بســم اللّـه الرّحمـن الرّحيــم

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިރެޔަކީ، ސަރުކާރު މުވައްޒަފުންގެ ނާދީއަށް ތިން އަހަރު ފުރުން ފާހަގަކުރާ ރޭ. އެހެންކަމުން، މިރޭ އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބެއްކަމަށް ދެކެނީ، ސަރުކާރު މުވައްޒަފުންގެ ނާދީގެ ހުރިހާ މެމްބަރުންނަށް މި އުފާވެރި މުނާސަބަތުގައި، އިޚްލާޞްތެރިކަމާއެކީގައި ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން.

އާދެ، މި ނާދީ އުފެދިގެން ހިނގަމުންދާތާ މިވީ ހަމައެކަނި ތިންއަހަރު ކަމުގައިވިޔަސް، އަޅުގަނޑުހިތުން މިރޭ މި ފެނިގެންދިޔަ މަންޒަރުތަކާއި އަދި އަޅުގަނޑުމެންނަށް މި އިވިގެންދިޔަ ވާހަކަތަކުން އަޅުގަނޑުމެންނަށް އެބަ އެނގޭ، މި ނާދީގެ ޙަރަކާތްތައްވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް ކުރިޔަށްކަން. ޝައްކެއްނެތް، މި ނާދީގެ އެންމެބޮޑު ބޭނުމަކީ، ވަރަށްބުރަކޮށް، ސަރުކާރުގެ ވަޒީފާގައި ވަރަށްގިނަ ވަގުތު ހޭދަކުރައްވާ، ސަރުކާރުގެ މުވައްޒަފުންނަށް، އެ ބޭފުޅުން ހިތްޕުޅުހަމަޖައްސަވައިލައްވާނެ، ވަގުތުކޮޅެއް ހޭދަކޮށްލައްވާނެ ތަނެއް ހަމަޖައްސައިދިނުން. އެގޮތަށް މިތަނަށް ވަޑައިގެން ތިއްބަވާއިރު، ހަމަހިމޭން ޖައްވެއްގައި ރަޙްމަތްތެރިކަމާއި އެކުވެރިކަމާއެކީގައި އެހެން ބޭފުޅުންނާ ބަސްފުޅު ވިދާޅުވެ، ވާހަކަފުޅު ދައްކަވާލައްވައި އަދި ބޭނުންފުޅުވެއްޖެ ހިނދެއްގައި އިތުރަށް ހިތްޕުޅުހަމަޖައްސަވައިލެއްވުމުގެ ގޮތުން ބައެއް ކުޅިވަރުވެސް ކުޅެވޭގޮތަށް މިތަންވަނީ ހަމަޖެހިފައި. މި މުހިންމު މަޤްޞަދު ޙާޞިލްކުރުމަށްޓަކައި، މިތަނަށް ވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު، އެއް އަހަރުން އަނެއް އަހަރަށް ގިނަވަމުންދާކަން، އަޅުގަނޑު ދެކެނީ އެއީ، މިތަނަށް ލިބޭ ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަމުގައި.

