بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އުތީމުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ދައުލަތުގެ އިސްވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ފަޚުރުވެރި، ތާރީޚި ޖަލްސާ ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، ވަރަށްވެސް ތާރީޚީ، ވަރަށްވެސް އުފާވެރި ބައްދަލުވުމެއް ބޭއްވިގެން މިދަނީ. ޤައުމީ ދުވަހަކީ އަޅުގަނޑުމެންގެ ކޮންމެ ދިވެހި ރައްޔިތަކުވެސް އެ ދުވަހަކަށްޓަކައި ފަޚުރުވެރިވާ ދުވަހެއް.
އަޅުގަނޑުމެންގެ މި ޤައުމު މިނިވަންކަންމަތީ މިއަދާ ހަމައަށް މިއައި އަޞްލު ސަބަބު ގުޅިފައިވާ، ވަރުގަދަ ޖިހާދާ ގުޅިފައިވާ ދުވަސް. އުތީމު މަހާރަދުން، ބޮޑުތަކުރުފާނު އެ ކުރެއްވި ވަރުގަދަ ޖިހާދުގެ ހަނދާން އާކުރާ، ހަނދާން އާވެގެންދާ، ހަނދާން އާކުރަންޖެހޭ ދުވަސް. އަދި އެ ދުވަހާ ގުޅިގެން، އަޅުގަނޑުމެންގެ ވިސްނުންތައް، އަޅުގަނޑުމެން ކަންކަމާ މެދުގައި، ޤައުމާ މެދުގައި ވިސްނާ ވިސްނުމާ މެދުގައި ނަޒަރު ހިންގަންޖެހޭ ދުވަސް.
އާދެ، އެންމެ ފުރަތަމަވެސް، ފަޚުރުވެރި ވަނަތައް މިތަނުގައި ލިބިވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ވަކިން ޚާއްޞަކޮށް، ފައްސަތޭކައެއްހާ އަހަރު ވަންދެން މި ރަށުގައި، މި ޤައުމީ ވަރުގަދަ މަސައްކަތް، އުތީމު ގަނޑުވަރު ބެލެހެއްޓެވުމާއި، ޤައުމީ ތަރިކަ ބެލެހެއްޓެވުމުގައި، މި ރަށުގެ ލޮބުވެތި ރައްޔިތުން ކުރެއްވި މަސައްކަތް ފާހަގަކޮށް، އެކަމަށްޓަކައި އަދިވެސް އެއްފަހަރު، އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން އެކަން ފާހަގަކޮށް، އުތީމުގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.
ހަމައެއާއެކީގައި، ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގެންނެވި އުތީމު އާދަމް ޢަބްދުއްރަޙްމާން، އާދެ، އަޅުގަނޑުމެންގެ އުތީމު އާދަމްބެ. އެ މަނިކުފާނު އެ ހޯއްދެވި ކާމިޔާބީ، ނޫނީވިއްޔާ އެ ލިބިވަޑައިގެންނެވި ޝަރަފަކީ، އެ މަނިކުފާނު މި އޮތްހާ ދުވަހު ޤައުމީގޮތުން ޤައުމިއްޔަތަށްޓަކައި، ދިވެހި ޤައުމަށްޓަކައި، ހުރިހާ ރޮނގަކުން އެ ކުރެއްވި މަސައްކަތުގެ ނަތީޖާ. އެކަން ފާހަގަކޮށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަރުޙަބާ ދަންނަވަން. އަދި ޝަރަފުގެ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަށާއި، ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް، ތިޔައިން ކޮންމެ ބޭފުޅަކުވެސް، އެ ބޭފުޅެއްގެ ދާއިރާއިން މި ޤައުމަށްޓަކައި ތިޔަ ކޮށްދެއްވަމުން ގެންދަވާ، ކޮށްދެއްވާފައިވާ ކަންކަން ފާހަގަކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައި، ޝުކުރު ދަންނަވަން.
އާދެ، ޤައުމީ ދުވަހެއްގައި އަޅުގަނޑުމެންނަށް ދެއްކިދާނެ ކިތަންމެ ވާހަކައެއް އެބަހުރި. އެހެންނަމަވެސް، މައިގަނޑު ގޮތެއްގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މި ޤައުމު، ކުރިއަށް އޮތް ޖީލުތަކަށް އަމާންކަމާއެކީގައި، ރައްކާތެރިކަމާއެކީގައި ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ވިސްނަންވީ ކޮންކަމަކާތޯ؟ އާދެ، މިކަމާ ބެހޭގޮތުން.
