بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އުކުޅަހުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ކައުންސިލަރުން، ރަށުގެ މުއައްސަސާތަކުގެ އިސްވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިރޭ އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، މި ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އުކުޅަހުގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.
އަޅުގަނޑަށް މި ރަށަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ކެމްޕެއިންގައި ކުޑަކުޑަ ވަގުތުކޮޅަކަށް އާދެވުނު. އެވީ ވަގުތުކޮޅުގެތެރޭގައެއް މާގިނަ ވަޢުދެއް ނުއެއްވެވުނު. އެހެންނަމަވެސް، ކޮންމެވެސްވަރަކަށް ތިޔަބޭފުޅުން ބޭނުންވި ކަންކަން އަޑުއަހައި، ބައެއް ކަންކަން ކުރާނެކަމަށް އަޅުގަނޑު ވަޢުދުވިން.
އޭގެފަހުންވެސް މި ރަށަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އެކިފަހަރުމަތިން، އަޅުގަނޑުވާނީ ނިންމާފައި. އަދި އެ ވާހަކަ ތިޔަބޭފުޅުންނަށް ކޮންމެވެސްވަރަކަށް ހިއްސާވެސް ކުރެވިފައިވާނީ.
އެގޮތުން، މި ދަތުރުގައި މީގެތެރެއިން ބައެއް ވަޢުދުތައް ފުދިގެން މިދަނީ. އަދި ބައެއް ވަޢުދުތައް ފުއްދުމަށް މި ފެށެނީ. މާދަމާ ހެނދުނުގެ ވަގުތެއްގައި، އަޅުގަނޑުމެން މި ހުޅުވާ ބްރާންޗަކީ، އޭގެ ތެރެއިން އެއް ވަޢުދު. ބީ.އެމް.އެލް.ގެ ބްރާންޗެއް މި ރަށުގައި ޤާއިމުކޮށްދިނުމަކީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ އެއް ވަޢުދު. އަދި ޔޫ.އެސް.ޑީ. އޭ.ޓީ.އެމް.އެއްވެސް ޤާއިމުކުރެވިގެން އެބަދޭ.
އެހެންވީމާ، މި ދެ ކަންތައް ފުރިހަމަކުރެވި، އެ ދެ ޚިދުމަތް މި ރަށުގެ ރައްޔިތުންނަށް މާދަމާ ލިބިގެންދާ މުނާސަބަތުގައި، އުކުޅަހުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.
ހަމަޔަޤީނުންވެސް، މި ރަށުގެ ރައްޔިތުންނަށް ޚާއްޞަކޮށް، ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި، ލޯކަލް ޓޫރިޒަމްގެ އިންޑަސްޓްރީގައި، މި ރަށުގެ ބޭފުޅުން ކުރައްވާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް، ޔޫ.އެސް.ޑީ. އޭ.ޓީ.އެމް.ގެ ސަބަބުން އަދި ބްރާންޗްގެ ސަބަބުންވެސް ލިބޭނެ. ހަމައެއާއެކީގައި، ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ފަސޭހަކަން ލިބިގެން އެބަދޭ. އަޅުގަނޑު ޔަޤީންކުރަނީ އެއީ، މި ރަށުގެ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް، އަދި އިޤްތިޞާދީގޮތުން ކުރިއަރައިދިޔުމަށް ހުޅުވިގެންދާ ވަރަށް މުހިންމު ދޮރަކަށް ވެގެންދާނެ ކަމަށް.
ހަމައެއާއެކީގައި، އިތުރު ކަންކަން ކުރުމަށްވެސް އަޅުގަނޑުމެން މިހާރު މިއަދު މި ސޮއިކުރީ. ތިން މަޝްރޫޢެއްގައި އަޅުގަނޑުމެން މިތާނގައި މިއަދު މި ސޮއިކުރީ. އޭގެތެރެއިން އެއް މަޝްރޫޢަކީ، އަޅުގަނޑު މި ދެންނެވި ކުޑަ ވަގުތުކޮޅުގެ ތެރޭގައި، މި ރަށުގައިވީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެއްކަމެއް. ދޯނިއެހެލާ ސަރަޙައްދެއް ހެދުން. އާދެ، މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެން ހަދާ ތަނަކީ، މި ރަށުގެ ރައްޔިތުން މި ދުއްވާ އުޅަނދުތަކަށް ބޭނުންހިފޭކަހަލަ ޑިޒައިނަކަށް، އެ ބޭނުން ފުދޭނެގޮތަށް މަގުފަހިވާގޮތަށް ހަދާ ތަނެއް. އެހެންވީމާ، އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ދެން. އަދި އޭގެމައްޗަށް ބިނާކޮށް، މި ރަށުގައި ވިޔަފާރި އުޞޫލުން، އެތަން ބޭނުންކުރުމަށް ހުޅުވާލުމަށްވެސް ފަހިވާނެގޮތަށް އެ ޑިޒައިން އަޅުގަނޑުމެން ހަދާނީ.
