بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ފެރިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ހުރިހާ މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއިގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
ފެރިދުއަށް އަޅުގަނޑުމެންނަށް އާދެވުނު ވަގުތު، މި ރަށުގެ ރައްޔިތުން ވަޑައިގެން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިއަދު އަޅުގަނޑުމެން މިތަނަށް މިއައީ، މި ރަށުގެ ތަރައްޤީއަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ފެށުމުގެ ބޭނުމުގައާއި، ތިޔަބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަށާއި، ކަންކަން އޮޅުންފިލުވުމަށް. ރައްޔިތުންގެ ގާތުން ކަންކަން އަޑުއެހުމަށް. ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ގެންދިޔުމުގައި މަސައްކަތްކުރުމަށް. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ކުރާނެކަމަށް، ކޮށްދޭނެކަމަށް ވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތުގައި.
އަޅުގަނޑުމެން މިތާނގައި ބައެއް އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިން. ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިން. އަދި މަޝްރޫޢެއް އިފްތިތާޙު ކޮށްފިން. މީގެ ކުރިން އަޅުގަނޑު މި ބައްދަލުވުމަށް އައުމުގެ ކުރީގައި، ވަރަށް ތަފްޞީލުކޮށް ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާ އެކީގައި ބައްދަލުވުމެއް ބޭއްވިން. ޕީ.ޓީ.އޭ.ގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާ އެކީގައި ބައްދަލުވުމެއް ބޭއްވިން. ވަރަށް ގިނަ މަޝްވަރާތައްވެސް ކުރެވިއްޖެ.
އެހެންވީމާ، ވަރަށް ގިނަ ކަންކަން، ވަރަށް ގާތުން އަޅުގަނޑަށްވަނީ ސާފުވެގެން ގޮސްފައި. އޮޅުންފިލައި، މަޝްވަރާ ކުރެވިފައި. ރައްޔިތުންގެ ކަންބޮޑުވުންތައް އަޅުގަނޑަށް ވަރަށް ސާފުކޮށް ތިޔަބޭފުޅުން ވިދާޅުވެދެއްވައިފައި ވަނީ އެކިއެކި ބައްދަލުވުންތަކުގައި. މި ދެންނެވި ބައްދަލުވުންތަކާއި، އިތުރު ބައްދަލުވުންތައް އަޅުގަނޑު މިއަދު ބާއްވައިފިން، މި ޖަލްސާގެ ކުރިން. އަދި މި ބައްދަލުވުމަކީ، ތިޔަބޭފުޅުންނާ މިގޮތަށް މިކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް، އަޅުގަނޑު ބައްދަލުކުރާ ބައްދަލުކުރުން.
އާދެ، ރައްޔިތުންގެ ގާތަށް އަޅުގަނޑު މި އަންނަނީ، ރައްޔިތުން އެދޭ ކަންކަން ރައްޔިތުންނަށް ކޮށްދިނުމުގައި. ރައްޔިތުން އެދޭގޮތަށް އެކަން ކޮށްދިނުން ޔަޤީންކުރުމަށްޓަކައި. ރައްޔިތުންގެ ފަޅީގައި މި ސަރުކާރު އަބަދުވެސް އޮންނާތީ. އަޅުގަނޑަށް އަބަދުވެސް މުހިންމުވާނީ، އަޅުގަނޑު ވީ ވަޢުދުތައް ފުއްދުމާއި، ރައްޔިތުން އެދޭގޮތަށް ކަންކަން ކޮށްދިނުމާ. އަދި ދެ ކަންތައް ދިމާކުރުން. އެހެންވީމާ، ރައްޔިތުންގެ ގާތަށްއައިސް، ކަންކަމުގައި އަޅުގަނޑު މި މަޝްވަރާ ކުރަނީ.
