بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ހިމަންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ކައުންސިލަރުން، މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސްރަށްވެހިން، ސްކޫލް ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު މި އަތޮޅަށް އަޅުގަނޑު މި ފެށި ދަތުރުގައި، މި ރަށަށް އަޅުގަނޑުމެންނަށް އާދެވުނު ވަގުތު، ހިމަންދޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ފަށްފަށުން ޝުކުރު އަރިސްކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަޖައްސައިދީ، ޙަޤީޤަތަކަށް ހަދައިދިނުމަކީ، އަޅުގަނޑުގެ އުފަލެއް އަދި އަޅުގަނޑުގެ ޒިންމާއެއް. މި ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، މިގޮތަށް މުހިންމުވެފައިވާ ހުރިހާ މަސައްކަތްތަކެއް ކޮށްދީ، އިރާދަކުރެއްވިއްޔާ ފުރިހަމަކޮށްދިނުމަށްޓަކައި. ރިޔާސީ އިންތިޚާބުގައި، އަދި ފަހުންވެސް އެކިއެކި މުނާސަބަތުތަކުގައި އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދުމުގައި، ސަރުކާރުގެ ފަރާތުން، އެކިއެކި ރަށްރަށުގައި، ބާރު ސްޕީޑްގައި މަސައްކަތްތައް މިގެންދަނީ އެހެންވެގެން. އެގޮތުން، މިރަށުގައިވެސް މިކަހަލަ ގިނަ ކަންތައްތަކެއް ކުރުމުގެ މަރުޙަލާގައި، ފެށުމުގެ މަރުޙަލާގައި މިދަނީ. އަދި ފަށައިގެން، ނިންމުމުގެ މަސައްކަތް ކުރަމުން މިދަނީ.

އާދެ، މި ރަށުގެ މަޝްރޫޢުތަކަށް ބަލާއިރުގައި، މި މާޙައުލަކީ، ސްކޫލްގެ މާޙައުލު. މި ތަނުގައި ފަށާފައި ހުރި، ގިނަދުވަސްވެފައި ހުރި މަޝްރޫޢެއް އެބައޮތް. އިންތިހާއަށް ބޮޑުވެފައިވާ ވަރަށްދަތި މައްސަލައެއް. މި މަޝްރޫޢު ނިންމުމަށްޓަކައި ސަރުކާރުން، ވަރަށް ވަރަށް އިސްކަމެއްދެން. ސަރުކާރުގެ ކަމާބެހޭ ވުޒާރާ، ތަޢުލީމީ ވުޒާރާގެ ފަރާތުން އެ ގެންދަވަނީ، ވަރަށްގާތުން މަޝްރޫޢު ބަލަމުން. މަސައްކަތްތައް ނިންމުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުންފުންޏަށް ދޭންޖެހޭ އެއްބާރުލުމެއްވިއްޔާ، ކޮށްދޭންޖެހޭ ކަމެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުގެ ތެރެއިން މިދަނީ ކުރަމުން. ބިލަކަށް ފައިސާދައްކަން އޮތަސް، ފިނޭންސް މިނިސްޓްރީއާއި، އެޑިޔުކޭޝަން މިނިސްޓްރީން އެދަނީ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީ، އެ މަސައްކަތް ކުރަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ވަރަށްގާތުން މި ބަލަނީ.

އަޅުގަނޑުމެންގެ އަމާޒަކީ، ކުރިއަށް އޮތް 75 ދުވަސް ތެރޭގައި، ނޫނީވިއްޔާ ގިނަވެގެން ތިންމަސް ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމުން. މި ހިނގާ އެކެޑަމިކް އިޔަރގެ ތެރޭގައި ނިންމައި، ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ، ދެން ފެށޭ އާ އަހަރުގެ އެކެޑަމިކް އިޔަރ ފަށާއިރުގައި، އެ ޢިމާރާތް ބޭނުންކުރެވޭގޮތަށް، މަސައްކަތްތައް ނިންމުން. އިރާދަކުރެއްވިއްޔާ، އެގޮތަށް އެކަން ކޮށްދޭނަން. ހަމަ ޔަޤީނުންވެސް އެއިން ލިބޭނެ ފަސޭހަކަން އަދި ހިތްހަމަޖެހުން ވަރަށްބޮޑުވާނެ. ކިޔަވާ ކުދިންނާއި، ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި، ޓީޗަރުންނަށް ވަރަށް ބޭނުންޖެހިފައިވާ ކަމެއް މިއީ.

ޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައި، މަރުކަޒަށް ބޭނުންވާ އިތުރު ޖާގައިގެ ތެރެއިން ބައެއް މަސައްކަތްތައް ނިންމައި، މިއަދު އަޅުގަނޑުމެން އިމާރާތެއްވެސް މި ބޭނުންކުރަން ފެށީ. އޭގެ ސަބަބުން، ޞިއްޙީގޮތުންވެސް މި ރަށަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ. އެއީ، އަޅުގަނޑުމެން އެކަން ނިންމާލާ ހިސާބެއްނޫން.