ދެން އަޅުގަނޑުމެން މި ސޮއިކުރި ދެ އެއްބަސްވުމަކީވެސް މި ރަށުގެ ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ ކަންތައްތަކުގެ ދެ އެއްބަސްވުން. ސްކޫލަށް އޮފީސް ޖާގަ އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން މި ސޮއިކުރި އެއްބަސްވުމުގެ ދަށުން ހެދޭ އިމާރާތުން ޔަޤީނުންވެސް މި ރަށުގެ ތަޢުލީމީ ކަންކަމަށް، ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް، ޚާއްޞަކޮށް، ޓީޗަރުންނާއި މުވައްޒަފުންނަށް، ވެރިންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ.
ސްޕޯޓްސް ކޮމްޕްލެކްސް ވެގެންދާނީ އިރާދަކުރެއްވިއްޔާ، މި ރަށުގެ ކުޅިވަރު ކުރިއަށް ގެންދިޔުމަށް، ކުޅިވަރު ކުޅޭ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަކަށް. ސަބަބަކީ، މި އިމާރާތަކީ، އެ އިމާރާތުގެ އެތެރޭގައި، އެތެރޭގައި ކުޅެވޭ ވަރަށް ގިނަ އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށާއި، ޗޭންޖިންގރޫމްތަކާއި، ކުޅިބެލުމަށާއި، މިކަންކަން ފަހިވާގޮތަށް ޑިޒައިން ކުރެވިފައި ހުރި އިމާރާތެއް. ރާއްޖޭގެ ވަރަށް މަދު ރަށްރަށުގައި ސްޕޯޓްސް ކޮމްޕްލެކްސް ކެޓަގަރީގައި އަޅުގަނޑު އިމާރާތްތައް އަޅަނީ. އޭގެތެރެއިން އެއްރަށެއްގެ ގޮތުގައި، މި ރަށް އަޅުގަނޑުމެން މިވަނީ ކަނޑައަޅައި، އެ މަޝްރޫޢުގައި މިއަދު މި ސޮއިކުރީ. މިއަދު މި ސޮއިކުރެވިގެންދިޔަ ތިން މަޝްރޫޢަކީވެސް ހަމަ ވަރަށް އިސްކަމެއްދީގެން، ކަމާގުޅޭ ތިން މަޝްރޫޢުގެ ކޮންޓްރެކްޓަރުންނާއި ވުޒާރާތަކުން، ވަރަށްގާތުން އެ މަސައްކަތް ދާގޮތް ބަލައި، ވަރަށް ހަލުވިމިނެއްގައި ޢަމަލީ މަސައްކަތްކޮށް، ނިންމައިދޭނެ ތިން މަޝްރޫޢު. އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް އަޅުގަނޑުމެން ގެންގޮސްދޭނަން. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
ހަމައެއާއެކީގައި، މަގުހެދުމުގެ މަސައްކަތެއް ފެށިފައި އެބައޮތް. އެ މަސައްކަތް އެބަ ކުރިއަށްދޭ. މައިމަގު ހެދުމަށްޓަކައި މިހާރު މިވަނީ ތާރުއެޅުމާ ހަމައަށް ދެވިފައި. ގާތްގަނޑަކަށް ތާރުއަޅަން ފަށަންވެފައި. އެ މަޝްރޫޢު ރައްޔިތުން ބޭނުންވާގޮތަށް، އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަދި ބާކީހުރި މަގުތައް ހެދުމުގެ މަޝްރޫޢު، ދެވަނަ ފިޔަވައްސެއްގެ ތެރެއިން، ރައްޔިތުން ބޭނުންވަނީ ކޮންގޮތެއްތޯ ބަލައި، އެގޮތަކަށް ގެންދާނެ. މައި ހުރިހާ މަގެއް، ޚިދުމަތްތަކާ ގުޅިފައިވާ، ހުރިހާ މަގުތަކެއް އަޅުގަނޑުމެން ހަދައިދޭނަން. ހަދާއިރުގައި، ރައްޔިތުން ބޭނުންވަނީ ކޮންގޮތަކަށްތޯ، މި ރަށުގެ ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިޔުމަށް، އެ ވިސްނުމުގައި ވިސްނާއިރު، ބޭނުންވަނީ ކޮން ކޮންސެޕްޓެއްތޯ، ކޮންގޮތެއްތޯ ރައްޔިތުންގެ ކިބައިން އޮޅުންފިލުވައިގެން، އެ މަގުތައް އަޅުގަނޑުމެން ހަދާނަން. އެއީ، އަޅުގަނޑުމެން ބޭނުންވަނީ، އެ ކުރެވޭ އިންވެސްޓްމަންޓް އެއީ، އޭގެ ދެކޮޅުޖެހޭ، ރައްޔިތުން އެދޭ ނަތީޖާ ނުކުންނަ އިންވެސްޓްމަންޓަކަށް ހަދަން. މި އަތޮޅުގެ ވަރަށް ގިނަ ރަށްތަކުން ބޭނުންވަނީ، ފެން ހިންދޭ ރަނގަޅު ނިޒާމެއް ޤާއިމުކުރެވި، ރަނގަޅަށް މެއިންޓެއިން ކުރެވޭގޮތަށް އޮންނަ ވެލިމަގުތައް ހަދަން. މި ދެންނެވީ ޓޫރިޒަމަށް ވިސްނާފައި. މި ރަށުގެ ރައްޔިތުން ބޭނުންވަނީ، އެގޮތް ކަމަށްވަންޏާ، ދެންހުރި މަގުތައް އެގޮތަށް، މައި ހުރިހާ މަގެއް ހަދަން އަޅުގަނޑުމެން ގަސްދުކުރަން. އަދި ތާރުއަޅާ ކަމަށްވަންޏާ، އެގޮތްވެސް އަޅުގަނޑުމެން ހަމަ ކުރިއަށް ގެންދާނަން.