އާދެ، އަޅުގަނޑުމެން މިއަދު މި ސޮއިކުރި އެއްބަސްވުންތަކަށް ބަލާއިރުގައި، ތަޢުލީމީ ދާއިރާއިން، ދެންމެ އެމް.ސީ.ގެ އިޢުލާނު ކުރުމުގައި ވިދާޅުވީ، ހަތަރު ކުލާސްރޫމެއްގެ ވާހަކަ. އެހެނެއްނޫން، އަޅުގަނޑުމެން މިތާނގައި ބަހައްޓާފައި ހުރި ބޯޑުގައި އޮންނާނީ ރަނގަޅަށް. ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ ވާހަކަ، ޖުމްލަކޮށް އޮންނާނެ.
އަޅުގަނޑުމެން ސްކޫލް ތަރައްޤީކުރަން، މި އަތޮޅު ސްކޫލް، އަތޮޅު މަދަރުސާ، މިއޮތްހާ ދުވަސްވަންދެން އެކި ސަރުކާރުތައް ދިޔައިރުގައި، އަޅައިނުލެވި، އެއްވެސްވަރަކަށް ސަމާލުކަން ނުދެވި، މި ސްކޫލްގެ ފެންވަރު ދަށްވަމުންދާން ދޫކޮށްލެވިފައި އޮތް އޮތުން ބަދަލުކުރުމަށް، އަޅުގަނޑުމެން މިއަދު މިއައީ. މި ސޮއިކުރި އެއްބަސްވުމަކީ، އެގޮތުން އެކަން ރަނގަޅުކުރުމަށްޓަކައި، ޢުމްރާނީ ވަސީލަތް ޤާއިމުކޮށްދިނުމުގެ ގޮތުން، ނޫނީވިއްޔާ އިމާރާތް ކުރުމުގެގޮތުން، އިމާރާތް ޤާއިމުކޮށްދީގެން ކުރަންޖެހޭ ކަންކަމާބެހޭ އެއްބަސްވުން.
އޭގެ ތެރޭގައި، މަލްޓި-ޕާޕަސް ހޯލު އޭގައި ހިމެނޭ. ކުލާސްރޫމްތައް ހިމެނޭނެ. ހަމަ އޭގެއިތުރަށްވެސް، ސައިންސް ލެބް ޤާއިމުކޮށްދިނުމާއި، ކޮމްޕިއުޓަރ ލެބް ޤާއިމުކުރުމާއި، ސްޓާފް ރޫމް ހެދުމާއި، ލައިބްރަރީ ހެދުމާއި، ސެންކްލާސް ހެދުމާއި، ވަށާފާރު ރޭނުންވެސް ހިމެނޭ. މި ހުރިހާ ކަމެއް ހިމެނޭގޮތަށް އެއްބަސްވީ. އެހެންވީމާ، މިގޮތަށް މި ޑިޒައިން މި ކުރެވެނީ.
އެހެންވީމާ، ސްކޭލްގެ ހުރިހާ ކަމެއް ހިމެނޭގޮތަށް، މި ޑިޒައިން ކުރެވިގެން، މަސައްކަތް ކުރެވިގެންދާނީ. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑުދޭ ޔަޤީންކަމަކީ، މި ސްކޫލް އިމާރާތުގެ މަސައްކަތް ކުރެވިގެންދާނީ، ދެންމެ މި ދެންނެވި ހުރިހާ ވަސީލަތްތަކެއް، ހުރިހާ ޖާގައެއް، ހުރިހާ ކަންތައްތަކެއް ހިމެނޭގޮތަށް ކުރެވޭ މަސައްކަތެއްކަމުގެ ޔަޤީންކަން.
ސޮއިކުރެވުނީ މިއަދު. ޑީޓެއިލް ޑިޒައިންކުރުމުގެ ކަންތައް ވަރަށް ބާރަށް ދާނެ. މަސައްކަތްކުރުމަށްޓަކައި އެފް.ޑީ.ސީ.ގެ ފަރާތުން މެޓީރިއަލް ޕްރޮކިޔޯކޮށް، މޮބިލައިޒްކުރުމުގެ މަސައްކަތް، އެއާއެކީގައި ކުރިއަށްދާނެ. ގިނަވެގެން ތިންމަސް ދުވަސް. އެއީ، އަޅުގަނޑުމެންގެ މެކްސިމަމް ލިމިޓް އިނގޭތޯ. ގިނަވެގެން ތިންމަސް ދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭގޮތަށް. އެހެންވީމާ، އެއަށްވުރެ މާއަވަހަށް މަސައްކަތް ފަށަން ވަރަށް އިސްކަންދޭންޖެހޭ މަޝްރޫޢެއް މިއީ.
