بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާޅޮހުގެ ލޮބުވެތި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، އަދި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، މި ރަށުގެ ހުރިހާ މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއިގާތުން ބައްލަވާ އަދި އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު ތިޔަބޭފުޅުން، ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަން ފުރިހަމަކޮށްދިނުމުގެ މަސައްކަތް. މިހާތަނަށް އައިއިރުގައި، ހުއްޓިފައި ހުރި މަޝްރޫޢުތަކެއް އެބަހުރި. އަދި އަޅުގަނޑުމެން ފަށަން ނިންމާފައި ހުރި މަޝްރޫޢުތައް، ރިޔާސީ އިންތިޚާބުގައި، އަދި ފަހުން ވެފައިހުރި ވަޢުދުތައް ފުއްދުމުގެ މަޝްރޫޢުތައް އެބަހުރި.

މިގޮތުން، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެންމެ މުހިންމު ކަމަކީ، ސްކޫލްގެ މަޝްރޫޢު ކުރިއަށް ގެންގޮސްދިނުންކަން އަޅުގަނޑަށް އެނގޭ. މި މަޝްރޫޢު ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރުވަނީ ވެނިމިފައި. އާރު.ޑީ.ސީ.ގެ ފަރާތުން މަޝްރޫޢު ފެށުމަށް، ހުރިހާ ކަމެއް ހަމަޖައްސައި، މީހުން ނަގައި، އަދި ތަކެތި ހޯދާ، ހުރިހާ ކަމެއް ނިމިއްޖެ. މަލްޓި ޕަރޕަސް ހޯލު ޤާއިމުކުރުމާއި، އަދި ސްކޫލަށް ބޭނުންވާ ކްލާސްރޫމްތަކާއި، އަދި އޭގެއިތުރަށް، ސައިންސް ލެބް ހިމެނޭގޮތަށް އިރާދަކުރެއްވިއްޔާ، މި މަޝްރޫޢު ކުރިއަށް ގެންދެވޭނެ. މިހާރު ހެދުމަށް ނިންމާފައިވާ، ހަތަރު ކްލާސްރޫމްގެ އިތުރަށްވެސް، އިރާދަކުރެއްވިއްޔާ އިތުރު ކްލާސްރޫމް، ވީ އެންމެ ގިނަ އަދަދަކަށް ހިމަނައިދިނުމަކީ، އަޅުގަނޑުމެން ގަސްދުކުރާގޮތް. އެހެންވީމާ، މި މަޝްރޫޢު ވަރަށް އަވަހަށް މި މަހުގެ ތެރޭގައި ޢަމަލީގޮތުން ފަށައި، ދެން ނުހުއްޓި، ބާރު ސްޕީޑްގައި ގެންގޮސް، އިރާދަކުރެއްވިއްޔާ ނިންމާނަން. އެކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ، ހަމައެއާއެކީގައި، ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، ޞިއްޙީ މަރުކަޒުގެ ބަލިމީހުންނަށް ޚިދުމަތްދޭ ޖާގަހުރީ ވަރަށް ބޮޑަށް ވީރާނާވެފައި. ވަރަށް ކުރީގެ، ވަރަށް ބާ އިމާރާތެއް. ވަރަށް ބޮޑަށް ވާރޭ ވެހިއްޖިއްޔާ، ފެން ލީކުވާ، ހަމަ ވަރަށް ބާވެފައި ހުރި އިމާރާތެއް. އެހެންވީމާ، އަޅުގަނޑުމެން ގަސްދުކުރަނީ، އަދި ނިންމާފައިވަނީ، ވަރަށް އަވަހަށް މި މަޝްރޫޢު ފެށުމަށްޓަކައި، މި އަހަރު ތެރޭގައި، ބަޔަކާ ހަވާލުކޮށް، އިރާދަކުރެއްވިއްޔާ މި ރަށުގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރުމަށްޓަކައި، މުޅިން އާ އިމާރާތެއްގެ މަސައްކަތް ފަށަން. އެ މަޝްރޫޢުގެ ތެރޭގައި، ލެބޯރެޓަރީގެ ޚިދުމަތް ފުރިހަމައަށް ޤާއިމުކުރުންވެސް ހިމެނިގެންދާނެ. ލެބޯރެޓަރީގެ ޚިދުމަތާއެކީގައި، ދެން ހުރި ކަންތައްތައް ހަމަޖެހޭގޮތަށް، އިރާދަކުރެއްވިއްޔާ މެޑިކަލް ޚިދުމަތް، ބަލިމީހުންނަށް ބޭނުންވާ ޚިދުމަތް ދިނުމާބެހޭ އިމާރާތެއް އަޅުގަނޑުމެން އަޅާނަން. އަޅުގަނޑަށް އެނގޭ މިހާރު ޞިއްޙީ މަރުކަޒަށް ވަނީ، އިދާރީ މަސައްކަތް ކުރާނެ އިމާރާތެއް ހެދިފައިކަން. އެހެންނަމަވެސް، މެޑިކަލް ބޭނުންތަކަށް ބޭނުންކުރާނެ އިމާރާތެއް އަޅަންޖެހޭ. އެހެންވީމާ، މި ދެންނެވި ގޮތަށް، އެ މަޝްރޫޢު ގެންދާނަން.

