ކުންފުނިތަކާއި އަމިއްލަ ޖަމްޢިއްޔާތަކާއެކު ސްކޫލްތަކުން ގާތް ގުޅުމެއް އުފެއްދެވުމަށާއި، އެގުޅުމުގެ ސަބަބުން، އެފަދަ ފަރާތްތަކުގެ އެހީ، ދެމިހުންނަވި ގޮތުގައި ސްކޫލަށް ލިބޭނެގޮތް ހޯއްދެވުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ނައިބު ރައީސް މިކަމަށް އެދިވަޑައިގަތީ، މަދްރަސަތުލް އަޙްމަދިއްޔާގެ ވޭތުވެދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތާޖުއްދީން ސްކޫލްގައި ރޭ ބޭއްވެވި މިޖަލްސާގައި، ކިޔަވާދީފައި މުޖްތަމަޢަށް ނެރޭ ކުދިންނަކީ ބޭނުން ހިފޭ ކުދިންނަށް ވާންޖެހޭނެކަން ނައިބު ރައީސް ބަޔާންކުރައްވަމުން، އިތުރަށް ކިޔަވަން ބޭނުންވާ ކުދިންނަށް އެފުރްޞަތު ހުޅުވިފައި އޮންނަންޖެހޭނެ ކަމަށާއި، އަދި އެކިމަސައްކަތަށް ނުކުންނަން ބޭނުންވާ ކުދިންނަށްވެސް މަސައްކަތް ލިބިދޭންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސްކޫލްތަކުން ނިމޭ ކުދިންނަށް ކެރިއަރ ކައުންސެލިންގ ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލެއްވިއެވެ. މިރޮނގުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރަށް، އަމިއްލަ ފަރާތްތަކަށްވެސް މިކަމުގައި ވަރަށްބޮޑު މަސައްކަތެއް ކުރެވިދާނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، މަސައްކަތުގެ ދުނިޔެއަށް ކުދިން ތަޢާރުފް ކުރުމަށް ކުރެވިދާނެ ވަރަށްގިނަ ކަންތައްތައް އެބަހުރި ކަމަށާއި، ޚާއްޞަކޮށް، އަމިއްލަ އެކިކުންފުނިތަކާއި، އެކިއޮފީސްތަކާ ގުޅިގެން، ސްކޫލްތަކުން ކުދިންނަށް މިފުރްޞަތު ހޯއްދަވައިދެއްވިދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިކަމަށް ތަޢްލީމީ ދާއިރާގެ ބޭފުޅުންނާއި، ސްކޫލްތަކުގެ ވެރިންނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޙްމަދިއްޔާގެ ވޭތުވެދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، ނައިބު ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި، ސްކޫލްތަކުން ނިމޭ ކުދިން މުޖްތަމަޢަށް ނުކުތުމަށްފަހު، އެކުދިންނަށް ވާނުވާގޮތް ބެލުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އެކުދިންގެ ތެރެއިން މަތީ ތަޢްލީމަށް ދަނީ ކިތައް ކުދިންތޯ ނުވަތަ އެކިއެކި މަސައްކަތަށް ދަނީ ކިތައް ކުދިންތޯ އަދި ވަޒީފާ އަދާކުރަނީ ކިތައް ކުދިންތޯ ބަލައި، މިތަފާސް ހިސާބު ސްކޫލްތަކުން އެއްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، ސްކޫލްތައް ބައްޓަން ކުރަންޖެހެނީ މުޖްތަމަޢު ބޭނުންވާ ގޮތަކަށެވެ. އަދި ސްކޫލްތައް ވާންޖެހޭނީ، އަޅުގަނޑުމެން ދެކޭހިތްވާ މުޖްތަމަޢު ދައްކައިދޭ، އަޅުގަނޑުމެން ދެކޭހިތްވާ މުޖްތަމަޢު ތަމްރީނުކުރާ ތަނަކަށެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ވާހަކަފުޅުގައި، މިވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި، މަދްރަސަތުލް އަޙްމަދިއްޔާ ވަރަށްވެސް ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސްކޫލްގެ ބާނީ މަރްޙޫމް ޑޮކްޓަރ އަޙްމަދުދީދީ، އެސްކޫލް ބިނާކުރައްވަން ކުރެއްވި މަސައްކަތްޕުޅުތަކާއި، އެސްކޫލް ޤާއިމު ކުރެއްވުމުގެ މަސައްކަތުގައި، އަލްމަރްޙޫމް ސަރަނގު މުޙަންމަދު ކަލޭފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވައި، އެދެބޭފުޅުންގެ ޒިކުރާ އާކުރެއްވިއެވެ.

މަދްރަސަތުލް އަޙްމަދިއްޔާއިން ވޭތުވެދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނީ ޞަފާ ޢަބްދުލްޤައްޔޫމެވެ.