بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މަތިވެރީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ކައުންސިލަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން، ޚިދުމަތްތެރި އިސްރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން ބައްލަވާ، އަދި އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އިރުއޮއްސުނު ވަގުތު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނީ. ތިޔަބޭފުޅުން ވަޑައިގެން، ރަށުގެ ރައްޔިތުން ނުކުމެވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، މަތިވެރީގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް އުފާކުރަން، ދެވަނަފަހަރަށް އަނެއްކާވެސް މި ރަށަށް އާދެވުނީމަ.
މި ދަތުރުގައި އަޅުގަނޑު އެންމެ ބޮޑަށް މި އުފާވަނީ، ކުރީ ދަތުރުގައި، ކޮށްދޭނެ ކަމަށް ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވުނު ބައެއް ކަންތައްތައް ކޮށް ނިންމާލެވުނީމާ. އެގޮތުން، ދެންމެ ތިޔަބޭފުޅުންނާ މި ހަވާލުކުރި ކާސާމިއާ އެއީ، އަޅުގަނޑު ދެކޭގޮތުގައި، މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ތަނަކަށްވޭ. އެހެންވީމާ، އެ މުނާސަބަތުގައި، މަތިވެރީގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވަން.
އަޅުގަނޑު ޔަޤީންކުރަން، ތިޔަބޭފުޅުން އެތަނުގެ ފުރިހަމަ ބޭނުންކުރައްވާނެ ކަމަށް. ސަރުކާރުން ފުރިހަމަ އެއްބާރުލުންދޭނަން. ތިޔަބޭފުޅުން ބޭނުންވާ ކޮންމެ ކަމެއްގައި، ބޭނުންވާ ކޮންމެ ވަގުތެއްގައި، އަޅުގަނޑުމެންގެ ކަމާބެހޭ ހުރިހާ ވުޒާރާތަކުން ދެއްވަންޖެހޭ ހުރިހާ އެއްބާރުލުމެއް، ހުރިހާ ކަމެއްގައި ލިބޭނެ. އެ ޔަޤީންކަން އަރުވަން.
ދެން، އަޅުގަނޑުމެން ކުރިން މި ސޮއިކުރީ، އަޅުގަނޑު ވީ އެންމެ މުހިންމު ވަޢުދު ފުއްދުމުގެ އެގްރީމަންޓްގައި. ރިޔާސީ އިންތިޚާބުގައި، އަދި ފަހުންވެސް އަޅުގަނޑު ވީ ވަޢުދެއް، އިރާދަކުރެއްވިއްޔާ މި ރަށަށް ބޭނުންވާ ބިން ހިއްކުމާއެކު، ރަށާ ގުޅިގެން، ރަށުގެ ފަޅުތެރޭގައި އެއަރޕޯޓެއް ތަރައްޤީކުރާނެ ކަމަށް. މިއަދު އަޅުގަނޑުމެން އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ މި ހަވާލުކުރީ، އެ ކުންފުނިން އިންވެސްޓް ކޮށްގެން، ތަރައްޤީކޮށް، އޮޕަރޭޓްކުރާ އެއަރޕޯޓެއް ގޮތުގައި ތަރައްޤީކުރުމަށް. މި ހަވާލުކުރި އެއަރޕޯޓުގެ މަޝްރޫޢަކީ، އެ ވަޢުދު ފުއްދުމަށްޓަކައި ހަވާލުކުރި މަޝްރޫޢެއް. މި މަޝްރޫޢުގެ ދަށުން، ރަށާ ގުޅިގެން، ރަށަށް ބޭނުންވާ، ރަށުގެ ތަރައްޤީގެ އެކިއެކި ކަންކަމަށް، ބޯހިޔާވަހިކަމާއި، ބޭނުންވާ އެކި ކަންކަމަށް، 26.5 ހެކްޓަރުގެ ބިމާއެކު، އެއާ ގުޅިގެން އެއަރޕޯޓް ތަރައްޤީކުރެވޭނެ. މި އެއަރޕޯޓަކީ، ފުރިހަމައަށް ދެކޮޅުޖެހޭނެ އެއަރޕޯޓެއް. އޭގެ ހުރިހާ ހިސާބެއް ބަރާބަރަށް ދިމާވާ، ހަންޑްރެޑް ޕަރސެންޓް ފީޒިބަލް ޕްރޮޖެކްޓެއް. އެހެންވީމާ، އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް މި މަޝްރޫޢު ވަރަށް ފަސޭހަވެގެންދޭ.
މި ރަށުގެ ތަރައްޤީއަށް އަދި މި ދާއިރާއަށް، އަދި މި އަތޮޅަށްވެސް ޙަޤީޤަތުގައި، ޖުމްލަކޮށް، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށްވެސް މިއީ، ވަރަށް ފައިދާހުރި މަޝްރޫޢެއް. އެހެންވީމާ، މި މަޝްރޫޢު ފެށިގެން މިދަނީ. ބިން ހިއްކުމާއި، ދެން އެއާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް، އިންފްރާސްޓްރަކްޗަރ މަސައްކަތްކުރުމާއި، އެއަރޕޯޓަށް ބޭނުންވާ ހުރިހާ ކަންތައްތަކެއް. އެއީ، ރަންވޭއާއި، ޓަރމިނަލާއި، ހުރިހާ އިމާރާތްތަކާއެކު، ފުލް ޕްރޮޖެކްޓް ދެ އަހަރާ ބައި ތެރޭގައި، 30 މަސްދުވަހުގެ ތެރޭގައި ނިންމައި، އިރާދަކުރެއްވިއްޔާ އެއަރޕޯޓް ހުޅުވާނަން.
އާދެ، އެހެންވީމާ، އެންމެ މުހިންމު ދެ މަޝްރޫޢުގެ، ނޫނީވިއްޔާ ދެ ކަންތައް، މިއަދު މި ދަންނަވާލެވުނީ. އަދި އެހެންނޫނަސް، ރަށުގެ ތަރައްޤީއަށް ވަރަށްގިނަ ކަންކަން އެބަހުރި. ފެށިފައި ހުރި، ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި މަޑުޖެހިފައި، އެކިއެކި ކަންތައްތަކާ ހެދި. ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީގެން ހުއްޓިފައެއް ނޫން. އެހެންނަމަވެސް، ހުއްޓިފައި ހުރި މަޝްރޫޢު. ސްކޫލް އަދި ހެލްތު ސެންޓަރު، ދެ މަޝްރޫޢު.
