بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ރަސްދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލަރުން، ރަށުގެ މުއައްސަސާތަކުގެ އިސްވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން ބައްލަވާ، އަދި އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި ރަށަށް އަޅުގަނޑުމެންނަށް އާދެވުމުން، ތިޔަބޭފުޅުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ރަސްދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިއަދު އަޅުގަނޑުމެން އިރާދަކުރެއްވީތީ، މި ފެށި މަޝްރޫޢުތަކަކީ، މި ރަށުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު މަޝްރޫޢުތަކެއް. އެ މަޝްރޫޢުތައް އަޅުގަނޑުމެން ވަރަށް އިސްކަންދީގެން، ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދާނަން. ގެންގޮސް ނިންމައި، އިރާދަކުރެއްވިއްޔާ އޭގެ ފުރިހަމަ ނަފާ، ތިޔަބޭފުޅުންނަށް ލިއްބައިދޭނަން. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. އެއީ، މި ރަށުގެ ތަރައްޤީއަށްޓަކައި، ކޮންމެހެން ކުރަންޖެހިފައިވާ ކަންތައްތައް. އެ މަޝްރޫޢުތަކުގެ ސަބަބުން ރަށަށް ވަރަށް ގިނަ ކުރިއެރުންތައް ލިބޭނެ ކަންތައްތައް. އަދި ރިޔާސީ އިންތިޚާބުގައާއި، އޭގެފަހުންވެސް އަޅުގަނޑު ވެފައިހުރި ވަރަށް ގިނަ ވަޢުދުތައް އޭގެތެރެއިން ހާސިލުކުރެވިގެންދާ މަޝްރޫޢުތަކެއް އަދި ޚިދުމަތްތަކެއް.
މީގެ އިތުރަށްވެސް މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢުތައް ޚާއްޞަކޮށް، ބަނދަރުގެ މަޝްރޫޢު. މިއީ މި ރަށުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރިއަށްގެންދަންޖެހޭ މުހިންމު މަޝްރޫޢެއް. އެ މަޝްރޫޢުގެ ކަންތައް މިހާރު ޢަމަލީގޮތުން ފެށިގެން އެދަނީ. މި މައްސަލަ، ބަނދަރަށް މި ދިމާވެފައިވާ ބޮޑު މައްސަލަ ޙައްލުކުރުމަކީ، މި ރަށުގައި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަންތައް.
އިރާދަކުރެއްވިއްޔާ ފަންނީ ކަންކަމަށާއި، އިންޖިނިއަރިންގގެ ކަންކަމަށް ބަލައިގެން ދާއިމީގޮތެއްގައި، އެ މައްސަލައަށް އެންމެ ރަނގަޅު ޙައްލެއް ލިބޭނެގޮތަށް، އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން. މިހާރު އެ ފެށިގެންދާގޮތަށް، އަޅުގަނޑުމެން ހުއްޓާނުލައި ކުރިއަށްގެންދާނަން. ގެންގޮސް އިރާދަކުރެއްވިއްޔާ، ބަނދަރުގެ މި ދަތިކަމުގެ މައްސަލަ ދާއިމީކޮށް ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޙައްލުކޮށްދޭނަން.
ހަމައެއާއެކީގައި، މި ތަނުގައި އަޅުގަނޑުމެން ސޮއިކުރި މަގުހެދުމުގެ މަޝްރޫޢަކީވެސް، ރައްޔިތުން އެދޭގޮތަށް އަޅުގަނޑުމެން ކުރިއަށްގެންދާނެ މަޝްރޫޢެއް. ރައްޔިތުން އެދޭ ކޮންސެޕްޓަކަށް އެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށްގެންދާނީ. ތާރު ނާޅައި، ގާ ނާތުރައި، ފެން ހިނދޭ ނިޒާމު ޤާއިމުކޮށްފައި އޮންނަގޮތަށް ވެލިމަގު ކަމުގައިވަންޏާ، އެގޮތަށް. ނުވަތަ މި ދެންނެވި ދެގޮތުންކުރެ ގޮތެއްވިއްޔާ، އެގޮތަށް. ރައްޔިތުން އެދޭގޮތަށް ކުރާ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. އެހެންވީމާ، މަގުހެދުމުގެ މަޝްރޫޢުވެސް ކުރިއަށްގެންދާނީ މި ރަށުގެ ތަރައްޤީއަށް، ރައްޔިތުންނަށް އެންމެ ބޭނުންވާގޮތަށް.
