بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ހިތާދޫގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހިތާދޫގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މި ސަރުކާރުން މި ރަށުގެ ތަރައްޤީއަށްޓަކައި، އިރާދަކުރެއްވިއްޔާ ވަރަށް އިސްކަންދީގެން، ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދިނުމުގައި ސާބިތުވެ މިއޮތީ. މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން މި ގިނަ މަޝްރޫޢުތައް ފެށުމަށްޓަކައި، އެކިކަހަލަ ކަންކަމަށް ތައްޔާރުވެގެން މިއައީ. އިޤްތިޞާދީ ގޮތުން ޤައުމު އޮތް ޙާލަތު ރަނގަޅުކުރުމާ އެކީގައި، ރާއްޖޭގެ ރަށްރަށުގައި މިގޮތަށް ކުރަންހުރި ކަންކަން، އަދި އަޅުގަނޑު ވަޢުދުވެފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތްތައް މިއައީ ތަރުތީބުކުރަމުން. މިއަދުގެ ޙާލަތާ ހަމައަށް އަޅުގަނޑުމެންނަށް އާދެވިފައި މިވަނީ މިގޮތުން ކުރި މަސައްކަތުން.

އަޅުގަނޑުމެން މިއަދު މި ސޮއިކުރި ދެ މަޝްރޫޢަކީވެސް، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، ތިޔަބޭފުޅުންނަށް ވީ ދެ ވަޢުދު ފުއްދުމުގެ މަސައްކަތް ފެށުމަށް، ސޮއިކުރި ދެ މަޝްރޫޢު. އަދި މި ރަށުގެ ތަރައްޤީއަށް ނުހަނު ބޭނުންޖެހިފައިވާ ދެ މަޝްރޫޢު. ބިމުގެ ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑުމިނަކަށް އިތުރުކުރުމަށްޓަކައި، ބިން ހިއްކުމުގެ މަޝްރޫޢެއްގައި ސޮއިކުރެވިގެން މިދިޔައީ. އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ނިމިގެން ދިޔުމުން، ތިޔަބޭފުޅުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެކަމީ، އަޅުގަނޑު ޔަޤީންކުރާ ކަމެއް.

ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ބަލާއިރުގައި، ސްކޫލްގެ ޖާގަ ވަރަށް ދަތިވެފައި އޮތީ. މިއަދު މި ކުރީ މި މައްސަލަ ޙައްލުކުރުމަށްޓަކައި ކުރި ސޮއެއް. މަލްޓި ޕަރޕަސް ހޯލްގެ އިތުރަށް، ސްކޫލަށް ބޭނުންވާ އެހެނިހެން ކަންކަމާއި، އެހެނިހެން ކްލާސްރޫމްތަކަށް ދިމާވެފައިވާ ދަތިވެސް ޙައްލުކުރެވޭ ގޮތަށް، ޑިޒައިން ބިލްޑް އުޞޫލުން، މި މަޝްރޫޢު މި ހަވާލުކުރީ ފަހިދިރިއުޅުން ކޯޕަރޭޝަނާ. އެހެންވީމާ، އަޅުގަނޑު ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ސްކޫލް މަޝްރޫޢު ނިމިގެންދާއިރުގައި، ހޯލުގެ އިތުރަށް، ރަށުގެ މި ސްކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމަވާގޮތަށް، މި މަޝްރޫޢު އަޅުގަނޑުމެން ނިންމައިދޭނެ ކަމުގެ ޔަޤީންކަން.

އާދެ، އޭގެއިތުރަށްވެސް، ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ކަންކަން އެބަހުރި. އަދި އަޅުގަނޑު ވަޢުދުވެފައިވާ، ވަރަށް ގިނަ ކަންކަން ހުންނާނެ. ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް އަޅުގަނޑު ވީ ވަޢުދު ފުއްދުމަށް، މިހާރު ވާނީ އެގްރީމަންޓްގައި ސޮއިކޮށްފައި، ދާދި މިދާކަށްދުވަހު. އެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަނުން ފަށައިގެން ކުރިއަށް ގެންދާނެ. އެ މަޝްރޫޢުގެ ތެރެއިން، ހެލްތް ސެންޓަރުގެ މި ޖާގައިގެ މައްސަލަ، ވަސީލަތްތައް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވާވަރަށް، ޖާގަ ފުރިހަމަވެގެންދާނެ. ލެބޯރެޓަރީ ޚިދުމަތްތަކާއި، އަދި ޑަޔަލިސިސް ޚިދުމަތްވެސް ދެވޭގޮތަށް، އަދި އެހެނިހެން ކަންކަންވެސް ފުރިހަމަވާގޮތަށް، މި ޞިއްޙީ މަރުކަޒުގެ މަޝްރޫޢު ކުރިއަށްގެންގޮސް ނިންމާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