އާދެ، އަޅުގަނޑަށް އެނގިފައިވާގޮތުގައި، މިދިޔަ އަހަރު މެމްބަރުންގެ ގޮތުގައި ތިއްބެވީ ހަތްސަތޭކަ އެތައް ބޭފުޅުންނެއް. މިއަހަރު އަށްސަތޭކަ އެތައް މެމްބަރުންނަކަށް އެ ޢަދަދު ބަދަލުވެގެން ހިނގައްޖެ. އާދެ، ސަރުކާރުގެ މުވައްޒަފުންގެ ޢަދަދަށް ބަލާއިރު ނުވަތަ މާލޭގައި ވަޒީފާ އަދާކުރައްވާ، ސަރުކާރުގެ މުވައްޒަފުންގެ ޢަދަދަށް ބަލާއިރު، މި ދެންނެވި ޢަދަދަކީ މާބޮޑު ޢަދަދެއް ނޫން. އެހެންނަމަވެސް، އެއް ދުވަހުން އަނެއް ދުވަހަށް، އެއް މަހުން އަނެއް މަހަށް، އެއް އަހަރުން އަނެއް އަހަރަށް މިތާނގެ ބޭނުންކުރައްވާ މުވައްޒަފުންގެ ޢަދަދު، ނުވަތަ މެމްބަރުންގެ ޢަދަދު ގިނަވަމުންދާކަމުން، އަޅުގަނޑަށް ދޭހަވަނީ މިތަނަކީ މުވައްޒަފުންގެ އަރިހުގައި މަޤްބޫލު ތަނަކަށް ވަމުންދާކަން. އާދެ، އެކަން އެހެންވުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުން ހިމެނިފައިވޭ. އެހެންކަމުން، އެ ބޭފުޅެއްގެ ބެއްލެވުމުގެ ދަށުން މިތަން ހިނގަމުންދާ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އަލްފާޟިލް ޢުމަރު ޒާހިރަށާއި އަދި މިތާނގެ ހުރިހާ ކަމެއް ދުވަހުން ދުވަހަށް ޢަމަލީގޮތުން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވާ، ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އިބްރާހީމް މަނިކަށާއި އަދި އެ ބޭފުޅުންގެ އިރުޝާދުގެ ދަށުން މިތާނގެ ކަންތައްތައް ހިންގަވަމުން ގެންދަވާ އެހެން މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން.

ނާދީގެ މެމްބަރަކު ކަމުގައިވާ، އަލްފާޟިލް ޢަބްދުލްޢަޒީޒް ޢަބްދުލްޙަކީމް ދެންމެ އެ ދެއްކެވި ވާހަކަފުޅުން އަޅުގަނޑަށް ވަރަށް އުފާވެރި އަސަރުތަކެއް ކޮށްފި. އޭނާ އެ ވިދާޅުވީ، އޭނާއަށް މި ނާދީގެ ކަންތައްތައް ތަޖުރިބާ ކުރެއްވިފައިވާ ގޮތް. އާދެ، އޭނާ އެ ވިދާޅުވިގޮތަށް، ކަންތައްތައް ހިނގަމުންދާ ކަމުގައިވަންޏާ، އަޅުގަނޑަށް ދަންނަވަންޖެހެނީ، މި ނާދީއަކީ ވަރަށް މަޤްބޫލު ތަނަކަށް މިހާރު އެދަނީ ވަމުންނޭ. މިތާނގެ ބޭނުންހިއްޕަވާ ބޭފުޅުންނަށް މިތަނުން ހިތްހަމަޖެހުން ލިބިވަޑައިގަންނަވައޭ. އެ ބޭފުޅުން ސަރުކާރުގެ ވަޒީފާގައި އަވަދިނެތިކޮށް އުޅުއްވަމުންވެސް، ބައެއް ރޭރޭ ނަމަވެސް މިތަނަށް ވަޑައިގެންދެއްވައި، މިތާނގައި އެ ހޭދަކޮށްލައްވާ ވަގުތުކޮޅުގެ ސަބަބުން އެ ބޭފުޅުންނަށް އުފާވެރި އަސަރުތަކެއް ކުރަމުންދެއޭ.

