بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މާޅޮހުގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން ބައްލަވަމުން ގެންދަވާ، އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، ތިޔަބޭފުޅުން މިއަދު ވަޑައިގެން، އަޅުގަނޑަށް މި ރަށަށް އާދެވުނު ވަގުތު، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، މާޅޮހުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން، އާދެ، ރިޔާސީ އިންތިޚާބުގައި، އަޅުގަނޑު މި ރަށަށް އައިން. އަދި ތިޔަބޭފުޅުންނަށް ދަތިވެފައިވާ، އަދި މުހިންމު ވަރަށް ގިނަ ކަންކަމުގައި، އެކަންކަން ކޮށްދޭނެ ކަމަށް އަޅުގަނޑު ދެންނެވިން. އިރާދަކުރެއްވިއްޔާ، މި ސަރުކާރުން، އެ ވަޢުދުތައް ފުއްދައިދިނުމުގައި، ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި، މަސައްކަތްތައް ކުރަމުން ގެންދާނަން. މިހާރުވެސް އެގޮތަށް މިގެންދަނީ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ އެގޮތަށް ދާނެ.
ބަނދަރުގެ މަޝްރޫޢަކީ، އެގޮތުން އަޅުގަނޑު އެންމެ މުހިންމު ކަމެއް ދޭނެ ކަންތައް. އެންމެ އިސްކަމެއްދީގެން، ބޮޑު މައްސަލައެއްގެ ގޮތުގައި ޙައްލުކުރާނެ ކަމަށް ދެންނެވި، އެއް މައްސަލަ. މިކަން މިހާރު އެބަ ކުރިއަށް ގެންދެވޭ. މިހާރު މިދާ ސްޕީޑް އިރާދަކުރެއްވިއްޔާ އަދި އިތުރަށް ބާރުކުރެވޭނެ. ބޮޑުހިލަ ހޯދުމުގެ މަރުޙަލާގައި ވަރަށް ގިނަ ކަންތައްތައް އެބަހުރި. ވަރަށް ގިނަ މަސައްކަތްތައް އެބަހުރި މި ރަށުގައި. އަދި ވަރަށް ގިނަ އެހެން ރަށްތަކުގައި.
ސަރުކާރުން މިހާރު ބަނދަރާއި، ބޭރުތޮށްޓާއި، އެއްގަމުތޮށި، ދެން މިހެންގޮސް ބޮޑުހިލަ ޖަހަންޖެހޭ، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމާ ގުޅޭ، ބޮޑުހިލައާ ގުޅިފައި ހުރި ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ވަރަށް މުހިންމު، ވަރަށް ގިނަ ކަންތައްތަކެއް، ފައިސާއާ ގުޅިފައި ހުރި ކަމެއްވީމާ، މިހާރު އެކަމަށް ގިނަ ވަގުތު ނަގާ. މިހާރު އެކަމުގައި ކުރިއަށްދެވޭނެ މަގުތަކެއް ހަމަޖައްސާފައި އޮންނާނީ. އެކަން ވަރަށްފަހުން އަޅުގަނޑުމެންނަށް ވަނީ ހަމަޖެއްސިފައި.
އެހެންވީމާ، މި ރަށުގެ މަޝްރޫޢުވެސް ދާދިއަވަހަށް ސްޕީޑް ގެއިންކުރާނެ. އަވަސްވާނެ. އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު، ބަނދަރުގެ މަޝްރޫޢު މި ދެންނެވި ގޮތަށް ހިނގަމުންދާނެ ބާރު ސްޕީޑްގައި. އަދި އޭގެއިތުރަށް، އެ މަޝްރޫޢާ ގުޅިގެން، އަދި ބައެއް ކަންކަން އެބަހުރި ކުރަން.
މިސާލަކަށް ދަންނަވަންޏާ، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ކުރަންޖެހޭ ކަންކަންވެސް، ބޮޑުހިލައާ ގުޅިފައި ހުރީ. އެހެންވީމާ، ބަނދަރުގެ މަޝްރޫޢު ނިމެންވާއިރަށް، އެ މަޝްރޫޢު ފެށުމަށްޓަކައިވެސް އަޅުގަނޑުމެން އެބަ މަސައްކަތަށް ތައްޔާރުވަން. އަދި ބަނދަރާ ގުޅިގެން، ބަނދަރުގެ މަސައްކަތް ހިނގާއިރުގައި، އިތުރުކުރެވޭ ޖާގައަށް، އިންޖީނުގެ ރީލޮކޭޓް ކުރުން، ނޫނީ ބަދަލުކުރުމަކީ، އަޅުގަނޑުމެން ނިންމާފައި އޮތް ކަމެއް. އެހެންވީމާ، މިހިރީ ގުޅިލާމެހިފައި ހުރި ކަންކަން. މި މަސައްކަތްތައް މިގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށްގެންދަން ނިންމާފައި މިއޮތީ. ދެން އިންޖީނުގެ ރީލޮކޭޓް ކުރުމާއި، މި ހުރިހާ ކަމަކާ ގުޅިފައި މިހިރީ.
