بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ބޮޑުފޮޅުދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން، ޚިދުމަތްތެރި އިސްރަށްވެހިން، ސްކޫލް ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއިގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދު މި ހެނދުނު އަޅުގަނޑުމެން އައި ވަގުތު ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ބޮޑުފޮޅުދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މި ރަށުގެ ތަރައްޤީއަށް މި ރަށުގެ ރައްޔިތުންނަށްޓަކައި ކުރަންހުރި ކަންކަން ކޮށްދިނުމަކީ، އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބު. އެގޮތުން މިއަދާ ހަމައަށް އައިއިރުގައި، ބައެއް ކަންކަން އަޅުގަނޑުމެން ފުރިހަމަވެސް ކޮށްފިން. އަދި މިއަދު މި ސޮއިކުރެވުނު އެއްބަސްވުމަކީވެސް މީގެތެރެއިން މުހިންމު ކަމެއް. މި އެއްބަސްވުމުގެ ދަށުން، ސްކޫލަށް ބޭނުންވާ މަލްޓި ޕަރޕަސް ހޯލާއި، އަދި އެހެނިހެން އިންފްރާސްޓްރަކްޗަރ، ކްލާސްރޫމާއި، ޢުމްރާނީ އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމަށް ހަމަޖެހިގެން މިދަނީ. އިރާދަކުރެއްވިއްޔާ އޭގެ ސަބަބުން، ރަށުގައި ތަޢުލީމީ ފެންވަރު ރަނގަޅުކުރުމާއި، އަދި ސްކޫލްގެ ފެންވަރު މަތިކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. މިއަދު މި ސޮއިކުރެވިގެން، ވަރަށް އަވަހަށް، ދެންހުރި މަރުޙަލާތައް ނިންމައި، އެ މަޝްރޫޢު ޢަމަލީގޮތުން ފެށިގެންދާނެ. އެންމެ ގިނަވެގެން ތިންމަސް ދުވަހުގެ ތެރޭގައި، ޢަމަލީ މަސައްކަތް ފެށޭނެ. އެއަށްވުރެ މާއަވަހަށް އިރާދަކުރެއްވިއްޔާ ފެށޭތޯ ބަލާނަން.

އާދެ، އެ މަޝްރޫޢުގެ އިތުރަށްވެސް، އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަދި އަޅުގަނޑުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަންކަންވެސް އޭގެތެރޭގައި ހިމެނޭ.

އަޅުގަނޑުމެން ވާނީ މިހާރު ދިއްގާފަޅު މި ރަށާ ހަވާލުކޮށްފައި. އެއީވެސް އަޅުގަނޑު ކުރަން ނިންމި ކަމެއް. ދެންނެވި ކަމެއް. ކޮށްދޭން ނިންމައި، ހަވާލުކޮށްފައި އޮތް ތަނެއް. އޭގެ ބޭނުމަކީ، ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް، ރައްޔިތުންގެ އިޤްތިޞާދީ ކުރިއެރުން ހާސިލުކުރުމަށް މަގުފަހިކޮށްދިނުން. ކައުންސިލުން މިއަދު އޮތް ބައްދަލުވުމުގައި ވިދާޅުވި، އެކަމާ ގުޅޭ ޕްލޭންތަކާއި، ލިޔެކިޔުންތައް މިހާރު ނިންމައި ފޮނުވާފައިވާ ވާހަކަ. އަޅުގަނޑުމެން އެތަން ހަވާލުކުރީވެސް ރަށުގެ ތަރައްޤީއަށް، ރަށުގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި. އެއީ، ފަތުރުވެރިކަމުގެ ދާއިރާއިން އަދި އިޤްތިޞާދީ އެހެނިހެން ކުރިއެރުންތައް ހޯދުމަށް މަގުފަހިކޮށްދޭން. ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބޭނެ. ސަރުކާރުން ދޭންޖެހޭ ހުއްދައެއްވިއްޔާ، އަދި އެހެންކަމެއްވިޔަސް، ވަރަށް ފުރިހަމަކަމާއެކީ ލިބިގެންދާނެ. އެއީ، އެ ފަޅު ހަވާލުކުރީ އެ ބޭނުމުގައި. އެހެންވީމާ، ރައްޔިތުން ކުރައްވަންވީ ކަމަކީ، ވީހާވެސް އަވަހަކަށް، އެ ފަޅުގެ ފުރިހަމަ ބޭނުންހިފުމުގެ މަސައްކަތް ކުރައްވަންވީ. ސަރުކާރުން މިތިބީ ރައްޔިތުންނާ އެކީގައި. މިކަމުގައި އޭގެ ފުރިހަމަ ނަފާ ތިޔަބޭފުޅުން ފުރިހަމައަށް ހޯއްދެވުމުގައި ކޮށްދޭންޖެހޭ ކޮންމެ ކަމެއް އަޅުގަނޑުމެން ކޮށްދޭނަން. އެ ޔަޤީންކަން އަރުވަން.