އެހެންވީމާ، މި ފެށިފައި އޮތް މަޝްރޫޢު އަޅުގަނޑުމެން ތާރުއަޅާގޮތަށް ތިޔަބޭފުޅުން ނިންމަވާފައިވާތީ، އެގޮތަށް އެކަން ދާނެ. ދެން ހުރި މަގުތައް ހަމަ މި ދެންނެވި ގޮތަށް، ތިޔަބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށޭނީ މި އަންނަ އަހަރު. މި އަންނަ އަހަރަށް ބަޖެޓް ކުރެވިގެންދާނެ ކަމެއް އެއީ. ބަޖެޓްކުރެވި، އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު މި ދެންނެވި ގޮތަށް ގެންގޮސްދޭނަން. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
ހަމައެއާއެކީގައި، އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު މިހާރު މި ގޮސްފައިވާ ހިސާބާ ގުޅޭގޮތުން އެއްޗެއް. ބިން ހިއްކަނީ، ބޭނުންތެރިގޮތުގައި އެ ބިމުގެ ބޭނުންހިފުމަށް. ރަށެއްގެ ބިން ހިއްކާނީ، އެ ރަށަކުން ބިން ހުސްވެގެން، އެ ރަށަކަށް ބޭނުންވާ ކަންކަން ކުރުމަށް. އެންމެ ބޭނުންވާ ކަންކަން ކުރުމަށް ބިން ހިއްކަނީ. އެއީ، ބައެއް ރަށްރަށުގައި، ގޯތި ގެދޮރު ދޭނެ ޖާގަ ނެތިގެން، ގިނައިން އެކަން ކުރަނީ. އަދި ބައެއް ރަށްރަށުގައި އިޤްތިޞާދީ މަސައްކަތް ކުރާނެ ޖާގަ ނެތިގެން ބިން ހިއްކާ.
މި ރަށަށް އެންމެ ބޮޑަށް ބޭނުންވެފައި މިހާރު މިއޮތީ، ގޯތި ގެދޮރު ދޭން. ހައުސިންގ މައްސަލަ. ބޯހިޔާވަހިކަމުގެ މައްސަލަ، އެންމެ ބޮޑު މައްސަލައަކީ. މިހާރު ހިއްކައި ނިމުމުގެ މަރުޙަލާއަށް ގޮސްފައިވާ މަޝްރޫޢު، ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިވާ މަޝްރޫޢު ނިންމާއިރުގައި، މުޅިން ފުރިހަމަވެގެންދާއިރުގައި، އަޅުގަނޑު ހިތުން މިކަމަށް ވިސްނަންޖެހޭނެ.