ރިޔާސީ އިންތިޚާބުގައި، އަދި ފަހުން މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް، ވަރަށް ސަމާލުކަންދޭ ކަމެއްކަމަށް އަޅުގަނޑު ބަޔާންކޮށްފައި އޮތް ކަމެއް، ރަށްރަށުގައި ލެބޯރެޓަރީގެ ޚިދުމަތް މަތިކުރުން، ފެންވަރު މަތިކުރުން، އަޕްގްރޭޑް ކުރުން އެއީ. މި ރަށުގައި މިހާރު މި ޤާއިމުވެފައިވާ ލެބޯރެޓަރީގެ ޚިދުމަތް އެއީ، އަޅުގަނޑުގެ މި ދެންނެވި މިންވަރެއް ނޫން. އަދި އެ ހިސާބަކަށް ނުގެންދެވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ހުރިހާ ރަށެއްގައިވެސް، އެ ރަށަކަށް ބޭނުންވާ ފެންވަރުގައި، އެ ރަށެއްގެ ނިސްބަތުން އެންމެ ރަނގަޅު ފެންވަރަކަށް ޞިއްޙީ ޚިދުމަތް، ލެބޯރެޓަރީގެ ޚިދުމަތް ހިމެނޭހެން ޤާއިމުކޮށްދޭން. އެހެންވީމާ، މި އަންނަ އަހަރަށް އަޅުގަނޑުމެން މި ޕްލޭންކުރާ، ނޫނީވިއްޔާ މި ހުށަހަޅާ ބަޖެޓުގެ ތެރޭގައި، މިކަމަށް ކުރަންޖެހޭ ކަންކަން އެބަ ހިމަނަން. މި ރަށުގައި މިހާރު ޤާއިމުވެފައިވާ ލެބޯރެޓަރީގެ ޚިދުމަތް، ފެންވަރު މަތިކޮށް ރަނގަޅުކުރުން، އެކަމުގެ ތެރޭގައި ހިމެނޭނެ. އެއީ، ތިޔަބޭފުޅުން ދަތުރުކުރަން، މި ރަށުން ނުކުރެވޭ ޓެސްޓުތައް ކުރުމާއި، ކަންކަމަށް ދާންޖެހޭ ހިސާބު ވަރަށްދުރު. މި އަތޮޅުގެ ތެރެއިންވިޔަސް، ދެން އޮތް އަތޮޅުތެރެއިން ރަށަކަށްދާންވިޔަސް ވަރަށްދަތި. އޭގެ ސަބަބުން، ބަލިވެފައިވާ މީހާއަށް އިތުރު ބަލިތައް ކުރިމަތިވާގޮތް، ނޫނީވިއްޔާ ގެއްލުންވާގޮތްވަނީ. އެކަމަށް ރިޢާޔަތްކޮށް، އަޅުގަނޑުމެން މިތަނުގެ ލެބޯރެޓަރީގެ ޚިދުމަތް އަޕްގްރޭޑް ކުރަން މި މަސައްކަތް ކުރަނީ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު، ޞިއްޙީ މަރުކަޒުގައި ރަނގަޅު ފެންވަރުގެ ލެބޯރެޓަރީއެއްގެ ޚިދުމަތް އަޅުގަނޑުމެން ޤާއިމުކޮށްދިނުމަށްޓަކައި، ބަޖެޓުގައި ހިމަނައި، އެކަން ކޮށްދޭނަން. އަދި އެއާއެކީގައި، އެކަމަށް ބޭނުންވާ މުވައްޒަފުންވެސް، އަޅުގަނޑަށް އެނގިފައިއޮތް ގޮތުގައި، ތިޔަބޭފުޅުންގެ ބޭފުޅަކު އެބަހުރި ލެބް ޓެކްނީޝަން ދާއިރާއިން ކިޔަވާފައި. އަދި އިތުރު މުވައްޒަފުން ހޯދަންޖެހެންޏާ ހޯދަން، ސަރުކާރުން ދޭންޖެހޭ ހުއްދަވެސް ދޭނަން. ދީގެން މި ދެންނެވި ރަނގަޅު ފެންވަރުގެ ލެބޯރެޓަރީ ޤާއިމުވެގެންދާއިރު، ބޭނުންވާ ހިއުމަން ރިސޯސަސް ޤާއިމުކުރެވޭގޮތަށް، އަޅުގަނޑުމެން އެކަން ކުރާނަން.

މިސްކިތެއްގެ މަސައްކަތްވެސް އެބަ ހިނގާ. ވަރަށް ވަރަށް މުހިންމު މިސްކިތެއްގެ މަޝްރޫޢެއް އެއީ. އިސްލާމިކް މިނިސްޓްރީން އެ ގެންދަވަނީ ވަރަށް ގާތުން އެ މަޝްރޫޢުވެސް ބައްލަވަމުން. ސަރުކާރުން ވަރަށް އިސްކަންދެން، މި މިސްކިތް ނިންމަންވެސް. އެހެންވީމާ، ވަރަށްގާތުން ބަލައި، އިރާދަކުރެއްވިއްޔާ ހަމަ މި އަހަރު ތެރޭގައި، މި އަހަރު ނިމުމުގެ ކުރީގައި، ޑިސެންބަރު މަހުގެ ތެރެއަށް މިހާރު މި ޓާގެޓް ކުރެވިފައި އެވަނީ. އެ މިސްކިތް ނިންމައި، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ބޭނުންކުރެވޭވަރު ކޮށްދޭނަން. އެއީ، އަޅުގަނޑުމެންގެ އަމާޒަކީ. އެހެންވީމާ، މިގޮތަށް މި މަސައްކަތްތައް މިހިރަ ކުރިއަށްދަނީ. އެއީ، ހިނގަމުންދާ ބައެއް މަސައްކަތްތައް.