މި ރަށުގެ ފުޓްސަލް ދަނޑުގެ ސައިޒްވެސް ތަންކޮޅެއް ކުޑަ. ބޮޑުކުރެވެންއޮތީވެސް މި ހުރިހާ ކަމަކާ ގުޅިލާމެހިފައި އޮތީމަ، އެކުއެކީގައި ހިނގައިގެން. އެހެންވީމާ، ބޮޑު ފުޓްބޯޅަ ދަނޑު އެއީ އަޅުގަނޑު ވަޢުދުވީ ކަމެއް. ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު އެއޮތީ ފަށާފައި. އަޅުގަނޑުމެން މަޝްރޫޢު ނިންމާނީ، މިހާރު ފެށިފައި އޮތް މަސައްކަތް ނިންމާއިރުގައި ނިމޭނީ، ހުރިހާ ކަމެއް އޭގައި ފުރިހަމަވާގޮތަށް. އެއީ ވަށައި ފެންސްޖެހި، ލައިޓްޖެހި، އަދި މި ދެންނެވި ހުރިހާ ފުލް ސްކޯޕާއި އެކީގައި. އެހެންވީމާ، މިގޮތަށް މިކަންކަން އަޅުގަނޑުމެން ތަރުތީބުކޮށްގެން މިގެންދަނީ.
ހަމަ އޭގެއިތުރަށް، މި ރަށުގައި ކުޅިވަރުގެ ދާއިރާގެ ތެރެއިން އިތުރު ކަންކަންވެސް ކުރަން އޮންނާނީ ކަނޑައަޅާފައި. މި އަހަރުގެ ތެރޭގައި، މިހާރު ބިންވެސް ހަމަޖެހިފައި ހުރި ބައެއް ކަންކަން. އެއީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު، ކުރީގެ ގޮތުންވިއްޔާ ޒުވާނުންގެ މަރުކަޒު. އެ މަސައްކަތްވެސް މި އަހަރު ފެށޭނެ. އަދި އޭގެއިތުރަށް، އައުޓްޑޯ ޖިމެއްގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މި އަހަރު ފަށަން މިހާރު ތައްޔާރުވެފައި މިއޮތީ. އެހެންވީމާ، މިއީ ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެން ކުރާނެ ކަންކަން.
ދެން މި ރަށުގައި ވަރަށް ބޮޑަށް ދިމާވެފައި އޮންނަ މައްސަލައެއް، ބިން އަޑިކޮށް އޮންނާތީ މެދުތެރޭގައި ފެން ބޮޑުވަނީ، ބައެއްފަހަރު، މާބޮޑަށް ވާރޭވެހުނީމާ. އެއީ، ތަންކޮޅެއް ޓެކްނިކަލް ދިރާސާއެއް ކުރަންޖެހޭ ކަމެއް. އެހެންވީމާ، ކަމާބެހޭ މިނިސްޓްރީން އެކަމަށްޓަކައި މަސައްކަތްތަކެއް ކުރާނެ، ދާއިމީ ޙައްލެއް ގެނެވޭނެ ގޮތެއް ހޯދަން. ޕަމްޕިންގ ނިޒާމެއް، ތަންކޮޅެއް ރަނގަޅު ޕަމްޕިންގ ނިޒާމެއް ޤާއިމުކުރުމަށް ނަމަވެސް. އެހެންވީމާ، އެކަމަށްވެސް ސަރުކާރުން ވަރަށް އިސްކަންދީގެން މަސައްކަތްކުރާނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަމުގައި ހަމަ ރަނގަޅު ސޮލިއުޝަނެއް ހޯދައިދޭނަން. ހޯދައި، އެކަމަށްވެސް ޙައްލެއް ގެންނާނަން. އެހެންވީމާ، މިހެންހުރި ހުރިހާ ކަމެއް މިހިރީ، އަޅުގަނޑުމެން ވަރަށް ސީރިއަސްކަމާ އެކީގައި، ކުރަން ނިންމާފައި.
