بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ހަނިމާދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، އަދި މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި ދައުލަތުގެ ޢިއްޒަތްތެރިން، މި ޖަލްސާ، ބައްލަވާ އަދި އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި އަތޮޅަށް އަޅުގަނޑުމެން މިކުރާ ދަތުރުގައި، ހަނިމާދުއަށް އަޅުގަނޑުމެންނަށް މިރޭ އާދެވުމުން، ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މި ރަށުގެ ތަރައްޤީގެ މަސައްކަތަކީ މިއީ، މި ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައެއް ޙިއްޞާކުރާ ތަރައްޤީގެ މަސައްކަތެއް. ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ތެރޭގައި، މި ރަށް ވަރަށް މުހިންމު ދައުރެއް އަދާކުރޭ. އެހެންކަމުން، އަޅުގަނޑުމެންގެ އެކިއެކި މަޝްރޫޢުތައް މި ރޭވިގެންދަނީ، މި ދެންނެވި ވިސްނުމުގެ ދަށުން.
އާދެ، މިގޮތުން ބަލާއިރުގައި، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުންނަށް ވީ ވަޢުދުތަކާއި، އަދި އޭގެއިތުރަށްވެސް، އޭގެފަހުން ތިޔަބޭފުޅުންނާ ބައްދަލުވެގެން އަޅުގަނޑު ދަންނަވާފައި ހުރި ކަންކަމާއި، މި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން، އަދި އަޅުގަނޑުމެން މެނިފެސްޓޯގައި ބަޔާންކޮށްފައި ހުރި ކަންކަމާ، މި ހުރިހާ ކަމެއްގެ އަލީގައި، ނޫނީވިއްޔާ އެކަންކަން ހާސިލުކުރުމުގެ ގޮތުން މިގެންދަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން. އާދެ، އެހެންވީމާ، މިގޮތުން ބައެއް ކަންކަން ޙިއްޞާކޮށްލަން އަޅުގަނޑު ގަސްދުކުރަން.
އާދެ، މި ސޮއިކުރި، ސްކޫލްގެ އިންފްރާސްޓްރަކްޗަރ އިތުރުކުރުމަށް އަޅުގަނޑުމެން ދެންމެ މި ސޮއިކުރި މަޝްރޫޢަކީ، ވަރަށްވެސް މުހިންމު މަޝްރޫޢެއް. އާދެ، އަޅުގަނޑުމެން މި މަޝްރޫޢު ކުރިއަށްގެންދާނީ، މި ރަށުގެ ރައްޔިތުންނަށް، މި ރަށުގެ ކިޔަވާކުދިންނަށް ބޭނުންވާ ޖާގައާއި، އަދި މިހާރު އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ގޮތުން މި ރަށަށް ބަދަލުކުރަން ނިންމާފައިވާ ހިރިމަރަދޫގެ ރައްޔިތުންގެ ކިޔަވާކުދިންނަށްވެސް ޖާގަލިބޭވަރަށް. 8 ކްލާސްރޫމް ހިމެނޭގޮތަށް، ސައިންސް ލެބާއި، އަދި ލައިބްރަރީއާއި، ސްޓާފްރޫމާއި، މިފަދަ ހުރިހާ ފެސިލިޓީޒްތަކެއް ހިމެނޭގޮތަށް ޤާއިމުކުރެވިގެންދާ އިމާރާތެއްގެ ގޮތުގައި. އެހެންވީމާ، މި ދެންނެވި ގޮތަށް، ހުރިހާ ފެސިލިޓީއެއް ޤާއިމުވެގެންދާ ގޮތަށް، މި ކްލާސްރޫމްގެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. އިރާދަކުރެއްވިއްޔާ އޭރުން، ކުރިއަށް އޮތް ގިނަ އަހަރުތަކަކަށް އެކަން ޙައްލުވެގެންދާނެ.