އާދެ، އެއީ މިފަދަ ނާދީއެއް އުފެއްދުމުގެ ބޭނުމަކީވެސް. އަޅުގަނޑު އެދެނީ މުސްތަޤްބަލުގައިވެސް މިތާނގެ ބޭނުންކުރައްވާ ބޭފުޅުން އިތުރުވަމުންދިޔުން. އެހެން މިދެންނެވީ، މިހާރު ނާދީގެ މެމްބަރުންގެ ޢަދަދު 800 އަށްވުރެ މައްޗަށް ގޮސްފައިވިޔަސް، މިތަނަށް ވަޑައިގަންނަވާ، އާދަވެގެން މިތާނގެ ބޭނުންތައްހިއްޕަވާ ބޭފުޅުން އެއަށްވުރެ މާ މަދުކަމަށް އަޅުގަނޑަށް ދަންނަވަންޖެހެނީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ ދެން ތިއްބެވި ބޭފުޅުންވެސް، އެ ބޭފުޅުންނަށް ވެވަޑައިގެންނެވިވަރަކުން ދޭތެރެދޭތެރެއިންނަމަވެސް، ނާދީއަށް ޖައްސާލައްވައި، މިތާނގައި ވަގުތުކޮޅެއް ހޭދަކޮށްލެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއްހެން. އެ ބޭފުޅުންނަށްވެސް އޭގެ ފައިދާކުރާނެ. އަދި އޭގެއިތުރުން، މިތަން ހިންގަވަން ތިއްބަވާ ބޭފުޅުންނަށްވެސް އެކަން ވާނީ ވަރަށްބޮޑު ހިތްވަރަކަށް. ހަމަ އެއާއެކީގައި، މިފަދަ ތަނެއް ހުރުމުގެ މަޤްޞަދުވެސް މިހާރަށްވުރެ ބޮޑަށް ޙާޞިލްވަމުންދާނެ ކަމަށް އަޅުގަނޑު ދެކެން. އާދެ، އެއީ ސަރުކާރު މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުން. އެއްބަނޑުއެއްބަފާކަން ބަދަހިކުރުން. އަދި އޭގެއިތުރުންވެސް، ބައެއްކަހަލަ ކަންތައްތަކާ ބެހޭގޮތުން އެ ބޭފުޅުން މަޝްވަރާކޮށްލެއްވުން. އެކަމަށްވެސް މިތަނަކީ އަޅުގަނޑުހިތުން ވަރަށް އެކަށީގެންވާ ތަނެއް. އާދެ، އެއް ދުވަހުން އަނެއް ދުވަހަށް މެމްބަރުން އިތުރުވަމުންދިޔުމުގެ ސަބަބުން ތަނުގައި ހުންނަ ކަންތައްތައް ރަނގަޅުވިޔަސް، ޖާގައިގެ ކުޑަކަން މެމްބަރުންނަށް މިހާރު އިޙްސާސްވަމުންދާހެން އަޅުގަނޑަށް ހީވަނީ.

އާދެ، ކުރިން ބެޑްމިންޓަން ކުޅޭ އިންޑޯ ހޯލެއް ނުހުރޭ. މިހާރު އެކަހަލަ ތަނެއް އެބަހުރި. އެހެންނަމަވެސް، މިހާރުވެސް އެއްތަން ހުރީމާ، އެކަންވަނީ އިތުރު ދައްޗަކަށް. އެކަންވާނީވެސް އެހެން. އަދި ޖިމްނޭޒިއަމަށް ހުންނަ ތަންކޮޅުވެސް ވަރަށްކުޑަކަމަށް އަޅުގަނޑަށް އެނގިފައިވަނީ. ވަރަށްގިނަ ބޭފުޅުން ގެންދަވަނީ އެތަންކޮޅު ބޭނުންފުޅުކުރައްވަމުން. އަދި އެނޫން ކަންތައްތަކަށްވެސް، މިތާނގައި ހަމަޖެހިފައިވާ ޖާގަ ކުޑަކަން މިހާރު ހުރިހާ ބޭފުޅުންނަށްވެސް އިޙްސާސްކުރެއްވޭ. އެހެންކަމުން، އަޅުގަނޑަށް ހީވަނީ މިތަން ހިންގަވަން ތިއްބެވި ބޭފުޅުންވެސް އެކަމާ ދޭތެރޭގައި މިހާރު ވަރަށް ބޮޑަށް ޚިޔާލުކުރައްވަމުން، ވިސްނަވަމުން ގެންދަވާހެން. މުސްތަޤްބަލުގައި އަޅުގަނޑުވެސް އެދެނީ މިހާރަށްވުރެ ފުރިހަމަ ތަނެއްގެ ގޮތުގައި މިތަން ހަމަޖެހިގެން ދިޔުން.