ދެން، ބަލައިލާއިރުގައި، ބައެއް ކަންކަން އަޅުގަނޑު ފާހަގަކޮށްލާނަން. ހޭންޑްބޯލް ކޯޓުގެ މަސައްކަތް ޢަމަލީގޮތުން މި ފެށިގެންދަނީ. ޚާއްޞަކޮށް، އަންހެން ބޭފުޅުން ވަރަށް ކުޅުއްވާ ކުޅިވަރެއް. ޖުމްލަކޮށް، ފިރިހެން ބޭފުޅުންވެސް އަދި އަންހެން ބޭފުޅުންވެސް މިހާރު ވަރަށް ފޯރިއާއެކީގައި ރާއްޖޭގައި މި ކުޅިވަރު ކުޅުއްވާ. އަދި އަޅުގަނޑުމެން ވަރަށް ބޮޑަށް ތަރައްޤީކުރަންވެސް ބޭނުންވާ ކުޅިވަރެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ހޭންޑްބޯލް ކޯޓު ވެގެންދާނީ، މި ރަށުގެ ކުޅިވަރަށް، އަދި ޚާއްޞަކޮށް، އެ ކުޅިވަރު ކުޅުއްވާ އަންހެން ބޭފުޅުންނަށް ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަކަށް.

އޭގެއިތުރަށް ބަލައިލާއިރުގައި، ފުޓްބޯޅަ ދަނޑުގައި ލައިޓްޖަހައި، ރޭގަނޑު ކުޅެވޭގޮތް ހެދުމަކީ އަޅުގަނޑުމެންގެ ސިޔާސަތު. އަދި އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަމެއް. އެހެންވީމާ، އެމް.ޓީ.ސީ.ސީ.އިން ލައިޓްޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ.

އޭގެއިތުރަށްވެސް، އަޅުގަނޑުމެން މި ރަށުގައި މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މި އަންނަ އަހަރުގެ ކުރީކޮޅު، އިރާދަކުރެއްވިއްޔާ އާ ފުޓްސަލް ދަނޑެއް އަޅައިދިނުމުގެ ކަންތައްވެސް ކުރިއަށް ގެންދާނަން.

ދެން، ބަލައިލާއިރުގައި، މި ރަށާއި، އަދި މި އަތޮޅުގެ ވަރަށް ގިނަ ރަށްތަކުގައި، އެއް މައްސަލައެއް ދިމާވެފައި އޮތް ކަމެއް އެބައޮތް. އެއީ، ޒުވާނުންގެ މަރުކަޒު، ނޫނީވިއްޔާ އަޅުގަނޑުމެން ކިޔާގޮތުންވިއްޔާ، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު. ކުރިން އަޅާފައި ހުރި، ނޫނީވިއްޔާ މިދިޔަ ސަރުކާރުން އެކިއެކި ފަރާތްތަކާ ހަވާލުކޮށްގެން އަޅާފައި ހުރި އިމާރާތްތަކެއް އެބައުޅޭ. މި ރަށްވެސް އޭގެތެރޭގައި މި ހިމެނެނީ. އެ އިމާރާތް ނިމުނުއިރުގައިވެސް ހުރީ މަރާމާތުކުރަން ޖެހިފައި. ފެން ފައިބާ. ދެން ޑިޒައިންވެސް އެހާ ރަނގަޅެއްނޫން. އެހެންވީމާ، އެ މައްސަލަ އެބައޮތް މި ރަށުގައިވެސް.

