ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން މި ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމާ ގުޅުންހުރި ޤަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާކަމަށާއި، އަދި މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރު މަސްވެރިކަން އަލުން ހުޅުވާލައްވަން ނިންމަވާފައިވާކަމަށެވެ. އެހެންކަމުން، ކަށިމިޔަރު މަސްވެރިކަމަށް މަސްވެރީން ތައްޔާރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މިރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްވަވާފައިވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެއަރޕޯޓާއި އިންވެގެން އޮންނަ ސަރަޙައްދުގައި ސިޓީ ހޮޓާ އެޅުމުގެ މަސައްކަތް އިންވެސްޓަރުންނަށް ހުޅުވާލައި، އިކޯ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ކޭލަކުނު ތަރައްޤީކުރުމާއެކު، ތިލަދުންމަތީ ދެކުނުބުރި ފަތުރުވެރިކަމަށް ހުޅުވާލެވޭނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ހިމެނިގެން މިއަދުވަނީ، ކުޅުދުއްފުށީގެ ތަރައްޤީއާ ގުޅުންހުރި އެއްބަސްވުންތަކުގައި ސޮއިކުރައްވައި، މަޝްރޫޢުތަކުގެ ބިންގާ އަޅުއްވައި ބައެއް މަސައްކަތްތައް އިފްތިތާޙުކޮށްދެއްވާފައެވެ.
އަސާސީ ކާނާ އާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ރާއްޖެއަށް އިމްޕޯޓުކޮށް ގުދަން ކުރެވޭނޭ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތްވާގޮތުގެ މަތިން، ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު ބޮޑުކުރުމާއި ބޮންޑަޑް ޒޯން ޚިދުމަތް ޤާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. އަދި ވިޔަފާރި ބަނދަރުގެ ޚިދުމަތް ފުޅާކުރައްވައި، އެ ޚިދުމަތްތައް މިއަދު ވަނީ އިފްތިތާޙުކުރައްވާފައެވެ.
މި ދަތުރުފުޅުގައި ވަނީ، ކުޅުދުއްފުށީ ވައިގެ ބަނދަރުގެ ތަރައްޤީއަށް ވެސް މުހިންމު މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ކުޅުދުއްފުށީ އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އިމާރާތްކުރާ އާ އިމާރާތުގެ ބިންގާ މިއަދު ވަނީ އަޅުއްވާފައެވެ. ކުޅުދުއްފުށި ސިޓީގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް ބިޒްނަސް ސެންޓަރެއްގެ ބިންގާ އަޅުއްވާފައިވެއެވެ. އަދި އަންނަ އަހަރު ކުޅުދުއްފުށި ސިޓީގައި އިސްލާމީ މަރުކަޒު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވާނޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ ހާމަކުރައްވާފައެވެ.
ކުޅުދުއްފުށީ ސިޓީގެ އާބާދީ އާއި ތަރައްޤީއަށް އެކަށޭނަ ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަޤްޞަދުގައި، ކުނި އަދި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ. އަދި ރޭސިންގ އަށް ބޭނުންކުރެވޭ މަގުތައް ހިމެނޭ ގޮތަށް، ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫޢުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފައްޓަވާފައެވެ.
މިރޭގެ ޖަލްސާގައި ވަނީ، ކުޅުދުއްފުށީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި އަލަށް ފަށާ 2000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. 2000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގައި 1300 ހައުސިންގ ޔުނިޓް އިމާރާތްކުރައްވާނީ ކަނޑައެޅިފައިވާ ސަރަޙައްދެއްގައި ކަމަށާއި، ބާކީ 700 ހައުސިންގ ޔުނިޓު ޚާއްޞަކުރައްވާނީ ގޯތީގައި އިމާރާތްކުރާ އުސޫލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޭ ސޮއިކުރެއްވި ކުޅުދުއްފުށީ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ އިތުރުން، ފުޓުބޯޅަ އާއި ހޭންޑް ބޯލް ކުޅޭ ޑުއަލް ދަނޑެއްގެ މަސައްކަތްވެސް ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ސިންތެޓިކް ޓްރެކްގެ މަސައްކަތް ޑިސެމްބަރު މަހު ފައްޓަވައި، އަންނަ މަހު ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޓޯނަމަންޓަށް އަމާޒުކުރައްވައިގެން ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ޤާއިމުކުރައްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.