ހަމައެއާއެކީގައި، އަޅުގަނޑުމެން މިއަދު މި ސޮއިކުރި ސްކޫލް މަޝްރޫޢަކީވެސް މިހާރު ހިނގަމުންދާ މަޝްރޫޢުގެ އިތުރަށް، ރަށަށް ކޮންމެހެން ބޭނުންވެފައިވާ މަޝްރޫޢެއް. މި މަޝްރޫޢުގެ ތެރޭގައި، ސްކިލް ލެބާއި، ކޮމްޕިއުޓަރ ލެބް، ޕްރެޔަރ ރޫމް، އަދި ލައިބްރަރީ ހިމެނިގެންދާނެ. އެހެންވީމާ، މި ވަސީލަތްތައް ސްކޫލަށް އިތުރުވެގެންދާނެ. މަލްޓި-ޕަރޕަސް ހޯލާއި، އަދި ސްކޫލަށް އެ ޢިމާރާތުން އިތުރުވާ ޖާގައިގެ އިތުރަށް، މި ދެންނެވި ޖާގަތައް މި ސްކޫލް މަޝްރޫޢުންވެސް އިތުރުވެގެން އެބަދޭ.
އާދެ، އޭގެއިތުރަށް، ރަށުގެ ޓޫރިޒަމް، ލޯކަލް ޓޫރިޒަމަށް އަދި ޖުމްލަކޮށް ރައްޔިތުންގެ ބޭނުންތަކަށްވެސް، ބޭނުންކުރަން އޮތް ފިނޮޅު، މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ތަރައްޤީކޮށްދިނުން، ނޫނީވިއްޔާ ހިމާޔަތްކޮށްދީ، އެ ފިނޮޅަކީ ތިޔަބޭފުޅުންނަށް ބޭނުންކުރެވޭގޮތަށް އޮންނަ ތަނަކަށް ހަދައިދިނުމަކީ، އަޅުގަނޑު ވެފައި އޮތް ވަޢުދެއް. އަދި ތިޔަބޭފުޅުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. އެހެންވީމާ، މި މަޝްރޫޢަކީވެސް އަޅުގަނޑުމެން ވަރަށް އިސްކަންދީގެން، އެތަނުގައި ވަށައިގެން ޖިއޯ ބޭގްސް ޖަހައި، އެތަނަށް ވެލިއަރާގޮތަށް ތަރައްޤީކޮށްދީ، ތިޔަބޭފުޅުން ލޯކަލް ޓޫރިޒަމްގެ ބޭނުމާއި، ޕިކްނިކްދިޔުމާއި، މި ހުރިހާ ކަމަކަށް ބޭނުންކުރެވޭގޮތަށް، ވަރަށް އިސްކަންދީގެން، ހައި ޕްރިއޮރިޓީ މަޝްރޫޢެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ، އެ ފިނޮޅުގެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން.
އޭގެއިތުރަށްވެސް، މި ރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ފަޅުތެރެއިން ކަނޑައަޅާފައި އޮތް 200 ހެކްޓަރުގެ ތެރޭގައި، އަޅުގަނޑުމެން ވާނެ ޤަރާރަކުން ކަނޑައަޅާފައި 200 ހެކްޓަރު. އެ ފަޅުގެ ތެރޭގައި، އަޅުގަނޑު ކުރިން ވަޢުދުވެފައި ވާނެ، ރަށަށް ބޭނުންވާނެ ބިން ހިއްކައިދީ، ރަށަށް ބޭނުންވާ އެކިކަހަލަ ކަންކަމާއި، ގެދޮރުވެރިކަމާއި، ޞިނާޢީ އެހެން މަސައްކަތްތަކާ އެކީގައި ބޭނުންވާނެ ބިން ހިއްކައިދޭނެ ކަމަށް. އެ މަޝްރޫޢަކީ އިރާދަކުރެއްވިއްޔާ، ދެންމެ މި ދެންނެވި ދެ މަޝްރޫޢު، ބަނދަރުގެ މަޝްރޫޢާއި، މަޑިވަރު ފިނޮޅު ތިޔަބޭފުޅުންނަށްޓަކައި، ހިމާޔަތްކޮށްދީ، ތަރައްޤީކޮށްދިނުމުގެ މަޝްރޫޢުގެ އިތުރަށް، އެ މަޝްރޫޢުތައް ނިންމާފައި، މި ދެންނެވި ފަޅުން މި ރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ކަނޑައެޅި، 200 ހެކްޓަރުގެ ފަޅުގެ ތެރޭގައި، އިތުރު ބިން ހިއްކުމުގެ މަޝްރޫޢެއް އަޅުގަނޑުމެން ފަށާނަން.