މިހާރު މިއަދު އަޅުގަނޑުމެން، އޭ.ޓީ.އެމް. އިރާދަކުރެއްވީތީ މި ހުޅުވީ. އޭގެ ސަބަބުންވެސް، ރައްޔިތުންނަށް ހަމަ ޔަޤީނުންވެސް ފަސޭހަތަކެއްވާނެ. ރަށްރަށުން ކުރީގައި މިދާންޖެހެނީ، ކޮންމެވެސް އެހެން ރަށަކަށްގޮސް، ބޮޑު ޚަރަދެއް ކޮށްގެން، ފައިސާ ޖަމާކުރަން، ނަގަން މި އުޅެންޖެހެނީ. އިރާދަކުރެއްވީތީ އެކަން މި އަތޮޅުގައި މިއަދު މި ފުރިހަމަވެގެންދިޔައީ. ހަމަ އެގޮތަށް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި އަހަރު ނިމެންވާއިރަށް، އެކަން ހަމަޖައްސައިދޭން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ އެގޮތަށްދާނެ.
ހަމައެއާއެކީގައި، ފުލުހުންގެ މަރުކަޒުގެ މަސައްކަތްވެސް މިއަދު މި ރަށުގައި މި ފެށިގެންދިޔައީ. މި އަހަރު ނިމޭއިރު، އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި، މަރުކަޒުތައް އެޅުމުގެ މަސައްކަތް ފެށިގެންދާނެ. އަދި ބައެއް ރަށްރަށުގައި ނިމެންވެސް ނިމޭނެ.
މިހިރީ ކުރީގައި، ޚާއްޞަކޮށް، ކުދި ރަށްރަށުގައި އެއްގޮތަކަށްވެސް ސަމާލުކަންނުދީ، ނޫނީ ނުދެވިފައި ހުރި ކަންކަން. އަޅުގަނޑުމެން މި އިސްކަންދެނީ، މިހެންހުރި ކަންކަން ނިންމަން. އާބާދީއަކަށް ނުބަލަން. އާބާދީ ކިތަންމެކުޑަވިޔަސް، އަޅުގަނޑަށް ކޮންމެ ދިވެހި ރައްޔިތެއް ހަމަހަމަ. ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަކަމާއެކީގައި، ކަންކަން ފުރިހަމަކޮށްދިނުމަކީ، އަޅުގަނޑުގެ މައިގަނޑު ފަލްސަފާއަކީ. އެހެންވީމާ، އެގޮތުން ހުރިހާ ރަށެއްގައި މިކަންކަން ކޮށްދިނުމަށް މި މަސައްކަތް ކުރަނީ.
އަޅުގަނޑުމެން މިހާރު ސޮއިކޮށްފައި އޮންނާނެ، ޞިއްޙީ މަރުކަޒުގެ މަޝްރޫޢުވެސް. ދާދިފަހުން، މީގެ ހަފްތާއެއްހާ ދުވަސް ކުރިން. އެ މަޝްރޫޢުގެ މަސައްކަތް ފެށިގެން ވަރަށް އަވަހަށް ދާނެ. އޭގެތެރެއިން، ޞިއްޙީ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރެވިގެންދާނެ. ހުރިހާ ލެބޯރެޓަރީ ސަރވިސް، ދެންގޮސް ހުރިހާ ކަމެއް. ފުލް ސްކޯޕް ޞިއްޙީ މަރުކަޒެއް އެއީ. އެހެންވީމާ، އެ މަސައްކަތްވެސް އެވަނީ އެގޮތަށް ހަވާލުކުރެވިފައި.
މިސްކިތުގެ މަޝްރޫޢުވެސް، އިރާދަކުރެއްވީތީ އެވަނީ ފެށިފައި. ވަރަށް ޒަމާނީ މިސްކިތްތައް، އަޅުގަނޑުމެން މިހާރު އަޅަނީ. ހަމައެކަނި ނަމާދުކުރާ މިސްކިތަކަށްވުރެ ބޮޑަށް، ލައިބްރަރީވެސް ޤާއިމުކުރެވި، ޤުރްއާން ކްލާސްތައް ހިންގި، މިގޮތަށް ވަރަށް ފުރިހަމަ މިސްކިތްތަކެއް. 500 މީހުންގެ ޖާގައިގެ މިސްކިތެއް މި ރަށުގައި މި އެޅެނީ. ސޯލަރ ޕަވަރއިން އަޅުގަނޑުމެން ޕަވަރ ޖެނެރޭޓް ކުރާގޮތަށް، މިހާރު ޑިޒައިންތައްވެސް ހަދާފައި މި ހުންނަނީ. އެހެންވީމާ، މިކަހަލަ ވަރަށް ގިނަ ކަންތައްތައް އެއްފަހަރާ މި ރަށުގައި ކުރިއަށްގެންދަން ނިންމާފައި އަޅުގަނޑުމެން މިވަނީ.
