بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ތޮއްޑޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލުގެ ރައީސް، ކައުންސިލަރުން، މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސްރަށްވެހިން، ސްކޫލް ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، އަޑުއައްސަވާ، ބައްލަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ތޮއްޑޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ، ތޮއްޑޫގެ ތަރައްޤީއަށްޓަކައި ކުރަންހުރި، އަޅުގަނޑު ވަޢުދުވި، އަދި ރައްޔިތުން އުންމީދުކުރާ ކަންތައްތައް ފުރިހަމަކޮށްދިނުމަށް. އެގޮތުން، އިރާދަކުރެއްވީތީ މިއަދު އަޅުގަނޑުމެންނަށް މީގެތެރެއިން ބައެއް ކަންތައްތައް މިވަނީ ހާސިލުކުރެވިފައި. ފެށިފައި. އޭގެތެރޭގައި، މި ރަށުގައި ޔޫ.އެސް.ޑޮލަރުން މުޢާމަލާތް ކުރެވޭ، އޭ.ޓީ.އެމް.ގެ ޚިދުމަތް ދޭން މިއަދު މި ފެށުނީ. އަދި އޭގެއިތުރަށް، ބީ.އެމް.އެލް.ގެ ބްރާންޗެއްވެސް ޤާއިމުކުރުމަށްޓަކައި، އެ މަސައްކަތް މިއަދު ފެށިފައި މިވަނީ.

ހަމައެއާއެކީގައި، ފުލުހުންގެ މަރުކަޒެއް އެޅުމުގެ ޢަމަލީ މަސައްކަތާއި، ކައުންސިލް އިމާރާތް ބިނާކުރުމުގެ މަސައްކަތާއި، އަދި ތިން ކޯޓުގެ، އިންޑޯރ ބެޑްމިންޓަން ހޯލެއް ބިނާކުރުމުގެ މަސައްކަތްވެސް މިއަދު މި ރަށުގައި އަޅުގަނޑުމެންނަށް މިވަނީ ފެށިފައި. މި އުފާވެރި މުނާސަބަތުގައި، މި ރަށުގެ ހުރިހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވަން.

މި ހުރިހާ މަސައްކަތްތަކެއް، އަދި ދެންމެ އަޅުގަނޑުމެން މި ސޮއިކުރި އެހާމެ މުހިންމު ދެ މަޝްރޫޢުވެސް ހިމެނޭގޮތަށް. އެއީ ފާލަމުގެ މަޝްރޫޢާއި، އަދި ސްކޫލަށް ނުހަނު ބޭނުންވެފައިވާ ކްލާސްރޫމްތަކާއި، ސައިންސް ލެބާއި، ސްޓާފްރޫމް ހިމެނޭ މަޝްރޫޢާ. މި ހުރިހާ މަޝްރޫޢެއް އިރާދަކުރެއްވީތީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކުން، ވަރަށް ސަމާލުކަންދީގެން، ވަރަށް އިސްކަންދީގެން، ވަރަށްގާތުން ބަލައިގެން، ވަރަށް ބާރު ސްޕީޑްގައި ގެންގޮސް ނިންމައިދޭނަން. އެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

ހަމައެއާއެކުގައި، ކުރިއަށްދާ ޞިއްޙީ މަރުކަޒުގެ މަޝްރޫޢުގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. މި ރަށަކީ ޞިއްޙީ މަރުކަޒުތަކުގެ ގްރޭޑްތަކުގެ ތެރެއިން އެންމެ މަތީ ގްރޭޑުގެ މަރުކަޒެއްގެ މަސައްކަތް ފެށިފައިވާ ރަށެއް. 30 އެނދުގެ ޞިއްޙީ މަރުކަޒެއްގެ މަޝްރޫޢު މިދަނީ ކުރިއަށް. އަދި ޢަމަލީގޮތުން މާގިނަ މަސައްކަތްތަކެއް ނުހިންގިޔަސް، މިހާރު ފައިސާގެ އެޑްވާންސް ޕޭމަންޓްގެ ހުރިހާ ކަމެއް ނިމި، ޢަމަލީގޮތުން ފެށުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި އެވަނީ. މި މަޝްރޫޢުގެ ތެރެއިން، ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ހަވާލުކޮށްފައިވާ ޑިޒައިންގެ ތެރޭގައި ހިމެނޭ ޖާގަތަކުގެ ތެރޭގައި، މި 30 އެނދުގެ މަޝްރޫޢު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި، އައި.ސީ.ޔޫ.ވެސް ހިމެނުމުގެ ފުރުޞަތު އޮތްކަން، ހެލްތު މިނިސްޓްރީގެ ކަމާބެހޭ އެކްސްޕާޓުން އަޅުގަނޑަށް ޔަޤީންކަން ދެއްވާފައިވާތީ، މި މަޝްރޫޢު އަޅުގަނޑުމެން ކުރިއަށްގެންދާނީ، 30 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