ރަށްގިރުމުގެ މައްސަލައަކީ، މި ރަށަށް ވަރަށް ވަރަށް ސީރިއަސް މައްސަލައެއް. ވަރަށް ސީރިއަސް މައްސަލައެއް. ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، އެންމެ ބޭނުންވަނީ ބޮޑުހިލަ. ބޮޑުހިލައިގެ ޝިޕްމެންޓެއް ކޮންމެވެސްވަރަކަށް، މިހާރު ފެށޭވަރަށް އަޅުގަނޑުމެންނަށް ޖަމާކުރެވިއްޖެ. މުޅި މަޝްރޫޢު ނިންމާލަން، މިހާރު މި ފެށޭ ހިސާބުން ދެންދާނީ ނުހުއްޓި. ނިންމާލެވެންދެން ގެންދެވޭނެ. ދެން އެކަން ކުރާއިރުގައި، ބަނދަރުގެ ދަތިކަމުގައި، ޚާއްޞަކޮށް، ނެރަށް މި ދިމާވާ މައްސަލަ. ނެރުގެ މައްސަލަ ޙައްލުކުރުމަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. މިއަދު ނޫނީ މާދަމާ، ދެ ދުވަހެއްގެ ތެރޭގައި، އަޅުގަނޑުމެން އެ މަސައްކަތް ކުރަން އެބަ ހަވާލުކުރަން. ހަވާލުކުރެވުނީމާ، އެ މަސައްކަތާއި، ރަށްގިރުމުގެ މައްސަލައާ ދެ ކަންތަކަށްވެސް ބޮޑުހިލަ މި ބޭނުންވަނީ. އެހެންވީމާ، ދެކަންތައް އެކުއެކީގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޙައްލުކޮށްދޭނަން.

އާދެ، އަޅުގަނޑުމެން ކުޅިވަރުގެ ދާއިރާއަށްވެސް ވަރަށް އިސްކަންދެން. މި އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ބަޔާންކުރިން، މިކަމާ ގުޅޭގޮތުން، މުޅި ރާއްޖޭގެ ހުރިހާ ރަށެއް ކަވަރުވާ، ވަރަށް މުހިންމު ވާހަކަތަކެއް. މީގެތެރޭގައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކޮށްދޭނެ ވާހަކަ، ދެ އަހަރުގެ ތެރޭގައި. މިގޮތަށްގޮސް، އައުޓްޑޯރ ޖިމްތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކޮށްދޭނެ ވާހަކަ، ކުޅިވަރުގެ އެކިއެކި ވަސީލަތްތައް އެއީ، ފުޓްސަލް ދަނޑު ހަދަންޖެހޭ ރަށްރަށުގައި ފުޓްސަލް ދަނޑު. ފުޓްބޯޅަ ދަނޑު ތަރައްޤީކޮށްދޭންޖެހޭ ރަށްރަށުގައި، ފުޓްބޯޅަ ދަނޑު.

މި ރަށަށް ބޭނުންވަނީ ދަނޑުގައި ލައިޓްޖަހަން. އަޅުގަނޑުމެންގެ ކޮންސެޕްޓަކީ، ރޭގަނޑުވެސް ކުޅެވޭގޮތަށޭ ހުރިހާ ދަނޑުތައް ހުންނަންވާނީ. އެހެންވީމާ، މި ރަށުގެ ދަނޑުގައި، މި މަދުވަނީ ލައިޓްޖެހުން ކަމުގައިވާތީ، އެކަން ކުރުމާ އެކީގައި، އަޅުގަނޑުމެން ވަރަށް އަވަހަށް މަސައްކަތް ފަށާނަން. ފުޓްބޯޅަ ދަނޑުގައި ލައިޓްޖެހުން.