އަޅުގަނޑުމެންނަށް މި މައްސަލަ ދިމާނުވާ ހުރިހާ ރަށެއްގައި މިދަނީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު، އާ މަރުކަޒުތައް އަޅަމުން. އަޅުގަނޑުމެން އިހަކަށްދުވަހު، މީގެ 2 ދުވަސް ކުރިން ސޮއިވެސް ކޮށްފައިވާނެ، 63 ރަށެއްގައި، ވަރަށް ޒަމާނީ ފެންވަރުގައި، ޒަމާނީ ޑިޒައިނަކަށް ހަމަ ޕާރޕަސް ބިލްޑް، އިންޑޯ ހުރިހާ ކުޅިވަރުތައް ކުޅެވޭ، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާ ކުޅިވަރުތައް ކުޅެވޭ މަރުކަޒުތައް ހަދަން. އެހެންނަމަވެސް، މި ރަށާއި އަދި މި އަތޮޅުގެ ދެތިންހަތަރު ރަށުގައި މިއޮތީ، އެކަން ކުރުމަށް ކުޑަކޮށް ދަތިތަކެއް ދިމާވާގޮތަށް. އެއީ، ކުރިންއަޅާފައި، އަދި ނިމިފައި ހުރި ތަނެއް އެބަހުރޭ. އެތަނުން ބޭނުންކުރެވޭގޮތް ވެފައިނުވާތީ.

އަޅުގަނޑުމެން، ވަރަށް މަސައްކަތް އެބަ ކުރަން، އެ ކޮންޓްރެކްޓަރ ލައްވައި، އެ މަރާމާތުތައް ރަނގަޅުކުރުވަން. އެއީ، ފައިސާދީ ނިންމާފައި ހުރި ތަންތަން. އެހެންވީމާ، ނިމިފައި ހުރި ތަނެއް ރަނގަޅުކޮށްގެން ބޭނުންކުރުން އެއީ، ފުރަތަމަ އިސްކަންދޭންޖެހޭނެ ގޮތް. އެގޮތަށްވެސް ނުވެއްޖިއްޔާ، ދެން އަޅުގަނޑުމެން އެހެން މަގެއް ހޯދަންޖެހޭނީ. އެހެންވީމާ، އެ މައްސަލަ މި ރަށަށް ދިމާވެފައި އޮތީ. މި އަތޮޅުގައި އެކަން ދިމާވެފައި އޮތީ. އަޅުގަނޑުމެން ވަރަށް އިސްކަންދީގެން، އެކަން ޙައްލުކުރުމަށް އެބަ މަސައްކަތްކުރަން. އޭގެއިތުރަށްވެސް، އަޅުގަނޑުމެން މަސައްކަތްކުރަމުން އެބަގެންދަން، މި ރަށުގައި ހަމަ ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރެވެންހުރި ކަންކަން ކުރިއަށް ގެންދިޔުމަށްވެސް.

އާދެ، އަޅުގަނޑު ދަންނަވަން، ސްޕޯޓްސް ކައުންސިލަރެއްވެސް މި ރަށަށް ބޭނުންވޭ. އެހެންވީމާ، އެކަމަށް މިނިސްޓްރީން ދޭންޖެހޭ ހުއްދަތައް ލިބޭނެ. އެއީ، ސިވިލް ސަރވިސް މަގާމެއްވީމާ، އެކަން އޮންނަ އުޞޫލުން ކުރިއަށްގެންދެވޭނެ.

