بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދޮންފަނުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ކައުންސިލަރުން، އަދި މުއައްސަސާތަކުގެ އެންމެހައި ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ބައްލަވާ އަދި އައްޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ދޮންފަނުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

އާދެ، އަޅުގަނޑު ވާނީ ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުންނަށް ވަޢުދުތަކެއް ވެފައި. އަޅުގަނޑު ވަޢުދުވީ، ތިޔަބޭފުޅުންގެ އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް. އިރާދަކުރެއްވީތީ، މިއަދާ ހަމައަށް އައިއިރުގައި، އަޅުގަނޑު މި މަސައްކަތް ކުރަމުން މިގެންދަނީ، ރިޔާސީ އިންތިޚާބުގައި، އަދި އޭގެފަހުންވެސް ވެފައިހުރި ވަޢުދުތައް، ވީހާވެސް ފުރިހަމައަކަށް ފުއްދައިދިނުމުގެ މަސައްކަތް ކުރަން.

އެގޮތުން މިއަދާ ހަމައަށް އައިއިރު މި ރަށުގައި މި މަސައްކަތްތަކުގެ ތެރެއިން، ގިނަ ކަންތައްތަކެއް ފެށޭގޮތަށް މިވަނީ، އަޅުގަނޑުމެންނަށް ކަންކަން ފުރިހަމަކުރެވިފައި. އޭގެ ނަތީޖާއެއްގެ ގޮތުން، މިއަދު މިތަނުގައި އަޅުގަނޑުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ދެތިން ކަމެއްގެ މަސައްކަތް ފެށުމަށް، މިއަދު މި ސޮއިކުރެވުނީ. އާދެ، ބިން ހިއްކުމާއި އަދި ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ޙައްލުކުރުމާއި، މޫދަށްއެރޭ ސަރަޙައްދެއް ހެދުމާއި، މި ތިން ކަންތަކަށް އަޅުގަނޑު ވާނެ އިންތިޚާބުގައި ވަޢުދުވެފައި.

އެހެންވީމާ، މިއަދު މި ސޮއިކުރެވުނު މަޝްރޫޢު ފެށިގެންގޮސް، އިރާދަކުރެއްވިއްޔާ، މި އަހަރު ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށޭނެ. މަޝްރޫޢު ފެށިގެންގޮސް ނިމިގެންދިޔައީމަ، ތިޔަބޭފުޅުންނަށް، މި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ، މި މައްސަލައާއެކީގައި ދިމާވެފައިވާ ގިނަ ކަންކަމާއެކީގައި، ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ޙައްލު އަންނާނެ. ބިމުގެ ޖާގަ ވަރަށްދަތި. އެހެންވީމާ، މި މަޝްރޫޢާ އެކީގައި، ގާތްގަނޑަކަށް 13 ހެކްޓަރުގެ ބިން މި ހިއްކެނީ. 13 ހެކްޓަރުގެ ބިން އިތުރުވެގެންދިޔައީމަ، ތިޔަބޭފުޅުންގެ ބިމުގެ ދަތިކަމަށް، މި ރަށުގެ ފަޅުތެރެއިން ޙައްލު ގެނެވެން އޮތް އެންމެ ބޮޑަކަށް، ޙައްލު އެ ގެނެވުނީ. އެއާއެކީގައި ދެން، މޫދަށް އެރޭ ސަރަޙައްދުވެސް ހެދި، އަދި އޭގެއިތުރަށް، މި ބަނދަރުގެ މިއޮތް މައްސަލައަށްވެސް ޙައްލު އެ އަންނަނީ. އިރާދަކުރެއްވިއްޔާ ސަރުކާރުން މި ތިން މަޝްރޫޢު އެކުއެކީގައި، އެއް މަޝްރޫޢެއް ގޮތުގައި، ދެންމެ މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދާނަން. ގެންގޮސް އިރާދަކުރެއްވިއްޔާ ފުރިހަމަކޮށްދޭނަން. އެކަމުގެ ޔަޤީންކަން އަރުވަން.