އަދި އޭގެއިތުރަށް، އައުޓްޑޯރ ޖިމެއް ޤާއިމުކުރުމާއި، އަދި ކުރިން ފެށިފައި ހުރި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ނިންމުމުގެ މަސައްކަތާ އެކީގައި، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްދޭނަން. އެ މަޝްރޫޢަކީ ކުރީގެ މަޝްރޫޢެއް. ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު. އަޅުގަނޑުމެންގެ ކޮންސެޕްޓްގައި މިހާރު އޮތީ ވަކިގޮތަކަށް އޮތް ޑިޒައިނެއް. ދެން އެހެންނަމަވެސް، ކުރިން ފަށާފައި އޮތް މަޝްރޫޢެއްވީމާ، އަޅުގަނޑުމެން މި ބޭނުންވާ ކޮންސެޕްޓަށް މުޅިން ފިޓެއް ނުއެއްވޭ. އެހެންވިޔަސް، އެތަން ނިންމައި، އެންމެ ބޭނުންތެރި ގޮތަކަށް، މި ރަށުގައި އިންޑޯ ޖިމް ބޭނުންފުޅުވާ ބޭފުޅުން އެބަތިއްބެވި. ޚާއްޞަކޮށް، ކަނބަލުންގެ ތެރޭގައި. އެހެންވީމާ، މިނިސްޓްރީގެ ފަރާތުން އެކަމަށް ރިޢާޔަތްކުރާނެ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ނިމިގެންދާއިރުގައި. ހަމައެއާއެކީގައި، ފުޓްބޯޅަދަނޑުގެ ލައިޓްޖެހުމާއި، ހޭންޑްބޯލް ކޯޓެއް ހެދުމަށް، އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް، މި ހަފްތާގެ ތެރޭގައި، އަޅުގަނޑުމެން މި ރަށުގައި، ހޭންޑްބޯލް ކޯޓެއް އަޅަންވެސް އެބަ ހަވާލުކުރަން.

އަންހެން ކަނބަލުން ވަރަށްބޮޑަށް ބޭނުންވޭ، ރާއްޖޭގެ ހުރިހާ ދިމާއެއްގައި މި ކަންތައް. މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓް ހުށަހަޅާއިރުގައި، ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބަޖެޓުގެ މަސައްކަތް ނިންމައި، އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅަންޖެހޭ، އޮކްޓޫބަރުގެ ތެރޭގައި. ހުށަހަޅާއިރުގައި، އަޅުގަނޑުމެން ހިމަނާ އެއް ޕްރޮގްރާމަކީ، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އެއީ، ކޮންމެ ރަށެއްނޫން، ހޭންޑްބޯލް ކޯޓު ބޭނުންވާ ހުރިހާ ރަށެއް ހިމެނޭގޮތަށް، ހޭންޑްބޯލް ކޯޓު އަޅައިދިނުމުގެ ޕްރޮގްރާމެއް، ނިއު ޕޮލިސީ އިނީޝިއޭޓިވް ތެރޭގައި، ނޫނީވިއްޔާ އާ މަޝްރޫޢުތަކުގެ ތެރޭގައި އެބަ ހިމަނަން. ދެ އަހަރު ދުވަހަށް ބަހާލައިގެން، 2026 އާއި 2027 އަށް ބަހާލައިގެން، ރާއްޖޭގައި ހޭންޑްބޯލް ކޯޓުއަޅަން ބޭނުންވާ ރަށްރަށުގައި، ހޭންޑްބޯލް ކޯޓު އަޅައިދިނުމުގެ މަޝްރޫޢެއް. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު ވާނީ، ވަރަށް ކާމިޔާބު މަޝްރޫޢަކަށް. އަޅުގަނޑަށް މިހާތަނަށް ފާހަގަވީ، ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން، ޚާއްޞަކޮށް، ކަނބަލުން ބޭނުންވެލައްވާ ކަމެއް ހޭންޑްބޯލް. އަދި ވަރަށް ކުރިއެރުވޭނެ ކަމެއް. ކާމިޔާބީ ހޯދަމުންވެސްދާ ދާއިރާއެއް އެއީ، ހޭންޑްބޯލް ކުޅުމަކީ.

އެހެންވީމާ، ސަރުކާރުން ވަރަށް އިސްކަމެއްދެން، ހޭންޑްބޯލް ކުޅިވަރު ކުރިއަރުވަން. މާލޭގައިވެސް، ރަށްރަށުގައިވެސް. ހޭންޑްބޯލްއަށް ވަރަށް ސަމާލުކަން އެބަދެން. އެހެންވީމާ، މި އަންނަ އަހަރުގެ ބަޖެޓުން ފަށައި، މި އަންނަ އަހަރާއި، މި އަންނަ އަހަރު ނޫން ދެން އަންނަ އަހަރަށް ބަހާލެވިގެން، ދެ އަހަރު ތެރޭގައި ހިންގާ މުހިންމު ކުޅިވަރުގެ ޕްރޮގްރާމަކަށް ވާނެ، ހޭންޑްބޯލް ކޯޓު އަޅައިދިނުން. ނަމަވެސް، މި އަހަރު، މި ރަށުގައި ފެށޭނެއޭ. މި ހަފްތާގައި މި ސޮއިކުރަނީ. ސޮއިކޮށްގެން މި އަހަރުގެ ބަޖެޓުން މި ރަށުގައި ފެށޭނެ. މުޅި ރާއްޖެ ކަވަރ ވާގޮތަށް، ވަރަށް ގިނަ ރަށްތަކުގައި ހޭންޑްބޯލް ކޯޓު އެޅުމުގެ ޕްރޮގްރާމެއް މި އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގައި ހިމަނައިގެންވެސް ފަށަން އެބަ. އެހެންވީމާ، އެއީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ގިނަ ރަށްތަކުގައި، ހޭންޑްބޯލް ކުޅުމަށް ބޭނުންވާ ފަރާތްތަކަށް ދެވޭ އުފާވެރި ޚަބަރެއް. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން އެގޮތަށް ގެންދާނަން.