މިތަނުގައި ޒުވާނަކު ވަރަށް ފުރިހަމަ ވާހަކަތަކެއް ދެއްކެވި. ވަރަށް މުހިންމު ވާހަކަތަކެއް ދެއްކެވި. އެއީ، ޙަޤީޤަތުގައި އެންމެ ބޮޑަށް ފާހަގަކޮށްލަން އަޅުގަނޑު ބޭނުންވާ ވާހަކަތަކަކީ. އަޅުގަނޑުމެންގެ މިއަދުގެ ޒުވާނުންނަކީ، އަޅުގަނޑުމެންގެ ޤައުމު ކުރިއަށް އޮތް ދުވަސްތަކުގައި ގެންގޮސްދޭން، އެ ގެންދާ މިޞްރާބަކުން ގެންދިޔުމުގައި ދެމިތިބޭނެ ފަރާތްތައް.
އަޅުގަނޑުމެންގެ މާޒީގައި، އުތީމު މަހާރަދުންނާއި، އެހެން އަބްޠާލުން އެ ކުރެއްވި ޖިހާދު ކުރައްވައި މިއަދާ ހަމައަށް ގެނެސްދެއްވިއިރު، އެ ގެނެސްދެއްވި ދިވެހިވަންތަކަން ހިމާޔަތްތެރިކަމާ އެކީގައި، ރައްކާތެރިކަމާއެކީ ފޯރުކޮށްދޭން ތިބީ ޒުވާނުން. އަދި އަޅުގަނޑުމެން ކޮންމެ މީހަކު އެކަމާމެދުގައި ޒިންމާދާރުވާންޖެހޭ ކަމެއް މިކަމަކީ. ދިވެހި ޤައުމިއްޔަތަކީ ކޮބައިތޯ؟ އަޅުގަނޑުމެންގެ އައިޑެންޓިޓީއަކީ ކޮބައިތޯ؟ ސަރުކާރުތަކަށް ކުރެވޭނެ ކަންކަން، ސަރުކާރުތަކުން ކުރާނެ. ތަރައްޤީގެ މަޝްރޫޢުތައް ހިންގާނެ. ޤައުމަށް ކުރިއެރުން ގެންނަން މަސައްކަތް ކުރާނެ.
އެހެންނަމަވެސް، ޙަޤީޤީ ކުރިއެރުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކު ކުރަން އޮތް ކަމެއް. އަޅުގަނޑުމެންގެ ސިކުނޑި ތަރައްޤީ ކުރަންޖެހޭނީ. އަޅުގަނޑުމެންގެ ޤައުމިއްޔަތު އަޅުގަނޑުމެންގެ ހިތުގައި އާލާކޮށް، ކުރިއަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަމިއްލައަށް ކުރުން އެއީ، އެންމެ މުހިންމު ކަންތައް. އޭރުން ޤައުމެއް، ޤައުމެއްގެ ގޮތުގައި ކުރިއަށްދާނީ. ޤައުމު، ޤައުމުގެ ގޮތުގައި ކުރިއަށްދާނީ، އެގޮތަށް އެންމެން އެއް ވިސްނުމެއްގައި، ޤައުމީ ވިސްނުމުގައި، ޤައުމު އިސްކޮށްގެން. އަޅުގަނޑުމެންގެ މާޒީގައި، އަޅުގަނޑުމެންގެ ޤައުމުގައި ހުރި ރީތި އާދަތައް، ދިވެހިވަންތަކަން، ދިވެހި ޤައުމިއްޔަތުގައި ހުރި ސިފަތައް، އެ އައިޑެންޓިޓީ އެގޮތުގައި ހިމާޔަތްތެރިކަމާއެކީ، ރައްކާތެރިކަމާއެކީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ، ކޮންމެ ދިވެހި ރައްޔިތަކު އަދާކުރުމަށް މަސައްކަތްކުރަން ފަށައިގެން. އެއީ، އަޅުގަނޑުމެން މިއަދު ޢަޒުމް އާކުރަންވީ ކަމަކީ. އަޅުގަނޑު ދައްކަން ބޭނުންވާ ވާހަކައަކީ.
އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ރީތި ސިފަތަކެއް ހުރި. ވަރަށް ރީތި، ވަރަށް ބަލައިގަނެވޭ، ދިވެއްސަކަށްވީތީ ފަޚުރުވެރިވާ އެތައް ސިފައެއް ކުރީގައި އޮތް ޤައުމެއް މިއީ. މައިންބަފައިންނަށް އިޙްތިރާމު އަދާކުރޭ. އަވަށްޓެރިންނަށް އޯގާތެރި. މުސްކުޅިންނަށް، އިސްރަށްވެހިންނަށް ހެޔޮކޮށްހިތާ، ކުޑަކުދިންނަށް އަޅާލާ. މިހެންގޮސް ވަރަށް ރީތި ސިފަތަކެއް އޮތް ޤައުމެއް މިއީ. މުޖުތަމަޢެއް މިއީ. އެކަން އިއާދަކުރުން އެއީ، އަޅުގަނޑުމެން މިއަދު ޢަޒުމް އާކުރަންވީ ކަމަކީ.
އަޅުގަނޑުމެންގެ ކޮންމެ މީހަކަށް ޢިއްޒަތަކާއި، އަބުރަކާއި، ޝަރަފަކާ ލިބިފައިވާ ފަދައިން، އަނެކާއަށްވެސް ހަމަ އެވަރަށް އަބުރާއި، ޢިއްޒަތާއި ޝަރަފް ލިބިގެންވާކަން ގަބޫލުކޮށް، މީގެކުރީގައި ދިވެހިވަންތަކަން މި ޤައުމުގައި އޮތްއިރު، ދިވެހިވަންތަކަށް ފުރިހަމަކަމާއެކީގައި، ރިވެތި ސިފަތަކާއެކީ އޮތްއިރުގައި، މި ދެންނެވި ސިފަތައް އޮތްއިރުގައި އޮތްގޮތަށް، ކަންކަން ކުރަން ޢަޒުމް އާކުރަންވީ.
އަޅުގަނޑުމެންގެ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫންކަން، އަނެކާގެ ޢިއްޒަތާއި، އަބުރާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެންގެ އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން، ތިމަންނާ ހިތަށް އަންނަހާ އެއްޗެއް، ބެލުމެއް ނެތި ދުލުން ބޭރުކޮށްލުމަކީ. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ. އެހެންވީމާ، އަތާއި، ދޫ ރައްކާތެރިކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ވާޖިބެއް. މުސްލިމަކަށްވީތީ އަދި އަމުދުން ވަރަށް މުހިންމު ވާޖިބެއް. އެ ވާޖިބު އަދާކުރުމުގެ ޢަޒުމް މިއަދު އާކުރުމަކީ، ޤައުމީ ދުވަހެއް ފާހަގަކުރާއިރު، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެ ފުރަތަމަ އެންމެ އިސްކަމެއްދޭންވީ ކަމަކީ. އެކަން އެގޮތުގައި ކޮށްފީވިއްޔާ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް އެބައޮތް. އަޅުގަނޑުމެންގެ އުންމީދު، އަޅުގަނޑުމެންގެ އުންމީދު އާކުރާނީ، އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންގެ ޤައުމުގެ މި ދެންނެވި އައިޑެންޓިޓީ ހިމާޔަތްތެރިކަމާއި، ރައްކާތެރިކަމާއެކީ ފޯރުކޮށްދިނުމުގެ އުންމީދު، އަޅުގަނޑުމެން އަމިއްލައަށް މިގޮތުގައި މަސައްކަތްކުރަން ނިންމައިފިއްޔާ، އެ އުންމީދު ފުރިހަމައަށް އާވެގެން އެބަދޭ.
އެހެންނަމަވެސް، މިއަދު މި ފެންނަނީ އެ މަންޒަރެއް ނޫން. މިއަދު އަޅުގަނޑުމެންގެ ތެރޭގައި، އަނެކާގެ ޢިއްޒަތާއި، އަބުރާއި، ޝަރަފަށް ބެލުމެއް ނެތް. ތިމާ ކުރިއަށް ދެވެނިކޮށް ނިމުނީ. ތިމާ ބޭނުންވާ ކަންތައް ވަނިކޮށް ނިމުނީ. އަނެކާއަށް ވަރިހަމަ، ހަމަ ކޮންމެގޮތެއްވިޔަސް. އެއެއްނޫން ދިވެހިވަންތަ ކަމަކީ. މާޒީގައި، އަޅުގަނޑުމެންގެ އަބުޠާލުން ކުރި ޖިހާދުގައި، މި ޤައުމު ސަލާމަތްކޮށްގެން، މިއަދާ ހަމައަށް ގެނައި ބޭނުމަކީ އެއެއްނޫން. އެއެއްނޫން. ޤައުމިއްޔަތެއް ދިރުވައި، އާލާކުރާއިރުގައި އަޅުގަނޑުމެން ވިސްނަންޖެހޭ މިކަންކަމަށް. ޤައުމިއްޔަތަކީ ދިވެހިވަންތަކަން. އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތުން. ދިވެހިބަހަށް ޙުރްމަތްތެރިކޮށްހިތުން. އަޅުގަނޑުމެންގެ ރިވެތި އާދަކާދަތަކަށް ޙުރްމަތްތެރިކޮށްހިތުން. އެކަންކަން ދިރުވައި އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން. އެކަން އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވެއޭ. މިކަމުގެ ޒިންމާ އެޅިފައި ނެތް އެކަކުވެސް ނެތް. ދިވެއްސަކަށްވިއްޔާ، އެ ޒިންމާ އެބައޮތް އެޅިފައި.
