بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދަރަވަންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ އެންމެހައި ވެރިން، ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ އަދި އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި އަތޮޅަށް އަޅުގަނޑުމެން މިކުރާ ދަތުރުގައި، މިއަދު މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ދަރަވަންދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ، މި ސަރުކާރުން އިސްކުރާނީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމުގެ ސިޔާސަތު. ރިޔާސީ އިންތިޚާބުގައި، އަދި އެހެނިހެން ފަހަރުތަކުގައި އަޅުގަނޑު، ރައްޔިތުންނަށް ވެފައިހުރި ވަޢުދުތައް ފުއްދުމުގެ ސިޔާސަތު. މިރޭ މިގޮތުން ބަލާއިރުގައި، ވަރަށް މުހިންމު މަޝްރޫޢެއްގައި ސޮއިކުރެވިގެން މިދިޔައީ.

ސްކޫލުގެ ކުރިއެރުމަށްޓަކައި، އެންމެ މުހިންމުވެފައިވާ މަޝްރޫޢު. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދެއް ފުއްދުމުގެ މަޝްރޫޢު. އާދެ، މި މަޝްރޫޢުގެ ތެރެއިން، އިރާދަކުރެއްވިއްޔާ 8 ކްލާސްރޫމާއި، އޮފީހާއި، މަލްޓި ޕަރޕަސް ހޯލް ހިމެނޭހެން، އިމާރާތް ކުރުމުގެ މަޝްރޫޢެއް ކުރިޔަށް ގެންދެވޭނެ. އެހެންކަމުން، މި މުނާސަބަތުގައި، ސްކޫލްގެ ހުރިހާ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، ވެރިންނަށާއި، ޓީޗަރުންނަށާއި އަދި ޖުމްލަކޮށް، ރަށުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. މި މަޝްރޫޢު ވެގެންދާނީ، މި ރަށުގެ ތަޢުލީމީ ޙަޔާތް އިރާދަކުރެއްވިއްޔާ، އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމަކަށް. ވަރަށް ބާރު ސްޕީޑްގައި، ވަރަށް ހަލުވި ދުވެލީގައި، ވަރަށް އިސްކަންދީގެން، އިރާދަކުރެއްވިއްޔާ މި މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

ހަމަ މިގޮތަށް، އެހެނިހެން ބައެއް ދާއިރާތަކުންވެސް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ވަޢުދުވިން. ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްވެސް އަޅުގަނޑު ވާނީ ވަޢުދުވެފައި. މި ރަށުގެ ޞިއްޙީ ދާއިރާއަށް ވަރަށް ގިނަ ކުރިއެރުންތައް ގެނައުމަށް އަޅުގަނޑުމެން ވާނީ ނިންމާފައި. ޑަޔަލިސިސް ޚިދުމަތް ދާދި އަވަހަށް ފެށޭނެ. މި ރަށާ ހަމައަށް މެޝިނަރީ ގެނައުމުގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ފެށިފައި. ދާދި އަވަހަށް އެ ޚިދުމަތް ފެށޭނެ. އަދި އޭގެއިތުރަށްވެސް، އެކްސް-ރޭގެ ޚިދުމަތާއި، އެހެނިހެން ޚިދުމަތްތައް، މި އަހަރު ތެރޭގައި، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި، ވީ އެންމެ އަވަހަކަށް މި ރަށުގައި ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަދި އޭގެއިތުރަށްވެސް، އިންސާނީ ވަސީލަތުގެ ގޮތުން، ހިއުމަން ރިސޯސަސް އިތުރުކުރުމަށްޓަކައިވެސް ވަރަށް އިސްކަންދީގެން މަސައްކަތް ކުރަން ނިންމާފައި އަޅުގަނޑުމެން އޮންނާނީ.

އެހެންވީމާ، މި ރަށުގައި މިހާރު ހުރި ޞިއްޙީ މަރުކަޒު، އާ ހަރުފަތަކަށް ގެންދެވެންދެންވެސް، މިހާރުން މިހާރަށްވެސް ޤާއިމުކުރެވިދާނެ ކަންކަން، އަޅުގަނޑުމެން މިގެންދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މިގޮތަށް މިކަން ކުރިއަށްގެންގޮސް، އަދި މިހާރު މިހިރަ ސިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް، އިތުރު އެނދުތަކާއި، އިތުރު ވަސީލަތްތައް ހިމެނޭގޮތަށް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މި ރަށުގައި 30 އެނދުގެ ޞިއްޙީ މަރުކަޒެއް، ނޫނީވިއްޔާ ހޮސްޕިޓަލެއް އަޅައިދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. އެއީ، ވަރަށްވެސް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން. އެއަރޕޯޓެއް މި ރަށުގައި އޮވެމެ، މި ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ޞިއްޙީ ޚިދުމަތުގެ އިތުރަށް، ރަށުގައި އެކިގޮތްގޮތުން ޤާއިމުވެފައި ތިބި މީހުންނަށާއި، އެކިއެކި ވިޔަފާރިތައް ކުރުމަށް، ޚާއްޞަކޮށް ޓޫރިޒަމް ދާއިރާގައި، އެ ކަސްޓަމަރުންނަށް އަދި އެކިކަންކަމުގައި މި ރަށަށް އަންނަ މީހުންނަށް، މި އެންމެންނަށް އެބަ ބޭނުންވޭ، މި ރަށުގައި މި ދެންނެވި ފެންވަރުގެ ހޮސްޕިޓަލެއް ހުންނަން. އެއިން ފައިދާވާނީ، މި ރަށުގެ ރައްޔިތުންނަށް. އަދި މި ރަށުގައި މި ދެންނެވި ގޮތަށް ވިޔަފާރިކުރާ ފަރާތްތަކަށް. އެކަމުގެ ސަބަބުން، އެ ފަރާތްތަކަށް ލިބޭ ކުރިއެރުން، ނުސީދާކޮށާއި އަދި ސީދާކޮށް ވާސިލުވެގެންދާނީ، މި ރަށުގެ ރައްޔިތުންނަށް. އެހެންވީމާ، އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. އަޅުގަނޑު މި ދެންނެވި ގޮތަށް، މި އަންނަ އަހަރު ބަޖެޓް ހަދާއިރުގައި ހިމަނައިގެން، މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން އެ މަސައްކަތް ކުރިއަށް ގެންދާނަން. އޭގެކުރިންވެސް މި ދެންނެވިހެން، ޑަޔަލިސިސްގެ ޚިދުމަތް، އެކްސް-ރޭ ފަދަ ކަންކަން ހަމަޖައްސައިދީ އަދި މި އަހަރުގެ ބަޖެޓުން އަޅުގަނޑުމެންނަށް އިތުރުކުރެވެންހުރިވަރަކަށް، މުވައްޒަފުންވެސް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާނެ ވާހަކަ މި ދަންނަވާލީ. އެގޮތަށް އެކަން ކުރިއަށް ގެންގޮސްދޭނަން.