ހަމައެއާއެކީގައި، މިހާރު އެމް.އެން.ޑީ.އެފް.އާ ހަވާލުކޮށްފައިވާ އިމާރާތް، ކުރީގެ އިމާރާތް، މިހާރުގެ އިމާރާތް، ނޫނީވިއްޔާ އަލަށް އަޅާ އެއަރޕޯޓް މަޝްރޫޢާ އެކީގައި ނިމިގެންދާ އިމާރާތް ނިމި، އަދި ސަރުކާރުން އެ ޕްރޮޖެކްޓްގެ އިތުރަށް ހިންގާ މަޝްރޫޢެއްގޮތުގައި އެތަނުގެ ވަށާފާރުލެވި، އެމް.އެން.ޑީ.އެފް. ދާއިމީކޮށް ރީ-ލޮކޭޓް ވެގެންދާނެ. ގޮސް މި އިމާރާތްވެސް އިރާދަކުރެއްވިއްޔާ ބާ އިމާރާތް، މިހާރު އެމް.އެން.ޑީ.އެފް.އަށް ދެވިފައިވާ އިމާރާތްވެސް އިރާދަކުރެއްވިއްޔާ، އަލުން ހުސްކުރެވި، އެތަންވެސް އެއީ، ތަޢުލީމީ ކަމަކަށް ބޭނުންކުރެވޭ، މާނައަކީ މަތީ ތަޢުލީމަށް ޚާއްޞަކުރެވިގެންދާ މަސައްކަތްތަކެއް ކުރެވޭނެ ތަނަކަށް ހަދަން އަޅުގަނޑުމެން ގަސްދުކުރުން. އެކަން އިރާދަކުރެއްވިއްޔާ އެގޮތަށް ގެންދެވޭނެކަމުގެ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. މިކަމަށް އެހެންނަމަވެސް، ކުޑަ ވަގުތުކޮޅެއް ނަގާނެ. އަޅުގަނޑު މި ދެންނެވިހެން، އެމް.އެން.ޑީ.އެފް.އަށް ބޭނުންވާ ފެންވަރަށް މި މަރުކަޒު ޤާއިމުވެ، އެތަނުގައި ހުންނަންޖެހޭ ހުރިހާ ފެސިލިޓީޒްތަކެއް، ހުންނަންޖެހޭ މިންގަނޑަށް އަޅުގަނޑުމެން ޤާއިމުކޮށްފައި، އެ ބަދަލު ގެންނާނީ.
އާދެ، ތައުލީމީ ދާއިރާއިން އަޅުގަނޑު މި ދެންނެވި ކަންކަމުގެ އިތުރަށް ހުރި ކަންކަންވެސް އަޅުގަނޑު ފާހަގަކޮށްލާނަން.
އާދެ، އެއަރޕޯޓަކީ މި ރަށުގެ އެންމެ މުހިންމު މަޝްރޫޢު. ނޫނީވިއްޔާ، ހަނިމާދޫގައި އެންމެ މުހިންމު ކަމަކަށް މިއޮތީ، މިތަނުގައި މިއޮތް އެއަރޕޯޓު. އެންމެ ގިނަ ދުވަސްވީ އެއް އެއަރޕޯޓު. އެހެންނަމަވެސް، ތަރައްޤީކުރުމުގައި އެންމެ ގިނަ ދުވަސްނެގި އެއް އެއަރޕޯޓު. މިހާރު ނިމެމުން މިދަނީ، ވަރަށް މުހިންމު މަސައްކަތްތަކެއް. ވަރަށް ޒަމާނީ ފެންވަރެއްގައި، ވަރަށް ބޮޑަށް އެކްސްޕޭންޑް ކުރެވިގެން ހެދިގެންދާ އެއަރޕޯޓެއް. އިންޓަރނޭޝަނަލް ފެންވަރުގައި، މިހާރު އެ ކުރެވެމުންދާ މަސައްކަތްތައް، އަޅުގަނޑު އޭރުގައި، ރިޔާސީ އިންތިޚާބުގައިވެސް ދެންނެވިން، އެ ދާ ސްޕީޑަށްވުރެ ބާރު ސްޕީޑްގައި އިރާދަކުރެއްވިއްޔާ ގެންދިޔުމަށް ކުރަންހުރި ހުރިހާ ކަމެއް ކޮށްދޭނަމޭ. އެގޮތަށް އެ ދަނީ. ކުރިއަށްވުރެ ސްޕީޑް ބާރުކޮށް، ހަލުވިކޮށް މިގެންދަނީ. މިހާރު މިދާ ސްޕީޑްގައި ގެންގޮސް، އަޅުގަނޑުމެން ވަރަށް އަވަހަށް ނިންމާނަން. އަޅުގަނޑުމެންގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން، ނޮވެންބަރު މަހުގެ ތެރޭގައި، އެއަރޕޯޓު ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ނިންމައި، ހުޅުވުން.
