بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ފިނޭގެ ލޮބުވެތި ހުރިހާ ރައްޔިތުން، ކައުންސިލްގެ ރައީސް، މުއައްސަސާތަކުގެ ވެރިން، ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، އަޑުއައްސަވާ، ބައްލަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފިނޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިއަދު މި ރަށަށް އަޅުގަނޑު މިއައީ، ތިޔަބޭފުޅުންގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި، ކުރިޔަށްދާ ކަންކަމާއި، އަދި މި ރަށުގެ ކުރިއެރުމަށްޓަކައި ކުރަންހުރި ކަންކަމުގައި ތިޔަބޭފުޅުންނާ މަޝްވަރާކޮށް، ކުރިޔަށް ގެންދިޔުމުގެ ޕްލޭން، ނޫނީވިއްޔާ ކަންކަން ރޭވިފައިވާ ގޮތް ދަންނަވާލައި، އަދި މަޝްރޫޢުތައް ފެށުމަށާއި، މިފަދަ ކަންކަމުގައި.
އާދެ، ރިޔާސީ އިންތިޚާބުގައި މި ރަށަށް އަޅުގަނޑު ބައެއް ވަޢުދުވެސް ވެފައި ހުންނާނެ. އަދި އޭގެއިތުރަށްވެސް، މި ރަށުގެ ތަރައްޤީއަށްޓަކައި ނުހަނު ބޭނުންތެރި ކަންކަން ކުރިޔަށް ގެންދަން އެބަހުރި.
އާދެ، މިގޮތުން ބަލާއިރުގައި، މި ރަށުގައި ކުރިޔަށްދާ އެންމެ ބޮޑު، އެންމެ މުހިންމު މަޝްރޫޢަކީ، ބަނދަރުގެ މަސައްކަތް. އެ މަސައްކަތް ހިނގަމުން އެދަނީ. އެމް.ޓީ.ސީ.ސީ.އިން ވަރަށް ބާރު ސްޕީޑުގައި މަޝްރޫޢު މިހާރު އެ ގެންދަނީ ކުރިޔަށް. ކުރިޔަށްދާއިރުގައި، މި ބަނދަރުގެ މަސައްކަތުގައި ރައްޔިތުން ބޭނުންވާ ބައެއް އިތުރު ކަންކަން ހުރިކަން، އަޅުގަނޑަށް މިހާރު މީގެކުރިން އޮތް ބައްދަލުވުމުންވެސް ވަނީ ސާފުވެފައި.
އާދެ، މި މަޝްރޫޢު ކުރިޔަށްދާއިރުގައި، އަޅުގަނޑުމެން އިތުރަށް އެހެންވީމާ، ތަފުޞީލީކޮށް އެކަންކަން ބަލާނަން. ޓެކްނިކަލް މިންގަނޑުތަކުން ބަލަންޖެހޭ ކަންކަންވެސް ބަލާނަން. ބަލައި، މި މަޝްރޫޢު ކުރިޔަށްދާއިރުގައި، އަދި މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، މި މަޝްރޫޢަށް ފައިސާ ހިމަނާނެ. މީގައި މުހިންމު ބައެއް ބަދަލުތައް އެބަހުރި. މިސާލަކަށް، ބޭރުތޮށި ކައިރީގައި އެކިކަހަލަ އުޅަނދުފަހަރު އެޅޭނެކަހަލަ ގޮތެއް ހެދުން. ފާލަމެއް އިތުރުކޮށްގެން، ބޭރުތޮށި ބޭނުންކުރުން ކަހަލަ ކަންތައް. އެއްގަމު ތޮށްޓަށް އިތުރު ޖާގަ އިތުރުކުރުން ކަހަލަ ކަންކަން އެބަހުރި. ނެރުފައިކަށި އިތުރަށް ދިގުކޮށް، ނޫނީވިއްޔާ ބަދަލުތަކެއް ގެނައުން އެބަހުރި، ތިޔަބޭފުޅުން ބޭނުންފުޅުވާ ބައެއް ކަންކަން.
އެހެންވީމާ، މި ކަންކަން އަޅުގަނޑުމެން ވަރަށް ތަފުޞީލުކޮށް، ފަންނީކޮށް ބަލާނަން. ބަލައި، މި ރަށުގެ ބަނދަރުގެ މަސައްކަތް ކުރިޔަށްދާއިރުގައި، ވީހާވެސް ގިނަ ބަދަލުތަކެއް، އަޅުގަނޑުމެންނަށް ގެނެވެންހުރި އެންމެ ގިނަ ބަދަލުތަކެއް، ނޫނީވިއްޔާ ރައްޔިތުން އެދޭގޮތަށް ބަނދަރަށް ގެނެވެންހުރި އެންމެ ގިނަ ބަދަލުތަކެއް ގެނެސްދީ، އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ނިންމައިދޭނަން. އެކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން.