އާދެ، މީގެއިތުރަށްވެސް، ބައެއް ކަންކަން ކޮށްދޭނެ ކަމަށް އަޅުގަނޑު ވާނީ، ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުންނަށް ވަޢުދުވެފައި. ޒުވާނުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް، ޒުވާނުންނަށް ކުރިއެރުން ގެނެސްދިނުމަކީ، ވަރަށް އިސްކަންދޭ ސަރުކާރުގެ ސިޔާސަތެއް. ކުޅިވަރުކުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުމަކީ، އަޅުގަނޑުމެން ވަރަށް އިސްކަންދޭ ކަމެއް. މި ރަށުގައި ފުޓްބޯޅަ ދަނޑެއް އޮތްނަމަވެސް، އެ ދަނޑުގެ ބޭނުން ރޭގަނޑު މި އޮންނަނީ ނުކުރެވޭގޮތް ވެފައި، ލައިޓް އަދި ޤާއިމުކޮށްފައި ނެތީމަ. އަޅުގަނޑުމެން މިހާރު އާ މަޝްރޫޢުތައް ރަށްރަށުގައި އެބަ ފަށަން ފުޓްބޯޅަ ދަނޑު ޤާއިމުކުރާތީ، އެހެން ކަހަލަ ކުޅިވަރު ދަނޑުތައް ޤާއިމުކުރަން. އަޅުގަނޑުމެންގެ ކޮންސެޕްޓަކީ، ހުރިހާ ކަމެއް ފުރިހަމަ ކުރެވިފައި ހުންނަ ދަނޑުތައް ހެދުން. މާނައަކީ، ވަށާފާރު ނެތް ރަށްރަށުގައި، ވަށާފާރާއި، ފެންސާއި، ލައިޓާ، މި ހުރިހާ ކަމެއްވެސް ހިމެނޭގޮތަށް ހެދުން. އެހެންވީމާ، މި ރަށުގައި މިއޮތް ދަނޑު އަޕްގްރޭޑްކޮށް، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި، ވީ އެންމެ އަވަހަކަށް ބަޔަކާ ހަވާލުކޮށްގެން، ރޭގަނޑުވެސް ބޭނުންކުރެވޭ ގޮތަށް، ލައިޓްޖެހުމުގެ މަސައްކަތް އަޅުގަނޑުމެން ކޮށްދޭނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އޭގެއިތުރަށްވެސް، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ވާނީ ނިންމާފައި. އެކިކަހަލަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް މި އަހަރު ތެރޭގައި ޤާއިމުކުރުމާއި، މި އަހަރު ކުރިއަށް ގެންދެވެންހުރި މަޝްރޫޢުތައް އަޅުގަނޑުމެން ފަށާނަން. އަދި، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިންވެސް، މިފަދަ ބައެއް ކުޅިވަރުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިމިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުޅިވަރުގެ ދާއިރާއިން، ޒުވާނުންގެ ދުޅަހެޔޮކަމާއި، އާންމު ރައްޔިތުންގެ، ރަށުގެ ރައްޔިތުންގެ ހަށިހެޔޮކަމާއި، ކުރިއެރުން ގެނެސްދިނުމަށްޓަކައި، މި ދެންނެވި ހުރިހާ މަޝްރޫޢުތަކެއް، ފިޓްނަސް ރިކްރިއޭޝަން ސެންޓަރު ފަދަ، އައުޓްޑޯ ޖިމް ފަދަ، ހުރިހާ ރަށެއްގައި އަޅުގަނޑުމެން ޤާއިމުކުރާ މަޝްރޫޢުތައް އެބަހުރި. މި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ.

ހަމައެއާއެކީގައި، އިތުރު ކަންކަންވެސް އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި ވާނީ. މީގެތެރޭގައި، މަގުހެދުމުގެ މަޝްރޫޢު ހިމެނޭ. އެއީވެސް ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވެފައި އޮތް ވަޢުދެއް. ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމަށްޓަކައި، އަޅުގަނޑުމެން މިހާރު ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް، އިދާރީ، ފަންނީ ތައްޔާރީތައް ނިމިފައި އެވަނީ. މިހާރު މަސައްކަތް މިވަނީ ޓެންޑަރ ކުރުމުގެ މަރުޙަލާގައި. މާނައަކީ، ޢަމަލީގޮތުން އެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރެއް ހޯދުމަށް، އިޢުލާނުކުރުމާ ހަމައަށްދިޔުން. އަޅުގަނޑުމެން މިގޮތުން ބަޔަކު ހޯދައި، ޢަމަލީގޮތުން މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމުގެ މަސައްކަތް، ދާދިއަވަހަށް، ފެށުމަށް ހަވާލުކުރާނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިންމަހުގެ ތެރޭގައި، މި ދެންނެވި ހުރިހާ މަރުޙަލާއެއް ނިންމައި، މި އަހަރު އިރާދަކުރެއްވިއްޔާ މަގުހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާނަން.

އާދެ، މިގޮތުން ހަމަ މުހިންމު ކަންކަން އަޅުގަނޑު މި ފާހަގަކޮށްލަނީ. އޭގެ މުހިންމު ބައެއް ކަންކަން މި ފާހަގަކޮށްލައިދެނީ. އާދެ، އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެއް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ލާމަރުކަޒީކޮށް، ނޫނީވިއްޔާ ލޯކަލް ލެވެލްގައި، މުހިންމު ޚިދުމަތްތަކެއް ދިނުން. އެގޮތުން، އަތޮޅުތަކުގައި މަދުވެގެން އެއް ރަށުގައި، ކޮންމެ އަތޮޅެއްގައިވެސް، އަދި ބައެއް އަތޮޅުތަކުގައި ގިނަ ރަށްތައްވެސް ހިމެނޭހެން، ބައެއް ޚިދުމަތްތައް ދޭން އަޅުގަނޑުމެން އެބަ ފަށަން.

މިގޮތުން، ވަރަށް ގިނަ ރަށްރަށުގައި މިހާރު، އައި.ޑީ.ކާޑު ޚިދުމަތް ދޭން ފަށައިފިން. ވަރަށް ގިނަ ރަށްރަށުގައި، ވަރަށް ގިނަ އަތޮޅުތަކުގައި ރަށުގައި ޤާއިމުވެ ތިބެގެން ޕާސްޕޯޓް ލިބޭގޮތަށް ފަށައިފިން. މި ރަށުގައިވެސް އެކަން ކުރަން އަޅުގަނޑުމެން ނިންމީ. ނިންމާފައި މިހާރު އޮންނާނީ. އެކަމަށް ބޭނުންވާ ޖާގައާއި، އެކަމަށް ބޭނުންވާ ކަންތައްތައް، ރަށު ކައުންސިލްގެ އޮފީހުން، ކައުންސިލްގެ ފަރާތުން މިހާރު ފަށާފައިވާ ވާހަކަ ވިދާޅުވި. ޖާގަ ހަމަޖައްސައިދިނުމުގެ ކަންތައް. އެކަން ނިންމުނުހާ އަވަހަކަށް، އަޅުގަނޑުމެން ޕާސްޕޯޓުގެ ޚިދުމަތް މި ރަށުން ފަށާގޮތަށް އޮތީ ނިންމާފައި. އެކަން ނިންމުނުހާ އަވަހަކަށް، އަޅުގަނޑުމެން އެ ޚިދުމަތް ފަށާނަން. ސަރުކާރުން މިއޮތީ ތައްޔާރަށް. ކައުންސިލުން އެކަން ނިންމައިދިންހާ އަވަހަކަށް، މި ރަށުގައި ތިބެގެން ޕާސްޕޯޓް ލިބޭނެގޮތަށް ޚިދުމަތް ޤާއިމުކޮށް، އަޅުގަނޑުމެން އެކަން ފަށައިދޭނެކަން ތިޔަބޭފުޅުންނަށް ދަންނަވަން.

މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢުތައްވެސް އެބަހުރި. ބަނދަރުގެ މަޝްރޫޢު. އެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސް، ނިންމައިދޭނަން. ފުލުހުންގެ މަރުކަޒެއް އެޅުމުގެ މަސައްކަތް މާދަމާ ފެށުންވެސް އެބައޮތް. އެއީވެސް، ވަރަށް މުހިންމު މަޝްރޫޢެއް، މި ރަށަށް ބޭނުންވާ. އެފަދަ ވަރަށް ގިނަ ކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދިޔުމަށް މިވަނީ ނިމިފައި.

މި ރަށަށް ވަރަށް ޚާއްޞަ ކަމެއް އެއަރޕޯޓަކީ. އެންމެ ކާމިޔާބު އެއް ސަރަޙައްދީ، ނޫނީވިއްޔާ ލޯކަލް އެއަރޕޯޓަކީ، މި ރަށުގައި މިއޮތް އެއަރޕޯޓް. އެހެންނަމަވެސް، އެއަރޕޯޓް ތަރައްޤީ ކުރުމުގެ މާގިނަ ކަންކަމެއް، މިދިޔަ ދުވަސްތަކުގައި ނެތް ހިނގާފައެއް. އެއަރޕޯޓް ޑިވެލޮޕް ކުރެވިފައި އޮތްނަމަވެސް، އެތަން އެންމެ އެދެވޭ ފެންވަރަކަށް ތަރައްޤީކުރެވިފައެއް ނެތް. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ޖުމްލަކޮށް ވަޢުދުވެފައި އޮންނާނެ، މިގޮތަށް ތަރައްޤީކޮށްފައި ހުރި ބައެއް އެއަރޕޯޓުތައް އަޕްގްރޭޑްކޮށްދީ، ފެންވަރު މަތިކޮށްދިނުމުގެ މަޝްރޫޢުތަކެއް ހިންގާނެ ކަމަށް. އެގޮތުން، މި ރަށުގެ އެއަރޕޯޓް ތަރައްޤީކުރަން އަޅުގަނޑު ވާނީ ނިންމާފައި. އެހެންވީމާ، ސަރުކާރުން މިތަނަށް އިންވެސްޓް ކޮށްފައިވާ ފަރާތް، މިތަން ޑިވެލޮޕް ކޮށްފައިވާ ފަރާތާ އެކީގައި، މަޝްވަރާތައް ކުރިއަށް ގެންދާނަން. ގެންގޮސް، އެ ފަރާތާއެކީގައި، ދެފަރާތަށް އެއްބަސްވެވޭފަދަ އެއްބަސްވުމަކަށް އައިސް، އެ އެއަރޕޯޓް އެ ފަރާތުން ނަގައި، އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، ސަރުކާރުން ބޭނުންވާ ފެންވަރަށް، އައިލެންޑް އޭވިއޭޝަނުން އެތަން ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްޤީކޮށް، އޮޕަރޭޓްކުރުމަށް ހަވާލުކުރަން، ސަރުކާރުން ނިންމާފައިވާ ވާހަކަ އަޅުގަނޑު އިޢުލާނުކުރަން. އިރާދަކުރެއްވިއްޔާ އެކަން ޤާނޫނާއި، ގަވާއިދާއި، އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަޅުގަނޑުމެން ވަރަށް އަވަސްމިނެއްގައި ކުރިއަށްގެންދާނަން، އެތަނަށް އިންވެސްޓް ކޮށްފައިވާ ފަރާތާއެކީގައި އެއްބަސްވުމަކަށް އަންނަން. އެކަން ނިމުނުހާ އަވަހަކަށް، މި ދެންނެވި މަރުޙަލާ ފެށޭނެ. އައިލެންޑް އޭވިއޭޝަން އޮތީ ތައްޔާރަށް، އެ މަސައްކަތް ކުރަން. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަނީ، އިރާދަކުރެއްވިއްޔާ ދާދިއަވަހަށް، މި ދެންނެވި މަރުޙަލާއަށް އަޅުގަނޑުމެންނަށް ދެވޭނެކަމަށް. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ، މުޅި އަތޮޅަށްވެސް ފެންނާނެ. މުޅި އަތޮޅަށް، މި ރަށަށް، މި އަތޮޅުގެ ހުރިހާ ރަށަކަށް، ޓޫރިޒަމް ދާއިރާއަށް، މިހެންގޮސް، މުޅި ސަރަޙައްދަށް އެއީ ވަރަށް މުހިންމު ކަމަކަށްވެގެންދާނެ. އެހެންކަމުން، އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ، ދާދިއަވަހަށް ކުރިއަށް ގެންދެވޭނެ. އަދި އެކަމުގެ މަގުފަހިވާނެ ކަމަށް، އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަން.

އާދެ، ހަމައެއާއެކީގައި، މިއީ ޔުނެސްކޯގެ ބައޮސްފިއަރ ރިޒަރވެއް ގޮތުގައި އޮތް ސަރަޙައްދެއް ކަމަށްވާއިރުގައި، އެއީވެސް ވަރަށް މުހިންމު ކަމެއް ޓޫރިޒަމަށް. މިކަމުގައި، މި ރަށަށް އިތުރު ކަންތައްތަކެއް ކޮށްދޭން އަޅުގަނޑުމެން ބޭނުން. އެހެންކަމުން، މި ރަށުގައި ވަރަށް ގިނަ ފަރާތްތަކުން ލޯކަލް ޓޫރިޒަމް އެބަ ހިންގާ. ވަރަށް ގިނަ ގެސްޓްހައުސްތައް އެބަހުރި. އަދި އިތުރުވުމުގެވެސް މަރުޙަލާގައި ކުރިއަށްދަނީ. މިއީ އަޅުގަނޑުމެން ވިސްނާކަމެއް. އެހެންވީމާ، މި ރަށުގައިވެސް އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު ތެރޭގައި، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އިތުރު ވޮޗް ޓަވަރެއް އަޅުގަނޑުމެން ޤާއިމުކޮށްދީ، މި ރަށުގައި ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތަކުން، އެ ސަރަޙައްދުގެ ބޭނުންކުރުމުގައި، މި ރަށަށް ބޭނުންވާ ފަސޭހަތައް ހޯދައިދިނުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނެ ކަމަށް އަޅުގަނޑު ދަންނަވަން.