ހަމައެއާއެކީގައި، ކުޅިވަރުގެ ދާއިރާއަށް ބަލާއިރުގައި، އަޅުގަނޑު އޭރުގައި ތިޔަބޭފުޅުންނާ ބައްދަލުވީއިރުގައި ވަޢުދުވިން، ބައެއް ކަންކަން. އޭގެތެރޭގައި މި ހިމެނެނީ، ބޮޑު ފުޓްބޯޅަ ދަނޑެއް ހަދައިދޭން، އަޅުގަނޑު ވަޢުދުވިން. ވޮލީ ކޯޓެއް އަޅައިދޭން، އަޅުގަނޑު ވާނީ ވަޢުދުވެފައި. އާދެ މީގެއިތުރަށްވެސް، ބައެއް ކަންކަން ކުރަން ނިންމާފައި މިވަނީ. މި އަހަރު ތެރޭގައި ޢަމަލީގޮތުން، ކުޅިވަރުގެ ދާއިރާއިން، އަޅުގަނޑުމެން މި ރަށުގައި ފަށާނެ މަޝްރޫޢުތަކަކީ، ބޮޑު ފުޓްބޯޅަ ދަނޑުގެ މަޝްރޫޢު، އެއް މަޝްރޫޢަކަށް. އެ މަޝްރޫޢުގައި ފުލް ސްކޯޕްގައި، އަޅުގަނޑުމެން މިހާރު ފުޓްބޯޅަ ދަނޑުތައް އަދި އެހެން ދަނޑުތައްވެސް ހަދަނީ، ހުރިހާ ކަމެއް ފުރިހަމަވާގޮތަށް. މި ދެންނެވި ވާހަކައަކީ، މީގެކުރީގައި ރަށްރަށުގައި ދަނޑުތައް ހަދަނީ، އެކި ކުންފުންޏަށް އެކި މަސައްކަތް ދީގެން. ބައެއް މީހުންނަށް ދަނޑުގެ ސަބްބޭސް ހަދަން، އަނެއްބައި މީހުންނަށް ޓަރފް އަޅަން، އަނެއްބައި މީހުންނަށް ވަށާފާރު ރާނަން، އަނެއްބައި މީހުންނަށް ފެންސު ޖަހަން. ދެން އެއްވެސް ބަޔަކަށް ނުދީވެސް ބައެއް ކަންކަން ހުރޭ. އެގޮތަކަށް ނޫން އަޅުގަނޑުމެން ކުރާނީ. ހުރިހާ ކަމެއް ހިމެނޭހެން. ލައިޓްޖެހުމާ އެކީގައި ނިންމާގޮތަށް، އަޅުގަނޑުމެން ދަނޑުތައް ހަދަން ހަވާލުކުރަނީ. އެހެންވީމާ، ފުޓްބޯޅަ ދަނޑެއް، ފުރިހަމަ ފުޓްބޯޅަ ދަނޑެއް، ހުރިހާ ކަމެއް ފުރިހަމަވާގޮތަށް ހެދުމަށް، މި އަހަރު ޢަމަލީގޮތުން މި ރަށުގައި ފަށާނަން.

ދެވަނަ ކަމެއް ގޮތުގައި، ވޮލީ ކޯޓުގެ މަސައްކަތް. ވޮލީ ކޯޓެއްވެސް އެޅުމަށްޓަކައި، ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ފެށިގެންދާނެ. އެ ޔަޤީންކަންވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

ތިންވަނަ ކަމަކަށް، ޒުވާނުންގެ މަރުކަޒު، ނޫނީވިއްޔާ، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު، އަޅުގަނޑުމެން މިހާރު ކިޔަނީ. ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ ޢަމަލީ މަސައްކަތް މި އަހަރު ތެރޭގައި، މި ރަށުގައި ފެށިގެންދާނެ.

ހަތަރުވަނަ ކަމަކަށް، އައުޓް ޑޯ ޖިމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްވެސް މި އަހަރު މި ރަށުގައި ޢަމަލީގޮތުން ފަށާނަން. އެހެންވީމާ، މި ހަތަރު މަސައްކަތް، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގެންދަން އަޅުގަނޑުމެން މިވަނީ ކަނޑައަޅައި ނިންމާފައި. އެހެންވީމާ، އެ މަސައްކަތްތައް އެގޮތަށް ކުރިއަށް ގެންގޮސްދޭނަން.