ހަމައެއާއެކީގައި، ފަށާފައި އަޅުގަނޑުމެން އޮތް، އަދި ޢަމަލީގޮތުން ބާރު ސްޕީޑްގައި މަސައްކަތްތަކެއް އަދި ހިނގަމުންނުދާ، މަގުހެދުމުގެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ފެށުމަށްޓަކައި، މިހާރު ހުރިހާ ކަމެއް އެވަނީ ތައްޔާރުވެފައި. ރީތި ޑިޒައިނަކަށް، ގާ އަތުރައިގެން ހެދުމަށް ރަށުގެ ރައްޔިތުން ބޭނުންވާ، އަދި އަޅުގަނޑަށް ވަރަށްކަމުދާ ގޮތެއް އެއީ. މިހާ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށެއްގައި، ނިންމާފައިވާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށި، ބާރު ސްޕީޑްގައި، ދެފަރާތުގެ ސައިޑް ވަރކް ޕޭވްމަންޓް ހެދުމުގެ މަސައްކަތް ފެށިގެން އެދަނީ. ދެން ގާ އެތުރުމާ އެކީގައި ކުރިއަށްދާނެ. އެހެންވީމާ، އެ މަޝްރޫޢަކީވެސް އިރާދަކުރެއްވިއްޔާ ތޮއްޑޫގެ ތަރައްޤީއަށް، އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ މަޝްރޫޢެއް. އެކަންވެސް މިހާރު ގޮސްފައިވާ ހިސާބު އަޅުގަނޑު މި ދެންނެވީ. އެ މަޝްރޫޢު ބާރު ސްޕީޑްގައި ކުރިއަށްދާނެ.

ހަމައެއާއެކީގައި، އަޅުގަނޑު ފާހަގަކޮށްލަން، ކުޅިވަރުގެ ދާއިރާއިން، ފުޓްބޯޅަ ދަނޑުގައި، ރޭގަނޑު ކުޅުމަށްޓަކައި ލައިޓްޖެހުން، އަލިކުރުން އެއީ، އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަމެއް. އެހެންވީމާ، އެކަމާ އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒެއް ޤާއިމުކުރުމާއި، އައުޓްޑޯރ ޖިމް ޤާއިމުކުރުމާއި، މި ތިން މަޝްރޫޢުވެސް އެކުއެކީގައި މި ރަށުގައި، މި އަހަރުގެ ތެރޭގައި ކުރިއަށްދާނެ. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، ހަމައެއާއެކީގައި، މި ރަށަކީ ދަނޑުވެރިކަމުގެ ދާއިރާގެ ޚާއްޞަ ރަށެއް. އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް ދަނޑުވެރިކަން ތަރައްޤީކުރުމަކީ. އެހެންވީމާ، ހަޔަރ އެޑިޔުކޭޝަން ސިޔާސަތުގެ ތެރެއިން، އެމް.އެން.ޔޫ.ގައި ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސް އުފައްދައި، އެ ފެކަލްޓީގެ އިމާރާތް ޤާއިމުކޮށް، ފެކަލްޓީ ހިންގާނީ މި ރަށުގައި ކަމަށް އަޅުގަނޑު ވާނީ ނިންމާފައި.

އެހެންވީމާ، އެ މަޝްރޫޢު ވަރަށް އަވަހަށް ފެށޭނެ. އެމް.އެން.ޔޫ.ގެ މި ދެންނެވި ފެކަލްޓީ މި ރަށުގައި ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް. މިކަން ވެގެންދާނީ، އެތައް ގޮތަކުން ރަށަށް ކުރިއެރުން ލިބޭނެ ކަމަކަށް. ތަޢުލީމީގޮތުން، އެ ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިން މި ރަށަށް އައިސް، ތަޢުލީމު ހާސިލުކުރުމާއި، އަދި އޭގެތެރެއިން ސީދާ އަދި ނުސީދާ އެތައް ފައިދާއެއް ރަށަށް ލިބޭނެ. އިރާދަކުރެއްވިއްޔާ އެ މަޝްރޫޢުވެސް އޮތީ ތަރުތީބުވެފައި. މާގިނަދުވަސްތަކެއްނުވެ، ޢަމަލީ މަސައްކަތް ފެށޭނެ. އެހެންވީމާ، އެކަންވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން.