އާދެ، ތަންކޮޅެއް އުނދަގޫގޮތެއްގައި، ނޫނީވިއްޔާ އަދި މައްސަލަ ޙައްލުނުވެފައި އޮތް ކަމެއް އަޅުގަނޑު އެންމެ ފަހަތަށް މިލީ. ސްކޫލްގެ މަޝްރޫޢު. މި ސްކޫލަށް ޖާގަ އެބަ ބޭނުންވޭ. މަލްޓި ޕަރޕަސް ހޯލަކާއި، ކްލާސްރޫމްތަކާއި، ސްޓާފްރޫމާއި އަދި ލެބަކާއި، ސައިންސް ލެބާ، މި ހުރިހާ އެއްޗެހި ޤާއިމުކުރަން، ސަރުކާރުން ނިންމާފައި މިއޮތީ. އެހެންނަމަވެސް، ސްކޫލުން، ރަށުގެ ރައްޔިތުން، ކައުންސިލުން، ހުރިހާ ބޭފުޅުން ގުޅިވަޑައިގެން، އަޅުގަނޑުމެންނަށް މީގައި ކުރިއަށްދެވޭނެ، ތިޔަބޭފުޅުންނަށް އެންމެ ރަނގަޅުވާނެ ސޮލިއުޝަނެއް ނިންމައިދިނުމަކީ، އަޅުގަނޑު އެދޭގޮތެއް. މިއަދު ބޭއްވުނު ބައްދަލުވުމުން އަޅުގަނޑުމެންނަށް ސާފުވެގެންދިޔައީ، މުއައްސަސާތަކާ އެކީގައި ބޭއްވުނު ބައްދަލުވުމުން ސާފުވީ، ޖާގައިގެ ދަތިކަން ސްކޫލްގެ ގޯތިތެރޭގައި އެބައޮތްކަން. އަޅުގަނޑުމެން މިތިބީ، ސްކޫލުން ނިންމާ ކޮންމެގޮތަކަށް މިކަން ކުރިއަށްގެންދަން. އެއީ، ބައިބަޔަށް މަޝްރޫޢު ކުރިއަށްގެންދަން. މާނައަކީ، މިސާލަކަށް، ފުރަތަމަ މަލްޓި ޕަރޕަސް ހޯލުއެޅުން، ނޫނީވިއްޔާ ކްލާސްރޫމް ޤާއިމުކުރުން. މިގޮތަށް ގެންދިޔުން. ނޫނީވިއްޔާ، އާ ބިމެއް ދެއްކެވީމާ، އެތަނުގައި ފުލް ސްކޯޕް ވަކި އިމާރާތެއް ގޮތަށް، ވަކި ސްކޫލެއް ގޮތަށް ހެދުން. ނޫނީވިއްޔާ، އެހެންގޮތަކަށްވިޔަސް. ސަރުކާރުން ފުރިހަމަ އެއްބާރުލުންދީގެން، މި ރަށުގެ ތަޢުލީމީ ނިޒާމު ތަރައްޤީކުރުމަށްޓަކައި އަޅައިދޭންޖެހޭ އިމާރާތް އަޅައިދިނުމާއި، ވަސީލަތް ޤާއިމުކޮށްދިނުމަށް މިއޮތީ ތައްޔާރަށް. އެކަން ނިންމާފައި މިއޮތީ. އެހެންވީމާ، މިކަމުގައި ކުރިއަށްދާން، ރައްޔިތުން ބޭނުންވާގޮތް ނިންމައިދެއްވަންވީ އަޅުގަނޑަށް. ނިންމައިދިނީމަ، އެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އަޅުގަނޑުމެން ވަރަށް އިސްކަމެއްދެން، މި މައްސަލައަށް ޙައްލު ގެންނަން. މަލްޓި ޕަރޕަސް ހޯލް، ކްލާސްރޫމް، ސްޓާފްރޫމް، ސައިންސް ލެބް، މި ހުރިހާ ތަންތަން ހިމެނޭނެ. މިހުރިހާ އެއްޗެހި ހިމެނޭގޮތަށް، އަޅުގަނޑުމެން ސްކޯޕް ހަދާފައި، ކުރިއަށްގެންދަން ނިންމާފައި މިއޮތީ.