އާދެ އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު މި ދަންނަވާލީ، ދަރަވަންދޫގެ ތަރައްޤީއަށްޓަކައި، ސަރުކާރުން ކުރިއަށް ގެންދަންހުރި ބައެއް ކަންކަމާއި، އަޅުގަނޑުމެންގެ ސިޔާސަތު. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް އިސްކަންދީގެން، ވަރަށް ސަމާލުކަންދީގެން، އަޅުގަނޑުމެންގެ މި ހުރިހާ ވަޢުދެއް ފުއްދުމާއި، އަދި މި ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ މި ހުރިހާ ކަމެއް ކޮށްދިނުމުގައި ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ، މި އަހަރުގެ މިއޮތް ދުވަސްކޮޅު، އަދި ކުރިއަށް އޮތް އަހަރު ތެރޭގައި، މީގެ ގިނަ ކަންކަން ނިމުމަކާ ހަމައަށް ގެންދިޔުމަކީ، އަޅުގަނޑުމެންގެ އަމާޒު. އަޅުގަނޑުމެންގެ ތަރައްޤީގެ ސިޔާސަތު ރާވާފައި މިއޮތީ މި ޕްލޭނާ އެއްގޮތަށް. މި އަހަރާއި، މި އަންނަ އަހަރާ، މި ދެ އަހަރަކީ، ވަރަށް ގިނަ، އެހެން ޖަލްސާތަކުގައިވެސް އަޅުގަނޑު ދަންނަވާފައިވާ ފަދައިން، އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވީ ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކާ ގުޅޭ ވަޢުދުތައް ފުއްދުމަށް، ޢަމަލީ މަސައްކަތްތައް ފަށާ ދެ އަހަރު ގޮތުގައި، އަދި އޭގެތެރެއިން ބައެއް މަޝްރޫޢުތައް، ނިންމާ ދެ އަހަރު ގޮތުގައި.

އެހެންވީމާ، މި އަހަރު ވަރަށް ގިނަ އަތޮޅުތަކުގައި، ވަރަށް ގިނަ ރަށްތަކުގައި މަސައްކަތްތައް ފެށިގެން މިދަނީ. އިރާދަކުރެއްވިއްޔާ އެދާ ސްޕީޑްގައި، އަޅުގަނޑުމެން ފަށާ ކޮންމެ މަޝްރޫޢެއްވެސް ހަމަ އެ ފެށުމާއެކީގައި، ދާނީ ވަރަށް ހަލުވި ސްޕީޑްގައި ބާރަށް. އަދި ބާކީ ވަރަށް ގިނަ މަޝްރޫޢުތައް މި އަންނަ އަހަރު ތެރޭގައި ފެށޭގޮތަށް މިއޮތީ ރޭވިފައި. އެހެންވީމާ،
އަޅުގަނޑު ވީ ހުރިހާ ވަޢުދެއް، ތަރައްޤީގެ ހުރިހާ މަޝްރޫޢެއް، ދެ އަހަރަށް ބަހާލައިގެން ފެށުމަށް މިވަނީ ނިންމާފައި. އެކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް މިދަނީ ތައްޔާރީތައް ވަމުން.

މި ކަންކަން ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑުމެންނަށް ވަރަށް މުހިންމުވާނެ، ރަށްރަށުގެ ކައުންސިލްތަކުގެ އެއްބާރުލުން ލިބުން. އަދި މުއައްސަސާތަކުގެ އެއްބާރުލުން ލިބުން. އެއީ، އަޅުގަނޑުމެން ޑިޕެންޑްވާންޖެހޭ، ނޫނީވިއްޔާ އެ ފަރާތްތަކެއްގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކެއް. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަން، މި ރަށުންވެސް އެ އެއްބާރުލުން ލިބިގެންދާނެ ކަމަށް. މިދިޔަ ދުވަސްތަކަށްވުރެ ބޮޑަށް އެކަން ވެގެންދާނެ ކަމަށް. މި ސަރުކާރަކީ ރައްޔިތުންނާ އެކީގައި މަސައްކަތްކުރާ ސަރުކާރެއް. އަޅުގަނޑު އަބަދުވެސް ގަބޫލުކުރާގޮތް، އަދި މަސައްކަތްކުރަމުން އައި އަދި ކުރާނެގޮތަކީވެސް އެއީ. ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމުގައި، އެ ޔަޤީންކަން އަޅުގަނޑަށް ވަރަށްބޮޑަށް މުހިންމު.

އެހެންވީމާ، އަޅުގަނޑު މި އަންނަނީ ރައްޔިތުންގެ ގާތަށް. ރައްޔިތުންނާ މިގޮތަށް މި ބައްދަލުކުރަނީ. ރައްޔިތުންނާ ބައްދަލުކުރުމުގެ ކުރިން މުއައްސަސާތަކާ ބައްދަލުކުރަނީ އެ ބޭނުމުގައި. ކޮންމެ މުއައްސަސާއަކަށް އަޅުގަނޑު ފުރުޞަތު އެބަދެން، އެ ބޭފުޅުން ބޭނުންފުޅުވާ، އަދި މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަންކަން ޙިއްޞާކުރުމަށް. ހުރިހާ ބޭފުޅުން، ހުރިހާ ކަމެއް ޙިއްޞާކޮށް ނިމުނީމާ، އަދި އެކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެންގެ އެކިއެކި ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން އެ ބައްދަލުވުމުގައި، އެ ވަގުތަކު އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ މަޢުލޫމާތެއް ޙިއްޞާކުރުމާ އެކީގައި، އަޅުގަނޑުމެން ބައްދަލުވުމެއް ބާއްވާފައި، ރައްޔިތުންގެ ބައްދަލުވުމަށް މި އަންނަނީ ހަމަ ކޮންމެ ރަށެއްގައިވެސް.

އެއީ، އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރެވޭކަން ޔަޤީންކުރަން. ރައްޔިތުންނާ ގާތުން ޚިދުމަތްދޭން. އެއްގޮތަކަށްވެސް އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން، އަޅުގަނޑު މާލޭގައި މަޑުކޮށްފައި، ކައުންސިލްތައް މާލެއަށް ގެންދަން. މުއައްސަސާތަކުގެ ވެރިން މާލެއަށް ދާން. މި ގޮތަށް މިކަންކަން ކުރުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން. އަޅުގަނޑު ރައްޔިތުންގެ ގާތަށް މި އަންނަނީ މުޅި ޓީމު ގޮވައިގެން. ކަމާބެހޭ ހުރިހާ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާ އެކީގައި މި އަންނަނީ، ކަންކަން ބާރު ސްޕީޑްގައި އަވަހަށް، ރައްޔިތުން ބޭނުންވާގޮތަށް ކަންތައްތައް ކުރިއަށްގެންދަން. އިރާދަކުރެއްވީތީ، އޭގެ ނަތީޖާ ވަރަށް ރަނގަޅު. ރައްޔިތުންނަށް އެ ޔަޤީންކަން އަޅުގަނޑަށް އެބަދެވޭ، ކަންކަން ގެންދެވެނީ، ރައްޔިތުން ބޭނުންވާގޮތަށްކަން.