އެހެންވީމާ، އަޅުގަނޑުމެން ޢަޒުމު އާކުރަންވީ މިކަމަށް. އަޅުގަނޑުމެންގެ މިނިވަންކަމާއި، އަޅުގަނޑުމެންގެ ޒިންމާތަކާ ގުޅިފައިވަނީ، އަޅުގަނޑުމެން އެކަކު އަނެކަކަށް ލޯބިކުރުމާއި، ޙުރްމަތްތެރިކޮށްހިތުމާ، މިކަންކަމާކަން. ތިމަންނަގެ މިނިވަންކަމެއް ނޫންކަން، އަނެކާގެ ޙައްޤުތަކަށް އަރައިގަތުމަކީ، އަނެކާގެ އަބުރު ކަތިލުމަކީ، އަނެކާއާ މެދުގައި ދޮގު ވާހަކަތައް ދެއްކުމަކީ. ހަމަ ހިތަށް އަންނަހާ އެއްޗެއް ބުނުމަކީ، ބޭރުކޮށްލުމަކީ އެއެއްނޫންކަން. ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ތިމާގެ ދުލުން ބަހެއް ބޭރުވުމަށްފަހު، ތިމާއަކީ އެ ބަހުގެ އަޅެއްކަން. އެ ބަސް ބޭރުކޮށްލުމުގެ ކުރިން، އެ ބަހަކީ ތިމަންނަގެ އަޅެއްކަން. ސިކުނޑީގެ ބޭނުންކުރަންޖެހޭނެ. ކޮށްގެން، މި ޤައުމުގެ މިނިވަންކަން، މި ޤައުމުގެ ޤައުމިއްޔަތު ޙިމާޔަތްކުރެވޭނީ. އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާ ފުރިހަމަގޮތުގައި އަދާކުރެވޭނީ.
އެހެންވީމާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، ނޫނީވިއްޔާ ތިމަންނަގެ ކޮންމެ ވާހަކައެއް ބުނުމުގެ، ލިޔުމުގެ މިނިވަންކަމަކީ، ވަކި ޙުދޫދުތަކެއްގައި އޮންނާނެ ކަމެއް. ތިމަންނަ ކުރަންވާ ކަންކަމުގެ މިނިވަންކަމަކީ، ޙައްޤުތަކަކީ، ވަކި ޙުދޫދެއްގެ ތެރޭގައި އޮންނަ ކަމެއް. ކޮންމެ ރައިޓެއް، ލިމިޓޭޝަންސްތަކަކާ އެކީގައި އޮތީ. މިސާލެއް ގޮތުގައި، މިކަމާ ބެހޭގޮތުން އެއްޗެއް ދަންނަވާލަން. މި ހޯލުތެރޭގައި މިތިބި އެންމެން، ތީގެތެރެއިން ބޭފުޅަކު، ތިމަންނަގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ކިޔާފައި، މިތާނގައި ތެދުވެ އިޢުލާނުކޮށްލަންވީ، މިތާ ބޮމެއް އެބައޮތޭ. އެހެން ކިޔާފައި ހަލޭއްލަވާލަންވީ. އެއީ، މިނިވަންކަންތޯ؟ ދެން، އެހެން މީހުންގެ ޙައްޤުތަކަށް އެހިސާބުން ވާނީ ކިހިނެއްތޯ؟ އެ މިނިވަންކަމެއް ނެތް. އެ ޙައްޤެއް ނެތް. ތިމާގެ ޙައްޤުތައް، އަނެކާގެ ޙައްޤުތަކަށް އަރައިގަންނަ ހިސާބުން އެބަ ލިމިޓްވޭ.