އެހެންވީމާ، އެއަށްވުރެ މާއަވަހަށް ފެށުން އަޅުގަނޑުމެންގެ ޓާގެޓަކީ. އިރާދަކުރެއްވިއްޔާ، އެންމެ ލަސްވެގެން ތިންމަސް. އެއަށްވުރެ މާއަވަހަށް އިރާދަކުރެއްވިއްޔާ ޢަމަލީ މަސައްކަތް ފަށާނަން. ފަށައިގެން ވަރަށް އިސްކަންދީގެން، ވަރަށް ބާރު ސްޕީޑްގައި ގެންގޮސް، އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިންމައިދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
ހަމައެއާއެކީގައި، ރަށު ސްކޫލަށް ބޭނުންވޭ، ވަރަށްގިނަ އެހެން ކަންތައްތައްވެސް. ސްކޫލަށް ބޭނުންވޭ، މިތަނުގައި ދާއިމީގޮތެއްގައި ޕްރިންސިޕަލްގެ މައްސަލަވެސް ހައްލުވާން. ރަށުގައި ޤާއިމުވެ ހުންނަ، ދާއިމަށް ހުންނަ ޕާރމަނަންޓް ޕްރިންސިޕަލެއްވެސް ހުންނަންޖެހޭ. އަދި ޓީޗަރުންގެ މައްސަލަވެސް އެބަހުރި. ދިވެހި ޓީޗަރެއް ނެތްކަމުގެ މަޢުލޫމާތު ލިބުނު. އަދި މިހެންގޮސް ވަރަށް ގިނަ ކަންކަން އެބަހުރި.
އެހެންވީމާ، އިމާރާތް ޤާއިމުކޮށްދިނުމު އިތުރަށް، ހިއުމަން ރިސޯސް، މި ދިމާވެފައި ހުރި އިންސާނީ ވަސީލަތުގެ މައްސަލައަށްވެސް ހައްލެއް ގެންނަންޖެހޭ. އަޅުގަނޑާ އެކީގައި ބައްދަލުވުންތަކުގައި، ތަޢުލީމީ ވަޒީރު ބައިވެރިވެވަޑައިގަންނަވާ. އަޅުގަނޑުމެން ވަރަށްގާތުން މިކަމުގައި ސަމާލުކަން ދޭނަން. ވަރަށް ސީރިއަސްކޮށް، ވަރަށް އިސްކަމެއްދޭނެ ކަމެއް މިއީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ރަށުގެ ތަޢުލީމީ ނިޒާމަށް މި ދިމާވެފައި އޮތް މައްސަލަތައް ހައްލުކޮށްދިނުމުގައި ވަރަށް އިސްކަންދީގެން، ވަރަށް ރަނގަޅަށް އެކަން ހައްލުކޮށްދޭނެކަމުގެ ޔަޤީންކަން އަދި އެއްފަހަރު އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
އަޅުގަނޑުމެން ސޮއިކުރި ޞިއްޙީ މަރުކަޒުގެ މަޝްރޫޢަކީ، އެއީވެސް ހަމައެކަނި އާދައިގެ ފެންވަރެއްގައި، ކުދިކުދި ކަންތައް ކޮށްލެވޭވަރަށްވުރެ ފުރިހަމަކޮށް މަސައްކަތް ކުރުމަށްޓަކައި، ޚިދުމަތް ދިނުމަށްޓަކައި، ސޮއިކުރި މަޝްރޫޢެއް. އޭގެތެރެއިން އަޅުގަނޑުމެންގެ މައިގަނޑު އެއް ސިޔާސަތަކީ، ލެބޯރެޓަރީގެ ޚިދުމަތް، ފެންވަރު ރަނގަޅުކޮށް ޤާއިމުކޮށްދިނުން. ލެބޯރެޓަރީގެ ޚިދުމަތް، ފެންވަރު ރަނގަޅުކޮށް ޤާއިމުކޮށްދިނުމަކީ، އާބާދީގެ ނިސްބަތުން ކުރާ ކަމެއް. މި ރަށަކީ، މި އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑުރަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ފެންވަރުގެ ލެބޯރެޓަރީއެއްގެ ޚިދުމަތް ޤާއިމުވާނެ.