އާދެ، އަޅުގަނޑު އޭގެ އިތުރަށް ފާހަގަކޮށްލަން، މަގު ހެދުމުގެ ވާހަކަ. އަޅުގަނޑުމެން މަގުހެދުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަން ބޭނުންވަނީ، ރަށުގެ ރައްޔިތުންނަށް އެކަމުން އެންމެ ފައިދާވާގޮތަށް. ރައްޔިތުން ބޭނުންވާގޮތަށް. ކޮންމެ މަޝްރޫޢެއްވެސް ޙަޤީޤަތުގައި އެހެން ގެންދަން ބޭނުންވަނީ. ބައެއް ރަށްރަށުގައި ރައްޔިތުން ބޭނުމެއްނުވޭ، ބައެއް އެހެން ރަށްރަށުގައި އަޅާހެން ތާރުއަޅައިގެން މަގު ހަދާކަށް. އަދި ބައެއް ރަށްރަށުގައި ބޭނުންވަނީ، ގާ އަތުރަން. ބައެއް ރަށްރަށުގައި ބޭނުންވަނީ، މިއިން އެއްވެސް ކަމެއްނުކޮށް، ރީތިކޮށް، ފަސްގަނޑު އެއްވަރުކޮށް، ފެންގަނޑު ނެހެދޭގޮތަށް، ޑްރެއިންވާގޮތަށް. ޚާއްޞަކޮށް، ލޯކަލް ޓޫރިޒަމް އޮންނަ ރަށްރަށުގައި، އެގޮތަށް ބޭނުންވަނީ.

އެހެންވީމާ، މި ރަށުގެ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށް، މިއިން ނިންމަވާ ކޮންމެވެސް އެއްގޮތަކަށް، ކައުންސިލާއި މިނިސްޓްރީއާ މަޝްވަރާކުރެވިގެން ނިންމަވާގޮތަކަށް، މަގުހެދުމުގެ މަޝްރޫޢެއް މި ރަށުގައި ކުރިއަށް ގެންގޮސްދޭނެ ކަމަށް އަޅުގަނޑު ދަންނަވަން.

އާދެ، އަޅުގަނޑު ތިޔަބޭފުޅުންނަށް ވީ މައިގަނޑު ވަޢުދުތައް، އޭރުން އެ ފުދިގެންދަނީ. އަޅުގަނޑު ތިޔަބޭފުޅުންނަށް ވީ ހުރިހާ ވަޢުދެއް، ރިޔާސީ އިންތިޚާބުގައި ވީ ހުރިހާ ވަޢުދެއް އޭރުން ފުދޭ. އިތުރު ކަންކަންވެސް އެބަހުރި، މި ރަށުގެ ތަރައްޤީއަށް ޒުވާނުން، އަދި ރައްޔިތުން އުންމީދުކުރާ، ބޭނުންވާ ކަންކަން.

ތާރީޚީގޮތުން ބަލާއިރުގައި، މީގެ ކުރީ ޒަމާނެއްގައި މި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ޙިއްޞާއެއް އޮތް ރަށެއް މާމަޑުއްވަރިއަކީ. މިހާރު ޓޫރިޒަމް އެގްރިމަންޓެއްގެ ތެރެއިން، ބަޔަކާ ހަވާލުކޮށްފައި އޮންނަތާ ދުވަސްތަކެއްވެފައިވާ، އެހެންނަމަވެސް، އެއީ އެ އެގްރިމަންޓާ އެއްގޮތަށް މަސައްކަތްތައް ނުހިނގާ ރަށެއް ކަމަށް ޓޫރިޒަމް މިނިސްޓަރ އަޅުގަނޑަށް މަޢުލޫމާތު ދެއްވަނީ. ރަށުގެ ރައްޔިތުން ކުރީގައި، ވަރަށް ބޭނުންތެރި ގޮތެއްގައި ބޭނުންކުރަމުން އައި ރަށެއް. ފަން ހޯދުމާއި، އަދި ދަތުރުދިޔުމާއި، އިޤްތިޞާދީ މަސައްކަތްކުރުމާއި، މި ހުރިހާ ކަމަކަށް ފައިދާބޮޑު ރަށެއް.

ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަކީ، މި ސަރުކާރުގެ ސިޔާސަތު. އަޅުގަނޑު ރައްޔިތުންނާ ބައްދަލުކުރަނީ، ރައްޔިތުންގެ ކަންކަން ގާތުން އަޑުއަހަން. ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރު ހިންގަން. މި ސަރުކާރަކީ ރައްޔިތުންގެ ފަޅީގައި އަބަދުވެސް އޮންނާނެ ސަރުކާރެއްކަން އަޅުގަނޑު އަބަދުވެސް ދަންނަވަން. ރައްޔިތުންނަށް ބޭނުންވާ ކަންކަމަށްވުރެ މުހިންމު ކަމެއް ނޯންނާނެ އަޅުގަނޑަކަށް އަދި މި ސަރުކާރަކަށް.