އެގޮތުން ބަލާއިރުގައި، މިހާރު ކައުންސިލުން މިނިސްޓްރީއަށް ފޮނުވާފައިވާ ލޭންޑް ޔޫސް ޕްލޭންގައި އޮތް ގޮތުން، އަދި ނެތް ގޯތިދޭވަރަށް ޖާގަ ނަގާފައެއް. މިހާރު އޮތީ 174 ގޯތި ދެވޭވަރަށް ޗާޓު ކުރައްސަވާފައި. ނޫނީ ލޭންޑް ޔޫސް ޕްލޭން ކުރައްސަވައި ފޮނުއްވާފައި. ހައުސިންގ ޔުނިޓް އެޅުމަށް، ހައުސިންގ ޔުނިޓް މަޝްރޫޢު، ޕަބްލިކް ހައުސިންގ މަޝްރޫޢު ހިންގަން ޖާގަ އެބަހުރި ކަނޑައަޅާފައި. އެހެންނަމަވެސް، ގޯތިދޭން ކަނޑައަޅާފައި އޮތީ 174 ޔުނިޓް ދެވޭވަރަށް. ނަމަވެސް އިތުރު ޖާގަ އެބަހުރި. އެ ޖާގަތައް ކަނޑައަޅާފައި ހުރީ، މައިގަނޑު ގޮތެއްގައި، އަނެއްކާވެސް ލޯކަލް ޓޫރިޒަމްގެ ބޭނުންކުރަން. ޓޫރިސްޓް ވިޔަފާރިއަށް ހުޅުވާލާގޮތަށް.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ގޯތިގެދޮރު، ހައުސިންގ މައްސަލަ ޙައްލުކުރުން. އެހެންވީމާ، މި ދެންނެވި ލޯކަލް ޓޫރިޒަމަށް ހުށަހަޅާފައިވާ ބިންތައް، ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްކުރާއިރުގައި، ގޯތިދޭގޮތަށް ބަދަލުކޮށް، ޖުމްލަ 250 ގޯތި ދެވޭވަރަށް އެ ޗާޓު، އެ ލޭންޑް ޔޫސް ޕްލޭން އިޞްލާޙުކޮށްފައި، އަޅުގަނޑުމެން ފާސްކުރާނީ. އަދި އެ 250 ގޯތި ދޫކުރުމުގެ ހުއްދަ، މި އަންނަ ހަފްތާތެރޭގައި، މި ރަށުގެ ކައުންސިލަށް އަޅުގަނޑުމެން ދޭނަން، އެ އިޞްލާޙު ގެނެސްފައި. އަޅުގަނޑު އުންމީދުކުރަން، ކައުންސިލުން ހަމަ މި އަންނަ ހަފްތާގައި ފުރުޞަތު ހުޅުވާލާނެ ކަމަށް، އެ ގޯތިތައް ބޭނުންވާ ފަރާތްތަކަށް.
ހަމައެއާއެކީގައި، ހައުސިންގ ޔުނިޓު އަޅަން ކަނޑައަޅާފައި ހުރި ޖާގަތަކުގެ ތެރޭގައި، 50 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް، އަޅުގަނޑުމެން މި އަހަރު ބަޔަކާ ހަވާލުކުރާނަން. 50 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ހަވާލުކޮށް، އެ މަޝްރޫޢު ވަރަށް ގާތުން ސަރުކާރުން ބަލައި، ބާރު ސްޕީޑްގައި ގެންދޭތޯ އަޅުގަނޑުމެން ބަލާނަން. އެއީ، މި ރަށަށް އެންމެ މުހިންމުވެފައި ވަނީ، ގޯތިގެދޮރުގެ މައްސަލަ ޙައްލުކުރުން ކަމުގައިވާތީ. މި ދެންނެވި 250 ގޯތިދޫކުރުމާއި، 50 ހައުސިންގ ޔުނިޓުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމުން، މިހާރު މި އިތުރުކުރެވޭ ޖާގައިން، މިވަގުތަށް ހައުސިންގ ޔުނިޓު، ނޫނީވިއްޔާ ގޯތިގެދޮރުގެ މައްސަލަ ޙައްލުވެގެންދާނެ. އަދި އޭގެއިތުރަށްވެސް، ހައުސިންގ ޔުނިޓު އަޅަން ކަނޑައަޅާފައި ހުރި ޖާގައިގައި، ކުރިއަށް އޮތްތާނގައި، ސަރުކާރުން އެކި ފޭސްތަކަށް ބަހާލައިގެން، ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުތައް ގެންދެވޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މައްސަލަ އެގޮތަށް އަޅުގަނޑުމެން ޙައްލުކޮށްދޭނަން.
އަޅުގަނޑުމެން ވާނެ މިދިޔަ އަހަރު އެޕްރީލް މަހުގެ 17 ވަނަ ދުވަހު، މި ރަށުގެ ބައެއް ގޮތުގައި، ގަލަގިލިފަޅު ހަމަޖައްސައިދީ، ގަރާރު ގެޒެޓްކޮށްފައި. އެކަން ކުރީވެސް، މި ރަށުގެ ރައްޔިތުންގެ އިޤްތިޞާދީ ފައިދާއަށް. އެ މަންފާ ހޯދައިދިނުމަށް. މި ރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ކައުންސިލުން ސަރުކާރަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް، ޤާނޫނާއި ގަވާއިދު ހުއްދަދޭ ކޮންމެ މަސައްކަތެއް ކުރަން އަޅުގަނޑުމެން ސަރުކާރުން ހުއްދަދޭނަން. ޤާނޫނުތަކުން، ގަވާއިދުތަކުގެ ތެރެއިން. ހުއްދަނުކުރާ ކަމެއް ވަރަށްމަދު. ރިޒޯޓެއް ގޮތަށް ޓޫރިޒަމް ހިންގުންފަދަ ކަންކަން ހުއްދަނުވަނީ. އެހެންނަމަވެސް، ޓޫރިޒަމްގެ ދާއިރާއަށް ވަރަށް ފުޅާމިނެއްގައި ހުއްދަ ލިބޭނެ، އެ ފަޅުގެ ބޭނުންކުރަން. އަދި އެހެން އިންޑަސްޓްރީތަކަށްވެސް. އަދި އެހެން މަސައްކަތްތަކަށްވެސް. އެހެންވީމާ، އިންވެސްޓަރުންނަށް ފުރުޞަތު ހުޅުވާލުމަށްޓަކައި ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނެގުމުގައި، ސަރުކާރުގެ ކިބައިން އެދޭ، ކަމާބެހޭ ވުޒާރާތަކުގެ ކިބައިން އެދޭ ކޮންމެ ކަމަކަށް، ސަރުކާރުން ހަމަ ވަރަށް ފުރިހަމައަށް އެއްބާރުލުންދޭނަން. އެކަން އަޅުގަނޑުމެން ކޮށްދޭނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން.