އާދެ، ހުޅުވާއިރުގައި އިރާދަކުރެއްވިއްޔާ އެއީ، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ވާއިރުގައި، އެ އެއަރޕޯޓުން ފުރާ ފަސިންޖަރުންނަށް އެ ތަނުން، މާލޭގައި، ހުޅުލޭގެ އެއަރޕޯޓުންވެސް ފުރާ ފަސިންޖަރުންނަށް ޑޮލަރު ގަނެވޭގޮތަށް، މި އެއަރޕޯޓުންވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ފުރާ ފަސިންޖަރުންނަށް ބޭންކް ރޭޓުގައި ޑޮލަރު ގަނެވޭނެ ނިޒާމު ޤާއިމުކޮށްދޭނަން.
އާދެ، ޑޮލަރުގެ ވާހަކަ ދައްކާއިރުގައި، ޑޮލަރު ގަނެވޭ ނިޒާމު ޤާއިމުކުރުމުގެ އިތުރަށް، މި ރަށުގައި، އެއަރޕޯޓުން ބޭރުން، އާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުގައި މި އަންނަ އަހަރު، ޑޮލަރު އޭ.ޓީ.އެމް.ވެސް އިރާދަކުރެއްވިއްޔާ ބަހައްޓައިދޭނަން. އޭރުން ތިޔަބޭފުޅުންނަށް ޓޫރިޒަމްގެ ދާއިރާގައި، ޚާއްޞަކޮށް، ލޯކަލް ޓޫރިޒަމްގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ.
އާދެ، އޭ.ޓީ.އެމް.ގެ ވާހަކަ ދައްކާއިރު، ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް.އެއް އިރާދަކުރެއްވިއްޔާ މި ހުޅުވިގެން، އިތުރު އޭ.ޓީ.އެމް.އެއް މިކޮޅުގައި ހުޅުވޭނެ. އަދި އޭގެއިތުރަށް، އިސްލާމިކް ބޭންކުގެ އޭ.ޓީ.އެމް.އެއްވެސް ޤާއިމުކުރަން ކަނޑައެޅިފައިވަނީ. އެ މަސައްކަތްވެސް ދަނީ ކުރިއަށް. އުންމީދުކުރަނީ، އަދި ޔަޤީންކަންވެސް އެ ބޭފުޅުން ދެއްވާފައި އެބައޮތް، މި އަހަރު ތެރޭގައި ހުޅުވާނެ ކަމަށް. އެހެންވީމާ، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ބޭންކިންގ ކައިރިވެ، ފަސޭހަވެގެން އެދަނީ އެކިގޮތްގޮތަށް. ރުފިޔާ ނެގޭގޮތަށް، ބޭންކުގެ ދެ އޭ.ޓީ.އެމް. ތިންވަނަ އޭ.ޓީ.އެމް.އެއްގެ ގޮތުގައި ޑޮލަރު އޭ.ޓީ.އެމް. އެހެންވީމާ، ވަރަށް ބޮޑަށް އެކަންކަން ފަސޭހަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
އާދެ އޭގެއިތުރަށް، އިރާދަކުރެއްވިއްޔާ މި އެއަރޕޯޓު މިގޮތަށް ހުޅުވިގެންދާއިރު، އަޅުގަނޑުމެން ގަސްދުކުރަން، މި ރަށުގައި ޕާސްޕޯޓުގެ ޚިދުމަތް، ޕާސްޕޯޓް އިޝޫކުރުމުގެ ޚިދުމަތާއި، އަދި އައި.ޑީ.ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތްވެސް ޤާއިމުކުރަން. ކައުންސިލާއި ހޯމް މިނިސްޓްރީއާ ގުޅިގެން، އެ ޖާގަ ކައުންސިލުން ހަމަޖައްސައިދިންހާ އަވަހަކަށް، އިރާދަކުރެއްވިއްޔާ މި އެއަރޕޯޓު އިންޓަރނޭޝަނަލް ފެންވަރުގައި، މި ނޮވެންބަރު މަހުގެ ތެރޭގައި ހުޅުވަން އަޅުގަނޑުމެން މި މަސައްކަތްކުރާ ޓާގެޓަށް ހުޅުވިގެންދާއިރުގައި، މި ރަށުގައި އައި.ޑީ.ކާޑާއި، އަދި ޕާސްޕޯޓު ޚިދުމަތްވެސް ދޭން ފަށާނަން. އެހެންވީމާ، މިކަންކަން ވެގެންދާނީ، ހަމަ ޔަޤީނުންވެސް، ހަނިމާދޫގެ ރައްޔިތުންނަށް ވަރަށްވަރަށް ފަސޭހަވާނެ ކަންކަމަށް. އަދި މި ރަށަށް ހިޖުރަކުރާ ފަރާތްތަކަށްވެސް، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށްވެސް، ވަރަށް ބޮޑަށް ކުރިއެރުން ލިބޭނެ ކަންކަމަށް ވެގެންދާނެ.
އާދެ، ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، ވަރަށް މުހިންމު މަޝްރޫޢެއް މާދަމާ މި ޢަމަލީގޮތުން ފަށަނީ. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ހޮސްޕިޓަލް މަޝްރޫޢަކަށް ވަޢުދުވިން. އާދެ، މި މަޝްރޫޢު އިރާދަކުރެއްވިއްޔާ، 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢު ފެށިގެން މިދަނީ. އެ މަޝްރޫޢު ނިމޭއިރުގައި، އެއީ ވަރަށް ބޮޑުތަނުން މި ރަށުގެ ޚިދުމަތް، ޞިއްޙީ ދާއިރާގެ ޚިދުމަތް ވަރުގަދަވެގެންދާ މަޝްރޫޢަކަށްވޭ. އޭގެކުރިންވެސް، އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރީގައި، މިހާރު ހުރި ހެލްތް ސެންޓަރުގައިވެސް، ޞިއްޙީ މަރުކަޒުގައިވެސް ޚިދުމަތްތަކެއް ފުޅާކުރަން. އެގޮތުން އިރާދަކުރެއްވިއްޔާ، މި އަހަރު ނިމުމުގެ ކުރިން ޑަޔަލިސިސް ޚިދުމަތާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ބަހައްޓާ، ޚިދުމަތްދޭން ފަށާނަން.
އާދެ، މި ދެންނެވި ކަންކަން ވެގެންދާނީ، ހަމަ ޔަޤީނުންވެސް ދުވަހުންދުވަހަށް، ކޮންމެ ދުވަހެއްގައި ތިޔަބޭފުޅުންނަށް އޭގެ ސަބަބުން، އެތައް ފަސޭހަތަކެއް ހާސިލުވެގެންދާނެ ކަންކަމަށް. އަދި އަމުދުން، މޫސުން ގޯސްވާ ވަގުތެއްގައި، ޞިއްޙީ ޚިދުމަތް ހޯދުމަށް އެހެން ރަށަކަށް ދިޔުން، ނޫނީވިއްޔާ އެހެންކަހަލަ ޚިދުމަތެއް ހޯދަން، އެހެން ރަށަކަށް ދިޔުމަށް ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމަކަށްވާނެ.