މި ދެންނެވި ޖާގައިގެ ދަތިކަން ކޮންމެވެސްވަރަކަށް މި ގޯތިތެރޭގައި ނުވަތަ ޢިމާރާތުގެތެރޭގައި ތަންއޮތްވަރަކުން ތަނަވަސްވަމުންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި ފަހަރެއްގައި މިތާނގައި އިތުރު ތަނެއް ހަދަންޖެހުނަސް، މިކަހަލަ ތަނެއް ހެއްދެވުމުގެ މަސައްކަތްވެސް އެ ބޭފުޅުން މުސްތަޤްބަލުގައި ކުރިޔަށް ގެންދަވާނެ ކަމަށް އަޅުގަނޑު ދެކެން.

ކޮންމެއަކަސް ތަނެއްގެ ބޭނުން ހިފޭގޮތަކުން އެ ތަނަކަށް ތަރައްޤީ ލިބެމުންދާނީ. އާދެ، މިތަން ހިންގުމުގައި ވަރަށްގިނަ ފަރާތްތަކެއްގެ އެހީ އެބަ ލިބޭ. ހަމައެކަނި ސަރުކާރުން ކުރާ ހޭދައެއްނޫން މިތަނުން ފެންނަމުން މިދަނީކީ. ބައެއް އަމިއްލަ މެމްބަރުން، އެ ބޭފުޅުން އަމިއްލަފުޅުގޮތުން، މިތަނުން އެއްވެސްކަހަލަ އިޝާރާތެއް ނުކުރަނީސް، ބައެއް ތަކެތި މިތަނަށް ހަދިޔާކޮށްދެއްވާ. ޖިމްނޭޒިއަމްގައި ހުރި ބައެއް ތަކެތިވެސް ވަނީ ބައެއް އަމިއްލަ ފަރާތްތަކުން ހަދިޔާކޮށްދެއްވާފައި. އަދި ސެޓެލައިޓް މެދުވެރިކޮށް، ޓީ.ވީ. ޕްރޮގްރާމްތައް ބެލޭނެ އިންތިޒާމުވެސް ހަމަޖެހިފައިވަނީ، ދެންމެ އަޅުގަނޑުމެންނަށް އިވިގެން އެދިޔަފަދައިން، އަމިއްލަ ބޭފުޅެއްގެ އެހީފުޅުގައި. އެހެންކަމުން، މިތަނަކީ ހުރިހާގޮތަކުންވެސް މަޤްބޫލު އަދި އެހެން އަމިއްލަ ބޭފުޅުންގެ އެހީތައް ލިބެމުންދާ ތަނަކަށްވާކަން އެއީ، އަޅުގަނޑުހިތުން އަޅުގަނޑުމެން ފާހަގަކޮށް، އެބޭފުޅުންނަށް ޝުކުރު ދަންނަވަންޖެހޭނެ ކަމެއް.