އާދެ، ކުޅިވަރުގެ ދާއިރާގެ އިތުރަށް އަޅުގަނޑު ފާހަގަކޮށްލަން، މި ރަށުގެ ޢުމްރާނީ ތަރައްޤީގެ ވަރަށް މުހިންމު ކަމެއް، ބިން ހިއްކާފައި އޮތް ސަރަޙައްދުގެ މައްސަލަ. އާދެ، ހަތަރު ހެކްޓަރުގެ ބިން ހިއްކިފައި އެބަވޭ، މިދިޔަ ސަރުކާރު ނިމުނުއިރުގައި. އެމް.ޓީ.ސީ.ސީ.އިން އެ ހަތަރު ހެކްޓަރުގެ ބިން ހިއްކާފައިވަނީ. އެހެންނަމަވެސް، އެ ދިމާވި ކޮންމެވެސް ސަބަބަކާހުރެ އޮތީ ހަވާލުނުކުރެވި. އެ ޑިސްޕިއުޓް އޮތީ ޙައްލުނުކުރެވި. އެހެންވީމާ، އޭގެ ސަބަބުން އެ ބިމުގެ ބޭނުމެއްނުހިފޭ. އަދި އެތަން ހިމާޔަތް ކުރުމަކަށްވެސް ކަމެއް ނުކުރެވޭ. އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުވެސް އޮތީ އެކަމާ ގުޅިގެންނާ އެކީގައި މަޑުޖެހިފައި.

އެހެންވީމާ، އަޅުގަނޑުމެން އެކަމާ މެދުގައި ވިސްނާފައި، އެ ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެ ބިން، މިހާރު އޮތް ޑިސްޕިއުޓް ޙައްލުކޮށް، އެމް.ޓީ.ސީ.ސީ.އިން އެ ބިން މި ރަށާ ހަވާލުކުރުމަށް އަޅުގަނޑު މިހާރުވާނީ ނިންމާފައި. އިރާދަކުރެއްވިއްޔާ، އެ މައްސަލަ މިއަދުން ފެށިގެން ޙައްލުވެގެންދާނެ.

ނަތީޖާއެއްގެ ގޮތުން، ދެން އޮންނާނީ އެތަން ހިމާޔަތްކުރުމުގެ މަޝްރޫޢާއި، ދެން ޖުމްލަކޮށް މި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުން. އެ މަޝްރޫޢުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. ދެން މި އަހަރުގެ ޕްލޭންގެ ތެރޭގައި ބަޖެޓް ނުހިމެނޭ ބައެއްވީމާ، އަޅުގަނޑުމެން މި އަންނަ އަހަރަށް ބަޖެޓް ހަދާއިރުގައި އެ މަޝްރޫޢު ހިމަނައިގެން، އެކަން ކުރިއަށް ގެންދާނަން. އެހެންވީމާ، އެކަމުގެ އެއްވެސް ކަންބޮޑުވުމެއް، ތިޔަބޭފުޅުން ނުބޭއްވެވުން އަޅުގަނޑު އެދެން. އިރާދަކުރެއްވިއްޔާ، އެ މައްސަލަ އަޅުގަނޑުމެން ޙައްލުކޮށްދޭނަން.

އާދެ، އެންމެ މުހިންމު ކަމަކީ ގެދޮރުގެ މައްސަލަ، ހައުސިންގ. އެއީ، ޖުމްލަކޮށްވެސް މުޅި ރާއްޖޭގައި ހަމަ އެންމެ ބޮޑު މައްސަލަ. ޚާއްޞަކޮށް، ބައިބޯ ރަށްރަށުގައި، އަދި އާބާދީ ބޮޑެތި ރަށްތަކުގައި ގެދޮރުގެ މައްސަލައަކީ، އެންމެ މުހިންމު މައްސަލަ. މި ރަށުގައި ހައުސިންގ މަޝްރޫޢެއް މި އަހަރުގެ ބަޖެޓުގައި ހިމެނިފައެއް ނުއެއް އޮންނާނެ.

އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުވެސް އަޅުގަނޑުމެންގެ ބަޖެޓުގެ އެންމެ އިސްކަމެއްދޭ ދާއިރާއަކީ އެއީ. ގެދޮރުގެ މައްސަލަ ޙައްލުކުރުން. އަޅުގަނޑު ކަނޑައަޅާފައި އޮތްގޮތް. އަދި ކުރިންވެސް ވަރަށް ސާފުކޮށް އަޅުގަނޑު ބަޔާންކޮށްފައި އޮތް ސިޔާސަތު އެއީ. ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް މަޝްރޫޢުތަކުގެ ތެރެއިން، އެއް ދާއިރާއަކަށް އެންމެ އިސްކަންދޭނީ، ހައުސިންގ މަޝްރޫޢުތައް ހިންގުމަށް ކަމަށް.