އާދެ، މިކަންކަމުގެ އިތުރަށްވެސް، މާދަމާ އަޅުގަނޑުމެން ޕޮލިސް ސްޓޭޝަނެއްގެ މަސައްކަތް މި ފަށަނީ. ހަމަ އޭގެއިތުރަށް، އިތުރު ބައެއް މަޝްރޫޢުތައްވެސް އެބަ ފަށަން.
އާދެ، މިގޮތުން ބަލާއިރު، ކުޅިވަރުގެ ދާއިރާއިން، އަޅުގަނޑުމެން ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒެއްގެ މަސައްކަތް މި ފަށަނީ. އެއީ، މިހާރު އަޅުގަނޑުމެން މި ޤާއިމުކުރާ މަރުކަޒުތަކަކީ، އެ ތަންތަނުގެ އެތެރޭގައި، އިންޑޯ އެތައް ކުޅިވަރުތަކެއް ކުޅެވޭގޮތަށް. އަދި އެކިއެކި ފެސިލިޓީޒްތައް ޤާއިމުވެގެން، އެޅިގެންދާ މަރުކަޒުތަކެއް. އިރާދަކުރެއްވިއްޔާ، އޭގެ ފަސޭހަވެސް ޒުވާނުންނަށް ލިބިގެންދާނެ، ޚާއްޞަކޮށް، ކުޅިވަރު ކުޅޭ ހުރިހާ ފަރާތްތަކަށް.
މީގެއިތުރަށްވެސް، އިރާދަކުރެއްވިއްޔާ ވޮލީކޯޓެއް ޤާއިމުކުރުމަށް މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ގަސްދުކޮށްފައިވަނީ. އެއީވެސް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު، ތިޔަބޭފުޅުންނަށް ފެނިގެންދާނެ ކަމަކަށްވާނެ. އެހެންވީމާ، އެއީ، ޖުމްލަކޮށް ކުޅިވަރުގެ ދާއިރާ ރޭވިފައިވާ ގޮތް.
އާދެ، މިކަންކަމުގެ އިތުރަށް، އެންމެ މުހިންމު ކަންތައް، އެންމެ ފަހަތަށް އަޅުގަނޑު ހަމަ ގަސްދުގައި މިލީ. އެއީ، ބޯހިޔާވަހިކަން. ގެދޮރުގެ މަޝްރޫޢުތައް. އާދެ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވަޢުދުވެފައި އޮންނާނީ، މި ރަށަށްވެސް ވަރަށް މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދަން. އެއީ، 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢު. އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި މިހާރު އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމެއް އެއީ. އިރާދަކުރެއްވިއްޔާ މި އަންނަ މަހުގެ ކުރީކޮޅު، އަޅުގަނޑުމެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެކީގައި ސޮއިކޮށް، އެ ބޭފުޅުން މަސައްކަތް ފަށްޓަވާނެ، 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ މަސައްކަތް.
އެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދާނީ ދެބަޔަކަށް، ދެގޮތަކަށް. އެއްބަޔަކީ، ވަކި ސަރަޙައްދެއްގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރުމުގެ މަޝްރޫޢެއް. އަދި އަނެއްބަޔަކީ، ތިޔަބޭފުޅުންގެ އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓުތައް އަޅައިދިނުމުގެ ބައި. ތިޔަބޭފުޅުންގެ ވަރަށް ގިނަ ބޭފުޅުންގެ އަމިއްލަ ގޯތި އެބައޮތް، ގެދޮރު ނޭޅިފައި. އެހެންވީމާ، އެގޮތަށް ބޭނުންވާ ފަރާތްތަކަށް، މި މަޝްރޫޢުގެ ތެރެއިން ތިން ކޮޓަރީގެ ހައުސިންގ ޔުނިޓެއް އަޅައިދޭނެ. ދެން އެއިން އެއްބައި ވަކި ސަރަޙައްދެއްގައި، ލޭންޑް ޔޫސް ޕްލޭންގައި، ޕަބްލިކް ހައުސިންގއަށް ކަނޑައަޅާފައި އޮންނަ ސަރަޙައްދުގައި، ހައުސިންގ މަޝްރޫޢެއް ގޮތަށް، ވަކި ޕްރޮޖެކްޓެއް ގޮތަށްވެސް، ޓޯޓަލް 500 ހައުސިންގ ޔުނިޓު އަޅާނެ.