އެހެންވީމާ، ކައުންސިލުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން، ބާރުމިނުގައި ގެންދަވަންވީ. އިރާދަކުރެއްވިއްޔާ އެ ފަޅުން އެކި ވިޔަފާރިތަކަށް، އިންވެސްޓަރުންނަށް ތިޔަބޭފުޅުން ދެއްވަން ބޭނުންވާ ފުރުޞަތުތައް ލިބިގެންދާނެ.
އާދެ، އަޅުގަނޑުމެން އޭގެއިތުރަށްވެސް، މި ރަށުގައި އިތުރު ކަންކަން ކުރިއަށް ގެންދަން ކަނޑައަޅާފައި މިވަނީ. އެހެންވީމާ، މި ރަށުގެ ތަރައްޤީއަށްޓަކައި މިކުރެވޭ ކަންކަމުގައި، އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން، އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން ގެންދާނަން.
ޞިއްޙި ދާއިރާގައިވެސް މުހިންމު ކަންތައްތަކެއް ކުރިއަށް ގެންދިޔުމަށް މިވަނީ ހަމަޖެހިފައި. އަދި ދެންހުރި ދާއިރާތަކުންވެސް ވަރަށް މުހިންމު މަޝްރޫޢުތަކެއް، ކުރިއަށް އޮތްތާނގައި ހިނގަމުންދާނެ.
ތަޢުލީމީ ދާއިރާއިން މިއަދު މި ސޮއިކުރެވުނު މަޝްރޫޢުގެ ތެރޭގައި، އަދި އޭގެއިތުރަށް ޖާގަ އިތުރުކޮށްގެންވިޔަސް، ސްކޫލަށް ބޭނުންވާ އިތުރު ފެސިލިޓީތައްވެސް އިރާދަކުރެއްވިއްޔާ ޤާއިމުކުރެވިގެންދާނެ. އެހެންވީމާ، އަޅުގަނޑުމެން ވަރަށް އިސްކަމެއްދެން، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ފަހިކޮށްދޭން.
އާދެ، ޖުމްލަކޮށް މި ރަށުގެ ތަރައްޤީއަށް މި ބޭނުންވާ ކަންކަން އަޅުގަނޑުމެން ވަރަށް ބާރު ސްޕީޑްގައި ގެންދާނަން. ދެންމެ މި ސޮއިކުރި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢު ކުރިއަށްދާއިރުގައިވެސް، އެ ކޮމްޕްލެކްސްގެ އެންމެ ކައިރިން އަޅުގަނޑުމެންނަށް ލިބޭ ބިމެއްގައި، މި މަޝްރޫޢުގެ ތެރެއިން، އިރާދަކުރެއްވިއްޔާ ފުޓްސަލް ދަނޑެއްވެސް އަޅަން ނިންމާފައިވާ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އެ މަޝްރޫޢުވެސް ކުރިއަށް ގެންދާނަން. އެހެންވީމާ، މިގޮތަށް ރައްޔިތުން ބޭނުންވާ ކަންކަން، ރައްޔިތުން ގާތުން އޮޅުންފިލުވައިގެން، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންތައްތައް އަޅުގަނޑުމެން މިގެންދަނީ.
އާދެ، މި ރަށަކީ، ވަރަށް މަސައްކަތްތެރި ރައްޔިތުން އުޅޭ ރަށެއް. އެކިއެކި ދާއިރާތަކުން ވަރަށް ހީވާގި މަސައްކަތްތަކެއް ކުރާ ރައްޔިތުން އުޅޭ ރަށެއް. ވަރަށް ލާމަސީލު ރައްޔިތުންތަކެއް. ޓޫރިޒަމްގެ ދާއިރާއަށް ބަލައިފިއްޔާ، ލޯކަލް ޓޫރިޒަމްގައި އެންމެ ފުރަތަމަ ޙަރަކާތްތެރިވާން ފެށީ، މި ރަށުގެ ރައްޔިތުން. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި ކުރިއަށްދިޔުމުގައި، އަޅުގަނޑުމެން ވަރަށް ބޮޑަށް އެއްބާރުލުން ދޭނަން. އެހެންވެ، ދެންމެ މި ދެންނެވި ކަންކަންވެސް މިގޮތަށް މިގެންދަނީ.