އެހެންވީމާ، މި ދެންނެވި އެގްރިމަންޓް، ޤާނޫނާއި ޤަވާޢިދުގެ ތެރެއިން، އޮންނަ އުޞޫލުގެ ތެރެއިން، ނިމުމަކަށް ގެނެސް، އެރަށް، މާމަޑުއްވަރި، މި ރަށަށް، ހިތާދުއާ ހަވާލުކުރުމަށް އަޅުގަނޑު ނިންމާ ވާހަކަ ދަންނަވަން. އެހެންވީމާ، ޓޫރިޒަމް މިނިސްޓަރ އެޓަރނީ ޖެނެރަލާ ގުޅިވަޑައިގެން، އެ މަސައްކަތް ކުރިއަށް ގެންދަވާނެ. ނިމުނުހާ އަވަހަކަށް، ތިޔަބޭފުޅުންނާ އެ ރަށް
ހަވާލުކުރާނަން.

އާދެ، އަޅުގަނޑު އުންމީދުކުރަނީ، ތިޔަބޭފުޅުން މި ރަށުގެ ތަރައްޤީއަށް، ހިތާދޫގެ ތަރައްޤީއަށް، އިންޑިވިޖުއަލް ރައްޔިތުންގެ އިޤްތިޞާދީ ކުރިއެރުމަށް، މުއްސަނދިކަން ހާސިލުވާގޮތަށް، އެ ރަށުގެ ބޭނުން ކުރައްވާނެ ކަމަށް. މާމަޑުއްވަރީގެ ބޭނުން. އަޅުގަނޑު ބޭނުންވަނީ އާންމު ފަރުދުންގެ މުއްސަނދިކަން އިތުރުވާން. މުޅި ރަށަށް ކުރިއެރުން ލިބެން. އެހެންވީމާ، މިދެންނެވި އެގްރިމަންޓް ނިމުމަކަށް ގެނެސް، ތިޔަބޭފުޅުންނާ މާމަޑުއްވަރި ހަވާލުވާ ހިސާބުން، އަޅުގަނޑު އެދެނީ، މުޅި ރަށުގެ ހުރިހާ ރައްޔިތުންނަށް ފައިދާވާގޮތަށް، އެރަށް ތިޔަބޭފުޅުން އިންޑިވިޖުއަލް ރައްޔިތުންނަށް، އާންމު ފަރުދުންނަށް ފައިދާވާ ގޮތަށް، އެރަށުގެ ބޭނުންހިފަން. އެގޮތަށް ގެންދަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، ޖުމްލަކޮށް އަޅުގަނޑު މިކަންކަން މި ދަންނަވާލީ. އެހެންނަމަވެސް، ގިނަ ކަންކަން އެބަހުރި. ދެންމެގައި މުއައްސަސާތަކާ އެކީގައި ބޭއްވި ބައްދަލުވުމުގައިވެސް ހުރިހާ މުއައްސަސާއަކުން، އެ މުއައްސަސާއަކަށް ބޭނުންވެފައި ހުރި ކަންކަންވެސް ޙިއްޞާކުރެއްވި. ކައުންސިލް، ސްކޫލް، ޞިއްޙީ މަރުކަޒު، ފެނަކަ، ހުރިހާ ތަނަކުން. މި ހުރިހާ ތަންތަނަކުން މި ބޭނުންވާ ކަންކަމަކީ، ރައްޔިތުން ބޭނުންވާ ކަންކަން.

އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުން ކުރިއަށްގެންދާނީ، މި ދެންނެވި ބީދައިން. ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރުގެ ފުރިހަމަ އެއްބާރުލުމާއި، ކައުންސިލާއި، މުއައްސަސާތަކާއި، ރައްޔިތުންގެ އެއްބާރުލުމާ އެކީގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދާނަން. މި ފެށިގެންދާ މަޝްރޫޢުތަކާއި، އަދި ދެންމެ އަޅުގަނޑު މި އިޢުލާނުކުރިގޮތަށް ފެށިގެންދާނެ މަޝްރޫޢުތައް އަޅުގަނޑުމެން ވަރަށް ސަމާލުކަންދީގެން އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނަން. މި ރަށުގެ ތަރައްޤީ، އަޅުގަނޑު ވީ ވަޢުދުތަކާއި، އަދި އިތުރު ކަންކަމާ އެކީގައި ފުރިހަމަކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަން.

އަދިވެސް އެއްފަހަރު، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ދެންނެވި ކަންކަމުގެ ތެރެއިން ގިނަ ކަންކަން ހާސިލުވެ، އެ ކަންކަން ނިމި، އެ ކަމުގެ އުފަލުގައި ބައިވެރިވުމުގެ އުންމީދާ އެކީގައި، އަޅުގަނޑު ދެން ބައްދަލުކުރުމަށް އުންމީދުކުރާ ވާހަކަ ދަންނަވަމުން ވަކިވެލާނަން. އަދިވެސް އެއްފަހަރު، ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީ އަޅުގަނޑުމެން އެދޭގޮތަށް ހާސިލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.