އެހެންވީމާ، މި މަޝްރޫޢު އިރާދަކުރެއްވިއްޔާ، މި އަންނަ މަހު ކުރީކޮޅު އަޅުގަނޑުމެން އެޗް.ޑީ.ސީ.އާ މި ހަވާލުކުރަނީ. އޭރުން، މި ރަށުގައި ރައްޔިތުންނަށް ޤާއިމުކޮށްދޭ 500 ހައުސިންގ ޔުނިޓާއި، އަދި މިހާރު ހިރިމަރަދޫ ރައްޔިތުން މި ރަށަށް ބަދަލުކުރުމަށްޓަކައި ހިނގާނެ މަޝްރޫޢާއެކީގައި، ދެ މަޝްރޫޢު ކުރިއަށްދާނެ. އަދި ކުރިން ފަށަންއުޅެ، ކޯޓުގައި މިހާރު އެކި ގޮތްގޮތުން ކުރިއަށްނުގޮސް ހުއްޓިފައި އޮތް މަޝްރޫޢުވެސް ކުރިއަށްދެވޭނެގޮތްވީމާ، އެ މަޝްރޫޢުވެސް ހިނގާނެ. އެހެންވީމާ، ތިން މަޝްރޫޢެއްގެ ވާހަކަ މި ދައްކަނީ. އެ މަޝްރޫޢު ކުރިއަށްނުގޮސް އެއޮތީ، ކޯޓުން އޭރު ހިނގިކަމެއް ހިނގައިގެން، ހުއްޓުވިފައި އެއޮތީ، ނޫނީވިއްޔާ އަމުރެއް ކުރެވިގެން ހުއްޓުވިފައި އެއޮތީ. ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެންނަށް ކުރިއަށްދެވޭނީ، އެކަމަށް ހުއްދަ ލިބުނީމާ. އެއީވެސް ކުރިއަށްދާނެ މަޝްރޫޢެއް. އެހެންވީމާ، 500 ހައުސިންގ ޔުނިޓާއި، މި ދެންނެވި ކޯޓުގެ ޙުކުމަކާ ހެދި ހުއްޓިފައި އޮތް މަޝްރޫޢާއި، އަދި ހިރިމަރަދޫ ރައްޔިތުން ބަދަލުކުރާ މަޝްރޫޢާއެކީގައި، މި ރަށުގައި އިރާދަކުރެއްވިއްޔާ ފުދޭވަރަކަށް ގިނަ ހައުސިންގ މަޝްރޫޢުގެ މަސައްކަތްތައް ފެށޭތަން، މި އަންނަ އަހަރު ޢަމަލީގޮތުން ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނެ. އިރާދަކުރެއްވިއްޔާ އެއީ، މި ރަށަށް އަދި މި ރަށަށް ހިޖުރަކުރާނެ ފަރާތްތަކަށާއި، ޚިދުމަތް ހޯދަން މި ރަށުގައި ޤާއިމުވާނެ ފަރާތްތަކަށާއި، މި ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަކަށްވާނެ.
