بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކިހާދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، ކައުންސިލަރުން، ރަށުގެ އެންމެހައި މުއައްސަސާތަކުގެ އިސް ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ބައްލަވަމުން އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދުގެ މެންދުރު ވަގުތު، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ތިޔަބޭފުޅުން ވަޑައިގެން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ކިހާދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މިއަދުގެ މި ޖަލްސާގައި އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކިހާދޫގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އަދި މި ކަމަކީ އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވެސް މި ރަށުގައި ކުރިއަށްގެންދަން ވަޢުދުވެފައިވާ އެއް މަޝްރޫޢު. އިރާދަކުރެއްވިއްޔާ މިއަދު މި ސޮއިކުރެވުނު މަލްޓި-ޕަރޕަސް ހޯލާއި، އަދި ކުލާސްރޫމްތައް ހިމެނޭ މަޝްރޫޢުގައި އަދި އިތުރު ސައިންސް ލެބެއްވެސް ހިމެނިގެންދާނެ. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވިން، ސައިންސް ލެބްވެސް އޭގައި ހިމެނިގެންދާގޮތަށް، މި މަޝްރޫޢު ކުރިއަށްދާނީ. އިރާދަކުރެއްވިއްޔާ، މި މަޝްރޫޢު ނިމިގެން ދިއުމުން، މި ސްކޫލްގެ ތަރައްޤީއަށް، ސްކޫލްގެ ކިޔަވައިދިނުމަށް، ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ. އަދި ރަށުގެ ބެލެނިވެރިންނާއި، ކިޔަވާ ކުދިންނާއި، ޓީޗަރުންނާއި، ސްކޫލްގެ ވެރިން، އެދެމުންދާ ފަދަ ގޮތަކަށް، މި ސްކޫލް ތަރައްޤީވެގެންދާނެ. އެހެންވީމާ، އެކަމަށްޓަކައި ތިޔަބޭފުޅުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.

އަޅުގަނޑު ފާހަގަކުރަން، މި ރަށަކީ ތަޢުލީމަށް ވަރަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއް. ރަށުގެ ސްކޫލްގެ ކުދިންގެ ބެލެނިވެރިންނަކީވެސް ސްކޫލަށް ވަރަށްބޮޑަށް ޚިދުމަތްކުރާ، ވަރަށް ގުޅިގެން، ވަރަށް ލާމަސީލު ގޮތެއްގައި، ތަޢުލީމީ ކަންކަމަށް އިސްކަންދޭ ރަށެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިއަދު މި ސޮއިކުރެވިގެންދިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރެވި ނިމިގެން ދިއުމުން، އަޅުގަނޑު މި ދެންނެވި ގޮތަށް، ތިޔަބޭފުޅުން އެދޭގޮތަށް ކަންކަން ފަހިވެގެންދާނެކަމީ އަޅުގަނޑު ވަރަށް ބޮޑަށް ޔަޤީންކުރާ ކަމެއް.

އާދެ، އޭގެއިތުރަށް، ދެންހުރި މަޝްރޫޢުތައްވެސް އަޅުގަނޑުމެން މި ރަށުގައި ހަމަ އަޅުގަނޑު އިންތިޚާބުގައި ވަޢުދުވީގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. އަޅުގަނޑުމެން ދެންމެ މި އިފްތިތާޙުކުރި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، އޭރުގައި ފެށިފައިވާ މަޝްރޫޢު ނިމިގެން މިއަދު ފާހަގަކުރި ނަމަވެސް، އަދި މުޅި މައްސަލަ ހައްލެއް ނުއެއްވޭ. މިހާރުވެސް އިތުރަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަންޖެހޭ ރަށެއް. އުތުރު ފަރާތުގައި ޚާއްޞަކޮށް.

އެހެންވީމާ، އާ މަޝްރޫޢެއް އަނެއްކާ އެކަމަށްވެސް އަޅުގަނޑުމެން ހިންގަން ނިންމާފައި މިވަނީ. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ކުރާނަން. ބަޖެޓުކޮށް، މި އަންނަ އަހަރު ތެރޭގައި، މި ރަށުގައި ދެން ހިމާޔަތްކުރަން އޮތް ސަރަޙައްދުވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިމާޔަތްކޮށްދޭނަން.

އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވެފައި އޮތް ވަޢުދެއް، މި ރަށުގައި ހުރި އިންޖީނުގެ ހުރިތަން ބަދަލުކުރަން. ފެނަކައިން އަދި އެ މަޝްރޫޢެއް ފެށޭގޮތެއް ނުއެއްވޭ. އަޅުގަނޑުމެން މި ގެންދަނީ ތަރުތީބުކޮށްގެން، ވީހާވެސް އަވަހަކަށް މި މަސައްކަތް ފެށޭނެގޮތް ހަދަން މަސައްކަތް ކުރަމުން. އެހެންވީމާ، މި މުހިންމު މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި އަހަރުގެ ތެރޭގައި، މި ދެންނެވިހެން އިންޖީނުގެ ބަދަލުކުރުން، އަދި އޮފީސް، ފެނަކައިގެ ހުރިހާ ކަމެއް ހިމެނޭގޮތަށް، އާ ޢިމާރާތެއް އެޅުން. ކައުންސިލުން ދައްކައިދީފައިވާ، ހަމަޖައްސާފައިވާ ބިމުގައި، އާ ޢިމާރާތެއް އެޅުމުގެ މަސައްކަތް ޢަމަލީގޮތުން މި ރަށުގައި އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން. އޭރުން އިރާދަކުރެއްވިއްޔާ، އެކަން ހައްލުވީމާ ތިޔަބޭފުޅުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ފަސޭހަތައް ލިބިގެންދާނެ.