އާދެ، މި ދެންނެވި ކަންކަމުގެ އިތުރަށް، އަޅުގަނޑު ދަންނަވާލަން ބޭނުން. އަޅުގަނޑުމެން ވަރަށް އިސްކަމެއްދެން، އެ ރަށެއްގެ ރައްޔިތުން ކުރާ އިޤްތިޞާދީ މަސައްކަތްތައް ކުރިއެރުވުމަށް. ބައެއް ރަށްރަށުގައި ކުރިއަށްދަނީ މަސްވެރިކަން. ބައެއް ރަށްރަށުގައި ކުރިއަށްދަނީ ދަނޑުވެރިކަން. ބައެއް ރަށްރަށުގައި ކުރިއަށްދަނީ ޓޫރިޒަމް. މި ރަށަކީ، މީގެ ގިނަ ކަންތައްތައް ކުރިއަށްދާ ރަށެއް. ކޮންމެ ދާއިރާއަކުންވެސް، ދަނޑުވެރިކަމާއި، ޓޫރިޒަމްގެ ދާއިރާއިން ޚާއްޞަކޮށް ވަރަށް ކުރިއަރާފައިވާ ރަށެއް. ޓޫރިޒަމަށް ބަލާއިރު، ލޯކަލް ޓޫރިޒަމްގެ ތެރެއިން، އަށްޑިހަވަރަކަށް ވިޔަފާރި ހިނގާ. އެތައް ރޫމެއް، އެތައް އެނދެއް އެބަހުރި މިހާރުވެސް. އަދި ކުރިއަށްވެސް އޮތީ. އަދި މި ހިންގޭ މަޝްރޫޢުތަކުގެ ތެރެއިން، މިއަދު ހުޅުވުނު ޑޮލަރު އޭ.ޓީ.އެމް.ގެ ސަބަބުންނާއި، އަދި މި ފެށިގެންދާ މަޝްރޫޢުތަކުން މަގުހެދުމާ، މިހެންގޮސް މި ހުރިހާ ކަމެއްގެ ތެރެއިންވެސް، ރަށަށް ލިބޭނީ، ރައްޔިތުންނަށް ލިބޭނީ އެއިން ޔަޤީންނުންވެސް އިރާދަކުރެއްވިއްޔާ ކުރިއެރުން.

އެކަމަށް އިތުރަށް ކޮށްދެވެންހުރި ހުރިހާ ކަމެއްވިއްޔާވެސް އެއީ، އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު، އެކަންކަން ކޮށްދިނުން. އެގޮތުން، އިރާދަކުރެއްވިއްޔާ މި ރަށަށް ޚާއްޞަ ސީޕްލޭން ޕްލެޓްފޯމް ޤާއިމުކޮށްދީ، އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވެ، މި އަންނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން، ޝެޑިއުލް ސީޕްލޭން ފްލައިޓްތައް މި ރަށަށް ފަށާނަން. އެކަމުގެ ސަބަބުން ޚާއްޞަކޮށް، ކަނޑުގަދަވާ ދުވަސްތަކަށް، ޓޫރިޒަމްގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ދިމާވާ ކަންބޮޑުވުމާއި ދަތިތަކަށް ޚާއްޞަކޮށް، އަދި ޖުމްލަކޮށް ރައުންޑް ދި އިޔަރ، އޭގެ ފަސޭހަކަން ލިބިގެންދާނެ.

އާދެ، މިކަންކަން މިގޮތަށް ތަރުތީބުވެގެން ދިޔުމުން، އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށް، ވަރަށް ގިނަ ކަންތައްތައް ފަހިވެގެން އެދަނީ. އާދެ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި އަދި މި ރަށަށް އެކި ގޮތްގޮތުން، އެކި ފަހަރުމަތިން ވެފައިހުރި ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް، މީގެތެރޭގައި ހިމެނިގެން މިދަނީ. މިއަދު ފެށުނު މަޝްރޫޢުތަކާއި، ސޮއިކުރެވުނު މަޝްރޫޢުތަކާއި، މި ދެންނެވި ކަންކަމާއެކީގައި، އޭގެއިތުރަށްވެސް ކަންކަން ކުރިއަށްދާނެ.