އާދެ، ދެން މި ރަށަށް ބޭނުންވާ ކަންކަމުގެ ތެރޭގައި އެބަހުރި ބައެއް ކަންކަން. މިސާލަކަށް، މަގުތައް ހެދުން. ޓޫރިޒަމް ވަރަށް ރަނގަޅަށް ކުރިއަރާ ރަށްރަށުގެ ތެރޭގައި ހިމެނޭ މި ރަށްވެސް. ލޯކަލް ޓޫރިޒަމް ކުރިއަރުވާ ރަށްރަށުގެ ގިނަ ރައްޔިތުން ބޭނުމެއްނުވޭ، އަޅުގަނޑަށް ފާހަގަވާގޮތުގައި، ތާރުއަޅާކަށް، ގާ އަތުރާކަށެއް. ތިޔަބޭފުޅުން ބޭނުންވާ ގޮތްވެސް، ތިޔަބޭފުޅުން ނިންމަވާނީ. ވަރަށް ގިނަ ރަށްރަށުން މިހާރު ބޭނުންވަނީ، ވެލިމަގުތައް ހަމަ އޮންނަން. ރީތިކޮށް ފަސްގަނޑު އެއްވަރުކުރެވި، ފެން ހިނދޭ ނިޒާމާއެކީގައި އޮންނަ ވެލިމަގު. އެއީ، އަޅުގަނޑަށްވެސް އެންމެ ރަނގަޅު ގޮތް. އެއީ، ރަށުގެ ނެޗްރަލް ބިއުޓީ ޙިމާޔަތް އެބަކުރެވޭ. ފެން ހިނދޭ. ރަށަށް އަންނަ ފަތުރުވެރިންނަށް ބޭނުންވާ މާޙައުލަކީ އެއީ. އެހެންނަމަވެސް، ރަށުގެ ރައްޔިތުން ނިންމަވާނީ. މި ރަށުގެ ރައްޔިތުން ބޭނުންވަނީ، މި ކޮންސެޕްޓް ކަމަށްވަންޏާ، އެ ކޮންސެޕްޓްގައި އަޅުގަނޑުމެން މަގު ހެދުމުގެ މަޝްރޫޢު ހަވާލުކުރާނީ. މިހާރު ބަޔަކު ހޮވުމުގެ މަރުޙަލާގައި، ނޫނީވިއްޔާ ޓެންޑަރިންގގެ ސްޓޭޖްގައި މިއުޅެނީ.

އެހެންވީމާ، ކުރިޔަށް މިއޮތް ދުވަސްކޮޅުގެ ތެރޭގައި، ކައުންސިލާއި، މަޖިލިސް މެންބަރާއި، ތިޔަބޭފުޅުންނާ ގުޅިގެން އަޅުގަނޑުމެން ނިންމާނީ، މި ރަށަށް ބޭނުންވާ ގޮތް. ނިންމައި، ކުރިއަށް އޮތް ދެތިންމަސް ދުވަހަކީ، މިކަން ފައިނަލައިޒް ކުރެވި، ބަޔަކާ ހަވާލުކުރެވޭނެ ދުވަސްތައް. އަޅުގަނޑުމެންގެ ޓާގެޓަކީ، މި އަހަރު ތެރޭގައި ޢަމަލީ މަސައްކަތް ފެށުން. އެ ޓާގެޓަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތްކުރާނަން. ވަރަށް އުންމީދު އެބައޮތް. ތިޔަބޭފުޅުން ނިންމަވާ ކޮންސެޕްޓްގައި، އިރާދަކުރެއްވިއްޔާ މި ރަށުގައި މި އަހަރު ފެށޭނެ ޢަމަލީ މަސައްކަތް. އެހެންވީމާ، ތިޔަބޭފުޅުން ބޭނުންވާގޮތަށް މަގުވެސް އޭރުން ހެދިގެން އެދަނީ.

އާދެ، ފުލުހުންގެ މަރުކަޒު އެޅުން. ފުލުހުންގެ މަރުކަޒެއް އެޅުމުގެ މަސައްކަތް މި ފެށިގެން މިދަނީ. ފުލުހުންގެ މަރުކަޒު މި ރަށުގައި އަޅުގަނޑުމެން އަޅާނީ، ހަމައެކަނި ޕޮލިސް ޕޯސްޓެއް ގޮތަކަށް ނޫން. ޕޮލިސް ޕޯސްޓަކަށްވުރެ ފުޅާ ސްކޭލްގައި. އެހެންނަމަވެސް، އަރބަން ސެންޓަރުތައް، ނޫނީވިއްޔާ، ސިޓީތަކުގައި މި ހުންނަހާ ބޮޑެތި މަރުކަޒެއް ނޫން އެއީކީއެއް. އެއަށްވުރެ ސްމޯލް ސްކޭލް. އެހެންނަމަވެސް، އެންމެ ކުދިކުދި، މި ހުންނަ ޕޮލިސް ޕޯސްޓަށްވުރެ ބޮޑު، އިނގޭތޯ. އެހެންވީމާ، މި ރަށަށް އެންމެ އެކަށީގެންވާ ފެންވަރުގެ ފުލުހުންގެ މަރުކަޒެއް މި ރަށުގައި މި ފަށަނީ. އިރާދަކުރެއްވިއްޔާ، އެގޮތަށް އެކަން ކުރިއަށް ގެންގޮސްދޭނަން.