މިއަދު ކައުންސިލާއި، މުއައްސަސާތަކާ އެކީގައި އަޅުގަނޑުމެން ބޭއްވި ބައްދަލުވުމުގައިވެސް ވަރަށް ތަފްޞީލުކޮށް މި ވާހަކަތައް ދެއްކިން. ސްކޫލް މަޝްރޫޢު އަޅުގަނޑުމެން ވާނީ މީގެ ދުވަސްކޮޅެއް ކުރިން ބާޠިލުކޮށްފައި، އަލުން ކުރިއަށް ގެންދިޔުމަށް އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްފައި. ދުވަސްކޮޅެއްދިޔަ، އެ ބޭފުޅުންނަށް އެ ފަށައިގަތުމަށްޓަކައި، މި ރަށުން އެ ބޭފުޅުންގެ ޓީމު ތިބެން، ކުއްޔަށް ހިފަންޖެހޭ ތަނެއް ހިފުމުގައިވެސް. ތަނެއް ނުލިބިވެސް ވަރަށް ދުވަސްތަކެއްދިޔަ. އެއީ، އެންމެ ގިނަ ދުވަސްދިޔަ ސަބަބު. މިހާރު ތަނެއް ލިބިއްޖެ. ދެން، ތަކެތި ޖަމާކޮށް، މަސައްކަތް ފެށުމަށް ތައްޔާރުވުމަށް ވަގުތުދިޔަ. އެހެންނަމަވެސް، މިހާރު އެކަންކަން ހަމަޖެހިއްޖެ. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ މަޑުޖެހިފައި ނުފެށި އޮތް މައްސަލަ އެ ޙައްލުވީ. ދެން، ފެށިގެން ބާރަށްގޮސް، އަޅުގަނޑުމެންގެ ޓާގެޓަކީ އަދި މިއަދު އަޅުގަނޑުމެން ބައްދަލުވުމުގައިވެސް ދެންނެވިން، މި އަހަރު ތެރޭގައި ނިންމައި، އާ ދިރާސީ އަހަރު 2026 އަށް ފެށޭއިރަށް އެ އިމާރާތް ބޭނުންކުރެވޭވަރަށް މަޝްރޫޢު ނިންމުމަށް. އިރާދަކުރެއްވިއްޔާ، އެގޮތަށް މަސައްކަތް ކޮށްދޭނަން.
ދެން، ހެލްތު ސެންޓަރުގައި، ވަރަށް ކުޑަ މަސައްކަތެއް ނިންމާލަން، އެ އިމާރާތުގައި މިހާރު ހުރީ. 91 ޕަރސެންޓް މަސައްކަތް ނިމިފައި. އެހެންނަމަވެސް، ސަރުކާރުން ކުންފުންޏަށް ދޭންޖެހޭ ލާރިވެސްދީ، ނިމިފައި އޮތް މަޝްރޫޢެއް. ދެން އެ ކުންފުންޏަށް އެ މަސައްކަތް ނުކުރެވި އެދަނީ. ދެން އަޅުގަނޑުމެން ކޮންމެވެސް އެއްގޮތަކުން، އެ ކުންފުނި އަތުން ނަގައިގެން، ސަރުކާރުން މި ރަށުގައި މިހާރު މަސައްކަތްކުރާ ކުންފުންޏަކާ ހަވާލުކޮށްގެން ނަމަވެސް، މަޝްރޫޢު ނިންމަން މިހާރު މިއޮތީ ކަނޑައަޅާފައި. އެހެންވީމާ، އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް ނިންމާލާނަން. ނިންމުމަށްފަހު، މިހާރުގެ ޞިއްޙީ މަރުކަޒުގެ ތެރޭގައި ހުރި ޖާގަ ބޭނުންކޮށްގެން، އަދި އިތުރަށް ޖާގަ އިތުރުކޮށްގެން، ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނަން.
ރަށުގެ ރައްޔިތުންގެ ޞިއްޙީ ޚިދުމަތްތަކަށާއި އަދި ރަށަށް މި އަންނަ ފަތުރުވެރިންނަށްވެސް ޞިއްޙީ މަރުކަޒު ވަރަށް މުހިންމުވާނެ. އެހެންވީމާ، ޖުމްލަކޮށް، މި ރަށަށް އަންނަ ހުރިހާ އެންމެންނަށް ބޭނުންވާ ފެންވަރުގައި ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރަން އަޅުގަނޑުމެން މިއޮތީ ނިންމާފައި. އެ މަސައްކަތް އެއީ، ފުރިހަމަ ލެބޯރެޓަރީ ސަރވިސްއާވެސް އެކީގައި، ފުރިހަމަ ޞިއްޙީ މަރުކަޒެއް ޤާއިމުކުރުމަށް.
އެހެންވީމާ، ފުރަތަމަ ކަމަކީ، ނުނިމިގެން މިއުޅޭ މަޝްރޫޢު ނިންމުން. އެ މަޝްރޫޢު ނިންމުމަށްފަހު، ދެވަނަ ފިޔަވައްސެއްގެ ތެރެއިންގޮސް، އިރާދަކުރެއްވިއްޔާ މި ރަށުގައި ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒެއްގެ ކަންތައް ނިންމައިދޭނަން. އޭގެކުރިން މިހާރުން މިހާރަށްވެސް އެބަ ބޭނުންވޭ، އިންސާނީ ވަސީލަތް، ނޫނީވިއްޔާ މުވައްޒަފުން ހޯދަން. ނަރުހުންގެ ދަތިކަން ދިމާވެފައި އެބައޮތް. އަދި ބައެއް މުވައްޒަފުން ހޯދުމުގެ ދަތިކަން އެބައޮތް. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ދޭންޖެހޭ ހުއްދައެއް ވެއްޖިއްޔާ، އެއީ، މުވައްޒަފުން ނެގުމަށް ދޭންޖެހޭ ހުއްދައެއްވިއްޔާ ދޭނަން. ދީގެން، ޞިއްޙީ މަރުކަޒަށް މުވައްޒަފުން ހޯދުމަށް އަޅުގަނޑުމެން ފުރުޞަތު ދޭނަން. އެހެންވީމާ، އެކަންވެސް އެގޮތަށްދާނެ.