އާދެ، ލޯކަލް ޓޫރިޒަމްގެ ވާހަކަ ދައްކާއިރުގައި އަދި ޚާއްޞަކޮށް، މި ރަށާއި އަދި މި އަތޮޅުގައި މި ވާހަކަ ދައްކާއިރު، އަދި ޖުމްލަކޮށް މި މައުޟޫޢުގައި ވާހަކަ ދައްކާއިރު، ރާއްޖޭގެ މި އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައްވެސް ޝާމިލްވާގޮތަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އެއީ، އަޅުގަނޑުމެން މި އިންޑަސްޓްރީ، ލޯކަލް ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް މިގެންދަނީ، އަޅުގަނޑުމެން އުޅޭ ތަނުގައި. އަޅުގަނޑުމެން ދިރިއުޅޭ ރަށުގައި. އަޅުގަނޑުމެންގެ ޢާއިލާތައް، އަޅުގަނޑުމެންގެ ކުޑަކުދިން އުޅޭ ފަސްގަނޑުގައި. މިއީ، ވަކިން އޮތް ރިޒޯޓެއް ނޫން. މިއީ، ވަކިވެފައި އޮންނަ ބިންތަކެއް ނޫން. އެހެންވީމާ، ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނާނެ. އަޅުގަނޑުމެން ކިތަންމެހާވެސް ބޭނުން، މި އިންޑަސްޓްރީ ފުޅާކޮށް، ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދޭން. އެހެންވެ، ދެންމެ މި ދެންނެވި ހުރިހާ ކަމެއްވެސް މި ކޮށްދެނީ. އަދި ކުރިއަށް އޮތްތާވެސް ކޮށްދޭނީ. އެހެންނަމަވެސް، މި އިންޑަސްޓްރީގެ ތެރެއިން އަޅުގަނޑުމެން ކުރިއަށްދާއިރުގައި، އެ މުއްސަނދިކަން، ނޫނީވިއްޔާ އެ ފާގަތިކަން ހޯދާއިރުގައި، މި ދެންނެވި ޙަޤީޤަތް ވަރަށް ބޮޑަށް އަޅުގަނޑުމެން ސިކުނޑީގައި ބަހައްޓަންޖެހޭނެ. މި ދެންނެވި ވާހަކައަކީ، އަޅުގަނޑުމެންގެ ގަބޫލުކުރުންތައް، އަޅުގަނޑުމެންގެ ޢަޤީދާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން، އެކަމަކަށް ހުއްދަނުކުރާ، ނޫނީވިއްޔާ އަޅުގަނޑުމެންގެ މާޙައުލުގެ ތެރޭގައި ހިނގައިގެން ނުވާނެ ކަންކަމުގެ ތެރެއަށް، މި އިންޑަސްޓްރީގެ ތެރެއިން، އަޅުގަނޑުމެންގެ ކުޑަކުދިންނާއި، އަޅުގަނޑުމެންގެ ޢާއިލާތައް ވަދެގެންދިޔުމަށް ފުރުޞަތު ދިނުމަކީ، އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫންކަން. އެ ވާހަކަ ދަންނަވާލަން.
މި އަތޮޅުގައި ވަރަށް ފުޅާ ދާއިރާއެއްގައި، ބައެއް ރަށްރަށުގައި ހާހަކަށްވުރެ ގިނަ ބެޑްތައް، ރޫމްތައް އިތުރުވެގެން މިދަނީ. އެކަން ހަމަ އެގޮތުގައި ގެންދަވަންވީ. އެކަމަކު ގެންދަވާއިރުގައި، އަޅުގަނޑުމެން ވިސްނަންޖެހޭނެ މިކަމަށް. އަޅުގަނޑުމެންގެ ޤާނޫނުތަކާއި ގަވާއިދުތައް ހުއްދަދޭގޮތަށް، ކަން ކުރަންޖެހޭނީ. މި ދެންނެވިހެން މިއީ، ވަކި ރިޒޯޓުތަކެއް ނޫން. ރިޒޯޓުތަކާއި، ސަފާރީތަކުގައި ކުރެވޭ ކަންކަމެއް މިތަންތާކު ނުކުރެވޭނެ.