ހަމައެއާއެކީގައި، ދެން އަޅުގަނޑުމެން ސޮއިކުރީ ތަޢުލީމީ ދާއިރާގެ މަޝްރޫޢަކަށް. މި ރަށުގެ މި ސްކޫލްގައި މިއޮތީ ވަރަށް ބޮޑަށް ޖާގައިގެ، ވަސީލަތުގެ މައްސަލަ ބޮޑުވެފައި. ގިނަ އަހަރުތަކެއްވަންދެން އެކަމަށް ޙައްލެއް ނުގެނެވިފައި އޮތުމުގެ ސަބަބުން، މިކަން ދިމާވެފައި މިއޮތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަދު މި ސޮއިކުރެވިގެންދިޔަ މަޝްރޫޢާ އެކީގައި، މި މައްސަލައަށް ވަރަށް ބޮޑު ޙައްލެއް، ރައްޔިތުން އެދޭ ފެންވަރުގައި އަންނާނެ.

އާދެ، މި މަޝްރޫޢު ނިމިގެންދާއިރުގައި، މި ތަނުގައި، މި ސްކޫލަށް ބޭނުންވާ ޖާގައިގެ މައްސަލަ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ޙައްލުކުރެވިގެންދާނެ. އެހެންވީމާ، މިއަދު މި ސޮއިކުރެވުނު މަޝްރޫޢާ އެކީގައި، އެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި އަޅުގަނޑުމެން ފަށައި، ކުރިއަށް ގެންދާނަން. 6 ކްލާސްރޫމެއް އޭގައި އެބަ ހިމެނޭ. މި ދެންނެވި ގޮތަށް، ކްލާސްރޫމްތަކާއި، ލައިބްރަރީ، މަލްޓި ޕަރޕަސް ހޯލު، ލެބް، މިހުރިހާ ކަމެއްވެސް އޭގައި ހިމެނޭ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ މި ކުރިޔަށް މިގެންދަނީ. އެހެންވީމާ، އެ މަޝްރޫޢު ކުރިއަށް ގެންގޮސް ނިމުނީމަ، ތަޢުލީމީގޮތުން، ތަޢުލީމީ ދާއިރާއިން، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަވެގެންދާނެ. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ތިޔަބޭފުޅުންނަށްޓަކައި، އަޅުގަނޑު ވަޢުދުވީ ގޮތަށް، މިއަދުގެ މި މަޝްރޫޢުގައި ސޮއިކުރުމާ އެކީގައި، ފަށައިގަނެގެން ކުރިއަށް ގެންގޮސްދޭނެކަމުގެ ޔަޤީންކަންވެސް އަރުވަން.

އަޅުގަނޑު މި ރަށުގައި ވާނީ ޖުމްލަ 8 ވަޢުދު، ރިޔާސީ އިންތިޚާބުގައި ވެފައި. މި 8 ވަޢުދުގެ ތެރެއިން 4 ކަމެއް މި ދެ އެގްރީމަންޓްގެ ތެރެއިން މި ފެށިގެން މިދަނީ.

އެއާއެކީގައި، އަދި އެބަހުރި ބައެއް ކަންތައްތައް. އެގޮތުން، ކުޅިވަރުގެ ދާއިރާއަށް ތަރައްޤީ ގެންނަންވެސް ވާނީ އަޅުގަނޑު ވަޢުދުވެފައި. ކުޅިވަރުގެ ދާއިރާއަށް ބަލާއިރުގައި، މި ރަށުގައި ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ފެށިފައި އޮތް ނަމަވެސް، އެ މަޝްރޫޢު ފެށިފައި އޮތީ، މުޅި ދަނޑުގެ ހުރިހާ ކަމެއް ނިންމޭގޮތަކަށް ނޫން. މި ސަރުކާރުން އަޅުގަނޑުމެން ދަނޑުތައް ހަދަން ފަށައި، ނިންމަން މިއުޅެނީ، ހުރިހާ ކަމެއް ހިމެނޭގޮތަށް. މާނައަކީ، ލައިޓްވެސް ޖެހި، ރޭގަނޑުވެސް ކުޅެވޭގޮތަށް. ފެންސުވެސް ޖެހި، ހުރިހާ ގޮތަކުންވެސް އެ ފުރިހަމަކަން ލިބޭގޮތަށް. އެހެންވީމާ، މި ރަށުގެ މި ފުޓްބޯޅަ ދަނޑުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިންމާލާނީ، މި ދެންނެވި ފެންސިންއާއި ލައިޓްގެ މަސައްކަތާވެސް އެކީގައި. އެކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ޔަޤީންކޮށްދެން.

