޭ. އޭގެ ސަބަބުން، ޙަޤީޤަތުގައި އެ ލިބޭ ކުރިއެރުން، ދަނޑުވެރިން ކުރިއަރައިގެންދާ ދިޔުމުން ލިބޭ ކުރިއެރުން، މާ ބޮޑުވާނެ. ދެން، އެކަމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން، ތަނަކުން، ތިޔަބޭފުޅުން ބޭނުންވާ ހުއްދައެއްވިއްޔާ، އަޅުގަނޑު މިދެނީ، ދޭނަން. އަޅުގަނޑު ބޭނުންވާގޮތް މި ދެންނެވީ. އެހެންނަމަވެސް، އެއީ ކައުންސިލާއި ރައްޔިތުންނާ މަޝްވަރާ ކުރެވިގެން، އެގޮތަށްވާންވީ ކަމެއް. އަޅުގަނޑަށް ފެންނަގޮތުގައި، އަޅުގަނޑު ގަބޫލުކުރާގޮތުގައި، އެންމެ ފުރިހަމަގޮތަކަށް ވާނީ އެގޮތަށްދިޔުން. އެހެންވީމާ، އަޅުގަނޑު އެ އުންމީދުކުރާ ވާހަކަ ދަންނަވަން.
އާދެ، ވަގުތުގެ ގޮތުން އަޅުގަނޑު ދެން ކުރުކޮށްލާނަން. އަދިވެސް އެއްފަހަރު، ނޮޅިވަރަމްގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ރަށުގެ ތަރައްޤީއަށް މި ކުރެވޭ މަސައްކަތްތައް، މިދެންނެވި ގޮތަށް އަޅުގަނޑުމެން ވަރަށް ރަނގަޅަށް އިރާދަކުރެއްވިއްޔާ ގެންގޮސް ނިންމާނަން. އަދި މީގެތެރެއިން ގިނަ ކަންކަން ނިމި، އެ ކަންކަން ފާހަގަކުރުމުގައި، ތިޔަބޭފުޅުންނާ އެކީގައި ބައިވެރިވާން އަނެއްކާވެސް އައުމުގެ އުންމީދުގައި އަޅުގަނޑު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.