އެހެންނަމަވެސް، އެ މަޝްރޫޢު ކުރިއަށްދާނީ، މި ދެންނެވި ދެ މަޝްރޫޢު ނިމުނީމާ. އެހެންވީމާ، މި ދެންނެވި ގޮތަށް، އަޅުގަނޑުމެން މިވަނީ ބޮޑެތި މަޝްރޫޢުތައް ތަރުތީބުކޮށްފައި. ހަމައެއާއެކީގައި، ދެންމެ މި ސޮއިކުރެވުނު ހުރިހާ މަޝްރޫޢުތައްވެސް، ބާރު ސްޕީޑްގައި ކުރިއަށްދިޔުމުން، މި ރަށުގެ ތަރައްޤީއަށްޓަކައި، ނުހަނު ގިނަ ކަންތައްތަކެއް ހަމަޖެހިގެންދިޔައީ. ކުޅިވަރުގެ ދާއިރާ، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، މި ހުރިހާ ދާއިރާއަކުން.
މި ދެންނެވި ކަންތައްތަކުގެ އިތުރަށްވެސް، ވަރަށް ގިނަ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމާފައި މިވަނީ. މިގޮތުން މިސްކިތެއް އަޅަންވެސް އަޅުގަނޑުމެން ކަނޑައަޅާފައި ވާނެ. މިސްކިތް އެޅުމަށްޓަކައި، އަޅުގަނޑުމެންނަށް ބިން ހަމަޖެހުނުހާ އަވަހަކަށް އެކަން ކުރިއަށްދާނެ. އިސްލާމިކް މިނިސްޓްރީން އެދުމުން ބިންދޭން ނިންމި. ދެންމެ އޮތް މީޓިންގއިން އެ ތަފްޞީލު އަޅުގަނޑުމެންނަށް ލިބިގެންދިޔަ. ދިން ބިމަކީ، ނޫނީވިއްޔާ ދޭން ހުށަހެޅި ބިމަކީ، އެތަނުގައި އިމާރާތެއް ހުރުމުގެ ސަބަބުންނާ އެކީގައި، ކައުންސިލުން އަގެއް ކަނޑައަޅާފައި، އެ އަގު ދައްކާފައި، އެ ބިން ލިބޭނެކަމަށް ވިދާޅުވި ބިމެއް. އެހެންވީމާ، ވަރަށް ބޮޑު އަގެއް ކިޔުއްވީ. ދެން އެއްވެސް އަގެއް ޙަޤީޤަތުގައި މިސްކިތެއް އަޅާކަށް، މިހާތާކަށް އެއްވެސް ރަށަކުންނެއް އަގުކިޔާފައި ބިމެއް ދީފައެއް ނެތް. އަދި އޭގެއިތުރަށް، މި ފަހުން އަޅުގަނޑުމެން ލާމަރުކަޒީ ޤާނޫނަށް މިގެނައި އިޞްލާޙުގެ ތެރެއިންވެސް، ރަށަށް ބޭނުންވާ މިކަހަލަ އަސާސީ ކަންކަމަކަށް، އަގުކިޔާފައި ބިމެއް ނުދެވޭނެ. ކުއްޔަށްވެސް އަދި ވިއްކާކަށްވެސް. އެއީ، ކުނި، ފެން، ކަރަންޓް، ނަރުދަމާ، ސްކޫލް، ހޮސްޕިޓަލް، މިސްކިތް، ޕޮލިސް، މިފަދަ އެއްވެސް ޚިދުމަތަކަށް، ކައުންސިލުން ބިންދޭއިރުގައި އެއީ، ރައްޔިތުންނަށް، ރަށުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ އަސާސީ ކަންކަމަށް ބިންދޭއިރަކު، އެ ބިމަކުންނެއް ކައުންސިލުން އާމްދަނީއެއް އަނެއްކާ ހޯދުން، އެއީކީއެއް ދެކޮޅުޖެހޭ ގޮތެއްނޫން. ހަމަޖެހޭގޮތެއްނޫން. އެހެންވީމާ، އަޅުގަނޑުމެން ވާނީ މި ފަހުން، އެންމެފަހުން ގެނައި އިޞްލާޙުގައި، މިކަން ސާފުކޮށް ބަޔާންކޮށްފައި. އެއީ، ބައެއް ކައުންސިލްތަކުން އެގޮތަށް ކަން ކުރަމުންދާތީ. އެހެންވީމާ، އެގޮތުންވެސް އެ ބިމަކަށް ކުއްޔެއް އަދި އަގެއްވެސް ނުނެގޭނެތީ، އަޅުގަނޑުމެން އެދެން، އެ ބިން، ނޫނީވިއްޔާ އެހެން ބިމެއްނަމަވެސް ހަމަޖައްސައިދެއްވަން. ހަމަޖައްސައިދެއްވިހާ އަވަހަކަށް އިތުރު މިސްކިތެއް، ޒަމާނީ އާ އިތުރު މިސްކިތެއް މި ރަށުގައި އެޅުމަށް އަޅުގަނޑުމެން ތައްޔާރުވެފައިވަނީ. އެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދާނެކަން، ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވަން.