ހަމައެއާއެކީގައި، އިރާދަކުރެއްވިއްޔާ ފުޓްސަލް ދަނޑު އަލުން ހަދައިދޭނަން. މިހާރު މަރާމާތުކުރެވުނީ އެ ހަލާކުވެފައި އޮތީމާ. ހަދާއިރުގައި، އެ ފުޓްސަލް ދަނޑަކީ، ހޭންޑްބޯލްވެސް ކުޅެވޭގޮތަށް، ދެ ކުޅިވަރު ކުޅެވޭ ސައިޒަށް، ދެ ކުޅިވަރުވެސް ކުޅެވޭގޮތަށް އަޅައިދޭ ދަނޑެއްގެ ގޮތުގައި އަޅުގަނޑުމެން އަޅައިދޭނަން. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢުވެސް މި އަހަރު ތެރޭގައި ފަށައިދޭނަން. މި އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު ތެރޭގައި އަޅުގަނޑުމެން ކުރިއަށްގެންދާ މަޝްރޫޢެއްގެ ގޮތުގައި، ވޮލީބޯލް ކޯޓެއް މި ރަށުގައި ހަދައިދޭނަން.

އަދި މި އަހަރުގެ ތެރޭގައި، ކުޅިވަރުގެ ދާއިރާއިން، މި ރަށުގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް އެޅުމުގެ މަސައްކަތްވެސް ފެށުމަށް ވަނީ ނިންމާފައި. މިހާރު އެކަމުގެ އެގްރީމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އިދާރީ، ފަންނީ މަސައްކަތްތައް ނިންމާލާފައި، ވީހާވެސް އަވަހަކަށް ޢަމަލީ މަސައްކަތަށް ދާނެ. މި ރަށުގައި، މި ރަށުގެ ސައިޓުގައި ޢަމަލީގޮތުން، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އެޅުމުގެ މަސައްކަތް، މި އަހަރު ފަށާނަން. އެހެންވީމާ، އެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. ހަމައެއާއެކީގައި، އައުޓްޑޯ ޖިމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް، މި އަހަރު ތެރޭގައި ކުރިޔަށް ގެންދާނަން.

އެހެންވީމާ، ޖުމްލަ ހަތަރު، ފަސް މަޝްރޫޢެއް، ކުޅިވަރުގެ ދާއިރާއިން މިއޮތީ ކަނޑައެޅިފައި. މިހާރު އެ ފުޓްބޯޅަ ދަނޑު، ފުލް ސްކޯޕް ފުޓްބޯޅަ ދަނޑެއް ގޮތުގައި ނިންމައިދިނުމާއި، ފުޓްސަލްއާއި، ހޭންޑްބޯލް ކުޅެވޭ ދަނޑެއް އެޅުމާއި، ވޮލީބޯލް ކޯޓަކާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި، އައުޓްޑޯ ޖިމްއާ، މި ހުރިހާ ކަމެއް، މި ރަށުގައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. އާދެ އެއީ، މައިގަނޑުގޮތެއްގައި ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަންކަމަކީ.

އޭގެއިތުރަށް، ޞިއްޙީ ދާއިރާއިން އަޅުގަނޑު ވަޢުދުވިން، ޞިއްޙީ ދާއިރާ ތަރައްޤީކޮށްދިނުމަށް. އެގޮތުން، އަޅުގަނޑުމެން މިހާރު ވާނީ، އެގްރީމަންޓްގައި ސޮއިކޮށްފައި. އެގްރީމަންޓްގައި ސޮއިކޮށްފައި މިވަނީ، ލެބޯރެޓަރީ ސަރވިސްވެސް ދެވޭގޮތަށް. ލެބޯރެޓަރީއާއި އަދި ހުރިހާ ކަމެއް އޭގައި ހިމެނޭގޮތަށް. ވަރޑް އަދި ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމް، ނަރސް ސްޓޭޝަން، ގަރާޖް، ސްޓޯރ އޭރިއާ، ދެން މި ހުރިހާ ކަމެއްވެސް ހިމެނޭގޮތަށް އެޅޭ އިމާރާތެއް އެޅިގެންދާނީ. މި މަސައްކަތުގެ ޢަމަލީ މަސައްކަތްވެސް، މި އަހަރު ތެރޭގައި އަޅުގަނޑުމެން ފަށާނަން. މިހާރު ވާނީ، އިންސާނީ ވަސީލަތް ނުވަތަ ހިއުމަން ރިސޯސް އިތުރުކުރުމަށްޓަކައިވެސް، ބައެއް ސްޓާފުން އިތުރުކުރެވިފައި. އަދި އިތުރު ސްޓާފުންވެސް މި ރަށަށް އިތުރުކުރުމަށް އަޅުގަނޑުމެން ހުއްދަދޭނަން.