އޭގެއިތުރަށް، ސްޕެޝަލިސްޓް ޑޮކްޓަރުން އެއީ، މި ރަށަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާއެއް ކަމަށް ބަލައި، ޞިއްޙީ ވުޒާރާގެ ފަރާތުން، ތިޔަބޭފުޅުންނާ އެކީގައި، މި ޞިއްޙީ މަރުކަޒާ އެކީގައި، އެކަމާބެހޭ މަޝްވަރާކޮށް، ސްޕެޝަލިސްޓް ޑޮކްޓަރުން މި ތަނުގައި ޤާއިމުވެ ތިބޭގޮތަށް، އަޅުގަނޑުމެން ކުރިއަށްގެންދާނީ. އަދި ނަރުހުން ހޯދައިދިނުމާ، މި ކަހަލަ ކަންތައްތައް ހިމެނޭ. އެހެންވީމާ، މިހާރުން މިހާރަށްވެސް އިތުރު ނަރުހުން ހޯދައިދިނުމާ، މި ކަންތައްތައް ހިމެނޭ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ދިނުމުގެ ފެންވަރު މަތިކުރުމުގެ ކަންތައް، ވަރަށް އިސްކަންދީގެން އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކޮށްދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.
އާދެ، އަޅުގަނޑުމެން ދެން ސޮއިކުރިން، އިތުރު މަޝްރޫޢެއްގައި. އާދެ، އެ މަޝްރޫޢުގެ ތެރެއިން އަޅުގަނޑުމެން މި ދޯނިއެހެލާ ސަރަޙައްދު ހެދުމާއި، އަދި ޕިކްނިކް އައިލެންޑެއް ޤާއިމުކުރުން. މިއީ، މުޅިންވެސް އަޅުގަނޑު ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް މި ސޮއިކުރީ.
އާދެ، ޕިކްނިކް އައިލެންޑަކީ، މި ރަށުގެ ޓޫރިޒަމް ދާއިރާއަށް، ނޫނީވިއްޔާ އިޤްތިޞާދީ ދާއިރާއިން ކުރިއަށްދިޔުމުގައި، ވަރަށް މުހިންމު ތަނެއް. ވަރަށް މުހިންމު ކަމެއް. އެކަން ކުރާއިރުގައި، ރަށުގެ ނެޗްރަލް ބިއުޓީ ގެއްލިގެނެއް ނުވާނެ. ތުނޑި ހަލާކުވެގެނެއް ނުވާނެ. ރަށް ގިރާނެގޮތެއް، އިތުރަށް ދިމާވެގެން ނުވާނެކަން އެއީ، އަޅުގަނޑު ގަބޫލުކުރާގޮތް. އަޅުގަނޑު ދެކޭގޮތުގައި، ތިޔަބޭފުޅުންވެސް ބޭނުންވަނީ އެހެންނުވާގޮތަށް މިކަން ކުރަން.
އެހެންވީމާ، ތިޔަބޭފުޅުންގެ މި ރަށުގެ، ފެރިދޫގެ ތަރައްޤީގެ މުސްތަޤްބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ފުރިހަމަ ވަސީލަތެއްގެ ގޮތުގައި ކަންތައްތައް ކޮށްދިނުމުގެ ގޮތުން، މާފަރު ފަޅު، ފެރިދޫގެ ބައެއް ގޮތުގައި ހަމަޖައްސައި، ދެންމެ މި ސޮއިކުރި ޕިކްނިކް އައިލެންޑް، އެ ފަޅުގައި ޤާއިމުކުރަން އަޅުގަނޑު ނިންމި ވާހަކަ ދަންނަވަން.