އެހެންވީމާ، މި ދެ މަޝްރޫޢަކީ ވަރަށް ކްރިޓިކަލް ދެ މަޝްރޫޢު. އެކިގޮތްގޮތުން އަޅުގަނޑުމެން އެކިކަހަލަ މަސައްކަތް ކުރެވި، ކުރިއަށްނުގޮސް ހުރި. އެހެންނަމަވެސް، މި ދެންނެވި ގޮތަށް ގެންގޮސް ނިންމައިދޭނަން ދެ މަޝްރޫޢު.
ދެން އެއާއެކީގައި، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، އަޅުގަނޑު ވީ ވަޢުދެއް މިސްކިތެއް އެޅުމަކީވެސް. 500 މީހުންގެ ޖާގައިގެ މުޅިން އާ މިސްކިތެއް އެޅުމަށް މިހާރު ޓެންޑަރ ކުރެވި، ބަޔަކުވެސް ހޮވިއްޖެ. ހޮވައި ނިމި، މިހާރު ސޮއިކުރުމާ ހަމައަށް އެދަނީ. އެހެންވީމާ، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތަށް ދެން ދާނީ. ބަޔަކުވެސް ހޮވިފައި މިއޮތީ. ސޮއިކުރުމުގެ މަރުޙަލާގައި މިއޮތީ. 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް. އަޅުގަނޑުމެންގެ މިހާރުގެ ކޮންސެޕްޓްގެ ތެރެއިން، ސޯލަރ ޕަވަރ ބޭނުންކުރާނެ. ސޯލަރ ޕަވަރ ޖެނެރޭޓްކުރާ ނިޒާމާއެކީގައި، އަދި މިސްކިތުގައި ލައިބްރަރީވެސް ހިމެނޭނެ. އަދި ކްލާސްރޫމް، ނޫނީވިއްޔާ އިތުރު ޖާގަތައްވެސް ހިމެނޭގޮތަށް. ވަރަށް ޒަމާނީ ކޮންސެޕްޓެއްގައި އަޅުގަނޑުމެން މިހާރު މިސްކިތްތައް ހަދަނީ. އެހެންވީމާ، އެ ފެންވަރުގެ ރަނގަޅު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ދާދި އަވަހަށް މި އަހަރު ތެރޭގައި މި ރަށުގައި ފެށޭނެ.
އަންހެން ބޭފުޅުން ޚާއްޞަކޮށް، އަދި ޖުމްލަކޮށް ކުޅިވަރު ކުޅޭ ފަރާތްތަކުން ވަރަށް ބޭނުންވާ ކަމެއް އެއީ ހޭންޑްބޯލް ކުޅުމަކީ. އެހެން ރަށެއްގައިވެސް އަޅުގަނޑު މި ވާހަކަ ދެއްކިން. މި އަންނަ އަހަރު ބަޖެޓުގައި ވަރަށް މުހިންމު މަޝްރޫޢެއް ގޮތުގައި މި ހިމަނަނީ. ރާއްޖޭގައި ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ހޭންޑްބޯލް ކޯޓު ހެދުމުގެ ޕްރޮގްރާމެއް، ޕްރޮޖެކްޓެއް ހިންގަން ވަރަށް ގިނަ ރަށްތަކުން ބޭނުންވޭ. ނަމަވެސް، އޭގެކުރިން މިހާރުން މިހާރަށްވެސް މި ރަށުގައި ހޭންޑްބޯލް ކޯޓުގެ މަޝްރޫޢެއް ފަށަން މިއޮތީ އަޅުގަނޑުމެން ތައްޔާރުވެފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ދާދި އަވަހަށް އަޅުގަނޑުމެން ކުންފުންޏަކާ ހަވާލުކޮށް، އެންމެ ގިނަވެގެންވެސް ކުރިއަށް އޮތް ދެމަސްތެރޭގައި އެ މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށޭނެ.
އާދެ، އެއީ، އެގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވާ، ކުޅިވަރުގެ ދާއިރާގައި އޮތް މަޝްރޫޢަކީ. ދެން ހަމަ އައުޓްޑޯ ޖިމްތައް ހުރިހާ ރަށެއްގައި އެބަ ހަދަން. މި ރަށުގައިވެސް އެ މަޝްރޫޢު ވަރަށް އަވަހަށް ފެށޭނެ.
ދެން ހަމައެއާއެކީގައި، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މަގު ހެދުމުގެ ވާހަކަ. އެއީވެސް އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވެފައި އޮތް ވަޢުދެއް. ޓޫރިޒަމަށް ފައްކާވެފައި ހުރި، ޓޫރިޒަމް ފައްކާވަމުން، އިތުރުވަމުންދާ މިކަހަލަ ރަށްރަށުގައި ލޯކަލް ޓޫރިޒަމް، ގެސްޓްހައުސް ޓޫރިޒަމް ކުރިއަރާ ރަށްރަށުގައި، އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާނީ އެކަމަށް މަގުފަހިވާގޮތަށް މަގުތައް ހަދަން. ރައްޔިތުން ނިންމަވާނީ ކޮންސެޕްޓް. ރައްޔިތުން ނިންމަވާ ގޮތަކަށް، އަޅުގަނޑުމެން މަގުހަދާނަން، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން. މި އަހަރުގެ ބަޖެޓަކު ނެތް. މި އަންނަ އަހަރު އަޅުގަނޑުމެން ހިންގާ މަޝްރޫޢެއް ގޮތުގައި މަގުހެދުން މިއޮތީ ކަނޑައަޅާފައި. އެހެންވީމާ، ކައުންސިލުން، ރައްޔިތުންގެ ފަރާތުން ކޮންސެޕްޓް ނިންމަވާފައި، އަޅުގަނޑުމެންނަށް ފޮނުވީމާ، މި ދެންނެވީ ވެލިމަގުތައް ގޮތަށް، ފެން ހިނދޭ ނިޒާމު އޮންނަގޮތަށް، ވެލިމަގުތޯ، ތާރުއަޅައިންތޯ، ގާ އަތުރައިގެންތޯ. މި ކޮންސެޕްޓް ނިންމަވައިދެއްވަންވީ. ނިންމަވާފައި، އަޅުގަނޑުމެންނަށް ފޮނުވީމަ، އަޅުގަނޑުމެން މި ރަށުގައި ހުރިހާ މަގުތަކެއް ރީތިކޮށް ހަދައިދޭނަން. ހުރިހާ މަގެއް ނޫން، މައިމަގުތައް. މައިމަގުތައް ހެދުމުގެ މަޝްރޫޢެއް. އަދި ހަމަ އޭގެތެރެއިން ވީހާވެސް ގިނަ މަގުތަކެއް ހިމެނޭނެ. ހުރިހާ ޚިދުމަތްތަކާ ޔަޤީނުންވެސް ގުޅިފައި ހުރި ހުރިހާ މަގުތަކެއް ނިމޭނެ. މަގު ހެދުމުގެ މަޝްރޫޢު މިއޮތީ ހަމަޖެހިފައި، މި އަންނަ އަހަރު ކުރިއަށް ގެންދާގޮތަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ދާނީ.