އާދެ އޭގެއިތުރަށްވެސް، ރަށަށް، ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށްޓަކައި، ކައުންސިލަށް އާމްދަނީ އިތުރުކޮށްދިނުމަށްޓަކައި، އޭގެ ސަބަބުން، ރަށަށް، ކައުންސިލަށް، ރަށުގެ ރައްޔިތުންނަށް އެއިން އާމްދަނީ ހޯދަން ލިބޭ މަގެއްގެ ގޮތުގައި، މީގެ ވަރަށް ކުރީ ޒަމާނުން ފެށިގެން، ޕޮލިސް ސްޓޭޝަނަށް ވަރަށް ބޮޑު ބިމެއް މި ރަށުން ނަގާފައި އެބައޮވޭ. އެ ބިމުގެ އިރުދެކުނުން، 10,000 އަކަފޫޓު، އަޅުގަނޑުމެން އެ ޕޮލިސް ބިމުން ވަކިކޮށް، ކައުންސިލާ ހަވާލުކުރަން އަޅުގަނޑުމެން ނިންމައިފިން. އެއީ، ވަރަށް ރަނގަޅު ލޮކޭޝަނެއް. އެހެންވީމާ، ކައުންސިލުން އޮންނަ އުޞޫލަކުން އެ ލޮކޭޝަން ކުއްޔަށްދޭން އިޢުލާނުކުރިޔަސް، ޓޫރިޒަމްގެ ބޭނުމަށްވިޔަސް އަދި އެހެން ބޭނުމަކަށް އިޢުލާނުކުރިޔަސް، ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އޭރުން އެ ބިމުން ރައްޔިތުންނަށް ފައިދާވާ ކަންތައްތަކެއްވެސް ކޮށްދެވޭނެ. އަޅުގަނޑުމެން މަސައްކަތްކުރަނީ، ކައުންސިލްތައް ބާރުވެރިކުރުވަން. ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތްގޮތް އިތުރުކުރަން. އަދި ރައްޔިތުންނަށްވެސް، އިންޑިވިޖުއަލް ވަކިވަކި ފަރުދުންނަށްވެސް، އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކޮށްދޭން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންތައް އަޅުގަނޑުމެން އެގޮތަށް ކުރިއަށް ގެންގޮސްދޭނަން.
އާދެ، މި ކަންކަމައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން، ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާނަން. މި ދެންނެވި ގޮތަށް، ވަރަށް ހަލުވިކަމާއެކީގައި ހުރިހާ ވުޒާރާތަކުން، ހުރިހާ ކުންފުނިތަކުން އެކަންކަން ކުރިއަށް ގެންދާނެ.
އާދެ، އަޅުގަނޑު މިހާރު ދެވަނަފަހަރަށް މި ރަށަށް މިއައީ. މި ދެންނެވި، އަދި މި ފެށުނު، ސޮއިކުރެވުނު ގިނަ މަޝްރޫޢުތަކެއް، ވަރަށް ބާރު ސްޕީޑްގައި ގެންގޮސް ނިންމައި، އެ ނިންމުމުގައި ބައިވެރިވާން، އިރާދަކުރެއްވިއްޔާ ތިންވަނަ ފަހަރަށް ތިޔަބޭފުޅުން އަރިހަށް އައުމުގެ އުންމީދުގައި ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.