އާދެ، އޭގެއިތުރަށްވެސް، ވަރަށް ގިނަ ކަންކަން އެބަހުރި. މަގު ހެދުމުގެ މަޝްރޫޢަކީ، މަގުހެދުމަކީވެސް އަޅުގަނޑު ވެފައި އޮތް ވަޢުދެއް. މަގުހެދުމުގެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދާނީވެސް ރައްޔިތުން ބޭނުންވާގޮތަށް. މި ކަހަލަ ރަށްރަށުގައި ގިނައިން ބޭނުންވަނީ މިހާރު ވެލިމަގު ހުންނަން. ރީތިކޮށް އެއްވަރުކުރެވިފައި ހުންނަ ވެލިމަގުތައް. ރީތިކޮށް ފުރިހަމައަށް ޑްރެއިން ކުރެވޭ، ނޫނީވިއްޔާ ފެން ހިންދޭ ނިޒާމު ޤާއިމުކޮށްފައި. އަދި ބައެއް ރަށްރަށުގައި ބޭނުންވޭ، ތާރުއަޅަންވެސް އަދި ގާއަތުރަންވެސް. ރައްޔިތުން ބޭނުންވާގޮތް ނިންމަވާފައި، އަޅުގަނޑުމެންނަށް، ކަމާބެހޭ ވުޒާރާއަށް، ކޮންސްޓްރަކްޝަން މިނިސްޓްރީއަށް އެންގެވީމާ، އެ މަޝްރޫޢު އެއޮތީ ފެށޭ ހިސާބުގައި މިހާރު. އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ، ރައްޔިތުން ބޭނުންވާނީ، ޓޫރިޒަމަށް ފަހިވާގޮތަށް އޮންނަ ކޮންސެޕްޓެއްހެން. ސަރުކާރުން މި މަޝްރޫޢަށް ބޭނުންވާ ބަޖެޓް ހަމަޖައްސާފައި މިއޮތީ. އާރު.ޑީ.ސީ.އާ އެގްރީމަންޓް ހެދުމަށް މިހާރު ވަނީ ތައްޔާރުކުރެވިފައި. ކުރިޔަށް އޮތް ދެތިން ހަފްތާ ތެރޭގައި ސޮއިކުރެވޭނެ. ސޮއިކުރަންވާއިރަށް އަޅުގަނޑުމެން ބޭނުންވާނެ، ރައްޔިތުންގެ ފައިނަލް ނިންމުން، ނޫނީވިއްޔާ ނިންމާގޮތެއް އެނގެން. އެހެންވީމާ، ރަސްމީކޮށް ރައްޔިތުންގެ މަޝްވަރާ ކައުންސިލުން ހޯއްދަވާނެ. ހޯއްދަވާފައި، އަޅުގަނޑުމެންނަށް އަންގަވާގޮތަކަށް، އަޅުގަނޑުމެން އެ މަގު ހެދުމުގެ މަޝްރޫޢު ފަށަން އޮތީ ނިމިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްގޮތަށް، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެކަން ތިޔަބޭފުޅުންނަށް ދަންނަވަން.
ބަނދަރުގެ މައްސަލައަށް ބަލާއިރުގައި، ނެރުގެ މައްސަލަ ޙައްލުކުރުން. އެއީވެސް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމާފައި އޮތް މަސައްކަތެއް.
ހަމައެއާއެކީގައި، ކުޅިވަރުގެ ދާއިރާއަށް ބަލާއިރުގައި، ފުޓްބޯޅަ ދަނޑު ނިންމުމަށްޓަކައި ކުރަންހުރި މަސައްކަތްތައް ކުރުމާއި، އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމާއި، އައުޓްޑޯ ޖިމެއް ޤާއިމުކުރުމާއި، މިކަންކަންވެސް އޮތީ ކުރިއަށްގެންދާ ގޮތަށް. މިއީ، މި ރަށުގައި ފެށިފައި ހުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި، އަދި އަލަށް ފަށަން ހުރި މަޝްރޫޢުތަކަކާއި، ބަނދަރުގައި ހުރި މަސައްކަތްތަކާ. ވަރަށް ގިނަ ކަންކަން އެބަހުރި މި އަހަރު ތެރޭގައި ކުރިއަށްދާން.