މިކަންކަން ކުރިއަށްދާއިރުގައި، އުމްރާނީ ވަސީލަތްތައްވެސް އިތުރުކުރަންޖެހޭނެ. އޭގެތެރޭގައި، މަގުހެދުން ހިމެނޭ. މަގުހެދުމަކީ، ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ މާޙައުލާ ގުޅޭގޮތަށް، ކޮންމެވެސް ފެންވަރެއްގައި ހިންގަންޖެހޭ މަޝްރޫޢެއް. އެގޮތަށް ރިޔާސީ އިންތިޚާބުގައިވެސް އަޅުގަނޑު ވަޢުދުވިން. ކޮންމެ ރަށެއްގައިވެސް މި ދައުރު ތެރޭގައި، އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ކޮންސެޕްޓްގައި، ކޮންމެވެސްވަރަކަށް އަޅުގަނޑުމެން މަގުހަދާނަމޭ. މަގުހެދުމުގެ މަޝްރޫޢުތަކެއް ގެންދާނަމޭ. އެހެންވީމާ، މި ރަށުގައި ތާރުއަޅައިގެން މިހާރުވެސް ބައެއް މަގު ހެދިފައި މިވަނީ. އަދި އޭގެ ދެގުނައަށްވުރެ ގިނައިން ހަދަންޖެހޭ، މި ރަށުގައި މިހިރަ ފެސިލިޓީޒްތަކަށް، ނޫނީ ޚިދުމަތްތަކަށް، ރައްޔިތުން ދަތުރުފަތުރުކޮށް ހަދާއިރުގައި.
އެހެންވީމާ، އަދި މަގުހެދުމުގެ އިތުރު މަޝްރޫޢެއް ކުރިއަށްގެންދަން، އަޅުގަނޑު ނިންމާފައި އޮންނާނީ. އެހެންނަމަވެސް، މި އަހަރަކު ނުފެށޭނެ. މި އަންނަ އަހަރު އަޅުގަނޑުމެން ބަޖެޓްކުރާއިރުގައި، މި އަންނަ އަހަރާއި ދެން އަންނަ އަހަރާ، ދެ އަހަރަށް ބަހާލައިގެން އަޅުގަނޑުމެން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢެއްގޮތުގައި، އެ މަޝްރޫޢު ކުރިއަށްގެންދަން އޮތީ ނިމިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެއޮތީ އެގޮތަށް ޕްލޭން ކުރެވިފައި. އެ މަޝްރޫޢު ކުރިއަށްދިޔައީމަ، މި ދެންނެވިހެން، ދަތުރުފަތުރު ކުރުމަށް ތިޔަބޭފުޅުންނަށް އޮތް ދަތިކަން ވަރަށްބޮޑުތަނުން ޙައްލުވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ފެށި، އަދި 2027 ވަނަ އަހަރުގެ ތެރޭގައި ނިމޭގޮތަށް، ގާތްގަނޑަކަށް ސަތާރަވަރަކަށް ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫޢު، މި ރަށުގައި ކުރިއަށްދާނެ.
އާދެ، އަޅުގަނޑު ބައެއް ކަންކަން މި ދަންނަވާލީ. މި ރަށުގައި އަދިވެސް ގިނަ ކަންތައްތަކެއް ކުރިއަށްއޮތްތާ ހިނގާނެ. އާދެ، އަޅުގަނޑު މިކަންކަން މި ޙިއްޞާކޮށްލީ، އަޅުގަނޑުމެން ކަންކަން ގެންދަން ނިންމާފައި އޮތްގޮތް، ރާވާފައި އޮތްގޮތް ދަންނަވާލުމުގެ ގޮތުން. އިރާދަކުރެއްވިއްޔާ، ހަނިމާދޫގެ ތަރައްޤީއަށްޓަކައި އަޅުގަނޑު ވީ ވަޢުދުތަކާއި، އަދި އިތުރަށް މިހިރަ ކަންކަން، މި ދެންނެވި ގޮތަށް އަޅުގަނޑުމެން ކުރިއަށްގެންދާނަން. ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންގެ އުންމީދުތައް ހާސިލުވާގޮތަށް، އަޅުގަނޑުމެން ކަންކަން ބައްޓަން މިކުރަނީ. އިރާދަކުރެއްވިއްޔާ އެކަމުގެ ސަބަބުން ތިޔަބޭފުޅުންނަށް އުފާ ފާގަތިކަން ހާސިލުކޮށްދިނުމުގެ ގޮތުން.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން، ޤައުމީ ދުވަހުގެ ތަހުނިޔާ ތިޔަބޭފުޅުންނަށް އަރިސްކުރަމުން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.