އެހެންވީމާ، ޖުމްލަކޮށް ދަންނަވާނަމަ، ތިޔަބޭފުޅުން ބޭނުންވި ކަންކަން އެއީ. އެންމެ ބޮޑު ޚަރަދެއް ހިނގާ ކަންތައް އެންމެ ފަހަތަށް އަޅުގަނޑު މި ބާއްވާލީ. އެއީ، ބިން ހިއްކުން. މި ރަށުގެ ބިން ހިއްކުން މި އަހަރުގެ ބަޖެޓަކު ނެތް ހިމެނިފައެއް. މި އަހަރުގެ ބަޖެޓަކު ހިމެނިފައެއް ނެތް. އެހެންވީމާ، އަޅުގަނޑުމެންނަކަށް މި އަހަރަކު އެ މަޝްރޫޢެއް ނުފެށޭނެ. އެހެންނަމަވެސް، އަޅުގަނޑުމެން ވަރަށް އިސްކަމެއްދެން، މި ރަށަށް ބިން އިތުރުކޮށްދޭން. އަޅުގަނޑުމެން މަސައްކަތްކުރާނީ، މި އަންނަ އަހަރަށް އަޅުގަނޑުމެން ފާސްކުރާ ބަޖެޓުން އެކަމަށް ޖާގަ ހަމަޖެއްސޭތޯ. އަޅުގަނޑުމެން ވަރަށް އިސްކަމެއްދެން، ރައްޔިތުންނަށް ދަތިވެފައިވާ، މި މުހިންމު މައްސަލަ ޙައްލުކޮށްދޭން. އެހެންވީމާ، ތިޔަބޭފުޅުން ޔަޤީންކުރައްވަންވީ ކަމަކީ، ވީ އެންމެ އަވަހަކަށް، އަޅުގަނޑުމެންނަށް ކުރެވޭ ކަމަށްވަންޏާ، މި އަންނަ އަހަރުވެސް އިރާދަކުރެއްވިއްޔާ، މި އަހަރު ބަޖެޓް ހަދާއިރުގައި ވަރަށް އިސްކަންދޭނަން، ބަޖެޓުގައި ހިމަނައިގެން، ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކޮށްދޭން. އެކަމުގައި އެއްވެސް ޝައްކެއް ކުރައްވާނެ ކަމެއްނެތް. އެކަން ކޮށްދޭނަން އަޅުގަނޑުމެން އިނގޭތޯ.

އާދެ، ދެންމެ މުއައްސަސާތަކާ އެކީގައި އަޅުގަނޑުމެން ބައްދަލުވުމެއް ބޭއްވިން. ކައުންސިލާއި ހުރިހާ މުއައްސަސާތަކާ އެކީގައި. ކޮންމެ މުއައްސަސާއަކުން، އެ ބޭފުޅުންނަށް ދަތިވެފައިވާ ކަންކަމާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ވަރަށް ތަފްޞީލުކޮށް ޙިއްޞާކުރެއްވި. އަދި ވަޒީރުންނަށް އަޅުގަނޑުވާނީ އެކަންކަން ދަންނަވާފައި.

އަޅުގަނޑު ރަށްރަށަށް މި ދަތުރުކުރަނީ މިގޮތަށް. ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް، އެއް ބައްދަލުވުމަކުން، ނޫނީވިއްޔާ އެއް ދަތުރެއްގެ ތެރެއިން ކިޔައިދީ، ކަންކަމަށް ޙައްލުގެނެސްދިނުމަށްޓަކައި. މިކަމަށް އަޅުގަނޑު އެދެން ވިސްނާލައްވަން. އެއީ، ފާޑުވިދާޅުވާ ބޭފުޅުން ވިދާޅުވާ ކަންކަމުގައި، ބައެއްފަހަރު ބައެއް ބޭފުޅުންނަށް، އެހާބޮޑަށް ވިސްނިވަޑައިނުގަންނަވާތީ. އަޅުގަނޑުމެން މި ދަތުރުތައް މިކުރަނީ، ރަށްރަށުގައި ހުރި، ހުރިހާ މަޝްރޫޢުތަކެއް ހިންގަވާ ބޭފުޅުންނާ އެކީގައި. މިގޮތަށް މިކަން ނުކުރީމާ ވާގޮތަކީ، ވަރަށް އިންއެފިޝަންޓް. މިސާލަކަށް، ކައުންސިލް މި ދާންޖެހެނީ މާލެއަށް. ސްކޫލްގެ ޕްރިންސިޕަލް، ނޫނީވިއްޔާ ސްކޫލްގެ ޓީމެއް ދާންޖެހެނީ މާލެއަށް. ޞިއްޙީ މަރުކަޒުގެ ޓީމެއް މި ދާންޖެހެނީ އެއީ، އެ ބޭފުޅުން ކަމެއް އޮތީވިއްޔާ މާލެއަށް. ފެނަކަ ޓީމުން، ފެނަކައިން ކަމެއް ދިމާވީމާ، އިންޖީނުގެ، މިތާ ސްޓެލްކޯ ހުންނަނީ. މިސާލަކަށް، މައްސަލައެއް ޙައްލުކުރަންވީ. މަޝްވަރާކުރަން ދާންވީ މާލެއަށް. އެތައް ބައްދަލުވުމަކުން، އެތައް ދުވަހަކުން، އެ ހުރިހާ ކަމެއް ޙައްލުވަނީ. ކައުންސިލުން ބޭނުންވާ ކަންކަން، ދެންހުރި ކަންކަން ޙައްލުކުރަން، ވަކިވަކި ބައްދަލުވުންތައް، ވަކި ދަތުރުތައްކޮށް، މާލެއަށް ގޮސް، އެކި ދުވަސްވަރުމަތިން، މި ޝެޑިއުލް ހަމަޖެހެނީ. މިނިސްޓަރުންނާއި އެމް.ޑީ.ންގެ ވަގުތުތަކާއި، ވަރަށް ދިގުލައިގެންދާ، ދިޔުޅިދިގު، އިންއެފިޝަންޓް ނިޒާމެއް މިއަދާ ހަމައަށް، މިފަހަކާ ހަމައަށް އައިއިރު މިއޮތީ. އަޅުގަނޑުމެން މި މަސައްކަތް މިގޮތަށް ފެށުމާ ހަމަޔަށް.