އެހެންވީމާ، ކުރިޔަށްއޮތް ދުވަސްތަކުގައި، މިނިސްޓްރީގެ ފަރާތުން އަދި ކޮންޓްރެކްޓަރުގެ ފަރާތުން، ރައްޔިތުންގެ ތިޔަ އުންމީދުތަކުގައި ވީހާވެސް ރަނގަޅަކަށް ކުލަޖައްސައިދިނުމަށްޓަކައި، އަޅުގަނޑުމެންނަށް ކުރެވެންހުރި ކަންކަން، މި ދެންނެވި ގޮތަށް ކުރިޔަށް ގެންދާނަން.
އާދެ، މަގު ހެދުމުގެ މަޝްރޫޢެއް، އެއީ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވީ ވަޢުދެއް. އެ މަސައްކަތް ކުރުމަށް ވަނީ އާރު.ޑީ.ސީ.އާ ހަވާލުކޮށްފައި. އެހެންވީމާ، އެއީ ކުރިޔަށް އޮތްތާނގައި ފެށޭނެ މުހިންމު މަޝްރޫޢެއް. އެއީ، އަޅުގަނޑު ވެފައި އޮތް ވަޢުދެއް. އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް އާރު.ޑީ.ސީ.ގެ ފަރާތުން ތައްޔާރީތައް މިހާރު އެދަނީ ވަމުން. ޑިޒައިން ބިލްޑް އުސޫލުން މި މަސައްކަތް ކުރުމަށް، މި އޮގަސްޓު މަހުގެ 7ގައި، އަޅުގަނޑުމެން އާރު.ޑީ.ސީ.އާ ވާނީ ހަވާލުކޮށްފައި. އެހެންވީމާ، މިއީ ވަރަށް މުހިންމު މަޝްރޫޢެއް، މިފަދަ ބޮޑު ރަށެއްގައި. ވަރަށް މުހިންމު ވާނެ، ފަސޭހަކަމާއެކީގައި ދަތުރުފަތުރު ކުރެވޭނެ، ރައްކާތެރިގޮތުގައި ބޭނުންކުރެވޭނެ މަގުތަކެއް އޮތުން. އެއީ މިހާރު ސޮއިކުރެވި، ކުރިޔަށްދާން ހަމަޖެހިފައި އޮތް މަޝްރޫޢެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދެން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ، އެ މަޝްރޫޢު ކުރިޔަށްދާތަން.
ހަމައެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުން، ޒުވާނުންނަށް ވަރަށް މުހިންމު މަޝްރޫޢުތަކެއް އެބަހުރި. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވީ ބައެއް ވަޢުދުތައް މީގައި ހިމެނޭ. އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފުޓްސަލް ދަނޑުގެ ވާހަކަ. މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ހަދާއިރުގައި އިރާދަކުރެއްވިއްޔާ، މި ރަށުގައި މި ފުޓްސަލް ދަނޑުތައް ހުންނަންޖެހޭމިނުގައި އޮންނަ، ހުރިހާ ކަމެއް ފުރިހަމަކުރެވިފައި އޮންނަ، ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑެއް އަޅައިދޭން ހިމަނައި، އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަންނަ އަހަރު ކުރިޔަށް ގެންދާނަން. އެ ވާހަކަ އަޅުގަނޑު ދަންނަވަން.
މި އަހަރު ކުރިޔަށް ގެންދަން ފަށާ މަޝްރޫޢުތަކުގެ ތެރޭގައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ފެށޭނެ މިއަދު، މިދަތުރުގައި އަޅުގަނޑުމެން ފަށައިދީ، ކުރިޔަށް އޮތް ދުވަސްތަކުގައި، އެ މަޝްރޫޢުގެ ކަންތައްތައް ކުރިޔަށްދާނެ. އޭގެއިތުރަށް، އިތުރު ބައެއް މަޝްރޫޢުތައްވެސް އެބަހުރި ކުރިޔަށް ގެންދަން. މި އަންނަ އަހަރު ތެރޭގައި އައުޓްޑޯ ޖިމް އެޅުމުގެ މަސައްކަތް އޮންނާނެ. އެހެންވީމާ، ކުޅިވަރުގެ މިކަހަލަ ބައެއް މަޝްރޫޢުތައް އެބަހުރި ކުރިޔަށް ގެންދަން.
ހަމައެއާއެކީގައި، ވޮލީކޯޓަކީ ހަވާލުކުރެވިފައި، ކުރިޔަށްދާން މިހާރު އެއްވެސް ކަހަލަ ހުރަހެއް އޮތް މަޝްރޫޢެއް ނޫން. ވޮލީކޯޓު ނިންމުމުގެ މަސައްކަތް، އެވެސް އޮތީ އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދެން ހުރި މަސައްކަތްތައް ނިންމާލުން. އެހެންވީމާ، އެއީވެސް ކުރިޔަށްދާން އޮތް މަޝްރޫޢެއް.