އާދެ، އަޅުގަނޑު މި ފާހަގަކޮށްލަދިނީ ބައެއް ކަންތައްތައް. ކުރިން ހަވާލުކޮށްފައި ހުރި ކަންތައްތައް އެބަހުރި. ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ ކަންތައް. އެއީ ބޮޑުހިލަޔާ ވަރަށް ބޮޑަށް ގުޅިފައި ހުރި ކަމެއް. އެކަން ހަމަޖެހުނުހާ އަވަހަކަށް އަޅުގަނޑުމެން އެ މަޝްރޫޢު ފަށާގޮތަށް އޮތީ. އެހެންވީމާ، އަޅުގަނޑު އެކަން މާބޮޑަށް މި ފާހަގަނުކުރީ. އެއީ، ކުރިއަށްދާނެ މަޝްރޫޢެއްވީމާ.
ދެން ހަމައެއާއެކީގައި، އަޅުގަނޑު މި ދަންނަވާލަނީ، ޖުމްލަކޮށް، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ބޮޑެތި ކަންތައްތައް، މި ދެންނެވި ގޮތަށް ކުރިއަށްދާނެ. އަދި މި ދެންނެވި ކަންކަމުގެ އިތުރަށްވެސް، މި ރަށުގައި މަޝްރޫޢުތައް އެބަހުރި. މާދަމާ މިއޮތީ ކުނި މެނޭޖްކުރަން މަރުކަޒެއް ހެދުމުގެ މަސައްކަތްވެސް ފަށާގޮތަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންކަން މިއޮތީ ރޭވިފައި. ކަންކަން ދާނީ ރަނގަޅަށް، ވަރަށް ސަމާލުކަންދީގެން، އަޅުގަނޑުމެންގެ ހުރިހާ ވުޒާރާތަކުން، ކުންފުނިތަކުން، މި ރަށުގެ ތަރައްޤީގެ ކަންތައްތައް ގެންދާނެ.
އާދެ، އެހެންވީމާ، އަޅުގަނޑު ޖުމްލަކޮށް ދަންނަވާލަން ބޭނުންވަނީ، މަތިވެރީގެ ތަރައްޤީއަށް އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ތިޔަބޭފުޅުންނަށް ފުރިހަމައަށް ނިންމައިދީ، އަދާކޮށްދީ، އަޅުގަނޑުމެން ހާސިލުކޮށްދޭނަމޭ. އެ ޔަޤީންކަންދެން. އެންމެ ވަޢުދެއްވެސް ދޫކޮށްނުލައި، ހުރިހާ ވަޢުދެއް ފުރިހަމައަށް އަޅުގަނޑުމެން ނިންމައިދޭނަން. އެއީ، އަޅުގަނޑުގެ ޒިންމާއެއް. އަދި އަޅުގަނޑުގެ މަސްއޫލިއްޔަތެއް. އަޅުގަނޑު ވާ ކޮންމެ ވަޢުދަކީ، އަޅުގަނޑުގެ އަމާނާތެއް. ރައްޔިތުންނަށްޓަކައި އަޅުގަނޑު މި ދަންނަވާ ކޮންމެ ކަމަކީ، އަޅުގަނޑު ކުރަންޖެހޭނެ ކަމެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރަން. އެގޮތުން، އަޅުގަނޑު ވަޢުދުވަނީވެސް. ރިޔާސީ އިންތިޚާބުގައިވެސް އަދި ފަހުންވެސް. ހުރިހާ ރަށެއްގައިވެސް އަޅުގަނޑު ވަޢުދުވަނީ އެބޭނުމުގައި. އެ ނިޔަތުގައި، އެ ޢަޒުމުގައި. އެގޮތަށް މުޅި ސަރުކާރު މަސައްކަތް ކުރަމުން މިދަނީ. ހުރިހާ ވުޒާރާތައް، ހުރިހާ ކުންފުނިތައް، ރަށްރަށުގައި މަސައްކަތްކުރާ ފަރާތްތައްވެސް އަދި އަޅުގަނޑުމެންގެ ޢިއްޒަތްތެރި މެންބަރުންވެސް. ހުރިހާ ފަރާތްތައް ގުޅިގެން މިކުރަނީ ވަޢުދު ފުއްދުމުގެ މަސައްކަތް. މިހާރު ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި މަސައްކަތްތައް ފެށިއްޖެ. ނިމެމުންވެސް އެބަދޭ. ހަމަ ވަޢުދު ލިސްޓު ނަގައިގެން، ވަޢުދު ފުއްދުމުގެ މަސައްކަތް މި ކުރަނީ. އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް، އެއްވެސް ޝައްކެއްނެތި، އަޅުގަނޑު ވީ ހުރިހާ ވަޢުދެއް އިރާދަކުރެއްވިއްޔާ، މި ދައުރު ތެރޭގައި ފުއްދައި ނިންމާނަން. އެއީ، އަޅުގަނޑުމެންގެ މި ޑްރައިވަކީ. އަޅުގަނޑު ވީ ކޮންމެ ވަޢުދެއް ވީ، ވަރަށް ސީރިއަސްކަމާ އެކީގައި. އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް. މި ސަރުކާރުން މަސައްކަތް ކުރާނީ، ވަރަށް ސީރިއަސްކޮށޭ. ވަރަށް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، ހެޔޮނިޔަތުގައޭ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން ނޫން އެއްވެސް ކަމެއް ނެތޭ. ނަތީޖާ ނެރެދިނުން ނޫން އެއްވެސް އިންޓްރެސްޓެއް އަޅުގަނޑުމެންގެ ނެތް.