މި ސަރުކާރުން މިކަން ކުރަނީ ކިހިނެއްތޯ؟ އަޅުގަނޑު މި މަސައްކަތްކުރާ ގޮތަކީ، މިކަމާ ގުޅޭ ހުރިހާ އެންމެން އެކީގައި ގެނެސް، އެއް ބައްދަލުވުމެއްގައި، މި ދެންނެވި ހުރިހާ މުއައްސަސާތަކުގެ ވެރިންނާ އެކީގައި، ހުރިހާ ކައުންސިލަރޒް، ޑަބްލިޔު.ޑީ.ސީ.، ހުރިހާ ބޭފުޅުންނާ އެކީގައި، އެއް ބައްދަލުވުމެއް ބާއްވައި، އެ ބައްދަލުވުމުން، އެ ހުރިހާ މުއައްސަސާއަކުން ދައްކަންހުރި ހުރިހާ ވާހަކައެއް ދައްކަން އަޅުގަނޑު ފުރުޞަތު ދެނީ. ހުރިހާ ވާހަކައެއް ނިމެންދެން. ނިމުނީމާވެސް އަޅުގަނޑު އެބަ އަހަން، އަދިވެސް އިތުރު ކަމެއް އޮތީވިއްޔާ ވިދާޅުވާށޭ. ދެން، އެކަންކަމާ ގުޅޭ މިނިސްޓަރުންނާއި، އެމް.ޑީން ހުރިހާ ތަފްޞީލެއް އެ ދެނީ. މައްސަލަތައް ޙައްލުކުރެވެނީ. ވާނުވާ އެނގިގެން ދަނީ.

އެހެންވީމާ، އެއް ބައްދަލުވުމުން، އެ ޙައްލުވެގެން ދަނީ، ރަށުގައި ހުރި ހުރިހާ ކަމެއް. ނޫނީވިއްޔާ މަޢުލޫމާތު ޙިއްޞާކުރެވި، މަޝްވަރާ ކުރަންވާ ކަންކަން ނިމި، ވަރަށް އެފިޝަންޓްކޮށް، ކުރުވަގުތެއްގައި، ކަންކަން އެ ޙައްލުވަނީ. އެހެންވީމާ މިއީ، އަޅުގަނޑު މިކަން ކުރަން މި ބޭނުންވާ ގޮތަކީ. ރަށްރަށުގެ މުއައްސަސާތަކަށްވެސް، އިވެންޗުއަލީ، އާޚިރު ނަތީޖާއަކީ، ރައްޔިތުންނަށްވެސް އެއިން ވަނީ ފައިދާ. ލިބެނީ ހިތްހަމަޖެހުން. އެ މުއައްސަސާތަކުގެ ވެރިންނަށް، އެ މުއައްސަސާތައް ރިޕްރެޒެންޓް ކުރާ ފަރާތްތައް، ނޫނީވިއްޔާ ޚިދުމަތްދޭ ފަރާތްތަކަށް، ރައްޔިތުންނަށްވެސް ދޭންހުރި ޖަވާބުތައް ދިނުމުގައިވެސް ފަސޭހަ އެބަވޭ. ފަސޭހަ އެބަވޭ. އަޅުގަނޑު ބޭނުންވަނީ، މިހާ ގާތުން ސަރުކާރުން މަސައްކަތްކުރަން. ޢަމަލީގޮތުން، ގާތުން، ހަމަ ޙަޤީޤީ މާނައިގައި، މަސައްކަތްކުރަން.