އެހެންވީމާ، ޤާނޫނުތަކުގެ ތެރެއިން ހަނި ފުރުޞަތުތައް ހޯދައިގެން، ޤާނޫނާއި ގަވާއިދުގެ ތެރެއިން، އަދި އަމުދުން އަޅުގަނޑުމެންގެ އިސްލާމްދީނުގައި ހުއްދަނުކުރާ ދިމަދިމާއަށް، އަޅުގަނޑުމެން އެ މުއްސަނދިކަން ހޯދުމުގެ ތެރެއަށް ދާން ވިސްނާކަމުގައިވަންޏާ، އެއީ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ މުސްތަޤްބަލް ހަލާކުކުރަނީ. އަޅުގަނޑުމެންގެ ދަރީންގެ މުސްތަޤްބަލް މި ހަލާކުކުރަނީ. އަޅުގަނޑު ތަންކޮޅެއް ސިމްޕަލްކޮށް މިކަން ދަންނަވާލަން.
މި ދަތުރުގައި، މިދިޔަ ހުރިހާ ރަށެއްގައި މިކަން ފާހަގަވެ، އަދި އަޅުގަނޑު އެ ވާހަކަ ދައްކަން ވިސްނައިގެން ހުރި މައުޟޫޢެއް މިއީ. މި ވާހަކަ ދައްކަން ނިންމައިގެން ހުއްޓާ، މި ރަށުގެ ކުޑަކުދިންގެ ފަރާތުން އަޅުގަނޑަށް ލިބުނު މެސެޖެއް އަޅުގަނޑު ކިޔާލާނަން. އަޅުގަނޑު އަތަށް ލިބުނު މެސެޖެއް. ހަމަ އޮތްގޮތަށް ކިޔާލާނަން. "ކޮއްކޮމެން ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗްގައިވެސް، ރެސްޓޯރެންޓްގައިވެސް، މަގުމަތީގައިވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން." ވަރަށް ރީތިކޮށް ކުރަހާފައި އޮތް ކުރެހުމަކާ އެކީގައި، ކުޑަކުދިން އަޅުގަނޑަށް ދިން މެސެޖެއް. ވަރަށް ނިޔަނެތިކޮށް، ވަރަށް ސާދާކޮށް މިއޮތީ، އަޅުގަނޑު މި ދަންނަވާ ވާހަކަ. އަޅުގަނޑުމެން އަމިއްލައަށް، އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް ކޮންކަމެއްތޯ މި އޮޅުވާލަން މަސައްކަތްކުރަނީ، މީގެތެރެއިން ވިސްނަން މިޖެހެނީ.
އެހެންވީމާ، ލޯކަލް ޓޫރިޒަމް ކުރިއަށްގެންދާއިރުގައި، އަޅުގަނޑުމެންގެ މި އިންތައް ހިފަހައްޓަން ވަރަށް ވިސްނަންޖެހޭނެ. އަޅުގަނޑުމެންގެ ޢަޤީދާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ބުނެދޭ ހަމަތަކުގެ މަތިން، މުއްސަނދިކަން ހޯދަން މަސައްކަތްކުރީމަ، اللهُ سُبْحَانَهُ وَتَعَالَى އެކަމުގައި ބަރަކާތް ލައްވާނެ. ކައިރީގައި އޮންނަ ސަފާރީއެއްގައި، ރަށުގެ އިޚްތިޞާޞް މިންކޮށްފައި، 700 މީޓަރު އެޅޭ ހިސާބުން ބޭރުގައި، އެއް ފޫޓު ބޭރުގައި ސަފާރީއެއް ބާއްވައިގެން، އެއަށް ސިއްރުސިއްރުން ގެސްޓުން ގެންގޮސްގެން، ރާ ވިއްކައި، ރާ ދީ ހަދައިގެން، އަނެއްކާ އަނބުރާ ރަށަށްގެނެސް، މިކަހަލަ ކަންތައްވެސް އެބަކުރޭ. މި އަތޮޅު އެކަންޏެއްނޫން. އެހެން ބައެއް އަތޮޅުތަކުގައި، ބައެއް ރަށްރަށުގައިވެސް ލޯކަލް ޓޫރިޒަމްގައި މަސައްކަތްކުރާ ފަރާތްތަކުން މިކަން ކުރަނީ މިހެން. މި ކާކަށްތޯ އޮޅުވާލަން މި މަސައްކަތް ކުރަނީ. ގައިމުވެސް ހެއްދެވި ފަރާތަށް ހުރިހާ ކަމެއް ވަރަށް ސާފު. އެނގިވޮޑިގެންވޭ. އަޅުގަނޑުމެން ކޮން މުއްސަނދިކަމެއްތޯ މި ހޯދަނީ، އެކަލާނގެ ނުރުއްސަވާ މަގަކުން؟ ކޮން ބަރަކާތެއްތޯ އޭގައި އޮންނާނީ؟ ކޮން ޝޯޓްކަޓެއްތޯ ނަގަން މަސައްކަތް މި ކުރަނީ؟ މިވަގުތުކަމެއްނޭނގެ، އަޅުގަނޑުމެން މި ދުނިޔެ ދޫކުރާނީ. މާދަމާ މިކަންކަން އިޞްލާޙުކުރާނެ ވަގުތު އޮންނާނެތޯ؟