އެހެންވީމާ، ރައްޔިތުން ގާތަށް، މިހާގާތަށް އައިސް، އަޅުގަނޑުމެން ރައްޔިތުންގެ ކަންކަން އަޑުއަހައިގެން، ސީދާ އެކަންކަން އެގޮތަށް ކޮށްދެވޭތޯ ބަލަނީ. އަޅުގަނޑުމެން މިގޮތަށް ރައްޔިތުން ގާތަށް އައީމަ، ހަމަ ވަރަށް ތަފާތު. ރައްޔިތުންނަށް ބޭނުންވާ ކަންކަން ސީދާ ބޭނުންވާގޮތަށް ކޮށްދެވޭކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ހަމަ ވަރަށް ރަނގަޅަށް ލިބޭ. އަދި ކަންކަން އަވަސްވެސްވޭ. ވަރަށް އެފިޝަންޓްވޭ. އަޅުގަނޑު ހަމަ ކުރިންވެސް، އެހެން ބައްދަލުވުމެއްގައިވެސް ދެންނެވިން، އެހެން ރަށެއްގައި. ކަމާބެހޭ ހުރިހާ ވަޒީރުންނާއި، ކަމާބެހޭ ހުރިހާ ކުންފުނިތަކުގެ ވެރިންނާ އެކީގައި އައިސް، އެ ރަށެއްގެ ހުރިހާ މުއައްސަސާތަކެއްގެ ވެރިންނާ އެކީގައި ބައްދަލުވީމާ، އެ ބޭއްވެނީ ދިހަ، ބާރަ ބައްދަލުވުމުގެ ބަދަލުގައި ބޭއްވޭ، އެ ހުރިހާ ކަމެއް ހާސިލުވާ އެއް ބައްދަލުވުން. އެ ހުރިހާ މުއައްސަސާތަކުގެ ވެރިން ވަރަށްގިނަ ސިޓީތައް މާލެއަށް ފޮނުވާ. އޭގެ ޖަވާބު ހޯދަން އެތައް ދުވަހަކު އުޅުމާއި، އަދި މާލެގޮސް، އެ ފަރާތްތަކުން ކަމާބެހޭ ވުޒާރާތަކަށް ދިޔުމާއި، ކުންފުނިތަކަށް ދިޔުމާއި، ކައުންސިލުން މާލެ ދިޔުމާ. އެކަންކަމުގެ ބަދަލުގައި، މި ހުރިހާ ކަމެއް އެކީގައި، އެ ހުރިހާ ކަމަކުން ބޭނުންވި ނަތީޖާ އެކީގައި ހާސިލުވާ ބައްދަލުވުންތައް ބޭއްވުމަށް، ރަށްރަށަށް މި އަންނަނީ ޓީމުތައް ގޮވައިގެން. އައިމާ ވަރަށް ގިނަ ކަންކަން ހަމަ ސީދާ ރައްޔިތުން ބޭނުންވާގޮތް އޮޅުންފިލައިގެން ހާސިލުވެގެން މިދަނީ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. ރައްޔިތުންނާ ގާތުން، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ހާސިލުކޮށްދިނުމަށް. އެގޮތަށް އަޅުގަނޑުމެން ކުރިއަށް އޮތްތާނގައިވެސް ކަންތައްތައް ކުރިއަށް ގެންދާނަން.
އާދެ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ މި ދެންނެވި ގޮތަށް، މި ރަށުގެ ތަރައްޤީއަށް މިފެށޭ، ބިޔަ ބޮޑު މަޝްރޫޢު، އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށްދާނެ. އަދި މި ރަށުގެ އިޚްތިޞާޞްގެ ތެރޭގައި އަޅުގަނޑު ހިމަނައިދީފައި އޮތް ފިނޮޅުގެ މަސައްކަތްވެސް ކުރެއްވޭނެ މަގު ތިޔަބޭފުޅުންނަށް އޮތީ ފަހިވެފައި.
ކައުންސިލުން ދާދި އިހަށްދުވަހު އަޅުގަނޑުމެންނަށް ސިޓީއެއް ފޮނުއްވައިފި. އެތަނުގައި ސިޓީ ހޮޓަލެއް އެޅުމަށްޓަކައި އިޚްތިޞާޞުން އެބައި ވަކިކޮށް، އަލުން އިޢުލާނުކުރަން ފުރުޞަތުދޭން. އެހެން ހަދާކަށް ނުއެއްޖެހޭ. މިހާރު އޮތް ޤާނޫނުގެ ތެރެއިން ކައުންސިލުން ލޭންޑްޔޫޒް ޕްލޭންގައި އެތަން އެޖެސްޓްކޮށްފައި، ސިޓީ ހޮޓެލް ހެދުމަށް އިޢުލާނުކުރުމަށް އެއްވެސް ހުރަހެއް ނެތް. ހަމަ މާދަންވެސް އިޢުލާނު ކުރަންވީ. އިޢުލާނުކޮށްގެން ކުރިއަށްދެވޭނެ. ކައުންސިލަކުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަކަށެއް މި ސަރުކާރަކުންނެއް އެއްވެސްވަރަކަށް ހުރަހެއްނާޅާނެ. ދެފުށް ފެންނަ ނިޒާމު ޤާއިމުކުރަނީ، ޒިންމާދާރު ކުރަނީ، ޗެކް އެންޑް ބެލެންސް، އެކައުންޓެބިލިޓީ އެކަނި. ގުޑް ގަވަރނަންސް އެކަނި އެޗީވްކުރަން ބޭނުންވަނީ.
ރައްޔިތުންނަށް ފައިދާވާގޮތަށް ކަންކަން ކޮށްދިނުމުގައި، ކައުންސިލަކުން ދާން ބޭނުން ހިސާބަކަށް ދިޔުމުގައި، ފުރިހަމައަށް އެ ކައުންސިލެއްގެ އަތުގައި ހިފައިގެން، ދާން ބޭނުންވާ ބާރުމިނެއްގައި މި ސަރުކާރުން ދާނެ. އަޅުގަނޑުމެން އެއްވެސްވަރަކަށް އެނޫން ބޭނުމެއް ނެތް ކުރާކަށް. އެނޫން އެއްވެސް ނިޔަތެއްވެސް ނެތް. ކައުންސިލްތައް މަސައްކަތްކުރަމުން ދާންވީ. ކައުންސިލަކުން ބޭނުންވާ ކޮންމެ ކަމެއްގައި، އެ ކަމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. އެހެންވީމާ، އެގޮތުގައި ކުރިއަށްދާ ކަމުގައިވަންޏާ، ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ ކައުންސިލްތަކަށްވެސް ހަމަ މިގޮތަށް ގުޅިގެން ދެވޭނެ.