އެހެންވީމާ، މިގޮތަށް މިކަން ކުރަނީ. އެއިން އަޅުގަނޑަށް ހިތްހަމަޖެހުން ލިބޭ. ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭ. ރަށްރަށުގައި މުއައްސަސާތައް ހިންގަން ތިބި ފަރާތްތަކަށް ހިތްހަމަޖެހުން އެބަ ލިބިގެންދޭ. އިރާދަކުރެއްވިއްޔާ، އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. އަޅުގަނޑުމެން މިގޮތަށް މަސައްކަތްކުރީމަ، ތިޔަބޭފުޅުންނަށް ލިބޭނީ ހިތްހަމަޖެހުން.

އެހެންވީމާ، މިގޮތަށް މި ދަތުރުތައް މި ކުރަނީ މި ބޭނުމުގައި. އަޅުގަނޑުގެ ހުރިހާވެސް ފަލްސަފާއަކީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރުން. އަޅުގަނޑުގެ ހުރިހާވެސް ވިސްނުން ހުންނަގޮތަކީ، އެގޮތަށް މަސައްކަތްކުރުން. ކުރީގައި އަޅުގަނޑު މަސައްކަތްކުރީވެސް، މާލޭގައި މޭޔަރަކަށް އިންތިޚާބުކޮށްފައި ހުރިއިރު، މާލޭގެ ރައްޔިތުންގެ ގާތުންވެސް މަސައްކަތްކުރީ، މާލެތެރޭގައި އަބަދުވެސް ރައްޔިތުންނާ ބައްދަލުކުރުމާއި، އެކިއެކި މުއައްސަސާތަކާ ބައްދަލުކޮށް، ވަރަށްގާތުން. އަޅުގަނޑު ބޭނުންވަނީ، އެގޮތަށް މަސައްކަތްކުރަން. އެހެންވީމާ، ޝެޑިއުލް ކޮށްގެން، ހުރިހާ ރަށަކަށް މިދަނީ. ރައްޔިތުންނާ ގާތަށް އަންނަނީ އެހެންވެގެން. އައިސް، މިކަންކަން މިކުރަނީ. މި މަޝްވަރާތައް ކުރަނީ. މި ބައްދަލުވުންތައް ބާއްވަނީ އެހެންވެގެން. އިރާދަކުރެއްވިއްޔާ، މިކަމުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ތިޔަބޭފުޅުންނަށް. ތިޔަބޭފުޅުން ބޭނުންވާ ގޮތަށް، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ވެގެން މިދަނީ. އެހެންނޫނީވިއްޔާ، ސިޓީ ފޮނުވައިގެން، ސިޓީބިޓީގެ ޖަވާބުތައް ލަސްވެ، އޭގެ ސަބަބުން ކަންކަން ނުވެ އެދާ ދިޔުމުން، ހަމަ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް ވަނީ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، އެކަން އޮޅުންފިލުވާލައިދޭނަމޭ. ލައިވްކޮށް ދައްކާ ޖަލްސާއެއްވީމަ، ރައްޔިތުންނަށްވެސް ސާފުވެ، މީޑިއާއަށްވެސް ސާފުވެ، ކަންކަން ސާފުވާނެތީ.

އާދެ، ނިންމާލާނަން. އަދިވެސް އެއްފަހަރު، ހިމަންދޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށްޓަކައި، އަޅުގަނޑު މި ދެންނެވި ގޮތަށް، ހުރިހާ މަޝްރޫޢުތަކެއް ކުރިއަށް ގެންދާނަން. އަދި، އިރާދަކުރެއްވިއްޔާ އިތުރު ކަންކަންވެސް ކުރެވޭނެ. މި އަދި ލިސްޓު ނިމުނީކީނޫން. އަޅުގަނޑު ވަޢުދުވީ ކަންކަން އެކަންޏެއްނޫން މި ރަށުގައި ކުރަން ހުންނާނީކީއެއް. ކުރިއަށް އޮތްތާވެސް، އިތުރު ކަންކަން ކުރަން ހުންނާނެ. ބިން އިތުރުވީމާ، ގޯތިގެދޮރު ދޭނެ. ގޯތިގެދޮރު ދިނީމާ، ހައުސިންގ މަޝްރޫޢުތައް ހިންގުން އޮންނާނެ. މިހެންގޮސް، ކަންކަން ހުންނާނެ އިރާދަކުރެއްވިއްޔާ ކުރަން.

އަނެއްކާވެސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން އައުމުގެ އުންމީދުގައި ވަކިވެލަން. މި ފެށިގެންދާ ގިނަ މަޝްރޫޢުތައް، ނޫނީވިއްޔާ މި ހިނގަމުންދާ މަޝްރޫޢުތައް ނިންމައި، އެކަމުގައި ބައިވެރިވުމުގެ އުފަލުގައި، ތިޔަބޭފުޅުންގެ ގާތަށް އަންނަން ބޭނުން، އުންމީދުކުރަން. އެ އުންމީދާ އެކީގައި، އަޅުގަނޑު ވަކިވެލާނަން.

އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ މި ޤައުމުގެ ތަރައްޤީގައި، އުފާ ފާގަތިކަން ހާސިލުކުރުމުގައި، އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.