އެހެންވީމާ، އިމާރާތް ނިމެންވާއިރަށްވެސް ތިޔަބޭފުޅުންނަށް އަދި އިތުރަށް ނާރސްއިންނާއި އަދި އިތުރު ސްޓާފުން ހޯދުމަށް އަޅުގަނޑުމެން ފުރުޞަތު ދޭނަން. ނަތީޖާއަކަށްވާނީ، މި ރަށުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ރަނގަޅު ފެންވަރުގެ މަސައްކަތްތަކެއް ކުރެވިގެންދިޔުން. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން އެކަން ކުރިއަށް ގެންގޮސްދޭނަން.

އާދެ، އެންމެ ބޮޑު މައްސަލައަކީ، ފެނާއި ނަރުދަމާގެ މައްސަލަ. އެކަން ކުރުމުގައި ވަރަށް ބޮޑު ދަތިތަކެއް އެކަން ކުރާ ފަރާތަށްވެސް އޮތީ ދިމާވެފައި. މައިގަނޑު ދައްޗަކީ މީހުން ހޯދުން. މުވައްޒަފުން، މަސައްކަތްތެރިން ހޯދުމުގެ މައްސަލަ. އެމް.ޑަބްލިޔު.އެސް.ސީ.އާ އަޅުގަނޑުމެން ހަވާލުކޮށްފައި މިއޮތީ މިދިޔަ އަހަރު، މަސައްކަތް ކުރަން. އެބޭފުޅުން ވިދާޅުވީ، ތިންފަހަރު މިހާރު އިޢުލާނުކޮށްފީމޭ މީހުން ހޯދަން. މީހުން ނުލިބެއޭ. އަދި ސައިޓް އޮފީސް ހަދަންވެސް ތަނެއް ކުއްޔަށް ނަގަން ދެފަހަރަކު އިޢުލާނުކޮށްފި، އަދި ނުލިބޭ. އެހެންވީމާ، އަޅުގަނޑު ދަންނަވައިފިން، މި ރަށުން ބޭރުން އަދި ރާއްޖެއިން ބޭރުމީހުންވިޔަސް ގެންނާށޭ. ބޭރުމީހުން އެމްޕްލޯއި ކޮށްގެންވެސް މަސައްކަތް ފަށަން. އަދި ސައިޓް އޮފީހުގެ ކަންތައްވެސް ވީހާވެސް އަވަހަކަށް ހަމަޖައްސާފައި، ޢަމަލީ މަސައްކަތް ފަށަން.

އެހެންވީމާ، އެގޮތަށް ކުރިއަށް ގެންދަވާނެ އެ ބޭފުޅުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ދާދި އަވަހަށް ފެށި، ވަރަށް ބާރު ސްޕީޑްގައި އަޅުގަނޑުމެން ގެންދާނަން. އަޅުގަނޑުމެންނަށް އެނގޭ އެއީ، އެންމެ ދަތިވާ މައްސަލަކަން. އެހެންވީމާ، މި ދެންނެވި ގޮތަށް އެ މަޝްރޫޢު އަޅުގަނޑުމެން ގެންދާނަން. ގެންގޮސް ނިންމައިދޭނަން އިރާދަކުރެއްވިއްޔާ.

އާދެ، އަޅުގަނޑު ޔަޤީންކުރަނީ، މި ދެންނެވި ކަންކަން، އަޅުގަނޑު މި ދެންނެވި ގޮތަށް ކުރިއަށްގެންގޮސް ނިމުމުން، ތިޔަބޭފުޅުންނަށް ވަރަށް ގިނަ ކަންކަން ޙައްލުވެގެންދާނެ ކަމަށް. ބިމުގެ މައްސަލަ ޙައްލުވެ، ބަނދަރުގެ މައްސަލަ ޙައްލުވެ، މޫދަށްއެރުމުގެ މައްސަލަ ޙައްލުވެ، ކުޅިވަރު ކުޅުމާއި، ފިޓްނަސްއާއި، ހަށިހެޔޮކަމާ ގުޅޭ ކަންކަން ޙައްލުވެ، ތަޢުލީމީ ދާއިރާ ތަރައްޤީކުރެވި، ޞިއްޙީ ދާއިރާ ތަރައްޤީ ކުރެވިގެންދާނެ. އެހެންވީމާ، އެގޮތަށް އަޅުގަނޑު މިކަންކަން ގެންދަން ރާވާފައި މިއޮތީ.