މި ރަށުގެ ކައުންސިލުންވެސް ކުރައްވާ މަސައްކަތް އިތުރު ގިއަރަކަށްލައިގެން ކުރިއަށްގެންދަން ބޭނުންވާ ކަމެއްގައި، ސަރުކާރުގެ ކަމާބެހޭ ހުރިހާ ތާކުން، ބޭނުންވާ ހުރިހާ އެއްބާރުލުމެއް ލިބޭނެ. ހަމަ އެގޮތަށް، އެހެން ރަށްތަކަށްވެސް އޮތީ. އެގޮތުން ގެންނަ އިޞްލާޙުތައް ގެންނަނީވެސް. އެގޮތުން ގެންނަ އިޞްލާޙުތައް އެކިފަހަރުފަހަރު ޤާނޫނަށް މި ގެންނަނީވެސް. ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު އިޞްލާޙު ޤާނޫނަށް ގެންނާނަން. ލާމަރުކަޒީ ނިޒާމު އިތުރަށް ވަރުގަދަކުރަން. ސީދާ ރައްޔިތުންނަށް ފަށަލަތައް ނެތި، ބާރުދިނުމަށްޓަކައި.
މިކަހަލަ ފަށަލައެއް އަތޮޅު ކައުންސިލްތަކަކީ. އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެން މި ދަންނަވަނީ ކީއްވެތޯ؟ ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިއަށް ހެކިވާނެ. އެއީ، އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމާ، ޤާނޫނުއަސާސީ އަޅުގަނޑުމެން އިޞްލާޙުކުރާނަން. ޤާނޫނުއަސާސީ އިޞްލާޙުނުކޮށް މިކަމެއް ނެތްވާކަށް. އަތޮޅު ކައުންސިލްތައް އުވާލުމަށް. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ދާއިރަކު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއްލާކަށް ނުޖެހޭނެ. އެ ފަށަލަ ދުއްވާލީމާ، އިތުރަށް ރައްޔިތުން ބާރުވެރިވަނީ. އެ ކިހިނެއްތޯ؟ ކޮންމެ ރަށެއްގެ ރަށު ކައުންސިލް ސީދާ ދެން މަސައްކަތް ކުރާނީ، ޑައިރެކްޓްލީ ކަމާބެހޭ ވުޒާރާތަކާއި، ކުންފުނިތަކާ. އަތޮޅު ކައުންސިލެއް ބޭނުމެއްނުވާނެ އިނގޭތޯ.
އެހެންވީމާ، އަޅުގަނޑު މަސައްކަތް މި ކުރަނީ، މި ސަރުކާރުން މަސައްކަތް މި ކުރަނީ، ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ސީދާ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ ފަޅީގައި އޮވެގެން، ރައްޔިތުން ބާރުވެރިކުރުވުމުގައި. ހަމައެކަނި ޔަޤީންކުރަން ބޭނުންވަނީ، ކުރިން މި ދެންނެވިހެން، ޗެކް އެންޑް ބެލެންސް، ދެފުށް ފެންނަކަން. އެކައުންޓެބިލިޓީ، ކައުންސިލުން ކުރާ ކަންކަމަށް ޒިންމާދާރު ކުރުވުމާ، މިކަންކަން. އެކަން ކުރުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙުތަކެއް ގެންނަނީ.
އެހެންވީމާ، ކުރިއަށްއޮތްތާނގައި ޤާނޫނުއަސާސީ އިޞްލާޙު މި ކުރަނީ، އަތޮޅު ކައުންސިލްތައް އުވާލާގޮތަށް. އަދި އޭގެއިތުރަށްވެސް، އިރާދަކުރެއްވިއްޔާ ބައެއް އިޞްލާޙު ގެންނަން. ޤާނޫނަށް ގެންނަ އިޞްލާޙު އެއީ. ކައުންސިލް އިންތިޚާބުގެ ކުރިއަށް. މިހާރު މަޖިލިސް އެ ބަންދުވަނީ ޗުއްޓީއަށް. ދެން ހުޅުވޭއިރަށް، ދެން ހުޅުވޭ ދައުރަށް، އަޅުގަނޑަށް ހީވަނީ މަހެއްހާ ދުވަސްތެރޭގައި ހުޅުވޭކަންނޭނގެ. އެ ހުޅުވޭ ދައުރަށް އަޅުގަނޑުމެން ހުށަހަޅާ އިޞްލާޙުތަކުގެ ތެރެއިން، ކުރިން މި ދެންނެވި ޤާނޫނުއަސާސީގެ އިޞްލާޙު ހުށަހަޅާނަން، އަތޮޅު ކައުންސިލް އުވާލަން. އަދި އޭގެއިތުރަށް، ކައުންސިލްތައް ކުޑަކުރަން. ކައުންސިލްތަކުގެ ސައިޒް ކުޑަކުރަން. އަޅުގަނޑު ކުރިންވެސް އެތައް ޖަލްސާއެއްގައި މި ވާހަކަ ދައްކައިފިން.
މިހާރު އަޅުގަނޑުމެން މި ހުށަހަޅާ އިޞްލާޙަކީ، 2000 މީހުންނަށްވުރެ އާބާދީ ކުޑަ ރަށްތަކުގައި، ދެން އޮންނާނީ 3 މީހުންގެ މައްޗަށް އެކުލެވޭ ކައުންސިލްތައް ގޮތުގައި. 2000 މީހުންނަށްވުރެ ބޮޑެތި ރަށްރަށުގައި، 5 ކައުންސިލަރުން ތިބޭނެ. ނަމަވެސް، ސިޓީ ކައުންސިލްތަކަށް މިއެއް އެޕްލައި ނުވާނެ. ސިޓީ ކައުންސިލްތަކަށް އަދި ހަމަ ގާތްގަނޑަކަށް މިހާރު އޮތް ނިޒާމު އޮންނާނީ. ގާތްގަނޑަކަށޭ މި ދެންނެވީ، ބައެއް ސިޓީތަކަށް ބައެއް ކުދިކުދި ބަދަލު އަތުވެދާނެ. އެހެންނަމަވެސް، ރަށްރަށުގެ ކައުންސިލްތައް، 2000ން ދަށުގެ އާބާދީއަށް އަންނާނީ، 3 މީހުންގެ މައްޗަށް އެކުލެވޭ ކައުންސިލް. 2000ން މަތީގެ ރަށްރަށަށް އަންނާނީ 5 މީހުންގެ ކައުންސިލް.