އާދެ، ހަމަ އޭގެ އިތުރަށް، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަކީވެސް ވަރަށް ބޮޑަށް މި ރަށުގައި ބޭނުންޖެހިފައިވާ ކަމެއް. ޞިއްޙީ މަރުކަޒަށް ބޭނުންވާ ޖާގަ އިތުރުކުރުން. ޞިއްޙީ މަރުކަޒަށް އިތުރު އެމްބިއުލެންސެއް ހޯދުން. އަދި އިތުރު ވަސީލަތްތައް ހޯދުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ މި މަސައްކަތް ތަރުތީބުކޮށްގެން، އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި އެމްބިއުލެންސް ހޯދައިދީ، އަދި މި އަންނަ އަހަރަށް ބަޖެޓު ހަދާއިރުގައި، މި އަންނަ އަހަރުގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަންގެ ހުރިހާ ކަމެއް، އާ ޢިމާރާތެއް، ޞިއްޙީ މަރުކަޒަށް ބޭނުންވާ ވަސީލަތް ހަމަކުރުމުގެ އާ ޕްރޮޖެކްޓެއް މި ރަށުގައި ހިންގައިދޭނަން.

އާދެ، ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެން ކުރިއަށްގެންދަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި، މި ރަށުގައި ފަށާފައި އޮތް ފުޓްބޯޅަ ދަނޑުގެ ޓާރފްގެ މަސައްކަތް ވަރަށް ލަސްކޮށް އެބަދޭ. ފުޓްބޯޅަ ދަނޑު މަޝްރޫޢު ހަވާލުކޮށްފައި ވަނީ، މުޅި ސްކޯޕެއް ނޫން. ދަނޑުގެ މަޝްރޫޢުތައް އަޅުގަނޑުމެން މިހާރު މިގެންދަނީ ހުރިހާ ކަމެއް އޭގައި ހިމެނޭގޮތަށް. މި ދަންނަވާ ވާހަކައަކީ، ލައިޓްޖެހުމާ ހަމައަށް، ފެންސާއި، ލައިޓާ، ހުރިހާ ކަމެއް ހިމެނޭ ގޮތަށް، ފުލް ސްކޯޕް ޕްރޮޖެކްޓެއް ގޮތަށް މިހާރު ދަނޑު ހެދުމުގެ މަޝްރޫޢުތައް ގެންދަނީ. އެހެންވީމާ، މިހާރު ހަވާލުކުރެވިފައި އޮތް މަސައްކަތުގެ އިތުރަށް، އަޅުގަނޑުމެން ވަކި މަޝްރޫޢެއް ގޮތުގައި، ދަނޑަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނޭގޮތަށް، އެ ދަނޑު ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.

ހަމައެއާއެކީގައި، މި ރަށުގައި ކުރިޔަށް ގެންދަން ނިންމާފައި އޮތް، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވީ ކަމެއް، ޔޫތު ސެންޓަރު. މިހާރު އަޅުގަނޑުމެން ކިޔަނީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު. ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ ޢަމަލީ މަސައްކަތް، މި އަހަރު ފެށޭނެ. އަދި އޭގެއިތުރަށް، އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތާއި، އަދި ކުޑަކުދިންގެ ޕާކެއް އަޅައިދިނުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ފެށިގެންދާނެ. އެހެންވީމާ، މި ތިން މަޝްރޫޢު، އަޅުގަނޑުމެން މި އަހަރު ކުރިޔަށް ގެންދާގޮތަށް ހަމަޖެހިފައި މިއޮތީ.

އާދެ އެހެންވީމާ، މިއީ ޖުމްލަކޮށް އަޅުގަނޑުމެން ކުރިޔަށް ގެންދަން ރާވާފައި ހުރި ބައެއް މަޝްރޫޢުތައް. އަދިވެސް މި ރަށުގެ ތަރައްޤީއަށް ބޭނުންވާ، ގިނަގުނަ ކަންތައްތައް އެބަހުރި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރައްޔިތުން އެދޭގޮތަށް، ކަންކަން ބައްޓަންކުރާނަން. ރައްޔިތުން އެދޭގޮތަށް، ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްދޭނަން. މި ރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރުގައި، ތަރައްޤީގެ މަޝްރޫޢުތައް ފުރިހަމަކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަމުން، އަޅުގަނޑު ވަކިވެލާނަން.

އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ވަރަށް އަވަހަށް ތިޔަބޭފުޅުންނާ އަނެއްކާވެސް ބައްދަލުކޮށްލުމުގެ އުންމީދުގައި، އެއީ، މި ފެށޭ މަޝްރޫޢުތައް ނިމިގެން، އެކަން ފާހަގަކުރުމުގައި ތިޔަބޭފުޅުންނާ ބައިވެރިވުމުގެ އުންމީދުގައި، އަޅުގަނޑު ވަކިވެލަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.