އެހެންވީމާ، މި ޤައުމުގައި މިއަދު ފެތުރެމުންމިދާ ނުބައި އޮއިވަރު އެއީ، އަޅުގަނޑުމެން އަމިއްލައަށް ހުއްޓުވޭނެ ކަމެއް. އަޅުގަނޑުމެންނަކީ ފަޚުރުވެރި ދިވެހީން. މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން، 900 އަހަރުވާން މިދަނީ މިހާރު. އެހެންވީމާ، އަޅުގަނޑުމެން ކޮންމެ މީހަކު އެބަޖެހޭ، އިސްލާމްދީނުގައި އައިސްފައިވާ މި މަތިވެރި އިރުޝާދުތަކާއި، ދައްކައިދީފައިވާ މަތިވެރި މަގުން ކުރިއަށްދާން. އަޅުގަނޑުމެންގެ އަބުޠާލުން ކުރެއްވި ޖިހާދުގެ އަގު ފުރިހަމަގޮތުގައި ވަޒަންކުރަން. އެ ދުވަހަކީ މިއަދު ކަމުގައި އަޅުގަނޑުމެން ކަނޑައަޅަންވީ ދުވަސް. އެގޮތަށް ޤައުމެއް ބިނާވެގެންދާނީ، އެގޮތަށް އަޅުގަނޑުމެން ޢަޒުމު ކަނޑައަޅައިގެން މަސައްކަތް ކޮށްފިއްޔާ އެކަނި. ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެން ބޭނުންވާ އުފާވެރި، އަމާން، ތަރައްޤީވެފައިވާ ފުރިހަމަ ޤައުމެއް ގޮތުގައި ކުރިއަށް ދާނީ. އެހެންނޫނީވިއްޔާ، މި ޤައުމުގެ އައިޑެންޓިޓީ ގެއްލިގެން ދާނީ. އެއީ، އަޅުގަނޑު މިއަދު ދައްކަން ބޭނުންވާ ވާހަކައަކީ.
އަޅުގަނޑު ޔަޤީންކުރަން، ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުން، މިކަމުގައި އެއް ވިސްނުމަކަށް ވަޑައިގަންނަވާނެކަމަށް. އަޅުގަނޑުމެން އެންމެންނަކީ ޒިންމާދާރު ބައެއްކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. ތިމަންނަގެ އޮތް ޒިންމާ، ތިމަންނަ އަދާކުރުމުގައި ތެދުވެރިވާންޖެހޭނެކަން، އަމާނާތްތެރިވާންޖެހޭނެކަން. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއްވާކަން. ހިތުގައިވާ ކޮންމެ އެއްޗެއް ދެނެވޮޑިގެންވާ ފަރާތެއްވާކަން. ތިމަންނަ މަރުވާނެއިރެއް ނޭނގޭކަން. އީމާންތެރިކަން، އިޚްލާޞްތެރިކަން، އަމާނާތްތެރިކަން އިސްކުރަން އެބަޖެހޭ ޤައުމަށްޓަކައި. އެއީ، އަޅުގަނޑު މިއަދު ދައްކަން ބޭނުންވާ ހަމައެކަނި ވާހަކައަކީ.
އެގޮތަށް އަޅުގަނޑުމެން ޢަޒުމު ކަނޑައަޅައިގެން ކުރިއަށްދިޔުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އެގޮތަށް އަޅުގަނޑުމެން ކުރިއަށްދާން ނިންމައިފިނަމަ، ސަރުކާރުން ގެނެސްދޭ ތަރައްޤީއާއި، އަދި ރައްޔިތުން މިގޮތުގައި ޤައުމު ކުރިއަށް ގެންދިޔުމަށް، ވިސްނުމާއި ފިކުރަށް ގެންނަ ތަރައްޤީއާ އެކީގައި، ވަށާޖެހިފައިވާ ފުރިހަމަ ތަރައްޤީއެއް މި ޤައުމަށް އަންނާނެކަމީ، ޝައްކެއްއޮތް ކަމެއްނޫން. އިރާދަކުރެއްވިއްޔާ، މި ޤައުމަށް ތަރައްޤީ ލިބޭނެ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި، اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. މި ޤައުމު އުފާ ފާގަތިކަމާއި، މިނިވަންކަމާ އެކީގައި، ތާއަބަދުމެ ލެހެއްޓެވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.