އެހެންވީމާ، މިކަން ކުރިއަށްދާނެ މަގެއް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކީގައި އަޅުގަނޑުމެންނަށް ލިބުމުން، އެކަން އަޅުގަނޑުމެން ކުރާނަން. އެހެންވީމާ، އެ ވާހަކަ އަޅުގަނޑު އެންމެ ފަހަތަށް މިގެނައީ. އެކަމުގައި އަޅުގަނޑުމެންނަށް މިއަދު، މާދަން، މިގޮތަށް ދަންނަވާލެވޭނޭ ގޮތެއް ނެތީމާ. އެހެންނަމަވެސް، ކުރިއަށްގެންދަން މިއޮތީ. ބަޖެޓް އިޝޫއެއްވެސް މިކަމުގައި އަޅުގަނޑުމެންގެ ނެތް. ކުރާނަން. ކުރެވޭނެ. އިރާދަކުރެއްވިއްޔާ ކުރަން ނިންމާފައި އޮތް ކަމެއް. އެހެންވީމާ، ރައްޔިތުންގެ ތެރެއިން، ސްކޫލުން އަދި ރައްޔިތުންގެ މަޝްވަރާއާއެކީގައި، އެޑިޔުކޭޝަން މިނިސްޓްރީއާއެކީގައި، އަޅުގަނޑުމެންނަށް ނިންމާލަދެއްވަންވީ އެކަންތައް. ނިންމެވީމަ އަޅުގަނޑުމެން އެކަންވެސް ކުރިއަށް ގެންދާނަން.
އެހެންވީމާ، ރަށުގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް، މީގެތެރޭގައި، މަގުހެދުންވެސް އެބައޮތް. މަގުހަދާނީވެސް، ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށް. އަޅުގަނޑަށް ހީވަނީ މި ރަށުގެ ރައްޔިތުން، އަޅުގަނޑަކަށް އަދި ޔަޤީނެއްނޫން، ބޭނުންވަނީ ކޮން ކޮންސެޕްޓެއް ކަމެއް. ބައެއް ރަށްރަށުގައި ބޭނުމެއްނުވޭ، ގާއަތުރާކަށްވެސް، ތާރުއަޅާކަށްވެސް. ހަމައެކަނި ފެން ހިންދޭގޮތަށް، ރީތިކޮށް މަގުތައް، ވެލި މަގުތައް ބޭނުންވަނީ. ޚާއްޞަކޮށް، ލޯކަލް ޓޫރިޒަމް ފައްކާވަމުން އަންނަ ރަށްތަކުގައި ބޭނުންވަނީ އެގޮތް. ކޮންމެ ކޮންސެޕްޓަކަށް ރައްޔިތުން ބޭނުންވިޔަސް، އެގޮތަށްވެސް މި ރަށުގައި މަގުހަދާ ގޮތަށް، އަޅުގަނޑުމެން އޮންނާނީ ނިންމާފައި. އެހެންވީމާ، އެވެސް މިއޮތީ، ރައްޔިތުން ނިންމަވާގޮތަކަށް ކުރިއަށްދާގޮތަށް. މަގުހެދުމާއި، ދެން މި ދެންނެވި، ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމާއި، ސްކޫލް މަޝްރޫޢު މިއޮތީ މިގޮތަށް ކަނޑައެޅިފައި. މި އަންނަ އަހަރު މަޝްރޫޢު ގެންދާގޮތަށް. އަދި ދެންމެ މި ދެންނެވި އެހެން ހުރިހާ މަޝްރޫޢުތައް، މި އަހަރު ކުރިއަށްދާނެ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ މާޅޮހުގެ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއްގައި، އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން، އަޅުގަނޑު ވީ ވަޢުދުތަކާއި އަދި އިތުރަށްވެސް މިހިރަ ކަންކަން ކޮށްދިނުމުގައި، މި ސަރުކާރު އޮންނާނީ މާޅޮހު ރައްޔިތުންނާ އެކީގައި. ރައްޔިތުން ބޭނުންވާގޮތަކަށް. ރައްޔިތުން ބޭނުންވާ އަމާޒަށް، ބާރު ސްޕީޑްގައި ކަންކަން ގެންދިޔުމަށް.
އެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދިނުމަށް، އަޅުގަނޑު މިއަދު މިއައީ. އެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. އިރާދަކުރެއްވިއްޔާ، ރައްޔިތުން ބޭނުންވާގޮތަށް، މި މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން.
ހަމައެއާއެކީގައި، މި މަޝްރޫޢުތައް ނިންމައި، ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން އަނެއްކާވެސް އައުމުގެ އުންމީދުގައި، އަޅުގަނޑު ތިޔަބޭފުޅުންނާ މިއަދު ވަކިވެލާނަން.
އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، މި ރަށުގެ ތަރައްޤީ، ރައްޔިތުން އެދޭގޮތަށް އަޅުގަނޑުމެން ހާސިލުކޮށްދޭނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.