އެހެންވީމާ، މިގޮތަށް ދިޔުމުގައި ކައުންސިލްތަކުގެ އެއްބާރުލުމާއި، މުއައްސަސާތަކުގެ އެއްބާރުލުން ވަރަށް މުހިންމުވާނެ. މި ކުރަނީ ޚިދުމަތް. ރައްޔިތުން ބޭނުންވާ ޚިދުމަތް. މިއީ ރަށުގެ ތަރައްޤީގެ ޚިދުމަތް. މިއީ ޤައުމީ ތަރައްޤީގެ ޚިދުމަތް. މިއީ އެއްވެސްހާލެއްގައި އަޅުގަނޑުމެންގެ ތެރޭގައި އެކި ބޭފުޅުންގެ ހުންނަ އެކިކަހަލަ ސިޔާސީ ވިސްނުމާއި ޖާގަ، އޭގެތެރޭގައި ދެވިގެން، ހުރަސްތަކެއް ކުރިމަތިވެގެންވާނެ ޚިދުމަތެއް ނޫން. އޭރުން އާޚިރުގައި ގެއްލުންވާނީ ރައްޔިތުންނަށް.

އަޅުގަނޑަށް ބައެއް ރަށްރަށުގައި މި ދެންނެވި ގޮތަށް ކަންކަން އެބަ ފެނޭ. އޭގެ ގެއްލުން ރައްޔިތުންނަށްވާކަށް އަޅުގަނޑެއް ގައިމުވެސް ބޭނުމެއްނޫން. އަދި އެ ފުރުޞަތެއް އަޅުގަނޑެއް ހަމަ ޔަޤީނުންވެސް އަޅުގަނޑުގެ ޒިންމާ އަދާކުރުމުގެ ގޮތުން ނުވެސްދޭނަން. އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންނަށް ފުރިހަމަގޮތުގައި ސަރުކާރުން ޚިދުމަތްދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރަން. ލާމަރުކަޒީ ނިޒާމަކީ އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ ނިޒާމެއް. އަދި އަޅުގަނޑަކީ ޢަމަލީގޮތުން އެ ނިޒާމު ހިންގުމުގައި އުޅެފައި ހުރި މީހެއް. މާލޭގައި ވަރަށް ގިނަ ގޮންޖެހުންތަކާ އެކީގައި، ލާމަރުކަޒީ ނިޒާމު ހިންގަން މަސައްކަތްކުރި މީހެއް. އަޅުގަނޑަށް އެނގޭ، ލާމަރުކަޒީ ނިޒާމު އަލިފުން ޔާއަށް. ބައެއް ބޭފުޅުން، ސަރުކާރުން ރައްޔިތުންގެ ފަޅީގައި އޮވެ، މި ގެންނަ އިޞްލާޙުތައް، ލާމަރުކަޒީ ނިޒާމަށް އެބަ ލޭބަލްކުރޭ، އެއީ ރައްޔިތުންނަށް ކޮށްދޭކަމެއް ނޫންކަމަށް.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިފަދަ ޖަލްސާއެއް ބޭއްވިގެންދާއިރުގައި، އެކަންކަން އޮތީ އެހެންނޫންކަން. ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާގޮތަށް. ރައްޔިތުން ބާރުވެރިކުރުވާގޮތަށް. އަޅުގަނޑުމެން އެންމެފަހުން، ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން، މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތް އިޞްލާޙުތަކުގެ ތެރޭގައި ހިމެނެނީ، މުޅިންވެސް
މިކަން. އަޅުގަނޑު ހަމަ ސާފުކޮށްލައިދިނުމުގެ ގޮތުން ދަންނަވާނަން.

އެއް އިޞްލާޙަކީ، މިހާރު ބައެއް ކައުންސިލްތަކުން އުފައްދާފައި އެބަހުރި، ކުންފުނި އުފައްދާފައި. ލޯކަލް އޮތޯރިޓީ ކޮމްޕެނީ، އެއަށް ކިޔާނީ. މި ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން އެބަ ހިންގާ، އާންމު ފަރުދުން ހިންގާ ކުދިކުދި ވިޔަފާރިތައް. ރަށްރަށުގެ އާންމު ރައްޔިތުން ހިންގާ ކުދި ވިޔަފާރިތައް އެބަ ހިންގާ. ކަންމަތީ ފިހާރަ، ނޫނީ އެފަދަ ކަންކަމުގެ ތެރެއަށް އެބަވަދޭ. އެހެން ހެދީމާ ރަށުގެ އާންމު ރައްޔިތުންގެ މުއްސަނދިކަމަށް އޮތް މަގުތަކަށް ހުރަސްއެޅެނީ. ކައުންސިލް ކުންފުނިން ކުދި ވިޔަފާރި ކުރީމާ. އެހެންވީމާ، އެއް އިޞްލާޙަކަށް މި ގެނައި އިޞްލާޙަކީ، ރަށްރަށުގެ ރައްޔިތުން ހިންގާ ކުދި ވިޔަފާރިތައް ނުހިންގޭނެއޭ. ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން ކުރަންޖެހޭނީ، ކުރެވޭނީ، މަދުވެގެން 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓްތަކޭ. 10 މިލިއަން ރުފިޔާއަށްވުރެ ބޮޑިއްޔާ ހަމަ ކޮންމެ ދާއިރާއަކުންވެސް ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް އިންވެސްޓް ކޮށްގެން ވިޔަފާރި ކުރަންވީ. ކޮށްގެން ހޯދާ ފައިދާއިން ރައްޔިތުންނަށް ކައުންސިލުން ކަންކަން ކޮށްދެވޭނެ.

އެހެންވީމާ، ކުދި، މެދުފަންތީގެ ވިޔަފާރިތައް، އާންމު ރައްޔިތުން ރަށްރަށުގައި ކުރާ ކުދި، މެދުފަންތީގެ ވިޔަފާރިތައް ހިމާޔަތްކޮށްދިނުމަށްޓަކައި އެ އިޞްލާޙު ގެނައީ. އެހެންވީމާ، ރައްޔިތުން މި ބާރުވެރިކުރުވަނީ އަޅުގަނޑުމެން. ރައްޔިތުން ބާރުވެރިކުރުވުމަކީ ކައުންސިލްތަކަށްވެސް އޭގެ ފައިދާވާނެ ކަންތައް.