މި ރަށުގައި އަދި ފެށިފައި އޮތް ފުޓްބޯޅަ ދަނޑުގެ ކަންތައްވެސް އަޅުގަނޑު ދަންނަވާލާނަން. މިހާރު އާރު.ޑީ.ސީ.ގެ ފަރާތުން ޓަރފްގެ މަސައްކަތާއި، އަދި ފެންސާއި، ލައިޓްޖެހުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވަނީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި، އެންމެ ލަސްވެގެން، މި މަހުގެ ތެރޭގައި ފެށުން މިހާރު އަމާޒަކީ. ދެން ފެށިގެން، ބާރު ސްޕީޑްގައި ގެންގޮސް، ހަމައެކަނި ޓަރފް އެޅުމެއް ނޫން، ފެންސް އަދި ލައިޓާ އެކީގައި، ރޭގަނޑު ކުޅެވޭގޮތަށް، ފުޓްބޯޅަ ދަނޑުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނިންމާނެ ވާހަކަ ދަންނަވައިދެން.

ހަމައެއާއެކީގައި، މިއަދު މި ސޮއިކުރެވުނު މަގު ހެދުމުގެ މަޝްރޫޢު، އަޅުގަނޑުމެން ކުރިއަށްގެންދާނީ، ތިޔަބޭފުޅުން ބޭނުންވާގޮތަށް. ރަށުގެ ރައްޔިތުން ބޭނުންވަނީ، ތާރުނާޅައި، އަދި ގާ ނާތުރައި، ވެލިމަގުތައް އޮންނަގޮތަށް، ވެލިމަގުގައި ފެން ހިނދޭ ނިޒާމު ޤާއިމުކޮށްގެން، އެގޮތަށް ކަމުގައިވަންޏާ، އަޅުގަނޑުމެން ގެންދާނީ އެ ކޮންސެޕްޓްގައި. ޑިޒައިން ބިލްޑް އުޞޫލުން ކުރިއަށް ގެންދެވޭ މަޝްރޫޢެއް. އެހެންވީމާ، އަޅުގަނޑުމެން މަގު ހެދުމުގެ މަޝްރޫޢު ގެންދާނީ، ރައްޔިތުން އެދޭގޮތަށް. މި ރަށުގެ ތަރައްޤީއަށް، ޓޫރިޒަމާއި، ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި އަދި ޖުމްލަކޮށް ރަށުގެ ބޭނުންތަކަށް، ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް އިރާދަކުރެއްވިއްޔާ މަޝްރޫޢު ކުރިއަށް ގެންދާނަން. ރަށުގެ ރައްޔިތުން އެދޭ ކޮންސެޕްޓަށް މިއަދު މި ސޮއިކުރެވުނު މަގުހެދުމުގެ މަޝްރޫޢު ގެންގޮސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިންމައިދޭނަން.