އޭގެ އިތުރަށް އަންނަ ތަފާތަކީ، މީގެތެރޭގައި އަންހެން ކައުންސިލަރަކު ހަމަ ހިމެނޭނެ. މިހާރުވެސް އޮންނަގޮތަށް، އަންހެނަކު ކައުންސިލަށް ހޮވުމުގެ ހަމަ އެ ފުރުޞަތު އޮންނާނެ. ނޫނީވިއްޔާ، އެ ހިމެނިފައި އޮންނާނެ. ދެން އޭގެއިތުރަށް ގެންނަ އިޞްލާޙަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިޔު.ޑީ.ސީ.ވެސް ހަމަ މި ދެންނެވި ގޮތަށް ރީސައިޒް ކުރުން. 2000 މީހުންނަށްވުރެ ދަށުގެ އާބާދީތަކުގައި ޑަބްލިޔު.ޑީ.ސީ.ތަކުގައި ތިބޭނީ 3 މެންބަރުން. 2000ން މަތީގެ އާބާދީތަކުގައި ޑަބްލިޔު.ޑީ.ސީ.ގައި ތިބޭނީ 5 މެންބަރުން. ތަފާތަކީ، އިތުރު ތަފާތަކީ، ޑަބްލިޔު.ޑީ.ސީ.ގެ ރައީސާއަކީ، ކައުންސިލްގެ ރައީސްގޮތަށް، މުޅި ރަށުގެ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ، ފުލްޓައިމް މެންބަރެއް، ފުލްޓައިމް މުސާރަ ލިބޭ، ފުލްޓައިމް މެންބަރަކަށްވާނެ.
އެހެންވީމާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ، މުޅި ރަށުގެ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ ރައީސާގެ މަގާމަށް ހޮވާ ރައީސާއެއް. ކައުންސިލްގެ ރައީސް ހޮވާގޮތަށް ހޮވާ، ފުލްޓައިމް މަގާމަކަށް، ވަޒީފާއަކަށްދާ، ފުލްޓައިމް މުސާރަ ލިބޭ މީހަކަށްވާނީ. އެއީ، އަންހެނުން ބާރުވެރިކުރުވަން އަޅުގަނޑުމެން ކުރާ ކަމެއް. ވަރަށް ގިނަ ޑަބްލިޔު.ޑީ.ސީ.ތަކަށް ދިމާވާ ވަރަށް ގިނަ މައްސަލަ ހައްލުވާނެ މިކަން ކުރީމާ. އެހެންވީމާ، އެ އިޞްލާޙުވެސް އެބަ ހުށަހަޅަން. މަޖިލިސް ހުޅުވޭއިރު، އެ ފެށޭ ދައުރަށް.
އެހެންވީމާ، މިކަހަލަ މުހިންމު އިޞްލާޙުތަކެއް މި ގެންނަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ޗެމްޕިއަން ކުރަންވެގެން. އިތުރަށް ޗެމްޕިއަން ކުރަންވެގެން އަޅުގަނޑުމެން ކުރާ ކަންތައް މިއީ. އަޅުގަނޑުމެން އެކި ރަށްރަށުގެ އިޚްތިޞާޞް ތެރެއަށް، ރަށްރަށާއި ފަޅުތައްލައިދެނީވެސް، އަދި ރަށުގެ ބައެއްގެ ގޮތުގައި، ބައެއް ރަށްރަށުގެ ރަށްރަށާއި ފަޅުތައް މި ހަމަޖައްސަނީވެސް، ހަމަ ރައްޔިތުން ބާރުވެރިކުރުވަން. ކައުންސިލްތައް ބާރުވެރިކުރުވަން. އެއިން އިޤްތިޞާދީ ނަފާހޯދަން ރަށްރަށުގެ ރައްޔިތުންނަށް ފުރުޞަތު ދޭންވެގެން. އެގޮތަށް ކުރިއަށް އޮތްތާނގައިވެސް ގެންދާނީ. އަދި އިތުރު އިޞްލާޙެއް، ޤާނޫނުއަސާސީ އިޞްލާޙުކުރާއިރުގައި، ހަމަ މި ހުޅުވޭ ދައުރުގައި، މަޖިލިސް ހުޅުވޭއިރުގައި އެފެށޭ ދައުރަށް ހުށަހަޅާނެ.
އަޅުގަނޑު ކުރިންވެސް ދަންނަވާފައި އޮންނާނެ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން. އެ އިޞްލާޙުވެސް ހުށަހަޅާނަން. އެހެންނަމަވެސް، އެއީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމެއް. އެހެންވީމާ، އެ އިޞްލާހު ފާސްކޮށް، ފެންނަ ނުފެންނަ ވޯޓެއްވެސް ނަގާނެ އިޞްލާޙެއް އެއީ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފެންނަ ކަމަށްވަންޏާ، ދެ އިންތިޚާބު އެކުގައި ދެން އޮންނާނީ. އެގޮތަށް ޤާނޫނުއަސާސީ އިޞްލާޙުކުރަން އަޅުގަނޑުމެން ހުށަހަޅާނަން.
އެހެންވީމާ، މިކަހަލަ މުހިންމު އިޞްލާޙުތަކެއް މި ހުށަހަޅަނީ. މީގެ ބޭނުމަކީ، މި ރާއްޖޭގެ މިހާރު މިއޮތް ބަރުހެލި ނިޒާމަށް، އިޞްލާޙުތަކެއް ގެނައުން. ރައްޔިތުންނަށް ބޭނުންވާ ފެންވަރަށް، ބޭނުންވާގޮތަށް މި ނިޒާމު ބައްޓަންކުރަނީ. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ނަތީޖާ ނެރެވޭގޮތަށް، ރައްޔިތުން ބޭނުންވާގޮތަށް އިޞްލާޙު ގެންނަންވެގެން މި ބަދަލުތައް މި ގެންނަނީ. އޭރުން އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ވާނީ ފަސޭހަ. ރައްޔިތުންނަށް ލިބޭނީ ކުރިއެރުން. އޭގެ ބަދަލުގައި މިހާރު މި އޮންނަގޮތަށް، މާ ޚަރަދުބޮޑު ގޮތަކަށް، އެއްވެސް މާނައެއް ނެތްގޮތަށް މި ނިޒާމު ބޭއްވުމުގެ ބޭނުމެއް ނެތް. ރައްޔިތުންނަށް ފައިދާހުރި އިޞްލާޙުތަކެއް ގެނައުން އެއަށްވުރެ މާ ރަނގަޅު.