އެހެންވީމާ، އަޅުގަނޑުމެންނަށް މި ލިބޭ ފުރުޞަތުތަކުގެ ބޭނުންހިފަންޖެހޭނީ، އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް އިޚްލާޞްތެރިކަންމަތީގައި ތިބެގެން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ތިބި ބައެއްކަން ގަބޫލުކޮށްގެން، އަޅުގަނޑުމެންގެ އައިޑެންޓިޓީގެ މަތިން އަބަދު ހަނދާންކޮށްގެން. އެއީ، އަޅުގަނޑު އަބަދުވެސް މި ދައްކާ ވާހަކައަކީ. މި ސިކުނޑި ތަރައްޤީނުވަންޏާ، ކިތަންމެ ގިނަ އިމާރާތްތަކެއް އެޅިޔަސް، މަގުތައް ހެދިޔަސް، ބީޗްތައް ހެދިޔަސް، ސްލިޕްވޭ ހެދިޔަސް، ބަނދަރު ހެދިޔަސް، އެއްކަމެއް ކުރިޔަސް، ކުރާނެ ފައިދާއެއް ނޯންނާނެ. އެއްވެސް ފައިދާއެއް ނޯންނާނެ. ކުޑަހިނދުކޮޅަކު އުޅޭނެ ދުނިޔެއެއް މިއީ. ދާންއޮތް މަންޒިލް އަޅުގަނޑުމެން ރައްކާތެރިނުކުރަންޏާ، ކަށަވަރުނުކުރަންޏާ، އަޅުގަނޑުމެންނަށްވުރެ މޮޔަ ބަޔަކު އެބަތިބިތޯ؟ އެހެންވީމާ، މުއްސަނދިކަން ހޯދާއިރުގައި، ނޫނީވިއްޔާ ކަމަކަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރުގައި، އެ ކުރެވޭ މަސައްކަތް އެ ކުރެވެނީ، ރަނގަޅު މަގުގައިތޯ އަޅުގަނޑުމެން ބަލަންޖެހޭނެ.
އެހެންވީމާ، މިކަމުގައި މި ރަށުގެ ރައްޔިތުން އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންވެސް، މި އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން އަޅުގަނޑު އެދެން، ވަރަށް އިޚްލާޞްތެރިކަމާއެކީގައި، އަމިއްލަ ނަފުސަށް ތެދުވެރިވެވަޑައިގަތުމަށް. މިއީ، އެހެން މީހަކަށް ކޮށްދޭ ކަމެއް ނޫން. އަމިއްލަ ނަފުސަށް ކޮށްދޭ ކަމެއް. އެހެންވީމާ، ރީތި ހަމަތަކުގެ މަތިން، އިސްލާމްދީނުގައި ވާގޮތަށް، މި އިންޑަސްޓްރީގައި، މި ވިޔަފާރީގައި ބާރުމިނުގައި ކުރިއަށްދާންވީ. މި ސަރުކާރު އޮންނާނީ ފުރިހަމައަށް ތިޔަބޭފުޅުންނާ އެކީގައި. އަޅުގަނޑު ގަބޫލުކުރާ ހަމައަކީ، އަދި ހަމަ ޔަޤީން، އަޅުގަނޑުމެން ހުރިހާ އެންމެންވެސް ގަބޫލުކުރާނެ ހަމައަކީ، މި ދެންނެވި ގޮތް. އެހެންވީމާ، އެގޮތުގައި ކުރިއަށް ދިޔުމަށް ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ނަސޭހަތްތެރިވަން، އިލްތިމާސްކުރަން.
އަދިވެސް އެއްފަހަރު، ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ދެއްވާ އެއްބާރުލެއްވުމާއި، އަޅުގަނޑުމެންނަށް ތިޔަ ދެއްވާ މެހްމާންދާރީއާ، މި ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ ކަމެއްގައި، އަޅުގަނޑުމެން ދާނީ ވަރަށް އިސްކަންދީގެން، ތިޔަބޭފުޅުންނާ އެކީގައި ކުރިއަށް. މިތަނުގައި މިއަދު މި ސޮއިކުރި އެއްބަސްވުންތަކާއި، މާދަމާ މި ފަށާ ކަންކަމާއި، އޭގެއިތުރަށް ދެންހުރި ކަންކަމާއެކީގައި އަޅުގަނޑުމެން ދާނީ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނާ އެކީގައި ކުރިއަށް. ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންނާ ގާތުން، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރުން އެއީ، އަޅުގަނޑުމެންގެ ޢަޒުމް. އަޅުގަނޑުމެންގެ ފަލްސަފާ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި، اللهُ سُبْحَانَهُ وَتَعَالَى ލެއްވުން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުން. ޙަލާލު ގޮތުގައި ކަންކަން ކުރާ ބައެއް ގޮތުގައި އަޅުގަނޑުމެން ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.