ހޭންޑްބޯލްއަކީ އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ކަމެއް. ވަރަށް ފުޅާކުރަން ސަރުކާރުން އިސްކަންދޭ ކުޅިވަރެއް. މި އަންނަ އަހަރު، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހޭންޑްބޯލް ކުޅިވަރު ކުރިއެރުވުމުގެ ބިޔަ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަން ނިންމާފައި މިއޮތީ. ބިޔަ ބޮޑު މަޝްރޫޢެކޭ މި ދެންނެވީ، ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ކޯޓު ޤާއިމުކުރުން، ދެ އަހަރަށް ބަހާލައިގެން. 2026، 2027 ދެ އަހަރު ތެރޭގައި. އެ މަޝްރޫޢު ބަޖެޓް ކުރެވިގެންދާއިރުގައި، އިރާދަކުރެއްވިއްޔާ މި ރަށުގައިވެސް ހޭންޑްބޯލް ކޯޓު އަޅުގަނޑުމެން ޤާއިމުކޮށްދޭނަން.

އާދެ، ހަމަ މި ދެންނެވި ފަދައިން، ގިނަ މަޝްރޫޢުތަކެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެހެންވީމާ، ތޮއްޑޫގެ ތަރައްޤީއަށްޓަކައި، ސަރުކާރުން ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންތައްތައް ގެންގޮސްދޭނަން. އެގޮތަށް މަސައްކަތް ކުރުމުގައި އަޅުގަނޑުމެން މިތިބީ، ތިޔަބޭފުޅުންނާ އެކީގައި ފުރިހަމައަށް ބައިވެރިވެގެން. ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެން ދޭނަން.

ސްޕޯޓްސް ބޮއިއެއް ޤާއިމުކުރުމަކީ، ކުރިން އޮތް، އެތައް ދުވަހެއް ނެތިގޮސްފައިވާ އެއްޗެއް. ފިޝަރީޒް މިނިސްޓްރީއާ ވާހަކަދައްކައިގެން، އެކަންވެސް ވީ އެންމެ އަވަހަކަށް އަލުން ރީ-އިންސްޓޯލް ކުރުމަށް މަސައްކަތް ކޮށްދޭނަން. އެކަންވެސް ވީ އެންމެ އަވަހަށް ކޮށްދިނުމަކީ، އަޅުގަނޑުމެން ކުރާނެ ކަމެއް. ސީދާ ތާރީޚު އަޅުގަނޑަށް މި ގަޑީގައި ނުދެންނެވުނަސް، އެކަންވެސް އޮތީ އިރާދަކުރެއްވިއްޔާ ކުރާގޮތަށް. އެހެންވީމާ، އެކަންވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން. އޭގެ ސަބަބުންވެސް ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ތިޔަ މަސައްކަތަށް ލިބިގެންދާނީ ކުރިއެރުން. އެކަމުގެ އިންތިޒާރުގައި ތިއްބެވުމަށް އަޅުގަނޑު އެދެން. އެކަން ވަރަށް އަވަހަށް ކޮށްދޭނެ ކަމަށް އަޅުގަނޑު ދަންނަވަން.

އާދެ އެހެންވީމާ، ޖުމްލަކޮށް މި ރަށުގެ ތަރައްޤީއަށްޓަކައި، ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމުގައި، މި ދެންނެވި ގޮތަށް ކަންކަން ކުރިއަށްދާނެ. އޭގެ ނަތީޖާ ވަރަށް ފުރިހަމަވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، ރައްޔިތުންނާ ގާތުން، ރައްޔިތުން އެދޭ ކަންކަން، މި ދެންނެވި ގޮތަށް އޮޅުންފިލުވައިގެން، އެގޮތަށް. މީގެތެރެއިން ގިނަ ކަންތައްތަކެއް ނިންމައިލެވި، އެ ނިންމުން ނިމޭ ކަންކަމުގެ އުފަލުގައި ބައިވެރިވުމުގެ އުންމީދުގައި، އަނެއްކާވެސް ތިޔަބޭފުޅުން އަރިހަށް އައުމުގެ އުންމީދުގައި، އަޅުގަނޑު މިއަދު ދެން ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމުގައި، އަޅުގަނޑުމެންނަށް ކާމިޔާބީ މިންވަރު ކުރެއްވުން. އުފާ ފާގަތިކަން މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.