އާދެ، ލޯކަލް ޓޫރިޒަމަށާއި، އަދި ރަށުގެ ރައްޔިތުންގެ ބޭނުމަށް ވަރަށް މުހިންމު އިތުރު މަޝްރޫޢެއް އަޅުގަނޑުމެން އަދި ކުރިއަށް ގެންދާނަން. އެއީ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން، އަޅުގަނޑުމެން ކުރިއަށްގެންދާނެ މަޝްރޫޢެއް. ގެސްޓް ބީޗްތަކެއް ހިމެނޭގޮތަށް، މިހާރު ޖާގައޮތް އެންމެބޮޑުމިނަކަށް، ރަށަށް ބީޗް ބޭނުންކުރެވޭ ގޮތަށް ޑިޒައިންކޮށްގެން، ގެސްޓް ބީޗް ހެދޭގޮތަށް، އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތްވާގޮތަށް، ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބީޗްވެސް ހިމެނޭގޮތަށް، އިރާދަކުރެއްވިއްޔާ މަޝްރޫޢެއް ޑިޒައިންކޮށް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އަޅުގަނޑުމެން ފަށާނަން. މި އަހަރުގެ ބަޖެޓުގައި މި މަޝްރޫޢު ހިމަނާފައެއް ނެތް. އެހެންވީމާ، އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން، އަންނަ އަހަރުގެ ކުރީކޮޅު މި މަޝްރޫޢު ފެށުމަށް ތައްޔާރީތައްވެ، ރަށުގެ ޓޫރިޒަމްގެ މަސައްކަތްކުރާ ފަރާތްތަކާއި އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް ބޭނުންކުރެވޭނެ ބީޗް ހިމެނޭގޮތަށް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢެއް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ކުރީކޮޅު ޢަމަލީގޮތުން ފަށައިދޭނަން.

ހަމައެއާއެކީގައި، ކުޅިވަރުގެ އެހެނިހެން ދާއިރާތަކުންވެސް މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ. އަދި އެހެނިހެން މަޝްރޫޢުތައްވެސް، ޖުމްލަކޮށް ރަށުގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް މިވަނީ ނިންމިފައި. ރާއްޖޭގެ ހުރިހާ ރަށެއްގައި، ގިނަ ރަށްތަކުގައި، ހޭންޑްބޯލް ކޯޓު ހެދުމަށްވެސް އަޅުގަނޑުމެން ނިންމާފައި ވަނީ. މި ރަށުގައި ހޭންޑްބޯލް ކޯޓެއް އެޅުމަށްވެސް އަޅުގަނޑުމެން ވާނީ ނިންމާފައި. އެހެންވީމާ، މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ، ހޭންޑްބޯލް ކޯޓެއްވެސް ހެދުމަށް އަޅުގަނޑުމެން ގަސްދުކުރަން.

އާދެ، ބައެއް ކަންތައްތައް މި ދަންނަވާލީ. މި ރަށުގައި އޭ.ޓީ.އެމް.އެއްވެސް އަދި ނެތް ބެހެއްޓިފައެއް. ރާއްޖޭގެ ހުރިހާ ރަށެއްގައި، އޭ.ޓީ.އެމް. ޚިދުމަތް ދިނުމަކީ އަޅުގަނޑުމެން ނިންމާފައި އޮތް ކަމެއް. އަދި އެހެން ކަންކަންވެސް. ރަށްރަށުގެ އާބާދީއަކަށް ބެލުމެއްނެތި، އާބާދީ ކިތަންމެ ކުޑަޔަސް، އަދި ކިތަންމެ ބޮޑަސް، ހުރިހާ ރަށެއްގެ ރައްޔިތުންނަކީ، ހަމަހަމަ ރައްޔިތުން. ހުރިހާ ޙައްޤެއް ހަމަހަމަ ރައްޔިތުން. ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ހުރިހާ ޚިދުމަތެއް ލިބެންޖެހޭނެ ރައްޔިތުން. އެހެންވީމާ، އަޅުގަނޑުމެން މި ދެންނެވި ގޮތަށް ކަންތައްތައް ރާވަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، މި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ވަރަށް އިސްކަންދީގެން، ކުރިއަށް ގެންދިޔުމަށް ނިންމާފައި މިވަނީ.