ހަމައެއާއެކީގައި، އަނެއް އިޞްލާޙަކީ، މިފަހަރުގެ މި އިޞްލާޙުތަކުގެ ތެރޭގައި ހިމެނޭ ދެވަނަ އިޞްލާޙަކީ، ވަރަށް ގިނަ ކައުންސިލްތަކުން ރައްޔިތުންނަށް އާންމު ޚިދުމަތް ދިނުމަށްޓަކައި، މި ބޭނުންކުރާ ބިންތަކުން އެބަ ކުލިނަގާ. ފެން، ކަރަންޓް، ނަރުދަމާ، އެއާގުޅޭ އެކި ކަހަލަ ކަންކަމަށް މި ދޭ ބިންތަކުން ކުލިނަގާ. އަދި ވަރަށްބޮޑު ކުލި އެބަ ނަގާ. އާންމު ޚިދުމަތް މިއީ. އާންމު ޚިދުމަތް. އަނެއްކާ، ލާމަރުކަޒީ ނިޒާމުގެ ވަކި ޗެޕްޓަރެއް އޮވޭ. އާންމު ޚިދުމަތާ ބެހޭ ޗެޕްޓަރެއް. ކައުންސިލުން ކުރަންވެސްޖެހޭ ކަމެއްގެ ގޮތުގައި އޮންނަނީ. ކައުންސިލް މައްޗަށް ލާޒިމުކަމެއް، އެހެން ކުންފުންޏަކުން ކުރަންޏާ، ކައުންސިލުން ތާރޑް ޕާޓީ އެގްރިމެންޓެއްވެސް ހަދަންޖެހޭ ކަމެއް. އެހެން އޮތްއިރުގައިވެސް ބައެއް ކައުންސިލްތަކުން، ކުލި ނަގައި، އަދި ބޮޑު ކުލި ނަގަނީ، ކަރަންޓް، ފެން، ނަރުދަމާ ފަދަ އާންމު ޚިދުމަތްދޭ ތަންތަނުން.

އެހެންވީމާ، މި ގެނައި އިޞްލާޙަކީ، ރައްޔިތުންނަށް މިހާ މުހިންމު އާންމު ޚިދުމަތްތައްދޭ ބިންތަކުން ކުއްޔެއް ނުނެގޭނެއޭ. ކުލި ނެގީމާ ރައްޔިތުންނަށް ދޭ ޚިދުމަތް އަގުބޮޑުވެގެންދަނީ. އެހެންވީމާ، ރައްޔިތުން ބާރުވެރިކުރުވަން، ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް، އާންމު ޚިދުމަތްތައް ދޭ ބިންތަކުންނެއް ކުއްޔެއް ނުނެގެނެއޭ ދެނެއް، މި އިޞްލާޙު ގެނެވުނީމާ. އެއީ އަޅުގަނޑުމެން ދެން ގެނައި އިޞްލާޙަކީ.

ތިންވަނަ އިޞްލާޙަކީ، ކައުންސިލްތަކުން އާމްދަނީ ހޯދުމުގެ ޖާގައޮވޭ ޤާނޫނުގައި. ވަރަށް ފުޅާކޮށް އޮވޭ. އެ ހޯދާ އާމްދަނީ މި ހޯދަނީ ކީއްކުރަންތޯ؟ ރައްޔިތުންނަށް ކަންކަން ކޮށްދޭން. އެހެންނަމަވެސް، މި އާމްދަނީ ހޯދާފައި، ޤާނޫނުގައި ވަރަށް ސާފުކޮށްއޮވޭ، ވިޔަފާރިއެއް ކޮށްފިއްޔާ، އެ ވިޔަފާރިން ލިބޭ ފައިސާއިން ޓެކްސް ދައްކަންޖެހޭނެއޭ. ކައުންސިލްތަކުން ޓެކްސްއެއް ނުދައްކާ އާމްދަނީއަކުންނެއް. އެ ޓެކްސް ހޯދަނީ ކީއްކުރަންތޯ؟ ޓެކްސްއިން ލިބޭ ފައިސާއިން ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭންވެގެން. އެހެންވީމާ، ޓެކްސް ދައްކަން މަޖުބޫރުވާގޮތަށް، އާމްދަނީން ޓެކްސް ދައްކަން މަޖުބޫރުވާގޮތަށް މި ގެންނަނީ އިޞްލާޙެއް. އެއީވެސް ރައްޔިތުންނަށް އެ ޓެކްސް ނަގައިގެން، ކަންކަން ކޮށްދިނުމަށްޓަކައި. އަނެއްކާވެސް ރައްޔިތުން ބާރުވެރިކުރުވަންވެގެން. ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދޭ އިޞްލާޙެއް މިވެސް.

ހަތަރުވަނަ އިޞްލާޙަކީ، ކައުންސިލްތަކުގެ އެކައުންޓްތަކުގައި ހުންނަ ފައިސާގެ ތަފްޞީލު، އެ ހޯދާ އާމްދަނީ ހާމައެއްނުކުރޭ ބައެއް ކައުންސިލްތަކުން. ގިނަ ކައުންސިލްތަކުން. ރައްޔިތުންނަށްވެސް ހާމަނުކުރަނީ، އެލް.ޖީ.އޭ.އަށް އަދި އަމުދުން ހާމަނުކުރަނީ. ދެފުށް ފެންނަ ގޮތެއްނޫން މިއީ. ޗެކް އެންޑް ބެލެންސެއް ނެތް މިއަކުއެއް. ޒިންމާދާރުކަމެއް ނެތް. އެހެންވީމާ، ރައްޔިތުން ހޮވާފައި ތިބޭ ކައުންސިލަރުން، ރައްޔިތުންގެ ކައުންސިލްތައް ހިންގާއިރު، އެ ހޯދާ އާމްދަނީ، އެ ފައިސާ ޖަމާކޮށްފައި، އެ އެކައުންޓަށް ޖަމާކުރާ ފައިސާގެ މަޢުލޫމާތު، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް ޙިއްޞާކުރަންޖެހޭނެއޭ. އެއީ، ޤާނޫނެއްގައި ލިޔަންވެސްޖެހޭ އެއްޗެއް ނޫން. އެކަމަކު އެކަން ނުކުރާތީ، އެކަން މިޖެހުނީ އެންމެފަހުން ލިޔަން. އެއީ، ދެން މި ގެނައި އިޞްލާޙަކީ. ކޮބައިތޯ މީގައި ކައުންސިލެއްގެ ބާރު، ރައްޔިތުންގެ ބާރު ނޫންގޮތަކަށް، ކައުންސިލެއްގެ ބާރު ހަނިކޮށްފައި؟ ނޯންނާނެ.