މިސްކިތުގެ ވާހަކަ އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑުމެން މިސްކިތް އަޅަނީ މިހާރު ވަރަށް ޒަމާނީ ކޮންސެޕްޓަކަށް. 500 މީހުންގެ ޖާގައިގެ މިސްކިތެއް މި ރަށުގައި އަޅަން އޮތީ ހަމަޖެހިފައި. އެ މިސްކިތަކީވެސް ސޯލަރ ޕަވަރ ކުރެވި، އެ މިސްކިތުގެ ތެރޭގައިވެސް އިސްލާމިކް ލައިބްރަރީ ޤާއިމުކުރެވި، އަދި ކްލާސްރޫމްތައް ހެދިފައި ހުންނަ މިސްކިތެއް. އެހެންވީމާ، މިސްކިތް ޤާއިމުކުރަންވެސް އެވަނީ ކަނޑައެޅިފައި. ސޮއިވެސް ކުރެވިފައި. ދެން، މިކަމުގައި އަޅުގަނޑުމެންނަށް އެކި ގޮތްގޮތަށް މަޢުލޫމާތު އައީ. އަޅުގަނޑުމެންނަށް ޕެޓިޝަނެއްވެސް އައިސްފައި އެބައޮތް. މިހާރު މިސްކިތް ހުރި ތަނުގައި އަޅަން ބޭނުންވާ ކަމަށް. ކައުންސިލުން އަންގާފައި އޮތީ، ވަރަށް ދުރުގައި ހުރި ބިމެއް، ރައްޔިތުން ނިންމަވާފައި އޮތް ކަމަށް، މި މިސްކިތް އަޅަން. ވަރަށް ދުރަށް ހިނގަންޖެހެއޭ އެ ހިސާބުގައިހުރި މިސްކިތަށް. އެއީ، ރައްޔިތުން ނިންމަވާފައި އޮތްގޮތް ކަމަށް.
އެހެންވީމާ، އަޅުގަނޑު މިއަދު އޮންނާނީ މުއައްސަސާތަކުގެ ބައްދަލުވުމުގައި ދަންނަވާފައި، ކައުންސިލްގެ ރައީސަށް، އަލުން ވޯޓެއް ނަންގަވައިދެއްވާށޭ، ރައްޔިތުންގެ ބައްދަލުވުމެއް ބާއްވަވާފައި. ވޯޓެއް ނަންގަވައިދެއްވާށޭ މިސްކިތް ހަދަން ބޭނުންވާ ތަން ކަނޑައަޅަން. އެ ވޯޓުން ނިންމާ ތަނެއްގައި މިސްކިތް އަޅަން، ސަރުކާރުން މިހާރު މިތިބީ ތައްޔާރަށޭ. އެހެންވީމާ، ރައްޔިތުން ނިންމަވާ ލޮކޭޝަންގައި، އިރާދަކުރެއްވިއްޔާ 500 މީހުންގެ ޒަމާނީ، ފުރިހަމަ މިސްކިތެއް އަޅުގަނޑުމެން އަޅައިދޭނަން. އިރާދަކުރެއްވިއްޔާ، މި އަހަރު ފަށާނަން. ދެން، މިހާރު ހުރި މިސްކިތް ތަޅާލަންޖެހެންޏާ، ވަގުތީ މިސްކިތެއް އަޅަންޖެހޭނެ. އެގޮތަށްވިޔަސް، ރައްޔިތުން ނިންމަވާގޮތަކަށް އަޅުގަނޑުމެން ކުރިއަށްދާނީ. އެހެންވީމާ، އެކަންވެސް އެވަނީ ހަމަޖެހިފައި.
ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށްގެންދަން އަޅުގަނޑުމެން ނިންމާފައި މިވަނީ. ޤުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއްވެސް މިތާ ޤާއިމުކުރުމުގެ ކަންކަން ނިމި، މިހާރު ވަސީލަތްތައްވެސް ފޯރުކޮށްދެވިފައި ވަނީ. މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އިރާދަކުރެއްވިއްޔާ އެކަންވެސް ވަރަށް އަވަހަށް ފުރިހަމަވެގެންދާނެ.