އާދެ، އަދި ނިންމާލުމުގެ ކުރީގައި، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ގުޅޭ ވަރަށް މުހިންމު ކަމެއް، ތަރައްޤީގެ ތެރެއިން ކަމެއްގެ ވާހަކަ ދަންނަވާލާނަން. ރަށްރަށަށް ދިޔައިމާ ވަރަށް ގިނައިން އަޅުގަނޑުމެންނަށް އަންނަ ރިކްއެސްޓެއް. އަދި މި އަތޮޅުންވެސް އާދޭ. ޕިކްނިކް އައިލެންޑް ހެދުމުގެ ރިކްއެސްޓް އާދޭ. ޚާއްޞަކޮށް، ޓޫރިޒަމް ފުޅާވަމުންދާ ރަށްރަށުގެ ފަރާތުން އަތޮޅުތަކުން އާދޭ. އަދި ޓޫރިޒަމްގެ ބޭނުމަށްނޫނަސް، ރަށުގެ ރައްޔިތުން ޕިކްނިކް ދާނެ ތަނެއް ނެތީމާވެސް އެ ރިކްއެސްޓް އާދޭ.
އެހެންވީމާ، އަޅުގަނޑުމެން ވަރަށް އަވަހަށް، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، ހުރިހާ އަތޮޅެއްގައި، އެއްރަށް އަޅުގަނޑުމެން ނަގައި، އެރަށް އެއީ، އެ އަތޮޅެއްގެ ރައްޔިތުންނާއި، އެ އަތޮޅެއްގެ ރައްޔިތުންގެ އެކިއެކި ގެސްޓްހައުސްތަކަށާއި، މިކަހަލަ ތަންތަނަށް އަންނަ ގެސްޓުންނަށާއި، ޕިކްނިކްދިޔުމާއި، އެކަހަލަ ބޭނުންތަކަށް، ސަރުކާރުން ތަރައްޤީ ކޮށްދީފައި އޮންނަ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެއްރަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، އަޅުގަނޑުމެން ހަދައިދޭނަން. އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑުމެން ފަށާނަން.
ރަށްރަށުގެ ރައްޔިތުންނަށް މިހާރު ވަރަށް އުނދަގޫ. ވަރަށް ގިނަ އަތޮޅުތަކުގެ ރައްޔިތުންނަށް ވަރަށް ފުރުޞަތު ނެތް މިހާރު އާއިލާތައްވެސް ޕިކްނިކް ދާކަށް. އަދި ގެސްޓްހައުސްތަކުގެ ގެސްޓުން ގެންދާނެ ތަނެއްވެސް ނެތް. މިހެން ދެންނެވިޔަސް، ބައެއް ރަށްރަށުގައި އެ ރަށަށް ޚާއްޞަކޮށްވެސް ޕިކްނިކް އައިލެންޑެއް އެބަ ޑިވެލޮޕްކޮށްދެން. އެ ވާހަކައެއް ނޫން. އޭގެއިތުރަށް، ކޮންމެ އަތޮޅަކަށް އެއްރަށް މި ދެންނެވީ. ސަރުކާރުން ތަރައްޤީކޮށްދީ، ޕިކްނިކް ދެވޭގޮތަށް ހަމަޖައްސައިދިނުމުގެ މަޝްރޫޢެއް އަޅުގަނޑުމެން އެބަ ފަށަން. އެ މަޝްރޫޢާބެހޭ ދިރާސާތައް އެބަ ހިނގާ މިހާރު. އަޅުގަނޑުމެން ކެބިނެޓުން ނިންމާފައި، މަޝްވަރާތައް ނިންމާފައި، ވަރަށް އަވަހަށް އަޅުގަނޑުމެން އެކަން ފަށާނަން. އެވެސް ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި. ޚާއްޞަކޮށް، ރައްޔިތުން އުފާފާޅުކުރުމަށާއި، އާއިލާތަކަށާއި އަދި މި ދެންނެވިހެން ގެސްޓްހައުސް ޓޫރިޒަމާއި، ލޯކަލް ޓޫރިޒަމްގައި ރައްޔިތުންނަށް، އެކަން ކުރާ ފަރާތްތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަކަށްވާނެތީ. އެއިންވެސް ރައްޔިތުން މުއްސަނދިވެގެންދާނެ ކަމަކަށްވާނެތީވެ. އެހެންވީމާ، އެގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަޝްރޫޢު ދާދި އަވަހަށް ފަށާނަން.
އާދެ، އަދިވެސް އެއްފަހަރު، މަތިވެރީގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. މިއަދު ތިޔަބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް، މިއަދު މި ކުރިއަށް ގެންދެވުނު ބައެއް ކަންކަމުގެ މުނާސަބަތުގައި، ތިޔަބޭފުޅުންނަށް މި ލިބިގެންދިޔަ ކާސާމިއާގެ ފައިދާވާނެ ކަމުގެ ޔަޤީންކުރަން. އަދި މިފެށޭ އެއަރޕޯޓް މަޝްރޫޢާއި، ރަށަށް އިތުރުކުރެވޭ ބިމާ އެކީގައި، ލިބޭނެ ކުރިއެރުމަކީ އަޅުގަނޑު ހަމަ ޔަޤީންކުރާ ކަމެއް. އެކަންކަމުގައި ސަރުކާރުން ވަރަށް ފުރިހަމައަށް ތިޔަބޭފުޅުންނަށް ހުރިހާ ކަމެއްގައި އެހީތެރިކަންދީ، ވަރަށްގާތުން މަސައްކަތްކުރަމުން ދާނެކަމުގެ ޔަޤީންކަން ދެމުން އަޅުގަނޑު ވަކިވެލަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް ކާމިޔާބީ މިންވަރުކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.