އެހެންވީމާ، މި އަހަރު ކުރިއަށްގެންދަން ނިންމާފައި ހުރި މަޝްރޫޢުތައް، އިތުރަށް ފަށާ އާ މަޝްރޫޢުތަކުގެ ތެރޭގައިވެސް މި އަންނަ އަހަރުގެ ބަޖެޓުންވެސް އެންމެ އިސްކަން މިދެނީ، ގެދޮރުގެ މައްސަލައަށް. މި އަންނަ އަހަރުގެ ބަޖެޓުގައި މި ރަށުގެ ހައުސިންގ މައްސަލަ، ގެދޮރުގެ މައްސަލަ ޙައްލުކުރުމަށް، 50 ހައުސިންގ ޔުނިޓް އެޅުމަށް ކަނޑައަޅައި، ބަޖެޓުގައި އެ މަޝްރޫޢު ހިމަނާނަން. އަދި އިރާދަކުރެއްވިއްޔާ، އަހަރުގެ ކުރީކޮޅު ޢަމަލީގޮތުން މަސައްކަތް ފަށައިދޭނަން.

އެ މަޝްރޫޢު ނިމިގެންދިޔައިމާ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ވަރަށް ބޮޑުތަނުން ގެދޮރުގެ މައްސަލަ ޙައްލުވެގެންދާނެ. އަޅުގަނޑު ހިތުން އެންމެ މުހިންމު މައްސަލައަކީ އެ މައްސަލަ. ގެދޮރުގެ މައްސަލައަށް ޙައްލެއް އައުން. އިރާދަކުރެއްވިއްޔާ އެކަން ހަމަޖެހިގެންދާނެ.

ޞިއްޙީ ދާއިރާއަށް ބަލާއިރުގައިވެސް، އަޅުގަނޑުމެން ކުރިއަށްގެންދަން ނިންމާފައި މި އޮތް މަޝްރޫޢު، އެއީ، ޞިއްޙީ މަރުކަޒަށް އިތުރު ޖާގަ އިތުރުކޮށް، ވަސީލަތް ޤާއިމުކުރެވިގެންދާ ގޮތަށް، އިމާރާތްކުރަން ނިންމާފައިވާ މަޝްރޫޢު. އެ މަޝްރޫޢު ނިމިގެންދިޔުމުން، އިރާދަކުރެއްވިއްޔާ، މި ރަށުގައި ޞިއްޙީ ޚިދުމަތް ދިނުމަށްވެސް މިހާރު ދިމާވެފައިވާ ދަތިތައް ޙައްލުވެގެންދާނެ. އެހެންވީމާ، އެކަންވެސް އެއޮތީ އެގޮތަށް ކުރިއަށްގެންދަން އަޅުގަނޑުމެން ނިންމާފައި.

އާދެ، އިރާދަކުރެއްވިއްޔާ، މި ރަށުގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއްގައިވެސް މި ސަރުކާރުން މަސައްކަތްކުރަމުންދާނީ، ރައްޔިތުން އެދޭގޮތަށް މަސައްކަތް ކޮށްދެވޭތޯ. ވީ އެންމެ ފުރިހަމައަކަށް އެކަންކަން ކޮށްދެވޭތޯ މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އާދެ، ދެންވެސް ހުރި ދާއިރާތަކުން ހިންގަން ހުރި މަޝްރޫޢުތަކުގައި، އަޅުގަނޑު އެދެނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ. އަދި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން، ވީހާވެސް ރަނގަޅަކަށް މަޝްވަރާކޮށްގެން، ކަންކަން ކުރިއަށް ގެންދިޔުން. މި ސަރުކާރު މަސައްކަތް ކުރަމުންދާނީ ބޮޑުފޮޅުދޫގެ ރައްޔިތުންގެ ތަރައްޤީ، ރައްޔިތުން އެދޭގޮތަށް، ވީއެންމެ ފުރިހަމައަކަށް ގެންގޮސްދޭން.

އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.