ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ދަރަވަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޔާސީ ވިސްނުމަށް ޖާގަދެވި، އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވުމުން އާޚިރުގައި ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނާ މަތިކުރެވިފައިވާ ޒިންމާ އަދާކުރެއްވުމުގެ ގޮތުން، އެފަދަ ކަމަކަށް ފުރުޞަތު ނުދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ބޭނުންފުޅުވަނީ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ސަރުކާރުން ޚިދުމަތް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރައްވަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން ހަރަކާތްތެރިވާކަން ފާހަގަކުރައްވައި، ވަކިވަކިން މިސާލު ނަންގަވައި ކަމުގެ އަސްލު، ބަޔާންކޮށްދެއްވާފައެވެ. ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާ އަދި ރައްޔިތުން ބާރުވެރިކުރެވޭނެ ގޮތަށް ކަމަށާ، ސަރުކާރުން ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިޞްލާޙުތަކުގައިވެސް ވަނީ މިކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، ރައްޔިތުން ބާރުވެރިކުރުވުމުގެ ފައިދާ އޮތީ ކައުންސިލަށްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގިނަ ކައުންސިލްތަކަކީ ޒިންމާދާރު ކައުންސިލްތަކެއް ކަމަށާ، ކަން އެގޮތުގައި ހިނގަމުންދާނަމަ، ވަޢުދުފުޅުތައް ފުއްދެވުމުގެ ކަންކަން ބާރު ދުވެލީގައި ހާސިލުވަމުންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ކޮންމެ ވަގުތުކޮޅަކީވެސް މުހިންމު ވަގުތުކޮޅެއްކަމަށާ، ޚިޔާލުތަފާތުވުންތަކުން ހުރަސްތަކެއް ކުރިމަތިކުރުމުގެ ފުރުޞަތު، ނުދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މަސައްކަތްޕުޅުކުރައްވަމުން ގެންދަވަނީ ޒިންމާދާރުކަމާއެކު، ދެފުށްފެންނަ، ޕްރޮފެޝަނަލް، ގުޑްގަވަނަންސް، ނިޒާމެއްގެ ގޮތުގައި މި ނިޒާމް ހަރުދަނާކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރުން އިސްކުރައްވާނީ ރައްޔިތުންކަމުގައި ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބ. ދަރަވަންދޫގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހިންގަވައި، ނިންމަވައިދެއްވާނެ މުހިންމު މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން ބ. އަތޮޅު މަދަރުސާގެ 8 ކުލާސްރޫމާއި، އޮފީހާއި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭގެ ޖަލްސާގައި ސޮއިކުރެވިގެންދިޔައިރު، މިމަޝްރޫޢު ނިމި، އޭގެ ފައިދާ ވާން ފެށުމުން، މިމަޝްރޫޢު ވެގެންދާނީ ރަށުގެ ތަޢުލީމީ ޙަޔާތް އައު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ މިމޭރުމުން، ރަށުގެ ޞިއްޙީ ދާއިރާއަށްވެސް ތަރައްޤީގެ މުހިންމު ކުރިއެރުންތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ބ. ދަރަވަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. ރަށުގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އުންމީދީ ޚަބަރުތަކެއް ދެއްވާފައެވެ. އަދި ރަށުގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި ހިނެނޭ، މަގު ހެދުމާއި ބަނދަރު ތަރައްޤީކުރުމުގެ ކަންކަންވެސް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުވަނީ ދެއްވާފައެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ރަށަށް އިތުރު ފައިދާ ލިބޭނެ ފަސޭހަތައް ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބ. ދަރަވަންދޫގައި އޮތް އެއަރޕޯޓަކީ އެންމެ ކާމިޔާބު ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެއް އެއަރޕޯޓްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ނަމަވެސް އެއަރޕޯޓްގެ ތަރައްޤީއަށް އެދެވޭ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައި ނެތްކަމުގައި ވިދާޅުވެ ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤާނޫނާއި ޤަވައިދުގެ ތެރެއިން އައިލަންޑް އޭވިއޭޝަން ސަރވިސަސްއާ ހަވާލުކުރައްވައިގެން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެކަމުގެ އުންމީދު އެބައޮތްކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ، ސިޔާސީ ޚިޔާލުތަފާތުވުން ދޫކޮށް، ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަމުގައި ޤަބޫލުކޮށް، ޕްރޮފެޝަނަލް ގޮތުގައި ޒިންމްދާރުކަމާއެކު ފުރިހަމައަށް އެއްބާރުލުން ދިނުންކަމުގައި ހަނދާންކޮށްދެއްވަމުންނެވެ.