ހަމަ އެއާއެކީގައި، މިރޭގެ މި އިނާމު ދިނުމުގެ އައިޓަމް ކުރިޔަށްދިޔައިރު، އަޅުގަނޑުމެންނަށް އިވިގެންދިޔަ، ވަރަށްގިނަ އަމިއްލަ ފަރާތްތަކުން ހުށަހަޅުއްވާފައިވާ އިނާމުތަކުގެ އަޑު. އާދެ، އެއީވެސް ޝައްކެއްނެތްގޮތުގައި، ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑުމެން ފާހަގަކޮށްލުން އެކަށީގެންވާ ކަމެއް. އޭގެތެރޭގައި، ސަރުކާރުގެ ޢިއްޒަތްތެރި ބޭފުޅުން ހިމެނިވަޑައިގަންނަވާ. އާދެ، އަލްފާޟިލް އަޙްމަދު ޒަކީގެ ނަންފުޅު، އައްޝައިޚް އަޙްމަދު ޝާޠިރުގެ ނަންފުޅު، އެއްފަހަރަށްވުރެ ގިނަފަހަރު އިވިގެން ހިނގައްޖެ. އަދި، އަޅުގަނޑުމެންގެ އަމިއްލަ ދާއިރާތަކުގައި މަސައްކަތް ކުރައްވާ، ކުރިއަށް ތިއްބެވި ބައެއް ބޭފުޅުން، އަލްފާޟިލް ޤާސިމް އިބްރާހީމް، އަލްފާޟިލް މޫސާ އަޙްމަދު އަދި އަޙްމަދު ނާޞިރު. މި ބޭބޭފުޅުންގެ ނަންފުޅުތައްވެސް އިވިގެން ހިނގައްޖެ. އަދި އަވަށްތަކުގެ ކަންތައްތަކުގައި އުޅުއްވާ ބައެއް މުހިންމު ބޭފުޅުންގެ ނަންފުޅުތައްވެސް. އާދެ، އަލްފާޟިލް ބޮޑުބެ އިބްރާހީމް ކަލޭގެފާނުގެ ނަންފުޅުވެސް އެއްފަހަރަށްވުރެ ގިނަފަހަރު އިވިގެންދިޔަ. އެހެންކަމުން، އަޅުގަނޑު ދެކެނީ އެއީ، އެ ބޭފުޅުން މިތަނަށް ދެއްވާ އަހަންމިއްޔަތުގެ ބޮޑުކަން ހާމަކޮށްދޭ ދަލީލެއްގެ ގޮތުގައި. އެހެންކަމުން، އެ ހުރިހާ ފަރާތްތަކަކަށް ނާދީގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، މި ދެންނެވި ބޭފުޅުންގެ ތެރޭގައި އަދި އަލްފާޟިލް ޢަބްދުﷲ ސަޢީދުގެ ނަންފުޅުވެސްދިޔަ. އެހެންކަމުން، އޭނާއަށް ޝުކުރު ދަންނަވަން. އަދި ފަހަރެއްގައި އަޅުގަނޑުގެ ހަނދާނުން ކައްސާލައިގެން ގޮސްގެން، އެހެން ބޭފުޅެއްގެ ނަންފުޅު ނުދެންނެވުނު ކަމުގައިވިޔަސް، އެ ބޭފުޅަކުވެސް އަޅުގަނޑުގެ ޝުކުރުގައި ހިމަނާކަން ހުރިހާ ބޭފުޅުންވެސް ޤަބޫލުފުޅު ކުރެއްވުން އެދެން.

އާދެ، މިރޭ ވަރަށްގިނަ ފަރާތްތަކަކަށް، އެކި ކުޅިވަރުތަކުގެ އިނާމުތައް ލިބިގެން ހިނގައްޖެ. އެހެންކަމުން، އެ އިނާމު ހޯއްދެވި، އެ އިނާމުގެ ޙައްޤުވެރި ފަރާތްތަކަށް އާދެ، އެއީ ބެޓްމިންޓަން، ޓޭބަލްޓެނިސް، ރާޒުވާ، ކެރަމް، ޑާޓު، އަދި އެނޫންވެސް ބައެއް ކުޅިވަރުތަކުގެ އިނާމުތައް އަޅުގަނޑުމެންނަށް މިރޭ ބެހިގެންދިޔަތަން ފެނުނު. އެ ހުރިހާ ކުޅިވަރަކުން އެކިއެކި ވަނަ ހޯއްދަވައިގެން އިނާމު ޙާޞިލްކުރެއްވި ހުރިހާ މެމްބަރުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު މުބާރަކްބާދީ ދަންނަވަން.