ފުލުހުންގެ މަރުކަޒު ޤާއިމުވަންދެންވެސް، އަޅުގަނޑުމެން މި ރަށަށް ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި، މިހާރު ތިން ފުލުހުން މިތަނުގައި ޤާއިމުވެ ބައިތިއްބުމަށްޓަކައި، ފުލުހުން ފޮނުވާނަން ވަރަށް އަވަހަށް. މި ހަފްތާ ތެރޭގައި ފުލުހުން މިކޮޅަށް ޑިޕްލޯއި ކުރާނެ. ތިން ފުލުހުން ތިބޭނެ. ތިން ފުލުހުން ތިބެގެން، ފުލުހުންގެ ޚިދުމަތް ދޭން ފަށާނެ. އަދި މަރުކަޒު ނިމެންދެންވެސް. އެހެންވީމާ، އެކަންވެސް އެވަނީ ހަމަޖެހިފައި.
އާދެ އެހެންވީމާ، އަޅުގަނޑު ޖުމްލަކޮށް މި ދަންނަވާލީ، މި ކަންތައްތައް ގެންދަން ރާވާފައި ހުރިގޮތާއި، ދާނެގޮތާއި، އަދި މިކަންކަން ގެންދާނެގޮތާ. މި ދެންނެވި ގޮތަށް، އިރާދަކުރެއްވިއްޔާ މި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އެހެންވީމާ، ތިޔަބޭފުޅުންގެ ރަށުގެ ބައެއްގެ ގޮތުގައި، މާފަރު ފަޅު ކަނޑައަޅަން އަޅުގަނޑު މި ނިންމީ. އެ ނިންމި ނިންމުން ތަންފީޒުކުރުމުގެ ލިޔެކިޔުމުގެ މަރުޙަލާ، ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެ. ވަރަށް އަވަހަށް ނިންމައި، ރަސްމީކޮށް ލިޔެކިޔުމުން އަޅުގަނޑުމެން ހަވާލުކުރާނަން. އަދި ދެން، މި ސޮއިކުރެވުނު ޕިކްނިކް އައިލެންޑް، އެތަނުގައި ހެދުމުގެ މަސައްކަތް އޭގެފަހުން ފެށިގެންދާނީ. އެހެންވީމާ، އެ ކަންތައް އެއީ، އަޅުގަނޑު ހިތުން އެންމެ މުހިންމު، އެންމެބޮޑު ކަމަކީ. ދެން އޭގެއިތުރަށް، ދެންމެ އަޅުގަނޑު މި ދެންނެވި ހުރިހާ ކަމެއް ކުރިއަށްދާނީ.
އެހެންވީމާ، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑު ދޭ ޔަޤީންކަމަކީ، މި ސަރުކާރުން އަޅުގަނޑުމެން ތިބޭނީ، ފެރިދޫ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދިނުމުގައި، ތިޔަބޭފުޅުންގެ ވިންދާއި އިޙްސާސާ އެއްގޮތަށް، ތިޔަބޭފުޅުންނާ އެކުގައޭ. ތިޔަބޭފުޅުން ބޭނުންވާގޮތަށް، މި ރަށުގައި ތަރައްޤީގެ ކަންކަން، ހުރިހާ ދާއިރާއަކުން ގެންގޮސްދިނުމުގައި އެއީ، އަޅުގަނޑުމެންނަށް ލިބޭ އުފަލެއް، ޝަރަފެއް، ޒިންމާއެއް ކަމުގައި އަޅުގަނޑުމެން ދެކެން. އަދި މަސްއޫލިއްޔަތު ކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ، އެގޮތުގައި އަޅުގަނޑުމެން ކުރިއަށްގެންދާނަން.
އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުންނާ ބައްދަލުކުރަން އަނެއްކާވެސް އައުމުގެ އުންމީދުގައި އަޅުގަނޑު ވަކިވެލަން. މީގެތެރެއިން ގިނަ ކަންކަން ނިންމާފައި، ތިޔަބޭފުޅުންގެ އެ އުފަލުގައި ބައިވެރިވުމުގެ ގޮތުން. އިރާދަކުރެއްވިއްޔާ އެ ދުވަހުގެ އުންމީދުގައި، އިންތިޒާރުގައި ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.