ދެން އަޅުގަނޑުމެން މިގެނައި އިޞްލާޙަކީ، ބައެއް ކައުންސިލްތަކުން އިންތިޚާބާ ކައިރިކޮށްފައި، ޒިންމާދާރުކަން ކުޑަކޮށް، ދެފުށް ނުފެންނަގޮތަށް، ސިޔާސީ މަޤްޞަދު ހާސިލުކުރުމަށްޓަކައި، ސިޔާސީ މަޤްޞަދު ހާސިލުކުރުމަށްޓަކައި، ރަށްރަށުގައި ހުންނަ ބިންތައް ބަރިބަރިއަށް އެބަ ކުއްޔަށްދޭ. އެތައް ބަޔަކު ކޮންޓްރެކްޓަށް ވަޒީފާއަށް އެބަނަގާ. ކުއްލިއަކަށް ބައެއް ކައުންސިލްތަކުން. ކުރީގައި ޕްލޭންކޮށްފައި ނެތް ކަންކަން މިއީ. ރައްޔިތުންނަށް ފައިދާވާ ގޮތަކަށްނޫން މިކަން ކުރަނީ. ރަށުގެ ތަރައްޤީގެ ޕްލޭނަކީ، ރައްޔިތުންނާ ބައްދަލުވުމެއް ބާއްވައިގެން ފާސްކުރަންޖެހޭ އެއްޗެއް. ތަރައްޤީގެ ޕްލޭން. މި ތަރައްޤީގެ ޕްލޭންގައި ނެތް ކަންތައްތަކެއް ކުއްލިއަކަށް އެބަފަށާ. ފައިސާތަކެއް ޚަރަދުކުރުމަށް. ޤާނޫނުގައި ހުއްދަކަމެއް ނޫން، ޒިންމާދާރުކޮށް ކައުންސިލްތައް ހިންގަންޏާ، އެއީކީއެއް. އިންތިޚާބާ ކައިރިކޮށްފައި. ސިޔާސީ ބޭނުމުގައި މިކަންކަން ބައެއް ކައުންސިލުން އެ ކުރަނީ.

އެހެންވީމާ، މިކަންކަން ކުރަންޏާ، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް ހުށަހަޅައިގެން، ހުއްދަނަގާށޭ. އެއީ، ޤާނޫނުގައި ހުރި މެންޑޭޓް ތެރޭގައި، އަލިފުން ފެށިގެންގޮސް، ހާއިން ފެށިގެންގޮސް، ޖަވިޔަންޏާ ހަމައަށްކަންނޭނގެ ހުންނާނެ، ކައުންސިލްތަކުގެ ޒިންމާތަކެއް ލިޔެފައި. އެ ޒިންމާތައް އަދާކުރަންތޯ، މި ބިންތައް މި ކުއްޔަށް މިދެނީ. އެ ޒިންމާތައް އަދާކުރަންތޯ، އިތުރަށް ކުއްލިއަކަށް ގިނަ އަދަދެއްގެ މީހުން، ކޮންޓްރެކްޓަށް މި ނަގަނީ. ނޫނީވިއްޔާ، އެ ޒިންމާ އަދާކުރަންތޯ، ތަރައްޤީގެ ޕްލޭންގައި ނެތް މަޝްރޫޢެއް ކުއްލިއަކަށް ފަށަން މިޖެހުނީ. އެކަން ޗެކްކޮށްލަން، ޗެކް އެންޑް ބެލެންސް ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން އެލް.ޖީ.އޭ.ގެ ހުއްދަ، ފިނޭންސް މިނިސްޓްރީގެ ހުއްދައަށް ހުށަހަޅާށޭ. އެކަހަލަ ކަމެއް ބޭނުންވަންޏާ ހުށަހަޅައިގެން، އެ ބޭފުޅުން ބައްލަވާފައި، އެއީ އެ ޤާނޫނުން ރައްޔިތުންނަށްޓަކައި އެ ކައުންސިލުން ކުރަންޖެހޭ ކަމެއްކަމަށް، ވަރަށް ސާފުކޮށް އެ ހުށަހަޅާ ހުށަހެޅުމަކުން ސާބިތުވަންޏާ، ހުއްދަލިބޭނެ. މަނައެއްނޫން. މަނައެއްނޫން. ޗެކް އެންޑް ބެލެންސް ނިޒާމެއް ގެނައީ. ފަހު އެއް އަހަރަށްވީމާ، އިންތިޚާބު ފެށުމަށް އެއް އަހަރަށްވީމާ، އެ އެއް އަހަރުގެ ތެރޭގައި އެކަނި މި ހުއްދަ ނަގަންވެސްޖެހޭނީ. ކުރިއަށް އޮތް ހަތަރު އަހަރު ނުޖެހޭނެ މި ހުއްދަ ނަގާކަށް.

އެހެންވީމާ، މީގައި ކޮބައިތޯ، ރައްޔިތުން ބާރުވެރިކުރުވުން ނޫންކަމެއް، ޗެކް އެންޑް ބެލެންސް ނިޒާމް ގެނައުން ނޫންކަމެއް، ގުޑް ގަވަރނަންސް ނޫންކަމެއް، އަމިއްލަ ކުދިކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރިތައް ހިމާޔަތް ކުރުން ނޫންކަމެއް، އަޅުގަނޑުމެން މި އިޞްލާޙުތަކުގެ ތެރޭގައި ގެނެސްފައެއް ނޯންނާނެ.

އެހެންވީމާ، މިއީ ލޯކަލް ގަވަރންމަންޓް ނިޒާމު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި، ޗެމްޕިއަން ކުރުމަށް، ގެންނަންޖެހޭ އިޞްލާޙުތަކެއް. މި ނިޒާމަކީ އަޅުގަނޑުމެން ބަލައިގަންނަ، އަޅުގަނޑުމެން ވަރަށް ބޮޑަށް ހިންގަން ބޭނުންވާ ނިޒާމެއް. އެ ނިޒާމު އިތުރަށް ތަރައްޤީކުރަން ގެނައި އިޞްލާޙުތަކެއް މިއީ. އެހެންވީމާ، މި އިޞްލާޙުތައް މިގެނައީ. މިކަންކަން އަޅުގަނޑު މި ކިޔައިދިނީ، މިކަންކަން ރައްޔިތުންނަށް ސާފުނުވެ އޮތީމާ. ނުވާގޮތަށް ބައެއް ކައުންސިލްތަކުން، ބައެއް ކައުންސިލަރުން، ބައެއް ޖަލްސާތަކުގައި އެކިކަހަލަ ވާހަކަ އެބަ ދައްކަވާ. ފަހަރެއްގައި އެ ބޭފުޅުންނަށްވެސް އެކަން ސާފުނުވެ އޮތީމަ ކަމަށްވެދާނެ. އެހެންވީމާ، އަޅުގަނޑު މި ވާހަކަތައް މި ދެންނެވީ.