އާދެ، މިފަދަ އުފާވެރި ޖަލްސާއަކީ، މާގިނަ ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ޖަލްސާތަކެއް ނޫންކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އިބްރާހީމް މަނިކު ވިދާޅުވި އެއްޗަކާ ބެހޭގޮތުން ކުޑަކުޑަ އެއްޗެއް ދަންނަވާލަން ބޭނުންވޭ.

އާދެ، އޭނާ އިޝާރާތްކުރެއްވި، ޤައުމީދުވަހުގެ މުނާސަބަތުގައި އަޅުގަނޑު ދެއްކި ވާހަކައަށް. އޭގެތެރޭގައި މުވައްޒަފުންގެ ގަޑިއާ ބެހޭގޮތުން ބުނި އެއްޗަކާ މެދުގައި އެއްޗެއް ވިދާޅުވި. އާދެ، އަޅުގަނޑު އެރޭ ދަންނަވާލި ހަނދާންވޭ، ސަރުކާރުގެ ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީކުރާއިރު، މުވައްޒަފުންގެ ގަޑިއަކީ ކަނޑައެޅިފައި އޮންނަ އަދި އެ ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ކުރެވޭ އަދި އެގަޑީގެ އިތުރުން، މުވައްޒަފުންނަށް އެ ބޭފުޅުންގެ އަމިއްލަފުޅު މަސައްކަތްތައް ކުރެއްވުމަށާއި އަދި އަރާމުކުރެއްވުމަށް ވަގުތުތަކެއް ހަމަޖެހިފައި އޮންނަގޮތަކަށް، ހަމަޖެހިފައި އޮންނަންވާނެ ގަޑިއެކޭ. އެކަން ޙަޤީޤަތަކަށް ގެނައުމުގައި އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އަޅުގަނޑު ވަރަށް މަސައްކަތްކުރާނަން. މިހާރުވެސް ސަރުކާރުގެ އޮފީސްތަކުގެ ގަޑި ކަނޑައެޅިފައި އޮވޭ. ރަސްމީގަޑި އޮވޭ، ހެނދުނު ހަތްގަޑިބައިން އެއްގަޑިބަޔަށް. އަދި ބައެއް ތަންތާނގައި މެންދުރުފަހުން މަސައްކަތްކުރައްވާ. އަދި ދަންފަޅި ބަހައިގެން މަސައްކަތްކުރާ ތަންތާނގައި، އެނޫން ގޮތްގޮތަށްވެސް ޑިއުޓީގަޑި ނުވަތަ މުވައްޒަފުން އެތަންތާނގައި ހޭދަކުރައްވަންޖެހޭ ގަޑި މިހާރުވެސް އޮންނަނީ ކަނޑައެޅިފައި. އެހެންނަމަވެސް، ވާގޮތަކީ ބައެއް ތަންތާނގައި މަސައްކަތް ހުންނަގޮތުން، އެ ގަޑިތައް ފަހަނަޅައިގޮސް މާ ގިނައިރުވަންދެން މުވައްޒަފުން އެ ތަންތާނގައި އުޅުއްވަންޖެހޭގޮތް ދިމާވަނީ.