މަގުހަދާނީ ފެނާއި ނަރުދަމާ ނިމުނީމަ. ފެނާއި ނަރުދަމާ ނިމެންވާއިރަށް، ރައްޔިތުން އެދޭ ކޮންސެޕްޓެއްގައި މި ރަށުގެ މަގުހެދުންވެސް ކުރިއަށްގެންދެވޭނެ. އެއީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ޖުމްލަކޮށް ވީ ވަޢުދެއް ކަމުގައިވާތީ. އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، ރާއްޖޭގެ ހުރިހާ ރަށެއްގައި، ކޮންމެވެސް މިންވަރަކަށް، އެންމެ ކުދި ރަށްރަށުގައިވެސް، މަދުވެގެން އެއް މަގު ނަމަވެސް، އަދި މައި މަގުތައް ކަމުގައިވިޔަސް، އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ސްކޯޕެއްގައި، އަޅުގަނޑުމެން ހަދާނަމޭ. އެއީ، ބައެއް ރަށްރަށުގެ ރައްޔިތުން ބޭނުންވަނީ، ޚާއްޞަކޮށް، ލޯކަލް ޓޫރިޒަމް ކުރިއަށްދާ ރަށްރަށުގައި، ބޭނުންމެއްނުވޭ ތާރުއަޅާކަށް، ގާ އަތުރާކަށްވެސް. އަޅުގަނޑުވެސް ބޮޑަށް މަރުޙަބާ ކިޔަނީ، އަދި ހިތްވަރުދެނީވެސް، ވީހާވެސް ސޮފްޓް ފިނިޝިންގއެއްގައި މަގުތައް އޮންނަ ގޮތަށް. ރީތިކަން އޭރުން ދެމެހެއްޓޭނީ. ރީތިކޮށް ފެން ހިނދޭގޮތަށް، އަދި ޓޫރިޒަމް އިތުރަށް ކުރިއަށް ގެންދިޔުމުގައި، އެ ބޭނުންވާ ކޮންސެޕްޓްގައި ރަށްރަށްގެ މަގުހެދުން އެއީ، އަޅުގަނޑުވެސް ވަރަށް ތަރުޙީބުދޭ ކަމެއް. އެގޮތަށްވެސް ބައެއް ރަށްރަށުން ބޭނުންވޭ. އެހެންވީމާ، އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ވައްތަރެއްގެ މަގުހެދުން، އަޅުގަނޑުމެން ކުރިއަށް ގެންދާނީ. އެހެންވީމާ، އެކަމަކީ ކުރިއަށް އޮތް ކަމެއް. މި އަންނަ އަހަރު، ނޫނީވިއްޔާ ދެން އަންނަ އަހަރަކު ނަމަވެސް، 2026 ނޫނީ 2027ގައި ވިޔަސް، ފެނާއި ނަރުދަމާގެ މަސައްކަތް ނިމެންވާއިރަށް، އަޅުގަނޑުމެން އެ މަސައްކަތް ފަށާގޮތަށް މިއޮތީ.

އެހެންވީމާ، މިކަންކަން ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑުމެން ރާވާފައިވާ ގޮތް މި ދަންނަވާލީ. އިރާދަކުރެއްވިއްޔާ، ފުރިހަމަ ޔަޤީންކަން މިދެނީ އިނގޭތޯ. ފުރިހަމަ ޔަޤީންކަން. މި ދެންނެވި ގޮތަށް، އިރާދަކުރެއްވިއްޔާ މި ކަންކަން ގެންދާނަން. މި އަހަރު ތެރޭގައި އަޅުގަނޑު މި ދެންނެވި ކަންކަން ފެށިގެންދާނެ. ދެންމެ ސޮއިކުރެވުނު މަޝްރޫޢުތަކާއި އަދި މި ދެންނެވި ބައެއް ކުޅިވަރުގެ މަޝްރޫޢުތައް. އަދި މި އަންނަ އަހަރު ބައެއް އެހެން މަޝްރޫޢުތައް.

އިރާދަކުރެއްވިއްޔާ، އަދިވެސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން އަޅުގަނޑު އަންނަން ގަސްދުކުރަން، މި ދެންނެވި ގިނަ ކަންކަން ނިންމާލާފައި، އެ ކަންކަންމުގެ އުފަލުގައި ތިޔަބޭފުޅުންނާއެކީ ބައިވެރިވާން. އެ ދުވަހެއްގެ އިންތިޒާރުގައި އަޅުގަނޑު ތިޔަބޭފުޅުންނާ މިއަދު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.