އަޅުގަނޑުމެން މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސި ފަޅު، ރަންފަރުފަޅު، އެ ފަޅަކީ ތިޔަބޭފުޅުންގެ ކުރިމަގަށްޓަކައި، އަޅުގަނޑުމެން ދިން ފަޅެއް. ހަމަޖެއްސި ފަޅެއް. އެ ފަޅުގެ ބޭނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ހިފޭނެ. ރައްޔިތުންގެ ތަރައްޤީއަށް، ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ، އިޤްތިޞާދީ ފައިދާ ހޯދުމަށް، ފުޅާ ދާއިރާއެއްގައި އެ ފަޅުގެ ބޭނުންކުރުމަކީ، ރައްޔިތުންގެ އަތްމަތީގައި އޮތްކަމެއް މިހާރު. ރިޒޯޓެއް، ސީދާ ފުލް ސްކޭލް ރިޒޯޓެއް ފިޔަވައި އެހެން ހުރިހާ ކަމެއް ކުރެވޭނެ. މާނައަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫޢެއް ހިންގުން ކަމުގައިވިޔަސް، އަދި އެހެނިހެން ދާއިރާތަކުން މަޝްރޫޢެއް ރާވައިގެން ހިންގުން ކަމަށްވިޔަސް، ރަށަށް ބޭނުންވާ އެހެނިހެން ދާއިރާތަކުން ވިސްނައިގެން، ރައްޔިތުންގެ މަޝްވަރާއާ އެކީގައި، ކައުންސިލުން ބޭނުންވާ ކޮންމެ ކަމެއް އަދި ރައްޔިތުންގެ ފަރާތުން އެކިއެކި ފަރާތްތަކާ ހަވާލުކޮށްގެން މަޝްރޫޢުތައް ހިންގުން ކަމުގައިވިޔަސް، އިންވެސްޓަރެއް ހޯދައިގެން މަޝްރޫޢު ހިންގުން ކަމުގައިވިޔަސް، ހުރިހާ ކަމަކަށް އޮޕްޝަންސް ހުޅުވިފައިވަނީ. އެހެންވީމާ، މިހާރު އެ ފަޅުގެ ބޭނުން ހިފުމަށްޓަކައި، ކައުންސިލުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެކީގައި، ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދޮރު މިވަނީ ހުޅުވާލެވިފައި. އެ ފަޅަކީ މިހާރު ރަށުގެ ބައެއް. ރަށާ ހަވާލުކުރެވިފައި އޮތް ބައެއް އެއީ. ރަށުގެ ބޭނުންތަކަށް ފުރިހަމައަށް ބޭނުންކުރަންވީ.

އެހެންވީމާ، އެކަން ކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި ތިޔަބޭފުޅުން ބޭނުންވާނެގޮތް. އެހެންވެގެން އަޅުގަނޑުމެން އެބައި، އެ ފަޅު މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އުންމީދުކުރަނީ، އޭގެ ބޭނުން ފުރިހަމަގޮތުގައި ހިފާނެކަމަށް. ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން، ތިޔަބޭފުޅުން ބޭނުންވާ ކަންކަމުގައި އެ ފަޅުގެ ބޭނުން ހިފުމަށް. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، އޭގެ ބޭނުން ފުރިހަމަގޮތުގައި ހިއްޕަވާނެކަމަށް.

އާދެ، އަޅުގަނޑުގެ އުންމީދަކީ، މި ފެށިގެންދާ މަޝްރޫޢުތަކާއި، އަދި މިފަޅުގެ ބޭނުންހިފައިގެންނާއި، ތިޔަބޭފުޅުންނަށް ތަރައްޤީގެ މަގުގައި ފުރިހަމަ ކުރިއެރުންތަކެއް ލިބިގެންދިޔުން. އިރާދަކުރެއްވިއްޔާ ސަރުކާރުން ވަރަށް ގާތުން، ރައްޔިތުންނާ އެކީގައި މަސައްކަތްކުރަމުން މިގެންދަނީ. މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމެއްގައި، ވަރަށް ސަމާލުކަންދީގެން، މަސައްކަތް ކުރަމުން މިދަނީ. އެހެންވީމާ، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް، ވަރަށް ގާތުން ބަލައިގެން ކޮށްދޭނަން. ކޮށްދިނުމުގައި ސަރުކާރު އޮންނާނީ ފުރިހަމައަށް ރައްޔިތުންނާ އެކީގައި.

އެހެންވީމާ، އެ ޔަޤީންކަން ދެމުން، އަޅުގަނޑު ވަކިވެލާނަން. އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މާގިނަ ދުވަހެއްނުވެ، އަނެއްކާވެސް ތިޔަބޭފުޅުންގެ އަރިހަށް އައުމުގެ އުންމީދުގައި ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.