އެހެންވީމާ، އެކަން އެހެން އޮތުމަކީ އަޅުގަނޑުހިތުން މާ ހަމަޖެހޭ ގޮތެއް ނޫން. އެއީ، ކުރިންވެސް ދެންނެވިފަދައިން، މުވައްޒަފުންނަށް އެ ބޭފުޅުންގެ އަމިއްލަފުޅު ކަންތައްތައް ކުރައްވަންވެސް ވަގުތު އޮންނަންވާނެ. އަދި އެ ބޭފުޅުން ހިތްޕުޅުހަމަޖައްސަވާލައްވަންވެސް ނުވަތަ އަރާމުކުރައްވަންވެސް ވަގުތު އޮންނަންވާނެ. އެކަހަލަގޮތަކަށް ހަމަޖެހިފައި އޮންނަ ގަޑިއެއް، ތަންކޮޅެއް ޤަވާޢިދު ހިފެހެއްޓޭކަހަލަ ގޮތަކަށް ހަމަޖެހިފައި އޮތުމަކީ، އަޅުގަނޑު ހިތުން ވަރަށް ބޭނުންތެރި ކަމެއް. މިހާރު އަޅުގަނޑުމެންނަށް ހަފްތާއަކު މި ލިބެނީ ޗުއްޓީ އެއްދުވަސް. ބައެއް ފަރާތްތަކުން ޚިޔާލުކުރޭ، ދުނިޔޭގެ ބައެއް އެހެން ތަންތާނގައި އޮންނަހެން، ހަފްތާއަކު ދެދުވަސް ޗުއްޓީގެގޮތުގައި އޮތުން އެއީވެސް ރަނގަޅުގޮތަކަށް ވެދާނެ ކަމަށް. އަޅުގަނޑަށް އެއާދޭތެރޭގައި ކަނޑައެޅިގެން އަދި ވަކިއެއްޗެއް ދަންނަވާކަށެއް ނޭނގެ. އެހެންނަމަވެސް، އެކަހަލަ ކަންތައްތައް އެއީ، އަބަދުވެސް ސަރުކާރުން އެކަމާ ދޭތެރޭގައި ވިސްނައި، މުވައްޒަފުންނަށާއި ސަރުކާރަށް އެންމެ ރަނގަޅުގޮތަކަށް ހަމަޖައްސަންޖެހޭނެ ކަންތައްތަކެއް. އެހެންވީމާ، މި ކަންތައްތައް މިއީ އެ ކަންތައްތަކާ ދޭތެރޭގައި ކުރިޔަށް އޮތްތާނގައި، އިރާދަކުރެއްވިއްޔާ ސަރުކާރުން ޚިޔާލުކޮށްގެން، މުވައްޒަފުންނަށް ފައިދާހުރި ރަނގަޅުގޮތެއްގައި ހަމަޖައްސައިދެވޭތޯ ބަލާނެ ކަންތައްތަކެއް ކަމުގައި ދަންނަވާލުމުގެ އުފާ އަޅުގަނޑު ލިބިގަންނަން.

އާދެ، މި ރެޔަކީ ވަރަށްވެސް އުފާވެރި ރެއެއް. މުވައްޒަފުންގެ ނާދީއަށް ތިން އަހަރު ފުރޭ ރޭ. އެހެންކަމުން، އަދިވެސް އެއްފަހަރު، މި ނާދީގެ ހުރިހާ މެމްބަރުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވަން. ހަމަ އެއާއެކީގައި، ނާދީގެ މެމްބަރުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާނެކަމުގެ އުންމީދުވެސް ފާޅުކުރަން. އަދި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން، މިހާރު މި ނާދީގެ ބޭނުންކުރައްވާ ޢަދަދަށްވުރެ ގިނަ ޢަދަދެއްގެ މެމްބަރުން ނާދީ ބޭނުންކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު ހާމަކޮށްލަން.

އަޅުގަނޑު އެދެނީ، ސަރުކާރު މުވައްޒަފުންނަށް އިތުރު ތަރައްޤީއާއި ކުރިއެރުން ލިބުން. ސަރުކާރު މުވައްޒަފުންގެ ނާދީއަށްވެސް އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ކުރިއެރުމާއި ހަމަޖެހުން ލިބެމުންދިޔުން. އަދި މިތަނަށް މުވައްޒަފުން ވަޑައިގެން، އެ ހޭދަކުރައްވާ ވަގުތުކޮޅަކީ، އެ ބޭފުޅުންނަށް އުފާވެރިކަމާއި އަދި ހިތްޕުޅުހަމަޖެހުން ލިބިވަޑައިގަންނަވާ ވަގުތުކޮޅަކަށް ވެގެންދިޔުން.

والسّلام عليكم ورحمـة اللّـه وبركاته.