ރައްޔިތުންނަށް ސަރުކާރުން ޚިދުމަތްދެނީ، މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްދެނީ، ވަރަށް ސީރިއަސް ވިސްނުމެއްގައި. އަޅުގަނޑަށް، އަޅުގަނޑާ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމުގައި ހޭދަވާ ކޮންމެ ސިކުންތެއް ވަރަށް މުހިންމު. އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑު ކޮށްގެންހުރި ހުވަޔާ އެއްގޮތަށް، އަޅުގަނޑުވެފައި ހުރި ވަޢުދުތައް ފުއްދުމުގައި ރެޔާއި ދުވާލު ހޭދަކުރަން. ލަފްޒީ މާނައިގައި ރެޔާއި ދުވާލު މި ހޭދަކުރަނީ. އެކަން އަޅުގަނޑު ކުރަންޖެހޭތީ. އެކަން ގަބޫލުކުރާތީ. އަޅުގަނޑުމެންގެ މުޅި ޓީމު މަސައްކަތްކުރަނީ އެގޮތަށް. މިނިސްޓަރުން، އެމް.ޑީން.، އަޅުގަނޑުމެންގެ މަޖިލިސް މެންބަރުން އެކުރަނީ އެ މަސައްކަތް. ރަށްރަށުގައި މިތިބޭ އަޅުގަނޑުމެންގެ ކުންފުނިތަކުގެ ވެރިން، އެކިއެކި މުއައްސަސާތަކުގެ ވެރިން މި ކުރަނީ އެ މަސައްކަތް. އެކަން ކުރުމަށް ބޭނުންވަނީ، އެންމެންގެ ޕްރޮފެޝަނަލް އެއްބާރުލުން. ސިޔާސީ ޚިޔާލު ތަފާތުވިޔަސް މައްސަލައެއް ނެތް. ޕްރޮފެޝަނަލީ އެއްބާރުލުން ދެއްވަންޖެހޭނެ. އެ އެއްބާރުލުން ދެއްވުމަށް އެއްވެސްކަހަލަ ހުރަހެއް ކުރިމަތިވުމަކީ، ވަރަށް ގެއްލުންހުރި ކަމެއް. މާދަމާ އަޅުގަނޑުމެން މި ރަށުގައި ޕޮލިސް ޚިދުމަތް ފަށަން، ވަރަށް އުނދަގުލުން އެކަން ކުރަންޖެހުނީ. އެކަހަލަ ކަންކަން ވެގެންނުވާނެ.

މި ރަށުގައި ޕާސްޕޯޓް ޚިދުމަތްދޭން، އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން އެހެން ރަށްރަށުގައި ވީގޮތަށް މިއަދު ނޫނީ މާދަމާ ފެށޭގޮތްވާން އަޅުގަނޑު ބޭނުންވި. އެކަމެއްނުވި. އެހެންވީމާ، އެގޮތަށް އެކަންވާކަށް އަޅުގަނޑު ބޭނުމެއްނޫން. އެއީއެއްނޫން ރައްޔިތުންނަށް ޒިންމާދާރުކަމާ އެކީގައި ޚިދުމަތްދިނުމަކީ. ރައްޔިތުންނަށް ޒިންމާދާރުކަމާ އެކީގައި ޚިދުމަތްދިނުމަކީ، ސިޔާސީ ޚިޔާލު ތަފާތުވުން ދޫކޮށްލާފައި، ރައްޔިތުން ހޮވީމާ، އެ ހިސާބުން އެއީ ކޮންމެ ޕާޓީއެއްގެ ބަޔަކަށްވިޔަސް، ހުރިހާ ރައްޔިތުން ހަމަހަމަކަން ގަބޫލުކޮށްގެން ޚިދުމަތް ދިނުން. އެ އޮންނަ ސަރުކާރަކީ، ތިމަންނަމެން ގަބޫލުކުރާ ސިޔާސީ ފިކުރުކަމުގައި ނުވިޔަސް، ޕްރޮފެޝަނަލީ ޒިންމާދާރުކަމާ އެކީގައި އެއްބާރުލުން ދިނުން. ފުރިހަމަ މާނައިގައި އެއްބާރުލުން ދިނުން. މިގޮތަށް އެއްބާރުލުންދޭ ކައުންސިލްތައް ވަރަށް ގިނަ. ވަރަށް ގިނަ. އެކަމާ އަޅުގަނޑު ވަރަށް އުފާވޭ. ގިނަ ކައުންސިލްތައް ވަރަށް ޒިންމާދާރު.

އެހެންވީމާ، އެގޮތަށް ކަންތައްތައް ގެންދެވެންޏާ، އަޅުގަނޑުމެން ވެފައިހުރި ވަޢުދުތައް ފުއްދުމުގައި ވަރަށް ބާރު ސްޕީޑްގައި ކަންކަން ހާސިލުވާނެ. އަޅުގަނޑަށް ވަރަށް މުހިންމު، ހަމަ ކުރިން މި ދެންނެވިހެން، ކޮންމެ ވަގުތުކޮޅެއްވެސް ރައްޔިތުންނަށް ޚިދުމަތްދިނުމުގައި. އަޅުގަނޑުމެންނަކަށް ވަގުތު ބޭކާރުކުރެވޭކަށް ނެތް. ކުރާކަށް ނުވެސްނެތީމު. މިގޮތަށް އަންނަ ޚިޔާލު ތަފާތުވުންތައް، ހުރަސްތައް އެގޮތަށް ކުރިމަތިކޮށްގެން. އެ ފުރުޞަތެއް ނުލިބޭނެ. އަޅުގަނޑެއް ނުއެއްދޭނަން އެ ފުރުޞަތެއް. އެހެންވީމާ، އަޅުގަނޑުމެން މި ކަންތައްތައް މި ކުރަނީ. ޒިންމާދާރު، ޕްރޮފެޝަނަލް، ދެފުށް ފެންނަ، ގުޑް ގަވަރނަންސް ނިޒާމެއްގެ ގޮތުގައި، މި ނިޒާމު ހަރުދަނާ ކުރުމަށްޓަކައި. އާދެ، އެ ވާހަކަތައް ހަމަ މި ދަންނަވާލީ ކަންކަން އޮޅުންފިލުވައިދިނުމަށްޓަކައި.

އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ ދަރަވަންދޫގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މި ފަށާ މަޝްރޫޢުތަކާއި، ފަށާނެ ކަމަށް އަޅުގަނޑު މި ދެންނެވި ކަންކަމާއި، ޚާއްޞަކޮށް، އެއަރޕޯޓް ތަރައްޤީކުރުން ފަދަ ކަންކަމާއި، އަދި ދެން މި އަންނަ އަހަރަށް އަޅުގަނޑުމެން ޕްލޭންކުރާ ކަންކަން، ކުރިންވެސް މި ދެންނެވި ފަދައިން، ވަރަށް ސަމާލުކަންދީގެން އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން. މި ރަށުގެ ތަރައްޤީގެ ކަންކަމުގައި އިރާދަކުރެއްވިއްޔާ ދާނަން އަޅުގަނޑުމެން ވަރަށް އުސްމިނަކަށް ތިޔަބޭފުޅުންނާ އެކީގައި. ތިޔަބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި.

އަދިވެސް އެއްފަހަރު، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަޅުގަނޑު އުންމީދުކުރަން، މީގެތެރެއިން ގިނަ މަޝްރޫއުތަކެއް ނިންމާލުމަށްފަހު، ތިޔަބޭފުޅުންނާ ބައްދަލުކުރަން، އެ އުފަލުގައި ބައިވެރިވާން އަންނަން. އެ އުންމީދާ އެކީގައި އަޅުގަނޑު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.