އަޅުގަނޑުމެން މި ދަތުރުގައި ޕޮލިސް ޕޯސްޓެއްގެ މަސައްކަތް މި ފަށަނީ. ފުލުހުންގެ މަރުކަޒަކީ، ކޮންމެ ރަށެއްގައި އަޅުގަނޑުމެން ގާއިމުކުރަން ނިންމާފައިވާ މަރުކަޒެއް. އެހެންވީމާ، އެ މަޝްރޫޢަކީ، ވަރަށް ބާރަށް ކުރިޔަށްދާނެ މަޝްރޫޢެއް.
ހަމައެއާއެކީގައި، ރައްޔިތުން ބޭނުންވަނީ ސްކޫލު ރީ-ލޮކޭޓްވާން. ޙަޤީޤަތުގައި މިއީ އަދި އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތް މަޝްރޫޢަކަށް ނުވޭ. މިއީ އަޅުގަނޑުމެން ޕްލޭން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، މި އަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ފަށާނަން. ބަޖެޓުގެ ތެރެއިން ތަރުތީބުކޮށްގެން، ކްލާސްރޫމްތައް އިތުރުކުރުމާއި، ސްކޫލް ބަދަލުކުރުމަށްޓަކައި ރީ-ލޮކޭޓްކުރުމަށް ތިޔަބޭފުޅުން ބޭނުންވާތީ. އެއީ އަޅުގަނޑަށްވެސް ގަބޫލުކުރެވޭ އޭގައި ވަރަށް ދެކޮޅުޖެހޭ ކަމެއް. އެހެންވީމާ، ޕްލޭންކޮށްގެން، ތަރުތީބެއްގެ ތެރެއިން އެ މަސައްކަތްވެސް ފެށޭނެ.
އެހެންވީމާ، އަޅުގަނޑު ދަންނަވާލީ، މި މުހިންމު ކަންކަން ކުރިޔަށް ގެންދިޔުމަށް ވަނީ ރޭވިފައިކަން. މި ދެންނެވި ކަންކަމުގެ އިތުރަށްވެސް، ކުރިޔަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ރަށުގައި ވަރަށް ގިނަ މަޝްރޫޢުތައް ކުރިޔަށް ގެންދަން ހަމަޖެހިފައިވޭ. އޭގެތެރޭގައި ކުނި މެނޭޖްކުރުމުގެ މަރުކަޒު އެޅުން. ކުޑަކުދިންގެ ޕާކު އެޅުންފަދަ ކަންކަންވެސް އެބައޮތް.
އާދެ ހަމައެއާއެކީގައި، ކަރަންޓު ނޫނީވިއްޔާ ޕަވަރ އަޕްގްރޭޑިންގއަށް ބޭނުންވާ ކަންކަންވެސް މި ރަށުގައި ކުރަން އެބަހުރި. އަލަށް ގޯތި ދޫކުރި ސަރަޙައްދަށް ކަރަންޓް ދެވޭނެގޮތް. ޓްރާންސްފޯމަރު އިތުރުކުރުން. ޖެންސެޓް އެތެރެކުރުން. މިހެންގޮސް މުހިންމު ކަންކަން އެބަހުރި. ލޯކަލް ޓޫރިޒަމަށް ބޭނުންވާ ސަރަޙައްދަށްވެސް.
އެހެންވީމާ، މިހިރަ ކަންކަމަކީ، ސަރުކާރުގެ ކަމާބެހޭ އެކި ކުންފުނިތަކާއި ވުޒާރާތަކުން ވަރަށް އިސްކަންދީގެން، ފިނޭގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި އިރާދަކުރެއްވިއްޔާ ކޮށްދޭނެ ކަންތައްތައް. ކުރާނެ ކަންތައްތައް. މި ދަތުރުގައި އަޅުގަނޑު ބޭނުންވީ، މި ކަންކަމާ ބެހޭގޮތުން ވަރަށް ތަފުޞީލުކޮށް ވާހަކަ ދައްކާލަން. ތިޔަބޭފުޅުންނާ އެކީގައި މި ވާހަކަ ދައްކާ، މި ވަގުތު ހޭދަކުރަން. އަދި މި ކަންކަމުގެ މަޢުލޫމާތު ދޭން.
މި ދެންނެވި ގޮތަށް މި ރަށުގެ ތަރައްޤީއަށް މިހިރަ ކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިޔަށް ގެންދާނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން. ވަގުތުގެވެސް ތާށިކަން އޮތުމުން، އަޅުގަނޑު ކުރުކޮށްލާނަން. ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާވެސް އަރިސްކުރަމުން. މީގެތެރެއިން ގިނަ މަޝްރޫޢުތަކެއް ނިމި، އިރާދަކުރެއްވިއްޔާ އަނެއްކާވެސް ތިޔަބޭފުޅުންގެ އަރިހަށް އައުމުގެ އުންމީދުގައި، އެކަންކަމުގެ އުފަލުގައި ބައިވެރިވުމަށްޓަކައި، އެ އުންމީދާ އެކީގައި ވަކިވެލާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.